بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

اللهُ سُبْحَانَهُ وَتَعَالَى އަށް ޙަމްދާއި ޝުކުރު ކުރަން. މި އުންމަތުގެ މާތް ނަބިއްޔާ مُحَمَّدُ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ އަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން. މި ޞަލަވާތާއި ސަލާމުގައި އެކަލޭގެފާނުގެ އާލު އަޞްޙާބުން ޝާމިލްކުރަން.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް، މިނިސްޓަރ އޮފް އެޑިޔުކޭޝަން ޑޮކްޓަރ ޢާއިޝަތު ޢަލީ، ދައުލަތުގެ ވަޒީރުން، މަތީ އަރުތަވެރިންގެ އިނާމު ޙާޞިލުކުރާ ހުރިހާ ދަރިވަރުން، ސްކޫލްތަކުގެ އިސް ވެރިންނާއި ޓީޗަރުން، ދަރިވަރުންގެ ލޮބުވެތި މައިންބަފައިންނާއި ބެލެނިވެރިން، ހާޒިރުވެވަޑައިގެން ތިއްބެވި އެންމެހައި ބޭފުޅުން؛

السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.

އާދެ، ދެންމެ އެޑިޔުކޭޝަން މިނިސްޓަރ ޑޮކްޓަރ ޢާއިޝަތު ޢަލީ ވިދާޅުވިފަދައިން، މި މަސް ވެގެން މިދަނީ ތަޢުލީމީ ދާއިރާއަށް ޚާއްޞަ ކުރެވިފައިވާ މަހެއް ކަމުގައިވެސް ދެންނެވިދާނެ. މި މަސް އަޅުގަނޑު ފެށީވެސް ހަމަ ތަޢުލީމީ މިފަދަ ޖަލްސާއަކުން. މިއީ އަޅުގަނޑު މި މަހު ބައިވެރިވާ މިފަދަ ހަތަރުވަނަ ޙަފްލާ. މަސް ފެށީ މިކަހަލަ ރަސްމިއްޔާތަކުން. މަސް މި ނިންމަނީވެސް މިކަހަލަ ރަސްމިއްޔާތަކުން.

އާދެ، މި ރެއަކީ ތިޔަ ދަރިވަރުންގެ ރޭ. އަދި ތިޔަ ބެލެނިވެރިންގެވެސް ރޭ. ކުދިންނަށް ކިޔަވައިދީ، ސާނަވީ މަރުޙަލާތައް ފުރިހަމަކޮށް، މަތީ ތަޢުލީމާ ހަމައަށް ތިޔަ ކުދިންގެ އަތުގައި ހިފައިގެން ގެނެސްދެއްވީތީ، ލޮބުވެތި ބެލެނިވެރިންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން. އެ ބެލެނިވެރިން ދެއްކި މަގުން، އަދި ޓީޗަރުންނާއި މުދައްރިސުންގެ އެހީގައި، މިދިޔަ 12 އަހަރު ކުރި ބުރަ މަސައްކަތުގެ ފޮނި ނަތީޖާ މިރޭ ޙާޞިލުކުރާ ހުރިހާ ދަރިވަރުންނަށް، ވަރަށް އިޚްލާޞްތެރިކަމާއެކު ތަހުނިޔާ އާއި ހެޔޮއެދުންތައް ފޮނުވަން. އަދި މުޅި ދުނިޔޭގެ ފެންވަރުގައި އެކި ވަނަތައް ޙާޞިލުކުރި ދަރިވަރުންނަށް ވެސް ހެޔޮއެދުމާއި ތަހުނިޔާ ފޮނުވަން. ތިޔަ ދަރިވަރުން މިރޭ ތަފާތު ވަނަތައް ޙާޞިލުކޮށް އެވޯޑްތަކާ ޙަވާލުވާއިރު، ތިޔަކުދިން ކުރި ބުރަ މަސައްކަތުގެ އަގު އަޅުގަނޑުމެން ވަޒަންކުރަން.

ތިޔަ ދަރިވަރުންގެ ސާނަވީ މަރުޙަލާގެ އެންމެ މުހިންމު ދުވަސްތައް ހޭދަކުރީ، ކޯވިޑް-19ގެ ބަލިމަޑުކަން މުޅި ރާއްޖެ ބަނަކޮށްފައި އޮތް ދުވަސްވަރު. އެ ދުވަސްތަކުގެ ކިޔެވުން ތިޔަ ކުދިން ފުރިހަމަކުރީ، ބައެއް ދުވަސްވަރު ސްކޫލަށް ހާޒިރުވެ، ގައިދުރުކޮށް ތިބެ ރައްކާތެރިކަމުގެ އެތައް ފިޔަވަޅުތަކެއް އަޅައިގެން. އަދި ބައެއް ދުވަސްވަރު ގޭގައި ތިބެ އޮންލައިންކޮށް. އެއީ، ތިޔަ ކުދިންނަށް ވެސް އަދި ބެލެނިވެރިންނާއި ޓީޗަރުންނަށް ވެސް ފަސޭހަ ދުވަސްތަކެއް ނޫން.

އެހެން ނަމަވެސް، އެ ދަތި އުނދަގޫތަކާ ކުރިމަތިލައި، ތިޔަ ކުދިންގެ ކިބައިގައި ހުރި ކެރުމާއި ހިތްވަރާއި ސާބިތުކަން ތިޔަ ކުދިން ވަނީ ދައްކައިދީފައި. މިރޭ އަޅުގަނޑުމެން މި ޙާޞިލުކުރާ އުފާވެރިކަމަކީ، އެ ހިތްވަރާއި ކެރުމުގެ ނަތީޖާ. މިދިޔަ އަހަރުގެ މަތީ ޘާނަވީ އިމްތިޙާނުތަކުން އެންމެ ރަނގަޅު 10 ނަތީޖާ ހޯދި ދަރިވަރުންގެ މަޤާމު ތިޔަ ދަރިވަރުން ޙާޞިލުކުރުމަކީ، ޙަޤީޤަތުގައި މުޅި ޤައުމަށް ލިބޭ އުފަލެއް. އަދި ޤައުމުގެ ކުރިމަގާ މެދު އުންމީދު އާލާވާ ކަމެއް.

އެއީ ތިޔަ ކުދިން އެކި ރޮނގުތަކުން މަތީ ތަޢުލީމު ޙާޞިލުކޮށްގެން، ރާއްޖެއަށް ކުރިއެރުމާއި ފާގަތިކަން ހޯދައިދިނުމަށް ނުކުތުމުގެ އުންމީދު. ތީގެ ތެރެއިން ކޮންމެ ދަރިވަރަކީ، ރާއްޖެއަށް އެންމެ ބޮޑަށް ބޭނުންޖެހިފައިވާ ދާއިރާތަކުން މަތީ ތަޢުލީމާއި ތަމްރީނު ޙާޞިލުކޮށްގެން، ޤައުމީ ތަރައްޤީގެ ޒިންމާތަކާ ޙަވާލުވާނެ ދަރިއެއްކަން އަޅުގަނޑަށް ހަމަ ޔަޤީން.

ދިވެހި ދައުލަތް އޮތީ ތިޔަ ކުދިންނާ އެކުގައި. އަދި ދިވެހި ސަރުކާރު އޮތީ ތިޔަ ކުދިން ތަޢުލީމީ ރޮނގުން ދާން ބޭނުންވި ކޮންމެ ރޮނގަކުން، ދާން ބޭނުންވި ކޮންމެ ހިސާބަކަށް ގެންގޮސްދޭން ތައްޔާރަށް. އެއްވެސް ކުއްޖަކު ބާކީ ނުކޮށް އަދި އެއްވެސް ތަފާތުކުރުމެއް ނެތި، އަޅުގަނޑުމެން މިތިބީ އެ ފުރުޞަތު ފަހިކޮށްދީގެން.

އާބާދީ ކުޑަވެގެން ނުވަތަ ކުދިން މަދުވެގެން ސްކޫލްގައި ކިޔަވައިނުދޭ އެއްވެސް ރަށެއް މިހާރަކު ނޯންނާނެ. ޘާނަވީ ނިންމުމަށް ފަހު، މަތީ ޘާނަވީއަށް ކިޔެވުމުގެ ފުރުޞަތު ރާއްޖޭގެ ހުރިހާ އަތޮޅެއްގައި މިހާރުވަނީ ތަނަވަސްވެފައި. އަދި މަތީ ތަޢުލީމާއި ތަމްރީނުގެ ފުރުޞަތުތައްވެސް ބައެއް އަތޮޅުތަކުގައި މިހާރު ހުރީ ހަމަޖެހިފައި.

މިއީ ތިޔަ ކުދިންނާއި ތިޔަ ކުދިންގެ ބެލެނިވެރިންގެ ކުރިމަތިން ފެންނަން ހުރި ޙަޤީޤަތްތަކެއް. ފޯރުންތެރިކަން ނެތިގެން ނުވަތަ ޢާއިލާއާ ވަކިން ބޭރަށް ދާންޖެހިދާނެތީ، މަތީ ތަޢުލީމު ޙާޞިލުނުކުރެވިފައި މިހާރު އިރާދަކުރެއްވިއްޔާ ތިބޭކަށް ނުޖެހޭނެ. ރާއްޖޭގައި ތިބެގެން ފުރަތަމަ ޑިގްރީ ޙާޞިލުކުރަން ބޭނުންވާ ކުދިންނަށް، ހިލޭ ޑިގްރީ ޕްރޮގްރާމްގެ ތެރެއިން އެފުރުޞަތުވެސް އޮތީ ހުޅުވިފައި.

އަދި ރާއްޖެއިން ބޭރުން އެކަން ކުރަން ބޭނުންވާ ކުދިންނަށް، ސްޓޫޑެންޓް ލޯން ސްކީމްގެ ދަށުންވެސް އެކަން ކުރެވޭނެ. ރާއްޖެއާއި ރާއްޖެއިން ބޭރުން މަތީ ތަޢުލީމާއި ތަމްރީނު ޙާޞިލުކުރުމަށް ސަރުކާރުން ދޫކުރާ ލޯނު ދިނުމުގައި ވެސް، މި އަހަރު އަޅުގަނޑުމެން ހެޔޮ ބަދަލުތަކެއް ގެނެސްފިން.

އަޅުގަނޑުމެން ނިންމީ، މި އަހަރު ސްޓޫޑެންޓް ލޯނަށް ކުރިމަތިލި ކުދިންގެ ތެރެއިން ޝަރުޠު ހަމަވި 1225 ކުދިންނަށްވެސް އެ ލޯނު ދޭން. މީގެ ތަފްޞީލުތައް، ހަޔަރ އެޑިއުކޭޝަން މިނިސްޓަރ މާދަމާ ޙިއްޞާ ކުރައްވާނެ. މި އަހަރު މި ދޭ 1225 ލޯނާއެކު، މި ސަރުކާރުން ފެށި ސްޓޫޑެންޓް ލޯން ސްކީމްގެ ދަށުން، މިހާތަނަށް ދޫކުރި ސްޓޫޑެންޓް ލޯނުގެ ޖުމުލަ 3211 އަށް އަރާނެ. އަދި އަޅުގަނޑުމެން މި އަހަރު ޝަރުޠު ހަމަވެގެން މި ދޫކުރާ ލޯނުތަކުގެ ތެރޭގައި، އެއްވެސް ކުއްޖަކު މައްސަލައެއް ދިމާވެގެން ބާކީވެފައި އޮތްނަމަ، އެކަން ބަލައި، އަޅުގަނޑުމެން ސްޓޫޑެންޓް ލޯން ކަށަވަރުވެސް ކޮށްދޭނަން.

މަތީ ތަޢުލީމާއި ތަމްރީނުގެ މިހާ ފަހި ފުރުޞަތުތަކެއް، އެއްވެސް ސަރުކާރަކުން މީގެ ކުރިން ފަހިކޮށްދީފައެއް ނެތް. ކުރިއަށް އޮތް ދުވަސްތަކުގައިވެސް، އަޅުގަނޑުމެން އެންމެ ބޮޑު ސަމާލުކަމެއް ދޭނެ އެއް ކަމަކީ، ދިވެހި ދަރިންނަށް ރަނގަޅު ތަޢުލީމު ހޯދައިދިނުން. އަދި މަތީ ތަޢުލީމާއި ތަމްރީނުގެ ދާއިރާ މިހާރަށްވުރެ ފުޅާކުރުން.

ހުނަރުވެރި މަސައްކަތްތަކަށް ޒުވާނުން އަހުލުވެރިކުރުމަށް، ނެޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމެއް ސަރުކާރުން އެބަ ހިންގަން. އެއީ ތަފާތު ހުނަރުތަކުގެ ތަޖުރިބާކާރުންގެ ބެލުމުގެ ދަށުން މަސައްކަތްތައް ދަސްކޮށް، ތަމްރީނާއި ތަޖުރިބާ ހޯދައިދިނުމަށް ޤައުމީ ފެންވަރުގައި ހިންގާ ޚާއްޞަ ޕްރޮގްރާމެއް.

އެ ޕްރޮގްރާމްގެ ތެރެއިން ތަމްރީނުތައް ހިންގާނެ މައިގަނޑު ދާއިރާތަކަކީ، ފަތުރުވެރިކަން، ދަތުރުފަތުރު، ޢިމާރާތްކުރުން، މަސްވެރިކަމާއި ދަނޑުވެރިކަން އަދި އިންފޮމޭޝަން ކޮމިއުނިކޭޝަން ޓެކްނޮލޮޖީގެ ދާއިރާ. މި ދާއިރާތަކުން ޒުވާނުން ތަމްރީންކުރުމަށް، މިހާތަނަށް 15 ކުންފުންޏަކުން، ތަފާތު ދާއިރާތަކުން 1370 ޖާގަ މިހާރު އޮތީ ހަމަޖެހިފައި. ނޭޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމުގެ ފުރުޞަތު ޖުމްލަ 665 ޒުވާނަކަށް މިހާތަނަށް ފަހިކޮށްދެވިއްޖެ. އަދި އެ ޕްރޮގްރާމް ހިންގުމަށް އިތުރު 8 ކުންފުންޏަކުން މިހާރުދަނީ ތައްޔާރުވަމުން.

ދަރިންނަށް ތަޢުލީމާއި ތަމްރީން ދޭއިރު، އެ ދަރިން އަދާކުރާނެ ވަޒީފާތައް އުފެއްދުމަކީ ވެސް އަޅުގަނޑުމެން ކުރަންޖެހޭނެ ކަމެއް. ތިޔަ ކުދިން މަތީ ތަޢުލީމް ޙާޞިލުކުރުމަށް ތައްޔާރުވާއިރު، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތަރައްޤީގެ އެތައް މަޝްރޫޢެއް މިހާރުވެސް ހިނގަމުން އަދި ނިމެމުން އެބަދޭ.

އެއަރޕޯޓެއް އެޅިޔަސް އެއީ ތިޔަ ކުދިންނަށް ހުރި ވަޒީފާތައް. ޞިއްޙީ މަރުކަޒެއްގެ ފެންވަރު މަތިކުރިޔަސް، އެއީ އުފެދޭ އިތުރު ވަޒީފާ. ޓަރޝަރީ ފެންވަރަށް ތަރައްޤީކުރާ ފަސް ހޮސްޕިޓަލަކީވެސް، ޑޮކްޓަރުންނާއި ނަރުހުންނާއި ލެބް ޓެކްނީޝަނުންނަށްޓަކައި ރަށްރަށުގައި އުފެދޭ އެތައް ވަޒީފާއެއް. ފެނާއި ނަރުދަމާ ޤާއިމުކުރިޔަސް، އެއީ ވެސް ހަމަ ތިޔަ ކުދިންނަށްޓަކައި އުފެދޭ ވަޒީފާތަކެއް.

ފަތުރުވެރިކަން މުޅި ރާއްޖެއަށް ފުޅާވެ، އިތުރު ރިޒޯޓްތަކާއި ގެސްޓްހައުސްތައް އެ އަންނަނީ ހުޅުވަމުން. އެއީ ވެސް ހަމަ ދިވެހި ޒުވާނުންނަށްޓަކައި އުފެދޭ އިތުރު ވަޒީފާތައް. އައިސް ޕްލާންޓްތަކާއި މަސްކިރާ ބޯޓުތައް އެބަ އިތުރުކުރެވޭ. ފިޝަރީޒް ސެކްޓަރއަށް ޑޮކްޓަރ ޙުސައިން ރަޝީދު ބޮޑު ބަދަލެއް އެބަ ގެންނަވާ. އެއީ ވެސް ތަރައްޤީގެ މަޝްރޫޢުތަކުގެ ތެރެއިން އުފެދޭ ވަޒީފާތައް. މި ވަޒީފާތަކަށް ދިވެހި ޒުވާނުން އުފައްދަންޖެހޭނީ ތަޢުލީމާއި ތަމްރީނު ދީގެން.

ބޮޑުތަކުރުފާނުގެ މުޙާވަރާއެއްގައި އޮވޭ؛ މީހުން މީހުންނަށް ވާނީ މީހުން މީހުންނަށް ހެދީމައޭ. އަޅުގަނޑުމެން މަސައްކަތް މި ކުރަނީ، އެފަދަ މީހުންތަކެއް އުފައްދަން. ރާއްޖޭގެ ތަރައްޤީއާ މެދު އަޅުގަނޑުމެންގެ އޮތް ދުރު ރާސްތާގެ ތަޞައްވުރަކީ، ޒަމާނީ ތަޢުލީމުން ރޯފިލާފައި ތިބި، ހުނަރުވެރި އަދި މަސައްކަތްތެރި ހީވާގި ޖީލެއް ބިނާކުރުން.

އަޅުގަނޑުމެން އަބަދުވެސް ތައްޔާރަށް މި ތިބީ، ތަފާތު ފަންނުތަކުން ކުދިން ތަމްރީނުކޮށް ރާއްޖޭގެ އިންސާނީ ވަސީލަތްތައް ތަރައްޤީކުރުމަށް. ތިޔަ ކުދިންނަށް އަޅުގަނޑު މި ގޮވައިލަނީ، މިފަދަ ފުރުޞަތުތަކުގެ ބޭނުންހިފައިގެން، ޤައުމަށާއި ތިޔަ ކުދިންގެ ޢާއިލާއަށް ބޭނުންތެރި މީހަކަށް ވެވޭތޯ މަސައްކަތް ކުރުމަށް.

ރާއްޖޭގެ ލޮބުވެތި ބެލެނިވެރިންނަށް އަޅުގަނޑު އިލްތިމާސް ކުރަނީ، ތިޔަ ބޭފުޅުންގެ ލޯބިވާ ދަރިންގެ ކިބައިގައި ހުރި ހުނަރާއި ޤާބިލުކަން އިތުރަށް ތަރައްޤީކުރުމުގައި އެ ކުދިންނަށް ރަނގަޅު މަގު ދައްކަވައި ފުރުޞަތު ދެއްވުމަށް. އަދި އެ ކުދިން ޝައުޤުވެރިވާ ދާއިރާތަކުން ކުރިއަށް ދިއުމަށް ހިތްވަރު ދެއްވައި، އެހީތެރިވެދެއްވުމަށް.

ދިވެހި ޒުވާނުންގެ އެހީތެރިކަމާއި ބައިވެރިވުމަށް ދިވެހި ޤައުމު މިއަދު އޮތީ އެދިއެދި. އެއީ ޒަމާނީ ފެންވަރަށް ޤައުމު ތަރައްޤީކޮށްދިނުމަށް. ކުރިމަގުގެ ޖީލުތަކަށް ޤައުމު ގެންގޮސްދޭން ތިބީ މިއަދުގެ ޒުވާނުން. ތަހުޒީބީ އަދި ތަރައްޤީ ޤައުމެއްގެ ގޮތުގައި، ކުރިމަގުގެ ޖީލުތަކާ ހަމައަށް ރާއްޖެ ގެންގޮސްދިނުމަކީ، ތިޔަ ޒުވާނުންގެ ކޮނޑުގައި އެޅިފައިވާ ޤައުމީ ވާޖިބެއް.

މަތީ ތަޢުލީމުގެ މަރުޙަލާއަށް ތިޔަ ކުދިން ފަށާ ދަތުރަކީ، އެ ވާޖިބު އަދާކުރުމަށް އަޅާ ފުރަތަމަ ފިޔަވަޅު. އެ ފިޔަވަޅުމަތީގައި ސާބިތުވެ ތިބެ، ޒަމާނީ އީޖާދީ ވިސްނުންތައް އުފަންކުރެވޭ ފަދަ ޤާބިލު ޢިލްމީ ޒުވާނުންތަކަކަށް ވުމުގެ ހެޔޮ ތައުފީޤު، اللهُ سُبْحَانَهُ وَتَعَالَى ތިޔަ ކުދިންނަށް ދެއްވުން އެދި ދުޢާކުރަން. މުޅި ރާއްޖޭގެ ތަރައްޤީއަށް އަޅުގަނޑުމެން މިކުރާ މަސައްކަތުން، ރާއްޖެއަކީ ފުދުންތެރިކަމާއި ތަނަވަސްކަން ލިބިފައިވާ ޤައުމެއް ކަމުގައި ލައްވާށި. އަޅުގަނޑުމެން އެންމެންނަކީވެސް، ޞުލްޙަވެރިކަމާއި ހަމަޖެހުމަށް ލޯބިކުރާ ބަޔަކު ކަމުގައި ލައްވައި، އެކުވެރިކަމާއި އެއްބައިވަންތަކަން އަޅުގަނޑުމެންގެ މެދުގައި ދަމަހައްޓަވާށި. އާމީން.

وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.