ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، އަބޫދާބީއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، ޚަލީފާ ފައުންޑޭޝަންގެ އެގްޒެކެޓިވް ޑިރެކްޓަރ މުޙަންމަދު ހާޖީ އަލް ޚޫރީ އާ އިއްޔެ ބައްދަލުކުރައްވައިފިއެވެ.

މިބައްދަލުކުރެއްވުމުގައި، ރާއްޖޭގައި ދެވޭ ޞިއްޙީ ފަރުވާ ތަރައްޤީ ކުރުމަށް ބޭނުންވާ ތަކެތި ހޯއްދެވުމާބެހޭގޮތުން ރައީސުލްޖުމްހޫރިއްޔާ ވާހަކަފުޅު ދެއްކެވިއެވެ.

ޚަލީފާ ފައުންޑޭޝަންގެ އެގްޒެކެޓިވް ޑިރެކްޓަރ ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގެ ޑޮކްޓަރުންނާއި ނަރުހުން ތަމްރީނު ކުރެއްވުމުގައި އެފައުންޑޭޝަނުން އެހީތެރިވެދެއްވާނެކަން ހާމަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅުގައި، އަބޫދާބީގެ ހަކަތައިގެ ކުންފުންޏެއްކަމަށްވާ "މަސްދަރު"ގެ އެސޯސިއޭޓް ޑިރެކްޓަރ ފްރޭންކް ވޫޓަރސްއާއި އެކުންފުނީގެ އިސްބައެއް ބޭފުޅުންނާވެސް އިއްޔެ ބައްދަލުކުރެއްވިއެވެ.

މިބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ކާބަން ނިއުޓްރަލް ޤައުމަކަށް ރާއްޖެ ހެދުމަށް ސަރުކާރުން އިޢުލާން ކުރައްވާފައިވާކަމަށް ވިދާޅުވެ، ކާބަން ނިއުޓްރަލްވުމަށްޓަކައި އިޢާދަކުރަނިވި ހަކަތައިގެ މަޝްރޫޢުތައް ރާއްޖޭގައި ފެށްޓެވުމަކީ، ސަރުކާރުން ވަރަށް ބޮޑު އަހަންމިއްޔަތުކަމެއް ދެއްވާ ކަމެއްކަން ހާމަކުރެއްވިއެވެ. އަދި "މަސްދަރު"ގެ ޓެކްނޮލޮޖީ ރާއްޖޭގައި ދައްކައިދޭނެ ޝޯކޭހެއް ހެދުމަކީ ވަރަށް ރަނގަޅުކަމެއް ކަމުގައި ދެކެވަޑައިގަންނަވާ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

"މަސްދަރު"ގެ ބޭފުޅުން ދެއްކެވި ވާހަކަފުޅުގައި، ތިމާވެށްޓާ ރައްޓެހި ޓެކްނޮލޮޖީ އެކުންފުނީގައި އެބަހުރިކަން ބަޔާންކުރައްވައި، މިފަދަ މަޝްރޫޢެއް ރާއްޖޭގައި ފެށުމަށް އެކުންފުނިން ޝައުޤުވެރިވާކަން ހާމަކުރެއްވިއެވެ.