ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށް ސަރުކާރުން ވެފައިވާ ވަޢުދާ އެއްގޮތަށް އެފަދަ ވިޔަފާރިތައް ޕްރޮމޯޓްކުރުމަށް ޚާއްޞަކޮށްގެން ކުރިއަށްގެންދާ އެސް.އެމް.އީ ހަބްގައި ޤާއިމުކޮށްފައިވާ "މޯލްޑިވިއަން ޕެޓިސިއެރ އެންޑް އެލް އެންޑް އީވްސް" ސްޓޯލް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު މިއަދު ހުޅުއްވައިދެއްވައިފިއެވެ.

"މޯލްޑިވިއަން ޕެޓިސިއެރ އެންޑް އެލް އެންޑް އީވްސް" ސްޓޯލްއަކީ ފޮނި ކާއެއްޗެއްސައް ޚާއްޞަ ފިހާރައެކެވެ. މި ފިހާރަ ހުޅުވައިދެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންވަނީ އެސް.އެމް.އީ ހަބުގައި ހުރި އިތުރު ސްޓޯލްތަކަށް ޒިޔާރަތްކުރައްވައި އެތަންތަނާބެހޭގޮތުން މަޢުލޫމާތު އޮޅުންފިލުއްވާފައެވެ.

"މޯލްޑިވިއަން ޕެޓިސިއެރ އެންޑް އެލް އެންޑް އީވްސް" އަކީ ފުޑް އެންޑް ހޮސްޕިޓާލިޓީ އޭޝިއާގެ މޯލްޑިވްސްގެ ބެސްޓް މޯލްޑިވިއަން ޕޭސްޓްރީ ޝެފް 2022 ކާމިޔާބު ކޮށްފައިވާ އާމިނަތު ހަމީދު އާއި އޭނާގެ ދައްތަ ސޫޒަން ހަމީދު ގުޅިގެން ހިންގާ ސްޓޯލްއެކެވެ. އާމިނަތު ހަމީދަކީ "މޯލްޑިވިއަން ޕެޓިސިއެރ"ގެ ވެރިޔާއެވެ. އަދި ސޫޒަން ހަމީދަކީ "އެލް އެންޑް އީވްސް"ގެ ވެރިޔާއެވެ. މި ދެކަނބަލުންނަކީ ވެސް ފޮނި ކާއެއްޗެހި ތައްޔާރުކުރުމުގައި ވަރަށް މަޝްހޫރު ދެކަނބަލުންނެވެ.