بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

ގަދަކީރިތިވަންތަ اللَّـهُ سُبْحَانَهُ وَتَعَالَىٰގެ ހަޟްރަތަށް ޙަމްދާއި ޝުކުރުކުރަން. ކައު އިތުރު ނަބިއްޔާ مُحَمَّـد رســول اللّـه صـلّى الله علـيـه وسـلّم އަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން. އަދި މި ޞަލަވާތާއި ސަލާމުގައި އެކަލޭގެފާނުގެ އާލު އަޞްޙާބުން ޝާމިލްކުރަން.

އަރބަންކޯގެ ޑެޕިއުޓީ މެނޭޖިންގ ޑައިރެކްޓަރ، އަރބަންކޯގެ އިސްވެރިން، ފުލުހުންގެ އިސް ބޭފުޅުން، އަދި މި ޙަފްލާއަށް ވަޑައިގެން ތިއްބެވި އެންމެހައި ބޭފުޅުން؛

السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.

އާދެ، މިއީ އެއްގޮތަކަށްވެސް އަޅުގަނޑު ނުދެކެން ކުޑަ ކަމެއްގެ ގޮތުގައެއް. އެނގިވަޑައިގަންނަވާނެ، އަޅުގަނޑުމެން 2018 ވަނަ އަހަރު، ދެންމެ ޑީ.އެމް.ޑީ. އެ ވިދާޅުވިފަދައިން، ބްރިޖާ އެކީ ހުޅުމާލޭގެ، އަދި މާލޭ އޭރިއާގެ މަގުތަކަށް ވަރަށް ބާރު ބޮޑުވެގެންދިޔަ. ވަކިން ޚާއްޞަކޮށް، ހުޅުމާލޭ ބްރިޖާއި އަދި ބްރިޖާ ގުޅިފައި ހުރި މަގުތަކުން އަޅުގަނޑުމެންނަށް އެ ކަންތައްތައް ފެނިގެންދިޔަ. އެއާއެކީ ޓްރެފިކް ޕޮލިހުގެ ފަރާތުން ޚާއްޞަ މަސައްކަތްތަކެއް ފެށްޓެވީ 2018ގައި، މަގުތަކުގެ ސަލާމަތީ ކަންތައްތައް ޔަޤީން ކުރުމަށްޓަކައި. އޭގެތެރެއިން އޭރުގެ އެޗް.ޑީ.ސީ، މިހާރުގެ އަރބަންކޯއިން މި މަސައްކަތް ފަށްޓަވައި، މިކަމުގައި ގިނަ މަސައްކަތްތަކެއް ކުރެއްވި. އޭގެ ތެރެއިން އަޅުގަނޑުމެން ޕްލޭން ކުރި އެއް ކަންތައް މިއީ، މަގު ބައްތިތައް، ޒިބްރާ ކްރޮސްގެ ބައްތިތައް ހަރުކުރުން.

އަޅުގަނޑު މީގައި ހަމަ ދަންނަވާލަން އޮތީ، އަޅުގަނޑުމެން ކިތަންމެ މަސައްކަތްތަކެއް ކުރިޔަސް، އަދި ބައްތިތައް ހަރުކުރިޔަސް، ފުލުހުންނާއި އަދި އިދާރާތަކުން ކިތަންމެ ގިނަގުނަ މަސައްކަތްތަކެއް ކުރިނަމަވެސް، ހުރިހާ އެންމެން މިކަމަށް ވިސްނައިގެން ސަމާލުކަން ނުދޭހާ ހިނދަކު، އަޅުގަނޑުމެންނަކަށް، ސަލާމަތާއި ރައްކާތެރިކަން ލިބިގެންވާ ތަނެއްގެ ގޮތުގައި މަގުތަކެއް ނުވާނެއޭ. މިކަމުގައި ހަމަ ކޮންމެ މީހެއްގެވެސް ޒިންމާއެއް އެބައޮތް. އަޅުގަނޑުމެންނަށް ވަރަށް ގިނައިން މި ވާހަކަ ދެއްކޭ. އަޅުގަނޑަށްވެސް އެނގޭ، އަޅުގަނޑަށްވެސް މި ވާހަކަ ދެއްކޭވަރު މަދެއް ނޫން. އެހެންނަމަވެސް، އަޅުގަނޑަށް ހީވަނީ މި ވާހަކަ ގިނަގިނައިން ދައްކައިގެންވެސް، އަޅުގަނޑުމެންގެ ވިސްނުން ބަދަލުކުރަން އެބަޖެހޭހެން. ސަމާލުކަން ދޭން އެބަޖެހޭހެން. ފަރުވާތެރިކަން އިތުރަށް ބަހައްޓަން އެބަޖެހޭހެން.

ވަރަށް ގިނަ ކަންތައްތައް ހިނގަމުން މިދަނީ. ހުޅުމާލެ، މާލެ އޭރިއާގައި ވަރަށް ގިނަ އެކްސިޑެންޓްތައް މިދިޔަ އެއް މަސްދުވަހަށް ބަލައިފި ކަމަށްވަންޏާވެސް ހިނގައިފި. ހުޅުމާލެ ފޭސް ވަން، ފޭސް ޓޫ، ގިނަގުނަ އެކްސިޑެންޓްތަކެއް ހިނގައި، ވަރަށް ގިނަ މީހުން ދުނިޔެ ދޫކޮށްފި. އަދި ބައެއްފަހަރު، މުޅި އުމުރަށް ނުކުޅެދުންތެރި މީހެއްގެ ގޮތުގައި، ހިތާމައާއި ވޭނުގައި މުޅި ޢާއިލާ އުޅެން އެބަޖެހޭ.

އެހެންވީމާ، މިއަދު އަޅުގަނޑު ހަމަ ޚާއްޞަކޮށް، ދިވެހި އެންމެހައި ލޮބުވެތި ރައްޔިތުންނަށް، ޚާއްޞަކޮށް، ޒުވާނުންނަށް ގޮވާލަން ބޭނުންވަނީ، އިލްތިމާސް ކުރަން ބޭނުންވަނީ، މިކަމުގައި އެއްބާރުލުން ދެއްވާށޭ. ތިމާ ވިސްނުންތެރިކަމާއެކު ސަމާލުކަން ދިނީމާ، ތިމާގެ ފުރާނައަށާއި އަނެކާގެ ފުރާނައަށޭ ތިމާއަށް ސަމާލުކަން އެ ދެވެނީ. އެ ވާހަކަ އަޅުގަނޑު ހަމަ ދަންނަވާލަން ބޭނުން.

ހަމަ އެއާއެކު، އަޅުގަނޑުމެން އެހެނިހެން ކަންތައްތަކަށް ވިސްނަން އެބަޖެހޭ. މަސައްކަތުގެ މާޙައުލުގައިވެސް، އަޅުގަނޑުމެންނަށް ހަމަ ހަފްތާއެއް ނުދާނެ، ކޮންމެވެސް ވެހިކަލެއްގެ ދަށުވެގެން، ނޫނީ ތަނަކުން ވެއްޓިގެން، ގަހަކުން ވެއްޓިގެން، ނޫނީ އިމާރާތެއްގެ މަތިން މީހަކު ވެއްޓިގެން، ހާދިސާއެއް ނުހިނގާ. މަސައްކަތްތައް ކުރުވާ ފަރާތުގެވެސް ޒިންމާއެއް، މަސައްކަތް ކުރާ ފަރާތްތަކަށް ދޭންޖެހޭ އެ އިންސްޓްރަކްޝަން ބަރާބަރަށް ދިނުން. އެއީ، ދިވެހިން ކަމުގައިވިޔަސް އަދި، ބޭރު ބައެއް ކަމުގައިވީނަމަވެސް، އެ ކަންތައްތައް ކުރަން އެބަޖެހޭ. އެ މީހުންގެ ސަލާމަތާއި ރައްކާތެރިކަމަކީ، ސޭފްޓީ ފަސްޓް، އެއީ، އަޅުގަނޑުމެން އެއްވެސް ހާލަތެއްގައި ކޮމްޕްރޮމައިޒް ކޮށްގެން ވާނޭ ކަމެއް ނޫން.

އަޅުގަނޑުމެންނަށް ވަރަށް ގިނައިން ފެންނާނެ އިމާރާތްތައް އަޅާއިރުވެސް، އެކި ތަންތަނުގައި ވަރަށް ގިނައިން ޖަހާފައި ހުންނާނެ، "ސޭފްޓީ ފަސްޓް." އެއީ ކަމެއް ވެގެން އެގޮތަށް ބޯޑު ޖަހާފައި ހުންނަނީ. އެއީ ދެން ބޯޑެއް ހަމަ ހަދާފައި އަޅުވަންވެގެން އަދި ކުރާ ކަމެއް ނޫން. އެހެންވީމާ، އެކަމަށްވެސް އެބަޖެހޭ ސަމާލުކަން ދޭން.

އަޅުގަނޑު ދަންނަވަން އޮތީ، މިކަހަލަ ކިތަންމެ ކަމެއް. ކުރީގައިވެސް މި ދެންނެވި ގޮތަށް، އަޅުގަނޑުމެން އެކި ކެމްޕެއިންތައް ކުރިޔަސް، ހޭލުންތެރި ކުރުމުގެ ކިތަންމެ ގިނަ ޕްރޮގްރާމުތަކެއް ހިންގިޔަސް، މި ދަންނަވާ ގޮތަށް އެންމެން މިކަމުގައި މަސައްކަތް ނުކޮށްފި ކަމަށްވަންޏާ، އަޅުގަނޑުމެންނަކަށް މި ބޭނުންވާ ކަންތައްތައް، ކާމިޔާބެއް ނުކުރެވޭނެއޭ. މިކަމަށް އަޅުގަނޑުމެންގެ ޒުވާނުންވެސް ސަމާލުކަން ދޭންވީ. އަޅުގަނޑުމެންގެ ރައްޔިތުންވެސް ބަލަންވީ ޤައުމަށް ފައިދާހުރި، ރައްޔިތުންނަށް ފަސޭހަ، ރައްޔިތުންނަށް ރައްކާތެރި ކަންތައްތަކަށް ފުރުޞަތު ދިނުމަށް. އެކަމަށް ވަގުތު ދޭންވީ. ބޭކާރު ގޮތުގައި އަޅުގަނޑުމެންގެ ވަގުތުތައް ނަގައިލާ، އެކިއެކި އޮޅުވާލުންތައް އޮޅުވާލުމަށް، މީހުން ދައްކާހާ ވާހަކަތަކެއްގައި ޖެހިގެން، އެއަކަށް ނޫން އަޅުގަނޑުމެން ވަގުތު ދޭންވީ، ވަގުތު ހުސްކޮށްލަންވީ. ހުރިހާ ގޮތަކުންވެސް އަޅުގަނޑުމެންގެ ދަރިންނަށްވެސް، އަޅުގަނޑުމެންގެ ގާތްތިމާގެ މީހުންނަށްވެސް، ރައްޓެހިންނަށްވެސް، އެންމެންނަށްވެސް ފައިދާ ބޮޑު ގޮތަކީ މިއީ.

އެހެންވީމާ، އަޅުގަނޑު ވާހަކަކޮޅު ނިންމާލަމުންވެސް ދަންނަވާލަން އޮތީ، މިކަމަށް މަސައްކަތް ކުރަމާ ހިނގާށޭ. ވެހިކަލްތަކާއި އެއްޗެހި މާލޭ އޭރިއާއާއި، ރާއްޖޭގެ ބޮޑެތި ރަށްތަކުގައި ވަރަށް ގިނަ. މަގުތަކާއި ތަންތަން ހެދިގެން މި އަންނަނީ ޒަމާނީ ފެންވަރަށް. ފަސޭހަކަމާއެކު ދުއްވައިލެވޭ. އެހެންވީމާ، އޭގެ ސަބަބުން މިފަދަ ކަންތައްތައް މެދުވެރިވުން، އެއީ، އަޅުގަނޑުމެން ޖާގަ ދީގެން ވާނެ ކަމެއް ނޫން.

އާދެ، ޓްރެފިކް ޕޮލިސްގެ ފަރާތުންނާއި، ދިވެހި ފުލުހުންގެ ޚިދުމަތުންނާއި ޚާއްޞަކޮށް، އަރބަންކޯގެ ފަރާތުންވެސް ވަރަށް ގިނަގުނަ މަސައްކަތްތަކެއް ކުރެވެމުން އެބަދޭ. އެ ކަންތައްތައް އަޅުގަނޑު ހަމަ ފާހަގަކޮށް، މި ހުރިހާ ފަރާތްތަކަށާއި އަދި ޖުމްލަކޮށް މިކަމުގައި ޝާމިލްވާ ހުރިހާ ބޭފުޅުންނަށް އަޅުގަނޑު ޝުކުރު އަދާކުރަން.

އަޅުގަނޑުމެންގެ އުންމީދަކީ، އަޅުގަނޑުމެން މިކުރާ މަސައްކަތްތަކުން، މި ދެންނެވި ގޮތަށް މަގުތަކަކީ ޚާއްޞަކޮށް، އެންމެންނަށްވެސް ރައްކާތެރި، ފަސޭހަ، ރަނގަޅު ތަނަކަށް ވެގެން ދިއުން. ވަރަށް ބޮޑަށް ޝުކުރިއްޔާ!

وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.