بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

ގަދަކީރިތިވަންތަ اللَّـهُ سُبْحَانَهُ وَتَعَالَىٰގެ ޙަޟްރަތަށް ޙަމްދާއި ޝުކުރުކުރަން. ކައު އިތުރު ނަބިއްޔާ مُحَمَّدُ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ އަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން. އަދި މި ޞަލަވާތާއި ސަލާމުގައި އެކަލޭގެފާނުގެ އާލު އަޞްޙާބުން ޝާމިލުކުރަން.

އެމް.ޑަބްލިޔޫ.އެސް.ސީ.ގެ މެނޭޖިންގ ޑައިރެކްޓަރ ޙަސަން ޝާހު، ބޯޑު މެންބަރުން، މި ޙަފްލާއަށް ވަޑައިގެން ތިއްބެވި ކުންފުނިތަކުގެ އިސްވެރިން، އެމް.ޑަބްލިޔޫ.އެސް.ސީ.ގެ މެނޭޖްމަންޓުގެ ބޭފުޅުން، އަދި ވަކިން ޚާއްޞަކޮށް ހީވާގި އެންމެހައި މުވައްޒަފުން؛

السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.

އާދެ، އެންމެ ފުރަތަމަވެސް އެމް.ޑަބްލިޔޫ.އެސް.ސީ.ގެ 28 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ކުންފުނީގެ ބޯޑުގެ އެންމެހައި މެންބަރުންނަށާއި، އަދި ކުންފުނީގެ ހީވާގި އެންމެހައި މުވައްޒަފުންނަށް އަޅުގަނޑު މަރުޙަބާއާއި ތަހުނިޔާ ދަންނަވަން. އާދެ، އަޅުގަނޑުގެ މި ތަހުނިޔާގައި މީގެ ކުރިން އެމް.ޑަބްލިޔޫ.އެސް.ސީ.ގައި މަސައްކަތް ކުރެއްވި އެންމެހައި ބޭފުޅުން ޝާމިލުކުރަން.

އާދެ، އެނގިވަޑައިގަންނަވާނެ، އެމް.ޑަބްލިޔޫ.އެސް.ސީ.އިން މި ފޯރުކޮށްދޭ ޚިދުމަތަކީ އެއީ، އަޅުގަނޑުމެން އިންސާނުންނަށް، އިންސާނަކަށް އެންމެ ބޭނުންވާނެ ކަންތައް. އާދެ، ފެން. ސާފު ބޯފެން ފޯރުކޮށްދޭތާ، މި ޚިދުމަތްދޭތާ 28 އަހަރު ފުރިގެން އެކަން އަޅުގަނޑުމެން މި ފާހަގަ ކުރަނީ. އާދެ، 28 އަހަރު ވެގެންދިޔައިރު، އަޅުގަނޑުމެން ފާހަގަކޮށްލަން އެބަޖެހޭ، ކުންފުނިން ވަނީ ވަރަށް ގިނަގުނަ، ކުރިއެރުންތައް ހޯދާފައި. ވަރަށްގިނަ މަސައްކަތްތައް ކުންފުނިން ކުރަމުން އެބަގެންދޭ.

އާދެ، މާލޭ ސަރަޙައްދަށް ބަލައިފި ކަމަށްވަންޏާ، އަޅުގަނޑުމެންނަށް އެބަ ފެނޭ، ފެނާއި ނަރުދަމާގެ ޚިދުމަތް. އަދި މިހާރު ރާއްޖޭގެ އެކިއެކި ރަށްރަށުގައިވެސް ފެނާއި ނަރުދަމާއާ ގުޅޭ ތަފާތު މަސައްކަތްތައް، ވަރަށް ހަލުވި ސްޕީޑެއްގައި ކުންފުނިން ކުރިއަށް އެބަގެންދޭ. އާދެ، އެމް.ޑަބްލިޔޫ.އެސް.ސީ.އިން ކުރިއަށްގެންދާ މަޝްރޫޢެއް، ކައިރިން ބަލައިލުމުގެ ފުރުޞަތު އަޅުގަނޑަށް މިއަދުވެސް ބ.އަތޮޅުގައި ލިބިގެންދިޔަ.

އާދެ، އެނގިވަޑައިގަންނަވާނެ، ފެނާއި ނަރުދަމާ އަކީ މިއީ ކިހާ މުހިންމު ކަމެއްކަން. އާދެ، ރާއްޖޭގެ އެތައް ރަށެއް އޮތްއިރު، އެތައް އަހަރުތަކެއް ވެގެން ދިޔައިރުވެސް، އެ ޚިދުމަތް ހުރިހާ ރަށަކަށް ފޯރުކޮށްދެވިފައި ނެތުމާއެކު، އެއީ މިއަދުގެ ސަރުކާރުން އެންމެބޮޑު ސަމާލުކަމެއް ދިން އެއް ކަންތައް. އެނގިވަޑައިގަންނަވާނެ، ރައީސުލްޖުމްހޫރިއްޔާގެ ވަޢުދެއް، މި ފަސް އަހަރުގެ ތެރޭގައި، ފެނާއި ނަރުދަމާގެ ޚިދުމަތް، ރާއްޖޭގެ ހުރިހާ ރަށެއްގައި ދިނުން. އާދެ، އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެންގެ އުންމީދަކީ، މި މަސައްކަތް ނިންމައި، ރާއްޖޭގެ ހުރިހާ ރައްޔިތުންނަށްވެސް މީގެ ފަސޭހަކަން ލިބިގެންދިޔުން.

އާދެ، މިއަދު ކުންފުންޏެއްގެ ޚިދުމަތުގެ ވާހަކަ އަޅުގަނޑުމެން ދައްކާއިރު، ކުންފުންޏަށް އެކިއެކި ޚިދުމަތްތައް ކުރައްވައިގެން، އަޅުގަނޑުމެން އެކަމުގެ އަގުވަޒަންކޮށް، ވާހަކަދައްކާއިރު މުޅި ރާއްޖޭގައި، މާލެ ސަރަޙައްދުގައިވެސް ތަފާތު އެކި ޚިދުމަތްތައް އަޅުގަނޑުމެންނަށް ދެމުންދާ ކުންފުނިތަކުގެ މުވައްޒަފުންގެ މަތިން އަޅުގަނޑުމެން ހަނދާންކޮށްލަން އެބަޖެހޭ. އަޅުގަނޑަށް އެނގޭ ކަމަކީ، ފެން ކެނޑިގެން، ފެން ނުލިބި ހަމަ ކުޑަވަގުތުކޮޅެއް ވިޔަސް، އަދި ކަރަންޓު ކެނޑިފައި، ނުލިބި، ކުޑަ ވަގުތުކޮޅެއްވިޔަސް އަޅުގަނޑުމެންނަށް މިއަދު އެއާ ނުލައި ނޫޅެވޭނެކަން. އެހާބޮޑަށް އަޅުގަނޑުމެން އެކަމަށް ބޭނުންވެފައި މި ތިބީ. އަޅުގަނޑުމެންގެ ފަހަތުގައި ވަރަށް ގިނަ ބަޔަކުވޭ. ބުރަ މަސައްކަތް ކުރާ ބަޔަކު މި ދެންނެވި ކުންފުނިތަކުން، އަޅުގަނޑުމެންނަށް އެ ހުރިހާ އެންމެން ނުފެނުނު ނަމަވެސް. ޚާއްޞަކޮށް، އަޅުގަނޑު ހަމަ ދަންނަވާލަން ބޭނުން، މާލޭ ސަރަޙައްދަށް ބަލައިފި ކަމަށްވަންޏާވެސް، އެމް.ޑަބްލިޔޫ.އެސް.ސީ، ސްޓެލްކޯ، ވެމްކޯ، އެމް.ޓީ.ސީ.ސީ، އެސް.ޓީ.އޯ، އަދި ފެނަކައިގެ ޚިދުމަތް ދެއްވާ ހީވާގި މުވައްޒަފުންނަށް އަޅުގަނޑު ހަމަ މިއަދު ޝުކުރު ދަންނަވާލަން ބޭނުންވަނީ. ޚާއްޞަކޮށް، މި ހުރިހާ ކުންފުނިތަކެއްގައި ޚިދުމަތްކުރައްވާ ހީވާގި މުވައްޒަފުންނަށް އަޅުގަނޑުގެ ހިތުގެ ފުންމިނުން މިއަދު ޝުކުރު ދަންނަވަން.

އާދެ، އަޅުގަނޑުމެން ފަށާފައި މިވަނީ ދަތުރެއް. އަޅުގަނޑުމެންނަށް އެބަ އެނގޭ ރާއްޖެއިން ވަރަށް ގިނަ ކަންތައްތައް ކުރަން އެބަހުރިކަން. ޚާއްޞަކޮށް މި ސަރުކާރުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ އެންމެ ބޮޑު އެއް ވަޢުދަކީ، ވަކި ރަށަކަށްވީތީވެ، އޮންނަ ތަފާތުކުރުމެއް، އެއްވެސް ތަފާތުކުރުމެއް އޮތިއްޔާ، އެކަމެއް ނައްތާލެއްވުން. ކުޑަ ރަށަކަށްވީތީވެ، އެ ލިބެންޖެހޭ ކަންތައްތައް، އެ ފުރިހަމަކޮށްދޭންޖެހޭ ވަސީލަތްތަކުން މަޙްރޫމްވެފައި އޮތުން، ނިމުމަކަށް ގެނައުން. އާދެ، އޭގެތެރެއިން އަޅުގަނޑުމެންނަށް މިއަދު ފެނާއި ނަރުދަމާގެ މަސައްކަތްތައްވެސް މި ގެންދެވެނީ.

ކޮންމެ ދުވަހަކުވެސް އަޅުގަނޑުމެންނަށް ޚިދުމަތްތަކެއްގެ ފެށުން ފާހަގަކުރެވިގެން އެބަދޭ. ރައްޔިތުންނަށް އެ ފަސޭހަކަން ލިބިގެން އެބަދޭ. އެއީ، ބަނދަރުގެ މަޝްރޫޢުތަކަށް ބެލިކަމުގައިވިޔަސް، ރަށުގެ މެދުގައި ހުންނަ އިންޖީނުގެއަށް ބެލިކަމުގައިވިޔަސް، ސްކޫލްތަކުގެ ކްލާސްރޫމްތަކަށް ބެލިކަމުގައި ވީނަމަވެސް، އަދި އެ ރަށެއްގައި ހުންނަ ހެލްތު ސެންޓަރ ނުވަތަ ހޮސްޕިޓަލްގެ ޢިމާރާތުގެ ކަންތައްތަކަށް ބެލިނަމަވެސް، ހުރިހާ ދިމާއަކުންވެސް އަޅުގަނޑުމެންނަށް ފެނިގެން މިދަނީ ފަސޭހަކަން. އަޅުގަނޑަށް ހީވަނީ އެއީހެން ސަރުކާރަކުން ކުރަންޖެހޭ ކަމަކީ. މިކަންވެސް ކާމިޔާބު ކަމާއެކު ކުރިޔަށް، ރަނގަޅަށް މި ގެންދެވެނީ ބަޔަކު ކުރާ މަސައްކަތަކުން.

އެހެންވީމާ، މިއަދު އަޅުގަނޑު ވަކިން ޚާއްޞަކޮށް މުވައްޒަފުންނަށް ދަންނަވާލަން ބޭނުން. ދެންމެ، އަޅުގަނޑު ވަރަށް ހިތްހަމަޖެހުނު، އެ އެވޯޑްތަކަށް ކިޔާފައިހުރި ނަންތަކުން. ވަރަށް ރަނގަޅު ނަންތަކެއް. ޓީމްވަރކް، ވަރަށް ވަރުގަދަ ބޭފުޅުން އެބަ ތިއްބެވި. ވަރަށް ޕްރޮޑަކްޓިވިޓީ ހައި ބޭފުޅުން އެބަ ތިއްބެވި. ވަރަށް ގިނަ ވަގުތު ދެއްވައި، ވަރަށް ބޮޑަށް ކޮންސަންޓްރޭޓް ކުރައްވައިގެން ކޮމިޓްމެންޓް ދެއްވާ ބޭފުޅުން އެބަ ތިއްބެވިކަން އެބަ އެނގޭ. އެހެންވެ، އެ ފަރާތްތަކުން އެ ކުރައްވާ މަސައްކަތްތައް އަޅުގަނޑުމެން ފާހަގަކުރަން އެބަޖެހޭ.

ކުރިއަށް އޮތް ތާނގައިވެސް އަޅުގަނޑުމެން ގަބޫލުކުރަންވީ، އަޅުގަނޑުމެންނަށް ކާމިޔާބު ކަމާއެކު، އެއްވެސް ތަނެއް ހިންގޭނީ، ޓީމްވަރކެއް އޮވެގެންކަން. ގުޅޭ މުވައްޒަފުންތަކެއް ތިބެގެންކަން. ތަނެއްގެ ތެރޭގައި، މައްސަލަތަކެއް ހުރެދާނެ. އެކަމަކު މައްސަލަތައް ޙައްލުކުރުމުގެ ޤާބިލުކަން އަޅުގަނޑުމެންގެ ކިބައިގައި ހުންނަންވާނެ. އަޅުގަނޑު ވަރަށް އުފާކުރަން، ޚާއްޞަކޮށް ކުންފުނިތަކުން އެފަދަ މުވައްޒަފުން އަޅުގަނޑުމެންނަށް ފެނިގެންދާތީ. އެހެންވީމާ، އެ ފަރާތްތަކަށް އަބަދުވެސް އަޅުގަނޑުމެންގެ ހިތުތެރޭގައި އެ ޝުކުރުވެރިކަން އޮންނަ ވާހަކަ އަޅުގަނޑު ހަމަ ދަންނަވާލަން ބޭނުން.

އާދެ، އެނގިވަޑައިގަންނަވާނެ، ބިލިއަނުން ގުނާލެވޭ މަޝްރޫޢުތައް ކޮންމެ ދުވަހަކުވެސް، މާދަމާވެސް ރާއްޖޭގެ ކޮންމެވެސް އަތޮޅެއްގައި ފެށިގެންދާނެ. ފެނާއި ނަރުދަމާގެ ކަންތައްތައް އިފްތިތާޙް ކުރެވިގެންދާތަން ފެންނާނެ. މަލްޓި-ޕަރޕަސް ހޯލް ހުޅުވިގެންދާތަން ފެންނާނެ. މިފަދަ މަސައްކަތްތައް މާދަމާއަށްވެސް އެޖެންޑާ ކުރެވިފައި އެބައޮތް.

އަޅުގަނޑުމެން މިއަދު ވިސްނަންވީ މިއާއެކީ، އަޅުގަނޑުމެން އުޅުން. އަޅުގަނޑުމެން ކުރާ ކޮންމެ ކަމެއް ކުރިއަށްދެވޭނެ ގޮތަކަށް ބައްޓަން ކުރުމަށް.

އަޅުގަނޑުމެން މާލޭ އޭރިއާއަށް ބަލައިފި ކަމަށްވަންޏާ، އަޅުގަނޑަށް ހީވަނީ މިކަހަލަ ކަންތައްތަކަށް އަޅުގަނޑުމެން އިތުރު ސަމާލުކަން ދޭން އެބަޖެހޭހެން. ސާފުތާހިރުކަން. ތަރައްޤީގެ ވާހަކަ ދައްކާއިރު، އަޅުގަނޑަށް ހީވަނީ ހުރިހާ ގޮތަކުންވެސް އަޅުގަނޑުމެން ޖެހޭނެހެން ތަހުޒީބުވާން. އަޅުގަނޑުމެން ދެރަވޭ، އަޅުގަނޑުމެން ލަދުވެސްގަނޭ، މަގުމަތީގެ އެކި ތަންތަނުގައި ކުނި ކޮތަޅުތަކާއި، ފުޅިތަކާއި އެއްޗެހި އުކާފައި، މަގުތަކުގައި ހުންނައިރު، އެއީ ހަމަ ގައިމުވެސް ރާއްޖެއަށް، މިކަހަލަ ސިޓީއަކާ، ގުޅޭ ކަންތައްތަކެއް ނޫން. އެހެންނަމަވެސް، އަޅުގަނޑުމެންގެ ޒިންމާވެސް އޮންނާނެ. ހުރިހާ އެންމެންގެ ޒިންމާވެސް އޮންނާނެ. އެންމެ ފުރަތަމަ އަޅުގަނޑުމެންގެ ޒިންމާ އެންމެ ބޮޑީ. ދެން އެއަށްފަހު އެހެން މީހުންގެ ޒިންމާ. އެހެންވީމާ، މި ކަމުގައި އަޅުގަނޑުމެން މަސައްކަތްތައް ކުރަން އެބަޖެހޭ.

ކިޔަވައިގެން، މަސައްކަތުގެ މައިދާނަށް ނުކުމެ، އެ މިސާލު ދައްކާ ބަޔަކަށް، އަޅުގަނޑުމެން ހުރިހާ ގޮތަކުންވެސް ވާންޖެހޭނެ. ބަޔަކު އަދި ކަމެއް ކުރަން ތިއްބަސް، ވެމްކޯ މީހުން، ނުވަތަ އެމް.ޑަބްލިޔޫ.އެސް.ސީ.، ނުވަތަ ސްޓެލްކޯ އިން މަސައްކަތްކުރަން ބަޔަކު ތިއްބަސް، އަޅުގަނޑުމެންވެސް އަޅުގަނޑުމެންނަށް ވީ ލުޔެއް ކޮށްދިނުމަކީ، ފަސޭހައެއް ކޮށްދިނުމަކީ، އަޅުގަނޑަށް ހީވަނީ ހަމަ ކުރަންޖެހޭނެ ކަމެއްހެން. އަޅުގަނޑު ހިތަށްއެރީ މިވާހަކަ ހަމަ އަޅުގަނޑު ދަންނަވާލަން ޖެހޭނެއޭ. އަޅުގަނޑު އުންމީދު ކުރަނީ އިރާދަކުރެއްވިއްޔާ، މިކަހަލަ ކަންތައްތައް ދުވަހެއް ދުވަހަކަށް ރަނގަޅު ވެގެން ދިޔުމަށް.

އާދެ، އަޅުގަނޑުމެންގެ ކޮންމެ އުޅުމެއްގައިވެސް އަޅުގަނޑުމެން ވިސްނަންޖެހޭ، އަބަދުވެސް އަނެކާއަށް ފުރުޞަތުދޭން. އަނެކާއަށް އަބަދުވެސް އަޅައިލާ، އިޙްތިރާމް ކުރާ ބައެއްގެ ގޮތުގައި އަޅުގަނޑުމެން އުޅެން އެބަޖެހޭ. އެނގިވަޑައިގަންނަވާނެ، މިހާރު ފަސްޓް ޑިގްރީއަށް އެކަނި ބަލައިލިނަމަވެސް، ސަތާރަހާސް ދަރިވަރުންނަށް މި ވޭތުވެދިޔަ ހަތަރު އަހަރު ތެރޭގައި ފުރުޞަތު ލިބިގެން ހިނގައްޖެ. މިއީ ހަމަ ގައިމުވެސް ކުރީގައި ދުވަހަކުވެސް އޮތް ފުރުޞަތެއް ނޫން. ހޭދަކުރާނެ ފައިސާ، އަމިއްލަ ތަނަވަސްކަން ނެތުމުގެ ސަބަބުން ގިނަ ޢާއިލާތަކަށް މި ފުރުޞަތުތައް ނުލިބި އޮތީ. ކުރިޔަށް އޮތްތާނގައި ފެނިގެންދާނީ މާސްޓަރޒް އާއި އަދި އެއަށްވުރެ މައްޗަށް ކިޔަވައިގެން އެތައްހާސް ކުދިންނެއް ރާއްޖެ އަންނަތަން.

އެކަމަކު އަޅުގަނޑުމެން ޤަބޫލު ކުރަންވާނެ، އޮންނަ ސެޓްފިކެޓަކުންވެސް އަދި ނުފުދޭކަން. އަޅުގަނޑުމެންނަށް އެންމެ މުހިންމީ އަޅުގަނޑުމެންގެ އަޚްލާޤް. އަޅުގަނޑުމެންނަށް ވަރަށް ފަސޭހަ، އެއްޗެއް ފެންނައިރަށް އެ ވާހަކަ ދައްކަން. ކަމެއްގެ ޙަޤީޤަތް ބަލައިލަން، އަޅުގަނޑުމެންނަށް ވަގުތުކޮޅެއް ދިނުންވެސް، އަޅުގަނޑުމެންނަށް މިއަދު އުނދަގޫވެފައި އޮންނަނީ. އެ މީހަކީ، އަޅުގަނޑުމެން އަދި ހިތްހަމަނުޖެހޭ މީހަކަށްވިޔަސް، އިންސާނީ ކަރާމާތް، ރެސްޕެކްޓް އޮންނަން ޖެހޭނެ.

އެހެންވީމާ، މިއީ އަޅުގަނޑަށް ހީވަނީ މިއަދު ހުރިހާ ލެވެލްއެއްގައިވެސް އަޅުގަނޑުމެން ތަރައްޤީގެ ވާހަކަ ދައްކާއިރު، ބޮޑެތި މަޝްރޫޢުތަކުގެ ވާހަކަ ދައްކާއިރު، އަޅުގަނޑުމެން މިކަންތައްތަކާ ވިސްނާލަން ޖެހޭނެހެން. ހުރިހާ ކަމެއް ރަނގަޅުކުރަން އަޅުގަނޑުމެންވީ. ހުރިހާ ގޮތަކުންވެސް ފުރާ ފުރިހަމަ ރަނގަޅު ބަޔަކަށްވުމަށްޓަކައި އެ މަސައްކަތްތައް އަޅުގަނޑުމެން ކުރަންވީ. އަޅުގަނޑު މިގޮތަށް މި ދަންނަވާލަނީ ކުންފުނިތަކުގެ މުވައްޒަފުންގެ އަދަދުވެސް އެތައް ހާހަކަށް އަރައިފައިވާތީ.

އެހެންނަމަވެސް، އަޅުގަނޑުމެންނަށް އެބަ ފެނޭ، އަޅުގަނޑުމެންނަށް ހަމަ އަޅައިނުލުމުގެ ސަބަބުން، ފަރުވާކުޑަކުރުމުގެ ސަބަބުން، ސަމާލުކަން ދޭންޖެހޭ މިންވަރަށް ސަމާލުކަން ނުދެވުމުގެ ސަބަބުން ދިމާވެގެންދާ ކަންތައްތައް. މިއިން ކޮންމެ ކަމަކީވެސް އަޅުގަނޑުމެން ވިސްނަންޖެހޭ ކަންތައްތައް. އަޅުގަނޑުމެން ވިސްނާފައި ފަރުވާތެރިވެއްޖެ ކަމަށްވަންޏާ، އަޅުގަނޑުމެންނަށް ކުރެވޭނެ ކިތަންމެ ކަމެއް ހުންނާނެ. ވޭސްޓް މަދުކުރެވޭނެ، ޚަރަދު ކުޑަކުރެވޭނެ، ނުރައްކާތެރި ކަންތައްތައް އަޅުގަނޑުމެންނަށް ޕްރިވެންޓް ކުރެވޭނެ. އެވޮއިޑް ކުރެވޭނެ. އެހެންނަމަވެސް، ކަންކަމާ ވިސްނައިގެން ވާނީ. އަބަދުވެސް ކަންކަމުގައި އަޅުގަނޑުމެންނަށް އެހެން މީހުންގެ ފަރާތުން ފެންނަ ކަންތައްތަކުގެ ވާހަކަ، އަނެއް މީހާގެ ކިބައިގައި ހުންނަ، އަޅުގަނޑުމެންނަށް ކަމުނުދާ ސިފަތަކުގެ ވާހަކަ ދެއްކިދާނެ. އެހެންނަމަވެސް، އަޅުގަނޑުމެން ފުރަތަމަ ބަލަންވީ، ކޮންމެ މީހަކުވެސް ތިމާ ކިބައިގައި ހުރި، އަމިއްލައަށް ވިސްނަންވީ ރަނގަޅު ކުރަންވީ ކަންތައްތަކަކީ ކޮބައިތޯ؟ އަޅުގަނޑަށް ހީވަނީ އެ ރޫޙުގައިވެސް އަޅުގަނޑުމެން މަސައްކަތްކުރަން އެބަޖެހޭހެން.

އާދެ، އަޅުގަނޑުގެ ވާހަކަ މާ ދިގެއްނުކުރާނަން. އެހެންނަމަވެސް، އަޅުގަނޑު ހަމަ ނިންމާލުމުގެ ކުރިންވެސް ބޭނުން ޚާއްޞަކޮށް، ކުންފުނިތަކުގެ މުވައްޒަފުން ކުރާ މަސައްކަތްތަކުގެ އަގު ވަޒަންކޮށް، އެ ހުރިހާ ފަރާތްތަކަށް ޝުކުރު އަދާކުރަން. އެމް.ޑަބްލިޔޫ.އެސް.ސީ.އިން ވަރަށް ގިނަ މަސައްކަތްތައް އަޅުގަނޑާ އެކުގައިވެސް ޚާއްޞަކޮށް، މެނޭޖިންގ ޑައިރެކްޓަރ އަދި ޓީމުގެ ފަރާތުން ކުރެވިއްޖެ. މާލޭ ސަރަޙައްދުގައި ރައީސުލްޖުމްހޫރިއްޔާގެ ވަޢުދެއް، ޕިކްނިކް އައިލެންޑެއް، ޒަމާނީ ފެންވަރަށް ތައްޔާރުކުރުން. ވީޑިއޯގައި އަޅުގަނޑުމެންނަށް ފެނިގެންދިޔަ. އެކަމުގައިވެސް ވަރަށް ގިނަ އެހީތެރިކަން ލިބިގެންދިޔަ.

ހަމައެއާއެކު، މީހުން ބިނާކުރުމުގެ ދާއިރާއަކީ، ސަރުކާރުން ވަރަށް ބޮޑު ސަމާލުކަމެއް ދޭ ދާއިރާއެއް. އަޅުގަނޑު ކުރީގައި، ފަސްޓް ޑިގްރީގެ 17000 ފުރުޞަތުގެ ވާހަކަ ދައްކައިފިން. އަޅުގަނޑުމެންނަށް މިއަދު ކުންފުނިތަކުން އެބަ ފެނޭ، އެކިއެކި ކުންފުނިތަކުން ޓެކްނިކަލް ދާއިރާތަކަށް މީހުން ބިނާކުރުމަށް ކުރާ މަސައްކަތްތައް. އެމް.ޑަބްލިޔޫ.އެސް.ސީ. އިންވެސް ވަރަށް ގިނަ މަސައްކަތްތަކެއް ކުރައްވާ. އަދި ސީ.އެސް.އާރު.ގެ ދަށުން ވަރަށް ގިނަ ކަންތައްތައް އެބަ ކުރައްވާ.

އަޅުގަނޑު ހަމަ އެންމެ ކަމެއް ފާހަގަކޮށްލާނަން. އެއީ، ވަރަށް ކުޑަކުޑަ ކަމެއް. ބައެއް ބޭފުޅުން އަޅުގަނޑަށް ވަރަށް ބޮޑަށް ޖޯކުޖެހި ކަމެއް. އައީ.ޖީ.އެމް.އެޗް. ހިޔަލަ ވިންގުގައި ހުންނާނެ، ކަނބާއައިސާރަނި ހިނގުމުން އެ މަގަށް ކެނޮޕީއެއް، ނިތްގަނޑެއް ނެރެފައި. އެއީ، ވާރޭވެހޭ ވަގުތު މާބަނޑު އަންހެނުންނާއި ކުޑަކުދިން ޓެކްސީއަށް، ނޫނީ ކާރަށް އަރަން، ވާރެއިން ސަލާމަތްވުމަށްޓަކައި. އަޅުގަނޑު އެއްދުވަހު ޝާހަށް ދެންނެވީ މިކަންތައް ކޮށްލަދެއްވާށޭ. ދެން ވަރަށް އަވަހަށް އެކަންތައް ކުރެއްވި. އެކަން ކުރުމުން އަޅުގަނޑަށް ވަރަށް ޖޯކުޖެއްސެވި ބައެއް ބޭފުޅުން. ހަމަ ވަރަށް ވިސްނުންތެރި ބޭފުޅުން، ވަރަށް ސެޓްފިކެޓްތައް އޮތް ބޭފުޅުން އެކަންތައް ކުރެއްވީ. އެކަމަކު އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، ކުޑަކުޑަ ކަމަކުންވެސް ވަރަށް ގިނަ ފަސޭހަތަކެއް ވެގެންދާނެއޭ. ކުޑަކުޑަ އޮށަކުން ބޮޑު ބިޔަ ގަހެއް ހެދި، ހިޔާވަހިކަން ލިބި، މޭވާ ލިބި، އޭގެ ފަސޭހަކަން ލިބިގެން ދަނީ.

އެހެންވީމާ، އަޅުގަނޑުމެން މި ސަރުކާރުން އިރާދަކުރެއްވިއްޔާ، ރައްޔިތުންނަށް މިއަދު ދޭން އޮތް ޔަޤީންކަމަކީ، ކުދިރަށްތަކާއި ބޮޑެތި ރަށްތައް، ކުދި ކަންތައްތަކާއި، ބޮޑެތި ކަންތައްވެސް ހުއްޓުމެއް ނެތި، މެދުކެނޑުމެއްނެތި އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެން ކުރަމުންދާނެކަމުގެ ޔަޤީންކަން. އަޅުގަނޑުމެންގެ ދަތުރު އަޅުގަނޑުމެން ނިންމާނީ، އިރާދަކުރެއްވިއްޔާ، މި ހުރިހާ ކަމެއް ފުރިހަމަކޮށްފައި. އަޅުގަނޑުމެންނަށް ކުރިޔަށް އޮތީވެސް މަސައްކަތައިގެން ކުރިޔަށް ދިއުމުގެ ދުވަސްތައް.

ވަރަށް ބޮޑަށް ޝުކުރިއްޔާ ހުރިހާ ބޭފުޅުންނަށް، މިކަމުގައި ބައިވެރިވުމުގެ ފުރުޞަތު އަޅުގަނޑަށް ދެއްވީތީވެ.

އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެން މިކުރާ މަސައްކަތުގައި اللهُ سُبْحَانَهُ وَتَعَالَى ބަރަކާތް ލައްވައި، އަދަށްވުރެ ފަހި، ފާގަތި ދުވަސްތަކެއް ދިވެހި ރައްޔިތުންނަށް މިންވަރުކޮށްދެއްވުން.

وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.