ހެއިޓީއަށް އައި ބާރުގަދަ ބިންހެލުމުގައި، ހެއިޓީގައި ހުންނަ އ.ދ.ގެ އޮފީހުގައި ވަޒީފާއަދާކުރައްވަމުން ގެންދަވާ ބައެއް ބޭފުޅުން އަވަހާރަވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، އ.ދ.ގެ ސެކްރެޓަރީ ޖެނެރަލް ބަން ކީމޫނަށް ތަޢުޒިޔާ ވިދާޅުވެއްޖެއެވެ.

މި ހާދިސާގައި އަވަހާރަވި ބޭފުޅުންނަކީ، ހެއިޓީއަށް އ.ދ.އިން ކަނޑައަޅުއްވާފައި ހުންނަވާ ޚާއްޞަ މަންދޫބު މިސްޓަރ ހެޑި އަންނަބިއާއި އޭނޭގެ ޑެޕިއުޓީ މިސްޓަރ ލުއިޒް ކާލޯސް ޑަ ކޮސްޓާއާއި، ރޯޔަލް ކެނެޑިއަން މައުންޓެޑް ޕޮލިސްގެ އެކްޓިންގ ޕޮލިސް ކޮމިޝަނަރ މިސްޓަރ ޑަގް ކޯޓްސްއެވެ.

ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި މެސެޖުގައި، އ.ދ.އަށް މި ލިބުނު ކުއްލި ހިތާމައިގައި ބައިވެރިވެވަޑައިގެން، ސެކްރެޓަރީ ޖެނެރަލް ބަން ކީމޫނަށާއި، މުޅި އެ ޖަމާޢަތަށް ވަރަށް އިޚްލާސްތެރިކަމާއެކު ތަޢުޒިޔާ ވިދާޅުވެފައިވެއެވެ. އަދި، އަވަހާރަވި ބޭފުޅުންގެ ޢާއިލާތަކަށް ތަޢުޒިޔާ ރައްދުކޮށްދެއްވުމަށްވެސް ރައީސުލްޖުމްހޫރިއްޔާގެ މެސެޖްގައި އެދިވަޑައިގެންފައިވެއެވެ.