بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

اللهُ سُبْحَانَهُ وَتَعَالَىގެ ޙަޟްރަތަށް ޙަމްދާއި ޝުކުރު ކުރަން. މި އުންމަތުގެ މާތް ނަބިއްޔާ مُحَمَّدُ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ އަށް، ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން. މި ޞަލަވާތާއި ސަލާމުގައި އެކަލޭގެފާނުގެ އާލު އަޞްޙާބުން ޝާމިލްކުރަން.

ދައުލަތުގެ ވަޒީރުން، ފީއަލީ ކައުންސިލްގެ ރައީސް އަދި ކައުންސިލަރުން، ޑަބްލިޔޫ.ޑީ.ސީ.ގެ މެންބަރުން، ކުންފުނިތަކުގެ ސީ.އީ.އޯ. އިންނާއި، އެމް.ޑީ.އިންނާއި، ބޯޑު މެންބަރުން، ރައްޔިތުންގެ މަޖިލީހުގެ ބިލެތްދޫ ދާއިރާގެ ޢިއްޒަތްތެރި މެންބަރު އަޙްމަދު ޙަލީމް، އަދި ހާޒިރުވެވަޑައިގެން ތިއްބެވި ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުން، ހާޒިރުވެވަޑައިގެން ތިއްބެވި ފީއަލީގެ އެކުވެރި ލޮބުވެތި ރައްޔިތުން؛

السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.

އާދެ، ތަރައްޤީއަކީ ބައްތީގެ ހުޅުކޮޅު ރޯވާ ވަގުތެއްގައި އެކަނި ހޯދުމަށް އޮތް ފުރުޞަތެއްގެ ގޮތުގައި އޮތް އޮތުން ބަދަލުކޮށް، 24 ގަޑިއިރުގެ އަލިކަން ދީގެން، ތަރައްޤީއަށް ވާސިލުވާން އޮތީ ސަރާސަރު މަގެއްކަން އަޅުގަނޑުމެން މިދަނީ އިރާދަކުރެއްވިއްޔާ ހާމަކޮށްދެމުން. މި ރަށުގައި، ފީއަލީގައި މިއަދު މި ބޭއްވޭ ޖަލްސާއަކީ، އެގޮތުން ފީއަލީގައި އަލަށް ޤާއިމުކުރެވުނު އިންޖީނުގެއާއި، ފެނަކައިގެ އޮފީހާއި، އަދި މި ރަށަށް މި ރަށުގެ ރައްޔިތުން ވަރަށް ބޮޑަށް ބޭނުންވެފައި އޮތް، އައިސް ޕްލާންޓެއްގެ މަސައްކަތް ނިމި، އެ ޚިދުމަތް ދިނުން ރަސްމީކޮށް ފެށުމުގެ ގޮތުން ބާއްވާ ޖަލްސާ.

އެންމެ ފުރަތަމަވެސް މި މަސައްކަތް ވަރަށް ފުރިހަމައަށް ކޮށް ނިންމާލި ކަމަށްޓަކައި ފެނަކައިގެ އެމް.ޑީ. އަށާއި، ފެނަކައިގެ ހީވާގި ހުރިހާ މުވައްޒަފުންނަށް ވަރަށް ވަރަށް ބޮޑަށް އަޅުގަނޑުމެން ޝުކުރު އަދާކުރަން.

ދެންމެ ވީޑިއޯއިން އެ ފެނުނު ފަދައިން، މިދިޔަ އަހަރުގެ ފެށިގެން އައިއިރުގައިވެސް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މަސައްކަތްކުރާ މަސްވެރިންގެ ވަރަށްބޮޑު ޝަކުވާއެއް އޮތް. ރަށްރަށުގައި އޭރުވެސް ކޮންމެވެސްވަރަކަށް، އައިސް ޕްލާންޓް ހުރި. އައިސް ޕްލާންޓްތައް މަސައްކަތް ނުކޮށް، އޭގެ ޚިދުމަތް މަސްވެރިންނަށް ނުލިބުމުގެ ޝަކުވާއަކީ، ވަރަށް ބޮޑު ޝަކުވާއަކަށް އޭރު ވެފައި އޮތީ.

މިދިޔަ އަހަރުގެ ކުރީކޮޅު، 2022 ވަނަ އަހަރުގެ ކުރީކޮޅު، އޭރު އޮތް ރައްޔިތުންގެ މަޖިލީހުގެ ކެމްޕެއިންގައި ފޯކައިދުއަށް އަޅުގަނޑުމެން ދިޔައިން. އެއީ، އެ އަހަރުގެ ރައްޔިތުންގެ މަޖިލިސް ހުޅުވި ދުވަސް. އެ ދުވަހު އެ ރަށަށް ގޮސް، ފޯކައިދޫގެ އިންޖީނުގެ ހުޅުވުމަށްފަހު ބޭއްވުނު ބައްދަލުވުމެއްގައި އެ ވާހަކަ ދެކެވުނު. ސަޢީދު ވިދާޅުވި، ފެނަކައާ މި މަސައްކަތް ހަވާލުކުރުމަށް. ތިމަންނާމެންގެ މުވައްޒަފުން ކޮންމެ ރަށެއްގައި، ރާއްޖޭގެ ކޮންމެ ރަށެއްގައި އެބަތިއްބޭ. އިންޖިނިއަރުން އެބަތިއްބޭ. ޓެކްނީޝަނުން އެބަތިއްބޭ. މަސްވެރިންނަށް ދަތިނުވާގޮތަށް، އައިސް ލިބޭގޮތް އިރާދަކުރެއްވިއްޔާ، ތިމަންނާމެން ހަދައިދޭނަމޭ. އެ ދުވަހު އެ ތަނުގައި ތިއްބެވި ވަޒީރުންނާ އެކީގައި އަޅުގަނޑުމެން މަޝްވަރާކޮށްފައި، އަޅުގަނޑުމެން ނިންމީ، ފެނަކައަށް ރަށްރަށުގައި ހުރި އައިސް ޕްލާންޓްތައް ހަވާލުކުރަން. އެކަމުގެ ނަތީޖާ ވަރަށްފޮނި. ފެނަކައާ ހަވާލުކުރި ހުރިހާ އައިސް ޕްލާންޓެއްގެ ޚިދުމަތް އިރާދަކުރެއްވިއްޔާ މިހާރު ރައްޔިތުންނަށް، މަސްވެރިންނަށް ލިބެމުން އެބަދޭ.

ފެނަކައިން އަޅުގަނޑު މި ދެންނެވިހެން ކުރަމުން އެގެންދަނީކީ ހަމައެކަނި ކަރަންޓް ދިނުމުގެ ޚިދުމަތެއް ނޫން. ކޮންމެ ރަށަކަށް ފައިބާއިރުގައި، ފެނަކައިގެ މުވައްޒަފުން ފެނޭ. އެ ވާހަކަ އަޅުގަނޑުމެންނާ އިދިކޮޅު ފަރާތްތަކުންވެސް ދައްކާ. އެހެން ނަމަވެސް، ފެނަކައިން ކޮންމެ ރަށެއްގައި ކުރަމުން މިގެންދަނީ ކަރަންޓްގެ ޚިދުމަތް ދިނުމާއި، ފެނާއި ނަރުދަމާގެ ޚިދުމަތް ދިނުމާއި، އަދި މަސްވެރިންނަށް ބޭނުންވާ އައިސް ލިބޭނެގޮތް ހެއްދެވުން ފަދަ ރައްޔިތުން ބޭނުންވެފައިވާ އެތައް އެތައް ކަންތައްތަކެއްގެ މަސައްކަތް. މިއީ ފެނަކައާ ހަވާލުކޮށްގެން އަޅުގަނޑުމެން ކުރަމުންގެންދާ މަދު މަސައްކަތްތަކެއް. މީގެ ނަތީޖާ ރަނގަޅު. އިރާދަކުރެއްވިއްޔާ، ރައްޔިތުންނަށް ދަތިނުވެ، ކުރިއަށް މިއޮތް ތަނުގައި ކަރަންޓާއި، ފެނާއި، ނަރުދަމާގެ ޚިދުމަތާއި، ރައްޔިތުންނަށް މި ބޭނުންވާ، ޚާއްޞަކޮށް މަސްވެރިންނަށް މި ބޭނުންވާ އައިސް ލިބުމުގެ ދަތިކަމެއްނެތި، ފެނަކައިން އިރާދަކުރެއްވިއްޔާ އެކަން ކުރިއަށް ގެންދާނެ. އަދިވެސް އެއްފަހަރު ފެނަކައިގެ އެމް.ޑީ. އަށާއި މުވައްޒަފުންނަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރަން.

އާދެ، ފީއައްޔަކީވެސް މެދު އާބާދީއެއް އޮތް ރަށެއް. ތޭރަސަތޭކައެއްހާ މީހުން މި ރަށުގައި ރަޖިސްޓަރީވެފައި އެބައޮތް. އަޅުގަނޑު ކުރިންވެސް ދެންނެވި ފަދައިން، މަސްވެރި ރަށެއް. ޚާއްޞަކޮށް، ބޮޑުކަންނެލީގެ މަސްވެރިކަމާއި، ފާނައިގެ މަސްވެރިކަން ކުރާ ރަށެއް. އެކަމުގެ ހެތްކަކީ، މިދިޔަ އަހަރުވެސް ރެކޯޑު ޢަދަދަކަށް މި ރަށުގެ ދޯންޏެއް ބޮޑުކަންނެލި ކިރާފައި އެބައޮތް. އެއްދުވަހު 14 ޓަނު. މަސްވެރިން ބޭނުންވަނީ، މަސްވެރިން ބާނާމަސް ރަނގަޅު އަގުގައި ގަނެވޭނެ ގޮތެއް ހޯދައިދިނުން. އައިސް ލިބުން. ހުރިހާ މަހެއް ކިރުން. ޚާއްޞަކޮށް، ދެކުނުގެ އަތޮޅުތަކުގައި މަސްވެރިން މިކަމަށް އެދިއެދި ތިބޭ.

އަޅުގަނޑުމެން ވެރިކަމަށް އައުމަށްފަހުގައި، މަސްވެރިންނަށްޓަކައި ބޮޑު ބަދަލުތަކެއް ގެންނަން ފަށައިފީމު. އެތައް ދުވަހެއް ވެގެންދިޔައިރުގައިވެސް މަސްވެރިންނާ ދޭތެރޭގައި އެކަން ތަރައްޤީ ކުރުމަށްޓަކައި މާބޮޑު މަސައްކަތެއް ކުރެވިފައި އޮތް ތަނެއް ނުފެނޭ. ހަމައެކަނި މިފްކޯގެ އުޅަނދުތަކުގައި ހުރި މަސް ރައްކާކުރެވޭ ކެޕޭސިޓީއަށް އެކަނި ބަލައިލިނަމަވެސް، މިކަން ފާހަގަވި. އަޅުގަނޑުމެންނާ ހަވާލުވިއިރުގައި، އެ ކެޕޭސިޓީއަކީ 1727 މެޓްރިކް ޓަން. މުޅި ރާއްޖޭގައި ހުރި މިފްކޯގެ އުޅަނދުފަހަރަށް ކިރޭވަރު. އެހެން ނަމަވެސް، މިހާރު އެ ޢަދަދު އަޅުގަނޑުމެންނަށް ވަނީ 5027 މެޓްރިކް ޓަނަށް ބަދަލުކުރެވިފައި. އަދި މަސް ފިނިކޮށް ގަނޑުކުރުމުގެ ކެޕޭސިޓީއަށް ބަލާއިރުގައިވެސް، އޭރު ހުރީ އެންމެ 80 މެޓްރިކް ޓަނުގެ ކެޕޭސިޓީ އުޅަނދުފަހަރުގައި. ޖަޒީރާ 103، "ވަން ޒީރޯ ތްރީ" ނެރުމާ އެކީގައި، މަސައްކަތަށް ނެރުމާ އެކީގައި މި ކެޕޭސިޓީ 500 މެޓްރިކް ޓަނަށް ބަދަލުކުރެވިއްޖެ. އަދި ކުރިއަށް އެބައޮތް ތިން ބޯޓު ގެނައުން. އެއާއެކީގައި، މި ކެޕޭސިޓީވެސް ބޮޑުތަނުން އިތުރުވެގެންދާނެ.

މަސްވެރިންގެ އަތުން މަސްގަނެ، ދައުލަތުގެ ބަޖެޓުން ހޭދަކުރެވުނު އަދަދަށް ބަލާއިރުގައި، މިއިން ދުވަހަކު ނުކުރެވޭވަރަށް އަޅުގަނޑުމެންނަށް އެކަން ކުރެވިއްޖެ. 3.58 ބިލިއަން ރުފިޔާގެ މަސް، އަޅުގަނޑުމެން ރައްޔިތުންގެ އަތުން ގަނެފިން. އެހެންކަމުން، މަސްވެރި އިންޑަސްޓްރީއަށް، ޞިނާޢަތަށް މި ގެނެވޭ ބަދަލުތައް ދުވަހުން ދުވަހަށް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ކުރިއަށްގެންދާނަން. މީގެ ނަތީޖާ މި އަހަރު ނިމޭއިރުގައި، ތަފާތު ބޮޑުކޮށް މަސްވެރިންނަށް ފެނިގެންދާނެ. މަހުގެ އަގަށްވެސް އިރާދަކުރެއްވިއްޔާ ރަނގަޅު ހެޔޮ ބަދަލެއް ލަސްތަކެއްނުވެ ގެނެވޭނެ.

އަޅުގަނޑުމެން މަސް އެކްސްޕޯޓް ކުރާ ދެ މާކެޓަކީ، އިނގިރޭސިވިލާތާއި، ޔޫރަޕިއަން ޔޫނިއަން. އަޅުގަނޑު މީގެކުރިންވެސް އެއްދުވަހު ދަންނަވާފާނެ، އެ ދެފަރާތާ އެކީގައި މަޝްވަރާތަކެއް ކުރެވެމުންދާ ވާހަކަ. ލަސްތަކެއްނުވެ އިރާދަކުރެއްވިއްޔާ، އެ މަޝްވަރާތަކުގެ ނަތީޖާ ލިބި، އަޅުގަނޑުމެންނަށް ޔޫރަޕަށް ބޭރުކުރެވޭ މަހުގެ އަގަށް ރަނގަޅު އަގުލިބި، މިހާރު ނަގަމުންއެދާ ޑިއުޓީ ކަނޑާލުމުން، މަސްވެރިންނަށް ސަރުކާރުން ދޭ އަގު ބޮޑުތަނުން އިރާދަކުރެއްވިއްޔާ ރަނގަޅު ކުރެވިގެންދާނެ.

ފީއަލީގެ ކުރިއެރުމަށާއި ތަރައްޤީއަށް ފީއަލީގެ ރައްޔިތުން އަބަދުވެސް އެދިއެދި ތިބޭ. ރިޔާސީ އިންތިޚާބުގައިވެސް، މަޖިލިސް އިންތިޚާބުގައިވެސް، ކައުންސިލް އިންތިޚާބުގައިވެސް އެމް.ޑީ.ޕީ.އިން ނުކުމެ މަސައްކަތްކުރިއިރުގައި، މި ވާހަކަތައް އަޅުގަނޑުމެންނާ ހިސާބަށް އާދޭ. ފީއަލީގައިވެސް ދެން އޮތް އެންމެބޮޑު އެއް ބޭނުމަކީ، ރައްޔިތުން ބޭނުންވާ އެއްކަމަކީ ބިން ހިއްކުން. ބިން ހިއްކުމަށްޓަކައި އެމް.ޓީ.ސީ.ސީ. އިން ވާންޖެހޭ ތައްޔާރީތައް މިހާރު އެދަނީ ވަމުން. ބަންޑްވޯލް ޖަހައި ނިމޭތަން ތިޔަބޭފުޅުންނަށް ފެނިވަޑައިގަންނަވާނެ. އަދި މިހާރު ހިއްކަން އެ ނިންމާފައި އޮތް ޕްލޭނަށް ބަދަލުތަކެއް ގެނައުމުގެ ވާހަކަ އަޅުގަނޑަށް އެބަ އަޑުއިވޭ ރައްޔިތުންގެ ފަރާތުން. އިރާދަކުރެއްވިއްޔާ، އެ ގެންނަންޖެހޭ ބަދަލުތައްވެސް އެއީ ޕްލޭންގައި ހިމެނޭނެ ކަމެއްތޯ ބެލުމަށްފަހުގައި، ޕްލޭނިންގ މިނިސްޓްރީއާއި އެމް.ޓީ.ސީ.ސީ.އާ ވާހަކަ ދައްކައިގެން، ރައްޔިތުން ބޭނުންވާގޮތަށް އެކަން ކުރުމަކީ އަޅުގަނޑު އެދޭގޮތް. އިރާދަކުރެއްވިއްޔާ އެ ބަދަލު ގެނެވޭނެ.

އަޅުގަނޑުމެން އައިއިރުގައި މި ރަށުގައި ނަރުދަމާގެ ނިޒާމުގެ މަސައްކަތް އޮތީ ފަށާފައި. އިރާދަކުރެއްވިއްޔާ މިހާރު އެ މަސައްކަތް ނިމުމަކާ ހިސާބުގައި އެއޮތީ. އަޅުގަނޑުމެން މި ރަށަށް ފެން ދިނުމަށްޓަކައި، އެ މަސައްކަތް ކުރިއަށް އެބަދޭ. އޭގެއިތުރުން، މި ރަށުގައި ހެލްތު ސެންޓަރުގެ އެކްސްޓެންޝަނެއްގެ މަސައްކަތް ކުރުމަށް އެދަނީ ތައްޔާރުވަމުން. އިންޑޯ ވޮލީކޯޓު އެޅުމުގެ މަސައްކަތް ލަސްތަކެއްނުވެ ކުރިއަށްދާނެ. ސްކޫލްގައި ސައިންސް ލެބް، މިހާރުވެސް އެޑިޔުކޭޝަން މިނިސްޓްރީން އެދަނީ އެކަމުގެ މަސައްކަތް ކުރިއަށް ގެންދަވަމުން. ރައްޔިތުން މި ބޭނުންވާ ހެޔޮ ބަދަލު، ރަށުގައި ތިބެގެން ދިރިއުޅެވޭނެ އަސާސީ ޚިދުމަތްތައް، ރަށުން ފޯރުކޮށްދިނުމަށްޓަކައި އަޅުގަނޑުމެން މި ފަށާފައިވާ މަސައްކަތް މިގޮތަށް ތިޔަބޭފުޅުންގެ ވިސްނުމާ އެކީގައި، ތިޔަބޭފުޅުން އެދޭގޮތަށް ގެންނަންޖެހޭ ބަދަލުތަކާ އެކީގައި އިރާދަކުރެއްވިއްޔާ ގެންނާނެ ކަމުގެ ޔަޤީންކަން އަޅުގަނޑު ތިޔަބޭފުޅުންނަށް އަރުވަން.

ފެނަކައިގެ މަސައްކަތުގެ ވާހަކަ، މި ދެ ދުވަހު އަޅުގަނޑު ދައްކަމުން މިގެންދަނީ. އެއީ، އަރާ ކޮންމެ ރަށެއްގައި، ކޮންމެވެސް މަޝްރޫޢެއް ނިމި ހުޅުވަން އެބަޖެހޭ. އަދި ކުރިއަށް މިއޮތް ތަނުގައިވެސް އެކަން އޮތީ އެގޮތަށް. މިހާތަނަށް 68 އާ އޮފީސް ނިންމައިފި. 48 އިންޖީނުގެ ހުޅުވައިފި. އަޅުގަނޑަށް އޮތީ އޭގެ ރިބަން ކަނޑަން ސަޢީދު އިންވައިޓް ކޮށްފައި. އޭގެއިތުރުން، ކުރިއަށް މިއޮތް ދެތިން މަސްދުވަހުގެ ތެރޭގައި، ވޯޓުލުމުގެ ކުރިން އިތުރު 28 އިންޖީނުގެ، 28 ރަށެއްގައި ހުޅުވި ޚިދުމަތް ދޭން ފަށާނެ.

އަދި މީގެ އިތުރުންވެސް، އެޑިޔުކޭޝަން މިނިސްޓްރީން ހިންގާ އެތައް ޕްރޮޖެކްޓެއް، ކުރިއަށް އޮތް ތިންމަސް ދުވަހުގެ ތެރޭގައި ނިމި، ރައްޔިތުންނަށް ޚިދުމަތް ދޭން ފަށާނެ. ފެނާއި ނަރުދަމާގެ ނިޒާމުގެ ވާހަކަ އަސްލަމް މިއަދުވެސް ވާހަކަ ދެއްކެވި. 122 ރަށެއްގެ މަސައްކަތް މިހާރުވެސް ކުރިއަށްދާ ވާހަކަ. އަޅުގަނޑުމެން ތިން ހަފްތާއިން އޭގެ އަޕްޑޭޓް ހޯދަމުން އެބަ ގެންދަން. ފެންނަން އޮތް ތަނުގައި، ޖުލައި މަހުން ފެށިގެން ބޮޑު ޢަދަދެއް، ޖުލައި، އޮގަސްޓުގައި ގިނަ ރަށްތަކެއްގެ ޚިދުމަތް ރައްޔިތުންނަށް ލިބެން ފަށާނެ. ތިޔަބޭފުޅުން ކުރިއަށް މިއޮތް ތަނުގައި މި ހުރިހާ ކަމަކާ ދޭތެރޭގައި ވިސްނާވަޑައިގަންނަވާނެކަން އަޅުގަނޑަށް ޔަޤީން. ކުރިއަށް މިއޮތީ ރިޔާސީ އިންތިޚާބު. އެ ވާހަކަ އަޅުގަނޑު ކޮންމެހެން މިވަގުތު މި ޕޯޑިއަމްގައި ދައްކާކަށް ނެތިން. އެ ވާހަކަ ދައްކަން އަދި އަޅުގަނޑު އިރާދަކުރެއްވިއްޔާ ތިޔަބޭފުޅުންގެ ކައިރިއަށް އަދި އަންނާނަން. އަންނާނީ ތިޔަބޭފުޅުން މިއަދު އަޅުގަނޑުމެންނާ އެކީގައި ބައްދަލުކޮށް ތިޔަ ދައްކާ ވާހަކަތަކުގެ އަލީގައި، މި ރަށަށް ކޮށްދޭނެ، އިތުރަށް ކޮށްދޭންހުރި ކަންތައްތަކުގެ ޔަޤީންކަމާ އެކީގައި.

އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެން ފަށާފައި މިވާ ދަތުރު، އިތުރު ފަސް އަހަރަކަށް އަނެއްކާވެސް ގެންދެވޭނެކަމުގެ ޔަޤީންކަން ﷲގެ ރަޙްމަތާއެކު އަޅުގަނޑުމެންނަށް މިހާރު ރާއްޖޭގެ އެކި ރަށްރަށުން ފެންނަމުން އެބަދޭ. އަޅުގަނޑު އެދެނީ މި މަސައްކަތުގައި މި ދާއިރާ ބާކީނުވުން. އަޅުގަނޑުމެންނާ އެކީގައި ކުރިއަށް ގޮސް، މި ފަށާފައި ހުރި މަސައްކަތްތަކާއި، ރައްޔިތުން މި ބޭނުންވާ، ރާއްޖެއަށް މި ގެންނަން ބޭނުންވާ ތަރައްޤީގައި އެއްބައެއްގެ ގޮތުގައި ނުކުމެ މި މަސައްކަތް ނިންމާލުން.

އަޅުގަނޑުގެ ދުޢާއަކީ، ފީއައްޔަށާއި، މި އަތޮޅަށް އަދަށްވުރެ އުފާވެރި މާދަމާއެއް މިންވަރު ކުރެއްވުން. އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެން މިކުރާ މަސައްކަތުގައި ބަރަކާތް ލައްވައި، އަޅުގަނޑުމެންނަށް އަމާން އޮމާން ދުވަސްތަކެއް މިންވަރު ކުރެއްވުން.

وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.