بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

اللهُ سُبْحَانَهُ وَتَعَالَىގެ ޙަޟްރަތަށް ޙަމްދާއި ޝުކުރު ކުރަން. މި އުންމަތުގެ މާތް ނަބިއްޔާ مُحَمَّدُ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ އަށް، ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން. މި ޞަލަވާތާއި ސަލާމުގައި އެކަލޭގެފާނުގެ އާލު އަޞްޙާބުން ޝާމިލްކުރަން.

ދައުލަތުގެ ވަޒީރުން، ރައްޔިތުންގެ މަޖިލީހުގެ ބިލެތްދޫ ދާއިރާގެ ޢިއްޒަތްތެރި މެންބަރު އަޙްމަދު ޙަލީމް، ކުންފުނިތަކުގެ ސީ.އީ.އޯ. އިންނާއި ޑިރެކްޓަރުން، ބިލެތްދޫ ކައުންސިލްގެ ރައީސް، ކައުންސިލަރުން، ޑަބްލިޔޫ.ޑީ.ސީ.ގެ މެންބަރުން، އަދި ބިލެތްދޫގެ ލޮބުވެތި، ހީވާގި ރައްޔިތުން؛

السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.

ބިލެތްދޫގައި މިއަދު މި ބޭއްވޭ ރަސްމިއްޔާތަކީ، ބިލެތްދޫގައި އަލަށް ޤާއިމުކުރެވުނު އިންޖީނުގެއާއި، އިންޖީނުގެއާ ގުޅިގެން އިމާރާތްކުރި އޮފީސް އިމާރާތް ހުޅުވުމުގެ ރަސްމިއްޔާތު. އަދި މިއަދު މި ރަށުގައި މީގެއިތުރުން، ސްކޫލްގައި އަލަށް ޤާއިމްކުރެވުނު މަލްޓި-ޕަރޕަސް ހޯލް ހުޅުވުންވެސް އެބައޮތް.

ބިލެތްދޫގެ ތާރީޚަށް ބަލާއިރުވެސް، ރާއްޖޭގެ ގިނަ ރަށްރަށެކޭ އެއްގޮތަށް، އަސާސީ ޚިދުމަތްތައް، ރައްޔިތުން ބޭނުންވާ ޒަރޫރީ ޚިދުމަތްތައް ހޯދުމުގައި ދަތިތައް އެބަހުރި. މިއަދު މި ހުޅުވޭ އިންޖީނުގެއަށް ބަލާއިރު، 1980 ވަނަ އަހަރު އެންމެ ފުރަތަމަ މި ރަށަށް ކަރަންޓުގެ ޚިދުމަތެއް ލިބެން ފެށިއިރު، ލިބެމުންދިޔައީ ރޭގަނޑުގެ ގާތްގަނޑަކަށް 5 ގަޑިއިރަށް. އިރުއޮއްސި 6 ން 11 ޖަހަންދެން. އެއަށްފަހު، 1998 ވަނަ އަހަރު، ރަށުގެ 3 ބޭފުޅެއްގެ މަސައްކަތުން އިންޖީނުގެއަށް ބަދަލުތަކެއް ގެނައި. އެހެން ނަމަވެސް، އެއީކީއެއް މި ރަށުގެ ރައްޔިތުންނަށް ބޭނުންވާވަރުގެ ކަރަންޓް އުފެއްދޭ ތަނަކަށްނުވި. އެހެން ނަމަވެސް، އެ ދުވަސް މިއަދު މިވަނީ މާޒީއާ ގޮސްފައި.

ފެނަކައިން ރާއްޖޭގެ އެކި ރަށްރަށުގައި ޤާއިމްކުރަމުން މިގެންދާ ޚިދުމަތްތަކުގެ ތެރޭގައި، މި ރަށުގެ އިންޖީނުގެއަށް މިވަނީ ބޮޑު ބަދަލެއް ގެނެސްފައި. 400 ކިލޯ ވޮޓުގެ ދެ ޖެނެރޭޓަރާއި، 500 ކިލޯ ވޮޓުގެ ޖެނެރޭޓަރަކާއެކު މިއަދު މި ހުޅުވޭ އިންޖީނުގެ ހުޅުވިގެންދާއިރު، މުޅި ރަށުގެ ކަރަންޓް ވިއުގަ މިއަދު މިވަނީ ބަދަލުކުރެވިފައި. އަދި އިންޖީނުގޭގައި މަސައްކަތްކުރާ މުވައްޒަފުންނަށް ފަސޭހައިން ހަމަޖެހިލައިގެން ޚިދުމަތް ކުރެވޭނެ، މަސައްކަތް ކުރެވޭނެ އިމާރާތެއް، އޮފީހެއް މިވަނީ ޤާއިމްކޮށްދީފައި. ފެނަކައިގެ ޕްލޭނަކީ، ސަރުކާރުގެ ސިޔާސަތުތައް ތަންފީޒު ކުރުމުގައި މި ގެންގުޅޭ ދުރުވިސްނުމާއި، ގިނަ ދުވަހަށް އެ ޚިދުމަތްތައް ފަސޭހައިން މެދުނުކެނޑި ރައްޔިތުންނަށް ލިބޭނެގޮތަށް ކަންތައްތައް ކުރުން. ރާއްޖޭގެ ކޮންމެ ރަށަކަށް އެރިޔަސް، މިއަދު ތިޔަބޭފުޅުންނަށް ފެނިވަޑައިގަންނަވާނީ މިފަދަ އެތައް މަސައްކަތެއް ފެނަކައިން ކުރަމުންގެންދާ ތަން.

ފެނަކައިން މި ޤާއިމްކުރާ އިންޖީނުގެތަކާއި އަދި ރަށްރަށުގައި މި ވަޅުލެވޭ ހޮޅިތަކުގައި ފެނާއި ނަރުދަމާގެ ނިޒާމު ދެމެހެއްޓެނިވި ގޮތެއްގައި ޚިދުމަތް ދިނުމަށްޓަކައި މީހުންވެސް ބޭނުންވޭ. އިންޖިނިއަރުން ބޭނުންވޭ. ޓެކްނީޝަނުން ބޭނުންވޭ. އަދި އިދާރީ މުވައްޒަފުންވެސް ބޭނުންވޭ. މި ކަންތައްތައް ފުއްދުމަށްޓަކައި ފެނަކައިން އިންސާނީ ވަސީލަތް ތަރައްޤީ ކުރުމުގައިވެސް ނުހަނު ބޮޑު މަސައްކަތްތަކެއް ކުރައްވަމުން އެބަ ގެންދަވާ.

ވަށާޖެހޭ ގޮތެއްގައި މި ޚިދުމަތްތައް ރައްޔިތުންނަށް ދަތިނުވެ ލިބޭގޮތަށް ފުއްދައިދިނުމަށްޓަކައި ފެނަކައިން އެ ކުރާ މަސައްތަކަށްޓަކައި ފެނަކައިގެ އެމް.ޑީ. އަށާއި، ހީވާގި މުވައްޒަފުންނަށް އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު އަދާކުރަން.

ފެނަކައިން މިހާރު ރާއްޖޭގެ އެކި ރަށްރަށުގައި ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން މިހާތަނަށް 61 އޮފީހެއް ހުޅުވިއްޖެ. 48 އިންޖީނުގެ ހުޅުވައިފި. އިތުރު 28 އިންޖީނުގޭގެ މަސައްކަތް މިހާރުވެސް ކުރިއަށް އެބަދޭ. އިރާދަކުރެއްވިއްޔާ، އެ ރަށްރަށަށް މި ދައުރު ނިމުމުގެ ކުރިން، މި ޚިދުމަތްތައް ލިބެން ފަށާނެ.

އާދެ، މި ރަށަކީ އަޅުގަނޑު ކުރިންވެސް ދެންނެވި ފަދައިން، މަސައްކަތްތެރި ބަޔަކު ދިރިއުޅޭ ރަށެއް. ޚާއްޞަކޮށް، ފާނައިގެ މަސައްކަތަށް ރާއްޖޭގައި އެންމެ ކުރިއަރާފައި އޮތް އެއް ރަށަކީ، މި ރަށް. މިއަދުވެސް ތިޔަބޭފުޅުންނަށް ފެނިވަޑައިގަންނަވާނެ، ބަނދަރުގައި އެއްވެސް ދޯންޏެއް ނެތް. ތިރީހަކަށް ދޯނި ފާނައިގެ މަސައްކަތް ކުރަމުންދާއިރުގައި، ގާތްގަނޑަކަށް ދެތިން ދޯނި ފިޔަވައި ހުރިހާ ދޯންޏެއް މިއަދުވެސް ވަނީ ފާނައިގެ މަސައްކަތަށް ނުކުމެފައި. އެއިން ކޮންމެ ދޯންޏެއްގައި 5 މީހުން، 7 މީހުން، 10 މީހުން މަސައްކަތް ކުރަމުންދާކަން އަޅުގަނޑަށް އެނގޭ. މިއީ ރަށަށް އާމްދަނީ އިތުރުވެގެންދާ ކަމެއް. ރަށުގައި ތިބެ މަސައްކަތްކޮށް، ޢާއިލާއާ އެކީގައި ދިރިއުޅެން ބޭނުންވާ ފަރާތްތަކަށް ލިބިގެންދާ ރަނގަޅު ވަސީލަތެއް.

ބިލެތްދޫ ދާއިރާގެ ރައްޔިތުން އެދެމުންދާ އެއްކަމެއް އެއީ، މި ރަށުގައި އޭ.ޓީ.އެމް.ގެ ޚިދުމަތް ފޯރުކޮށްދިނުން. އިރާދަކުރެއްވިއްޔާ، ސަރުކާރުގެ ސިޔާސަތުގެ ތެރެއިން އެންމެ ފުރަތަމަ ޤާއިމްކުރާ 10 އޭ.ޓީ.އެމް.ގެ ތެރޭގައި ބިލެތްދޫ ހިމެނިގެންދާނެ. މިހާރު ޕްލޭން ކުރެވިފައި އޮތްގޮތުން، އިރާދަކުރެއްވިއްޔާ، ޖުލައި މަހުގެ ތެރޭގައި، ތިޔަބޭފުޅުންނަށް އޭ.ޓީ.އެމް.ގެ ޚިދުމަތް ލިބެން ފެށޭވަރުވާނެ.

ރައްޔިތުންގެ ފަރާތުން ދެން އެދެމުން އަންނަ ބޮޑު އަނެއް މައްސަލައަކީ، ރަށުގެ ބިން ބޮޑުކުރުމުގެ މައްސަލަ. ފަޅު ކުޑަ. އެހެން ނަމަވެސް، ހިއްކެން އޮތްވަރެއް ބަލައި، ބިން ބޮޑުކުރުމަކީ މި ރަށުގެ ރައްޔިތުންގެ ވަރަށްބޮޑު އެދުމެއް. މި ރަށަށް ރިޔާސީ އިންތިޚާބުގައި އަޅުގަނޑުމެން ވީ ވަޢުދުތަކުގެ ތެރޭގައި، ބިން ހިއްކައި، އެ ތަނުން ރައްޔިތުންނަށް ގޯތި، ނޫނީވިއްޔާ ބޯހިޔާވަހިކަން ލިބޭނެގޮތް ހަދައިދޭނެ ކަމަށް އަޅުގަނޑުމެން ވާނީ ވަޢުދުވެފައި. މިހާރު އަޅުގަނޑުމެން ވާނީ މި ރަށުގެ ބަނދަރު ހެދުމަށް އެމް.ޓީ.ސީ.ސީ.އާ ހަވާލުކޮށްފައި. ޑިޒައިން ކުރުމުގެ މަސައްކަތް ކުރިއަށް އެބަދޭ. އޭގެތެރޭގައި، މި ރަށުގެ ބިން ހިއްކުންވެސް ހިމެނިގެން، މި ރަށުގެ އޮޑިދޯނިފަހަރުގެ ފަރާތްތަކަށް އެންމެ ފަސޭހައިން ބަނދަރު ބޭނުންކުރެވޭގޮތަށް ޕްލޭން ކުރެވިގެން، އެ ދެ ކަންތައް އެކީގައި ކުރިއަށް ގެންދާނެކަމުގެ ޔަޤީންކަން އަޅުގަނޑު މިއަދު ތިޔަބޭފުޅުންނަށް އަރުވަން.

އަޅުގަނޑުމެން ވެރިކަމަށް އައިއިރު، ފެނާއި ނަރުދަމާގެ ނިޒާމުގެ ޚިދުމަތްވެސް ރާއްޖޭގެ ގިނަ ރަށްރަށަކަށް ނުލިބޭ. މި ރަށުގައި ނަރުދަމާގެ ނިޒާމެއް ޤާއިމްކުރުމުގެ މަސައްކަތްތަކެއް، ކުރީގެ ސަރުކާރު ނިމެމުންދިޔައިރުގައި ފަށާފައި އޮތް. އެހެން ނަމަވެސް، ދަތި އުނދަގޫތަކާ އެކީގައި، އަޅުގަނޑުމެންގެ ވެރިކަމުގެ ތެރޭގައި، އެ މަސައްކަތް މިހާރުވަނީ ނިމުމަކާ ހިސާބަށް ގެނެވިފައި. އޭގެއިތުރުން، ފެނުގެ ނިޒާމު ޤާއިމްކުރުމުގެ މަސައްކަތް ހަލުވިކަމާ އެކުގައި މި ރަށުގައި އިރާދަކުރެއްވިއްޔާ މިހާރު ކުރިއަށް އެބަދޭ. މި ދެކަންތައް ނިމުމުން، ކަރަންޓާއި ފެނާއި ނަރުދަމާގެ ނިޒާމާއެކު، ރައްޔިތުންނަށް ބޭނުންވާ އަސާސީ ގިނަ ޚިދުމަތްތަކެއް ލިބިގެންދާނެ. އަދި އޭގެއިތުރުން، ރަށުގައި ތިބެ މަސައްކަތް ކުރުމަށް، އިތުރު އިންވެސްޓް ކުރުމަށް އުންމީދުކުރާ ފަރާތްތަކަށް މީގެ ސަބަބުން މަގުފަހިވެގެންދާނެ.

މިރަށާ ވަރަށް ކައިރީގައި އެއަރޕޯޓެއް އެޅިގެން އެދަނީ. ވަރަށް ވަރަށް ކައިރިން. އޭގެ ފައިދާ މުޅި އަތޮޅަށް އަޅުގަނޑަށް ހަމަ ޔަޤީން ކުރާނެ. މި އަތޮޅުގައި ގެސްޓްހައުސްގެ ވިޔަފާރި ވަރަށް ބޮޑަށް ފުޅާވެގެންދާނެ. އެކަމާ ދޭތެރޭގައި ރައްޔިތުން ވިސްނައި، އެކަމަށް އިންވެސްޓް ކުރުމަށް ޕްލޭން ކުރުމަކީ މުހިންމު ކަމެއް. ސަރުކާރުގެ ތެރެއިން އެކަމަށް އަމާޒުކޮށްގެން އަޅުގަނޑުމެން ލުއި ލޯނުތަކެއް މިހާރުވެސް ދެމުން އެބަ ގެންދަން. އޭގެ ބޭނުން ރަނގަޅަށް ހިއްޕަވައި، މިއިން ރަނގަޅު ފައިދާއެއް ރަށުގައި ތިބެގެން ހޯދުމަށް މަސައްކަތް ކުރުމަކީ ވަރަށް މުހިންމު ބޭނުންތެރި ކަމެއް. އެއަރޕޯޓެއް، އެއަރޕޯޓެއްގެ ގޮތުގައި ހިންގޭނީ، އެއާ ގުޅިފައި ހުރި އެހެން ކަންތައްތައް ކުރެވިގެން. އެހެންވީމާ، މި އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި، ބިލެތްދޫ ކަމަށްވިޔަސް، މަގޫދޫ ކަމަށްވިޔަސް، ފީއަލިވިޔަސް، ނިލަންދޫ ކަމަށްވިޔަސް، އެ ހުރިހާ ރަށެއްގައި މި މަސައްކަތް ފަށައިގެން ގެންދިޔުމަކީ އަޅުގަނޑުގެ އިލްތިމާސެއް.

ލާމަރުކަޒީ ނިޒާމަށް ރާއްޖެ ތަރައްޤީ ކުރުމަކީ، އަޅުގަނޑުމެން އަބަދުވެސް ވިސްނާފައި އޮތް ގޮތެއް. ރާއްޖެ ތަރައްޤީ ކުރެވޭނީ، މުޅި ރާއްޖެއަށް ތަރައްޤީ ގެނެވޭނީ، އަޅުގަނޑު ދެކޭގޮތުގައި، ރަށްތައް ހިންގުމުގެ ބާރު ވީހާވެސް ބޮޑަކަށް، އެ ރަށެއްގެ ކައުންސިލްތަކަށް ދޫކޮށްލައިގެން. އަޅުގަނޑުމެން މިހާހިސާބަށް އައިއިރުގައި، އަޅުގަނޑުމެން ވެރިކަމަށް އައިއިރުގައި، މި ރަށުގެ ކައުންސިލްގައި ނެތް އިދާރާއެއް. އަމިއްލަ މީހެއްގެ ގޭގައި އަޅުގަނޑު ހިތުން ކައުންސިލްގެ އިދާރާ ހިންގަމުން އައީ. އެހެން ނަމަވެސް، މިއަދު ކައުންސިލްގެ އިދާރާއެއްގެ މަސައްކަތް މި ރަށުގައި ފެށިގެން ކުރިއަށް އެބަދޭ. އިރާދަކުރެއްވިއްޔާ، އެ މަސައްކަތްވެސް ލަސްތަކެއްނުވެ ނިމި، އެތަނުގައި މަސައްކަތް ކުރުމުގެ ފުރުޞަތު ކައުންސިލަށާއި ކައުންސިލަރުންނަށް ލިބިގެންދާނެ.

އަޅުގަނޑު މި ދެންނެވީ، ދާއިރާގެ ތަރައްޤީއަށްޓަކައި ކުރަމުންގެންދާ ކަންތައްތައް. އަދި އަސާސީ ޚިދުމަތްތައް މި ރަށުގައި ރައްޔިތުންނަށް ފޯރުކޮށްދިނުމަށްޓަކައި މިހާރު ކުރަމުންދާ ކަންތައްތައް.

ޞިއްޙީ ދާއިރާއަށް އަޅުގަނޑުމެން މިހާރުވާނީ އާ އިމާރާތެއް އަޅައި ނިންމައި ހަވާލުކުރެވިފައި. ދެން އޮތީ ވަސީލަތްތައް އިތުރުކުރުން. އިރާދަކުރެއްވިއްޔާ، ތިޔަބޭފުޅުން އެ އެދިވަޑައިގަންނަވާ ގޮތަށް، މި ރަށުގެ ޞިއްޙީ ޚިދުމަތްތައްވެސް ލަސްތަކެއްނުވެ، އެ ޚިދުމަތްތަކާ އެކީގައި ފުޅާކުރެވިގެންދާނެ.

އަޅުގަނޑުމެންގެ މަސައްކަތްތައް ކުޑަ މަޑުޖެހުމަކަށް އައީ، ދުނިޔެއަށް ކުރިމަތިވި ޢާލަމީ ބޮޑު ވަބާ، ކޯވިޑުގެ ސަބަބުން. މި ރަށުގެ ރައްޔިތުންނަކީވެސް އޭގެ އެންމެ ކުރީކޮޅު، އެ ދަތި އުނދަގޫ ތަޙައްމަލްކުރި ރައްޔިތުންތަކެއް. މި އަތޮޅުން އެންމެ ފުރަތަމަ ލޮކްޑައުން ކުރަންޖެހުނު ރަށަކީ މިރަށް. އެއާ ގުޅިގެން ރައްޔިތުންނަށް ކުރިމަތިވި ދަތި އުނދަގޫތަކުގައި، ސަރުކާރުން އޭރު ވެދެވެން އޮތް އެހީތައް އަޅުގަނޑުމެން ވެދެމުންގެންދިޔައީ. އެގޮތުން، ރަށުގައި ދިރިއުޅޭ ވިޔަފާރިވެރިންގެ ތެރެއިން 53 މަސްވެރިންނަށާއި، އެހެން މަސައްކަތްތައް ކުރާ 16 ފަރާތަކަށް ސޮފްޓް ލޯނު، ނޫނީވިއްޔާ ހިލޭ އެހީ އަޅުގަނޑުމެން ދޫކޮށްފައިވާނެ. ގާތްގަނޑަކަށް 9.5 މިލިއަން ރުފިޔާ އަޅުގަނޑުމެން ހިލޭ އެހީގެ ގޮތުގައި މި ރަށުގެ މަސްވެރިންނަށާއި، ވިޔަފާރިވެރިންނަށާއި، އެކިއެކި މަސައްކަތްކުރާ ފަރާތްތަކަށް އަޅުގަނޑުމެން އޭރު ދޫކުރިން. މީގެ ބޭނުމަކީ، މިފަދަ ދަނޑިވަޅެއްގައި ރައްޔިތުންނަށް އެ ބުރަ ނުޖައްސައި، ރައްޔިތުން ހަމަޖެހިލައިގެން ދިރިއުޅެވޭނެ ގޮތެއް ހޯދުން. ސަރުކާރަށް ބުރަ ބޮޑުވި. ރަނގަޅު ވާހަކައެއް އެއީ. އެހެން ނަމަވެސް، އެކަހަލަ ދަނޑިވަޅެއްގައި ސަރުކާރުން އެ ނަގަންޖެހޭ ޒިންމާއެއް ނަގައި، އެ ބުރަ ނަގައި، ރައްޔިތުންނަށް ދަތިނުވާގޮތަށް ކަންތައް ކުރުމަކީ، ކުރަންޖެހޭނެގޮތް. މިއަދު އަޅުގަނޑުމެންނަށް އާދެވިފައި މިތިބަ ހިސާބަކީ، އޭގެ ސަބަބުން އަޅުގަނޑުމެންނަށް އާދެވިފައި އޮތް ހިސާބެއް.

އަޅުގަނޑުމެންގެ އަވަށްޓެރި ޤައުމު، އަޅުގަނޑާ އިހަށްދުވަހު ދިމާވި ކުރީގެ މިނިސްޓަރެއް. އޭރުގެ މިނިސްޓަރެއް، ލަންކާގެ މިނިސްޓަރެއް. ވިދާޅުވި، ތިމަންނާމެންނަށް ކުރެވުނު އެންމެބޮޑު، ހެދުނު އެންމެ ބޮޑު ގޯހަކީ، އޭރު ލަންކާގައި ފަށްޓާފައި ހުރި އިންފްރާސްޓްރަކްޗަރގެ ބޮޑެތި މަޝްރޫޢުތައް ހުއްޓާލުމޭ. މުޅި ރަށް ހުއްޓުމަކަށް އައޭ. ވަޒީފާތައް ގެއްލުނޭ. ވިޔަފާރިތައް ހުއްޓުނޭ. އޭނާއަކީ ލަންކާގެ ރައީސަށް ބޮޑުބޭބެ ކިޔާ ކުއްޖެއް. ބުނީ ތިމަންނާގެ އަންކަލްއަށް ހެދުނު އެންމެބޮޑު މިސްޓޭކަކީ އެއީއޭ. ހަމަ އެއާއެކީގައި، ބޯޑަރ ބަންދުކޮށް ޓޫރިޒަމަށް ހުޅުވައިނުލައި، ދިގުދަންމައި ބެހެއްޓުމޭ. އެއާ ޚިލާފަށް ރާއްޖެ މިއަދު މިއޮތް ހިސާބަށް އާދެވިފައި މިއޮތީ، އަޅުގަނޑުމެންނަށް އޭރު ނެގުނު ޑިޒިޝަންތަކެއްގެ ސަބަބުންނޭ. އެކަން ތިމަންނާމެން ގަބޫލުކުރަމޭ.

ހަމަ އެގޮތަށް، ސީޝެލްގެ ރައީސް ފޯނުކުރެއްވި އެ ދުވަސްވަރު. އޭރު އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ ތެރެއަކު މީހުން އެވަރަކަށް މަރެއްނުވޭ. ވިދާޅުވި، ކިހިނެއްހޭ ތި ރާއްޖޭގެ ކަންތައް ކުރަނީ. މީހުން މަރުނުވަނީ ކީއްވެގެންހެއްޔޭ ރާއްޖޭގައި. އެއީ 98,000 އެއްހާ މީހުން ދިރިއުޅޭ ރަށެއް. އަޅުގަނޑުމެންގެ ތިންލައްކައެއްހާ މީހުން އެބައުޅޭ. މިތަނުގައި ދުވާލަކު ތިން ހަތަރު މީހުން މަރުވެޔޭ އެބަ. ކޮންކަހަލަ ފިޔަވަޅުތަކެއްހޭ އެޅީ. ދެން އޭރު އަޅާފައި ހުރި ފިޔަވަޅުތަކާ ބެހޭގޮތުން އަޅުގަނޑު ޙިއްޞާކުރިން. އޭގެފަހުން އަޅުގަނޑާ އަނެއްކާވެސް ސީޝެލްސްގެ ރައީސާ ބައްދަލުވި. ވިދާޅުވި، ތިމަންނާމެން ބަލަމުން ގެންދިޔައީ ރާއްޖެއިން ކަންކުރާގޮތޭ. ރާއްޖެއިން އަޅާ ކޮންމެ ފިޔަވަޅެއް ބަލައި، އެގޮތަކަށް ކަން ކުރަމުންނޭ ތިމަންނާމެން ގެންދިޔައީ. އެއީ، ތިމަންނާމެންނަށްވެސް އެންމެ ރަނގަޅު ގޮތް ކަމަށް ތިމަންނާމެންނަށް ފެނުނޭ.

އެހެންވީމާ، ކޯވިޑުގެ ތެރޭގައި، ރާއްޖޭގައި ތިއްބެވި ޞިއްޙީ މާހިރުންނާއި، ސަރުކާރުގައި ތިއްބެވި މިނިސްޓަރުންނާއި، އަދި ޓޫރިޒަމް ދާއިރާގެ ބޭފުޅުން އަޅުގަނޑަށް އޭރު އެ ދެއްވި ލަފަޔަކީ އަޅުގަނޑު ހިތުން އަޅުގަނޑުމެންނަށް މިއަދު މިހިސާބަށް އާދެވިފައި މިއޮތް ސަބަބަކީ. އެހެންވީމާ، އަޅުގަނޑުމެންގެ ސިޔާސަތުތައް ކަނޑައަޅަންވާނީ، އެ ކަމެއްގައި ހިމެނޭ ހުރިހާ ބައެއްގެ ލަފަޔާއި މަޝްވަރާ ހޯދައިގެން. އެއްބަޔަކު ރުޅި އަންނަ ބައެއް ކަންތައްތައް ހުރެދާނެ، އަނެއް ބަޔަކަށް ރަނގަޅުވާ. އެހެން ނަމަވެސް، އެ ހުރިހާ ޚިޔާލަކާއި މަޝްވަރާއެއް، އެއްތަން ކުރީމާ، ދެން ނަގަންޖެހޭ ޑިޒީޝަން ވަރަށް ފަސޭހަވޭ. އަޅުގަނޑުމެން އޭރު ކަންތައް ކުރަމުންދިޔައީ އެގޮތަށް.

އިރާދަކުރެއްވިއްޔާ، ކުރިއަށް އޮތް ތަނުގައިވެސް ރަށްރަށުގެ ތަރައްޤީއަށާއި، ރާއްޖޭގެ ތަރައްޤީއަށްޓަކައި އަޅުގަނޑުމެން ކުރާ މަސައްކަތްތައް ކުރަމުން ގެންދާނީ، ރަށްރަށުގެ ކައުންސިލްތަކާއި، ރަށްރަށުގެ ރައްޔިތުންނާއި އަދިވެސް އެކަމަކާ ގުޅުންހުރި ހުރިހާ ބައެއްގެ މަޝްވަރާއާއި ލަފަޔާ އެކީގައި. އިރާދަކުރެއްވިއްޔާ، މިގޮތަށް އަޅުގަނޑުމެންނަށް ކުރިއަށްދެވޭ ކަމަށްވަންޏާ، ރާއްޖެއަށް މިއަދަށްވުރެ މާ އުފާވެރި ހިތްހަމަޖެހޭ ދުވަސްތަކެއް މުސްތަޤްބަލުގައި އަޅުގަނޑުމެންނަށް ލިބިގެންދާނެ.

އަޅުގަނޑު އެދެނީ، އަޅުގަނޑުމެން މިކުރާ މަސައްކަތުގައި اللهُ سُبْحَانَهُ وَتَعَالَى ބަރަކާތް ލައްވައި، މި ރަށަށާއި މި އަތޮޅަށާއި ރާއްޖެއަށް މިއަށްވުރެ އަދި އުފާވެރި މާދަމާއެއް މިންވަރު ކުރެއްވުން.

وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.