بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

اللهُ سُبْحَانَهُ وَتَعَالَىގެ ޙަޟްރަތަށް ޙަމްދާއި ޝުކުރު ކުރަން. މި އުންމަތުގެ މާތް ނަބިއްޔާ مُحَمَّدُ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ އަށް، ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން. މި ޞަލަވާތާއި ސަލާމުގައި އެކަލޭގެފާނުގެ އާލު އަޞްޙާބުން ޝާމިލްކުރަން.

ދައުލަތުގެ ވަޒީރުން، ބިލެތްދޫ ދާއިރާގެ ޢިއްޒަތްތެރި މެންބަރު އަޙްމަދު ޙަލީމް، މަގޫދޫ ކައުންސިލްގެ ރައީސް ޢަބްދުﷲ ވަޙީދު، ކައުންސިލަރުން، ޑަބްލިޔޫ.ޑީ.ސީ.ގެ މެންބަރުން، ސަރުކާރުގެ ކުންފުނިތަކުގެ ހިންގުންތެރި ވެރިން، ފެނަކައިގެ އެމް.ޑީ. އަޙްމަދު ސަޢީދު، އެމް.ޓީ.ސީ.ސީ.ގެ ސީ.އީ.އޯ އާދަމް ޢާޒިމް، ރީޖަނަލް އެއަރޕޯޓްސް ކަމްޕެނީގެ އެމް.ޑީ. އަދި ހާޒިރުވެވަޑައިގެން ތިއްބެވި އެންމެހައި ބޭފުޅުން؛

السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.

މަގޫދޫ ރައްޔިތުންނާ ބައްދަލުކުރެވޭ ކޮންމެފަހަރަކީ، އަޅުގަނޑަށް ވަރަށް އުފާވެރި އިޙްސާސްތަކެއް ކުރެވޭ ފަހަރެއް. މަގޫދޫގެ ކޮންމެ ރައްޔިތަކީ، އަޅުގަނޑުގެ އެކުވެރިއެއް. ރަޙްމަތްތެރިއެއް. އޭރުވެސް އެކަން އޮތީ އެހެން. މިހާރުވެސް އޮތީ އެހެން. ދެންމެ ޢަބްދުﷲ ވަޙީދު ވިދާޅުވިފަދައިން، އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް ތަނުގައިވެސް އެކަން އޮންނާނީ އެހެން.

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި، ސަރުކާރުން ތަރައްޤީގެ މަޝްރޫޢުތައް ހިންގަން ވިސްނުމެއް ގެންގުޅުނުއިރުގައި، އެކި ރަށްރަށަށް ދިމާވެފައި ހުރި އަސާސީ ޚިދުމަތްތަކުގެ ދަތިކަން ވަރަށްބޮޑު. މަގޫދޫއަކީވެސް އެ ރައްޔިތުން ބޭނުންވާ ޒަރޫރީ ޚިދުމަތްތައް ނުހަނު ބޮޑަށް ބޭނުންވެފައި އޮތް ރައްޔިތެއް ދިރިއުޅެމުން އަންނަ ރަށެއް. މަގޫދޫ ތަރައްޤީ ކުރުމަށްޓަކައި މަގޫދޫ ރައްޔިތުންނަކީ އަބަދުވެސް އެކުވެރިކަމާ އެކީގައި، އެއް ޢަޒުމެއްގައި ބުރަ މަސައްކަތްތަކެއް ކުރާ ރައްޔިތެއް ދިރިއުޅޭ ރަށެއް. އަބަދުވެސް ބޭނުންވަނީ، ރަށުގެ ތަރައްޤީ. ތިމާގެ އަމިއްލަ މަޞްލަޙަތަށްވުރެ ބޮޑަށް ރަށުގެ ތަރައްޤީއަށްޓަކައި ކުރަންޖެހޭ ކޮންމެ ކަމެއްގައި، މަގޫދޫގެ ރައްޔިތުން ތިބެނީ އެކައްޗެއްގެ ގޮތުގައި. މިއަދު މަގޫދޫން މި ފެންނަ ތަރައްޤީގެ މަޝްރޫޢުތަކަކީ އޭގެ މިސާލެއް.

އާދެ، މި ރަށަކުވެސް ފެނާއި ނަރުދަމާއެއް ނެތް. ކަރަންޓުގެ ޚިދުމަތް ލިބެމުންދިޔަގޮތުގެ ވާހަކަ، ދެންމެ ޢަބްދުﷲ ވަޙީދު އެ ވިދާޅުވެދެއްވީ. އަމިއްލަ ފަރުދެއްގެ އެހީއާ އެކީގައި، ރައްޔިތުންގެ އެހީއާ އެކީގައި، ދަތި އުނދަގުލުގައި އެ މަސައްކަތް، އެ ޚިދުމަތް ހޯދަމުންދިޔަ ގޮތުގެ ވާހަކަ. ކުޑަ ރަށެއް، ބޮޑު ރަށެއް ނުބަލައި، އަޅުގަނޑުމެން ތަރައްޤީ ގެންނަ ވާހަކަ މި ދައްކަނީ، އެ ރަށް ރަށުގައިވެސް އުޅެނީ ދިވެހި ރައްޔިތުން ކަމަށްވާތީ، އެ މީހަކު އުޅޭ ތަނެއްގެ ސަބަބުން، އެ މީހެއްގެ ވިސްނުން ހުރި ގޮތެއްގެ ސަބަބުން އެ މީހަކަށް ލިބެންޖެހޭ އަސާސީ ޚިދުމަތްތަކުން މަޙްރޫމްވެގެނެއް ނުވާނެ. އެއީ، ވެރިކަމެއްގައި ތިބޭ ބަޔަކު ރައްޔިތުންނާ ދޭތެރޭގައި ކަން ކުރަންޖެހޭނެ ގޮތެއް ނޫން. އަޅުގަނޑުމެންގެ ސިޔާސަތުތައް ބައްޓަން ކުރެވިފައި މިހިރީ މި ދެންނެވި މިޞްރާބަށް. އެއްވެސް ރައްޔިތަކު ބާކީނުކޮށް. އެއްވެސް ރަށެއްގައި ދިރިއުޅޭ ރައްޔިތަކު ބާކީނުކޮށް، ބޭނުންވާ އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމަށް.

އެގޮތުން، މިރޭ މި ބާއްވާ ޙަފްލާއަކީ، ބައްދަލުވުމަކީ، މި ރަށުގައި ރައްޔިތުންނަށް ބޭނުންވެފައި އޮތް އަސާސީ ޚިދުމަތްތަކެއް ދޭން ފެށުމުގެ ރަސްމިއްޔާތު. އެކަން ހުޅުވުމުގެ ރަސްމިއްޔާތު. ރަށެއް ތަރައްޤީވުމަށް ބޭނުންވާ އެންމެ މުހިންމު އެއް ކަމަކީ، އެ ރަށެއްގައި ހަމަޖެހިލައިގެން ބަޔަކަށް ދިރިއުޅެވޭނެގޮތްވުން. އަޅުގަނޑު ކުރިން ދަންނަވާހެން، ގައިން ތާހިރުނުވެ ތަރައްޤީގެ ވާހަކަ ކިހިނެއްތޯ ދައްކާނީ. ފުރަތަމަ ކަމަކަށް ކުރަންޖެހޭނީ އެކަން ނޫންތޯ. ތިމާއަށް ހަމަޖެހިލައިގެން ހުރެގެން ނޫންތޯ، ދެން ތަރައްޤީގެ ވާހަކަ އަޅުގަނޑުމެންނަށް ދައްކަން ފެށޭނީ. އިރާދަކުރެއްވީތީ މިއަދު މަގޫދޫ މިވަނީ އެ މަރްޙަލާއިން ހުރަސްކޮށްފައި. މި ރަށުގެ ފެނާއި ނަރުދަމާގެ ނިޒާމު ޤާއިމުކުރެވި، ޚިދުމަތް ލިބެމުން އެދަނީ. މި މަޝްރޫޢު ކުރިއަށް ގެންދިޔުމުގައި ޕްލޭނިންގ މިނިސްޓްރީން ކުރެއްވި މަސައްކަތާއި، އަދި މި މަސައްކަތް ކުރެއްވި އަލްޓެކް ކޮމްޕެނީ މޯލްޑިވްސް އަށް އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާ އެކުގައި މިއަދު ޝުކުރު ދަންނަވަން. މި ދާއިރާގެ ތަރައްޤީގެ މަޝްރޫޢުތައް ކުރިއަށް ގެންދިޔުމުގައި، ދާއިރާ ތަމްސީލު ކުރައްވާ ޢިއްޒަތްތެރި މެންބަރު އަޙްމަދު ޙަލީމް ދެއްވާ އެއްބާރުލުމަށް އަޅުގަނޑު ޢިއްޒަތްތެރި މެންބަރަށްވެސް ޝުކުރު އަދާކުރަން.

އަޅުގަނޑު އެދެނީ، ކުރިއަށް މި އޮތް ތަނުގައިވެސް މި ރަށުގެ ރައްޔިތުންނާ އެއް ވިސްނުމެއްގައި، ޢިއްޒަތްތެރި މެންބަރު ކުރިއަށް ވަޑައިގަތުން. އެ އެއްބާރުލުމާ އެކީގައި ކުރިއަށް ވަޑައިގަތީމާ، ދާއިރާއަށް ލިބޭ ތަރައްޤީ މާބޮޑުތަން ފަސޭހަވެގެންދާނެ.

މިރޭ މި ބާއްވާ އަނެއް ރަސްމިއްޔާތަކީ، ފެނަކައިން މި ރަށުގައި ދެމުންގެންދާ ކަރަންޓުގެ ޚިދުމަތަށް ގެނެވުނު ބަދަލާ އެކީގައި ހުޅުވުނު އޮފީސް ހުޅުވުމުގެ މުނާސަބާ. އެކަން ފާހަގަކުރުން. ދެންމެގެ ވީޑިއޯގައިވެސް އެ ފެނުނު ފަދައިން، މި ރަށުގެ ކަރަންޓުގެ ޚިދުމަތް އޭރު އޮތްގޮތް ފެނިގެން ހިނގައްޖެ. ޢަބްދުﷲ ވަޙީދުގެ ވާހަކައިގައިވެސް އެކަން ފާހަގަކުރައްވައިފި. ފެނަކައިން އިންޖީނުގެ ތަރައްޤީ ކުރުމުގެ މަސައްކަތް ކުރިއަށް އެބަގެންދޭ. ކަރަންޓް ވިއުގަ މުޅިން ބަދަލުކޮށްފި. މުވައްޒަފުން މަސައްކަތްކުރާ އޮފީސް ނިމިފައި އެހެރީ. ފެނަކައިން ރާއްޖޭގެ ރަށްރަށުގެ ކަރަންޓުގެ ޚިދުމަތް ތަރައްޤީ ކުރަމުން އެގެންދަނީ، އެންމެ ދުވަހަކަށް، އެއް އަހަރަކަށް، ދެ އަހަރަކަށް އަމާޒުކޮށްގެނެއް ނޫން. އަޅުގަނޑުމެންގެ އަމާޒަކީ، ގިނަ ދުވަސްތަކަކަށް ދެމިހުންނަގޮތަށް މިކަހަލަ ތަރައްޤީގެ މަޝްރޫޢުތައް ހިންގުން.

މި އަތޮޅުވެސް ތަރައްޤީވާންޖެހޭނެ. މި އަތޮޅު ތަރައްޤީކުރަން ބަލާއިރުގައި، މި އަތޮޅުގައި އެއަރޕޯޓެއްގެ ޚިދުމަތް ލިބެން އެބަޖެހޭ. މިކަމާ ދޭތެރޭގައި އަޅުގަނޑުމެން ވިސްނިން. ޕްލޭނިންގ މިނިސްޓްރީގެވެސް ލަފަޔާ އެކީގައި، މި އަތޮޅުގައި އަޅަންޖެހޭ އެއަރޕޯޓް އަޅަން އެންމެ ރަނގަޅު ތަނެއް ކަމަށް އަޅުގަނޑުމެންނަށް ފެނުނީ މަގޫދޫ. މިކަމަކީ މަގޫދޫގެ ރައްޔިތުން ވަރަށް ޒަމާނުއްސުރެ އެދިގެންދިޔަ ކަމެއް. އަޅުގަނޑު ހިތުން މަގޫދޫގައި މިއަޅާ އެއަރޕޯޓަކީ، އޭގެ ސަބަބުން މި އަތޮޅުގެ ހުރިހާ ރައްޔިތުންނަށް ވަރަށްބޮޑު ފަސޭހައަކާއި ފައިދާތަކެއް ލިބިގެންދާނެ މަޝްރޫޢެއް. މި އަތޮޅުގައި ސަރުކާރުން މިއަދު ހިންގާ އެންމެބޮޑު މަޝްރޫޢަކީ އެއީ. ގާތްގަނޑަކަށް 232 މިލިއަން ރުފިޔާގެ ޕްރޮޖެކްޓެއް، އެއަރޕޯޓްގެ ޕްރޮޖެކްޓަކީ.

ފުރަތަމަ އަޅުގަނޑުމެން އެއަރޕޯޓުގެ މަސައްކަތް ފަށައިގަތީ، 1200 މީޓަރުގެ ދިގުމިނުގެ އެއަރޕޯޓެއްގެ ގޮތުގައި. 1200 މީޓަރު. އެހެން ނަމަވެސް، މިއަދު 1200 މީޓަރު ދިގުމިނުގެ އެއަރޕޯޓެއް އެޅުމަށް އޭރު ނިންމީ. އެހެން ނަމަވެސް، މިއަދު މިވަނީ އެއަރޕޯޓް ބޮޑުކޮށް، 1800 މީޓަރުގެ އެއަރޕޯޓަކަށް ބަދަލުކުރަން އަޅުގަނޑުމެން ނިންމާފައި. ބޭނުމަކީ މި ސަރަޙައްދުގައި ހުރި ރިޒޯޓުތަކަށް، ވަރަށް ފެންވަރުމަތީ ރިޒޯޓުތަކެއް މިހިސާބުގައި އެބަހުރި. އެ ތަނަށް އަންނަ ޓޫރިސްޓުން އަންނަ ޕްރައިވެޓް ޖެޓް ޖެއްސޭވަރުގެ އެއަރޕޯޓަކަށް މި އެއަރޕޯޓް ބަދަލުކުރުން.

ހަމަ އެއާއެކީގައި، އެ އަންނަ ޖެޓްތައް މި ތަނުގައި ޕާކް ކުރެވޭނެ އިތުރު ޕަރކިންގ ސަރަޙައްދަކާއި، ވީ.އައި.ޕީ. ޓަރމިނަލެއް އިރާދަކުރެއްވިއްޔާ މި އެއަރޕޯޓުގައި އަޅުގަނޑުމެން ޤާއިމުކުރާނަން. އަދި ދެވަނަ ތަނަކަށް ނުގޮސް، މި ތަނަށް ޖައްސާ ބޯޓުފަހަރަށް ތެޔޮއެޅޭނެ ފިއުލް ފަރމެއްވެސް މި އެއަރޕޯޓް ނިމިގެންދާއިރުގައި، މި ތަނުގައި ޤާއިމުކުރެވިގެންދާނެ. އަޅުގަނޑު ހިތުން މި އެއަރޕޯޓް ނިމިގެންދާއިރުގައި، ރާއްޖޭގައި އޮތް ރީޖަނަލް އެއަރޕޯޓްތަކުގެ ތެރެއިން އެންމެ ފުރިހަމަ އެއް އެއަރޕޯޓަށް މި އެއަރޕޯޓް ވެގެންދާނެ. އަދި އޭގެއިތުރުން، ޖެޓްތަކުގައި އަންނަ ފަޅުވެރިން، ކްރޫން މަޑުކުރެވޭނެ ކުޑަ ހޮޓަލެއް، މި ރަށުގައި އެއަރޕޯޓާ އެކީގައި ޤާއިމުކުރުމަށްވެސް އަޅުގަނޑުމެން ވަނީ ނިންމާފައި.

އަޅުގަނޑު ހިތުން މި ކަންތައްތައްވެ ނިމޭއިރުގައި، މި ރަށަށާއި މި އަތޮޅަށް ބޮޑު ބަދަލެއް އިރާދަކުރެއްވިއްޔާ އަންނާނެ. އެތައް ވަޒީފާއެއް އުފެދިގެންދާނެ. ފެނަކައިގެ މަޝްރޫޢާ އެކީގައިވެސް އެތައް ވަޒީފާއެއް އުފެދިގެންދާނެ. އަދި އެއަރޕޯޓާ އެކީގައިވެސް އެތައް ވަޒީފާއެއް އުފެދިގެންދާނެ. އަޅުގަނޑުމެން މި ގެންނަ ތަރައްޤީ އެންމެ ފުރިހަމަގޮތުގައި، ރައްޔިތުންނަށް ލިބިގެންދާނީ، އިންސާނީ ވަސީލަތްތައް ޤާއިމުކޮށްގެން. އެއީ، ރާއްޖޭގެ ރައްޔިތުންނަށް، ކިޔަވަން ބޭނުންވާ ކުދިންނަށް، ހިލޭ ޑިގްރީއާއި، ސްކޮލަރޝިޕްތައް އަޅުގަނޑުމެން މި ފަހިކޮށްދެނީ. އޭގެ ނަތީޖާއަކަށް ވެގެންދާނީ، އެ ސްކޮލަރޝިޕްތަކާއި ޑިގްރީ ހަދައިގެން އަންނަ ކުދިން، އެ ރަށެއްގައި މަސައްކަތް ކުރުމަށް ވަޒީފާތައް އުފެދިގެންދިޔުން. ރަށް ތަރައްޤީވުމަށް ބޭނުންވަނީ ރަށުގައި ވަޒީފާތައް އުފެދިގެން ދިޔުން.

އޭގެއިތުރަށް، މި ރަށުގައި ރައްޔިތުން ބޭނުންވާ ގިނަ ކަންތައްތަކެއް ނިމި އަދި ކުރަމުންދާ ކަމަށް ޢަބްދުﷲ ވަޙީދު ދެންމެ ވިދާޅުވެއްޖެ. ވޮލީކޯޓުގެ މަސައްކަތް އޮތީ ނިމިފައި. ކުޑަކުދިންގެ ޕާކް ނިމިފައި. ބޮޑު ފުޓްބޯޅަ ދަނޑުގެ މަސައްކަތް ކުރިއަށް އެބަދޭ. އޭގެއިތުރުންވެސް، ދެން މި ރަށުގައި ކުރަންޖެހިފައި އޮންނާނެ ކަމަކީ މަގުތައް ހެދުން. ބިމު އަޑީގައި ވަޅުލަންޖެހޭ ތަކެތި ވަޅުލައި ނިމުމަށްފަހު، ދެން އަރާނީ ބިމުންމައްޗަށް. އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެންގެ ރަށްރަށުގެ މަގުތައް ހެދުމުގެ ޕްލޭންގައި މި ރަށުގެ ބޮޑެތި މަގުތައް ހެދުން އަޅުގަނޑުމެން ހިމަނައިގެން ކުރިއަށް އޮތް ތަނުގައި ގެންދާނަން.

އާދެ، ޢަބްދުﷲ ވަޙީދު އަނެއްކާވެސް އިތުރު ކަންތައްތަކަށް އެދިވަޑައިގެންފި. ތެދުފުޅެއް، ރައްޔިތުން އަބަދުވެސް ތަރައްޤީއަށް އެދިއެދި ތިބޭނީ. ރަނގަޅު ވާހަކައެއް އެއީ. މިހިސާބުގައި އެއަރޕޯޓާ އެކީގައި އިންވެސްޓްމަންޓްތަކެއް އަންނަން އެބަޖެހޭ. ހޮޓާތަކެއް، ރިޒޯޓްތަކެއް ހެދެން އެބަޖެހޭ. ތިޔަ ހުށަހެޅުއްވި ކަންތައް އަޅުގަނޑު ޕްލޭނިންގ މިނިސްޓްރީއާ އެކީގައި މަޝްވަރާ ކުރާނަން. އެއަށްފަހުގައި، ތިއާ ދޭތެރޭގައި ޢަމަލީގޮތުން ކުރެވެން އޮތް ގޮތެއް އަޅުގަނޑު ބަލާފައި، އެކަން ކުރިއަށް ގެންދާނަން.

މިދޭތެރެއިން މި އަތޮޅުގައި އިންވެސްޓް ކުރަން ބަޔަކު އައި. އަޅުގަނޑު ބުނިން، މަގޫދޫ ފަޅު ނަގަންވީ ނޫންތޯއޭ. ބާކީއޮތް ބައި، ނޫނީވިއްޔާ ކައިރީގައި އެ އޮތް ފަޅު. މިތާ ކައިރީގައި އޮންނާނެ ފަޅެއް. ހަމަ ޖެހިގެން. އެ ފަޅުގައި ރިޒޯޓް ހަދަންވީ ނޫންހޭ. އެ ވިސްނުން އެބަ ގެންގުޅޭ އެ މީހުން. އެއީ، އެ މީހުންނަށް ގަބޫލުކުރެވޭ ކަމެއް ކަމަށްވަންޏާ، ޢަބްދުﷲ ވަޙީދު ތިޔަ ވިދާޅުވި ކަންތައް އެއޮތީ ވަރަށް އަވަހަށް ނިމިފައި. އަޅުގަނޑުމެން އެ މަސައްކަތް އިރާދަކުރެއްވިއްޔާ ކުރިއަށް ގެންދާނެ ވާހަކަ ދަންނަވަން.

ކުނި މެނޭޖް ކުރުމުގެ މަސައްކަތް، ރާއްޖޭގެ އެކި ރަށްރަށުގައި އަޅުގަނޑުމެން ކުރަމުން އެބަ ގެންދަން. އެގޮތުން، މި ރަށުގެ ކުނި މެނޭޖް ކުރުމަށް އަޅާ މަރުކަޒުގައި ފަނާވާ ޒާތުގެ ކުނި މެނޭޖް ކުރުމުގެ ސިސްޓަމެއް މި ރަށުގައި ބެހެއްޓިގެންދާނެ. އޭގެ ސަބަބުން ކުނި ނައްތައިލުމަށް ވަރަށް ބޮޑަށް ތިޔަބޭފުޅުންނަށް ފަސޭހަވެގެންދާނެ.

ކުރިއަށް އޮތް ތަނުގައިވެސް، ޢަބްދުﷲ ވަޙީދު އެ ވިދާޅުވި ފަދައިން، ރައްޔިތުން ތަރައްޤީ ބޭނުންވާނެ. ތިޔަބޭފުޅުން ތަރައްޤީ ބޭނުންވާއިރުގައި، ވީ ވަޢުދާ އެއްގޮތަށް ކަންތައްތައް ކުރާ ބަޔަކާ ދޭތެރޭގައި ވިސްނުން ގެންގުޅެންވާނެ. ކުރިމަތީގައި މިއޮތީ ރިޔާސީ އިންތިޚާބު. އަޅުގަނޑު އަދި ކެމްޕެއިންގައި އިރާދަކުރެއްވިއްޔާ މި ރަށަށް އަންނާނަން. އެހެން ނަމަވެސް، އެހާ ހިސާބަށްވެސް ތިޔަބޭފުޅުން ވިސްނާވަޑައިގަންނަވަންވާނެ. ތަފާތު އެކިއެކި ސިޔާސަތުތަކާ އެކީގައި ކެންޑިޑޭޓުން ވަޑައިގަންނަވާނެ. އެހެން ނަމަވެސް، ގަބޫލުކުރައްވަންވީ ކަމަކީ، ހުވަފެނެއްގެ ތެރޭގައި ތިޔަބޭފުޅުން ނުތިއްބަވައި، ޢަމަލީގޮތުން އެ ކަންތައްތައް ކޮށްދޭ ބަޔަކާ އެކީގައި ކުރިއަށް ދިޔުމަށްވުރެ ރަނގަޅު ގޮތެއް ނޯންނާނެކަން.

އަޅުގަނޑު އެދެނީ، މަގޫދޫއަށާއި، މި ރަށުގެ ލޮބުވެތި ރައްޔިތުންނަށް މިއަދަށްވުރެ އުފާވެރި މާދަމާއެއް ﷲ މިންވަރު ކުރެއްވުން. އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެން މިކުރާ މަސައްކަތުގައި، ﷲ ބަރަކާތް ލައްވައި، މި ރާއްޖެއަށް ހަމަޖެހުމާއި އަމާންކަން މިންވަރު ކުރެއްވުން.

وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.