بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ
اللهُ سُبْحَانَهُ وَتَعَالَىގެ ޙަޟްރަތަށް ޙަމްދާއި ޝުކުރު ކުރަން. މި އުންމަތުގެ މާތް ނަބިއްޔާ مُحَمَّدُ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ އަށް، ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން. މި ޞަލަވާތާއި ސަލާމުގައި އެކަލޭގެފާނުގެ އާލު އަޞްޙާބުން ޝާމިލްކުރަން.
ދައުލަތުގެ ވަޒީރުން، ރައްޔިތުންގެ މަޖިލީހުގައި ދަރަނބޫދޫ ތަމްސީލު ކުރައްވާ ނިލަންދޫ ދާއިރާގެ ޢިއްޒަތްތެރި މެންބަރު ޢަބްދުލްމުޙްސިން ޙަމީދު، ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުން، ދަރަނބޫދޫ ކައުންސިލްގެ ރައީސް ޢަބްދުލްޙަމީދު އާދަމް، ކައުންސިލަރުން، ޑަބްލިޔޫ.ޑީ.ސީ.ގެ މެންބަރުން، އަދި ޚާއްޞަކޮށް، މި ބައްދަލުވުމަށް ހާޒިރުވެވަޑައިގެން ތިއްބެވި މި ރަށުގެ ލޮބުވެތި ހުރިހާ ރައްޔިތުން، ކުދި ބޮޑު ހުރިހާ ރައްޔިތުން، ހާޒިރުވެވަޑައިގެން ތިއްބެވި އެންމެހައި ބޭފުޅުން؛
السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.
2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ކެމްޕެއިންގައި އަޅުގަނޑަށް މި ރަށަށް އާދެވުނު. އެއީ، ދެ ނަމާދު ދޭތެރޭގައި. އަޅުގަނޑުމެން ދެ ނަމާދު ދޭތެރެއޭ ކިޔަނީ، މަޣުރިބު ނަމާދާއި ޢިޝާ ނަމާދާ ދޭތެރެއަށް. އެއީ، ވިއްސާރަ ދުވަހެއް. ވަރަށް ކަނޑުގަދަ ދުވަހެއް. މި ރަށަށް ވަންނަން އަޅުގަނޑުމެން ބޭރުގައި ގާތްގަނޑަކަށް ގަޑިއެއްހާއިރު މަޑުކުރަންޖެހުނު. ކަނޑުގަދަވެގެން ނުވަދެވިގެން. އެހެން ނަމަވެސް، މި ރަށުގެ ރައްޔިތުން އެ ދުވަހުވެސް ބަނދަރުމަތީގައި މަޑުކޮށްގެން ތިބި. އެ ވިއްސާރައިގައި އަޅުގަނޑުމެން މި ރަށަށް ފައިބައި، ރައްޔިތުންނާ ބައްދަލުކޮށް، އަޅުގަނޑުމެންގެ ހުށަހެޅުންތައް ރައްޔިތުންނަށް ހުށަހެޅި. އަދި ރައްޔިތުން އެ ދުވަހު ބޭނުންވެފައި ހުރި ކަންތައްތަކުގެ ވާހަކަވެސް އަޅުގަނޑުމެންނަށް ކައުންސިލަރުންނާއި އަދި ހާޒިރުވެވަޑައިގެން ތިއްބެވި ރަށުގެ ރައްޔިތުންގެ ފަރާތުން ހުށަހެޅި. އެންމެބޮޑު ކަމަކަށް އެ ދުވަހުވެސް ހުށަހެޅީ، ބަނދަރުގެ ވާހަކަ. އަދި އޭގެފަހުން 2019 ވަނަ އަހަރުގެ ތެރޭގައި، މި ރަށުގެ ކައުންސިލާ އަޅުގަނޑަށް ބައްދަލުކުރެވުނު. އެ ދުވަހުވެސް ކައުންސިލްގެ ފަރާތުން ހުށަހެޅި އެންމެ ބޮޑަށް ބޭނުންޖެހިފައި އޮތް ކަމެއްގެ ގޮތުގައި ހުށަހެޅީ، ބަނދަރުގެ ވާހަކަ. އެއާއެކުގައި، ފެނާއި ނަރުދަމާގެ ނިޒާމު ޤާއިމުކޮށްދިނުމަށް ކައުންސިލްގެ ފަރާތުން އެދިވަޑައިގެންނެވި.
އާދެ، ރާއްޖެ ތަރައްޤީ ކުރުމުގައި މީގެކުރިން ސަރުކާރުތަކުން ގެންގުޅެމުން އައިގޮތް، ދެންމެ ކައުންސިލްގެ ރައީސް ވަރަށް ސާފުކޮށް އެ ވިދާޅުވީ. ސަރުކާރުގެ އިސް މަގާމެއްގައި މީހަކު ހުންނަންޖެހޭ. ނޫނީވިއްޔާ އެ ދާއިރާގެ މެންބަރަކީ، ސަރުކާރަށް ނިސްބަތްވާ މެންބަރަކަށްވާންޖެހޭ. ނޫނީވިއްޔާ، ދެން ފަހުން އައިސް ޕާޓީތައް އުފެދުމުން، އެ ސަރުކާރުގައި އޮންނަ ޕާޓީއަކަށް ތާއީދުކުރާ މެންބަރުން ތިބެންޖެހޭ. އެހެން ނޫނީވިއްޔާ އެ ދާއިރާއެއް، ސަރަޙައްދެއް، އެ ރަށެއް އެއީ ބާކީވެފައި އޮންނަ ރަށެއް.
އެކަހަލަ ގޮތެއް ދިމާވެފައި ހުރި ވަރަށްގިނަ ރަށްރަށް އެބަހުރި. އެނގިވަޑައިގަންނަވާނެ، ދަރަނބޫދޫއަކީ އާބާދީ ކުޑަ ރަށެއް. މިތާ ތިއްބެވި ބައެއް ބޭފުޅުން ހަނދުމަފުޅު ހުންނާނެ، މި ރަށުގައި އޭރު އެ އޮންނަ ގޮތުން، 40 މީހުން ހަމަނުވެ، 50 މީހުން ހަމަނުވެގެން ހުކުރު ނުކުރެވުނު ހަނދާން. އެހެން ނަމަވެސް، އެ ސަބަބުތަކަށްޓަކައި ހުރެ ކުރީގެ ސަރުކާރުތަކުގެ ސިޔާސަތަކީ، ކުދިކޮށް ހުރި ރަށްރަށް، އެއީ މީހުން ދިރިއުޅުނަސް، މީހުން ދިރިއުޅެން ބޭނުންވާ އަސާސީ ޚިދުމަތްތައް ފުއްދައިދޭން ނުޖެހޭ ރަށްރަށުގެ ގޮތުގައި ބަލައިގަތުން. ސަރުކާރަކުން ކޮށްގެންވާނެ ކަމެއް ނޫން އެއީކީއެއް. ރައްޔިތުން ސަރުކާރެއް ހޮވަނީ، ރައްޔިތުން ބޭނުންވާ ޚިދުމަތްތައް ހޯދައިދޭން. އަޅުގަނޑުމެންގެ އެ ދުވަހުގެ އަމާޒަކީ، ވަޢުދަކީ އެއްވެސް ރައްޔިތަކު ތަފާތުކުރުމެއްނެތި، އެއީ ދިރިއުޅޭ ރަށެއް، އަދި އެ މީހެއްގެ ފިކުރު ހުރިގޮތް ބެލުމެއްނެތި، ރައްޔިތުންނަށް ބޭނުންވާ އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުން. ދެންމެ ކައުންސިލްގެ ރައީސް އެ ވިދާޅުވި ފަދައިން، މި ރަށަކަށް އެކަންޏެއް ނޫން. ރާއްޖޭގެ އެކި ކަންކޮޅުތަކުގެ ހުރިހާ ރަށެއްގައިވެސް ރައްޔިތުންނަށް ބޭނުންވާ އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމުގެ މަސައްކަތް ތަފާތުކުރުމެއްނެތި ކުރިއަށްދާތަން ތިޔަބޭފުޅުންނަށް ފެނިވަޑައިގަންނަވާނެ.
ދަރަނބޫދޫއަށްވީ ވަޢުދުތައް ފުއްދުމުގައިވެސް އަޅުގަނޑުމެން ގެންގުޅުނީ އެ ވިސްނުން. މި ދާއިރާގެ މެންބަރަކީ މިއަދާ ޖެހެންދެން އެމް.ޑީ.ޕީ.ގެ ސަރުކާރަށް ނިސްބަތްވާ މެންބަރެއް ނޫން. ދަރަނބޫދޫގެ ރައްޔިތުންގެ ތެރެއިން ބޮޑު ބަޔަކީ އެމް.ޑީ.ޕީ. އަށް ތާއީދުކުރާ ބައެއް ނޫން. ކައުންސިލްގައިވެސް، މިއަދުވެސް ކައުންސިލްގެ ރައީސްވެސް އަދިވެސް ތިއްބެވި ބޭފުޅުންނަކީ އެމް.ޑީ.ޕީ. އަށް ނިސްބަތްވާ ބޭފުޅުންނެއް ނޫން. ކުރިއެކޭ އެއްގޮތަށް އަޅުގަނޑުމެންނަށް ލިސްޓުގެ ފަހަތަށް ޖައްސާފައި އަޅުގަނޑުމެންނާ އެކީ ތިބި ރަށްރަށަށް އެކަނި މަސައްކަތްކޮށްދީގެން އަޅުގަނޑުމެންނަށް ކުރިއަށްދެވުނީސް. ނަމަވެސް، އެއީކީއެއް ސަރުކާރަކުން ކަން ކުރަންވާނެ ގޮތެއް ނޫން. އެހެންކަމުން، އެ ވިސްނުން ދުރުކޮށް، ރައްޔިތުންނަށް ތަފާތުކުރުމެއްނެތި ކަންތައްތައް ކޮށްދިނުމުގެ މަސައްކަތް ފުރަތަމަ ދުވަހުން ފެށިގެން އަޅުގަނޑުމެން ފަށައިގަތީމު. ނަމަވެސް، އަޅުގަނޑުމެންނަށް އަޅުގަނޑުމެންގެ ދައުރުގެ ތެރޭގައި ވަރަށްބޮޑު ގޮންޖެހުމެއް ކުރިމަތިވި.
ތިޔަ ހުރިހާ ބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ، ކޯވިޑުގެ ޢާލަމީ ވަބާއާ ގުޅިގެން އަޅުގަނޑުމެންގެ ސިޔާސަތުތައް، އަޅުގަނޑުމެންގެ މަޝްރޫޢުތައް، ޕްލޭންތައް ކުރިއަށް ގެންދިޔުމުގައި މަޑުޖައްސާލަން ޖެހުނު ބައެއް ކަންތައްތައް. މި ރަށުގެ ބަނދަރުގެ މަސައްކަތް އަޅުގަނޑުމެން ފަށައިގަތީ، 2020 ވަނަ އަހަރުގެ މިއަދު. މޭ މަހުގެ 27 ވަނަ ދުވަހު. އެހެން ނަމަވެސް، ކޯވިޑާ އެކީގައި ބައެއް ކަންތައްތައް ހުއްޓުމަކަށް އައުމުގެ ސަބަބުން ކުޑަކޮށް ފަހަތަށްޖައްސާލަން ޖެހުނު. އެހެން ނަމަވެސް، މިއަދު ހަމަ އެ ދުވަހު އިރާދަކުރެއްވިއްޔާ އޭގެ ތިން އަހަރު ފަހުން އަޅުގަނޑުމެން މިތިބީ މި ބަނދަރު ހުޅުވަން. މިދިޔަ އަހަރު މަސައްކަތް ނިމިއްޖެ. އެހެން ނަމަވެސް، ރަސްމީގޮތުން ހުޅުވުމުގެ ޖަލްސާގައި. މި މަސައްކަތް ކޮށްދެއްވި އެމް.ޓީ.ސީ.ސީ. އާއި ޕްލޭނިންގ މިނިސްޓްރީގެ ބޭފުޅުންނަށް އަދި ޚާއްޞަކޮށް، މި ރަށުގެ ބަނދަރު ތަރައްޤީ ކުރުމުގެ މަސައްކަތް ކުރިއަށްދިޔައިރުގައި، ކައުންސިލްގެ ފަރާތުން އެ ދެއްވި އެއްބާރުލެއްވުމާއި އަދި ގެންނަންޖެހުނު ބަދަލުތައް ރައްޔިތުން އެދޭގޮތަށް ގެނައުމުގައި، މި ދެންނެވިހެން ޕްލޭނިންގ މިނިސްޓްރީން ކޮށްދެއްވި މަސައްކަތް އަޅުގަނޑު ފާހަގަކޮށް، ތިޔަ ހުރިހާ ބޭފުޅުންނަށް އަޅުގަނޑު ފަށްފަށުން ޝުކުރު އަދާކުރަން.
މި ރަށުގެ އާބާދީގައި މިހާރު 400 އަށްވުރެ ގިނަ މީހުން ދިރިއުޅޭ އެބަ. ރަށުގައި ދިރިއުޅޭ ރައްޔިތުން ބޭނުންވޭ، ފެނާއި ނަރުދަމާގެ ނިޒާމު މި ރަށުގައި ޤާއިމުވެފައި އޮތުން. ޞިއްޙީ ޚިދުމަތް ކައިރިން ލިބުން. ދަތުރުފަތުރުގެ ނިޒާމު ހަމަޖެހިފައި އޮތުން. އަޅުގަނޑު ހިތުން އެ ދުވަހު ކައުންސިލުން އެދިވަޑައިގެން ގޮތަށް، ފެނާއި ނަރުދަމާގެ ނިޒާމު މިހާރު ކުރިއަށްދާކަން އަޅުގަނޑު ފާހަގަކުރަން. އަޅުގަނޑަށް އެނގޭ، އަދިވެސް ރައްޔިތުން ބޭނުންވާނެ ކިތަންމެ ކަމެއް ހުންނާނެ. އެހެން ނަމަވެސް، ދެންމެ ކައުންސިލްގެ ރައީސް ވިދާޅުވީ، އެންމެ ކަމެއްގެ ވާހަކަ. އައުޓް ޑޯ ވޮލީބޯޅަ ކޯޓެއްގެ ވާހަކަ. އަޅުގަނޑު ހިތުން އެއަށްވުރެވެސް ގިނަ ކަންތައްތައް ހުންނާނެ. ދެންމެ ކައުންސިލްގެ ރައީސް އެ ވިދާޅުވިގޮތަށް، މި އަހަރުގެ ތެރޭގައި އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެން އެކަން ކުރިއަށް ގެންދާނަން.
އަދި މި ދަތުރުގައި ކައުންސިލާ އެކީގައި އަޅުގަނޑުމެން ބައްދަލުކުރާއިރުގައި، މީގެ އިތުރުން މި ރަށަށް ބޭނުންވާ ކަންތައްތައް އަޅުގަނޑުމެންނަށް ހުށަހަޅާނެކަމާމެދު އަޅުގަނޑު ޝައްކެއްނުކުރަން. މިހެން މި ދެންނެވީ، ކުރިއަށް މިއޮތީ ރިޔާސީ އިންތިޚާބު. އަޅުގަނޑުމެން މިދަނީ މެނިފެސްޓޯ ހެދުމުގެ މަސައްކަތް ކުރަމުން. މި ރަށަށް މިވަގުތު ބޭނުންވެފައި ހުރި ހުރިހާ ކަމެއްގެ ވާހަކަ ތިޔަބޭފުޅުން ތަފްޞީލުކޮށް އަޅުގަނޑުމެންނާ ޙިއްޞާކޮށްދިނުމަކީ އަޅުގަނޑުގެ އެދުމެއް. އިރާދަކުރެއްވިއްޔާ، މި ނިމިގެންދާ އަހަރު މި މަސައްކަތް ކުރިގޮތަށް، ތަފާތުކުރުމެއްނެތި މި ރަށަށްވެސް އަޅުގަނޑުމެން ދެންވެސް ވާ ވަޢުދުތައް ކޮށްދޭނެކަމުގެ ޔަޤީންކަން ތިޔަބޭފުޅުންނަށް އަޅުގަނޑު އަރުވަން.
އާދެ، ވޭތުވެދިޔަ ފަސް އަހަރަކީ، އޭގެ ކުރިއާ އަޅައިބަލާއިރު، ތިޔަބޭފުޅުން އަމިއްލައަށް ވަޒަންކޮށްލައްވަން އަޅުގަނޑު ދޫކޮށްލާނަން. އަޅުގަނޑުމެން 2018 ވަނަ އަހަރު ވެރިކަމަށް އައިއިރު، ރާއްޖޭގައި އޭރު އޮތް ޙާލަތު، ހަލަބޮލިކަމާއި، ހަމަނުޖެހުމާއި، ބިރުވެރިކަމާއި، ތިޔަ ވިދާޅުވާހެން ތަފާތުކުރުންތަކާ އެކީގައި ސަރުކާރުން ކުރަމުން ގެންދިޔަ ކަންތައްތައް. ދަންނަވަންތޯ، ހަމަޖެހުމެއްނެތި ގެނެވޭނެ ތަރައްޤީއެއް ނޯންނާނެ. އެންމެ ފުރަތަމަ ކަމަކީ، ޤައުމުގައި ހަމަޖެހުން އުފެއްދުން. އިރާދަކުރެއްވިއްޔާ، ކުރިއަށް އޮތް ތަނުގައިވެސް އަޅުގަނޑުގެ އެންމެ މުހިންމު އަމާޒަކަށްވާނީ، ރާއްޖޭގެ ޞުލްޙަމަސަލަސްކަން ދެމެހެއްޓުން. ހަމަޖެހުން ޤާއިމުކުރުން. ތަފާތު ޚިޔާލުގެ މީހުން އުޅޭނެ. ތަފާތު ފިކުރުގެ މީހުން އުޅޭނެ. އެހެން ނަމަވެސް، އެ ފިކުރުތަކާ އެކީގައި، އެ ވިސްނުމާ އެކީގައި، އެ ޚިޔާލުތަފާތުވުންތަކާ އެކީގައި ކުރިއަށް ދިޔުން ނޫން ގޮތެއް ސަރުކާރަކަށް ނޯންނާނެ. އެ ޖާގަވެސް ދޭންޖެހޭނެ. އެހެން ނަމަވެސް، ސަރުކާރުން މަސައްކަތް ކުރަންވާނީ، އެ ޚިޔާލުތަފާތުވުންތަކާ އެކީގައިވެސް ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމަށް.
އާދެ، ހަމައެއާއެކީގައި، އަޅުގަނޑުމެން ކުރަމުންގެންދާ އަނެއް ކަމަކީ، އިންސާނީ ވަސީލަތް ބިނާކުރުން. ޤައުމު ކުރިއަށްދާނީ، އަދި މި ގެނެވޭ ތަރައްޤީއާ އެކީގައި ރަށްރަށުގައި ވަޒީފާތަކާ އެކީގައި. އެ ވަޒީފާއަށް އެކަށީގެންވާ މީހުން ބިނާކުރުމަކީ އަޅުގަނޑުމެން ކުރަންޖެހޭނެ ކަމެއް. ވަޒީފާއެއްނެތި، އާމްދަނީއެއް ނެތި، ރަށެއްގައި ދިރިއުޅޭނީ ކިހިނެއްތޯ؟ މާލެއަށް ބަޔަކު ހިޖުރަ ކުރަންޖެހުނު އެންމެބޮޑު ސަބަބަކީ އެއީ. ކިތަންމެ ކުޑަ ޚިދުމަތެއް ހޯދަންޖެހުނަސް، ވަޒީފާއެއް ހޯދަންޖެހުނަސް، މި ދާންޖެހެނީ މާލެއަށް. އެހެން ގޮސް މާލެއަށް މީހުން އަރައި، އަރައި، އަރައި މިހާރު އެއޮތީ ބަންޑުންވާވަރަށް. އެކަމަށް އޮތް އެއް ޙައްލަކީ، މާލެ ނޫން ސަރަޙައްދެއްގައި މީހުންނަށް ހަމަޖެހިލައިގެން ދިރިއުޅެވޭނެ ގޮތެއް ހޯދައިދިނުން. އެއީ، އަޅުގަނޑުމެން މިކުރާ އެއްކަމަކީ. މާލެއަށް ލުޔެއް ލިބޭނީ އޭރުން.
މީހުން ބިނާކުރުމަށް މި ހިންގާ ހިލޭ ޑިގްރީގެ ޕްރޮގްރާމާއި، ސްކޮލަރޝިޕްގެ ޕްރޮގްރާމްގެ ތެރެއިން މި ރަށުގައި މިވޭތުވެދިޔަ ހަތަރު އަހަރު ދުވަހުގެ ތެރޭގައި 36 ދަރިވަރަކު ހިލޭ ޑިގްރީ ކިޔަވައި ނިންމައިފި. 400 މީހުން އުޅޭ އާބާދީއެއްގައި އަޅުގަނޑު ހިތުން ކުރިއަށް މި އޮތް ތަނުގައިވެސް މި ރަށުން މިކަހަލަ އެތައް ދަރިވަރުންނެއް ކިޔަވައި ނިމިގެން ނުކުންނާނެ. މި ރަށުގެ މުސްތަޤްބަލް އެބައޮތް. ބޭނުންވަނީ، މި ދެންނެވިހެން ޒަމާނަށް މި އަންނަ ބަދަލާ އެކީގައި، އެ ވިސްނުމާ އެކީގައި، ރަށް ކުރިއަރުވާނެ ބަޔަކު ރަށުގައި ދިރިއުޅުން. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ މި ސިޔާސަތުތަކާ އެކީގައި ރަށްރަށުގައި ދިރިއުޅޭނެ، ހަމަޖެހިގެން ވަޒަންވެރިވެއުޅޭނެ ބަޔަކު އުފެއްދޭނެ. އޭރުން އަޅުގަނޑުމެން މި ދަންނަވާ، މުޅި ރާއްޖެއަށް މި ބޭނުންވާ ތަރައްޤީ ފެނިގެންދާނެ.
އަޅުގަނޑުގެ ދުޢާއަކީ، މި ރަށަށާއި މި އަތޮޅަށާއި، މި ރާއްޖެއަށް އަޅުގަނޑުމެން ގެންނަން މި ބޭނުންވާ ބަދަލު ގެނައުމުގައި މިކުރާ މަސައްކަތުގައި ﷲ ބަރަކާތް ލައްވައި، އެކަމާއިގެން އަޅުގަނޑުމެންނަށް ކުރިއަށް ދިޔުމުގެ ހެޔޮ ތައުފީޤު މިންވަރު ކުރެއްވުން.
وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.