بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

اللهُ سُبْحَانَهُ وَتَعَالَى އަށް ޙަމްދާއި ޝުކުރު ކުރަން. މި އުންމަތުގެ މާތް ނަބިއްޔާ مُحَمَّدُ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ އަށް، ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން. މި ޞަލަވާތާއި ސަލާމުގައި އެކަލޭގެފާނުގެ އާލު އަޞްޙާބުން ޝާމިލްކުރަން.

މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން ޑޮކްޓަރ އިބްރާހީމް ޙަސަން، މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑޮކްޓަރ އަޙްމަދު ޒާހިރު، ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ޗާންސެލަރ ޑޮކްޓަރ މުޙައްމަދު ޒާހިރު ޙުސައިން، ވައިސް ޗާންސެލަރ ޑޮކްޓަރ އިބްރާހީމް ޒަކަރިއްޔާ މޫސާ، ޑެޕިއުޓީ ވައިސް ޗާންސެލަރުން، ޔުނިވަރސިޓީގެ ކައުންސިލް މެންބަރުން، ފެކަލްޓީތަކުގެ ޑީނުންނާއި، އެންމެހައި ލެކްޗަރަރއިން، އަދި ހީވާގި މުވައްޒަފުންނާއި، މިރޭ ދަސްވެނިވާ ހުރިހާ ދަރިވަރުންނާއި، ބެލެނިވެރިން، އަދި ހާޒިރުވެވަޑައިގެން ތިއްބެވި އެންމެހައި ބޭފުޅުން؛

السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.

އާދެ، މި ޔުނިވަރސިޓީގެ ދަސްވެނިވުމުގެ ޙަފްލާއެއްގައި، 2019 ވަނަ އަހަރު ބައިވެރިވުމުގެ އުފާ އަޅުގަނޑަށް ލިބުނު. އެއީ މި މަޤާމާ އަޅުގަނޑު ޙަވާލުވުމަށްފަހު، އަޅުގަނޑު ބައިވެރިވި، ދަސްވެނިވުމުގެ ފުރަތަމަ ޙަފްލާވެސްމެ. އެ އަހަރު މި ޔުނިވަރސިޓީން 575 ދަރިވަރުން ދަސްވެނިވި.

އޭގެ 4 އަހަރު ފަހުން އަނެއްކާވެސް މި އުފާވެރި ޙަފްލާގައި ބައިވެރިވުމުގެ ފުރުޞަތު އަޅުގަނޑަށް މިވަނީ ލިބިފައި. މި އަހަރު މި ޔުނިވަރސިޓީން 709 ދަރިވަރުން އެބަ ދަސްވެނިވޭ. އަހަރުން އަހަރަށް މި ޔުނިވަރސިޓީން ދަސްވެނިވާ ދަރިވަރުންގެ ޢަދަދު އެ އަންނަނީ އިތުރުވަމުން.

މިއީ އަޅުގަނޑުމެން މި ކުރާ މަސައްކަތް ކާމިޔާބުވާ ކަމުގެ ރަމްޒެއް. އެކަމުގެ އުފާ އަޅުގަނޑަށް އިޙްސާސް ކުރެވޭ. އަދި އެއަށްވުރެ ބޮޑަށް އުފާވާ އެހެން ކަމެއްވެސް އެބައޮތް. އެއީ އަޅުގަނޑުމެން ކުރަން ބޭނުންވެފައި އޮތް ވަރަށް މުހިންމު މަސައްކަތެއް ޙަޤީޤަތަކަށް ވެގެންދާތަން ފެނުން.

މީގެ އަހަރުތަކެއް ކުރިން އަޅުގަނޑުމެން ވެފައިވާ ވަޢުދެއް އޮންނާނެ. އަޅުގަނޑުމެން އެ ވަޢުދުވީ، މުޅި މުޖުތަމަޢަށް ވަރަށް މަތިވެރި ޚިދުމަތްތަކެއް ކުރައްވާ ބޭފުޅުންތަކެއްގެ އަގުވަޒަންކޮށް، މުޖުތަމަޢުގައި އެ ބޭފުޅުންގެ މަޤާމު މަތިވެރިކޮށްދިނުމުގެ މަޤްޞަދުގައި.

އެ ވަޢުދަކީ، ރާއްޖޭގެ މިސްކިތްތަކުގެ އިމާމުންނަށް ޑިގްރީ ފެންވަރަށް ކިޔަވައިދިނުން. އެ ވަޢުދު ފުއްދުމުގެ މަސައްކަތް، މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒާ ގުޅިގެން، މި ޔުނިވަރސިޓީން ފެށްޓީ 2020 ވަނަ އަހަރު. އެ މުހިންމު މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން، މިރޭ 78 އިމާމުން އެބަ ދަސްވެނިވޭ. މިއީ އަޅުގަނޑަށް ލިބޭ ވަރަށް ބޮޑު ހިތްހަމަޖެހުމެއް. ވަރަށްބޮޑު އުފަލެއް. އަދި އޭގެއިތުރުން، މިރޭ ދަސްވެނިވާ ދަރިވަރުންތަކެއްގެ ބަލަދުވެރިއެއްގެ ހައިސިއްޔަތުންވެސް އިތުރު އުފާތަކެއް އެބަ އިޙްސާސް ކުރެވޭ.

މިފަދަ ދާއިރާތަކުގެ ބޭފުޅުންނަށް އިތުރު ތަޢުލީމް ދިނުމުން ނުކުންނާނެ އެތައް ރަނގަޅެއް އަޅުގަނޑުމެންނަށް ތަޞައްވަރު ކުރެވޭ. ދީނީ ގޮތުންނާއި، އިޖުތިމާޢީ ގޮތުން އަދި އަޚްލާޤީ ގޮތުން ވެސް، ކިތަންމެ އިޞްލާޙީ ބަދަލުތަކެއް އަޅުގަނޑުމެންގެ މުޖުތަމަޢަށް އަންނާނެ. އޭގެ ތެރެއިންވެސް އަޅުގަނޑު ފާހަގަކޮށްލަން ބޭނުންވަނީ، ދީނުގެ ނަމުގައި ހިންގާ ހަރުކަށި ޢަމަލުތައް މަދުވުމަށް މަގު ފަހިވެގެންދާނެކަން.

އެހެންކަމުން، މިރޭގެ މި ޙަފްލާގައި އެކި ދަރަޖައިގައި ދަސްވެނިވާ 709 ދަރިވަރުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު ތަހުނިޔާ އާއި ހެޔޮއެދުންތައް އަރިސްކުރަން. އަދި މި ރަސްމިއްޔާތުގައި، ބެސްޓް ސްޓޫޑެންޓް އެވޯޑް ޙާޞިލުކުރާ 9 ދަރިވަރުންނަށް ވަރަށް ޚާއްޞަ ގޮތެއްގައި ތަހުނިޔާ އާއި ހެޔޮއެދުންތައް އަރިސްކުރަން.

އަދި އަޅުގަނޑުމެން މި ބޭނުންވާ މަޤްޞަދު ޙާޞިލުކުރުމުގައި، އެންމެ މުހިންމު ދައުރެއް އަދާކުރާ، ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ މަޖިލިސް މެންބަރުންނަށާއި، އެންމެހައި ހިންގުންތެރިންނަށް އަޅުގަނޑު ޝުކުރު ދަންނަވަން. އަދި މި ޔުނިވަރސިޓީގެ ޗާންސެލަރ ޑޮކްޓަރ މުޙައްމަދު ޒާހިރު ޙުސައިނަށާއި، ވައިސް ޗާންސެލަރ ޑޮކްޓަރ އިބްރާހީމް ޒަކަރިއްޔާ މޫސާއަށް، ވަރަށް ޚާއްޞަ ޝުކުރެއް އަރިސްކުރަން.

އަޅުގަނޑު ޤަބޫލުކުރާ ގޮތުގައި، ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީއަކީ، ދިވެހިރާއްޖޭގެ އިސްލާމީ ޝަޚްޞިއްޔަތު ރަމްޒުކޮށްދޭ އެންމެ އުސް އެއް މަލަ. އަދި ރާއްޖޭގައި އިސްލާމީ ތަޢުލީމާއި ތަރުބިއްޔަތު ފެތުރުމުގައި، މި ޔުނިވަރސިޓީން އަދާކޮށްފައިވަނީ، އަދި އަދާކުރަމުން އަންނަނީ ވަރަށް މަތީ ދައުރެއް.

ޔުނިވަރސިޓީގެ ޢުމުރުން މިވީ އެންމެ 8 އަހަރު ކަމަށްވިޔަސް، މި ޔުނިވަރސިޓީގެ ޙަޤީޤީ މަސައްކަތް ފެށިފައި ވަނީ، މީގެ 43 އަހަރު ކުރިން. އެ ފެށުމަކީ އިސްލާމީ ޢަރަބި ތަޢުލީމް ފެތުރުމަށް ހުޅުވި މަޢުހަދުއް ދިރާސާތިލް އިސްލާމިއްޔާ. މަޢުހަދު ކުއްލިއްޔާއަކަށް، އަދި މިހާރު ޔުނިވަރސިޓީއަކަށް ބަދަލުވިޔަސް، ތަނަކީ އެއް ތަނެއް. އައި ބަދަލަކީ ތަރައްޤީވެ ފެންވަރު މަތިވުން.

މި ޔުނިވަރސިޓީއަކީ ރާއްޖޭގައި ހުޅުވުނު ފުރަތަމަ ޔުނިވަރސިޓީއެއް ނޫން. ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ އުފެދުމާއެކު، ޚާއްޞަކޮށް، ދީނީ ޢިލްމުވެރިން، އިސްލާމިކް ޔުނިވަރސިޓީގެ ނަމުގައި ޔުނިވަރސިޓީއެއް އުފެއްދުމަށް އަޑުއުފުލަމުން ގެންދިޔައީ. އެހެން ނަމަވެސް، އޭރުގެ ސަރުކާރުގެ ސިޔާސަތަކު ދެވަނަ ޔުނިވަރސިޓީއެއް އުފެއްދުމުގެ ވިސްނުމެއް ނެތް. އެއާއެކުގައި، އޭރު މަޖިލީހުގައި ހިމެނިވަޑައިގެންނެވި މަރްޙޫމް ޑޮކްޓަރ އަފްރާޝީމް ޢަލީ، މަޖިލީހަށް ބިލެއް ހުށަހެޅުއްވި. އަޅުގަނޑު އޭރު ރައްޔިތުންގެ މަޖިލީހުގައި މެންބަރެއްގެ ގޮތުން އުޅުނިން. އެ ބިލު މަޖިލީހުގައި ބަޙުޘް ކުރުމެއްނެތި، ދެ އަހަރެއްހާ ދުވަހު ބާއްވާފައި އޮތް. އެހެން ނަމަވެސް، އެއަށްފަހުގައި ކުރެވުނު މަސައްކަތްތަކުގެ ތެރެއިން މަޖިލީހުގެ ތަޅުމުން ބަޙުޘް ކުރުމަށްފަހުގައި، ޚާއްޞަ ކޮމިޓީއެއް ނަގައި، ބިލު ކޮމިޓީއަށް ފޮނުވުނު. ކަންދިމާކުރި ގޮތުން، އެ ކޮމިޓީގެ މުޤައްރިރަކަށް އިންނަންޖެހުނީ އަޅުގަނޑު. އާދެ، އެއަށްފަހު މަޖިލީހުން މި ބިލު ފާސްވެ، ޤާނޫނަކަށް ވެގެންދިޔައީ.

މިއަދުގެ ސަރުކާރުގެ އަމާޒަކީ، އަޅުގަނޑުމެންގެ އަމާޒަކީ، މި ޔުނިވަރސިޓީއަކީ އިސްލާމްދީނުގެ ޞައްޙަ ޢަޤީދާއާ އެއްގޮތަށް ދީނީ ޢިލްމު ފަތުރައި، މި ސަރަޙައްދުގައި ހުރި އެންމެބޮޑު މަރުކަޒަށް ހެދުން. އެ އަމާޒަށް އަޅުގަނޑުމެން މިކުރާ މަސައްކަތުގައި ކާމިޔާބު މިންވަރު ކުރައްވާށި. ދެންމެ ވައިސް ޗާންސެލަރ ޑޮކްޓަރ އިބްރާހީމް ޒަކަރިއްޔާ މޫސާގެ ވާހަކަފުޅުގައިވެސް މި ޔުނިވަރސިޓީއަށް ގެންނަވާ ބަދަލުތައް ކޮންމެވެސްވަރަކަށް ވިދާޅުވެދެއްވައިފި. މި ސަރުކާރުގެ ފުރިހަމަ ތާއީދާއި އެއްބާރުލުން އޮތް ވާހަކަ އަޅުގަނޑު ދަންނަވަން.

މި ވަރުގަދަ ޢިލްމީ ހިޔަލުން ދަސްވެނިވާ ކޮންމެ ދަރިވަރަކީ، ރާއްޖޭގެ ދީނީ އެއްބައިވަންތަކަމާއި، ދިވެހިންގެ އިސްލާމީ އެއްބަނޑުއެއްބަފާކަން ދެމެހެއްޓުމުގެ ވަރަށް މަތީ ޒިންމާއެއް ޙަވާލުވެފައިވާ ފަރުދެއް. ދަސްވެނިވުމަށް ފަހު، ކޮންމެ މައިދާނެއްގައި މަސައްކަތް ކުރިޔަސް، ތިޔަބޭފުޅުންގެ އެންމެ އިސް ވާޖިބަކަށް ހައްދަވަންވާނީ، ޤައުމީ މަޞްލަޙަތު ޙިމާޔަތްކޮށް، މުޖުތަމަޢުގެ ހަމަޖެހުމަށް މަސައްކަތް ކުރުން.

ތިޔައިން ކޮންމެ ބޭފުޅަކީ، ޤައުމަށް ލިބުނު އަގުހުރި ތަރިކައެއް. ތަފާތު ދާއިރާތަކުން ޑިޕްލޮމާ، ބެޗްލަރ އަދި މާސްޓަރޒް ޙާޞިލުކުރީ، ޤައުމުގެ ކުރިމަގާ މެދު ތިޔަ ދަރިވަރުން ވެސް ދެކެމުން އައި ހުވަފެންތަކެއް އޮތީމަ. އަޅުގަނޑުމެން އެންމެން ވެސް ޤައުމުގެ ކުރިމަގާ މެދު ދެކޭ ހުވަފެންތަކެއް އަދި ކުރާ އުންމީދުތަކެއް ވެސް އެބަހުރި.

އެއީ މުޅި ރާއްޖެ ތަރައްޤީ ކުރުން. މުޅި ރާއްޖެ ތަރައްޤީ ކުރެވޭނީ، ޒަމާނީ ޢިލްމުން ރައްޔިތުންގެ ސިކުނޑިތައް މުއްސަނދި ކުރެވިގެން. އެއީ، އެ އަތޮޅެއް އަދި އެ ރަށެއް މިހާރު އޮތް ޙާލަތަށް ރިޢާޔަތްކޮށް، މާދަމާ އޮންނަންވީ ގޮތް ކަނޑައެޅޭނީ، އެ ސަރަޙައްދެއްގެ ރައްޔިތުންނަށް މަތީ ތަޢުލީމުގެ ފުރުޞަތު ފަހިކޮށްދީގެން ކަމަށް އަޅުގަނޑުމެން އަބަދުވެސް ޤަބޫލުކުރަން.

އަޅުގަނޑުމެން އަބަދުވެސް ތިބެންޖެހޭނީ، ދުނިޔެއަށް އަންނަމުންދާ އަވަސް ބަދަލުތަކަށް ބަލަބަލާ. ދުނިޔެއަށް އަވަސް ބޮޑެތި ބަދަލުތައް އެބަ އާދޭ. ރަނގަޅު ބަދަލާއި، ނުރަނގަޅު ބަދަލުވެސް އެބަ އާދޭ. ދުނިޔެއަށް އަންނަ މިފަދަ ބަދަލުތަކަށް ރަނގަޅަށް ލޯ ހުޅުވި، އޭގެ ތެރެއިން މި ޤައުމަށް އެންމެ ފައިދާ ހުރި ކަންކަން ދެނެގަނެ، އެކަންކަމުގެ ބޭނުން ހިފުމަށް އަޅުގަނޑުމެން ތިބެންވާނީ ތައްޔާރަށް. އެ މިންވަރަށް ތައްޔާރުވެ ތިބެވޭނީ، ޒަމާނީ ޢިލްމު ހޯދައި، އަޅުގަނޑުމެންގެ ވިސްނުން ތަރައްޤީކޮށްގެން.

އަޅުގަނޑު ޤަބޫލުކުރާ ގޮތުގައި، ޤައުމުގެ ތަރައްޤީއަށްޓަކައި ކުރެވޭނެ އެންމެ ބޮޑު އިންވެސްޓަކީ، ޤައުމުގެ ދަރިންނަށް ފެންވަރު ރަނގަޅު ތަޢުލީމު ދިނުން. މި އަހަރުގެ ބަޖެޓުން ވެސް އަޅުގަނޑުމެން ވަރަށް ބޮޑު ޕަރސެންޓެއް ތަޢުލީމީ ދާއިރާއަށް ކަނޑައަޅާފައި އޮންނާނެ.

އެއީ މުޅި ބަޖެޓުގެ ޖުމްލައިގެ 10.9 އިންސައްތަ، ނުވަތަ 4.6 ބިލިއަން ރުފިޔާ. އޭގެ ތެރެއިންވެސް 857 މިލިއަން ރުފިޔާ ޚާއްޞަކޮށްފައި ވާނީ، ޓަރޝަރީ އެޑިޔުކޭޝަން ނުވަތަ މަތީ ތަޢުލީމާއި ތަމްރީނު ދިނުމަށް. މިއީ ތަޢުލީމީ ދާއިރާއަށް ހޭދަކުރާ ފައިސާއަށް ވިޔަސް، ޙަޤީޤަތުގައި މިއީ ތަރައްޤީގެ ހުރިހާ ދާއިރާއަކަށް ކުރެވޭ ބޮޑު އިންވެސްޓެއް.

ފެންވަރު ރަނގަޅު ޑޮކްޓަރުން، ނަރުހުން، ޓީޗަރުން، އިންޖިނޭރުން، ލޯޔަރުން، ޕައިލެޓުން، އަދި މި ނޫނަސް ޤައުމަށް ބޭނުންވާ ކޮންމެ ދާއިރާއަކުންވެސް މީހުން ބިނާކުރެވޭނީ ތަޢުލީމަށް ހޭދަކޮށްގެން. އަޅުގަނޑު ހިތުން ދިވެހި ރައްޔިތުންވެސް މިއަދު އެ ޙަޤީޤަތް އެބަ ޤަބޫލުކުރޭ. ހިލޭ ޑިގްރީ ޕްރޮގްރާމަށާއި، ސްޓޫޑެންޓް ލޯން ޕްރޮގްރާމަށް ލިބޭ ބޮޑު ތަރުޙީބަކީ އެކަމުގެ ހެއްކެއް.

މި ދެންނެވި މަޤްޞަދު ޙާޞިލުކުރުމުގައި، މި ޔުނިވަރސިޓީއަކީ ވެސް ވަރަށް މުހިންމު ދައުރެއް އަދާކުރާ މުއައްސަސާއެއް. ޚާއްޞަ ގޮތެއްގައި އިސްލާމްދީނުގެ ޞައްޙަ ޢަޤީދާގެ މަތީގައި، ދިވެހި ޒުވާނުން ތަރުބިއްޔަތު ކުރުމުގައި، މި ޔުނިވަރސިޓީން އަންނަނީ ވަރަށް މުހިންމު ދައުރެއް އަދާކުރަމުން. އަދި އަޅުގަނޑުމެންގެ ތެރޭގައި ފެތުރިފައިވާ ހަރުކަށި ފިކުރާ ދެކޮޅަށް، ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރާ އެކު، މި ޔުނިވަރސިޓީން ވަރަށް އެދެވޭ މަސައްކަތްތަކެއް ކުރަމުން އަންނަކަން އަޅުގަނޑު އުފަލާއެކު ފާހަގަކުރަން.

މީގެ އިތުރުންވެސް، މިއަދު މި ޤައުމު ކުރިއެރުވުމަށް ބޭނުންވާ އެތައް ދާއިރާއަކުން މީހުން ބިނާކުރުމުގެ ވަރަށް ފުރިހަމަ މަސައްކަތްތަކެއް، މި ޔުނިވަރސިޓީ ވެސް އަންނަނީ ކުރަމުން. އަދި ތަޢުލީމީ ދާއިރާގެ އެހެން މުއައްސަސާތަކުން ވެސް، ވަރަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަކަން އަޅުގަނޑު އުފަލާއެކު ޤަބޫލުކުރަން.

ތަޢުލީމީ ދާއިރާ ކުރިއެރުވުމަށްޓަކައި ބޮޑެތި ބަދަލުތަކެއް، ކުރިންވެސް ދެންނެވި ފަދައިން އަޅުގަނޑުމެން ކުރަމުން އެބަ ގެންދަން. ވައިސް ޗާންސެލަރ ވިދާޅުވި ފަދައިން، މި ދާއިރާގެ މުސާރައަށް ގެނެވުނު ބަދަލު. ހެޔޮ ބަދަލެއް އަޅުގަނޑުމެންނަށް ގެނެވިއްޖެ. އެހެން ނަމަވެސް، އަދިވެސް އިޞްލާޙް ކުރަންޖެހޭ ކަންތައްތައް އެބަހުރި. މި ޔުނިވަރސިޓީގެ ލެކްޗަރަރއިންގެ މުސާރައާ ބެހޭގޮތުން ގެންނަންޖެހޭ ބަދަލުތަކެއް ހުރިކަން އަޅުގަނޑުމެންނަށް ފާހަގަކުރެވިގެން، ފިނޭންސް މިނިސްޓްރީއާއި ޕޭ ކޮމިޝަނާ އެކީގައި މިހާރު އަޅުގަނޑުމެން މަސައްކަތްތަކެއް ކޮށް ނިމުމަކާ ހިސާބަށް ގޮސްފައިވާ ވާހަކަވެސް ތިޔަބޭފުޅުންނަށް މިރޭ އަޅުގަނޑު ދަންނަވާލަން.

އަދި އޭގެއިތުރުން، މިރޭ ޑިގްރީ ޙާޞިލުކުރި އިމާމުން ކުރައްވަމުން ގެންދަވަނީ ވަރަށްބުރަ މަސައްކަތެއް. އެހެން އޮފީސްތަކުގައި މަސައްކަތް ކުރައްވާ މުވައްޒަފުންނާ ޚިލާފަށް، ހަފްތާގެ 7 ދުވަހު، ޗުއްޓީއެއް ނެތި، އޯވަރޓައިމެއް ނެތި މަސައްކަތް ކުރައްވަމުން ގެންދަވާ މުވައްޒަފުންތަކެއް. ޚިދުމަތްތެރިންތަކެއް އެއީ. އެ ބޭފުޅުންގެ އެ މަސައްކަތާ ގުޅޭގޮތުން މުސާރައަށާއި، ލިބެންވާ ޗުއްޓީއާ ބެހޭގޮތުން އަޅުގަނޑުމެން ބަދަލުތަކެއް އިރާދަކުރެއްވިއްޔާ ލަސްތަކެއްނުވެ ގެންނާނެ ވާހަކަވެސް މިރޭ ތިޔަބޭފުޅުންނަށް އަޅުގަނޑު ޙިއްޞާކުރަން.

އަދި އޭގެއިތުރުން، ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތްތަކަށް އަޅުގަނޑުމެން ދޭން ނިންމި އެލަވަންސް، އިރާދަކުރެއްވިއްޔާ، އެ އިޢުލާނުކުރި ގޮތަށް، ޖޫން މަހުގެ ތެރޭގައި ދޭން ފަށާނެ ވާހަކަވެސް އަޅުގަނޑު އުފަލާއެކުގައި މިރޭ އިޢުލާނު ކުރަން.

އަޅުގަނޑުގެ އުންމީދަކީ، މި ހިޔާ ބޮޑު ތަޢުލީމީ މުއައްސަސާގެ ހިޔަލުގައި ގިނަ ޒުވާނުންތަކެއް ތަޢުލީމު ހޯދައިގެން، ދިވެހި ޤައުމަށް ޚިދުމަތް ކުރުމުގެ ފުރުޞަތު ލިބިގެން ދިއުން. ދިވެހި ދަރިންނަށް އިސްލާމީ ޒަމާނީ ތަޢުލީމު ފޯރުކޮށްދިނުމުގައި، މި ޔުނިވަރސިޓީގެ މުވައްޒަފުން ކުރައްވާ މަސައްކަތުގައި اللهُ سُبْحَانَهُ وَتَعَالَى ބަރަކާތް ލައްވައި، އެ ބޭފުޅުންނަށް ހެޔޮ ދަރުމަ ދެއްވުން އެދި ދުޢާކުރަން. އަޅުގަނޑުމެންގެ މެދުގައި އެއްބައިވަންތަކަމާއި އެކުވެރިކަން ދަމަހައްޓަވައި، ކޮންމެ ކަމެއްގައި ވެސް އެންމެ ރަނގަޅު ގޮތް އިޚްތިޔާރު ކުރުމުގެ ހެޔޮ ތައުފީޤު އަޅުގަނޑުމެން އެންމެންނަށް ދެއްވާށި. އާމީން.

وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.