ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް، ތިލަދުންމަތީ ދެކުނުބުރީ ނޮޅިވަރަންފަރު ކައުންސިލާއި ބައްދަލުކުރައްވައިފިއެވެ. މިބައްދަލުކުރެއްވުން އޮތީ، މިއަދު މެންދުރުކުރީގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މިބައްދަލު ކުރެއްވުމުގައި، ނޮޅިވަރަންފަރު ކައުންސިލުން ވަނީ މިސަރުކާރުން އެރަށުގައިވެސް ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއް ހިންގައި ނިމިފައިވާ ކަމަށާ އަދި މިހާރުވެސް ބައެއް މަޝްރޫޢުތައް ހިނގަމުންދާކަން ފާހަގަކުރައްވާފައެވެ. އަދި ފެނާއި ނަރުދަމާގެ މަޝްރޫޢު ނިމި، ބޯހިޔާވަހިކަމުގެ ދަތިކަން ހައްލުކޮށްދެއްވުމުގެ ގޮތުން، ކުރިޔަށްގެންދާ 100 ހައުސިންގ ޔުނިޓް އިމާރާތްކުރުމުގެ މަސައްކަތްވެސް މުޅިން ނިމުމަކާއި ހަމައަށް ގޮސްފައިވާކަން ކައުންސިލުން ފާހަގަކުރެއްވިއެވެ.

މިބައްދަލުވުމުގައި ކައުންސިލުން ނޮޅިވަރަންފަރަށް އެންމެ ބޭނުންވެފައިވާ ކަންކަމުގެ ތެރޭގައި، މަގުހެދުމާއި ނެރު ފުންކުރުމުގެ މަސައްކަތް ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ސްކޫލުގެ ޖާގަ އިތުރުކުރުމާއި، ޞިއްޚީ ޚިދުމަތާއި، ކުޅިވަރުކުޅުމުގެ ވަޞީލަތްތައް އިތުރަށް ތަރައްޤީކުރަން ބޭނުންވާކަން ކައުންސިލުން ފާހަގަކުރެއްވިއެވެ. އަދި ނޮޅިވަރަންފަރަކީ، 3 ރަށަކުން މީހުން ހިޖުރަކޮށްފައިވާ ރަށަކަށް ވުމާއިއެކު ކައުންސިލް އިދާރާގައި އިދާރީ މުވައްޒަފުންގެ ގޮތުގައި 40 ވުރެ ގިނަ މުވައްޒަފުން ތިބިކަން ފާހަގަކުރައްވައި މުސާރައިގެ އޮނިގަނޑުގައި މިހާރުހުރި މައްސަލަތައްވެސް ކައުންސިލުން ފާހަގަކުރެއްވިއެވެ.

މިބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްކެވި ވާހަކަފުޅުގައި، ނޮޅިވަރަންފަރުގެ މަގުހެދުމުގެ މަޝްރޫއާގުޅޭ ގޮތުން މިހާރު ކުރެވޭ މަސައްކަތްތަކުގެ މަޢުލޫމާތު ކައުންސިލާއި ޙިއްޞާކުރެއްވިއެވެ. މީގެ އިތުރުންވެސް ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގެ ތެރެއިން އަވަހަށް ހައްލެއް ބޭނުންވާ ކަންކަމާއި އެނޫން ކަންތައްތަކާއި ގުޅޭ ގޮތުން ކަމާއި ބެހޭ މުއައްސަސާތަކާއި ގުޅިގެން މަސައްކަތްކޮށްދެއްވާނެ ކަމުގައި ވިދާޅުވިއެވެ.