بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

ގަދަކީރިތިވަންތަ اللَّـهُ سُبْحَانَهُ وَتَعَالَىٰގެ ކިބަފުޅަށް ޙަމްދާއި ޝުކުރުކުރަން. ކައުއިތުރު ނަބިއްޔާ مُحَمَّـد رســول اللّـه صـلّى الله علـيـه وسـلّمގެ ކިބަޔަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން. އަދި މި ޞަލަވާތާއި ސަލާމުގައި އެކަލޭގެފާނުގެ އާލު އަޞްޙާބުން ޝާމިލުކުރަން.

ޕްރޮސިކިއުޓަރ ޖެނެރަލް އަލްއުސްތާޛު ޙުސައިން ޝަމީމް، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރ އަޙްމަދު ސަމީރު، ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދު، ޔުނިސެފްގެ ރެޕްރެޒެންޓެޓިވް ޑޮކްޓަރ އެޑްވަރޑް އެޑާއި، ޑެޕިއުޓީ ހައިކޮމިޝަނަރ، އޮސްޓްރޭލިއަން ހައިކޮމިޝަން، ޖިނާއީ ޢަދުލުގެ ނިޒާމް، މި ދާއިރާގައި ހިމެނިވަޑައިގަންނަވާ އެންމެހައި ބޭފުޅުން، އަދި މުއައްސަސާތަކުގެ އިސްވެރިން، ވަޑައިގެން ތިއްބެވި އެންމެހައި ބޭފުޅުން؛

السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.

އާދެ، އަޅުގަނޑަށް މިއަދު މިއޮތީ އެންމެ ފަސޭހަ ކަންތައް. ވަރަށް ބުރަ މަސައްކަތެއް ކުރައްވާފައި އޮތް އޮތުމާއެކު، އަޅުގަނޑަށް ހަމައެކަނި މި ޖެހުނީ އަޅުގަނޑުގެ އިނގިލިން ހަމަ ކުޑަކުޑަކޮށް ފިތާލަން. އެހާވެސް ފަސޭހަކަމެއް އަޅުގަނޑާ ހަވާލުކުރައްވާފައި މިއޮތީ. އާދެ، އެހެންނަމަވެސް، އަޅުގަނޑު ޤަބޫލުކުރަނީ މިއީ ވަރަށް މުހިންމު، ވަރަށް ބުރަ މަސައްކަތެއް ކަމަށް. މިފަދަ މުހިންމު މަސައްކަތެއްގެ އިނީޝިއޭޓިވް ނަންގަވައި، ޒަމާނީ ޓެކްނޯލޮޖީގެ ވަސީލަތްތަކުގެ ބޭނުން އެންމެ ރަނގަޅަށް ހިފައިގެން އަވަހަށް މަސައްކަތް ކުރިއަށް ގެންދެވޭނޭފަދަ ކަންތައްތަކެއް ހަމަޖެއްސެވި ކަމަށްޓަކައި، މިކަމާ ގުޅުންހުރި އެންމެހައި ފަރާތްތަކަށް ޚާއްޞަކޮށް، ޕްރޮސިކިއުޓަރ ޖެނެރަލް، ޔުނިސެފް އަދި އޮސްޓްރޭލިއާ ސަރުކާރަށް އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.

އެނގިވަޑައިގަންނަވާނެ، އަޅުގަނޑުމެންނަށް އާންމުގޮތެއްގައި ފެންނަނީ، ބިޔަ މަޝްރޫޢުތައް، ބޮޑެތި މަސައްކަތްތައް ކުރެވެމުންދާއިރު ވަރަށް ވެލް ކޯޑިނޭޓަޑް، ވަރަށް ގުޅިގެން މަސައްކަތް ނުކޮށްފި ކަމަށްވަންޏާ އެންމެ އެދެވޭގޮތަށް، ރައްޔިތުން ބޭނުންވާ ގޮތަށް އެ ކަންތައްތައް ކުރިޔަށް ނުދާތަން. އެއީ، މިސާލަކަށް ބަނދަރެއް ހެދި ކަމުގައިވިޔަސް، އަދި މަގު ހެދި ކަމުގައިވިޔަސް، އަދި އެ ނޫން މަސައްކަތެއް ކުރުމުގައިވެސް ކަމާ ގުޅުންހުރި ފަރާތްތަކުގެ ހަމަހަމަކަން، ޝާމިލްވުން، ބައިވެރިވުން ނެތް ކަމަށްވަންޏާ، ކޮންމެވެސް އެއް ދިމާއަކުން އެ މަސައްކަތް އޮންނަނީ ފެއިލްވެފައި.

އަޅުގަނޑުމެން މި ދައްކަނީ ޢަދުލުއިންޞާފުގެ ވާހަކަ. اللَّـهُ سُبْحَانَهُ وَتَعَالَىٰ އަޅުގަނޑުމެންގެ މައްޗަށް އެންމެ ބޮޑަށް ބާރުއަޅުއްވާފައިވާ ކަމަކީ އިންޞާފު، ޢަދުލުވެރިކަން. އަޅުގަނޑުމެން މީހެއްގެ މައްޗަށް ޙުކުމެއް، ނިންމުމެއް ނިންމާ ކަމަށްވަންޏާ، ޢަދުލުވެރިކަން އޭގައި އޮންނަންޖެހޭ. އަދި ވަކިން ޚާއްޞަކޮށް، ކަންކަން ހިންގަން ތިބޭ ފަރާތްތައް، ވެރިން، ކަމުގެ މަސްއޫލުވެރި ފަރާތްތަކުގެ މައްޗަށް އޮންނަ އެންމެ ބޮޑު ވާޖިބަކީ އިންޞާފުން ކަންތައްތައް ކުރުން. އާދެ، މި ކަންތައްތައް މި ކުރެވެނީ، ވަރަށް ގިނަ ދާއިރާތަކެއް ގުޅިގެން، އެކުގައި މަސައްކަތްތަކެއް ކުރެވިގެން.

އެނގިވަޑައިގަންނަވާނެ، އަބަދުވެސް ޒަމާނުއްސުރެ ފެށިގެންވެސް އެންމެ ބާރަށް ދެކެވޭ އެއް ވާހަކައަކީ، ޝަކުވާއަކަށްވެފައި އޮންނަނީ އިންޞާފުގެ ވާހަކަ. އިންޞާފު ބޭނުންވާ ވާހަކަ. އަޅުގަނޑު ޤަބޫލުކުރާ ގޮތުގައި އިންޞާފަކީ އެއީ އެއްގޮތަކަށްވެސް އަޅުގަނޑުމެން ހެޔޮވެގެން، މާ ރަނގަޅު ބަޔަކަށް ވެގެން ދޭ ރިވޯޑެއްގެ ގޮތުގައި އޮންނަ އެއްޗެއް ނޫން. އެއީ ކޮންމެ މީހަކަށްވެސް ޙައްޤުވާ އެއްޗެއް. އަޅުގަނޑުމެން އެއްވެސް މީހެއްގެ ހިތުތެރޭގައި ނުތަނަވަސްކަމެއް، ހިތްހަމަނުޖެހުމެއް އޮންނަ އޮތުމަކީ އެއީވެސް އެ މީހަކަށް އިންޞާފު ނުވަތަ ޢަދުލުވެރިކަމާއެކު، އެ މީހެއްގެ ކަންތައްތައް ކުރިޔަށް ގެންދަން ނުޖެހޭނެ ސަބަބެއް ކަމުގައި އަޅުގަނޑުމެން ދެކިގެނެއް ނުވާނެ. އިންޞާފަކީ އެއީ، ވަކި ކުލައަކަށް، ވަކި ސައިޒަކަށް، ވަކި ރަށަކަށް، ވަކި ތަނަކުން އަންނަ މީހެއްގެ ބެލިގެންވެސް ދެވޭ އެއްޗެއް ނޫން. ޤައުމެއްގައިވެސް، ދައުލަތެއްގެ ތެރޭގައި ދުވަހަކުވެސް ހަމަޖެހޭ ހަމަޖެހުމެއް، އަމަންއަމާންކަމެއް އަޅުގަނޑުމެންނަކަށް ޤާއިމެއް ނުކުރެވޭނެ، މި ދެންނެވި ކަންތައްތަކަށް އަޅުގަނޑުމެން އިސްކަންދީގެން، އެ ކަންތައްތައް ނުކުރާހާ ހިނދަކު.

އަޅުގަނޑުމެން ޤަބޫލުކުރަންވީ ކަމަކީ، ޤާނޫނުއަސާސީންނާއި، ޤާނޫނުތަކުން ޢަދުލުއިންޞާފުގެ ކަންތައް ކަނޑައެޅިގެން ވަކި ބައެއްގެ މައްޗަށް މަތިކޮށްފައި އެބައޮތްކަން. އިސްލާމްދީނުގައި اللَّـهُ سُبْحَانَهُ وَتَعَالَىٰ އަމުރު ކުރައްވާފައި އެބައޮތް. އެއީ، ވަކި ބަޔަކަށް ހަވާލުކޮށްފައިވާ ޒިންމާއެއް. އެއީ، ވަރަށް ބޮޑު އަމާނާތެއް. އެ ކަންތައްތައް ކުރިޔަށް ގެންދިޔުމަށްޓަކައި، އަޅުގަނޑުމެން ހަމަ ކުރަންވީހާވެސް ކަމަކީ، އަޅުގަނޑުމެންގެ ފަރާތުން އެކަމަކަށް ލިބެންޖެހޭ އެއްބާރުލުމާއި، އެހީތެރިކަމާއި، އެ މަދަދުވެރިކަން ފޯރުކޮށްދިނުން. އެ ކަންތައްތައް ކުރިޔަށް ގެންދިއުމަށް ތަޙުޤީޤީ މަރުޙަލާގައްޔާއި، ދެން ކުރިއަށްދާ ހުރިހާ މަރުޙަލާތަކެއްގައި، އެ މުސްތަޤިއްލުކަން އަބަދުވެސް އޮންނަން ޖެހޭނެ.

އެނގިވަޑައިގަންނަވާނެ، 2004 ވަނަ އަހަރު ދިވެހިރާއްޖޭގެ ޤާނޫނުއަސާސީ އިޞްލާޙު ކުރުމުގެ މަސައްކަތުގެ ތެރޭގައިވެސް، މުޅި ޤާނޫނުއަސާސީ އިޞްލާޙު ކުރުމުގެ އެންމެ ބޮޑު ބޭނުމަކަށް، މަޤްޞަދަކަށްވެފައި އޮތީވެސް މުސްތަޤިއްލުކަމާއެކު ތަޙުޤީޤުތަކާއި، ޝަރީޢަތް ކުރިޔަށް ގެންދެވޭނެ ގޮތަށް މަގުފަހިކުރުން. އެހެންވީމާ، މިއަދު އަޅުގަނޑު ހަމަ ދަންނަވާލަން ބޭނުންވޭ، އަޅުގަނޑުމެން މިއަދު މި މަގާމުގައި ތިބެ އަޅުގަނޑުމެން ކުރަންޖެހޭ ކަމެއް ކަމަށް މިއޮތީ ފުލުހުންނަށް ބަރާބަރަށް ރަނގަޅަށް ކަންތައްތައް ކުރިއަށް ގެންދެވޭނޭ ގޮތަށް، އަޅުގަނޑުމެންނަށް ކޮށްދެވެން އޮތް ހުރިހާ މަސައްކަތްތަކެއް ކޮށްދިނުން. ހަމަ އެއާއެކު، ޝަރީޢަތުގެ މަރުޙަލާގައި، އެ ކަންތައްތައް ކުރިއަށް ގެންދިއުމަށްޓަކައި އެ މަގު ފަހިކޮށްދިނުން.

އަޅުގަނޑުމެންގެ ޤައުމު ކުޑަވުމާވެސް އެކު، ކޮންމެ ދިމާއަކުން ކޮންމެ ކަހަލަ އަޑެއް އިވުނަސް، ކުށަކަށްވިޔަސް، ކުޑަ ކަމަކަށްވިޔަސް، ބޮޑު ކަމަކަށްވިޔަސް، ރަނގަޅަށް ބަލައިލާއިރު، އެ ވާނީ ކޮންމެވެސް ގާތް ރައްޓެއްސަކަށް، ނޫނީ ރައްޓެއްސެއްގެ ތިމާގެ މީހަކަށް، ނޫނީ ރައްޓެއްސެއްގެ ރައްޓެއްސަކަށް، ނޫނީ ތިމާގެ މީހަކަށް. ހިތަކަށް ކުޅަދާނަ ކަމެއް ނޫން، ފަސޭހައެއްވެސް ނޫން، އެއްވެސް މީހަކާ ދޭތެރޭގައި ދެރަކަމެއް މެދުވެރިވެގެންދިޔުމަކީ. އެކަމަކު އަޅުގަނޑުމެން ޤަބޫލުކުރަންޖެހޭނެ، އެމީހާ ކުށެއް ކޮށްފައި އޮތް ކަމަށްވަންޏާ، އެއީ އަދި މާދެރަ ކަމެއްކަން. އޭގެ ސަބަބުން ޢާއިލާއަކަށް، ބަޔަކަށް ކުރާ އަސަރު އަދި މާބޮޑުވާނެ. އެހެންވީމާ، ޙަޤީޤަތަކީ މިކަހަލަ ކަންތައްތައް އަޅުގަނޑުމެން ޤަބޫލުކޮށް، އަޅުގަނޑުމެން އެކަމަށް ފުރުޞަތު ދޭން ޖެހޭނެކަން.

އާދެ، އެނގިވަޑައިގަންނަވާނެ، މި ސަރުކާރުން، ރައީސުލްޖުމްހޫރިއްޔާގެ އެންމެ ބޮޑު އެއް ވަޢުދު، އެންމެ ބޮޑު އެއް މަސައްކަތް، މި ކަންތައްތަކަށް އިންޞާފު ހޯދައިދިނުމުގެ ހުރިހާ މަރުޙަލާއެއްގައިވެސް ސަރުކާރުން ކުރެވެން ހުރި ހުރިހާ މަސައްކަތްތަކެއް ކުރުން. ވޭތުވެދިޔަ އަހަރުތަކުގައި، ހަތަރުވަރަކަށް އަހަރު ދުވަހުގެތެރޭގައި، ވަރަށް ގިނަ މަސައްކަތްތަކެއް ކުރެވިއްޖެ. ޚާއްޞަކޮށް، އަޅުގަނޑުމެން ފުލުހުންގެ ދާއިރާއަށް ބަލައިފި ކަމަށްވަންޏާ، މިހާރު އައްޑޫގައި ހުޅުވިފައި ހުރި ޕޮލިސް ކޮލެޖަކީ މިކަމަށް މަގުފަހިކޮށްދޭނޭ ވަރަށް ބޮޑު މަރުކަޒެއް.

އެނގިވަޑައިގަންނަވާނެ، ކުށްތައް ދަނީ ބަދަލުވަމުން. ކުށްކުރާ މީހުން، މީގެ ފަސްދޮޅަސް އަހަރު ކުރިން، ސާޅީސް އަހަރު ކުރިން، ކުރިގޮތަކަށް ނޫން ކުށް ކުރަނީކީ. އެމީހުންވެސް މޮޅު. ޓެކްނޯލޮޖީއެއްވެސް ނެތް ކުރީގައި. ހަމަ އެއްވެސް އެއްޗެއް ނެތް. އަޅުގަނޑުމެން ގަލަމެއް ހިފައިގެން ހުރިހާ މަސައްކަތެއް ކުރަން އުޅުނީ. އެކަމަކު މިއަދު އެކަންވެސް ބަދަލުވެއްޖެ. އެ ކުށް ކުރުމުގެ ވައްޓަފާޅިއާއި، ކުށްކުރާ ގޮތާ ވަރަށް ތަފާތު. އެ މީހުންނާ އަރާހަމަކުރަން އެބަޖެހޭ. އެކަންވެސް ހޯދަން އެބަޖެހޭ.

އެހެންވީމާ، އަޅުގަނޑު ޤަބޫލުކުރަނީ، އަދި ހަމަ އެއާއެކު ޝަރުޢީ ދާއިރާގެ ތަމްރީނާ އަރާހަމަކުރުމަކީ އެއީ، އަޕްޑޭޓްވުން. ކޮންމެ ކަމެއްވެސް އަޕްޑޭޓްވާން އެބަޖެހޭ. އަޅުގަނޑުމެން ގެންގުޅޭ ފޯނަށްވެސް ދެ ދުވަހުން އެއްދުވަހު ކޮންމެވެސް މެސެޖެއް އޮންނާނެ އައިސްފައި. އެއީ، އަރާހަމަކުރަން. ނޫނީ އަދާހަމަކުރަން. ނޫނީ އެއީ، އެ ވަސީލަތް އެންމެ ފުރިހަމަގޮތުގައި ބޭނުންކުރެވޭނެ ގޮތުގައި ކަންތައްތައް ކުރަން.

އެހެންވީމާ، އަޅުގަނޑުމެން އިރާދަކުރެއްވީތީ، މި ސަރުކާރުން މި ދެންނެވި ގޮތަށް ރައީސުލްޖުމްހޫރިއްޔާ ވަރަށް ބޮޑު އިސްކަމެއް ދެއްވި ކަމެއް، އިސްކަން ދެއްވަމުން ގެންދަވާ ކަމެއް، ޚާއްޞަކޮށް، ޢަދުލުއިންޞާފުގެ ކަންކަން. މި ދެންނެވި ގޮތަށް އެއީ، އިންސާނަކަށް ނޭވާލާ ފަދައިން، އިންސާނާއަށް އެންމެ މުހިންމު ވަސީލަތް. އެންމެ ބޮޑަށް ބޭނުންވާ ޙައްޤެއް އެއީ. އެހެންވީމާ، އެކަން ހޯދައިދިނުމަށްޓަކައި ކުރެވެން ހުރި ހުރިހާ މަސައްކަތްތަކެއް އަޅުގަނޑުމެން ހުރިހާ އެންމެން ކުރަންޖެހޭނެ.

އާދެ، އަޅުގަނޑު ހަމަ މި ފުރުޞަތުގައި ޝުކުރު އަދާކޮށްލަން ބޭނުންވޭ. މިފަދަ ސިސްޓަމެއް ޤާއިމުކުރުމާ ގުޅޭގޮތުން ޕްރޮސިކިއުޓަރ ޖެނެރަލާ އެކިފަހަރު މަތިން ބައްދަލުވެ، މިކަހަލަ ވާހަކަތައް އަޅުގަނޑާވެސް ދެކެވެމުންދިޔަ. އަދި މި ވާހަކަވެސް އަޅުގަނޑު ގާތުގައި ވަރަށްގިނަފަހަރަށް ވިދާޅުވެފައި އެބަވޭ. އެހެންވީމާ، މިކަން އަޅުގަނޑު ހަމަ ފާހަގަކޮށް، ޚާއްޞަކޮށް ޕްރޮސިކިއުޓަރ ޖެނެރަލަށްވެސް އަޅުގަނޑު ވަރަށް ބޮޑަށް ޝުކުރު އަދާކުރަން. އަޅުގަނޑުމެން ކުރީގައި މި ދެންނެވި ގޮތަށް، ފަސޭހަކަމާއެކު މި މަސައްކަތްތައް ޝަރީޢަތް ހިންގުމުގެ އެ ކަންތައްވެސް އެ މަގުފަހިކުރުމަކީ އެއީ މުހިންމު ކަމަކަށް ވަނީ.

އެނގިވަޑައިގަންނަވާނެ، ރާއްޖޭގެ މި ރަށްތައް އޮންނަ ގޮތުން އުނދަގޫ ކަމަކަށްވޭ. ޚަރަދު ބޮޑު ކަމަކަށްވޭ. ތަކުލީފަކަށްވޭ. އެއީ އަދި ކުށެއް ކޮށްފައި ހުންނަ މީހަކަށްވީނަމަވެސް، އިތުރު އަނިޔާތަކެއް އެ މީހަކަށް ދިނުމަކީ އެއީވެސް ކޮށްގެންވާނެ ކަމެއް ނޫން. ރާއްޖޭގެ ރަށްތައް ހުންނަގޮތުން، މިފަދަ ނިޒާމެއް ޤާއިމްވެގެން ދިޔުމުން، އަޅުގަނޑު ޤަބޫލުކުރަނީ، ކުރިޔަށް އޮތް ތާނގައި އިރާދަކުރެއްވިއްޔާ، ވަރަށް ބޮޑު ފަސޭހަތަކެއް ވެގެންދާނެ ކަމަށް. ވަގުތު ސަލާމަތްވެގެންދާނެ ކަމަށް. ތަކުލީފުތަކާއި ޚަރަދުތައްވެސް ކުޑަވެގެންދާނެއޭ. އާދެ، އެކަމަށްޓަކައި އަދިވެސް އެއްފަހަރު، އަޅުގަނޑު ޕްރޮސިކިއުޓަރ ޖެނެރަލަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރަން. އަދި ހަމަ އެއާއެކު، އަޅުގަނޑުމެންނަށް ޔުނިސެފް އަދި އޮސްޓްރޭލިއާ ސަރުކާރުން ވެދެއްވި އެހީތެރިކަމަށާއި، އަދި ވެދެއްވަމުން ގެންދަވާ އެހީތެރިކަން ފާހަގަކޮށް، މިއަދު މިތަނަށް ވަޑައިގެން ތިއްބެވި މި ދެ ބޭފުޅުންނަށްވެސް، ޚާއްޞަކޮށް އަޅުގަނޑު ޝުކުރު އަދާކުރަން.

UNICEF representative and also Deputy High Commissioner, I would like to express my gratitude to both UNICEF and the Australian Government. This is happening at a very crucial time. We have started so many things in this country the last five years and this is one area that the Government has focused a lot. And we believe that each and every person has the right, it is not a reward. Children, women, each and every person. So this is our determination and I hope this data management system is paving the way to deliver the work of all the sectors at a rapid speed. I thank you very much.

Thank you.