ހަންގޭރީ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު ހިޒް އެކްސެލެންސީ އިސްޓްވާން ސްޒާބޯ، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް މިއަދު އަރުވައިފިއެވެ.

މިއަދު މެންދުރުކުރިން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ރަސްމިއްޔާތުގައި، ފަތްކޮޅު އެރުވުމަށްފަހު، ހަންގޭރީގެ އައު ސަފީރާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައި، އެމަނިކުފާނު ސަފީރުކަމާ ހަވާލުވެވަޑައިގަތުމާ ގުޅިގެން މަރުޙަބާ ވިދާޅުވިއެވެ. ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި އެމަނިކުފާނު ވަނީ މި ޙަފްތާގައި ރާއްޖެއާއި ހަންގޭރީއާ ދެމެދު ސިޔާސީ ގުޅުން ޤާއިމްކުރިތާ 48 އަހަރު ފުރޭކަން ފާާހަގަކުރައްވައި، ޚާއްޞަކޮށް ފާއިތުވި ދެއަހަރު ދެޤައުމުގެ މަތީ ފަންތީގެ ބޭފުޅުންގެ ޒިޔާރަތްތަކުން ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިވެފައިވާކަން ފާހަގަކުރައްވާފައެވެ.

މީގެ އިތުރުން ވެސް ދެބޭފުޅުން ވަނީ މަތީ ތަޢުލީމުގެ ދާއިރާއިންނާއި، ކުޅިވަރުގެ ދާއިރާއިންނާއި، ފަތުރުވެރިކަމުގެ ދާއިރާއިންނާއި، ވިޔަފާރިއާއި ޢިޤްތިޞާދުގެ ދާއިރާއިން އިތުރަށް ގުޅުން ބަދަހިކުރެެއްވުމަަށް ބޭނުންފުޅުވާ ކަމުގައި ވިދާޅުވެފައެވެ.

މި ބައްދަލުކުރެއްވުން ނިންމަވާލައްވަމުން، ރައީސުލްޖުމްހޫރިއްޔާ އާއި ހަންގޭރީގެ ސަފީރު ވަނީ، ދެޤައުމުގެ މެދުގައި އޮތް ގާތް ރަޙްމަތްތެރިކަމުގެ ގުޅުން، އިތުރަށް ބަދަހިވެގެންދާނެކަމަށް އުންމީދު ކުރައްވާކަމުގައި ވިދާާޅުވެފައެވެ.