ޘާނަވީ ތަޢުލީމު ނިންމާ އިމްތިޙާނުތަކުގެ އެންމެ ޝަރަފްވެރި ވަނަތައް ޙާޞިލް ކުރި ދަރިވަރުންނަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އިނާމާއި ޓްރޮފީ ޙަވާލުކޮށްދެއްވައިފިއެވެ.

ޘާނަވީ ތަޢުލީމު ނިންމާ އިމްތިޙާނުތަކުން އެންމެ ރަނގަޅު ނަތީޖާތައް ހޯދާ ދަރިވަރުންނަށް އިނާމް ދިނުމަށް ބާއްވާ، މަތީ އަރުތަވެރިންގެ އިނާމު ދިނުމުގެ ޖަލްސާ ރެއާ މިރޭވެސް ވަނީ ދަރުބާރުގޭގައި ބާއްވާފައެވެ.

މިރޭގެ ޖަލްސާގައިވެސް ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި އަނބިކަނބަލުން ފަޒްނާ އަޙްމަދާއި، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ބައިވެރިވެވަޑައިގެންނެވިއެވެ.

މިރޭގެ ޖަލްސާގައި ޘާނަވީ ތަޢުލީމު ނިންމާ އިމްތިހާނުތަކުން ވަކިވަކި މާއްދާތަކުން މުޅި ދުނިޔެއިން 1 ވަނަ ނަތީޖާ ހޯދި 4 ދަރިވަރުންނަށާއި، 2021-2022 ވަނަ އަހަރުގެ ޘާނަވީ ތަޢުލީމު ނިންމާ އިމްތިހާނުތަކުން އެއްވަނަ ހޯދި 9 ދަރިވަރުންނަށް ޓްރޮފީ އާއި ހަނދާނީ ލިޔުން ޙަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހެވެ.

މިޖަލްސާގައި، ޘާނަވީ ތަޢުލީމު ނިންމާ އިމްތިޙާނުތަކުން އެންމެ ރަނގަޅު 10 ނަތީޖާ ހޯދި ދަރިވަރުންގެ ތެރެއިން 2 ވަނަ ހޯދި 16 ދަރިވަރުންނަށާއި، ޘާނަވީ ތަޢުލީމު ނިންމާ އިމްތިހާނުތަކުގެ އެކިއެކި މާއްދާތަކުން މުޅި ދުނިޔެއިން 2 ވަނަ އިން 10 ވަނަ އާ ދެމެދުގެ ވަނަތައް ހޯދި 3 ދަރިވަރުންނަށް ޓްރޮފީއާ ހަނދާނީ ލިއުން ޙަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންނެވެ.

ޘާނަވީ ތަޢުލީމު ނިންމާ އިމްތިޙާނުތަކުން އެންމެ ރަނގަޅު 10 ނަތީޖާ ހޯދި ދަރިވަރުންގެ ތެރެއިން 3 ވަނަ ހޯދި 45 ދަރިވަރުންނަށް މިރޭގެ ޖަލްސާގައި އިނާމު ޙަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމެވެ.

މިދިޔަ ދިރާސީ އަހަރު ޘާނަވީ އިމްތިޙާން ފުރިހަމަކުރި 6360 ދަރިވަރުންގެ ތެރެއިން، 844 ދަރިވަރުން އެންމެ ރަނގަޅު 10 ވަނައިގެ ތެރޭގައި ހިމެނެއެވެ. އަދި މީގެ ތެރޭގައި ޘާނަވީ ތަޢުލީމު ނިންމާ އިމްތިޙާނުތަކުން މުޅި ދުނިޔޭގެ އެންމެ ގަދަ 10 ވަނައިގައި ހިމެނުނު 11 ދަރިވަރަކާއި، ހައި އެޗީވްމެންޓް ޙާޞިލުކުރި 6 ދަރިވަރަކު ހިމެނެއެވެ.