بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

اللهُ سُبْحَانَهُ وَتَعَالَى އަށް ޙަމްދާއި ޝުކުރު ކުރަން. މި އުންމަތުގެ މާތް ނަބިއްޔާ مُحَمَّدُ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ އަށް، ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން. މި ޞަލަވާތާއި ސަލާމުގައި އެކަލޭގެފާނުގެ އާލުންނާއި އަޞްޙާބުން ޝާމިލުކުރަން.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް، މިނިސްޓަރ އޮފް އެޑިޔުކޭޝަން ޑޮކްޓަރ ޢާއިޝަތު ޢަލީ، ދައުލަތުގެ ވަޒީރުން، މަތީ އަރުތަވެރިންގެ އިނާމު ޙާޞިލްކުރާ ހުރިހާ ދަރިވަރުން، ސްކޫލްތަކުގެ އިސް ވެރިންނާއި، ޓީޗަރުން، ދަރިވަރުންގެ ލޮބުވެތި މައިންބަފައިންނާއި ބެލެނިވެރިން، ހާޒިރުވެވަޑައިގެން ތިއްބެވި އެންމެހައި ބޭފުޅުން؛

السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.

މިރޭގެ މި އުފާވެރި ބައްދަލުވުމުގައި އަޅުގަނޑަށް ބައިވެރިވެވޭކަމީވެސް އަޅުގަނޑަށް ލިބޭ ވަރަށްބޮޑު އުފަލެއް.

މިދިޔަ 10 އަހަރުގެ ތެރޭގައި ތިޔަ ދަރިވަރުން ކުރި މިންނެތް މަސައްކަތާއި، މައިންބަފައިންނާއި ބެލެނިވެރިން ދެއްވި ފުރިހަމަ އެއްބާރުލުމާއި، ކުރެއްވި ބުރަ މަސައްކަތުގެ ނަތީޖާ ވަރަށް ފޮނި. އަދި އަރުތަވެރި މަންޒިލަކަށް ތިޔަ ކުދިން ގެންދިޔުމަށްޓަކައި ބުރަ މަސައްކަތްތަކެއް ކޮށްދެއްވި ޓީޗަރުންނާއި މުދައްރިސުން އެ ކުރެއްވި ބުރަ މަސައްކަތްވެސް އެއީ އުފާކުރުން ޙައްޤު މަސައްކަތެއް.

އެކަމަށްޓަކައި، ތިޔަ އެންމެހައި ދަރިވަރުންނަށް ތަހުނިޔާ އާއި ހެޔޮއެދުންތައް ފޮނުވަން. އަދި ސްކޫލްތަކުގެ އިސް ވެރިންނާއި ޓީޗަރުންނަށް އަދި މައިންބަފައިންނާއި ބެލެނިވެރިންނަށް، ހިފެހެއްޓުމެއް ނެތް ޝުކުރު އަދާކުރަން. އާދެ، އަދި މިހާރު މި ހޯދަމުންދާ ކާމިޔާބީއާއި ކުރިއެރުމުގައި ބުރަ މަސައްކަތްތަކެއް ކުރައްވާ، އެ ދާއިރާ ހަވާލުވެވަޑައިގެން ހުންނެވި ޑޮކްޓަރ ޢާއިޝަތު ޢަލީއަށާއި، އެޑިޔުކޭޝަން މިނިސްޓްރީގެ ހުރިހާ މުވައްޒަފުންނަށް އަޅުގަނޑު އިޚްލާޞްތެރިކަމާއެކު ޝުކުރު އަދާކުރަން.

ތިޔަ ދަރިވަރުންނަކީ، މިދިޔަ ދިރާސީ އަހަރު ސާނަވީ އިމްތިޙާން ފުރިހަމަކުރި 6360 ދަރިވަރުންގެ ތެރެއިން، ޤައުމީ ފެންވަރުގައި އެންމެ ގަދަ 10ގައި ހިމެނުނު ދަރިވަރުން. އަދި ކޭމްބްރިޖް އިމްތިޙާނުން މުޅި ދުނިޔޭގެ އެންމެ ގަދަ 10 ވަނައިގައި ހިމެނުނު 11 ދަރިވަރަކާއި، ކޭމްބްރިޖްގެ ހައި އެޗީވްމަންޓް ޙާޞިލްކުރާ 6 ދަރިވަރަކު ވެސް މިފަހަރުގެ ލިސްޓުގައި ހިމެނޭ.

ތަޢުލީމީ ރޮނގުން ތިޔަ ދަރިވަރުން ތިޔަ ހޯދި ފުރިހަމަ ނަތީޖާއިން، އަޅުގަނޑުމެން މިކުރާ މަސައްކަތަށް ވަރަށް ބޮޑު ހިތްވަރެއް ލިބޭ. އަޅުގަނޑުމެން މަސައްކަތް މި ކުރަނީ، ރާއްޖޭގެ ކޮންމެ ދަރިއަކަށް، ރަނގަޅު ތަޢުލީމު ދީ، ރިވެތި އަޚްލާޤުގެ މަތީގައި ތަރުބިއްޔަތު ކުރުމަށް. އެކަން ޙާޞިލްކުރުމަށްޓަކައި އަޅުގަނޑުމެން މަސައްކަތް މި ކުރަނީ، ރާއްޖޭގެ ހުރިހާ ރަށެއްގައި ފެންވަރު ރަނގަޅު ތަޢުލީމު ލިބޭނެ ގޮތްތައް ހޯދައިދޭން.

ތިޔަ ދަރިވަރުންނަށް ވެސް އަދި އެންމެހައި ދިވެހި ދަރިވަރުންނަށް އަޅުގަނޑު އިލްތިމާސް ކުރަނީ، ތަޢުލީމީ ރޮނގުން ކުރިއަށް ދިއުމަށް ފަހިވެފައިވާ ފުރުޞަތުތަކުގެ ބޭނުން، ވީ އެންމެ ފުރިހަމައަކަށް ހިފުމަށް. އަދި ދިވެހި ޤައުމާއި، ތިޔަ ދަރިވަރުންގެ ޢާއިލާތައްވެސް ފަޚުރުވެރިވާނެ ފަދަ، ޢިލްމީ އަދި ހެޔޮލަފާ ކުދިންތަކަކަށްވުމަށް ވެސް، އަޅުގަނޑު އިލްތިމާސް ކުރަން.

ތިޔަ ދަރިވަރުން ދެން ކުރިމަތިލާނީ މަތީ ސާނަވީ މަރުޙަލާއާ. އެއީ ތިޔަ ދަރިވަރުންގެ ކުރިމަގު ބިނާކުރުމަށް ބޭނުންވާ ބިންގާ އަޅައިދޭނެ މަރުޙަލާ. މަތީ ސާނަވީ ފުރިހަމަކުރާ ދަރިވަރުންނަށް ވެސް އަދި މަތީ ތަޢުލީމަށް ކުރިމަތިލާ ދަރިވަރުންނަށްވެސް، އަޅުގަނޑު ދަންނަވަން އޮތީ، އެ ކުއްޖެއްގެ ޤާބިލުކަމާ އެންމެ އެކަށޭނަ ރޮނގަކުން ދެވެން އޮތް އެންމެ މައްޗަކަށް ދިއުމަށް އަމާޒު ހިފާށޭ.

މިއީ ތިޔަ ދަރިވަރުން ކުރިއަށް ދާނެ ރޮނގަކާ މެދު ވިސްނައި، ކުރިމަގަށް އަމާޒު ހިފަންވީ ދުވަސްވަރު. ތިޔައިގެ ތެރޭގައި ތަފާތު ފަންނުތަކުން ކުރިއަށް ދެވޭނެ ހުނަރުވެރި އެތައް ދަރިވަރުންނެއް ތިބޭނެކަން އަޅުގަނޑަށް ހަމަ ޔަޤީން. އެ ކުއްޖެއްގެ ކިބައިގައި ހުރި ހުނަރުވެރިކަން އިތުރަށް ތަރައްޤީކޮށް، ޤައުމީ ޚިދުމަތަށް ނުކުތުމަކީ، ތިޔައިން ކޮންމެ ދަރިވަރެއްގެ ކޮނޑުގައި އެޅިފައިވާ ޤައުމީ ވާޖިބެއް.

ޤައުމީ ތަރައްޤީގެ ވާހަކަ އަޅުގަނޑުމެން ވަރަށް ގިނައިން އެބަ ދައްކަން. އެހެން ނަމަވެސް، އެއީ އޭގެ ޒާތުގައި ޤައުމަށް މެދުވެރިވާ ކަމެއް ނޫން. ތަރައްޤީއަކީ، ޤައުމުގެ ފަރުދުންގެ އަމިއްލަ ޒާތަށް އަންނަ ޢިލްމީ ހޭލުންތެރިކަމާއި، ތަހުޒީބީ ކުރިއެރުމުގެ ޒަރީޢާއިން ޤައުމަށް ގެނެވޭ ބަދަލުތަކެއް. މި ވަގުތު ޤައުމު އޮތް ޙާލަތަށް ވިސްނައި، މާދަމާ ޤައުމު އޮންނަން ބޭނުންވާ ގޮތް، ސިކުނޑިއަށް ތަޞައްވަރުކޮށްދެނީ، އެ މީހެއްގެ ކިބައިގައި ހުންނަ ޢިލްމީ ޤާބިލުކަމަކުން.

ތިޔައިން ކޮންމެ ދަރިވަރަކު މަސައްކަތް ކުރަންވީ، މި ދެންނެވި ޢިލްމީ ޤާބިލުކަން ހޯދުމަށް. ތަޢުލީމީ ގޮތުން ކިތަންމެ މައްޗަށް ދަތުރުކުރަން ބޭނުންވިޔަސް، އެ ފުރުޞަތު ދިވެހި ކޮންމެ ދަރިއަކަށް މި ވަގުތު އެބައޮތް. ރާއްޖެއާއި ރާއްޖެއިން ބޭރުންވެސް، އެ ފުރުޞަތު މިއަދު އޮތީ ތަނަވަސްވެފައި. ތަޢުލީމުން އެ މީހެއްގެ ސިކުނޑި މުއްސަނދިވާ ވަރަކަށް، އެ މީހެއްގެ ފަރާތުން ޤައުމަށް ކުރާ މަންފާ އިތުރުވާނެ.

އަޅުގަނޑުމެން މި އެދޭ ތަރައްޤީގެ މަންޒިލަށް ޤައުމު ގެންގޮސްދޭނެ ހެޔޮލަފާ ރަނގަޅު ޖީލެއް ބިނާކުރެވޭނީ، ޒަމާނީ ތަޢުލީމާއި، ތަރުބަވީ އަޚްލާޤުގެ މާޙައުލަކަށް ސްކޫލްތައް ހަދައިގެން. ސްކޫލްތަކުގައި އެފަދަ މާޙައުލެއް ޤާއިމުވާނީ، އެ ތަނެއް ހިންގަން ތިބޭ ވެރިންނާއި، ދަރިވަރުންނަށް ކިޔަވައިދީ ތަރުބިއްޔަތު ކުރަން ތިބޭ ޓީޗަރުންގެ ކިބައިގައި ޢިލްމީ ޤާބިލްކަމާއި ހުނަރު އިތުރުވެގެން. ޖުމްލަކޮށް ދަންނަވާނަމަ، ތަޢުލީމީ ދާއިރާގެ އިންސާނީ ވަސީލަތްތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް.

އެހެންކަމުން، ސްކޫލްތަކުގެ ޓީޗަރުންނާއި ޕްރިންސިޕަލުން ތަމްރީނު ކުރުމުގެ ޕްރޮގްރާމްތައް، ރާއްޖެއާއި ރާއްޖެއިން ބޭރުގައި އެޑިޔުކޭޝަން މިނިސްޓްރީން ކުރިއަށް އެ ގެންދަނީ. އަދި ސްކޫލްތަކުގައި މަސައްކަތް ކުރާނެ ހެލްތު އޮފިސަރުންނާއި، ކައުންސެލަރުން ހަމަކުރުމުގެ މަސައްކަތްވެސް މިހާރު ކުރިއަށް އެބަގެންދޭ.

ހަމަ އެއާއެކު، ސްކޫލްތަކަށް ބޭނުންވާނެ ވަސީލަތްތައް ހަމަވެފައި ހުރުމަކީ ވެސް މުހިންމު ކަމެއް. މިދިޔަ ފަސް އަހަރުގެ ތެރޭގައި، ރާއްޖޭގެ އެކި ރަށްރަށުގެ ސްކޫލް މަދަރުސާތަކުގެ ވަސީލަތްތައް ފުރިހަމަކުރުމަށް ގިނަ މަޝްރޫޢުތަކެއް ހިންގިއްޖެ. މިރޭގެ ވީޑިއޯ ޕްރެޒެންޓޭޝަނުންވެސް އޭގެ ބައެއް ކަންތައްތައް ހާމަވެގެން ހިނގައްޖެ. އެތައް ރަށެއްގައި އިތުރު ކްލާސްރޫމްތަކާއި، މަލްޓިޕަރޕަސް ހޯލްތައް ޢިމާރާތް ކުރެވިއްޖެ. ކޮމްޕިއުޓަރ ލެބްތަކާއި، ސައެންސް ލެބްތައްވެސް ޤާއިމު ކުރެވިއްޖެ. އަދި މިހާރުވެސް މިފަދަ އެތައް މަޝްރޫޢުތަކެއްގެ މަސައްކަތްތައް ކުރިއަށް އެބަދޭ.

ސްކޫލްތަކުގެ ކިޔެވުން ހަރުދަނާކުރުމަށް ރާއްޖޭގެ ސްކޫލްތަކުގެ ރިވިއު އެނަލިސިސްއެއް ހެދިއްޖެ. އެ ސްކޫލްތަކުގެ ތެރެއިން މި ވަގުތަށް އެންމެ ބޮޑު އެހީތެރިކަމެއް ބޭނުންވާ ސްކޫލްތައްވެސް މިހާރުވަނީ ދެނެގަނެވިފައި. އަދި އެ ސްކޫލްތަކުގެ ޙާލަތު ރަނގަޅު ކުރުމަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން މިހާރު އަންނަނީ އެކި ޕްރޮގްރާމްތައް ހިންގަމުން.

ހިންގުމުގެ ދާއިރާއިންނާއި، ދަރިވަރުންގެ ނަތީޖާ ރަނގަޅުކުރުމަށް، އިތުރު އެހީތެރިކަމަށް ބޭނުންވާ ސްކޫލްތައް ވެސް މިހާރު ވަނީ ދެނެގަނެވިފައި. އެފަދަ ސްކޫލްތަކުގެ މުވައްޒަފުންނަށް، ތަޢުލީމީ ދާއިރާގެ ތަޖުރިބާކާރު ބޭފުޅުންގެ އެހީގައި މަޢުލޫމާތު ފޯރުކޮށްދީ ތާޒާކުރުމުގެ މަސައްކަތްތަކެއްވެސް އެޑިޔުކޭޝަން މިނިސްޓްރީން ކުރިއަށް އެބަ ގެންދޭ.

ރައްޔިތުންނަށް ޚިދުމަތް ކުރުމަށް، މީގެ ފަސް އަހަރު ކުރިން އަޅުގަނޑުމެން ނުކުތްއިރު، ބައެއް ރަށްރަށުގެ އާބާދީ ކުޑަވުމުގެ ސަބަބުން، އެ ރަށްރަށުގެ ސްކޫލްތަކުގެ ކިޔެވުން ވަނީ ހުއްޓާލާފައި. އެ ރަށްރަށުގެ ކުދިން ކިޔަވަން ދާންޖެހެނީ، ކަނޑު ދަތުރުކޮށްފައި އެހެން ރަށްރަށަށް.

އެހެން ނަމަވެސް، އަޅުގަނޑުމެން ޤަބޫލުކުރީ، ރަށުގެ އާބާދީ ކުޑަވުމަކީ، އެ ރަށެއްގެ ރައްޔިތުން އަދި ޚާއްޞަކޮށް ދަރިވަރުން، އެފަދަ ނުރައްކާތެރި ތަކުލީފުތަކެއް އުފުލަންޖެހޭނެ ސަބަބެއް ނޫން ކަމަށް. އެހެންކަމުން، އެފަދަ ރަށްރަށުގެ ސްކޫލްތަކުގައި، ސެޓަލައިޓް ކްލާސްރޫމްތައް ޤާއިމުކޮށް، އެކަން މިހާރު ވަނީ ޙައްލުކުރެވިފައި.

މިނޫނަސް، ރާއްޖޭގެ ތަޢުލީމީ ދާއިރާގެ ތަރައްޤީއަށް ވަރަށް ގިނަ މަޝްރޫޢުތަކެއް މިހާރުވެސް ކުރެވެމުން އެބަދޭ. ސްކޫލްތަކުގެ ޢުމްރާނީ ތަރައްޤީގެ އިތުރުން، ތަޢުލީމީ ދާއިރާގެ އިންސާނީ ވަސީލަތްތައް ތަރައްޤީ ކުރުމުގެ މަސައްކަތް ވެސް މެދުކެނޑުމެއް ނެތި ކުރިއަށް އެބަގެންދޭ. އަދި މި ދާއިރާގެ މުވައްޒަފުން ވަޒީފާގައި ހަރުލެއްވުމަށްވެސް، އެކަށީގެންވާ މަސައްކަތްތަކެއް އެބަ ކުރެވޭ.

އިރާދަކުރެއްވިއްޔާ، މި މަސައްކަތްތަކުގެ ހެޔޮ ނަތީޖާ އަޅުގަނޑުމެންނަށް ލަހެއްނުވެ ފެންނާނެ. ރާއްޖޭގެ ލޮބުވެތި ދަރިވަރުންގެ ހިތްވަރާއި މިންނެތް މަސައްކަތުން ޤައުމަށް ހެޔޮ ބަދަލުތަކެއް އައުމަށް އަޅުގަނޑުމެން މިކުރާ އުންމީދުގައި، ޙަޤީޤީ ކުލަތައް ޖެހެން، އިރާދަކުރެއްވިއްޔާ މާގިނަ ދުވަހެއް ދެން ނުނަގާނެ.

އަޅުގަނޑުގެ ދުޢާއަކީ، ދިވެހި ދަރިންނަށް ރަނގަޅު ތަޢުލީމު ދީ، ރިވެތި އަޚްލާޤުގެ މަތީގައި ތަރުބިއްޔަތު ކުރުމަށް އަޅުގަނޑުމެން މިކުރާ މަސައްކަތުގައި، اللهُ سُبْحَانَهُ وَتَعَالَى ބަރަކާތް ލެއްވުން. އެންމެހައި ދިވެހި ދަރިންނަކީ ޢިލްމު ހޯދުމަށް ލޯބިކުރާ އަދި އެކަމަށް ގަދައަޅާ މަސައްކަތް ކުރާ ހީވާގި ބަޔަކު ކަމުގައި ލެއްވުން އެދި އެކަލާނގެ ޙަޟްރަތުގައި ދުޢާ ދަންނަވަން. ރާއްޖެއަކީ އެންމެންނަށް ވެސް އަމާންކަން ލިބިގެންވާ ތަނެއް ކަމުގައި ލައްވައި، އެންމެހައި ދަރިވަރުންނަށް ފާގަތިކަމާއި ތަނަވަސްކަން މިންވަރު ކުރައްވާށި. އާމީން.

وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.