بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

اللهُ سُبْحَانَهُ وَتَعَالَى އަށް ޙަމްދާއި ޝުކުރު ކުރަން. މި އުންމަތުގެ މާތް ނަބިއްޔާ مُحَمَّدُ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ އަށް، ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން. މި ޞަލަވާތާއި ސަލާމުގައި އެކަލޭގެފާނުގެ އާލު އަޞްޙާބުން ޝާމިލުކުރަން.

މިނިސްޓަރ އޮފް ހެލްތު ނިޝާން މުލީގޭ ޝަރަފުގެ ޢިއްޒަތުގެ ވެރިޔާ އަޙްމަދު ނަސީމުގެ ދެކަނބަލުން، ޑަބްލިޔޫ.އެޗް.އޯ.އިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވައިފައި ހުންނަވާ މަންދޫބު ޑޮކްޓަރ ނާޒްނީން އަންވަރު، ދައުލަތުގެ ވަޒީރުން، ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުން، ހާޒިރުވެވަޑައިގެން ތިއްބެވި އެންމެހައި ބޭފުޅުން؛

السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.

މި އަހަރުގެ ދުނިޔޭގެ ޞިއްޙަތު ދުވަސް ފާހަގަކުރުމަށް އަޅުގަނޑުމެން މިރޭ މި ތަނަށް އެއްވެ ތިބިއިރު، މި އަހަރަކީ ވަރަށް ކުލަގަދަ ގޮތެއްގައި މި ދުވަސް ދުނިޔޭގައި ފާހަގަކުރާ އަހަރެއް. އާދެ، މި އަހަރަކީ ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ، ޑަބްލިޔޫ.އެޗް.އޯ. އަށް 75 އަހަރު ފުރޭ އަލިމަސް އަހަރު.

އެހެންކަމުން މި އުފާވެރި މުނާސަބަތުގައި، ޑަބްލިޔޫ.އެޗް.އޯ.ގެ ޑިރެކްޓަރ ޖެނެރަލް ޑޮކްޓަރ ޓެޑްރޯސް އަދަނޯމް ގެބްރެޔެސުސްއަށާއި، އެ ޖަމްޢިއްޔާގެ އެންމެހައި ވެރިންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު ތަހުނިޔާ ދަންނަވަން. އަދި އެ ޖަމްޢިއްޔާގެ ފަރާތުން ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި މަންދޫބު ޑޮކްޓަރ ނާޒްނީން އަންވަރަށްވެސް، ދިވެހި ރައްޔިތުންގެ ނަމުގައްޔާއި، ދިވެހި ސަރުކާރުގެ ނަމުގައި ވަރަށް އިޚްލާޞްތެރިކަމާއެކު ތަހުނިޔާ ދަންނަވަން.

ޑަބްލިޔޫ.އެޗް.އޯ.އާއި ދިވެހި ރައްޔިތުންނާ ދެމެދު ވަރަށް ދުވަސްވީ ވަރަށް ގާތް ގުޅުމެއް އެބައޮތް. ޑަބްލިޔޫ.އެޗް.އޯ.ގެ އޮފީހެއް ރާއްޖޭގައި ހުޅުވުނީ، ރާއްޖެއަށް މިނިވަންކަން ލިބުނު އަހަރު. ނަމަވެސް، އޭގެ އެތައް އަހަރެއް ކުރިން، ޑަބްލިޔޫ.އެޗް.އޯ.ގެ އެހީތެރިކަން ދިވެހިރާއްޖެއަށް ލިބެމުން އައިސްފައިވޭ. އަދި އ.ދ. މަޖިލީހުގެ އިދާރާތަކުގެ ތެރެއިން ރާއްޖޭގައި ހުޅުވުނު އެންމެ ފުރަތަމަ އިދާރާއަކީވެސް ޑަބްލިޔޫ.އެޗް.އޯ.

ޑަބްލިޔޫ.އެޗް.އޯ.ގެ 75 އަހަރުގެ ތާރީޚަށް ބަލާއިރު، ދިވެހިންނަށް ޞިއްޙީ ދުޅަހެޔޮކަން ހޯދައިދީ، ބަލިތަކާއި ވަބާތަކުން ދިވެހިން ސަލާމަތް ކުރުމުގައި، ޑަބްލިޔޫ.އެޗް.އޯ. އަދާކުރި ދައުރު ވަރަށް މުހިންމު. ބަލިތަކާއި ވަބާތަކުން ދިވެހިން ރައްކާތެރިކުރުމަށް ދިވެހި ދައުލަތުގެ ފަރާތުން އުފުލި ކޮންމެ ބުރައެއްގައި، އެންމެ ފުރިހަމަ އެއްބާރުލުމެއް ދިނީ ޑަބްލިޔޫ.އެޗް.އޯ.އިން ކަން ޝުކުރުވެރިކަމާއެކު އަޅުގަނޑު މިރޭ ފާހަގަކުރަން. އަދި ޞިއްޙީ ދާއިރާއިން ރާއްޖެ ހޯދި ކޮންމެ ކާމިޔާބެއްގައި ޑަބްލިޔޫ.އެޗް.އޯ.ގެ ހިއްސާ ވަރަށް ބޮޑު. އޭގެ ބައެއް އެޗީވްމަންޓްތައް، ކާމިޔާބީތައް މިރޭގެ ޕްރެޒެންޓޭޝަންގައި އަޅުގަނޑުމެންނަށް ފެނިގެން ހިނގައްޖެ.

އެގޮތުން މުޅި ދުނިޔެއިންވެސް، މެލޭރިއާ އެންމެ ފުރަތަމަ ނައްތައިލި ޤައުމަކަށް ދިވެހިރާއްޖެ 2015 ވަނަ އަހަރު ވެގެން ދިއުމާއި، ދެކުނު އޭޝިއާއިން ފައިލޭރިއާ 2016 ވަނަ އަހަރު ނައްތައިލި ދެ ޤައުމުގެ ތެރޭގައި ރާއްޖެ ހިމެނުމާއި، އަދި މި ސަރަޙައްދުން ހިމަބިހި ނައްތައިލުމަށް މުޅި ޤައުމުތައް އަމާޒުހިފި 2020 ވަނަ އަހަރު އައުމުގެ ކުރިން، 2017 ވަނަ އަހަރު ހިމަބިހި ރާއްޖެއިން ނައްތައިލުން ވެގެންދިޔައީ، ޑަބްލިޔޫ.އެޗް.އޯ.ގެ އެހީތެރިކަމާއެކު، އަޅުގަނޑުމެންނަށް ހޯދުނު ވަރަށްބޮޑު ކާމިޔާބެއް ކަމުގައި. އަދި މީގެ އިތުރުން، ޕޯލިއޯ އާއި ޓެޓްނަސް ވެސް ރާއްޖެއިން ވަނީ ޑަބްލިޔޫ.އެޗް.އޯ.ގެ އެހީތެރިކަމާއެކު ނައްތައިލެވިފައި.

އާދެ، 2019 ވަނަ އަހަރުގެ ތެރޭގައިވެސް އެފަދަ ކާމިޔާބެއް ދިވެހިރާއްޖެ ޙާޞިލުކުރި. ރާއްޖެއަކީ، މައިންގެ ފަރާތުން ތުއްތު ދަރިފުޅަށް އެޗް.އައި.ވީ. އާއި ސިފިލިސް ވާސިލުނުވާ ޤައުމެއްގެ ގޮތުގައި ކަނޑައެޅިގެން ދިޔައީވެސް، ހަމަ މި ދެންނެވިހެން ޑަބްލިޔޫ.އެޗް.އޯ.ގެ ވަރަށް ބޮޑު އެހީތެރިކަމެއް ލިބިގެން. އަދި ރުބެއްލާ ބަލި ނައްތައިލެވިފައިވާ ޤައުމެއްގެ ގޮތުގައި 2020 ވަނަ އަހަރު ރާއްޖެ ކަނޑައެޅުނީވެސް، ހަމަ ޑަބްލިޔޫ.އެޗް.އޯ.ގެ ވަރަށް މުހިންމު ދައުރަކާއެކު.

އެއަށްވުރެ ކައިރިއަށް ޖެހިލާއިރު، އަދި އަޅުގަނޑުމެންގެ ލޯމަތިން ނުގެއްލި އޮތް އަނެއް ގޮންޖެހުމަކީ ކޯވިޑް-19ގެ ބަލިމަޑުކަން. މި މާލަމުގައި މިރޭ އެއްވެ ތިބޭއިރުގައި، އޭގެ އިޙްސާސްތައް މީގެތެރެއިން ވަރަށް ގިނަ ބޭފުޅުން އަދިވެސް އިޙްސާސް ކުރައްވާނެ. ހަނދާނުގައި ހުންނާނެ. މާތް ﷲގެ ވާގިފުޅާއެކު، އެ ވަބާއާ ދެކޮޅަށް އަޅުގަނޑުމެން ކުރި މަސައްކަތުގައި ވަރަށް ކުރު މުއްދަތެއްގައި ނަތީޖާ ޙާޞިލުކުރެވުނު. މުޅި އޭޝިޔާ ސަރަޙައްދުންވެސް، އެންމެ ފުރަތަމަ ކޯވިޑް ކޮންޓްރޯލް ކުރި އެއް ޤައުމަށް ރާއްޖެ ވެގެންދިޔައީވެސް، ޑަބްލިޔޫ.އެޗް.އޯ.ގެ ވަރަށް ފުރިހަމަ އެހީތެރިކަމެއް ލިބިގެންކަން، ޝުކުރުވެރިކަމާއެކު އަޅުގަނޑު ފާހަގަކުރަން. ހަމަ އެއާއެކު، އެ މަސައްކަތުގައި ބައިވެރިވެވަޑައިގެންނެވި ހެލްތު މިނިސްޓްރީގެ ހުރިހާ ބޭފުޅުންނާއި، ހެލްތު ސެކްޓަރ އާއި އަދި ވޮލެންޓިއަރ ކުރެއްވި ހުރިހާ ބޭފުޅުންނަށް މިރޭ، މި ދަރުބާރުގޭގައި މިތާނގައި ހުރެ އެކަން ފާހަގަކޮށް، އަޅުގަނޑު ވަރަށްބޮޑަށް ޝުކުރު އަދާކުރަން.

ޚާއްޞަ ގޮތެއްގައި، ކޯވިޑް ވެކްސިން ދިނުމަށް މުޅި ރާއްޖޭގައި ހިންގި ކާމިޔާބު ޕްރޮގްރާމްގައި ޑަބްލިޔޫ.އެޗް.އޯ.ގެ އެހީތެރިކަން ވަރަށް ބޮޑަށް އަޅުގަނޑުމެންނަށް ލިބިގެންދިޔަ. އަދި އެ ބައްޔާ ދެކޮޅަށް އަޅުގަނޑުމެން ކުރި މަސައްކަތުގައި ޑަބްލިޔޫ.އެޗް.އޯ.ގެ ފަންނީ ލަފާވެސް އަޅުގަނޑުމެންނަށް ލިބިގެންދިޔަ.

އާދެ، ރާއްޖޭގައި އެންމެ ފުރަތަމަ ޑޮކްޓަރީ ފަރުވާގެ ބިންގާ އެޅުނީ، 1948 ވަނަ އަހަރު މާލޭގައި ހުޅުވި ޑަކްޓަރުގޭގައި. އެއީ ޑަބްލިޔޫ.އެޗް.އޯ. ވެސް އުފަންވި އަހަރު. މި ދެ ތާރީޚުވެސް އިއްތިފާޤުވުމަކީ ހެޔޮ ފާލެއްކަމަށް އަޅުގަނޑު ދެކެން. ދިވެހިންނަށް ޑަބްލިޔޫ.އެޗް.އޯ.ގެ ޚިދުމަތް ލިބެން ފެށިއިރު، ރާއްޖޭގެ ޞިއްޙީ ޚިދުމަތުގެ ނިޒާމު އޮތީ ވަރަށް ފޭރާން ދެރަކޮށް.

ރާއްޖޭގައި ޑަބްލިޔޫ.އެޗް.އޯ.ގެ އޮފީހެއް ހުޅުވިފަހުން މިވީ 58 އަހަރުގެ ތެރޭގައި، ދިވެހި ރައްޔިތުންގެ ޢާންމު ޞިއްޙަތު ރައްކާތެރިކުރުމުގެ ދާއިރާއިން، އެ ޖަމްޢިއްޔާއިން އަދާކޮށްފައިވަނީ ދިވެހި ކޮންމެ ރައްޔިތަކު ޝުކުރުވެރިކަމާއެކު ބަލައިގަންނާނެ ދައުރެއް.

އަދި މި އަހަރަށް ޑަބްލިޔޫ.އެޗް.އޯ އިން ކަނޑައަޅާފައިވާ ޝިޢާރަކީ، ރާއްޖޭގެ ޞިއްޙީ ޚިދުމަތުގެ ދާއިރާއިން އަޅުގަނޑުމެން އަމާޒު ހިފާފައިވާ މިސްރާބަށް މަގުދައްކައިދޭނެ ޝިޢާރެއް. އެ ޝިޢާރަކީ، "ޞިއްޙަތު އެންމެނަށް" ނުވަތަ (HEALTH FOR ALL). މިއީ އެ ޖަމްޢިއްޔާގެ 75 އަހަރުގެ ޚިދުމަތްތަކާވެސް ވަރަށް ބޮޑަށް ގުޅިފައިވާ ޝިޢާރެއް.

މިއީ، ރާއްޖޭގައި އަލުން ފުޅާކުރުމަށް އަޅުގަނޑުމެން މަސައްކަތް މި ކުރާ، ޕަބްލިކް ހެލްތުގެ ދާއިރާއާ ވަރަށް ގުޅޭ ޝިޢާރެއް. ރާއްޖޭގެ ޞިއްޙީ ޚިދުމަތުގެ ތާރީޚުގައިވެސް، ޕްރެޒެންޓޭޝަންގައި ހާމަކުރިފަދައިން، އެންމެ ކާމިޔާބު ޞިއްޙީ ޚިދުމަތުގެ ނިޒާމެއްގެ ގޮތުގައި ފާހަގަކުރެވެނީ، ޕަބްލިކް ހެލްތުގެ ދާއިރާ ފުޅާކޮށްގެން، ރައްޔިތުންނަށް ޞިއްޙީ ޚިދުމަތް ދިނުން.

ވަކި ފަރުދެއް، ވަކި ރަށެއް ތަފާތުނުކޮށް، އެންމެންނަށް ފެންވަރު ރަނގަޅު ޞިއްޙީ ޚިދުމަތް ފޯރުކޮށްދިނުމަކީ، އެ މީހަކު ދިރިއުޅޭ ސަރަޙައްދަކުން ފަސޭހަކަމާއެކު ޞިއްޙީ ޚިދުމަތް ލިބޭނެ އިންތިޒާމު ހަމަޖެއްސުން. އަޅުގަނޑުމެންނަކީ ވަކިވަކި ރަށްތަކެއްގައި ދިރިއުޅޭ ޖަޒީރާވަންތަ ބައެއް. އެއް ރަށުން އަނެއް ރަށަށް އަބަދުވެސް ދަތުރުކުރަންޖެހޭ. އެހެންކަމުން، ދަތުރުފަތުރަށް ހުރަސްއެޅި، ކޯވިޑްގެ ތެރޭގައި ކުރިމަތިވި ފަދަ ފުރަބަންދެއްގައި ތިބެންޖެހިއްޖެ ޙާލަތެއްގައިވެސް، ޞިއްޙީ ޚިދުމަތް ފަސޭހައިން ލިބޭނީ، ރާއްޖޭގެ ހުރިހާ ސަރަޙައްދެއްގައި ޞިއްޙީ ޚިދުމަތްތައް ފުޅާކުރެވިގެން.

އެކަމަށްޓަކައި އަޅުގަނޑުމެން އެކުލަވައިލި ނޭޝަނަލް ސްޕޭޝަލް ޕްލޭނާ އެއްގޮތަށް، 5 ދާއިރާއެއްގައި 5 ޓާޝަރީ ހޮސްޕިޓަލް ތަރައްޤީކުރުމުގެ މަސައްކަތް ބާރަށް ކުރިއަށް އެބަ ގެންދެވޭ. އޭގެ ތެރެއިން ބައެއް ހޮސްޕިޓަލުތަކުގައި ކުރިން ނެތް ވަސީލަތްތައް ޤާއިމުކޮށް ޚިދުމަތްތައް ދޭން މިހާރު ވަނީ ފެށިފައި. އޭގެ ތެރޭގައި، ސީ.ޓީ. ސްކޭން، އެމް.އާރް.އައި، މެމޮގްރަފީ އަދި ލެބޯރެޓަރީގެ ޚިދުމަތްތަކާއި އަދި ދަތުގެ ފަރުވާގެ ޚިދުމަތްތައްވެސް މިހާރު ދެވެމުން އެބަދޭ.

އާދެ، އޭގެ އިތުރުން އެކި އަތޮޅުތަކުގައި، އެކި ރަށްރަށުގައި، އަޅުގަނޑުމެން ޤާއިމުކުރުމަށް ހަމަޖެހިފައިވާ ހޮސްޕިޓަލްތަކުގެ މަސައްކަތްވެސް ކުރިއަށް އެބަދޭ. އެގޮތުން 7 އަތޮޅެއްގެ 7 ރަށެއްގައި ކުވައިތު ފަންޑުގެ އެހީގައި ޤާއިމުކުރަން އަޅުގަނޑުމެން ނިންމާފައި އޮތް 7 ހޮސްޕިޓަލްގެ ބިޑިންގ މަރުޙަލާ ނިމި، މަސައްކަތްކުރާނެ ބަޔަކު ހޮވި، އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް ހަފްތާތެރޭގައި، އެ މަސައްކަތް ކުންފުނިތަކާ އަޅުގަނޑުމެން ހަވާލުކުރާނަން. އެއީ، ހދ. ހަނިމާދޫ، ށ. މިލަންދޫ، ނ. ވެލިދޫ، ކ. ތުލުސްދޫ، އދ. މާމިގިލި، ވ. ފެލިދޫ އަދި ތ.ވިލުފުށީގެ ހޮސްޕިޓަލްތައް. މިއިން ކޮންމެ ހޮސްޕިޓަލެއްގައި 30 އެނދާއެކު އިތުރު ޚިދުމަތްތައް ލިބެން ހުންނާނެ.

ޞިއްޙީ ދާއިރާގެ ޢުމްރާނީ ތަރައްޤީއާއެކު، ޞިއްޙީ ޚިދުމަތްދޭ މަރުކަޒުތަކަށް ބޭނުންވާ ވަސީލަތްތައް ހަމަކުރުމަށްވެސް ވަރަށް ގިނަ މަސައްކަތްތަކެއް އަންނަނީ ކުރަމުން. ރާއްޖޭގެ ހުރިހާ ހޮސްޕިޓަލްތަކެއްގައި ޑިޖިޓަލް އެކްސްރޭ ޤާއިމުކުރުމުގެ މަސައްކަތް ހެލްތު މިނިސްޓްރީން މިހާރު ކުރަމުން އެބަގެންދޭ.

ޞިއްޙީ ދުޅަހެޔޮކަމާ އެއްވަރަށް އަޅުގަނޑުމެން ސަމާލުކަން ދޭންޖެހޭ ވަރަށް މުހިންމު އެހެން ދާއިރާއެއްވެސް އަދި އެބައޮތް. އެއީ އެތައް އަހަރެއް ވަންދެން އިހުމާލުކުރެވިފައި އޮތް، ނަފްސާނީ ދުޅަހެޔޮކަމުގެ ދާއިރާ. މިވަގުތު ރާއްޖޭގައި އެންމެ ބޮޑަށް ފުޅާވެ އިތުރުވަމުން އަންނަ ޞިއްޙީ މައްސަލައަކީ މިއީ.

އެކަމަށް ވިސްނައި، 2019 ވަނަ އަހަރު އަޅުގަނޑުމެން ވާނީ، ނަފްސާނީ ފަރުވާ ދޭ މަރުކަޒެއް، އައި.ޖީއެމް.އެޗްގައި ޤާއިމުކޮށްފައި. އަދި ސެންޓްރަލް އެންޑް ރީޖަނަލް މެންޓަލް ހެލްތު ސަރވިސަސް ޑިވެލޮޕްމަންޓް ޕްލޭނުގެ ދަށުން، ރާއްޖޭގެ 5 ސަރަޙައްދެއްގައި ސައިކޭޓްރިކް ޚިދުމަތް މިހާރު ވަނީ ޤާއިމުކުރެވިފައި. އަދި މިހާރުވެސް މި ދާއިރާއަށް ޚާއްޞަ އިސްކަމެއްދީގެން އިތުރު މަސައްކަތްތަކެއް ކުރަން ޖެހިފައިވާކަން އަޅުގަނޑު ޤަބޫލުކުރަން. ހެލްތު މިނިސްޓްރީން މިހާރު ފަށާފައިވާ މަސައްކަތް ހަލުވިކަމާއެކު ފުޅާކޮށް ކުރިއަށް ގެންދިއުމަކީ، އަޅުގަނޑު މިރޭ އިލްތިމާސްކުރާ ކަމެއް.

ރާއްޖޭގެ ޞިއްޙީ ޚިދުމަތުގެ ތާރީޚުން މީގެ އަހަރުތަކެއް ކުރިއަށް ބައްލަވައިލައްވާއިރު، ތިޔަބޭފުޅުންނަށް ފެނިވަޑައިގަންނަވާނީ، ގިނަ ބަޔަކު މަރުވަމުން ދިޔައީ، ގައިން ގަޔަށް އަރާ ބަލިތަކުގައި. ނަމަވެސް މިއަދު އެ މަންޒަރު މުޅިން ބަދަލުވެއްޖެ. މިހާރު ރާއްޖޭގައި އެންމެ ގިނަ މީހުން މަރުވަމުންދަނީ، ގައިން ގަޔަށް ނާރާ ބަލިތަކުގައި. މިއީ، އަޅުގަނޑުމެން ދިރާސާކޮށް، އެކަމުގެ ޙަޤީޤަތް ހޯދައި ބަލަންޖެހިފައިވާ ކަމެއް.

އެކަން ދެނެގަތުމަށްޓަކައި، މިނިސްޓްރީ އޮފް ހެލްތާއި ޑަބްލިޔޫ.އެޗް.އޯ. ގުޅިގެން ފ. އަތޮޅުގައި މިހާރު ވަނީ ވަރަށް މުހިންމު މަސައްކަތެއް ފަށާފައި. ފ. ނިލަންދޫގައި މިހާރު ތަރައްޤީ ކުރަމުން އަންނަ ޕްރައިމަރީ ހެލްތު ކެއަރ ޑެމޮންސްޓްރޭޝަން ސައިޓަކީ، ގައިންގަޔަށް ނާރާ ބަލިތަކާ ދެކޮޅަށް މުހިންމު މަސައްކަތްތަކެއް ކުރަން އަމާޒު ހިފާފައިވާ ތަނެއް.

ޑަބްލިޔޫ.އެޗް.އޯ.ގެ ކަންޓްރީ ކޯޕަރޭޝަން ސްޓްރެޓަޖީއަކީ، ރާއްޖޭގެ ޞިއްޙީ ޚިދުމަތް ތަރައްޤީކުރުމަށް ބޭނުންވާ ފަންނީ އެހީތެރިކަން ފޯރުކޮށްދިނުން. އެ ސިޔާސަތުގެ ދަށުން، ޔުނިވަރސަލް ހެލްތު ކަވަރޭޖް ކަށަވަރުކުރުމާއި، ޞިއްޙަތާ ގުޅުންހުރި ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް ޙާޞިލުކުރުމުގައި، ޑަބްލިޔޫ.އެޗް.އޯ.ގެ ފަންނީ ލަފާ މިހާރުވެސް ރާއްޖެއަށް ލިބެމުންދޭ. އަދި އެ ނޫން ކިތަންމެ ދާއިރާއަކުންވެސް ޑަބްލިޔޫ.އެޗް.އޯ.ގެ އެހީތެރިކަން ވަރަށް ފުޅާ ދާއިރާއެއްގައި މިހާރުވެސް ރާއްޖެއަށް ލިބޭ.

އަޅުގަނޑު ދެކޭގޮތުގައި ރާއްޖޭގެ ޞިއްޙީ ޚިދުމަތުގެ ނިޒާމަށް އަދިވެސް ވަރަށް ގިނަ ހެޔޮ ބަދަލުތަކެއް ގެންނަންޖެހޭ. އޭގެ ތެރެއިން އެއް ކަމަކީ، ޞިއްޙީ ދާއިރާއަށް ބޭނުންވާ މީހުން ބިނާކުރުމުގެ މަސައްކަތް މިހާރަށްވުރެ އިތުރުކުރުން. ފުޅާކުރުން. އަދި ޞިއްޙީ ދާއިރާއަށް ވަންނަ މީހުން އެ ވަޒީފާތަކުގައި ދެމެހެއްޓުމަށްޓަކައި ކުރަންޖެހޭ އިތުރު ކަންކަން ދެނެގަނެ، އެކަންކަމަށް މަސައްކަތް ކުރުން.

އެމަގުން ދާދިފަހުން އަޅުގަނޑުމެން ވާނީ ހެލްތު ދާއިރާގެ މުވައްޒަފުންގެ މުސާރައަށް ހެޔޮ ބަދަލެއް ގެނެސްފައި. އެ ބަދަލުގެ ސަބަބުން، ޞިއްޙީ ޚިދުމަތުގެ ދާއިރާތަކުން ތަޢުލީމު ޙާޞިލުކޮށްގެން ތިބި މަސައްކަތްތެރިންނަށް ވަޒީފާގެ ކުރިއެރުން ހޯދުމަށް މަގު ފަހިވެގެންދާނެ. އަދި ޞިއްޙީ ދާއިރާއަކީ ކުރިއަށް ދިއުމަށް އެކަށީގެންވާ ފަންނެއްކަމުގެ ޔަޤީންކަން ލިބި، ޞިއްޙީ ޚިދުމަތްތެރިން އެ ވަޒީފާތަކުގައި ތިބުމަށް މަގު ފަހިވެގެންދާނެ ކަމަށް އަޅުގަނޑު އުންމީދު ކުރަން.

މުސާރައިގެ އޮނިގަނޑަށް މި ގެނައި ބަދަލުގެ މަންފާ، ޞިއްޙީ ދާއިރާގެ ހުރިހާ މުވައްޒަފުންނަށް އެންމެ ފުރިހަމައަށް ހޯދައިދިނުމަކީ، އަޅުގަނޑުމެންގެ އަމާޒެއް. އެހެންކަމުން، އެ އަމާޒަށް ވާޞިލުވުމަށްޓަކައި މި ގެނެވުނު ބަދަލުތަކާ ގުޅިގެން، އެ އޮނިގަނޑުގައި ފުރިހަމަކުރަންޖެހޭ ބައެއް ކަންތައްތައް އަދިވެސް ހުރިކަން އަޅުގަނޑަށް ފާހަގަކުރެވޭ. އެހެންކަމުން، އަޅުގަނޑުމެން މިދަނީ އެކަމާ މަޝްވަރާކޮށް އެއަށް ރަނގަޅު ޙައްލެއް ހޯދުމަށް. އިރާދަކުރެއްވިއްޔާ، ލަސްތަކެއްނުވެ އެކަންވެސް ތިޔަބޭފުޅުންނަށް ފެނިގެންދާނެ.

ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ޞިއްޙީ ޚިދުމަތް މިހާރު އެ އަންނަނީ މީގެ ކުރިން ފުޅާނުވާހާ ވަރަށް ފުޅާވަމުން. މީގެ ކުރިން މާލެއިން ނޫނީ ނުލިބޭ ޞިއްޙީ އެތައް ޚިދުމަތެއް، މިދިޔަ ފަސް އަހަރުދުވަހުގެ ތެރޭގައި ރާއްޖޭގެ އެކި ކަންކޮޅުތަކުން ލިބޭނޭގޮތް ހަދައިދެވިއްޖެ. އަދި މިހާރު ކުރިއަށްދާ ޚިދުމަތްތަކާއެކު، ޞިއްޙީ ދާއިރާއަށް އިންޤިލާބީ ބަދަލުތަކެއް އަންނާނެކަމީ ޔަޤީންކަމެއް.

އެ މަޝްރޫޢުތަކަކީ، ދިވެހި ޒުވާނުންގެ ކުރިމަތީގައި ހުޅުވިގެންދާ، ވަރަށް ތަނަވަސް ދޮރެއް. ރަށުގައި އަމިއްލަ ޢާއިލާ ކައިރީގައި ހުރެގެން، ރަނގަޅު މުސާރައެއް ލިބޭ ވަޒީފާއަކަށް ބަލަބަލައި ތިބި ޒުވާނުންނަށް، އަޅުގަނޑުމެން މި ފަހިކޮށްދެނީ ރަނގަޅު ފުރުޞަތުތަކެއް. މަތީ ތަޢުލީމަށް ތައްޔާރުވެގެން ތިބި ޒުވާނުންނަށް އަޅުގަނޑު ދަންނަވާނީ، ރާއްޖޭގެ ޞިއްޙީ ޚިދުމަތުގެ ދާއިރާގައި އުފެދޭ ވަޒީފާތަކަށް ޒުވާނުން މިހާރުން ފެށިގެން ވިސްނައި، އެއަށް އަމާޒު ހިފާށޭ. އެފަދަ ދާއިރާތަކުން ތަޢުލީމު ޙާޞިލުކޮށް، އަމިއްލަ ރަށާއި ޤައުމަށް ޚިދުމަތް ކުރުމަށް ތައްޔާރުވާށޭ. މާތް ﷲގެ ވާގިފުޅާއެކު، ދިވެހި ގިނަ ޒުވާނުންތަކެއް ރާއްޖޭގެ ޞިއްޙީ ޚިދުމަތަށް ނުކުންނާނެ ކަމަށް އަޅުގަނޑު އުންމީދު ކުރަން.

އަޅުގަނޑުގެ ދުޢާއަކީ، اللهُ سُبْحَانَهُ وَتَعَالَى އަޅުގަނޑުމެން މިކުރާ މަސައްކަތުގައި، ބަރަކާތް ލައްވައި، އެންމެހައި ދިވެހިންނަށް ހަށިހެޔޮކަމާއި ދުޅަހެޔޮކަން މިންވަރު ކުރެއްވުން. އާމީން.

وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.