بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

اللهُ سُبْحَانَهُ وَتَعَالَى އަށް ޙަމްދާއި ޝުކުރު ކުރަން. މި އުންމަތުގެ މާތް ނަބިއްޔާ مُحَمَّدُ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ އަށް، ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން. މި ޞަލަވާތާއި ސަލާމުގައި އެކަލޭގެފާނުގެ އާލު އަޞްޙާބުން ޝާމިލުކުރަން.

ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އޮނަރަބްލް އަލްއުސްތާޛު އަޙްމަދު މުޢުތަޞިމް ޢަދުނާން، މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އަޙްމަދު މަޚްލޫފް، ދައުލަތުގެ ވަޒީރުން، ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުން، މޯލްޑިވްސް އާޓިސްޓް ކޮމިއުނިޓީގެ ޗެއަރޕަރސަން އަޙްމަދު ޢަޒްމީ ޙަލީމް، ބާޗީ، ފަރުމާ - އިންޓަރނޭޝަނަލް ޔޫތު އާޓް ފެސްޓިވަލްގެ ހުރިހާ ބައިވެރިން، ހާޒިރުވެވަޑައިގެން ތިއްބެވި އެންމެހައި ބޭފުޅުން؛

السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.

ޤައުމެއްގައި ނުވަތަ މުޖުތަމަޢެއްގައި ވިޔަސް، ތަހުޒީބާއި ތަރައްޤީގެ ސިފަތައް ޖެހިގެން ދަނީ، ކަންކުރަން ދަންނަ ފާޑުވެރިން ނުވަތަ ފަންނުވެރިން އެ ތަނެއްގައި އުފެދިގެން. މި ރާއްޖެއަކީ، އެކަމުގެ ވަރަށް ދިރިހުރި މިސާލެއް. ދިވެހިރާއްޖެއަކީ ތަފާތު ހުނަރުތަކުން ފުރިފައިވާ އެތައް ފަންނުވެރިންނެއްގެ ފާޑުވެރިކަމަށް ހެކިދޭ ދިގު ތާރީޚެއް އޮތް ޤައުމެއް.

ރާއްޖޭގެ އެންމެ އުތުރުން ފެށިގެން އެންމެ ދެކުނަށްވެސް، ދިވެހިންގެ ފާޑުވެރިކަމަށް ހެކިދޭ އެތައް އާސާރެއް ފެންނަން އެބަހުރި. މާލޭގެ ހުކުރު މިސްކިތާއި ޢީދު މިސްކިތް އެއީ އެފަދަ ބައެއް މިސާލުތައް. ގަލުވަޑާމުގެ ހުނަރާއި، ލާފެންކުރުމާއި، ތެދުއުއި ވަޑާމަށް ދިވެހި ކާބަފައިން އަރައި ތިބި މިންވަރު، އެތަންތަނުން ވަރަށް ސާފުކޮށް ރީއްޗަށް ފެންނަން އެބަހުރި. ދިވެހިންގެ އަމިއްލަ ވިސްނުމަށް، ދިވެހި މާވަޑިން ފަރުމާކުރި އޮޑިދޯނިފަހަރަށް ވުރެ ވަކިން ރީތި ކިއްސަރު ވަޑާމުގެ މަސައްކަތެއް ދުނިޔެއިން ފެންނާނެއެކޭ އަޅުގަނޑުގެ ހިތެއް ނުބުނޭ.

ދިވެހިންގެ ބޮޑުބެރަކީވެސް، ފަންނުވެރިކަމުގައި އެފަދަ ދެވަނައެއް ނެތް ނަމޫނާ އުފެއްދުމެއް. ދިވެހިންގެ ބަނޑިޔާ ޖެހުމާއި ދަނޑިޖެހުމަކީވެސް، ވަރަށް ޖޯޝީ ރޫޙެއް އެކުލެވޭ ހުނަރުތަކެއް. އެފަދަ ކިތަންމެ ފަންނެއްގައި ދިވެހިންނަކީ، ފިސާރި ހުނަރުވެރި ބައެއްކަން، އޭރުގެ ދިވެހިން ވަނީ ކިތަންމެ ރަނގަޅަކަށްވެސް ސާބިތުކޮށްދީފައި. އަދި މިހާރުގެ ދިވެހިންވެސް އަންނަނީ ސާބިތުކޮށްދެމުން.

އަޅުގަނޑުމެން މިއަދު ލިޔަމުން މިދަނީ ޒަމާނުގެ މުޅިން އައު ޞަފްޙާއެއް. ޖީލުތަކަކަށްފަހު ދިވެހިރާއްޖެއަށްވެސް ވަރަށް ބޮޑު ބަދަލުތަކެއް އަތުވެއްޖެ. ދިވެހި ކާބަފައިންގެ ފަންނުވެރިކަމާއި ހުނަރުވެރިކަން، މިއަދުގެ ޖީލަށް ވާރުތަވިއިރު، އެ ދަރިންގެ ކިބައިން ފެންނަނީ އަދި މުޅިން ތަފާތު ހުނަރުތަކަކާއި ފަންނުތަކެއް. ނަމަވެސް، ކަންކުރުމުގައި ދިވެހި ކާބަފައިން ގެންގުޅުނު ފާޑުވެރިކަން ކެނޑިގެނެއް ނުދޭ.

އާދެ، މިއަދު އަޅުގަނޑުމެން ފަޚުރުވެރިވާ ދިވެހިންގެ ސަގާފަތާއި، ދިވެހިންގެ ތާރީޚަކީ، މި ދެންނެވި ކާބަފައިންގެ ހުނަރުވެރިކަމާއި ފަންނުވެރިކަމުން އުފެދުނު ޤައުމީ ތަރިކައެއް. މާދަމާގެ ޖީލަށް ވާރުތަވާން އޮތީ، މިއަދުގެ ހުނަރުވެރި ދިވެހިން ތާރީޚުގެ ތެރެއަށް ދޫކުރާ އެބައިމީހުންގެ ފަންނުވެރިކަން.

އަޅުގަނޑުމެން މިއަދު މި ކިޔާ ފަންނުވެރިކަމަކީ، އިންސާނީ ވަސީލަތްތައް ތަރައްޤީ ކުރުން. ޤައުމީ ތަރައްޤީގެ ތަފާތު ދާއިރާތަކަށް ބޭނުންވާ މީހުން ބިނާކުރުން. ޤައުމު، ޤައުމަކަށް ވަނީ، ޒަމާނީ ވިސްނުންތަކާއެކު އެ ތަނެއް ތަރައްޤީކޮށް ކުރިއަރުވާނެ ހުނަރުވެރި ފަންނުވެރިން ކުރާ ބުރަ މަސައްކަތުން.

މި ފެސްޓިވަލްގައިވެސް ތަފާތު ދާއިރާތަކުގެ ފަންނުވެރި އެތައް ދިވެހިންނެއް ބައިވެރިވާކަމީ، މީހުން ބިނާކުރުމަށް އަޅުގަނޑުމެން މިކުރާ މަސައްކަތަށް ލިބޭ ވަރަށް ބޮޑު ހިތްވަރެއް. މިފެސްޓިވަލުގައި ދިވެހި ފަންނުވެރިން ބައިވެރިވާ ކޮންމެ ދާއިރާއަކީވެސް، ޤައުމީ ތަރައްޤީގައި މުހިންމު ދައުރެއް އަދާކުރާ ދާއިރާއެއް.

ކެއްކުންތެރިން ކަމަށްވިޔަސް، ކުރެހުންތެރިން ނުވަތަ ފޮޓޮގްރަފީ ކަމަށްވިޔަސް، މިޔުޒީޝަނުންނާއި އަދި އެހެން ފަންނުތައް ކަމަށްވިޔަސް، މިއިން ކޮންމެ ފަންނަކީވެސް ޤައުމީ ތަރައްޤީގައި މިހާރުވެސް ޙިއްޞާވާ ދާއިރާތަކެއް. ޚާއްޞަކޮށް، ފަތުރުވެރިކަމުގެ ޞިނާޢަތުގައި ޝާމިލުވާ މި ދާއިރާތަކުގެ ފަންނުވެރިން އަންނަނީ ޤައުމީ ތަރައްޤީގައި ވަރަށް ބޮޑު ޙިއްޞާއެއް އަދާކުރަމުން.

މީގެ ކުރިންވެސް، ކިތަންމެ ފަންނުތަކެއްގެ ހުނަރުވެރިން ރާއްޖޭގައި ތިބި. ކަޅުވަކަރު މިސްކިތް އަލުން ބެހެއްޓުމަށް ކުރި މަސައްކަތުގެ ތެރޭގައި، އެފަދަ ވަރަށް ގިނަ ހުނަރުވެރި ދިވެހިން އަޅުގަނޑުމެންނަށް ފާހަގަކުރެވުނު. އެއްކޮށް ރޫޅާލައި ވަކިވަކި އެތިކޮޅުތަކަކަށް ހަދާފައި ހުރި އެ މިސްކިތް، އަލުން ރާވައި ބެހެއްޓުމުގައި، ކުރަންޖެހުނު މަރާމާތުތަކާއި، ކުރަންޖެހުނު ކަވި އަދި އެހާމެ ފަންނުވެރި ހުރިހާ މަސައްކަތެއް ކޮށްފައި ވަނީ ހަމަ ދިވެހި ފަންނާނުން.

އެފަދަ ފަންނުވެރި ހުނަރުވެރިން ރާއްޖޭގައި ތިއްބަސް، އެމީހުންގެ ހުނަރުވެރިކަން ދައްކައިލުމުގެ ފުރުޞަތު، ދާދި ފަހަކާ ޖެހެންދެންވެސް އޮތީ ވަރަށް ހަނިގޮތެއްގައި. ނަމަވެސް، ސަރުކާރާއި އަމިއްލަ ފަރާތްތަކުން އިންތިޒާމުކުރާ ތަފާތު މައުރަޒުތަކާއި މިފަދަ ފެސްޓިވަލްތަކުގެ ސަބަބުން، އެ ފުރުޞަތު މިހާރު މިއޮތީ ކުރިއަށްވުރެ ބޮޑަށް ޒުވާނުންގެ ކުރިމަތީގައި ހުޅުވިފައި. އަދި ދެންމެ ބާޗީ އެ ވިދާޅުވި ފަދައިން، މިކަމަށް ބޭނުންވާ ހުރިހާ އެހީތެރިކަމެއް އިރާދަކުރެއްވިއްޔާ، ސަރުކާރުން ކޮށްދޭނެ ކަމުގެ ޔަޤީންކަން އަޅުގަނޑު އަރުވަން.

ދިވެހި ފަންނުވެރިކަން ހިމާޔަތްކޮށް ދިރުވައި އާލާކޮށް ދެމެހެއްޓުމަށްޓަކައި ޚާއްޞަ މިނިސްޓްރީއެއްވެސް މިހާރު އެބަހުރި. ފަންނުވެރިކަމުގެ ދާއިރާއިން މީހުން ބިނާކުރުމަށާއި، ފަންނުވެރިންގެ ހުނަރު ތަރައްޤީކުރުމުގެ ފުރުޞަތު ފަހިކޮށްދިނުމަށް އެ މިނިސްޓްރީން އަންނަނީ މުހިންމު މަސައްކަތްތަކެއް ކުރަމުން.

ރާއްޖޭގެ އެންމެ ޒަމާންވީ ސިނަމާ ނުވަތަ ތިއޭޓަރު، އާދެ، އޮލިމްޕަސް މިދިޔަ ފެބުރުވަރީ މަހު އަލުން ހުޅުވިއިރު، ވަރަށް މުހިންމު ބަދަލުތަކެއް އެތަނަށް ގެނެވިފައި ހުންނާނެ. ފެންވަރު ރަނގަޅު މިޔުޒިކް ޝޯތައް ބޭއްވޭވަރަށް އޮލިމްޕަސް ތަރައްޤީ ކުރެވިއްޖެ. މިހާރު އޮލިމްޕަސް އެހުރީ، ރާއްޖެއިން އުވެމުންދާ ސްޓޭޖް ތަމްސީލް ކުޅުމުގެ ފުރުޞަތުތައްވެސް ފަހިވާގޮތަށް. މިޔުޒިކް ފަރިތަކުރުމާއި، ނެށުންތައް ފަރިތަކުރުމަށް ބޭނުންވާ ވަސީލަތްތައްވެސް ޤާއިމުކޮށްފައި ހުންނާނެ.

އަޅުގަނޑުމެންގެ ސިޔާސަތަކީ، ތަފާތު ދާއިރާތަކުގެ ހުނަރާއި ފަންނުވެރިކަން ހުރި ޒުވާނުން، އެ ދާއިރާތަކުން ކުރިއަރައި ދިޔުމަށް މަގު ކޮށައިދީ، އުފެއްދުންތެރި ޒުވާނުން ބިނާކުރުން. ރާއްޖޭގައި ހީނަރުވެފައިވާ ނުވަތަ އުވެމުންދާ ބައެއް ފަންނުވެރިކަން އަލުން ދިރުވައި އާލާކުރުމަށްވެސް އަޅުގަނޑުމެން މި އަންނަނީ ފުރުޞަތު ތަނަވަސްކޮށްދެމުން.

މިރޭ މި ހުޅުވި ފެސްޓިވަލްގައި ބައިނަލްއަޤުވާމީ ފަންނުވެރިން ބައިވެރިވާކަމީ، ދިވެހި ފަންނުވެރިންނަށް ލިބޭ ވަރަށް ބޮޑު ފައިދާއަކަށް ވާނެ. އަދި ފަންނުވެރިކަމަށް ޝައުޤުވެރިވާ ދިވެހިންނަށް ވަރަށް ބޭނުންތެރި ފިލާވަޅުތަކެއް ލިބިގެންދާނެ ކަމަށް އަޅުގަނޑު ދެކެން.

ދިވެހި ޒުވާނުންނަށް އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، ތިޔައިން ކޮންމެ ޒުވާނެއްގެ ކިބައިގައިވެސް، ކޮންމެވެސް ހުނަރެއް ނުވަތަ ހުނަރުތަކެއް ހުންނާނެޔޭ. ތިމާގެ ކިބައިގައި ހުރީ ކޮން ހުނަރެއްތޯ ބަލައި، ތިމާ އެންމެ ޝައުޤުވެރިވާ މަސައްކަތަކާއިގެން ކުރިއަށް ފިޔަވަޅު އެޅުމަށް އަޅުގަނޑު އިލްތިމާސް ކުރަން.

ތިޔަ ޒުވާނުން ބޭނުންވާ ދާއިރާތަކުން ކުރިއަށް ދިއުމުގައި ސަރުކާރުން ވެދެވެން އޮތް އެންމެ މަތީ ދަރަޖައަކަށް އެހީތެރިކަން ފޯރުކޮށްދޭނެ. ޔޫތު މިނިސްޓްރީ އާއި މޯލްޑިވްސް އާޓިސްޓް ކޮމިޔުނިޓީން އިންތިޒާމުކުރި މި ފެސްޓިވަލަކީ، ފަންނުވެރިކަމުގެ ދާއިރާއިން ތިޔަ ޒުވާނުންނަށްޓަކައި ފަހިކޮށްދިން ވަރަށް ފަހި ފުރުޞަތެއް ކަމުގައި އަޅުގަނޑު ދެކެން.

ރާއްޖޭގެ ސްކޫލް މަދަރުސާތަކުގައި ކިޔަވާ ދަރިވަރުންނަށް އަޅުގަނޑު އިލްތިމާސް ކުރަނީ، ތިޔަ ދަރިވަރުން ސްކޫލް ނިންމާ މަރުޙަލާއަށް ދާއިރު، އެ ކުއްޖަކު ކުރިއަށް ދިއުމަށް އެންމެ ޝައުޤުވެރިވާ ދާއިރާއެއް ޚިޔާރު ކުރައްވާށޭ. މައިންބަފައިންނާއި ބެލެނިވެރިންނަށްވެސް އަޅުގަނޑު ދަންނަވައިލާނީ، ތިޔަބޭފުޅުންގެ ބެލެނިވެރިކަމުގެ ދަށުން ތަރުބިއްޔަތުކޮށް ބޮޑެތިކުރާ ކޮންމެ ދަރިއަކީވެސް ޤައުމަށް ބޭނުންތެރި، ހުނަރުވެރި މަސައްކަތްތެރިއަކަށް ހެދުމަށް މަސައްކަތް ކުރައްވައްޗޭ.

ސްކޫލްތަކުގެ އިސް ވެރިންނަށާއި މުދައްރިސުންނަށް އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، ތިޔަބޭފުޅުން ކިޔަވައިދެއްވާ ކޮންމެ ދަރިވަރެއްގެ ކިބައިގައިވެސް، ކޮންމެވެސް ހުނަރެއް ނުވަތަ ހުނަރުތަކެއް ހުންނާނެކަން ޤަބޫލުކުރައްވާށޭ. އެ ކުދިންގެ ކިބައިގައި ހުރި ހުނަރެއް ފާހަގަކޮށް، އެ ދާއިރާއަކުން ކުރިއަށް ދިއުމުގެ ފުރުޞަތުތައް އެ ކުދިންނަށް ހޯއްދަވައިދެއްވާށޭ.

މި ދެންނެވި މަގަށް އަޅުގަނޑުމެންގެ ދަރިވަރުންނާއި ޒުވާނުންގެ މިޞްރާބު ސީދާކޮށްދެވިއްޖިއްޔާ، އަޅުގަނޑުމެން ފަށާފައި މިވާ މީހުން ބިނާކުރުމުގެ މަސައްކަތުގެ ހެޔޮ ނަތީޖާ ފެންނަން މާގިނަ ދުވަސްތަކެއް ނުނަގާނެ. އަދި ޤައުމީ ތަރައްޤީގެ ދުވެލިވެސް މިހާރަށްވުރެ އެތައް ގުނައެއް ހަލުވިވެގެން ދާނެ.

މިފަދަ މުހިންމު ފެސްޓިވަލެއް އިންތިޒާމު ކުރެއްވި ކަމަށްޓަކައި، ޔޫތު މިނިސްޓަރު އަޙްމަދު މަޚްލޫފަށާއި، މިނިސްޓްރީގެ އިސް ވެރިންނަށާއި، ހުރިހާ މުވައްޒަފުންނަށް އަދި މޯލްޑިވްސް އާޓިސްޓް ކޮމިޔުނިޓީގެ އެންމެހައި ހިންގުންތެރިންނަށް އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން. އަދި މި ފެސްޓިވަލްގައި ބައިވެރިވާ ހުރިހާ ފަންނާނުންނަށްވެސް ވަރަށް ބޮޑަށް ޝުކުރު ދަންނަވަމުން، އަޅުގަނޑުގެ ވާހަކަކޮޅު ނިންމައިލާނަން.

وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.