ސަރުކާރުގެ އަމާޒަކީ ޤައުމީ އިޖްތިމާޢީ ރައްކާތެރިކަމުގެ އައު އޮނިގަނޑުގެ ތެރެއިން އިޖްތިމާޢީ ރައްކާތެރިކަން ކަށަވަރުކުރެވޭގޮތަށް އެކަންއަލުން މުރާޖަޢާކުރުން ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ. އަދި، މީގެ ތެރެއިން އިންޝުއަރެންސް ސްކީމްތަކާއި، އިޖުތިމާޢީ އެހީތެރިކަމުގެ ޕްރޮގްރާމްތައް މެދުވެރިކޮށް ރާއްޖޭގެ އިޖްތިމާޢީ ރައްކާތެރިކަމުގެ ނިޒާމް އިތުރަށް ހަރުދަނާކުރުމުގެ މުހިންމުކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ރައީސުލްޖުމްހޫރިއްޔާގެ ނައިބު މިހެން ވިދާޅުވީ، "އެކްޝަން ޕްލޭން ޓު ސްޓްރެންތެން ރީޖަނަލް ކޯޕަރޭޝަން އޮން ސޯޝަލް ޕްރޮޓެކްޝަން އޮފް މޯލްޑިވްސް" އިފްތިތާޙްކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ. މިރަސްމިއްޔާތު އޮތީ މިއަދު ހެނދުނު ހޮޓެލްޖެން ގައެވެ.

މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ، އިޖްތިމާޢީ ރައްކާތެރިކަމުގެ ނިޒާމު ހަރުދަނާކުރެއްވުމުގައި، މި ސަރުކާރުން ބޮޑެތި ކުރިއެރުންތަކެއް ހޯއްދަވާފައިވާކަމަށެވެ. އެގޮތުން، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އަމާޒުކޮށްގެން ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) ގެ ރެޖިސްޓްރީ ޕޯޓަލްއެއް ތަޢާރަފްކޮށްފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި، ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރު އެކުލަވާލާފައި ވަނީ ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާ (ޑަބްލިއުއެޗްއޯ) ގެ މިންގަނޑުތަކާއި އެއްގޮތަށް ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ. މީގެ އިތުރުން ރާއްޖެއިން ޔުނިވާސަލް ކޭޝް ޓްރާންސްފަރ ޚިދުމަތާއި، ތެރަޕިއުޓިކް އައިޓަމް އެލަވަންސް އަދި އެސިސްޓިވް ޓެކްނޮލޮޖީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ހޯދައިދިނުމަށް މަސައްކަތް ކުރެވެމުން އަންނަކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

އިޖްތިމާޢީ ރައްކާތެރިކަން އެންމެނަށް ފޯރުކޮށްދިނުމުގައި މި ސަރުކާރުން ހޯދައިފައިވާ ކާމިޔާބީތަކަށް އަލިއަޅުއްވާލައްވަމުން އެމަނިކުފާނުގެ ވިދާޅުވިގޮތުގައި އެކަނިވެރި މައިންނަށް ދެވޭ އެލަވަންސާއި، ޔުޓިލިޓީސް ބިލްތައް ދެއްކުމަށް ފޯރުންތެރިކަން ނެތް ޢާއިލާތަކަށް އިނާޔަތް ފޯރުކޮށްދިނުމާއި، ޕެންޝަން ސްކީމަށް ގެނެވުނު ބަދަލުތަކަކީ ރާއްޖޭގެ އެތައް ބައެއްގެ ދިރިއުޅުމަށް ހެޔޮ ބަދަލުތަކެއް ގެނުވި ކަންތައްތަކެކެވެ.
މީގެ އިތުރުން ރައްޔިތުންގެ ދިރިއުޅުމުގެ ޙާލަތު ރަނގަޅު ކުރުމަށް އެންމެން ގުޅިގެން މަސައްކަތް ކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވައި، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވީ، އެކްޝަން ޕްލޭން އޮން ސްޓްރެންތެން ރީޖަނަލް ކޯޕަރޭޝަން އޮން ސޯޝަލް ޕްރޮޓެކްޝަންއަށް ރާއްޖެއިން ވަރަށް ބޮޑަށް ތާޢީދުކުރާ ކަމަށެވެ.

ރީޖަނަލް އެކްޝަން ޕްލޭނަކީ، ސަރަޙައްދީ އިޖްތިމާޢީ ރައްކާތެރިކަމުގެ ނިޒާމްތައް ހަރުދަނާކުރެވޭނެ ގޮތްތަކުގެ، އައު ވިސްނުންތަކުގެ މަޝްވަރާތަކާއި ސިޔާސަތުތައް ބައްޓަންކުރުމަށް މަގުފަހިކުރުވާ ޕްލެޓްފޯމެކެވެ.