بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

اللهُ سُبْحَانَهُ وَتَعَالَى އަށް ޙަމްދާއި ޝުކުރު ކުރަން. މި އުންމަތުގެ މާތް ނަބިއްޔާ مُحَمَّدُ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ އަށް، ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން. މި ޞަލަވާތާއި ސަލާމުގައި އެކަލޭގެފާނުގެ އާލު އަޞްޙާބުން ޝާމިލުކުރަން.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް، މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑޮކްޓަރ އަޙްމަދު ޒާހިރު، ރާއްޖެ ޓީ.ވީ.ގެ މެނެޖިންގ ޑިރެކްޓަރ، ހޯރަފުށީ ދާއިރާގެ ޢިއްޒަތްތެރި މެންބަރު އަޙްމަދު ސަލީމް، ރާއްޖެ ޓީ.ވީ.ގެ ޗެއަރމަން އަކްރަމް ކަމާލުއްދީން، ރަން ތާޖު ޤުރްއާން މުބާރާތުގެ އެންމެހައި ބައިވެރިން، ހާޒިރުވެވަޑައިގެން ތިއްބެވި އެންމެހައި ބޭފުޅުން؛

السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.

އެންމެ ފުރަތަމަވެސް ރަން ތާޖު ޤުރްއާން މުބާރާތުގެ ރަން ވަނަތައް ޙާޞިލު ކުރެއްވި ހުރިހާ ބައިވެރިންނަށް، ވަރަށް އިޚްލާޞްތެރިކަމާއެކު ތަހުނިޔާއާއި ހެޔޮއެދުންތައް އަރިސްކުރަން. އަދި މި މުބާރާތުގެ އޮޑިޝަންގައި ވާދަކުރެއްވި ހުރިހާ ބައިވެރިންނަށް އައްސަރިބަހާއި ސާބަސް ރައްދުކުރަން. އަދި ޚާއްޞަކޮށް މިރޭ ރަން ތާޖު ޙާޞިލު ކުރެއްވި، މި މުބާރާތުގެ 1 ވަނަ ހޯއްދެވި މުޙައްމަދު ސާއީ މުބާރިކް، ހޮޅުދޫ ސަރާ މަންޒިލަށް ވަރަށް ޚާއްޞަ މަރުޙަބާއަކާއި ހެޔޮއެދުންތައް ފޮނުވަން. ސާއީއާ އަޅުގަނޑާ މީގެކުރިން ބައްދަލުވި، ޤުރްއާން މުބާރާތެއްގެ އިނާމު ދިނުމުގެ ޖަލްސާއެއްގައި. އެރޭ އަޅުގަނޑު ކައިރީގައި ސާއީ ވިދާޅުވި. އަދި ރައީސޭ، ރަން ތާޖު މުބާރާތުގެ 1 ވަނައާ އެކީގައި ރައީސާ ބައްދަލުކުރާނަމޭ. ވަރަށް ބޮޑަށް ޝުކުރިއްޔާ. ވަރަށް ބޮޑަށް މަރުޙަބާ.

އާދެ، ރަން ތާޖު ޤުރްއާން މުބާރާތަކީ، ރާއްޖޭގައި މިހާތަނަށް ބޭއްވި އެންމެ ފެންވަރު ރަނގަޅު، މިފަދަ އެންމެ ކާމިޔާބު މުބާރާތް ކަމުގައި އަޅުގަނޑު ގަބޫލުކުރަން. މިފަދަ މަތިވެރި އަދި ބަރަކާތްތެރި މުބާރާތެއް އިންތިޒާމު ކުރެއްވި ކަމަށްޓަކައި، ޔޫތު މިނިސްޓްރީއަށާއި، އިސްލާމިކް އެފެއާޒް މިނިސްޓްރީއަށާއި އަދި ރާއްޖެ ޓީ.ވީ. އަށް ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން. އަދި ކުރިމަގުގައި މިއަށްވުރެ ވެސް ފުޅާގޮތެއްގައި އަދި މިއަށްވުރެ ވެސް ފުރިހަމައަށް މި މުބާރާތް އިންތިޒާމު ކުރައްވާނެ ކަމަށް އަޅުގަނޑު އުންމީދު ކުރަން.

މި މުބާރާތުން އަޅުގަނޑުމެންނަށް އެނގިގެން ދިޔައީ، ކީރިތި ޤުރްއާނަށް ލޯބިކުރާ، ދެ ޖިންސުގެ ވަރަށް ގިނަ ޒުވާނުންތަކެއް އަޅުގަނޑުމެންގެ ތެރޭގައި އެބަތިބިކަން. އަދި ކީރިތި ޤުރްއާން ކިޔެވުމުގެ ހުނަރާއި ފަންނު ލިބިފައިވާ ވަރަށް ގިނަ ޒުވާނުންތަކެއް ރާއްޖޭގައި އެބަތިބިކަންވެސް ސާބިތުވެއްޖެ. އެ ޒުވާނުންނަށް ބޭނުންވަނީ، އިތުރު ތަމްރީނާއި ތަޖުރިބާ. އޭރުން ބައިނަލްއަޤުވާމީ މުބާރާތްތަކުގައި ރަން ވަނަތައް ޙާޞިލުކުރާނެ އެތައް ޤާރީންނަކާއި، އެތައް ޙާފިޡުންނެއް އަޅުގަނޑުމެންގެ ތެރެއިން އުފެދިގެންދާނެ.

މިދިޔަ ރޯދަ މަހުގެ ތެރޭގައި ވެސް އެފަދަ ހުނަރުވެރި ޙާފިޡެއް، ރާއްޖެއަށް ވަރަށް ރީތި ނަމެއް ހޯދައިދީފި. އާދެ، އެއީ އިސްކަންދަރު ސްކޫލްގެ ގްރޭޑް 8ގެ ދަރިވަރު، ޢުމުރުން 14 އަހަރުގެ ފާޠިމަތު ޝާޔާ ޒާހިރު. މިޞްރުގެ އައުޤާފް މިނިސްޓްރީން އިންތިޒާމު ކުރި، ކީރިތި ޤުރްއާން ކިޔެވުމުގެ ބައިނަލްއަޤުވާމީ 29 ވަނަ މުބާރާތުން، ޙާފިޡުންގެ ބައިން ފާޠިމަތު ޝާޔާ ވަނީ ފަޚުރުވެރި ދެވަނަ ޙާޞިލްކޮށްފައި. މިއީ އެންމެ މަތީ ފެންވަރުގެ ޤާރީންނާއި ޙާފިޡުން ވެސް ވާދަކުރި މުބާރާތެއް. އެހާ މަތީ ފެންވަރުގެ މުބާރާތަކުން އެހާ ފަޚުރުވެރި ވަނައެއް ހޯދިކަމަށްޓަކައި، ފާޠިމަތު ޝާޔާއަށާއި، ޝާޔާގެ މައިންބަފައިންނަށް ވެސް ވަރަށް އިޚްލާޞްތެރިކަމާއެކު ތަހުނިޔާ ދަންނަވަން.

ރަން ތާޖު މުބާރާތުގެ މަޤްޞަދުތަކުގެ ތެރޭގައި ވެސް، ބައިނަލްއަޤުވާމީ ޤުރްއާން މުބާރާތްތަކުގައި ބައިވެރިވުމަށް ބޭނުންވާ ހުނަރު ލިއްބައިދިނުން ހިމަނާފައި އެބައޮތް. މިއީވެސް ރަން ތާޖު މުބާރާތް ޚާއްޞަވެގެންދާ މުހިންމު ސަބަބެއް. އާދެ، މި މުބާރާތުގެ އިސް ފަނޑިޔާރެއްގެ ގޮތުގައި މީގެކުރިން ވާހަކަ ދެއްކެވި އަލްޤާރީ އިބްރާހީމް ޝިފާޢު ވިދާޅުވި ފަދައިންވެސް، އަޅުގަނޑުމެންގެ ތެރޭގައި އެތައް ހުނަރެއް ހުރި މޮޅު ދަރިވަރުންތަކެއް، ކުދިންތަކެއް ތިބިކަން ފާހަގަކުރައްވައިފި. އަދި މި މުބާރާތް މިއަށްވުރެ ފުރިހަމައަށް ބޭއްވޭނެ ގޮތްތަކެއްގެ ވާހަކަ ވިދާޅުވެއްޖެ. އަދި ބޭރުގެ މުބާރާތްތަކަށް ދަރިވަރުން ތައްޔާރުކުރުމުގައި، އަޅުގަނޑުމެން ކަން ކުރަންވީގޮތް ވަރަށް ސާފުކޮށް ވިދާޅުވެދެއްވައިފި.

އާދެ، މި މުބާރާތުގައި ވާދަކުރި ބައިވެރިންގެ ތެރެއިން، އެފަދަ މުބާރާތްތަކުގައި ވާދަކުރެވޭނެ ޤާރީންނާއި ޙާފިޡުންނަކީ ކޮބައިކަން ފަނޑިޔާރުންނަށް މިހާރު އެނގިވަޑައިގަންނަވާނެ. އެފަދަ ޤާރީންނާއި ޙާފިޡުންނަށް އިތުރު ތަމްރީނު ދީ، އިތުރު ތަޖުރިބާތައް ހޯދައިދީގެން، ކުރިއަށް ހުރި ބައިނަލްއަޤުވާމީ މުބާރާތްތަކަށް ތައްޔާރުވުމަށް، ކަމާބެހޭ އިދާރާތަކަށް އަޅުގަނޑު މިރޭ އިލްތިމާސް ކުރަން. އަދި މިކަމުގައި ސަރުކާރުގެ ފަރާތުން ފުރިހަމަ އެއްބާރުލުން ދޭނެ ކަމުގެ ޔަޤީންކަން އަޅުގަނޑު މިރޭ އަރުވަން.

ރަން ތާޖު މުބާރާތް ކުރިއަށްދިޔަ ގޮތަށް ބަލާއިރު، އަޅުގަނޑަށް މި މުބާރާތް ސިފަކުރެވެނީ، ހަމައެކަނި ބައިވެރިން ވާދަކުރާ ގޮތަށް އޮތް މުބާރާތެއް ނޫންކަމަށް. މިއީ، އެއަށްވުރެ މާ މާތް މަޤްޞަދުތަކެއް ޙާޞިލުކުރެވޭ ގޮތަށް، މާ ފުޅާ ދާއިރާއެއްގައި އިންތިޒާމުވެގެން ދިޔަ މުބާރާތެއް. އޭގެ ތެރެއިން އެއް ކަމަކީ، ޓްރެއިނަރުން ކަނޑައަޅައިގެން، މުބާރާތުގެ ބައިވެރިންނަށް ތަމްރީނު ދީފައިވުން. މީގެ ސަބަބުން މުބާރާތުގެ ފެންވަރު ވަރަށް ބޮޑަށް މަތިވެފައިވާނެ ކަމަށް އަޅުގަނޑު ގަބޫލުކުރަން.

މި މުބާރާތުގައި ޤުރްއާނުގެ ޢިލްމުގެ ބަޔާއި، ޤުރްއާން ތަފްސީރުގެ ބައި ހިމަނާފައި އޮތުމަކީ، މި މުބާރާތުގެ މަތިވެރިކަން އިތުރުވެގެންދާ އަނެއް ސަބަބު. މި ދެ ދާއިރާއަކީ، އަޅުގަނޑުމެންގެ ޒުވާނުންގެ ހިތްތަކުގައި ކީރިތި ޤުރްއާނަށް ލޯބިޖެއްސުމަށް ކުރާ މަސައްކަތުގެ ތެރެއިން، ވަރަށް ބޮޑު ސަމާލުކަމެއް ދޭން ޖެހިފައިވާ ދެ ދާއިރާކަމަށް އަޅުގަނޑު ދެކެން.

ފުރިހަމަ މާނައިގައި ކީރިތި ޤުރްއާން އުނގެނުމަކީ، ޤުރްއާނުގެ ޢިލްމާއި، ޤުރްއާނުގެ ތަފްސީރު ވެސް އުނގެނި ދަސްކުރުން. ކީރިތި ޤުރްއާނުން އަޅުގަނޑުމެންގެ ދުނިޔަވީ ޙަޔާތަށް ލިބެންވާ އާރޯކަމާއި ތާޒާކަން އެންމެ ފުރިހަމަގޮތުގައި ލިބޭނީ، އެ ދެބައި ވެސް އުނގެނި ދަސްކޮށްގެން. އެހެންކަމުން، އެ ދެ ދާއިރާގެ ޢިލްމު ފުޅާކުރުމަށް، ރާއްޖޭގައި ހިންގާ ޔުނިވަރސިޓީތަކާއި ކޮލެޖުތަކުން ވެސް ވަރަށް މުހިންމު ދައުރެއް އަދާކުރެވޭނެ ކަމަށް އަޅުގަނޑު ދެކެން.

މި މުބާރާތުގައި ވާދަކުރި ހުރިހާ ބައިވެރިންނަށާއި، ރަން ވަނަތައް ޙާޞިލުކުރި ބައިވެރިންނަށް ވެސް އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، ކީރިތި ޤުރްއާން ކިޔެވުމާއި ހިތުދަސްކުރުމަކީ، ހަމައެކަނި މުބާރާތެއްގައި ވާދަކުރުމަށް، ނުވަތަ ރަން ވަނައެއް ހޯދުމަށް ކުރާ ކަމަކަށް ނުހަދައްޗޭ. އެއީ އެއަށްވުރެ މާ މަތިވެރި، މާ މުޤައްދަސް އަޅުކަމެއް. ޤުރްއާނުގެ އަހުލުވެރިއަކަށް ވާންވީ، އޭގެ ހިޔަލުގައި އަޅުގަނޑުމެންގެ ދިރިއުޅުމުގެ ފިޔަވަޅުތައް އަޅަމުން ދިއުމަށް. ކީރިތި ޤުރްއާން އުނގެނި ދަސްކުރަންވީ، އެ މަތިވެރި ފޮތުގެ ނޫރުން އަޅުގަނޑުމެންގެ ދެ ދުނިޔެ ހުޅުދާން ކުރުމަށް.

މިފަދަ ޤުރްއާން މުބާރާތްތަކުން އަޅުގަނޑަށް ފާހަގަކުރެވޭ އެންމެ އުފާވެރި އަނެއް ކަމަކީ، ޤުރްއާން ކިޔެވުމާއި، ޤުރްއާން ހިތުދަސްކުރުމަށް ޝައުޤުވެރިވާ ކުޑަކުދިންނާއި ޒުވާނުންގެ ޢަދަދު، އަހަރުން އަހަރަށް އިތުރުވަމުން އަންނަކަން. އަދި ބޮޑެތި ބޭފުޅުންގެ ތެރޭގައިވެސް އެ ޝައުޤުވެރިކަން އަންނަނީ އިތުރުވަމުން. މިއީ، އިސްލާމްދީނުގެ ޞައްޙަ ޢަޤީދާގެ މަތީގައި އަޅުގަނޑުމެންގެ ދަރިން ތަރުބިއްޔަތު ކުރުމަށް، ސަރުކާރުން ކަނޑައަޅާފައިވާ ސިޔާސަތު ތަންފީޒު ކުރުމަށް ވެސް ލިބޭ ވަރަށް ބޮޑު ބާރެއް ކަމަށް އަޅުގަނޑު ދެކެން.

މި މުހިންމު މުބާރާތް ވަރަށް ފުރިހަމަ އިންތިޒާމެއްގެ މަތިން ކާމިޔާބުކަމާއެކު ކުރިއަށް ގެންދިއުމުގައި، އެންމެ މުހިންމު ދައުރެއް އަދާކުރެއްވި، ރާއްޖެ ޓީ.ވީ.ގެ ހިންގުންތެރިންނަށް ވަރަށް ޚާއްޞަ ޝުކުރެއް ދަންނަވަން. ރާއްޖެ ޓީ.ވީ.އަކީ ޚަބަރާއި މަޢުލޫމާތު ފެތުރުމުގެ ދާއިރާއިން، ރައްޔިތުންގެ މެދުގައި ވަރަށް ބޮޑު އިތުބާރަކާއި، ވަރަށް ބޮޑު މަޤްބޫލުކަމެއް ހޯދާފައިވާ މީޑިއާއެއް.

އަދި ކީރިތި ޤުރްއާން ކިޔެވުމުގެ މިހާ ފުރިހަމަ މުބާރާތެއް، މުޅި ރާއްޖެއަށް ހުޅުވާލައިގެން، ކުރިއަށް ގެންދިއުމާއެކު، ރައްޔިތުންގެ ހިތްތަކުގައި ރާއްޖެ ޓީ.ވީ. އަށް ޚާއްޞަ ޤަދަރެއް ދެވިފައިވާ ކަމަށް އަޅުގަނޑު ދެކެން. މިއީވެސް ރައްޔިތުންނަށްޓަކައި ތިޔަބޭފުޅުން ކޮށްދެއްވާ އަގުހުރި ޚިދުމަތެއް. ރައްޔިތުންނާ ގުޅުންހުރި މިފަދަ ދާއިރާތަކުން ރާއްޖެ ޓީ.ވީ.ގެ ޚިދުމަތް އިތުރަށް ފުޅާކުރުމުގެ ހިތްވަރާއި ހެޔޮ ތައުފީޤު ތިޔަބޭފުޅުންނަށް މިންވަރު ކުރެއްވުން އެދި އަޅުގަނޑު ދުޢާކުރަން.

އާދެ، މާދަމާ އަޅުގަނޑުމެންނާ މި ބައްދަލުކުރަނީ މި އަހަރުގެ ބައިނަލްއަޤުވާމީ މަސައްކަތްތެރިންގެ ދުވަސް. އެހެންކަމުން، މި އަހަރުގެ މަސައްކަތްތެރިންގެ ދުވަހުގެ މުނާސަބަތުގައި، ރާއްޖޭގައި ވަޒީފާ އަދާކުރާ ހުރިހާ މަސައްކަތްތެރިންނަށާއި، މަސައްކަތްތެރިންގެ ޢާއިލާތަކަށްވެސް، ވަރަށް އިޚްލާޞްތެރިކަމާއެކު މިރޭ ތަހުނިޔާ ދަންނަވައި ހެޔޮއެދުންތައް އަޅުގަނޑު ފޮނުވަން.

އަޅުގަނޑުގެ ވާހަކަކޮޅު ނިންމައިލުމުގެ ކުރިން، ރަން ތާޖު މުބާރާތުގެ ހުރިހާ ބައިވެރިންނަށާއި، ރަން ވަނަތައް ޙާޞިލު ކުރެއްވި ހުރިހާ ބައިވެރިންނަށް އަދިވެސް އެއްފަހަރު ތަހުނިޔާ ދަންނަވަން. އަޅުގަނޑުގެ އުންމީދަކީ، މިފަދަ ފެންވަރު މަތީ މުބާރާތްތަކުން އަޅުގަނޑުމެންގެ ހިތްތަކުގައި ކީރިތި ޤުރްއާނާ މެދު ލޯބި އިތުރުވެ، އަޅުގަނޑުމެންގެ ދީނީ ޢަޤީދާ ވަރުގަދަވެގެން ދިއުން.
އަޅުގަނޑުގެ ދުޢާއަކީ، ކީރިތި ޤުރްއާނާ މެދު އަޅުގަނޑުމެންގެ ހިތްތަކުގައި ލޯބި އިތުރުކޮށް، ދެ ދުނިޔޭގެ ނަސީބުވެރިން ކަމުގައި ވުމުގެ ހެޔޮ ތައުފީޤު، اللهُ سُبْحَانَهُ وَتَعَالَى އަޅުގަނޑުމެން

އެންމެންނަށް މިންވަރު ކުރެއްވުން. އިސްލާމްދީން ގެނެސްދިން، ޞުލްޙަ މަސަލަސްކަމާއި، އަމާންކަމާއި، ހަމަޖެހުމުގެ ތެރޭގައި، އެކުވެރިކަމާއި އެއްބަނޑުއެއްބަފާ ކަމުގައި ދެމިތިބުމުގެ ހެޔޮ ތައުފީޤު ދެއްވައި، ރާއްޖެއަށް ތަނަވަސްކަމާއި ފާގަތިކަން މިންވަރު ކުރައްވާށި. އާމީން.

وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.