بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

اللهُ سُبْحَانَهُ وَتَعَالَى އަށް ޙަމްދާއި ޝުކުރު ކުރަން. މި އުންމަތުގެ މާތް ނަބިއްޔާ مُحَمَّدُ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ އަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން. މި ޞަލަވާތާއި ސަލާމުގައި އެކަލޭގެފާނުގެ އާލު އަޞްޙާބުން ޝާމިލްކުރަން.

ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު، އޮނަރަބްލް އަލްއުސްތާޛު އަޙްމަދު މުޢުތަޞިމް ޢަދުނާން، މިނިސްޓަރ އޮފް ހޯމް އެފެއާޒް އައްޝައިޚް ޢިމްރާން ޢަބްދުﷲގެ ދެކަނބަލުން، ދައުލަތުގެ ވަޒީރުން، ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދުގެ ދެކަނބަލުން، ދިވެހި ފުލުހުންގެ އިސް ވެރިން، ދިވެހި ފުލުހުންގެ ޚިދުމަތުގެ އެންމެހައި ފުލުހުންނާއި މުވައްޒަފުން، ހާޒިރުވެވަޑައިގެން ތިއްބެވި އެންމެހައި ބޭފުޅުން؛

السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.

ދިވެހި ފުލުހުންގެ ޚިދުމަތަށް 90 އަހަރު ފުރުނު މި އުފާވެރި މުނާސަބަތުގައި، ދިވެހި ފުލުހުންގެ ޚިދުމަތުގައި މަސައްކަތް ކުރައްވާ އެންމެހައި ފުލުހުންނަށާއި، ހުރިހާ މުވައްޒަފުންނަށް، އަދި ފުލުހުންގެ ޢާއިލާތަކަށް ވަރަށް އިޚްލާޞްތެރިކަމާއެކު ތަހުނިޔާ ދަންނަވައި ހެޔޮއެދުންތައް އަރިސްކުރަން. ދިވެހި ފުލުހުންގެ ޚިދުމަތުގެ މިދިޔަ 90 އަހަރުގެ ތެރޭގައި، މި ޚިދުމަތް ތަރައްޤީކޮށް ހަރުދަނާ ކުރެއްވުމަށް މަސައްކަތް ކުރެއްވި، ކުރީގެ ޕޮލިސް ކޮމިޝަނަރުންނަށާއި، މި އިދާރާގެ ހީވާގި ހިންގުންތެރިންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.

އަދި މިރޭ ރައީސުލްޖުމްހޫރިއްޔާގެ ކުލައާއި މެޑެލް ޙާޞިލުކުރެއްވި ހުރިހާ ފުލުހުންނަށް ތަހުނިޔާ ދަންނަވަން. އަދި ދިވެހި ފުލުހުންގެ ޚިދުމަތަށް ރީތި ނަން ހޯއްދަވައިދެއްވައިގެންނާއި، ދިގު މުއްދަތަކަށް ޚިދުމަތް ކުރައްވައިގެން ހަނދާނީ ފިލާ ލިބިވަޑައިގެންނެވި ހުރިހާ މުވައްޒަފުންނަށް ވެސް ތަހުނިޔާ ދަންނަވަން. 

ދިވެހި ފުލުހުންގެ ތާރީޚުން ފާއިތުވެގެން މިދިޔަ މުއްދަތުގެ ތެރޭގައި، މި ޚިދުމަތަށް ވަރަށް އެކަށީގެންވާ މުހިންމު ބަދަލުތަކެއް އަތުވެއްޖެ. އެންމެ މުހިންމު އެއް ބަދަލަކީ، ޢަސްކަރިއްޔާގެ ތެރެއިން ނުކުމެ، މުސްތަޤިއްލު މަދަނީ ޚިދުމަތެއްގެ ގޮތުގައި ހަމަޖެހުން. އެބަދަލަށް މާގިނަ ދުވަސްތަކެއް ނުވިޔަސް، އަޅުގަނޑުމެން މި ބޭނުންވާ ޒަމާނީ ތަރައްޤީއާއި ކުރިއެރުން މިއަދު ފުލުހުންގެ ތެރެއިން ފެންނަމުން އެބަދޭ.

ފުލުހުންގެ ޚިދުމަތަކީ، ފަރުދުންގެ ވިސްނުމާއެކީ މުޖުތަމަޢަށް އަންނަ ބަދަލުތަކާ އެއްގޮތަށް، އަބަދުވެސް ކުރިއަރައި ތަރައްޤީވަމުން އަންނަންޖެހޭ ޚިދުމަތެއް. އެކަމަށްޓަކައި ފުލުހުންގެ ޚިދުމަތުގެ ފެންވަރު މަތިކޮށް ތަރައްޤީ ކުރުމަކީ، އަބަދުވެސް ސަރުކާރުން އިސްކަން ދީގެން ދަމަހައްޓަންޖެހޭ ސިޔާސަތެއް.

ރައްޔިތުންގެ އުންމީދަކީ ހަމަޖެހުމާއި ޞުލްޙަވެރިކަން. ފުލުހުންގެ މަސައްކަތަކީ، ހަމަޖެހުމާއި ޞުލްޙަޔަށް ކުރިމަތިވާ ހުރިހާ ހުރަސްތަކެއް ނައްތައިލުން. ރައްޔިތުން އެދެނީ، އެ މީހުންގެ މުދަލާއި ފުރާނަ ރައްކާތެރިކޮށްދޭން. ފުލުހުން ރެޔާއި ދުވާލު މަސައްކަތް ކުރަނީ، އަދި ރޭގަނޑުގެ އަރާމު ނިދި ދޫކޮށް، ޑިއުޓީއަށް ނުކުމެ އެ ތިބެނީ، ރައްޔިތުންނަށް އެ ޔަޤީންކަން ދޭން.

އެކަމަށްޓަކައި، ރާއްޖޭގެ ހުރިހާ ކަންކޮޅަކަށް ދިވެހި ފުލުހުންގެ ޚިދުމަތް ފެތުރިފައި އޮތުމަކީ ކޮންމެހެން ބޭނުންތެރި ކަމެއް. އަޅުގަނޑުމެންގެ ވެރިކަމުގެ މި ދައުރުގެ ތެރޭގައި، ރާއްޖޭގެ 18 ރަށެއްގައި ފުލުހުންގެ ޚިދުމަތް ޤާއިމުކޮށް، ޖުމްލަ 100 އަށްވުރެ ގިނަ ރަށުގައި މިހާރު އަންނަނީ ނެއިބަރހުޑް ޕޮލިސިންގެ ޚިދުމަތް ދެމުން.

އަދި ރާއްޖޭގެ އިތުރު 61 ރަށެއްގައި ފުލުހުންގެ މަރުކަޒުތައް ޤާއިމްކުރުމަށް މިހާރުވަނީ ކޮންޓްރެކްޓްގައި ސޮއިކުރެވިފައި. މާތް ﷲގެ ވާގިފުޅާއެކު، އަޅުގަނޑުމެން މަސައްކަތް ކުރަމުން މި އަންނަނީ، މި ހިނގާ 2023 ވަނަ އަހަރު ނިމުމުގެ ކުރިން، ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި، ދިވެހި ފުލުހުންގެ ޚިދުމަތް ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް. މިކަމަށް ބޭނުންވާ ފުލުހުން ހޯދުމަށް އަޅުގަނޑުމެން މިހާރުވާނީ އެޕްރޫވްކޮށް، ފިނޭންސް މިނިސްޓްރީއާ އެކަން ހަވާލުކޮށްފައި.

ދިވެހިންގެ ވިސްނުމަށް އައި ހެޔޮ ބަދަލާއެކު، އަޅުގަނޑުމެން މިއަދު ނުކުމެ މިތިބީ ޒަމާނީ ޓެކްނޮލޮޖީ އާއި ތަޢުލީމުގެ ވަރަށް ފަހި ރާސްތާއަކަށް. ޓެކްނޮލޮޖީގެ ލުއިފަސޭހަތަކާއެކު، ޢާންމު އެތައް ޚިދުމަތެއް މިހާރު ހުރީ އަތުގެ އިނގިލި ކުރިއަށް ތިލަވެފައި. ދިވެހި ފުލުހުންގެ ޚިދުމަތް ވެސް ކުރިއަރައި ތަރައްޤީވަމުން އެ އަންނަނީ އެ ބަދަލުތަކާ ފައިހަމަކުރަމުން.

އަޅުގަނޑުގެ އަމާޒަކީ، ފުލުހުންގެ ތެރޭގައި ޚިދުމަތްކުރާ ކޮންމެ މީހަކީ، އެ މީހެއްގެ ޚިދުމަތުގެ ދާއިރާއާ ގުޅޭގޮތުން ތަޢުލީމާއި ތަމްރީނު ހޯދައިގެން ޚިދުމަތް ދޭ މީހަކަށް ހެދުން. މީގެ އެއް އަހަރު ކުރިން އައްޑޫގައި ހުޅުވި "ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓް"އަކީ ފެންވަރު ރަނގަޅު ފުލުހުން ތަމްރީނު ކުރުމުގައި ވަރަށް މުހިންމު ދައުރެއް އަދާކުރާނެ، ވަރަށް ބޭނުންތެރި މުއައްސަސާއެއް.

ދިވެހި ފުލުހުންގެ ތެރޭގައި ވަރަށް ތަޢުލީމީ އަދި ވަރަށް ތަޖުރިބާކާރު ފުލުހުން މިހާރުވެސް އެބަ ތިއްބެވި. ފުލުހުންގެ ތަޙުޤީޤުތައް މިހާރު ކުރިއަށް އެ ގެންދަނީ، ޒަމާނީ ޓެކްނޮލޮޖީ އާއި، އެ ބޭފުޅުންގެ ތަޢުލީމާއި ތަޖުރިބާގެ އަލީގައި. މިހެން ދަންނަވާއިރު ވެސް، ފުލުހުންގެ ތަޙުޤީޤާ މެދު ރައްޔިތުންގެ ހިތުގައި ސުވާލު އުފެދުމަކީ ހަމަ ވެދާނެ ކަމެއް.

ތަޙުޤީޤު ލަސްވެގެން ސުވާލު އުފައްދަފާނެ. ތަޙުޤީޤުގެ ހޯދުންތައް ޢާންމު ނުކުރާތީ، ނުވަތަ ތަޙުޤީޤު ކުރިއަށްދާ ގޮތް ނޭނގިގެން ވެސް ސުވާލު އުފައްދަފާނެ. އަޅުގަނޑު ހިތުން ބައެއްފަހަރު ތަޙުޤީޤެއް ލަސްވުމަކީ، އެ ތަޙުޤީޤެއް ބަލިކަށިވާ ކަމަކަށް ނުވެދާނެ. އަޅުގަނޑު ޤަބޫލުކުރާ ގޮތުގައި، ފުލުހުންގެ ތަޙުޤީޤުތައް ކުރިއަށް އެ ގެންދަވަނީ، ޕްރޮފެޝަނަލިޒަމްގެ އެންމެ މަތީ މިންގަނޑުގައި. ވަގުތު ނެގިޔަސް، އިންޞާފު ޤާއިމުކުރެވޭ މިންވަރަށް ތަޙުޤީޤު ފުރިހަމަކުރުމަކީ، ޢަދުލު އިންޞާފު ޤާއިމުކުރުމަށްޓަކައި ކޮންމެހެން ކުރަންޖެހޭ ކަމެއް. ފުލުހުންނަކީ ޢަދުލު އިންޞާފު ޤާއިމުކުރުމުގެ އެއްބޮޅު. އެކަން ދިވެހި ފުލުހުން ކުރާނެ ކަމުގެ ފުރިހަމަ އިތުބާރާއި ޔަޤީންކަން އަޅުގަނޑަށް އެބައޮތް.

ބަވަނަވެފައިވާ އަދުގެ ދުނިޔޭގައި، ކުށަކީ އިމްޕޯޓްކޮށް އަދި އެކްސްޕޯޓް ވެސް ކުރެވޭ އެއްޗެއް. އެއް ޤައުމެއްގައި ހުރެގެން، މާ ދުރުގައި އޮންނަ އެހެން ޤައުމެއްގައި ޖަރީމާއެއް ހިންގުމަކީ ވެސް، މި ޒަމާނުގައި ކުރެވިދާނެ ކަމެއް. ބޯޑަރުތަކާއި ސަރަޙައްދީ އިމަކީ، ކުށްވެރިންނާއި ކުށުގެ މާޙައުލު ދަންނަ އެއްޗެއް ނޫން. އެހެންކަމުން، ދިވެހި ފުލުހުންގެ ޚިދުމަތުގެ ކަޅި މިއަދު އަމާޒުކުރަން ޖެހެނީ ހަމައެކަނި މި ރާއްޖެއަކަށް ނޫން. ދިވެހިރާއްޖެ އާއި ރާއްޖޭގެ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި، ރާއްޖޭގެ ގަސްކަރަ ނުފެންނަ ހިސާބުން މާދުރަށް ދިވެހި ފުލުހުންގެ ލޯތައް މިއަދު ހުޅުވަންޖެހޭ.

އަދުގެ ދުނިޔޭގައި އަޅުގަނޑުމެންގެ ރާއްޖެއަކީ ވެސް، ބައިނަލްއަޤުވާމީ ޢާއިލާގެ އެއްބައެއް. އެ ސަބަބަށްޓަކައި އަޅުގަނޑުމެންގެ ރާއްޖެއާއި ރާއްޖޭގައި އުޅޭ އެންމެންގެ ސަލާމަތާއި ރައްކާތެރިކަން، އަދި މުދަލާއި ގެދޮރުގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި، އެހެން ޤައުމުތަކުގެ ފުލުހުންގެ އިދާރާތަކާ ގުޅިގެން ކުރަންޖެހޭ މަސައްކަތްތަކެއް ވެސް ހުރޭ.

ދިވެހި ފުލުހުންނަކީ، ބައިނަލްއަޤުވާމީ މުޖުތަމަޢުގައި ހިނގާ އެފަދަ އޮއިވަރުތަކަށް ހޭލައި، ތައްޔާރީ ޙާލަތުގައި ތިބޭ ބައެއް. ބައިނަލްއަޤުވާމީ ފުލުހުންގެ އިދާރާ އިންޓަރޕޯލްގެ، ފިކްސްޑް ނެޓްވަރކް ޑޭޓާބޭސް އާއި، ރާއްޖޭގެ ބޯޑަރ މެނޭޖްމަންޓް ސިސްޓަމް، 2019 ވަނަ އަހަރުން ފެށިގެން ވަނީ ގުޅައިލާފައި. އަދި ދިވެހި ފުލުހުންގެ ޚިދުމަތުގައި ބޭނުންކުރާ އިންފޮމޭޝަން ސިސްޓަމް ވެސް، 2020 ވަނަ އަހަރުން ފެށިގެން ވަނީ އިންޓަރޕޯލްގެ ޑޭޓާބޭސްއާ ގުޅައިލެވިފައި.

މި ދެންނެވި ނިޒާމުގެ ތެރެއިން ރާއްޖެއާއި އިންޓަރޕޯލް ގުޅައިލުމުން، ވަރަށް ގިނަ މަންފާތައް ރާއްޖެއަށް ވެސް، އަދި ބައިނަލްއަޤުވާމީ މުޖުތަމަޢަށްވެސް ލިބެމުން ދާނެ. ރާއްޖެއަށް އެތެރެވާ އަދި ބޭރުވާ ކޮންމެ ފަސިންޖަރެއްގެ މަޢުލޫމާތު، އިމިގްރޭޝަންގެ ބޯޑަރ ކޮންޓްރޯލް ސިސްޓަމް މެދުވެރިކޮށް، އިންޓަރޕޯލްގެ ޑޭޓާބޭސްތަކުން ޗެކް ކުރެވޭނެ.

އަދި ފުލުހުންގެ ފްރޮންޓްލައިން އޮފިސަރުން ބަލައި ފާސްކުރާ އެއްވެސް މީހެއްގެ މަޢުލޫމާތު، އިންޓަރޕޯލްގައި ހުރިނަމަ، އެ މަޢުލޫމާތެއްވެސް، އެ ނިޒާމުގެ ތެރެއިން ދިވެހި ފުލުހުންނަށް މިހާރު ފެންނާނެ. އަދި ރާއްޖޭގައި މި ވަގުތު ހުރި ހުރިހާ ޕޮލިސް ސްޓޭޝަނެއްގައި ވެސް، މި ނިޒާމު ބޭނުންކުރެވޭނެ އިންތިޒާމު މިހާރު ހުރީ ހަމަޖެހިފައި. މިއީވެސް، ބޯޑަރުތައް ހުރަސްކޮށް ހިންގާ ޖަރީމާތަކާއި، ޓެރަރިޒަމާއި، އެނޫން ބޮޑެތި ކުށްތަކާ ދެކޮޅަށްވެސް، ދުރާލައި ފިޔަވަޅު އެޅުމަށް މަގު ފަހިވެގެންދާނެ ކަމެއް.

އަޅުގަނޑުމެން އެންމެން ވެސް އުޅެމުން މިދަނީ ވަރަށް އަވަސްއަވަހަށް އަންނަ ބަދަލުތަކެއްގެ ދުނިޔެއެއްގައި. ކޮންމެ ރަނގަޅު ބަދަލަކާ ވިދިގެން ނުރަނގަޅު ބަދަލެއް އައުމަކީ ދުނިޔަވީ ސުންނަތެއް. ޒަމާނީ ޓެކްނޮލޮޖީއަކީ ޞިނާޢީ އިންޤިލާބު މިހާތަނަށް ގެނެސްދިން އެންމެ ހެޔޮ ބަދަލު. އެއާއެކު އެ ލިބުނު ރަނގަޅުގެ ނާޖާއިޒު ބޭނުން ހިފައިގެން، ކުށުގެ ވެށި ފުޅާކުރުމަކީ، އިންސާނުން ހަދާ އެންމެ ބޮޑު ގޯސް.

ޒަމާނީ ޓެކްނޮލޮޖީ އާއި އިންޓަރނެޓްގެ ޒަރީއާއިން ހިންގާ ކުށްތަކާއި، މީހުންގެ ފުރާނަ އާއި މުދަލާއި، ފައިސާއަށް ދޭ ގެއްލުންތަކަކީ، މުޅި ދުނިޔެއަށް ވެސް ކުރިމަތިވެފައިވާ ވަރަށް ބޮޑު ގޮންޖެހުމެއް. އެފަދަ ކުށްތައް ދަނީ އިތުރުވަމުން. އަދި އޭގެ ބާވަތްތައް ވެސް ދަނީ ތަފާތުވަމުން. މިއީވެސް މި ޒަމާނުގެ ފުލުހުންގެ ޚިދުމަތްތަކުގައި ޚާއްޞަ ސަމާލުކަމެއް ދީފައިވާ ކަމެއް.

މިފަދަ ގޮންޖެހުންތައް ހުރި ނަމަވެސް، ދިވެހި ފުލުހުންގެ ޚިދުމަތް ބައްޓަން ކުރަމުން މި އަންނަނީ، ޒަމާނީ ޓެކްނޮލޮޖީއާއި، އައު ވިސްނުންތަކުގެ އަލީގައި، ރައްޔިތުންނާ ގާތުން ޚިދުމަތް ދޭ މުއައްސަސާއެއްގެ ގޮތުގައި. އެގޮތުން، ފްރޮންޓްލައިންގައި މަސައްކަތް ކުރާ ފުލުހުން މިހާރުވަނީ، ބޮޑީ ވޯން ކެމެރާ އާއި، ޓޭޒަރ ގަން ބޭނުންކުރަން ފަށާފައި. މިކަމުގެ ސަބަބުން ކުށުގެ ވެށީގައި ޢާންމު ރައްޔިތުންނަށާއި، ފުލުހުންގެ ރައްކާތެރިކަމަށް އޮންނަ ޖާގަ ކުރިއަށްވުރެ ފުޅާވެއްޖެ. އަދި ފްރޮންޓްލައިނަށް ނުކުންނަ ފުލުހުން ޒިންމާދާރު ކުރުވުމުގެ ދާއިރާވެސް ފުޅާވެއްޖެ.

އަދިވެސް ފުލުހުންގެ ޚިދުމަތް ޒަމާނީކޮށް ރައްޔިތުންނަށް ބޭނުންވާ ޚިދުމަތްތައް ދިނުމަށްޓަކައި ފުލުހުންގެ ޚިދުމަތަށް ގެންނަންޖެހޭ މުހިންމު ބަދަލުތައް އެބަހުރި. އަދި ފުރިހަމަކޮށްދޭންޖެހޭ ކަންތައްތައްވެސް އެބަހުރި. ފުލުހުންގެ އިންސާނީ ވަސީލަތްތައް ތަރައްޤީ ކުރުމާއި، ފުލުހުންނަށް ބޭނުންވާ އެހެނިހެން ވަސީލަތްތައް އިތުރުކުރުމުގެ މަސައްކަތް ވެސް އަޅުގަނޑުމެން މި އަންނަނީ ކުރަމުން.

ދައުލަތް ހިންގުމުގެ ނިޒާމު ހަރުދަނާ ކުރުމުގެ އެންމެ މުހިންމު ކަމަކީ، ދައުލަތުގެ މުވައްޒަފުންނަށް ރަނގަޅު ގޮތްތައް ހަމަޖައްސައިދިނުން. އެގޮތުން، ތަޢުލީމީ ދާއިރާގެ މުވައްޒަފުންގެ މުސާރައަށް، މިދިޔަ އަހަރުގެ ތެރޭގައި ހެޔޮ ބަދަލެއް ގެނެވިއްޖެ. މަތީ ތަޢުލީމު ދޭ ސަރުކާރުގެ މުއައްސަސާތަކުގެ ލެކްޗަރަރއިންގެ މުސާރައަށް ވެސް، މިދިޔަ މާރިޗު މަހުން ފެށިގެން ހެޔޮ ބަދަލެއް ގެނެވިއްޖެ.

އިރާދަކުރެއްވިއްޔާ އަންނަ މޭ މަހުން ފެށިގެން ޞިއްޙީ ދާއިރާގެ މުވައްޒަފުންގެ މުސާރައަށް ވެސް ހެޔޮ ބަދަލުތަކެއް އަންނާނެ. އެ ބަދަލުތަކުގެ އިތުރު ތަފްޞީލުތައް، ޕޭ ކޮމިޝަނުންނާއި، ހެލްތު މިނިސްޓްރީން މާދަމާ އިޢުލާނު ކުރާނެ.

އަޅުގަނޑުމެން މިހާރު ފަށާފައިވާ ޕޭ ހާމަނައިޒޭޝަންގެ މަސައްކަތުގެ ތެރެއިން، ދިވެހި ފުލުހުންނާއި ދިވެހި ސިފައިންގެ މުސާރައަށް ވެސް، އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ހެޔޮ ބަދަލެއް ގެނެސްދޭނަން. އެކަމާ ބެހޭ ދިރާސާތައް، ޕޭ ކޮމިޝަނުން މިހާރު އެ އަންނަނީ ކުރަމުން. މި ދެންނެވި ޕޭ ހާމަނައިޒޭޝަންގެ މަސައްކަތް ނިމިގެން ދާއިރު، ސަރުކާރުގެ ހުރިހާ މުވައްޒަފުންގެ މުސާރައަށް ހެޔޮ ބަދަލުތަކެއް އަންނާނެ.

ޢާންމު ރައްޔިތުންގެ ދެން އޮތް އެންމެ ބޮޑު އަނެއް ކަންބޮޑުވުމަކީ ބޯހިޔާވަހިކަމުގެ ދަތިކަން. ފުލުހުންނާއި ސިފައިންނަށްވެސް އެ ދަތިކަން އެބައޮތް. ޚާއްޞަކޮށް، ރަށުން ބޭރުގައި އަދި ޢާއިލާއާ ދުރުގައި ވަޒީފާ އަދާކުރަން ޖެހިފައިވާ ފުލުހުންނަށް އެ ދަތިކަމުގެ އިޙްސާސް ވަކިން ބޮޑަށް ކުރެވޭނެ. ފުލުހުންނަށް ބޯހިޔާވަހިކަން ހޯދައިދިނުމަށް ފަށާފައިވާ "ބްލޫ ހައުސިންގ ސްކީމް"ގެ ދަށުން ހަދާ ފްލެޓްތައް ނިމިގެން ޙަވާލުކުރާއިރު، ފްލެޓްތަކުގެ އަގަށް ހެޔޮ ބަދަލެއް ގެނައުމަށް ސަރުކާރުން މި އަންނަނީ މަސައްކަތްތަކެއް ކުރަމުން. އިރާދަކުރެއްވިއްޔާ ތިޔަބޭފުޅުންނާ އެ ފްލެޓްތައް ހަވާލުކުރެވޭއިރު، ރަނގަޅު ހެޔޮ ބަދަލެއް އަގަށް އަންނާނެކަމުގެ ޔަޤީންކަން އަޅުގަނޑު މިރޭ އަރުވަން.

ދިވެހި ފުލުހުންގެ ޚިދުމަތަށް އަޅުގަނޑު އަބަދުވެސް އެދެނީ، ފާގަތިކަމާއި ކުރިއެރުމަށް. އަޅުގަނޑުގެ އުންމީދަކީ، ދިވެހި ރައްޔިތުންގެ އިތުބާރާއި އިޙްތިރާމް ލިބިފައިވާ ބަޔަކަށް ދިވެހި ފުލުހުން ހެދުމަށް އަޅުގަނޑުމެން މި ކުރާ މަސައްކަތުގެ ހެޔޮ ނަތީޖާ ވީހާވެސް އަވަހަކަށް ފެނިގެންދިޔުން. ދިވެހި ފުލުހުންނަކީ ދިވެހި ދައުލަތަށް ވަފާތެރި، އަދި ދިވެހި ރައްޔިތުންނާއި ދިވެހި ޤައުމަށް ޚިދުމަތް ކުރުމުގައި ސާބިތުވެ ތިބޭ ބައެއް ކަމުގައި ލެއްވުން އެދި اللهُ سُبْحَانَهُ وَتَعَالَىގެ ޙަޟްރަތުގައި ދުޢާ ދަންނަވަން. ދިވެހި އުންމަތަށް ޞުލްޙަ މަސަލަސްކަމާއި ހަމަޖެހުމާއި، ތަރައްޤީއާއި އުފާ ފާގަތިކަން ހޯދައިދިނުމަށް މިކުރާ މަސައްކަތުގައި އެކަލާނގެ ބަރަކާތް ލައްވައި ކާމިޔާބީ މިންވަރު ކުރައްވާށި! އާމީން.

وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.