بســم اللّـه الرّحمـن الرّحيــم

الحمـد لِلّـه ربّ العـالمـين، والصّـلاة والسّلام علـى خاتم الأنبياء والمرسلين، وعلـى آلـه وأصـحابه أجمـعـين.

ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ރައީސް، މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުން؛

السّلام عليــكم ورحـمــة اللّـه وبـركاتـه.

ރައްޔިތުންގެ މަޖިލީހުން ފާސްކުރުމަށްޓަކައި ދައުލަތުގެ ބަޖެޓް ހުށަހެޅުމަކީ ޤާނޫނީގޮތުން، މިނިސްޓްރީ އޮފް ފިނޭންސްގެ އެންމެ އިސްވެރިޔާ، ކޮންމެ އަހަރަކުވެސް އަދާކުރަންޖެހޭ ވާޖިބެއް. އެގޮތުގެ މަތިން މިވޭތުވެދިޔަ އަހަރުތަކުގައިވެސް އަޅުގަނޑު ރައްޔިތުންގެ މަޖިލީހަށް ޙާޟިރުވެ ކޮންމެ އަހަރަކުވެސް ކުރިއަށް އޮންނަ އަހަރުގެ ބަޖެޓް ހުށަހަޅަމުން ގެންގޮސްފައިވަނީ. މި އަހަރުވެސް އަޅުގަނޑު މަޖިލީހަށް މިއައީ އެ އުފާވެރި ވާޖިބު އަދާކުރުމަށްޓަކައި.

ޢިއްޒަތްތެރި މެންބަރުންނަށް އެނގިވަޑައިގަންނަވާނެ ފަދައިން، 1980ގެ އަހަރުތައް ނިމިގެންދާއިރު، މި ދިހައިގެ ތެރޭގައި ރައްޔިތުންގެ ފަސޭހައާއި ލާބައަށްޓަކައި ސަރުކާރުން ވަރަށްގިނަ މަސައްކަތްތަކެއް ވަނީ ކޮށްފައި. އެހެންވީމާ، ރައްޔިތުންގެ ލާބަޔާއި ފައިދާއަށްޓަކައި، ސަރުކާރުން މަސައްކަތްތަކެއް ކުރުމުގެ ތައުފީޤު اللّــه ســبحانه وتــعالى އަޅުގަނޑަށާއި ދިވެހި ސަރުކާރަށް ދެއްވި ކަމަށްޓަކައި، އަޅުގަނޑުގެ އެންމެ އިސް ވާޖިބެއް ކަމުގައި ދެކެނީ އެކަލާނގެއަށް ޙަމްދާއި ޝުކުރު އަދާކުރުން.

ދައުލަތުގެ ބަޖެޓް ހުށަހެޅެނީ ވަރަށް ޚާއްޞަ މަޤްޞަދުތަކެއް ޙާޞިލް ކުރުމަށްޓަކައި. ރާއްޖެފަދަ ޤައުމެއް، އިޤްތިޞާދީ ގޮތުންނާއި، އިޖުތިމާޢީ ގޮތުން ހަލުވިކަމާއެކު ކުރިއަށް ގެންދިޔުމަށްޓަކައި ބޭނުންވާ ކަންތައްތައް ވަރަށްގިނަ. އަދި އެކަންތައްތައް ފުރިހަމަކުރުމަށް ލިބިފައިވާ މާލިއްޔަތު ނުވަތަ ފައިސާ ވަރަށްމަދު. އެހެންކަމުން، އެންމެ ފުރަތަމަ، ސަރުކާރުން ކުރަންޖެހޭ ކަމަކީ، ރާއްޖޭގެ ތަރައްޤީއަށްޓަކައި، ރައްޔިތުންގެ ލާބަޔާއި ފައިދާއަށްޓަކައި އެންމެ އިސްކަންދޭންވީ ކަންތައްތަކަކީ ކޮބައިކަން ނިންމުން. ރާއްޖޭގެ އިޤްތިޞާދު ކުރިއެރުވުމަށް ކުރަންޖެހޭ މަސައްކަތް، ތަރައްޤީވަމުން އަންނަ އެހެން ޤައުމުތަކާ އަޅާބަލާއިރު، މާއުނދަގޫކަމަށް އަޅުގަނޑު ހިތުން ތިޔަބޭފުޅުންނަށްވެސް ގަބޫލުކުރެއްވޭނެ. ރާއްޖޭގައި އާމްދަނީ ހޯދޭނެ ގިނަ ވައްތަރުތަކުގެ މަސައްކަތްތަކެއް ނުކުރެވޭ. ކުރެވޭކަށެއް ނުހުރޭ. ނަތީޖާއަކަށް ވަނީ، އިޤްތިޞާދު ފުޅާކުރުމުގެ ފުރުޞަތު ކުޑަވުން. ގިނަފަހަރަށް އިޤްތިޞާދީ ދަތިތަކާ ކުރިމަތިލާންޖެހެނީ ދުނިޔޭގެ ބާޒާރަށް އަންނަ ބަދަލުތަކެއްގެ ސަބަބުން. އަދި އަޅުގަނޑުމެންނަށް އެބަދަލުތަކުގެ މައްޗަށް ނުފޫޒެއް ފޯރުވެން ނޯންނާތީ. އާދެ، އަޅުގަނޑުމެންގެ ބޭނުންތަކަށް ބޭނުންވާ ހުރިހާ އެއްޗެއްހެން ގެންނަންޖެހެނީ ބޭރުން ކަމަށްވާތީ، މިދެންނެވި ދަތިކަން އަޅުގަނޑުމެންނަށް އޮންނަނީ އަބަދުވެސް އިޙްސާސް ކުރަންޖެހިފައި.

މީގެއިތުރަށް، ދުނިޔޭގެ އެހެން ޤައުމުތަކާ ރާއްޖެ ވަނީ ޖުޣްރާފީ ގޮތުން ބަލާއިރުވެސް ވަރަށް ބޮޑަށް އެކަހެރިވެފައި. އަޅުގަނޑުމެންގެ މީހުން ދިރިއުޅެމުން މިގެންދަނީ، ރާއްޖެއާ އެންމެކައިރި ޤައުމާވެސް 400 މޭލަށްވުރެ ދުރުގައި، މާސިންގާ ފުން ކަނޑުގެ ތެރޭގައި، ވަކިވަކިން އެތުރިފައިވާ ކުދިކުދި ރަށްތަކެއްގައި. ދުރުގައިވާ ކުދިކުދި ރަށްތަކެއްގައި މީހުން އުޅުމުން، ކޮންމެ ރަށެއް އިޤްތިޞާދީ ގޮތުންނާއި، އިޖުތިމާޢީ ގޮތުން ކުރިއަށް ގެންދިޔުމުގައި، އެހެން ތަންތަނާ އަޅާބަލާއިރު، ކޮންމެ ރަށަކަށް ހިނގާ ޚަރަދު މާބޮޑުވެގެންދޭ. ކޮންމެ ރަށެއްގައިވެސް މަދުމީސްކޮޅެއް އުޅުމުގެ ސަބަބުން، ގިނަ ތަކެތި އުފެއްދުމުން ލިބޭ ފައިދާ ކުޑަވެގެންދޭ. ބޭރުން ގެންނަ އެއްޗެތި މަދުކުރުމަށްޓަކައި، އޭގެ ބަދަލުގައި ތަނުގައި އުފެއްދޭނެ އެއްޗެއް ނެތުމުންނާއި، އެފަދަ އެއްޗެއް އުފެއްދުމަށްޓަކައި ހިނގާ ޚަރަދުގެ ބޮޑުކަމުން، އެފަދަ މަސައްކަތުގެ ފައިދާ ވަރަށްވެސް ކުޑަ. ރާއްޖޭގެ ބިމުގައި މަޢުދަނެއްފަދަ ޤުދްރަތީ މުއްސަނދި ކަމެއް އަދި ފެނިފައި ނެތުމާއި، އެއްޗެތި އުފެއްދުމަށްޓަކައި ނުވަތަ ތައްޔާރުކުރުމަށްޓަކައި ބޭނުންކުރެވެން ހުރި ހަކަތައިގެ މަދުކަމާއި، ތަމްރީނު ލިބިފައިވާ މީހުން މަދުކަމުން، މިކަންކަން އެއީވެސް ތަރައްޤީއަށް އެޅޭ ހުރަސްތަކެއް ކަމުގައި އޮންނަނީ ވެފައި. މާޙައުލަށް އަންނަ ބަދަލުތަކުގެ ސަބަބުން ޤައުމަށް ލިބިދާނޭ ގެއްލުމަކީވެސް، އިޤްތިޞާދަށް ދިމާވާ ވަރަށްބޮޑު ދަތިކަމެއް. ހަމައެއާއެކު، އަޅުގަނޑުމެން މިހާރު އެންމެ ބޮޑަށް ސަމާލުކަން ދޭން ޖެހިފައިވަނީ ރާއްޖޭގެ އަމަންއަމާންކަމާއި މިނިވަންކަން ދިފާޢުކޮށް ވަރުގަދަކުރުމަށް. އެއީވެސް އަޅުގަނޑުމެންނަށް ހުސްވި އަހަރު ދިމާވި ހިތި ތަޖުރިބާއިން ޢިބްރަތެއް ޙާޞިލްކޮށްގެން މިހާރު ކުރަން ޖެހިފައިވާ ކަމެއް.

އިޤްތިޞާދީ ކުރިއެރުން ހިފެހެއްޓުމަށްޓަކައި ސަރުކާރުގެ ބަޖެޓް ރޭވުމުގައި ސަރުކާރަށް ދިމާވާ ބައެއް ދަތިތަކަކީ، ކުރިން އަޅުގަނޑު ދެންނެވި ފަދައިން، ކުދި އެހެން ޤައުމުތަކަށްވުރެ ބޮޑަށް އަޅުގަނޑުމެން އިޙްސާސް ކުރަންޖެހޭ ދަތިތަކެއް. މީގެތެރެއިން ބައެއް ކަންތައްތައް ޙައްލުކުރެވުނު ކަމުގައިވިޔަސް، އަނެއްބައި ކަންތައްތަކަކީ މުޅިން ޙައްލުކުރުން ދަތި ކަންތައްތަކެއް.

މިކަންކަން މިހެން ހުރި ކަމުގައިވިޔަސް، އަޅުގަނޑުމެންގެ ޙަޤީޤީ އުފެއްދުންތެރިކަމުގެ މިންވަރު، މިހިނގައިދިޔަ ދިހަވަރަކަށް އަހަރުގެ ތެރޭގައި، މެދުމިންގޮތެއްގައި ވަނީ ސަތޭކައަކުން 10ގެ ނިސްބަތުގައި ދެމެހެއްޓިފައި. މިދެންނެވި މުއްދަތުގެ ތެރޭގައި، ވަރަށްގިނަ ކުދި ޤައުމުތަކުގައި، އިޤްތިޞާދީ ކުރިއެރުން ވަނީ މުޅިންހެން ހުއްޓުމަކަށް އައިސްފައި. ރާއްޖޭގައި ޤައުމީ އިޤްތިޞާދީ ކުރިއެރުން މި ނިސްބަތުގައި ހިފެހެއްޓުނީ، ސަރުކާރުން އެކިފަހަރު މަތިން އެޅި އިޞްލާޙީ ފިޔަވަޅުތަކެއްގެ ސަބަބުންނާއެކު، ރައްޔިތުންގެ ހިތްވަރާއި، ބުރަ މަސައްކަތުންކަން އަޅުގަނޑު އުފަލާއެކު ފާހަގަކުރަން.

އަޅުގަނޑު މިއަދު ތިޔަ ޢިއްޒަތްތެރި މެންބަރުންގެ ކުރިފުޅުމައްޗަށް މި ހުށަހަޅާ ބަޖެޓަކީ، މީގެކުރީގެ އަހަރުތަކުގައިވެސް އަޅުގަނޑު ހުށަހަޅާފައިވާ ބަޖެޓްތަކާ އެއް އުޞޫލެއްގެ މަތިން ހުށަހަޅާ ބަޖެޓެއް. އެކިއެކި ޢަދަދުތަކުގައި ތަފާތު ހުރިކަމުގައިވިޔަސް، މަޤްޞަދަކީ ހަމަ އެކައްޗެއް. އެހެންކަމުން، އިޖުތިމާޢީ އަދި އިޤްތިޞާދީ ކުރިއެރުމަށްޓަކައި ސަރުކާރުން ކުރަމުންދާ ޚަރަދު، އެއް އަހަރުން އަނެއް އަހަރަށް ދަނީ އިތުރުވަމުން.

ތަޢުލީމުގެ ދާއިރާއަކީ، ސަރުކާރުން އެންމެ އިސްކަންދޭ އެއް ދާއިރާ. މާލެއާއި ރާއްޖެތެރޭގައި، ފަށާ ތަޢުލީމު ދެވޭނެގޮތް ހަމަޖައްސައިދެވޭތޯ ސަރުކާރުން ގެންދަނީ މަސައްކަތް ކުރަމުން. ޝައްކެއްނެތްގޮތުގައި، އަޅުގަނޑުމެންގެ ޤައުމީ ކުރިއެރުން އަބަދުވެސް ބިނާވެފައި އޮންނާނީ، އަޅުގަނޑުމެންގެ ޤައުމުގެ ދަރިންގެ ލިޔާޤަތާއި ޤާބިލިއްޔަތުގެ މައްޗަށް. އަޅުގަނޑުމެންނަށް މިއަދު ތަމްރީނު ލިބިފައިވާ މީހުން، އެކިއެކި މަސައްކަތް ކުރުމަށް ލިބިފައި ނެތުމުގެ ސަބަބުން، އެފަދަ މީހުން ގެންނަންޖެހެނީ ބޭރުން. ހަމަގައިމުވެސް އަޅުގަނޑުމެންގެ މީހުން އެކަންކަމުގައި ތިބޭނަމަ، އަޅުގަނޑުމެންނަށް އެކަމުގެ ސަބަބުން ލިބޭ ފައިދާތައް އެތައް ގުނައަކަށް އިތުރުވެގެންދާނެ.

ތަޢުލީމު ދިނުމުގެ ކަންތައްތައް ކުރިއަށް ގެންދިޔުމުގެ ގޮތުން ސަރުކާރުގެ ބަޖެޓުން ޚަރަދުކޮށްގެން ކުރާ ކަންތައްތަކުގެ އިތުރަށް، ބޭރުގެ އެހީ ހޯދައިގެންވެސް މި ރޮނގުގައި ދަނީ މަސައްކަތްތަކެއް ކުރެވެމުން. މިގޮތުން ކުރެވުނު ކަންތައްތަކުގެ ތެރޭގައި، ޖަޕާނު ސަރުކާރުގެ އެހީގައި މާލޭގައި ޢިމާރާތްކޮށް ހުޅުވިފައިވާ ކަލާފާނު ސްކޫލް ހިމެނޭ. މި ސްކޫލް ޢިމާރާތް ކުރުމުގެ ޕްރޮޖެކްޓަށް ގާތްގަނޑަކަށް 46 މިލިއަން ރުފިޔާ ޚަރަދުވި. އެއީ ޖަޕާނުގެ ހިލޭ އެހީ. މީގެއިތުރަށް، ރާއްޖެތެރޭގައި މަދަރުސާތަކުގެ ފެންވަރު ރަނގަޅުކުރުމަށާއި، މަދަރުސާތަކުގެ ގޮނޑި މޭޒުފަދަ ތަކެތީގެ ފެންވަރު ރަނގަޅުކުރުމަށް ބޭރުގެ އެހީވެސް ހޯދައިގެން، ސަރުކާރުން އެތަންތަނަށް އެހީވެދީފައިވޭ. އަދި މިހާރުވެސް އެމަޝްރޫޢުގެ މަސައްކަތްތައް، އެކި އަތޮޅުތަކުގައި ހިނގަމުން އެބަދޭ. އަދި މީގެއިތުރަށް، ޔޫ.އެން.ސީ.ޑީ.އެފް.ގެ އެހީގައި ތާޖުއްދީން ސްކޫލްގައި، އިތުރު ތަންތަން ހެދުމުގެ މަސައްކަތާއި، އިސްކަންދަރު ސްކޫލްގައި، އިތުރު ތަންތަން ހެދުމުގެ މަސައްކަތް ފެށޭގޮތަށް މިހާރުވަނީ ހަމަޖެހިފައި. އެ ދެތަނުގެ މަސައްކަތަށް ބޭނުންވާ ބައެއް ތަކެތި މިހާރުވަނީ ލިބިފައި.

ކޮންމެ ޤައުމެއްގައިވެސް ޞިއްޙީ ފަރުވާ ދެވޭނެ ގޮތްތަކެއް، އެ ޤައުމެއްގެ ސަރުކާރުން ރާވަންޖެހޭ. މި ދައުރަށްވީއްސުރެ އެކަމަށް މިގެންދަނީ ވަރަށްބޮޑު އަހަންމިއްޔަތެއް ދެމުން. މާލޭގައި ހުރި ސެންޓްރަލް ހޮސްޕިޓަލްގެ އިތުރަށް، ރާއްޖެތެރޭގައި މިހާރު ހަތަރު ސަރަޙައްދީ ހަސްފަތާލު ހިނގަމުންދޭ. މާލޭގައި ސެންޓްރަލް ހޮސްޕިޓަލްގެ ތެރޭގައި، އަލަށް އެޅުނު ޢިމާރާތުގައިވެސް މިހާރުވަނީ ޚިދުމަތް ދޭން ފެށިފައި. ޞިއްޙީ ޚިދުމަތް ދެވޭނެ ވަސީލަތްތައް އިތުރުކޮށް، ޚިދުމަތުގެ ފެންވަރު މަތިކުރުމަށްޓަކައި ވަރަށްގިނަ މަސައްކަތް ކުރެވެމުންދޭ. ރައްކާތެރި ބޯފެން ލިބޭނޭ ގޮތްތައް ރާއްޖެތެރޭގައްޔާއި މާލޭގައި ހެދެމުންދާއިރު، މާލޭގައި ފާޚާނާހޮޅިލުމުގެ ކަންތައްވެސް ކުރިއަށް ގެންދެވިފައިވޭ. ޞިއްޙީ ދާއިރާގެ މީހުންނަށް ތަމްރީނު ދިނުމާއި، ޞިއްޙީ ހޭލުންތެރިކަން އުފެއްދުމުގެ މަސައްކަތްވެސް ދަނީ ކުރިއަށް.

ރާއްޖޭގައި އިޤްތިޞާދީ ކުރިއެރުން މައްޗަށް ގެންދެވޭނީ، ރާއްޖޭގައި އެންމެ ފައިދާހުރި ގޮތެއްގައި ކުރެވެންހުރި ކަންތައްތައް ކުރަން އުޅެގެން. މެދު މުއްދަތަކަށް ބަލާއިރު، މަސްވެރިކަމާއި ޓޫރިޒަމްގައި އަޅުގަނޑުމެންނަށް އިތުރު ފައިދާ ލިބިގަތުމަށްޓަކައި، އިތުރަށް އެ ދެދާއިރާ ފުޅާކުރާނޭ ޖާގަ އެބައޮތް ކަމަށް ފެނޭ. މިކަމުގެ ސަބަބުން އަޅުގަނޑުމެންގެ އިޤްތިޞާދީ ކުރިއެރުމުގެ މިންވަރު ހިފެހެއްޓޭނެ ކަމަށް އުންމީދު ކުރެވޭ.

އާދެ! މަސްވެރިކަމަކީ އަޅުގަނޑުމެން އެންމެ ކުރިއްސުރެ ދިރިއުޅުމަށް ކުރަމުން އައި މަސައްކަތް. އަދި ޒަމާނާއެކު މަސްވެރިކަމަށް މިހާރުވަނީ ބޮޑެތި ބަދަލުތަކެއް އައިސްފައި. މަސްވެރިކަންކުރާ ގޮތާއި، މަސްބާނާ ޢަދަދާއި، އެކަމުން ލިބޭ ފައިދާ، އެތައް ގުނައަކަށް މިހާރު އިތުރުވެގެން ހިނގައްޖެ. މިހާތަނަށް ރެކޯޑުތަކުން ދައްކާގޮތުން، ހުސްވި އަހަރާއި، މި ހިނގަމުންދާ އަހަރަކީ، ފަހަކަށްއައިސް ރާއްޖޭގައި މަސްވެރިކަން އެންމެ ރަނގަޅަށް ކުރެވުނު ދެއަހަރު. އެ ދެއަހަރު މަސްބޭރުކުރެވުނު ޢަދަދާއި، މަހުގެ އަގަށް ލިބުނު އެއްޗެއް ވަރަށްބޮޑުތަން ވަނީ އިތުރުވެފައި.

މަސް ތައްޔާރުކޮށް ދަޅުގައި ބަންދުކުރުމުގެ ކަންތައްވެސް މިހާރުވަނީ ކުރިއަށްވުރެ ތަރައްޤީ ކުރެވިފައި. މަސްވެރިކަމަށް ދެވަނަ ޖީލުގެ ދޯނިފަހަރުވެސް ދަނީ އިތުރުކުރެވެމުން. އެހެންކަމުން، ރާއްޖޭގެ އިޤްތިޞާދީ ކުރިއެރުމުގެ މިންވަރު ހިފެހެއްޓުމުގައި، މަސްވެރިކަމުގެ ދާއިރާ ޙިއްޞާކުރަނީ ވަރަށްމަތީ މިންވަރަކަށް ކަމުގައި ދަންނަވަންޖެހޭ.

ޓޫރިޒަމްގެ ދާއިރާއަކީ އިޤްތިޞާދީ ގޮތުން ހަމަ އެހާމެ މުހިންމު ދާއިރާއެއް. ޓޫރިސްޓުން އައުން، މިއަހަރުގެ ވަކި ދުވަސްކޮޅެއްގައި ތަންކޮޅެއް މަދުވެފައިވިޔަސް، ވޭތުވެދިޔަ އަހަރުތަކުގައި، އެއް އަހަރުން އަނެއް އަހަރަށް ރާއްޖެއަށް އަންނަ ޓޫރިސްޓުންގެ ޢަދަދު އިތުރުވަމުން ގޮސްފައިވޭ. ޓޫރިޒަމްގެ ދާއިރާގައި މިހާރު އިންވެސްޓް ކުރެވެމުންދަނީ، އާ ޓޫރިސްޓް ރިޒޯޓުތައް ބިނާކުރުމަށާއި، ހިނގަމުންދާ ބައެއް ރިޒޯޓް އިތުރަށް ތަރައްޤީ ކުރުމަށް. ޓޫރިޒަމް ކުރިއަށް ގެންދިޔުމަށްޓަކައި އަރިއަތޮޅުން އިތުރު ރަށްތަކެއް މިހާރުދަނީ ހެދެމުން. އަރިއަތޮޅު ސަރަޙައްދުގެ ބައެއް ރިޒޯޓްތައް މިހާރުވަނީ ނިމުމަކާ ކައިރިއަށް ގޮސްފައި. ހުރިހާ ރަށްތަކެއް ހަދާ ނިމުމުން، ގާތްގަނޑަކަށް 2000 އެނދު އިތުރުވެގެންދާނެ.

1988 ވަނަ އަހަރު ރާއްޖޭގެ އިޤްތިޞާދިއްޔަތު ކުރިއަށްދިޔަގޮތް:

1988 ވަނަ އަހަރަކީ އިޤްތިޞާދީ ގޮތުން ރާއްޖެ ކުރިއަށްޖެހުނު އަހަރެއް. އެއަހަރު ރާއްޖެއަށް އައި ޓޫރިސްޓުންގެ ޢަދަދު، ކުރީ އަހަރަށްވުރެ ސަތޭކައަކުން 18.5 އިތުރުވި. މަސްވެރިކަމުގެ ދާއިރާގައި، ކުރީ އަހަރަށްވުރެ ބޭރުކުރެވުނު ބަރުދަން، ސަތޭކައަކުން 25.7 އިތުރުވި. މި ދެބައިގެ ސަބަބުން، އިޤްތިޞާދީ އުފެއްދުންތެރިކަމުގެ މިންވަރުވަނީ މައްޗަށް ގޮސްފައި. އަދި ބެލެންސް އޮފް ޕޭމެންޓްސް އިތުރަށް ވަނީ ރަނގަޅުވެފައި.

1988 ވަނަ އަހަރުގެ ބަޖެޓް:

1988 ވަނަ އަހަރުގެ ދައުލަތުގެ ބަޖެޓުން ހިނގި ޚަރަދުގެ މުޅި ޖުމްލައަކީ، ތިޔަބޭފުޅުންނަށް ލިބިވަޑައިގެންފައިވާ މަޢުލޫމާތު ކަރުދާސްތައްވެސް ދައްކާގޮތުން، 441.6 މިލިއަން ރުފިޔާ. މިއީ އޭގެ ކުރީ އަހަރަށްވުރެ، ސަތޭކައަކުން 17 ޕަސެންޓް މައްޗަށް ގޮސްފައިވާ ޢަދަދެއް. ކުރިއަށް އޮތް އަހަރަށް ހުށަހެޅި ބަޖެޓާއި، މަޢުލޫމާތު ފޯމު ނަންބަރު 1 އާއި، ނަންބަރު 2ން މިދަންނަވާ މަޢުލޫމާތުތައް އެނގިވަޑައިގަންނަވާނެ. 1988 ވަނަ އަހަރު އެކިގޮތްގޮތުން ސަރުކާރަށް ލިބިފައިވަނީ 486.1 މިލިއަން ރުފިޔާ. މިއީ އޭގެ ކުރީ އަހަރަށްވުރެ، ސަތޭކައަކުން 16 އިތުރުވެފައިވާ ޢަދަދެއް. ވޭތުވެދިޔަ އަހަރު އޭގެ ކުރީ އަހަރު ހިނގި ޚަރަދަށްވުރެ ލިބުނުވަރު 44.6 މިލިއަން ރުފިޔާ އިތުރުވި. އެހެންކަމުން، 1988 ވަނަ އަހަރުގެ ބަޖެޓަކީ ސަރޕްލަސް ބަޖެޓެއް. ވީމާ، މިއަހަރު މިވަނީ ވިދިވިދިގެން ދެއަހަރު ސަރޕްލަސް ބަޖެޓެއް ހަމަޖެއްސިފައި. މިބަދަލުގެ ސަބަބުން، ކުރީގައި އިތުރަށް ޚަރަދުވެފައިވާ ބައި ހަމަޖެހެމުންދާނެ.

1988 ވަނަ އަހަރު ސަރުކާރަށް ލިބުނު އާމްދަނީގެ ތެރޭގައި، އެއްތަނަކުން އެންމެ ގިނައިން ލިބިފައިވަނީ، ކުރީ އަހަރުތަކެކޭވެސް އެއްފަދައިން ކަސްޓަމުން. އެތަނުން ލިބިފައިވަނީ 138 މިލިއަން ރުފިޔާ. އެއީ އެއަހަރު ދައުލަތަށް ލިބުނު އެއްޗެއްގެ (ލޯނާއެކު) ސަތޭކައަކުން 28.

މިނިސްޓްރީ އޮފް ޓޫރިޒަމުން، ޓޫރިޒަމް ޓެކްސްގެ ގޮތުގައި ދެއްކީ 40.6 މިލިއަން ރުފިޔާ. އެއީ 1987 ވަނަ އަހަރު ލިބުނު ޢަދަދަށްވުރެ، ސަތޭކައަކުން 25 ގިނަ ޢަދަދެއް. ސަރުކާރުގެ ރިޒޯޓުތަކާއި، އަމިއްލަ ފަރާތްތަކުގެ ރިޒޯޓުތަކުގެ ބިމުގެ ކުއްޔަށް ލިބިފައި ވަނީ 25.6 މިލިއަން ރުފިޔާ.

ސަރުކާރުގެ ވިޔަފާރި ހިންގާ ތަންތަނުގެ ތެރެއިން، އެންމެބޮޑު ފައިދާއެއް ދައްކާފައިވަނީ، ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަނުން 25.2 މިލިއަން ރުފިޔާ. މިއީ ކުރީ އަހަރަށް ނިސްބަތްކުރާއިރު، ސަތޭކައަކުން 25 އިތުރު ޢަދަދެއް.

ބޭރުގެ އެހީގެ ގޮތުގައި 1988 ވަނަ އަހަރު ލިބިފައިވަނީ 19.2 މިލިއަން ރުފިޔާ. ތަރައްޤީގެ ޕްރޮޖެކްޓްތަކަށް ލިބުނު ހިލޭ އެހީގެ ޢަދަދަކީ 82.1 މިލިއަން ރުފިޔާ.

1988 ވަނަ އަހަރުގެ ޚަރަދަށް ބަލާއިރު، އެންމެބޮޑު ޚަރަދެއް ހިނގާފައިވަނީ އިޖުތިމާޢީ ތަރައްޤީއަށްޓަކައި. އެކަމަށް ހިނގާފައިވަނީ 165.3 މިލިއަން ރުފިޔާ. ނުވަތަ މުޅި ބަޖެޓް ޚަރަދުގެ ސަތޭކައަކުން 37. މިބައިގެ ތެރެއިން އެންމެބޮޑު ޚަރަދު ހިނގާފައިވަނީ ޖަމާޢަތުގެ ފައިދާއަށްޓަކައި ދެވޭ އެހެނިހެން ޚިދުމަތަށް. އެކަމަށް ހިނގި 58 މިލިއަން ރުފިޔާ އެއީ މުޅި ބަޖެޓް ޚަރަދުގެ ސަތޭކައަކުން 13. މި ޚަރަދު މައްޗަށް ގޮސްފައިވަނީ، މާލޭ ދެކުނުފަރާތުގެ ތޮށިލުމުގެ ބަޔަށާއި، މަގު ހެދުމަށާއި، އަދި ރާއްޖެތެރެ ތަރައްޤީ ކުރުމަށް ލިބިފައިވާ ބޭރުގެ އެހީ ވަދެގެން. މި އެހީގެ ޖުމްލައިގައި 43 މިލިއަން ރުފިޔާ ހިމެނޭ.

މަޖިލީހުގެ މެންބަރުންނަށް އެނގިވަޑައިގަންނަވާނޭ ފަދައިން، މާލެއަށް 1987 ވަނަ އަހަރު އާދަޔާޚިލާފަށް ރާޅުއެރުމުގެ ސަބަބުން ދެކުނުފަރާތުގައި ޖަޕާން ސަރުކާރުގެ އެހީގައި ތޮށިލުމަށް ފަށައިގަނެވިފައިވަނީ، 1988 ވަނަ އަހަރުގެ ތެރޭގައި. މި މަޢުލޫމާތު، ތިޔަބޭފުޅުންގެ އަތްޕުޅުގައިވާ ދެވަނަ ކަރުދާހުން، ބަޖެޓް މަޢުލޫމާތު 2ން އެނގިވަޑައިގަންނަވާނެ.

މިދިޔަ އަހަރު އާދެ، 1988 ގައި ޞިއްޙަތަށް ޚަރަދުވެފައިވަނީ، 50.9 މިލިއަން ރުފިޔާ ނުވަތަ މުޅި ބަޖެޓުގެ ސަތޭކައަކުން 11.5. ތަޢުލީމަށް ހިނގާފައިވާ ޚަރަދު ކަމުގައި ދައްކަނީ 40 މިލިއަން ރުފިޔާ. އެހެން ނަމަވެސް، އަޅުގަނޑު ކުރިން މިދެންނެވި ޚާއްޞަ ޕްރޮޖެކްޓްތަކުގެ ފައިސާނުލައި މިހާރުވެސް އެންމެބޮޑު ޚަރަދެއް ހިނގަމުންދަނީ ތަޢުލީމަށް. ތަޢުލީމަށް ހިނގާފައިވާ ޚަރަދުގެ ޖުމްލައަކީ، ކުރިންވެސް ދެންނެވި ފަދައިން، ގާތްގަނޑަކަށް 40 މިލިއަން ރުފިޔާ. ނުވަތަ މުޅި ބަޖެޓުގެ ސަތޭކައަކުން 9.

ރައްޔިތުންނަށް ދެވޭ ޢާންމު ޚިދުމަތުގެ ބަޔަށް 118.6 މިލިއަން ރުފިޔާ ޚަރަދުވެފައިވޭ. މީގެތެރެއިން އެންމެބޮޑުބައި ޚަރަދުވެފައިވަނީ ހިންގުމާބެހޭ ޚަރަދުގެ ގޮތުގައި. އެއީ 78.7 މިލިއަން ރުފިޔާ ނުވަތަ މުޅި ބަޖެޓް ޚަރަދުގެ ސަތޭކައަކުން 18. އަމަން ޤާއިމުކުރުމަށާއި، މަސްވެރިކަމުގެ ސަރަޙައްދު ބެލެހެއްޓުމަށް ހިނގާފައިވާ ޚަރަދަކީ 32.3 މިލިއަން ރުފިޔާ. އެއީ، މުޅި ބަޖެޓުގެ ސަތޭކައަކުން 7.3.

އިޤްތިޞާދީ ތަރައްޤީއަށްޓަކައި ކުރެވޭ ޚަރަދު، 98 މިލިއަން ރުފިޔާއަށް އަރާފައިވޭ. އެއީ، މުޅި ބަޖެޓުގެ ސަތޭކައަކުން 22. މިބައިގެ ތެރެއިން ދަތުރުފަތުރާބެހޭ ޚަރަދަށް ހިނގާފައިވަނީ 46.2 މިލިއަން ރުފިޔާ. މަސްވެރިކަމާއި، ދަނޑުވެރިކަމަށް ހިނގާފައިވާ ޚަރަދަކީ، 26.6 މިލިއަން ރުފިޔާ. މިމަޢުލޫމާތުތައްވެސް، މަޢުލޫމާތު ނަންބަރު 2، އެ ކަރުދާހުން ފިލާވަޑައިގަންނަވާނެ.

ދަރަނީގެ ޚިދުމަތާއި، ލޯނު އަދާކުރުމަށް ދައްކާފައިވަނީ 59.6 މިލިއަން ރުފިޔާ. ދަރަނި އަދާކުރުމަށާއި (މިދެންނެވީ ބޭރު ލޯނުތައް)، ޚިދުމަތަށް ދެއްކިފައި ވަނީ އަޅުގަނޑުމެން ބޭރުކުރާ މުދަލުގެ އަގާއި ޚިދުމަތަށް ލިބުނު އެއްޗެއްގެ ގާތްގަނޑަކަށް ސަތޭކައަކުން 5. އަޅުގަނޑުމެންގެ ސަރަޙައްދުގެ ޤައުމުތަކާ އަޅާބަލާއިރު، ރާއްޖޭގެ ބޭރުގެ ދަރަނީގެ ނިސްބަތް ދައްކަނީ މާރަނގަޅަށް. އެހެންކަމުން، ދަރަނީގެ ސަބަބުން ރާއްޖެ އުފުލަންޖެހޭ ބުރަ، އިޤްތިޞާދު ކުރިއަށްދިޔުމުގެ ސަބަބުން ވަރަށް ބޮޑަށް މިހާރުވަނީ ލުއިވެގެން ގޮސްފައި. އަޅުގަނޑުމެން މިދިޔަ އަހަރު ދަރަނީގެ ތެރެއިން ދެއްކީ ޖީ.ޑީ.ޕީ.ގެ ނިސްބަތުގައިވިއްޔާ ސަތޭކައަކުން 4.4. މިއީ އޭޝިޔާގެ ބައެއް ޤައުމުތަކުގައި، އަޅުގަނޑަށް އެނގިފައިވާ ގޮތުގައި، ދަރަނީގެ ޚިދުމަތަށާއި، ދަރަނި އަދާކުރުމަށް، އެތަންތާނގެ ޖީ.ޑީ.ޕީ.ގެ މިންވަރުން ބަލާއިރު ޚަރަދަށް ސަތޭކައަކުން 20 ނުވަތަ 25 ހިނގާފައި ހުރޭ. ރާއްޖޭގައި ހިނގާފައި މިއޮތީ ސަތޭކައަކުން 4.4. މުޅި ބަޖެޓަށް ބަލާއިރު، ކުރިންވެސް ދެންނެވި ފަދައިން، ބޭރުކުރެވުނު މުދަލަށާއި، ޚިދުމަތަށް ބަލާއިރު ސަތޭކައަކުން 5. އެހެންވީމާ، އެއީ ބޭރުގެ ލޯނު އަދާކުރުމުގައި، ރާއްޖެއަށް އެހެން ތަންތަނަށްވުރެ މާލުއިގޮތަކަށް ކަންތައް އޮތްކަން ދައްކައިދޭ ޢަދަދުތަކެއް.

1989 ވަނަ އަހަރު އިޤްތިޞާދިއްޔަތު ދައްކާގޮތް:

ވޭތުވެދިޔަ 1988 ވަނަ އަހަރަކީ، ރާއްޖޭގެ އިޤްތިޞާދިއްޔަތަށް ވަރަށްފަހި އަހަރެއް. އިޤްތިޞާދީ ޙަރަކާތްތަކާއި، އިޤްތިޞާދީ ކުރިއެރުމުގެ މިންވަރު 1989 ގައިވެސް މި ހުސްވި އަހަރެކޭ ދާދި އެއްގޮތެއްގެ މަތިން ދެމެހެއްޓިފައިވޭ. ރާއްޖޭގެ އިޤްތިޞާދިއްޔަތުގައި މިހާރު އެންމެބޮޑު ބައެއް ޙިއްޞާކުރަނީ ޓޫރިޒަމް. މި ހިނގާ އަހަރު ނިމޭއިރު، ޓޫރިސްޓުން އައި ޢަދަދު މިދިޔަ އަހަރަށްވުރެ ސަތޭކައަކުން 2 އިތުރުވާނޭ ކަމަށް ލަފާކުރެވޭ. އާދެ، އަޅުގަނޑު ކުރިން އިޝާރާތް ކުރިން، މި އަހަރުގެ ކުރީގެ ދުވަސްކޮޅެއްގެ ތެރޭގައި ކުރީ އަހަރަށްވުރެ، އެ މުއްދަތުގެ ތެރޭގައި އައި ޓޫރިސްޓުންގެ ޢަދަދު ތަންކޮޅެއް މަދުކަމަށް. އެހެން ނަމަވެސް، އަހަރުގެ ފަހުކޮޅަށްދިޔައިރު، އެކަން ހަމަޖެހިގެން ހިނގައްޖެ. މިހާރު ލަފާކުރެވެނީ އަހަރު ނިމޭއިރަށް، މިދިޔަ އަހަރު އައިވަރަށްވުރެ ސަތޭކައަކުން 2 އިތުރުވާނެ ކަމަށް.

މަސްވެރިކަމަށް ބަލާއިރު، 1988 ވަނަ އަހަރު، މަހުގެ ބާވަތްތަކުން ލިބިފައިވަނީ، 30 މިލިއަން އެމެރިކާ ޑޮލަރު. މިއަހަރު އޮކްޓޯބަރުގެ ނިޔަލަށް 26 މިލިއަން އެމެރިކާ ޑޮލަރު ލިބިފައިވާ ކަމަށް ހިސާބުތަކުން ދައްކާ. އެހެންވީމާ، މަހުގެ ބާވަތްތައް ބޭރުކޮށްގެން ލިބޭ ފައިސާވެސް މިއަހަރުގެ ނިޔަލަށް ގިނަވާނޭ ކަމަށް ލަފާކުރެވޭ.

1989 ވަނަ އަހަރު ހިނގަމުންދާ ބޮޑެތި މަޝްރޫޢުތައް:

1989 ވަނަ އަހަރު ހިނގަމުންދާ ބައެއް މަޝްރޫޢުތަކަކީ، ކުރިންވެސް ހިނގަމުން އައިސްފައިވާ މަޝްރޫޢުތަކުގެ ތެރެއިން ބައެއް. މީގެތެރެއިން ބައެއް މަޝްރޫޢު ވަނީ މިއަހަރުގެ ތެރޭގައި ނިމިފައި. އަދި އަލަށް ފެށުނު މަޝްރޫޢުތައް ކުރިއަށް ގެންދިޔުމާއެކު، އަލަށް ފަށަން ޤަޞްދުކުރެވޭ މަޝްރޫޢުތަކާމެދު ސަރުކާރާއި، އެހީދޭ ފަރާތްތަކާ ދެމެދު މިހާރުދަނީ މަޝްވަރާ ކުރެވެމުން.

ތިރީގައި މިދަންނަވާލަނީ މިއަހަރުގެ ތެރޭގައި ހިނގަމުންދާ ބައެއް މަޝްރޫޢުތައް.

2 ވަނަ މަސްވެރިކަމުގެ މަޝްރޫޢު:

މަސްވެރިކަމަކީ ރާއްޖޭގައި ހިނގަމުންދާ އިޤްތިޞާދީ މަސައްކަތްތަކުގެ ތެރެއިން ސަރުކާރުން އެންމެބޮޑު އިސްކަމެއްދީގެން ތަރައްޤީ ކުރުމަށްޓަކައި މަސައްކަތްކުރާ އެއް ކަންތައް. މިއީ އެންމެކުރީ ޒަމާނުއްސުރެ ފެށިގެން ރާއްޖޭގެ ރައްޔިތުންގެ ދިރިއުޅުން އޭގެމައްޗަށް ބިނާވެފައިވާ މަސައްކަތް. އަދި އެހެން ޤައުމުތަކާ އަޅާބަލާއިރު، އަޅުގަނޑުމެންނަށް އެއިން އެންމެބޮޑު ފައިދާ ހޯދޭ މަސައްކަތްވެސްމެ. އެހެންކަމުން، މި މަސައްކަތް ކުރުމުގެ މަގު ރައްޔިތުންނަށް ތަނަވަސްކޮށްދިނުމުގެ ގޮތުން، ސަރުކާރުން ވަރަށް އަގުބޮޑު މަޝްރޫޢުތައް ހިންގަމުން އެބަ ގެންދަން. މީގެތެރެއިން ވަރަށްބޮޑު ދެ މަޝްރޫޢެއް މިހާރުވަނީ ނިމިފައި. 3 ވަނަ މަޝްރޫޢަކީ "އައިޑާ"ގެ "ދެވަނަ މަސްވެރިކަމުގެ ޕްރޮޖެކްޓް"ގެ ނަމުގައި ހިންގޭ މަޝްރޫޢެއް. މި މަޝްރޫޢަކީ، ރާއްޖޭގެ އުތުރުގެ އަތޮޅުތަކުގައި މަސްވެރިކަން ކުރިއަށް ގެންދިޔުމަށްޓަކައި ހިންގަމުންދާ މަޝްރޫޢެއް. މިމަޝްރޫޢުގައި، ބޭރުގެ ހަތަރު ފަރާތަކުން ގާތްގަނޑަކަށް 15.5 މިލިއަން ޑޮލަރުގެ އެހީދޭ. އެފަރާތްތަކަކީ، އިންޓަރނޭޝަނަލް ޑިވެލޮޕްމަންޓް އެސޯސިއޭޝަން (އައިޑާ). އޯޕެކް ފަންޑް. އިންޓަރނޭޝަނަލް ފަންޑް ފޮރ އެގްރިކަލްޗަރަލް ޑިވެލޮޕްމަންޓް (އިފާޑް). އަދި ނޯވޭ ސަރުކާރު. ނޯވޭ ސަރުކާރުން ދީފައިވަނީ ހިލޭ އެހީ. އެހެން ފަރާތްތަކުން ދޫކޮށްފައިވަނީ، ދިގު މުއްދަތެއްގައި ވަރަށްލުއިގޮތެއްގައި އަނބުރާ ދައްކަންޖެހޭ ލޯނު. މި މަޝްރޫޢުވެސް މިހާރު ނިމުމަކަށް އަންނަނީ. މިހާރު ކުރަމުންދާ މަސައްކަތުގެ ތެރޭގައި، ދެވަނަ ޖީލުގެ ދޯނި ބަނުމާއި، މަސްވެރިންނަށް ތެޔޮދޫކުރާގޮތަށް އެކި ރަށްރަށުގައި ބެހެއްޓޭ ތާނގީތައް ބެހެއްޓުމާއި، ފެލިވަރުގެ ފެކްޓަރީ ހިންގާ ފަރާތުގެ މީހުންނަށް ތަމްރީނު ދިނުމާއި، އެތަން ހިންގުމާ ބެހޭގޮތުން ބޭރުގެ މާހިރުންގެ އެހީ ހޯދުން ހިމެނޭ. މި މަޝްރޫޢު ހިންގަވަމުން ގެންދަވަނީ އެސް.ޓީ.އޯ.ގެ ފަރާތުން.

ބޯފެނާއި ފާޚާނާގެ މަޝްރޫޢު:

މާލޭގެ ބޯފެނާއި ފާޚާނާގެ މަޝްރޫޢުގެ ވަރަށްބޮޑު ބައެއް މިހާރު ވަނީ ނިމިފައި. އެހެން ނަމަވެސް، ސާފު ފެނާ ބެހޭގޮތުން ކުރެވޭ މަސައްކަތްތައް އަދިވެސް ކުރިއަށް އެބަ ގެންދެވޭ. މިމަސައްކަތުގެ ތެރޭގައި ބޮޑެތި ތާނގީ ހެދުމާއި، ލޮނުފެން، ފެނަށް ބަދަލުކުރުމަށްޓަކައި ދެ މެޝިން ބެހެއްޓުމުގެ ކަންތައް ކުރިއަށް ގެންދެވޭ. އެހެން ނަމަވެސް، މި ދެ މެޝިނަކީ މާލޭގެ އާ އިންޖީނުގެއާ ގުޅިގެން ކުރަންޖެހޭ ކަމެއް ކަމަށްވާތީ، މި އާ ދެ މެޝިންގެ ބޭނުން ހިފަން ފެށޭނީ، އާ އިންޖީނުގެ ހިނގަން ފެށުމުން. މި މަޝްރޫޢަކީ މިނިސްޓްރީ އޮފް ހެލްތުގެ ބެއްލެވުމުގެ ދަށުން ހިނގަމުންދާ މަޝްރޫޢެއް.

އެޑިޔުކޭޝަން އެންޑް ޓްރޭނިންގ ޕްރޮޖެކްޓް:

އިންޓަރނޭޝަނަލް ޑިވެލޮޕްމަންޓް އެސޯސިއޭޝަންގެ އެހީގައި ހިންގާ އެޑިޔުކޭޝަން އެންޑް ޓްރޭނިންގ ޕްރޮޖެކްޓް ފެށިފައިވަނީ މި އަހަރު. މި ޕްރޮޖެކްޓްގެ ދަށުން ދޫކުރާ ލޯނުގެ ޢަދަދަކީ 6 މިލިއަން އެސް.ޑީ.އާރު. ނުވަތަ 8.19 މިލިއަން އެމެރިކާ ޑޮލަރު. މި ޕްރޮޖެކްޓްގެ ދަށުން މީހުން ބޭރަށް ފޮނުވައިގެން ތަމްރީނުދީ، މަތީ ތަޢުލީމު ޙާޞިލްކުރާ މީހުންނަށް އެކަމުގެ ފުރުޞަތު ލިބިދިނުން ހިމެނޭ. އާދެ، މި މަޝްރޫޢު ރޭވިފައިވަނީ މި މަޤްޞަދުގައި. އެއީ، ރާއްޖެއަށް އެންމެބޮޑަށް ބޭނުންވެފައިވާ ކަމަކީ ރާއްޖޭގެ މީހުންނަށް އެކަށީގެންވާ ތަޢުލީމެއް ލިބުމާއި، އެކި ކަންކަމަށް ތަމްރީނުކޮށްދިނުން ކަމަށްވާތީ، ސަރުކާރުން ލޯނެއް ނަގައިގެންވެސް މިކަންތައް ކުރިއަށް ގެންދަންޖެހޭނެ ކަމަށް ފެނިގެން، މި ލޯނު ނަގައިގެން ކުރިއަށް މިގެންދަނީ. ރާއްޖޭގެ ޒުވާނުން، މަތީ ތަޢުލީމު ޙާޞިލްނުކުރާ ކުދިން ބޭރަށް ފޮނުވައިގެން، އެކުދިންނަށް އެކަށީގެންވާ މަތީ ފެންވަރުގެ ތަޢުލީމެއް ޙާޞިލްކޮށްދިނުމަށްޓަކައި އަދި އެކިއެކި ކަންތައްތައް، މަސައްކަތްތައް ކުރުމުގެ ޤާބިލިއްޔަތު އެމީހުންގެ ކިބައިގައި އުފެއްދުމަށްޓަކައި.

މިޕްރޮޖެކްޓްގައި ސައިންސް އެޑިޔުކޭޝަން ސެންޓަރަށް އެހީވުމާއި، ރާއްޖެތެރޭގައި ހަދާ ސެކަންޑަރީ ސްކޫލެއް ޢިމާރާތް ކުރުންވެސް ހިމެނޭ. އެނގިވަޑައިގަންނަވާނޭ ފަދައިން، މިހާތަނަކަށް މާލެ ފިޔަވައި ރާއްޖޭގެ އެހެން ރަށެއްގައި ސެކަންޑަރީ ތަޢުލީމު ދެވޭނެ ސްކޫލެއް ނެތް. އެހެން ނަމަވެސް، މިހާރު ރާއްޖެތެރޭގައި ސެކަންޑަރީ ތަޢުލީމު ދޭނެ ސްކޫލެއް ހުރުމުގެ ބޭނުންތެރިކަން ވަރަށްބޮޑުކަމަށް އިޙްސާސް ކުރެވޭ.

އެހެންވީމާ، މި ދެންނެވި އެޑިޔުކޭޝަން އެންޑް ޓްރޭނިންގ ޕްރޮޖެކްޓްގެ ތެރެއިން ފައިސާ ލިބިގެން ސަރުކާރުން ކުރަން ޤަޞްދުކޮށްފައިވާ އެއްކަމަކީ، ރާއްޖެތެރޭގައި ސެކަންޑަރީ ތަޢުލީމުގެ ސްކޫލެއް ޢިމާރާތްކޮށް، އެ ސްކޫލް ހިންގުން. މިނިސްޓްރީ އޮފް ޕްލޭނިންގ އެންޑް އެންވަޔަރަންމަންޓްގެ މަޝްރޫޢުތައް ރޭވުމުގެ ކަންތައް ވަރުގަދަކޮށް ކުރިއަށް ގެންދިޔުމަށް އެހީވެދިނުންވެސް މި ޕްރޮޖެކްޓްގައި ހިމެނިފައިވޭ.

ރާއްޖެތެރޭގެ ރަށްރަށުގެ ފަޅުފުންކުރުން:

ސަރުކާރުން ފަށާފައިވާ މަސްވެރި ރަށްރަށުގެ ފަޅުފުންކުރުމާއި، ނެރު ގޮއްވުމުގެ ކަންތައް މި އަހަރުވެސް ކުރިއަށް އެބަ ގެންދަން. މިކަމަކީ، މަސްވެރި ރަށްރަށުގެ ފަޅު ތިލަކަމުގެ ސަބަބުން މަހަށް ފުރައި އުޅުމުގައި ދަތިވާ ވަރަށްގިނަ ރަށްރަށް ހުރުމާއެކު، އެ ރަށްރަށުގައި ކޮންމެހެން ކުރަން ޖެހިފައިވާ ކަމެއް. ފަޅު ކޮނުމުގައި އެކި ރަށްރަށުގައި އެކިވައްތަރުގެ ދަތިތަކާ ކުރިމަތިލާންޖެހޭ. އެހެންކަމާއެކު، މި މަސައްކަތަކީ މާއަވަހަކަށް ނިންމާލެވޭނެ ކަމެއް ކަމަކަށް ނުފެނޭ. އެހެންކަމުން، ފަޅު ކޮނުމަށް ހަމަޖެހިފައިވާ ފަސްދޮޅަހަށްވުރެ ގިނަ ރަށުގެ މަސައްކަތް އެއްފަހަރާ ގެންދެވެން ނެތުމާއެކު، އެންމެ އަވަހަށް ނިންމަންޖެހޭ ކަމަށް ފެންނަ ރަށްތަކަށް މިގެންދަނީ އިސްކަންދެމުން.

ރާއްޖެތެރެއާ ބެހޭ މުވާޞަލާތު:

ރާއްޖެތެރޭގެ ތަރައްޤީއަށްޓަކައި ދަތުރުފަތުރާ އެއްވަރަށް ކުރިއަށް ގެންދިޔުމަށް ބޭނުންވާ އަނެއް ޚިދުމަތަކީ މުވާޞަލާތުގެ ޚިދުމަތް. މުވާޞަލާތުގެ ޚިދުމަތް ރާއްޖެތެރެއަށް މިހާރު ދެވެމުންދަނީ ރޭޑިއޯ ޓެލެފޯން މެދުވެރިކޮށްގެން ވަރަށްދަތި ގޮތެއްގައި. އެހެން ނަމަވެސް، ސަރުކާރާއި ކޭބަލް އެންޑް ވަޔަރލެސްއާ ގުޅިގެން އުފައްދާފައިވާ ކުންފުނީގެ ފަރާތުން މާލެއާއި ރާއްޖެތެރެއަށް ތެލްފޯނުގެ ޚިދުމަތް ދިނުމަށް މިހާރުވަނީ ހަމަޖެހިފައި. ސަރުކާރުގެ ފަރާތުން ރާއްޖޭގެ ހުރިހާ އަތޮޅެއްގެ އަތޮޅުއޮފީސްތަކަށް ތެލްފޯނުލުމުގެ މަޝްރޫޢެއް ހިންގަންވަނީ ފަށައިގަނެވިފައި. މިމަޝްރޫޢުގެ ދަށުން ދެކުނުގެ ބައެއް އަތޮޅުތަކަށް މިއަހަރު ވަނީ ތެލްފޯނުގެ ޚިދުމަތް ދޭން ފެށިފައި. އަދި ވަރަށް އަވަސް މުސްތަޤްބަލެއްގައި އުތުރުގެ އަތޮޅުތަކަށްވެސް މި ޚިދުމަތް އިރާދަކުރެއްވިއްޔާ ދެވޭނެ.

މާލޭގެ އާ އިންޖީނުގެ:

މާލޭގައި އެއްދުވަހުން އަނެއް ދުވަހަށް މަސައްކަތްތައް އިތުރުވެ، އިލެކްޓްރިސިޓީއަށް ބޭނުންވާ މިންވަރު ބޮޑުވަމުންދިޔުމުން، އިތުރު އިންޖީނު ބަހައްޓަމުން ގެންދެވޭ. އެހެންކަމުން، ސަރުކާރުގެ ފަރާތުން އާ އިންޖީނުގެއެއް ހެދުމުގެ ކަންތައް މިހާރުވަނީ ފަށައިގަނެވިފައި. މި އިންޖީނުގެ ހެދެމުންދާނީ ބައިނަލްއަޤްވާމީ މާލީ އިދާރާއެއްގެ އެހީ ލިބިގެން.

ރާއްޖެތެރޭގެ ވައިގެ ދަތުރުފަތުރު:

ތަރައްޤީއަށްޓަކައި ދަތުރުފަތުރުކުރުމުގެ ފަސޭހަކަން އޮތުން އެއީ، ކޮންމެހެން ބޭނުންކަމެއް. ޚާއްޞަކޮށް، އަޅުގަނޑުމެންގެ ރާއްޖެފަދަ ކުދިކުދި ޖަޒީރާތަކަކުން އެކުލެވިފައިވާ ޤައުމެއްގައި ދަތުރުފަތުރުގެ ވަސީލަތް ރަނގަޅަށް ނެތުމުން، އިޤްތިޞާދީ ޙަރަކާތުގެ ހަލުވިކަން ކުޑަކުރޭ. ހަމައެހެންމެ، ވައިގެ ދަތުރުފަތުރަކީ، އިޖުތިމާޢީ ގޮތުންނާއި، އިޤްތިޞާދީ ގޮތުން ފުޅާކުރަން ބޭނުންވާ ކަމަކަށްވާތީ، ރާއްޖޭގެ ވައިގެ ދަތުރުފަތުރު ތަރައްޤީ ކުރުމުގެ ބޭނުންތެރިކަން މިހާރުވަނީ ވަރަށްބޮޑުވެފައި. މިކަމަށްޓަކައި ރާއްޖެތެރޭގައި މިހާރުހުރި ތިން އެއަރޕޯޓްގެ އިތުރަށް، އާދެ، ތިން އެއަރޕޯޓޭ މިދެންނެވީ އައްޑުއަތޮޅު ގަމުގެ އެއަރޕޯޓާއި، ކައްދޫ އެއަރޕޯޓާއި، މިހާރު ނިމެމުންމިދާ ހަނިމާދޫ އެއަރޕޯޓް. މި ތިން އެއަރޕޯޓުގެ އިތުރަށް އަދި އެއް އެއަރޕޯޓް ހުވަދުއަތޮޅުގައި ހެދުމަށްވެސް ސަރުކާރުން މިހާރު ޤަޞްދުކުރޭ. އަޅުގަނޑުމެން މިހާރު މިގެންގުޅެނީ، ޢިއްޒަތްތެރި މެންބަރުންނަށް އެނގިވަޑައިގަންނަވާނެ ފަދައިން، 1981 ވަނަ އަހަރުގެ ތެރޭގައި ގެނެވުނު ސްކައިވޭންގެ ކުޑަ މަތިންދާބޯޓެއް. އެއްބޯޓް އޮތުމުން، އެބޯޓަށް ކުރަންޖެހޭ މަރާމާތުތަކަށްޓަކައި ވަރަށްގިނަ ދުވަސްތަކެއްގައި އެ ބޯޓުގެ ޚިދުމަތް އޮންނަނީ ނުލިބިފައި. އެހެންކަމުން، މިހާރު ސަރުކާރުން ޤަޞްދުކޮށްފައި ވަނީ އާ ދެ މަތިންދާބޯޓު ގަތުމަށް. އެއީ ޑޯނިއާ ކުންފުނިން ތައްޔާރުކުރާ ދެ މަތިންދާބޯޓު. އޭގެތެރެއިން އެއް މަތިންދާބޯޓު މިހާރުވަނީ ރާއްޖެއަށް ގެނެވިފައި. މި ދެބޯޓުގެ އަގަކީ 7.84 މިލިއަން އެމެރިކާ ޑޮލަރު.

މާލޭގެ މަގު ހެދުމުގެ މަސައްކަތް:

ޢިއްޒަތްތެރި މެންބަރުންނަށް އެނގިވަޑައިގަންނަވާނެ ފަދައިން، މާލޭގެ މަގުތައް ވަނީ ހިނގާ މީހުންނަށާއި، އެއްޗެތި ދުއްވާ މީހުންނަށް އިންތިހާއަށް ދަތިވާވަރަށް ހަލާކުވެފައި. އެހެންވީމާ، ގިނަދުވަހަށް ދެމިއޮންނާނޭ ގޮތަކަށް މަގު ހެދުމުގެ މަޤްޞަދުގައި، މަގު ހެދުމުގެ ޕްރޮގްރާމެއް ވަނީ ފެށިފައި. އޭގެތެރެއިން އެއް ޕްރޮގްރާމަކީ، ސަރުކާރުގެ ބަޖެޓުން ޚަރަދުކޮށްގެން، މާލޭ މުނިސިޕަލްޓީން ހިންގަވަމުން ގެންދަވާ ޕްރޮގްރާމެއް. އަނެއް ޕްރޮގްރާމަކީ ޑެންމާކް ސަރުކާރުގެ ހިލޭ އެހީ ލިބިގެން އެއްކިލޯ މީޓަރުގެ ދިގުމިނުގެ ނަމޫނާ މަގެއް ތައްޔާރުކުރުން. އެމަގު މިހާރުވަނީ ހަދައި ނިމިފައި. މިގޮތަށް މަގު ހެދުމުގައި އެންމެ ބޮޑަށް ޚިޔާލުކުރެވިފައިވާ އެއްކަމަކީ، މާލެއަށް ވެހޭ ވާރޭގެ ފެން އަވަސްގޮތަކަށް ހިންދޭނޭފަދަ ގޮތެއްގައި މަގުތައް ހެދުން. މިދެންނެވި ނަމޫނާ މަގު ހެދުމަށް ޑެންމާކް ސަރުކާރުން ލިބުނު ހިލޭ އެހީގެ ޖުމްލައަކީ 12 މިލިއަން ރުފިޔާ. ޑެންމާކް ސަރުކާރުން މަގު ހެދުމަށް އެހީވެދީފައިވަނީ، އެކަމުން މާލޭގެ ބޯފެނަށް އިތުރު ތަރައްޤީއެއް ލިބޭނެކަމަށް ބަލާފައި. އެހެންވީމާ، ތަޖުރިބާ ކުރުމުގެ ގޮތުން ފުރަތަމަ ހެދުނު އެއްކިލޯ މީޓަރު މިހާރު ހެދިފައި މިވަނީ. އެއް އަހަރު ދުވަސް ވަންދެން މާލެއަށް ވާރޭވެހޭ މިންވަރު ބަލައި، އަދި މާލޭގެ ފެން ރަނގަޅުވަމުންދާ މިންވަރު ބަލާފައި، ރަނގަޅުވަމުންދާ ކަމަށްވަންޏާ، ޑެންމާކް ސަރުކާރުން މާލޭގެ ދެންހުރި ބޮޑެތި މަގުތައްވެސް ހަދައިދިނުމަށް ވަނީ އެއްބަސްވެފައި.

ތިމާވެށި ރައްކާތެރިކުރުން:

ރާއްޖޭގެ ބައެއް ރަށްރަށަށް އާދަޔާޚިލާފަށް ރާޅުއަރަން ފެށުމާ ވިދިގެން، ސަރުކާރުން އެކަމާ ދޭތެރޭގައި ކުއްލިގޮތެއްގައި ކުރެވެން ހުރި ހުރިހާ ކަމެއް ގެންދިޔައީ ކުރަމުން. އެހެން ނަމަވެސް، މިއީ އަޅުގަނޑުމެން މިކަމާ ދޭތެރޭގައި ވަރަށް ބޮޑަށް ވިސްނައި، ރާއްޖޭގެ ރަށްތައް ޙިމާޔަތް ކުރުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތަކަކީ ކޮބައިތޯ ބަލަންޖެހޭނެ ކަމެއް. ރާއްޖޭގެ ތިމާވެށި ރައްކާތެރި ކުރެވޭތޯ ބަލަންޖެހެނީ، މިއީ އަޅުގަނޑުމެންގެ އިޤްތިޞާދީ އަދި އިޖުތިމާޢީ ތަރައްޤީއާއި އަދި ރާއްޖޭގެ ރަށްތަކާއި ރައްޔިތުންގެ ސަލާމަތާ ގުޅިފައިވާ ކަމެއް ކަމުގައިވާތީ. ތިމާވެށީގެ މައިގަނޑު މައްސަލަތަކުގެ ތެރޭގައި ބޯފެން ލިބެންހުރިވަރާއި، ލިބެންހުރި ފެނުގެ ރަނގަޅާއި ނުބައި ހިމެނޭ. އަދި ކެއްކުމަށް ބޭނުންވާ ދަރު މަދުވަމުން ދިޔުމުގެ މައްސަލައާއި، ވެއްޔާއި ގާ ނެގުމުގެ ސަބަބުން ރަށްރަށާއި ފަޅު، ގިރިފަދަ ތަންތަނަށް ކުރާ ނޭދެވޭ އަސަރުތައް ހިމެނޭ. ނަތީޖާއަކަށްވަނީ، މިކަންތަކުގެ ސަބަބުން ބޮޑެތި ރާޅުއެރުމުން ލިބޭ ގެއްލުން ބޮޑުވެގެންދިޔުން. އެހެންކަމުން، ރާއްޖޭގެ ރަށްތައް ރައްކާތެރިކުރުމުގެ ގޮތުން، ބޭރުތޮށްޓާއި ގޮނޑުދޮށް ސަލާމަތްކޮށް ދިފާޢުކޮށްދޭނޭ އެއްގަމު ތޮށްޓެއް އޮންނަނީ ނުވަތަ ވަނީ ލާންޖެހިފައި. މިކަމަކީ މުސްތަޤްބަލުގައި ސަރުކާރުން ކުރަންޖެހޭނެ ކަމެއް ކަމުގައި އަޅުގަނޑު ދެކެން.

އަޅުގަނޑުމެން ކަންބޮޑުވާންޖެހެނީ، އެހެން ބައެއްގެ އިޤްތިޞާދީ ފައިދާއަކަށް ކުރާ ކަންތައްތަކުގެ ނުބައި އަސަރު، އެބަޔަކަށްވުރެވެސް ބޮޑަށް އަޅުގަނޑުމެންނަށް ފޯރާގޮތްވާތީ. އެނގިވަޑައިގަންނަވާނެ ފަދައިން، ތިމާވެށްޓަށް މި އަންނަ ބަދަލުތައް އައުމުގެ އެންމެބޮޑު ސަބަބަކީ، ދުނިޔޭގެ ކުރިއަރާފައިވާ ޤައުމުތަކުގައި ހިންގާ ބޮޑެތި އިޤްތިޞާދީ މަސައްކަތްތައް. އެމީހުން އެ ހިންގާ މަސައްކަތްތަކުގެ ސަބަބުން، ޖައްވަށް އިތުރުވަމުންދާ އެކި ވައްތަރުވައްތަރުގެ ގޭސްތަކާއި ދުންތައް އަދި އެމީހުން ބޭނުންކުރާ ކާރުތަކާއި އަދި އެނޫންވެސް އިންޖީނުތަކުގެ ސަބަބުން ދުނިޔޭގެ ޖައްވަށް އިތުރުވެގެންދާ ގޭސްތަކުގެ ސަބަބުން ޖައްވު އިތުރަށް ހޫނުވެގެންދަނީ. އެހެންވީމާ، ކަނޑުގެ ލޮނުގަނޑުވެސް އުސްވަމުންދާނެ ކަމަށް ސައިންޓިސްޓުން ބުނަނީ. އަޅުގަނޑު ދަންނަވަން މިއުޅޭ ވާހަކައަކީ، މިބާވަތުގެ ކަންކަމަކީ، އެކަމުގައި އަޅުގަނޑުމެންގެ ރާއްޖެފަދަ ކުދި ޤައުމުތަކުން އެއްވެސްވަރެއް ޙިއްޞާކޮށްފައިވާ ކަންތައްތަކެއް ނޫނޭ. އެހެން ނަމަވެސް، އެކަމުގެ އެންމެބޮޑު ބުރަ އުފުލަން މިޖެހެނީ އަޅުގަނޑުމެންފަދަ ކުދި ޤައުމުތަކަށޭ. މިކަމާ ދޭތެރޭގައި ދުނިޔޭގެ ސަމާލުކަން ހޯދުމަށްޓަކައި، ދިވެހި ސަރުކާރުން މިގެންދަނީ ހުއްޓުމެއްނެތި މަސައްކަތް ކުރަމުން. މިގޮތުން، މިހުސްވި ނޮވެމްބަރު މަހުގެ ތެރޭގައިވެސް، ވަރަށް ކާމިޔާބު ޖަލްސާއެއް މި ރާއްޖޭގައި ދިވެހި ސަރުކާރުން އިސްނަގައިގެން ވަނީ ބޭއްވިފައި. އެޖަލްސާގައި ފާސްވި "ތިމާވެށްޓާބެހޭ މާލޭ ޤަރާރު" މިހާރުވަނީ އ.ދ.މަޖިލީހުގެ ރަސްމީ ލިޔުމެއްގެ ގޮތުގައި ޝާއިޢު ކުރެވިފައި.

މާލެއިން އެންމެ ބޮޑަށް ރާޅުއަރަނީ ދެކުނުފަރާތުގެ ގޮނޑުދޮށަށް ކަމަށްވާތީ، އެފަރާތް ޙިމާޔަތް ކުރުމުގެ ގޮތުން ޖަޕާނު ސަރުކާރާއި ދިވެހި ސަރުކާރާ ދެމެދު ވާހަކަދެކެވި، ދެކުނުފަރާތުގެ ތޮށިގަނޑުލުމަށް ޖަޕާނު ސަރުކާރުގެ ފަރާތުން ވަނީ ވަރަށް ދީލަތި އެހީއެއް ވެދީފައި. މިތޮށިގަނޑުގެ މަސައްކަތް މިހާރު ގާތްގަނޑަކަށް ނިމުމަކަށް އަންނަނީ. ތޮށިގަނޑުގެ ދިގުމިނަކީ 1.2 ކިލޯ މީޓަރު.

1989 ވަނަ އަހަރުގެ ބަޖެޓް

ނިމެމުންމިދާ 1989 ވަނަ އަހަރު ސަރުކާރަށް ލިބޭނެ އެއްޗެއް އަންދާޒާ ކުރާއިރު، ކުރީ އަހަރަށްވުރެ ގިނައިން ލިބޭނެކަމަށް ދައްކާ. މި ހިނގާ އަހަރު މުޅި ޖުމްލަ ލިބޭނެކަމަށް މިހާރު ލަފާކުރެވެނީ 663 މިލިއަން ރުފިޔާ. އެއީ 1988 ވަނަ އަހަރު ލިބުނު 486 މިލިއަން ރުފިޔާއަށްވުރެ، ސަތޭކައަކުން 36 ގިނަ ޢަދަދެއް. ތަރައްޤީގެ މަޝްރޫޢުތަކަށް ލިބޭ ހިލޭ އެހީގެ ގޮތުގައި 138.8 މިލިއަން ރުފިޔާ، މިއަހަރު އާދެ، 1989 ވަނަ އަހަރު ލިބޭނެކަމަށް ދައްކާ. އެއީ ކުރީ އަހަރު ލިބުނު 82.1 މިލިއަން ރުފިޔާއަށްވުރެ، ސަތޭކައަކުން 69 ގިނަ ޢަދަދެއް. މީގެއިތުރަށް، ބޭރުގެ ހިލޭ އެހީގެ ގޮތުގައި ލިބުނު ފައިސާއާއި ތަކެއްޗަށް ލިބުނު އެއްޗަކާއި، ލޯނު އެހީގެ ގޮތުގައި ލިބޭ އެއްޗެއްވެސް ކުރީ އަހަރަށްވުރެ ވަރަށްބޮޑުތަން ވަނީ އިތުރުވެފައި. މި މަޢުލޫމާތު، ބަޖެޓް މަޢުލޫމާތު ނަންބަރު 1ން ފިލާވަޑައިގަންނަވާނެ.

ސަރުކާރުގެ އާމްދަނީއަށް ބަލާއިރު، އެންމެ ގިނައިން އެއްތަނަކުން ލިބޭނެކަމަށް ދައްކަނީ މިއަހަރުވެސް ކަސްޓަމުން. އެސް.ޓީ.އޯ.ގެ ފައިދާއިން ގާތްގަނޑަކަށް 30 މިލިއަން ރުފިޔާ ލިބޭނެކަމަށްވެސް ލަފާކުރެވޭ.

މިހިނގާ އަހަރުގެ ޚަރަދަށް ބަލާއިރު، ބަޖެޓުގެ ޖުމްލަ ޚަރަދު ކަމުގައި މިހާތަނަށް ހިސާބުތަކުން ދައްކަނީ ގާތްގަނޑަކަށް 643 މިލިއަން ރުފިޔާ. ލޯނާއި ހިލޭއެހީއާއެކު މުޅި ޖުމްލަ ލިބޭނޭކަމަށް ދައްކަނީ ގާތްގަނޑަކަށް 663 މިލިއަން ރުފިޔާ. އެހެންކަމުން، މިއަހަރު ހިނގާނޭ ޚަރަދަށްވުރެ ލިބޭ އެއްޗެއް އިތުރުވާނޭ ކަމުގައި ދައްކަނީ ގާތްގަނޑަކަށް 20 މިލިއަން ރުފިޔާ. އެހެންވީމާ، އިރާދަކުރެއްވިއްޔާ 1989 ވަނަ އަހަރުގެ ބަޖެޓް އެއީވެސް ސަރޕްލަސް ބަޖެޓެއްގެ ގޮތުގައި ވާނެ.

ޢިއްޒަތްތެރި މެންބަރުންގެ ކުރިފުޅުމައްޗަށް މިދިޔަ އަހަރު ބަޖެޓް ހުށަހެޅިއިރު ލަފާކުރެވިފައިވަނީ، މިއަހަރު ލިބޭ އެއްޗަކަށްވުރެ ހިނގާ ޚަރަދު 17.6 މިލިއަން ރުފިޔާ އިތުރުވާނޭ ކަމުގައި. އެހެން ނަމަވެސް، އޭރު ލަފާކުރިވަރަށްވުރެ ޚަރަދުކުޑަކުރެވި، އާމްދަނީގެ ގޮތުގައި ލިބުނު އެއްޗަކާއި، ބޭރުގެ ހިލޭ އެހީގެ ގޮތުގައި ލިބުނު ފައިސާއާއި، ތަކެތީގެ އެހީގެ ގޮތުގައި ލިބުނު ބައިވެސް އިތުރުވުމުގެ ސަބަބުން، މިހާރު ދައްކަނީ މި އިޝާރާތްކުރި ފަދައިން، މިއަހަރުގެ ބަޖެޓަކީވެސް ސަރޕްލަސް ބަޖެޓަކަށްވާނޭ ކަމުގައި. އާދެ، 1989 ވަނަ އަހަރުގެ ބަޖެޓްވެސް ދެކޮޅުޖެހޭ ބަޖެޓަކަށްވިކަން އެއީ، ރާއްޖޭގެ އިޤްތިޞާދަށް އައިސްފައިވާ ހެޔޮ ބަދަލަށް ދަލީލުކޮށްދޭ ކަމެއް ކަމުގައި އަޅުގަނޑު ދެކެން.

ފައިސާއާބެހޭ ސިޔާސަތު

ދެންމެ އަޅުގަނޑު މި އިޝާރާތްކުރި ފަދައިން، ވޭތުވެދިޔަ ދެއަހަރާއި ނިމެމުންމިދާ އަހަރާ، މި ތިން އަހަރުންކުރެ ކޮންމެ އަހަރެއްގެވެސް ބަޖެޓް ދައްކާގޮތުން، ސަރުކާރުން ކުރާ ޚަރަދަށްވުރެ، ސަރުކާރަށް ލިބޭ އެއްޗެއް އިތުރުވާނެ. ބަޖެޓުގެ ސަރޕްލަސް، ނުވަތަ ޚަރަދަށްވުރެ އިތުރަށް ލިބޭ އެއްޗެއް ވެގެންދާނީ، ދައުލަތުގެ ޚަޒާނާގެ ޖަމާއަކަށް. އެހެން ޢިބާރާތަކުން ދަންނަވަންޏާ، އެބައި ވާނީ ކުރީގައި ބަޖެޓް ޑެފިސިޓް ވެފައިވާ އަހަރުތަކުގައި، ޚަރަދު ހަމަޖެއްސުމަށްޓަކައި އިތުރަށް ނެގިފައިވާ ފައިސާ ހަމަޖެއްސުމަށްޓަކައި ބޭނުންކުރެވޭނެ އެއްޗަކަށް.

ސަރުކާރުން ގެންގުޅުނު ބަޖެޓާބެހޭ ސިޔާސަތާއި، ފައިސާއާބެހޭ ސިޔާސަތުގެ ސަބަބުންވެސް މިވޭތުވެދިޔަ ދެތިން އަހަރުގެ ތެރޭގައި ރާއްޖޭގެ އިޤްތިޞާދަށް ހެޔޮ ބަދަލުތަކެއް ގެނެވުނު ކަމުގައި މިދަންނަވަނީ ހިތްހަމަޖެހުމާއެކު. 1980ގެ އަހަރުތަކުގެ މެދެއްހާ ހިސާބުގައި، ރާއްޖޭގެ އިޤްތިޞާދަށް ވަރަށް ނުބައި އަސަރުތަކެއް ފޯރި. މިކަން ރަނގަޅު ކުރުމަށް ސަރުކާރުގެ ފަރާތުން އެތައް ފިޔަވަޅުތަކެއް އަޅަމުން ގެންދެވުނު. އޭގެތެރޭގައި، އިމްޕޯޓް ލައިސަންސް ދިނުމުގައި، އިމްޕޯޓް ކުރާނެ ވަކިވަރެއް ކަނޑައެޅުމާއި، ވިޔަފާރި ބޭންކްތަކުން ދޫކުރަމުންދާ ކްރެޑިޓަށް ކޮންމެވެސްވަރެއްގެ ހުއްޓުމެއް ގެނައުން ހިމެނޭ. މީގެއިތުރަށް، ކަނޑައެޅިފައިވާ ވަކި ދާއިރާތަކަކަށް، ކަނޑައެޅިފައިވާ ވަކި ޢަދަދުތަކަކަށްވުރެ އިތުރަށް ލޯނު ދޫނުކުރާ އުޞޫލެއްވެސް ހަމަޖެއްސުނު. މި ކަނޑައެޅުނު ޤަވާޢިދަށް ފައްތައިގެން، ބޭންކްތަކުން ލޯނު ދޫކުރަން ފެށުމުން، ބޭންކްތަކުގެ މާލީ ޙާލަތު، އެއްދުވަހުން އަނެއް ދުވަހަށް އައީ ރަނގަޅުވަމުން. އަދި ސަރުކާރުގެ ބަޖެޓްވެސް ދިޔައީ ރަނގަޅުވަމުން. އެހެން ނަމަވެސް، ފައިސާގެ ބާޒާރުގައި، ދެއަގެއްގައި ބޭރުފައިސާގެ އަގު އުޅެން ފެށުމާއެކު، ބޭރުފައިސާއަށް ބޮޑަށް ބޭނުންވަމުން ދިޔުމުން، ބޭރުފައިސާގެ އަގުދިޔައީ މައްޗަށް ޖެހެމުން.

މިކަމަށް ޙައްލެއް ގެނައުމަށްޓަކައި، 1987 ވަނަ އަހަރުގެ ތެރޭގައި، ބާޒާރުގައި ބޭރުފައިސާ ހުރި އަގެއްގައި ގަނެ ވިއްކުމަށް މުޅިން މިނިވަންކަމާއެކު ދޫކޮށްލެވުނު. އަދި ބޭނުން ފަރާތްތަކަށް، ބޭނުންވާ ޢަދަދަކަށް ބޭރު ފައިސާ ލިބޭނެގޮތް ސަރުކާރުން ހަދައިދެވުނު. ނަތީޖާއެއްގެ ގޮތުން، ރާއްޖޭގެ އިޤްތިޞާދަށް ވަރަށް ރަނގަޅު ބަދަލުތަކެއް އައި. ބޭރުފައިސާގެ އަގު ބައެއްފަހަރަށް ތަންކޮޅެއް ބާރަށް މައްޗަށް ގޮސް، ތިރިވަމުންދިޔަ ކަމުގައިވިޔަސް، ގިނަފަހަރު މާބޮޑު ބަދަލުތަކެއް ނައިސް ދެމެހެއްޓިފައި ހުރޭ. އަދި ރާއްޖޭގެ ރައްޔިތުންނާއި، ވިޔަފާރިވެރިން ކޮންމެ މީހަކުވެސް، އެމީހަކު ބޭނުންވާ ޢަދަދަކަށް ބޭރުފައިސާ ގަންނަން މިހާރު ލިބެން އެބަހުރި. މިކަމުގެ ސަބަބުން، ޢާންމުންގެ އިތުބާރު ލިބުމުގެ އިތުރަށް، ފައިސާގެ ކަންތައް މުޅިން ހުޅުވިފައި އޮތުމުން، ބޭރުފައިސާގެ ރަސްމީ ރިޒަރވެއް މިހާރުވަނީ އުފެއްދިފައި.

ރާއްޖޭގެ އިޤްތިޞާދިއްޔަތަށް އައި ހެޔޮ ބަދަލާއެކު، ސަރުކާރުން ވަރަށްބޮޑު ލުޔެއް ޢާންމު ވިޔަފާރިވެރިންނަށް ދިން. އާދެ، މިއަހަރު މިހިނގާ އަހަރު ފެށުމާއެކު، ވިޔަފާރިވެރިން އިމްޕޯޓް ކުރުމަށް ހުއްދަ ދޭ ކޯޓާ މިހާރުވަނީ އުވާލެވިފައި. މިކަމުގެ ސަބަބުން، މިއަހަރު ރާއްޖެއަށް އެތެރެކުރެވުނު މުދާ ވަރަށްބޮޑުތަން އިތުރުވެގެންދިޔަ. އެއީ އެކަންވާނެގޮތްވެސްމެ. އެހެން ނަމަވެސް، އަޅުގަނޑަށް ލަފާކުރެވޭ ގޮތުގައި، ދުވަސްކޮޅެއްގެ ތެރޭގައި އެކަން ހަމަޖެހިގެންދާނެ.

ބޭންކްތަކުން ކްރެޑިޓް ދޫކުރުމުގައިވެސް ސަރުކާރުން އިތުރު ލުޔެއް މިހާރުވަނީ ދީފައި. އަދި ބޭންކްތަކުން ކްރެޑިޓް ދޫކުރުމުގައި، ވަކި ދާއިރާތަކަކަށް ވަކިވަރަކަށް ދޫކުރާގޮތަށް ހަމަޖެހިފައި އޮތް އުޞޫލުވެސް މިހާރުވަނީ އުވާލެވިފައި. މީގެއިތުރަށް، ބޭންކްތަކުން އެމް.އެމް.އޭ.ގައި ބަހައްޓަންޖެހޭ ޤާނޫނީ ރިޒަރވްގެ ޢަދަދުވެސް ވަނީ ތިރިއަށް ގެންދެވިފައި. އަދި ބޭންކްތަކުން ނަގާ އިންޓަރެސްޓްވެސް ވަނީ، ލޯނުނަގާ މީހުންނަށް ލުޔެއް ދިނުމުގެ ގޮތުން ދަށްކުރެވިފައި.

މިފިޔަވަޅުތަކުގެ ނަތީޖާއެއްގެ ގޮތުން، ވިޔަފާރި ބޭންކްތަކުން ބޭރުން ފައިސާގެނެސް، އިތުރަށް ލޯނު ދޫކުރަން ފެށި. އެހެންކަމުން، ރާއްޖޭގައިވާ ބޭރުގެ އެސެޓްތައް، 1988 ވަނަ އަހަރު ނިމުނުއިރު ހުރި 106.4 މިލިއަން ރުފިޔާއިން، މިދިޔަ ސެޕްޓެމްބަރުގެ ނިޔަލަށް 93 މިލިއަން ރުފިޔާއަށް ތިރިވި. 1988 ނިމުނުއިރު، ބޭންކްތަކުން އަމިއްލަ ފަރާތްތަކަށް ދޫކޮށްފައިވާ ލޯނުތަކުގެ ޖުމްލައަކީ 175.3 މިލިއަން ރުފިޔާ. މިދިޔަ ސެޕްޓެމްބަރުގެ ނިޔަލަށް މިޢަދަދު 196.6 މިލިއަން ރުފިޔާއަށް މައްޗަށް ހިނގައްޖެ.

ބޭރު ޤައުމުތަކާއެކު ކުރެވުނު މުޢާމަލާތުގެ ފައިސާގެ ހިސާބު

ޢިއްޒަތްތެރި މެންބަރުންނަށް އެނގިވަޑައިގަންނަވާނެ ފަދައިން، ރާއްޖެއަށް ބޭރު ފައިސާ ވަންނަ ވަސީލަތްތައް ވަރަށްމަދު. އަޅުގަނޑުމެންނަށް ބޭރު ފައިސާ ލިބެނީ، އަޅުގަނޑުމެން ބޭރުކުރާ މުދަލުންނާއި، ޓޫރިޒަމުންނާއި، ބައިނަލްއަޤްވާމީ ދަތުރުފަތުރުން ލިބޭ އެއްޗަކުންނާއި، ރާއްޖެއިން ބޭރުގައި މަސައްކަތްކުރާ ދިވެހިން ގެންނަ އެއްޗަކުން. ދެން ބޭރުގެ ފަރާތްތަކުން އަޅުގަނޑުމެންނަށް ދޭ ހިލޭ އެހީއިންނާއި، އިންވެސްޓަރުން ގެންނަ ބޭރުފައިސާއިން. އެހެން ނަމަވެސް، އަޅުގަނޑުމެންގެ ދިރިއުޅުމަށް ބޭނުންވާ ހުރިހާ އެއްޗެއް ބޭރުން އެތެރެކުރަންޖެހޭތީ، އަޅުގަނޑުމެންނަށް ބޭރުފައިސާ ބޭނުންވާވަރު ދަނީ އެއްދުވަހުން އަނެއް ދުވަހަށް އިތުރުވަމުން. އަދި ޚާއްޞަކޮށް، މީހުންގެ އަތްމަތީގައި ފައިސާ އިތުރުވަމުންދިޔުމުން، އެމީހުން ހޯދަން ބޭނުންވާ ތަކެތިވެސް ދަނީ ގިނަވަމުން. އެމީހުންގެ އެކި ބޭނުންތަކަށް ހޯދާ މުދާ، ގެދޮރުއެޅުމަށް ބޭނުންވާ ސާމާނު ނުވަތަ އެހެންވެސް ބޭނުންތަކަށް ޢާންމު ރައްޔިތުން ހޯދަން ބޭނުންވާ ތަކެތި އެއްދުވަހުން އަނެއްދުވަހަށް ދަނީ ގިނަވަމުން. އެއީ މީހުންގެ ތަނަވަސްކަން އިތުރުވަމުންދާތީ. އެހެންވުމުންވެސް ރާއްޖެއަށް އިމްޕޯޓް ކުރަންޖެހޭ މުދަލުގެ ޢަދަދު އެއްދުވަހުން އަނެއް ދުވަހަށް ދަނީ ވަރަށް ބޮޑަށް މައްޗަށްޖެހެމުން. މިކަން މިހެން އޮތުމާއެކު، އަޅުގަނޑުމެންނަށް ބޭރުފައިސާ ބޭނުންވާވަރު ދަނީ އެއްދުވަހުން އަނެއް ދުވަހަށް އިތުރުވަމުން. އެހެންކަމުން، އަޅުގަނޑުމެންނަށް ބޭރުފައިސާ ހޯދޭނެ ގިނަ ގޮތްތަކެއް ނެތުމާއެކު، އަޅުގަނޑުމެންގެ ބެލެންސް އޮފް ޕޭމަންޓްސް އޮތީ 1985 ވަނަ އަހަރާއި، 1986 ވަނަ އަހަރު އަޅުގަނޑުމެންނަށް ފަހިނުވާގޮތަށް.

އެކަން އެހެން އޮތް ކަމުގައިވިޔަސް، 1987 ވަނަ އަހަރާއި 1988 ވަނަ އަހަރު ރާއްޖޭގެ އިޤްތިޞާދު ކުރިއަށްދިޔުމުގެ ސަބަބުން، ބޭރާ ބެހިގެން ހިނގާ ވިޔަފާރީގެ މުޢާމަލާތު 1988 ވަނަ އަހަރު ދައްކަނީ، އަޅުގަނޑުމެންނަށް ވަރަށް ބޮޑަށް ފަހިކޮށް. ކަރަންޓް އެކައުންޓް އަޅުގަނޑުމެންނަށް ފަހިވާގޮތަށް މިހާރު 2.2 މިލިއަން ޑޮލަރު ދައްކާ. މިދެންނެވީ 1988 ނިމުނުއިރު އަދި އޯވަރރޯލް ބެލެންސް 15.8 މިލިއަން ޑޮލަރު އަޅުގަނޑުމެންނަށް ފަހިވާގޮތަށް ދައްކާ.

މިއާ ޚިލާފަށް، ރާއްޖޭގެ އިމްޕޯޓް މިއަހަރު އިތުރުވެގެން ދިޔުމުގެ ސަބަބުން، 1989ގެ އަންދާޒާ ހިސާބުތައް ދައްކަނީ، ރާއްޖޭގެ ބެލެންސް އޮފް ޕޭމަންޓް އަޅުގަނޑުމެންނަށް ފަހިކޮށެއް ނޫން. 1989ގެ އަންދާޒާ ދައްކާގޮތުން، އަޅުގަނޑުމެން ރާއްޖެއިން ބޭރަށް ފޮނުވީ ގާތްގަނޑަކަށް 50 މިލިއަން ޑޮލަރުގެ މުދާ. އެހެން ނަމަވެސް، އޭގެ މުޤާބިލުގައި، އަޅުގަނޑުމެންގެ މިއަހަރުގެ ތެރޭގައި ރާއްޖެއަށް 115 މިލިއަން ޑޮލަރުގެ މުދާ މިހާރު އެތެރެކޮށްފިން. އެހެންކަމުން، ކަރަންޓް އެކައުންޓްގައި އަޅުގަނޑުމެންނާ އިދިކޮޅަށް 6.3 މިލިއަން ޑޮލަރު (އެއީ، ޖީ.ޑީ.ޕީ.ގެ ސަތޭކައަކުން 4.8 އުނިކޮށް) ދައްކާ، އޯވަރރޯލް ބެލެންސް 3 މިލިއަން ޑޮލަރު އުނިކޮށް ދައްކާ.

1990 ވަނަ އަހަރުގެ ބަޖެޓް

މިހާރު އަޅުގަނޑު މިދަންނަވަނީ 1990 ވަނަ އަހަރަށް ލަފާކުރި ބަޖެޓުގެ ޖުމްލަތައް. ޢިއްޒަތްތެރި މެންބަރުންނަށް، ކުރީ އަހަރުތަކުގައިވެސް އަޅުގަނޑު ހުށަހަޅާ މަޢުލޫމާތު ކަރުދާސްތައް ވާނީ މިހާރު ލިބިވަޑައިގެންފައި. އެކަރުދާސްތަކުން އެނގިވަޑައިގަންނަވާނެ ފަދައިން، 1990 ވަނަ އަހަރު އަންދާޒާކޮށްފައިވާ ބަޖެޓް ޚަރަދުގެ މުޅި ޖުމްލައަކީ 905,443,579 (ނުވަސަތޭކަ ފަސް މިލިއަން ހަތަރުސަތޭކަ ސާޅީސް ތިންހާސް ފަސްސަތޭކަ ހަތްދިހަ ނުވައެއް) ރުފިޔާ. އެއީ މިހިނގާ އަހަރަށް އަންދާޒާ ކުރެވުނު ބަޖެޓަށްވުރެ، ސަތޭކައަކުން 19 ބޮޑު ޢަދަދެއް. މިޢަދަދުގެ ތެރޭގައި ޕްރޮޖެކްޓް ލޯނުން ޚަރަދުކުރެވޭނެ ކަމަށް ލަފާކުރެވޭ 116 މިލިއަން ރުފިޔާ ހިމެނޭ. ބޭރުގެ ހިލޭ އެހީން ކުރެވޭނެ ކަމަށް ފެންނަ ޚަރަދުގެ ޖުމްލައަކީ 117 މިލިއަން ރުފިޔާ.

ދެން މިދަންނަވާލަނީ، ލޯނުތަކާއި ހިލޭ އެހީ ވަދެގެން އޮންނަ ބަޖެޓުގެ ޚުލާޞާ ހިސާބެއް. މިހާރު އަޅުގަނޑު މަޖިލީހަށް މި ހުށަހަޅާ ބަޖެޓުގެ ޖުމްލައަކީ، ކުރިންވެސް ދެންނެވި ފަދައިން، 905.4 މިލިއަން ރުފިޔާ. އޭގެތެރެއިން ކަނޑަން އަހަރު ނިމޭއިރު ޚަރަދު ނުވާނެކަމަށް ލަފާކުރާ 108 މިލިއަން ރުފިޔާ. އެއީ، ކުރީ އަހަރުތަކުގައިވެސް ވީގޮތަށް، ބަޖެޓުގައި ޚަރަދުގެ ގޮތުގައި ހިމެނޭ ހުރިހާ ފައިސާއަކީ ޚަރަދުވެގެންދާނެ އެއްޗެއް ނޫން. އޭގެތެރެއިން ވަރަށްބޮޑު ބައެއް، އަހަރު ނިމޭއިރު ޚަރަދުނުކުރެވި ހުރޭ. އެއީ ޚަރަދުކުޑަކުރުމަށް އެޅޭ ފިޔަވަޅުތަކެއްގެވެސް ސަބަބުން. އެހެންވީމާ، މިއަންނަ އަހަރު ނިމޭއިރުވެސް ލަފާކުރެވެނީ 108 މިލިއަން ރުފިޔާ ޚަރަދުނުވެ ހުންނާނެ ކަމަށް. އެހެންވީމާ، އަހަރުތެރޭގައި ޚަރަދުވާނެ ކަމަށް މިހާރު ލަފާކުރާ ޢަދަދަކީ 797.4 މިލިއަން ރުފިޔާ. އޭގެތެރެއިން ކަނޑަން އާމްދަނީގެ ގޮތުގައި ލިބޭނެކަމަށް ލަފާކުރެވޭ 504.4 މިލިއަން ރުފިޔާ ކެނޑީމާ، ޚަރަދުކުރުމަށް އިތުރަށް ފައިސާ ހޯދަން ބޭނުންވާ ޢަދަދު ކަމަށް ދައްކަނީ، 293 މިލިއަން ރުފިޔާ. މިފައިސާ ހޯދޭނެ ގޮތަކީ، ޕްރޮޖެކްޓް ލޯނަށް ލިބޭނެކަމަށް ލަފާކުރެވޭ 116.4 މިލިއަން ރުފިޔާއިންނާއި، ޕްރޮޖެކްޓް އެހީއަށް ލިބޭނެކަމަށް ލަފާކުރެވޭ 97.1 މިލިއަން ރުފިޔާއިންނާއި، ހިލޭ އެހީގެ ގޮތުގައި ލިބޭނެކަމަށް ލަފާކުރެވޭ 20.0 މިލިއަން ރުފިޔާއިންނާއި، ދެން ކައުންޓަރޕާޓް ފަންޑަށް ލިބޭނެކަމަށް ލަފާކުރެވޭ 1.0 މިލިއަން ރުފިޔާއިން. މިދެންނެވި ޖުމްލަތަކުގެ ޢަދަދަކީ، 234.5 މިލިއަން ރުފިޔާ. އެހެންވީމާ، ފައިސާ ހޯދަންޖެހޭނެ ކަމަށް ދެންނެވުނު 293 މިލިއަން ރުފިޔާއިން ލިބޭނެކަމަށް ދައްކާ 234.5 މިލިއަން ރުފިޔާ ކެނޑީމާ، ބާކީ އަދި އެބައޮވޭ 58.5 މިލިއަން ރުފިޔާ. އެއީ އިތުރަށް ފައިސާ ހޯދަން ބޭނުންވާ. އެހެން ޢިބާރާތަކުން ދަންނަވަންޏާ، މިދެންނެވި ގޮތަށް ކަންތައް ހިނގައިދިޔަ ކަމުގައިވަންޏާ، މިއަންނަ އަހަރު ޑެފިސިޓް ވާނެވަރު. ބަޖެޓުގެ ޑެފިސިޓެއް ކަމަށް މިދައްކަނީ 58.5 މިލިއަން ރުފިޔާ.

ޢިއްޒަތްތެރި މެންބަރުންގެ އަތްޕުޅަށް ލިބިވަޑައިގެންފައިވާ ތަފްޞީލުތަކުން ޚަރަދުތައް ބައިކުރެވިފައިވާ ގޮތާއި، އާމްދަނީ ލިބޭވަރާއި، ބޭރުން މާލިއްޔަތު ހޯދޭވަރު އެނގިވަޑައިގަންނަވާނެ.

އަޅުގަނޑު މިދެންނެވި ހިސާބުގައި، ބަޖެޓް ޑެފިސިޓް ދެއްކި ކަމުގައިވިޔަސް، ރައްޔިތުންނަށް ހުރި ދަތިތައް ލުއިކޮށްދިނުމަށް ސަރުކާރުން އިތުރަށް ކުރެވެން ހުރި ކަންތައްތައް ކުރަންވެސް ޤަޞްދުކުރޭ. އާދެ، އެނގިވަޑައިގަންނަވާނެ ފަދައިން، މިހާރު އިމްޕޯޓް ޑިއުޓީގެ ޤާނޫނު އޮންނަގޮތުން، ކާޑުގެ ބާވަތްތަކަކީ، އިމްޕޯޓް ޑިއުޓީ ނެގޭ ތަކެތި، ޤާނޫނުގައި އޮންނަނީ، ރާއްޖެއަށް އެތެރެކުރާ ތަކެއްޗަށް ސަރުކާރަށް ޑިއުޓީ ނަގަންވާނެއޭ. 6 ވަނަ މާއްދާގައި އެހެން އޮވެފައި، އެޤާނޫނުގެ 7 ވަނަ މާއްދާގައި ބުނަނީ، ތިރީގައި މިވާ ތަކެތިން އިމްޕޯޓް ޑިއުޓީއެއް ނުނެގޭނޭ. އެހެން ބުނެފައި، އޭގެތެރޭގައި ހިމަނާފައި އޮންނަނީ ދެބާވަތެއް. އެއީ އެކި ބަލިބައްޔަށް ފަރުވާކުރުމަށް ރާއްޖެއަށް އެތެރެކުރާ ބޭސް. ދެވަނަ ކަމަކަށް، އެއްޗަކަށް އެމާއްދާގައި އޮންނަނީ، ކިޔަވައިދިނުމަށް ބޭނުންކުރާ ޓެކްސްޓް ފޮތްތައް. އެހެންވީމާ، ޤާނޫނު ބުނާގޮތުން އިމްޕޯޓް ޑިއުޓީ ނުނެގޭނީ މިދެބާވަތަށް އެކަނި. އެކަމަކު މިހާރު ކާޑުގެ ތަކެތި އަގުބޮޑުވަމުންދާތީ، އެކަން އޮންނަނީ ރައްޔިތުންނަށް ދަތިކަމަކަށްވެފައި. އަޅުގަނޑު މީގެކުރީގެ ބައެއްފަހަރުތަކުގައި ޤައުމާ މުޚާޠަބުކޮށް ވާހަކަދެއްކި ދެއްކުމުގައިވެސް އަޅުގަނޑު ދަންނަވާފައިވާނެ، ކާޑުގެ ތަކެތި އެތެރެކުރަނީ ސަރުކާރުން އެންމެ އަގުހެޔޮކޮށް ލިބޭ ތަނަކުންނޭ. އަދި ރައްޔިތުންނަށް ވިއްކަނީވެސް އެންމެ އަގުހެޔޮކޮށް ވިއްކޭވަރަށޭ.

ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ، ތަންކޮޅެއް ކުރިން ކާބޯތަކެތީގެ އަގުހެޔޮކުރުމަށް ސަރުކާރުން ދެމުންގެންދިޔަ ސަބްސިޑީޒް ވަނީ ހުއްޓާލެވިފައި. އެއީ، ރާއްޖޭގެ އިޤްތިޞާދު ކުރިއަރަމުންދިޔަ ދިޔުމުގެ ސަބަބުން އަޅަންޖެހުނު ފިޔަވަޅެއް. އެހެންނަމަވެސް، މިދިޔަ އަހަރުގެ ތެރޭގައި، ހަކުރުގެ އަގު ވަރަށް ބޮޑަށް މައްޗަށް ދިޔުމުގެ ސަބަބުން އަނެއްކާވެސް ސަރުކާރުން އޭގެ އަގުހެޔޮކޮށްދިނުމުގެ ގޮތުން ބައެއް ލައިދޭން އޮތީ ޖެހިފައި. ހަކުރުގެ އަގު ކުއްލިއަކަށް ވަރަށް މައްޗަށް ދިޔައިމާ، އެ ޖެހޭ އަގަށް ރައްޔިތުންނަށް ވިއްކުމަކީ ރައްޔިތުންނަށް ވަރަށްބޮޑު ދަތިކަމެއް އިޙްސާސް ކުރަންޖެހޭނެ ކަމަކަށްވާތީ، މިދިޔަ އަހަރު ސަރުކާރުން ވަނީ، އެސް.ޓީ.އޯ.އަށް ލިބޭ ގެއްލުން ފޫބައްދައިދިނުމުގެ ގޮތުން، ދައުލަތުގެ ބަޖެޓުން ޚަރަދުކޮށްފައި. މިދިޔަ އަހަރާއި މިއަހަރު އެގޮތަށް ހަކުރުގެ އަގުހެޔޮކުރުމަށްޓަކައި، އެހަކުރުގެ އަގަށްޖެހޭ ވަރަށްވުރެ އަގުހެޔޮކޮށް ރައްޔިތުންނަށް ވިއްކުމަށްޓަކައި، ސަރުކާރުން 4.2 މިލިއަން ރުފިޔާ ވަނީ ލައިދީފައި. އެހެން ނަމަވެސް، އަޅުގަނޑަށް ވިސްނެނީ ކާބޯތަކެތި އަގުބޮޑުވަމުން ދިޔުމާ ގުޅިގެން ޚާއްޞަކޮށް، މިކަމަކީ އަޅުގަނޑުމެންގެ އެއްވެސް ބާރެއް ނުފޯރާ ކަމަކަށްވާތީ. އެހެން މިދެންނެވީ އަޅުގަނޑުމެން ކާބޯތަކެތި ޚާއްޞަކޮށް، ހަނޑޫ، ހަކުރު، ފުށް އެއީ، އެންމެ މުހިންމު ތިން ބާވަތް. އެތެރެކުރަމުން މިގެންދަނީ ބޭރުން. އެ އަޅުގަނޑުމެންނަށް ރާއްޖެއަށް ގެނެވޭނީ އެތަންތަނުން ލިބެން ހުންނަ އަގަކަށް. އެހެންވީމާ، ވިއްކެން ހުންނާނީވެސް އެއަގަށް. ދެން އަޅުގަނޑުމެން ވިސްނީ، ސަރުކާރުން ވިސްނީ، ކާބޯތަކެތި އަގުބޮޑުވަމުންދިޔުމާ ބެހޭގޮތުން ސަރުކާރުން ރައްޔިތުންނަށް ދެވޭނީ ކޮން ލުޔެއްތޯ؟ އެހެން ބެލި ބެލުމުގައި ފެނުނީ، މިހާރު ކުރެވެން އޮތް ހަމައެކަނި ކަމަކީ، ކާބޯތަކެއްޗަށް އޮންނަ އިމްޕޯޓް ޑިއުޓީ ކަނޑާލުން ކަމުގައި. އެހެން ނަމަވެސް، އެ ފިޔަވަޅު އެޅެން އޮތީ ތިޔަ ޢިއްޒަތްތެރި މަޖިލީހަށް ސަރުކާރުގެ ފަރާތުން، އެ އިމްޕޯޓް އެކްސްޕޯޓް ޤާނޫނަށް އިޞްލާޙެއް ހުށަހަޅައި، އެ އިޞްލާޙު ފާސްވީމާ.

އެހެންވީމާ، އަޅުގަނޑު ޤަޞްދުކުރަން، އިރާދަކުރެއްވިއްޔާ ކާޑުގެ ބާވަތްތަކުން އިމްޕޯޓް ޑިއުޓީ ކަނޑާލުމަށް ޤާނޫނަށް ވަރަށް އަވަހަށް އިޞްލާޙެއް ހުށަހަޅަން. ތިޔަ ޢިއްޒަތްތެރި މަޖިލީހަށް އެ ޤާނޫނު ހުށަހެޅޭނެ. ހުށަހެޅުނީމާ ތިޔަ މަޖިލީހުން އެގޮތަށް ނިންމަވައިދެއްވައިފިއްޔާ، މީގެފަހުން ރާއްޖެ ގެނެވޭ ކާބޯތަކެތީގެ އަގުން އާދެ، ހަނޑޫ، ހަކުރު، ފުށުން އިމްޕޯޓް ޑިއުޓީއެއް ނުނެގޭނެ. އިމްޕޯޓް ޑިއުޓީ ނުނެގޭނެ ކަމަށްވަންޏާ، ރައްޔިތުންނަށް ލިބޭ ވަރަށްބޮޑު ލުޔަކަށް އެކަން ވެގެންދާނެ.

މިގޮތަށް ޢަމަލުކުރުމުން، ކުރިން ދެންނެވި ޑެފިސިޓަށް އަނެއްކާ އެއްޗެއް އިތުރުވެގެންދާނެ. އެއީ މިދެންނެވި ޑެފިސިޓް މިހާރު ދައްކާގޮތުން މިއަންނަ އަހަރަށް 58.5 މިލިއަން ރުފިޔާ އެބައޮތް. ކާޑުގެ އިމްޕޯޓް ޑިއުޓީއަށް ސަރުކާރަށް ލިބޭ، ގާތްގަނޑަކަށް 4 މިލިއަން ނުވަތަ 5 މިލިއަން ރުފިޔާ، އަހަރެއްގެ މައްޗަށް. އެހެންވީމާ، އެބައި އެ ދެން މިއަންނަ އަހަރުވާނީ ނުލިބޭ އެއްޗަކަށް. ނުލިބޭ އެއްޗަކަށްވީމާ، ޑެފިސިޓް ތަންކޮޅެއް ބޮޑުވެގެންދާނެ. އެހެން ނަމަވެސް، ކުރިންވެސް ދެންނެވި ފަދައިން، ޑެފިސިޓް ބަޖެޓް ފާސްކުރާއިރު، އެގޮތަށް ދެއްކި ކަމުގައިވިޔަސް، އަހަރުތެރޭގައި އެވަރަށް ޚަރަދު ނުކުރެވުމުގެ ސަބަބުންނާއި އަދި އާމްދަނީ އިތުރުވެގެންދިޔުމުގެ ސަބަބުން ވަރަށް ބޮޑަށް އެބައި ދަނީ ހަމަޖެހެމުން. އެހެންވީމާ، އަޅުގަނޑަށް އުންމީދު ކުރެވެނީ، މި އަންނަ އަހަރުވެސް ނިމޭއިރު ބަޖެޓް ޑެފިސިޓެއް ނުވާނެ ކަމުގައި. ޑެފިސިޓް ވިޔަސް ވާނީ ވަރަށްކުޑަ ޢަދަދެއް ކަމުގައި އަޅުގަނޑަށް ވަރަށް ބޮޑަށް ލަފާކުރެވޭ.

1990 ވަނަ އަހަރުގެ ބަޖެޓުގައި، އިޤްތިޞާދީ ތަރައްޤީއަށް ކުރެވޭ ޚަރަދު ކަމުގައި ވަނީ، 173.6 މިލިއަން ރުފިޔާ. އެއީ ޖުމްލަ ބަޖެޓް ޚަރަދުގެ ސަތޭކައަކުން 21.8. މީގެތެރެއިން އެންމެބޮޑު ޚަރަދު ހިނގާނޭ ކަމަށް ދައްކަނީ، ދަތުރުފަތުރާބެހޭ ޚަރަދަށް 127.2 މިލިއަން ރުފިޔާ. އެއީ މުޅި ބަޖެޓުގެ ސަތޭކައަކުން 16. އިޖުތިމާޢީ ތަރައްޤީއަށް ކުރެވޭ ޚަރަދުގެ ޖުމްލައަކީ، 301.1 މިލިއަން ރުފިޔާ. އެއީ، މުޅި ބަޖެޓުގެ ސަތޭކައަކުން 37.8. މީގެތެރެއިން ޞިއްޙަތަށް 140.1 މިލިއަން ރުފިޔާ. އެއީ، ބަޖެޓުގެ ސަތޭކައަކުން 17.6. އަދި ތަޢުލީމަށް 108.9 މިލިއަން ރުފިޔާ. އެއީ، މުޅި ބަޖެޓުގެ ސަތޭކައަކުން 13.7. މި މަޢުލޫމާތު، މަޢުލޫމާތު ކަރުދާސް ނަންބަރު 2ން ލިބިވަޑައިގަންނަވާނެ.

ރައްޔިތުންނަށް ދެވޭ ޢާންމު ޚިދުމަތަށް ޚަރަދުވާނެ ކަމަށް ލަފާކުރެވިފައި ވަނީ، 273.1 މިލިއަން ރުފިޔާ. އެއީ، ބަޖެޓް ޚަރަދުގެ ސަތޭކައަކުން 34.2. ހިންގުމާބެހޭ ޚަރަދަށް 137.7 މިލިއަން ރުފިޔާ. އެއީ، ބަޖެޓް ޚަރަދުގެ ސަތޭކައަކުން 17.3. އަދި އަމަން ޤާއިމުކުރުމަށާއި، މަސްވެރިކަމުގެ ސަރަޙައްދު ބެލެހެއްޓުމަށް 122.4 މިލިއަން ރުފިޔާ. އެއީ، ބަޖެޓުގެ ސަތޭކައަކުން 15.3. ދަރަނީގެ ޚިދުމަތުގެ އަގާއި ލޯނު އަދާކުރުމަށް 49.6 މިލިއަން ރުފިޔާ. އެއީ، މުޅި ބަޖެޓުގެ ސަތޭކައަކުން 6.2.

ބަޖެޓް ފާސްވުމަށްފަހު، ބަޖެޓް ކޮންޓްރޯލް ކުރުމުގެ ގޮތުން އަޅާ ފިޔަވަޅުތަކާބެހޭ މަޢުލޫމާތު، މީގެ ކުރީ އަހަރުތަކުގައިވެސް ތިޔަ ޢިއްޒަތްތެރި މެންބަރުންނަށް ދެންނެވިފައި ވާނެ. އަޅުގަނޑު ކުރިންވެސް ދެންނެވި ފަދައިން، އެފިޔަވަޅުތައް އަޅަންޖެހެނީ، ހުސްއެކަނި ބަޖެޓުން ލިބޭ ފައިސާއަކުން ދެކޮޅުޖެއްސުމަކަށް ނޫން. ބަޖެޓުން ޚަރަދު ކުރުމުގައި، ބޭނުމެއް ނެތް ޚަރަދުކުރުމުންވެސް ދުރުހެލިވުމަށް. މިގޮތުން، އޮފީސްތަކުގެ ކެޕިޓަލް ޚަރަދާއި، ދަތުރުޚަރަދު، އޮފީސްތަކަށް ބަޖެޓް ދިޔުމާއެކު، އުނިކޮށްލެވޭ. ދެން އެޚަރަދުތައް ކުރެވޭނީ، ޤަވާޢިދުން އެއީ ކުރަންޖެހޭ ޚަރަދެއްތޯ ބަލައި، އަލުން ހުއްދަ ހޯދައިގެން. ވޭތުވެދިޔަ އަހަރުތަކުގެ ތަޖުރިބާއަށް ބަލާއިރު، މިގޮތުގެ މަތިން ބަޖެޓް ކޮންޓްރޯލް ކުރުން އެއީ، ވަރަށް ބޭނުންތެރި ކަމެއް ކަމުގައި އަޅުގަނޑު ދެކެން.

އާދެ، ތަރައްޤީގެ މަޝްރޫޢުތައް ފުރިހަމަ ބާރުމިނެއްގައި ގެންދެވޭއިރު، ސަރުކާރުން ކުރަންޖެހޭ ޚަރަދުތައް އިތުރުވުމުގެ ސަބަބުން ސަރުކާރުގެ ބަޖެޓް، އެއް އަހަރުން އަނެއް އަހަރަށް ބޮޑުވަމުންދާނެކަމާމެދަކު ޝައްކެއްނެތް. ތިޔަބޭފުޅުން ހަނދުމަފުޅު ހުންނާނެ، 1979 ގައި ބަޖެޓް އޮތްވަރު. 1979ގެ ބަޖެޓް ޚަރަދު. 49 މިލިއަން ރުފިޔާ އޭރުއޮތީ. މިހާރު 1990 ވަނަ އަހަރަށް މިހުށަހަޅާ ބަޖެޓުގެ ޖުމްލަ ޢަދަދަކީ 905 މިލިއަން ރުފިޔާ. ދެން އެއިން ޚަރަދުނުވާނެ ބައި ކަމަށް ލަފާކުރެވޭ ބައި ކެނޑީމާވެސް 797 މިލިއަން ރުފިޔާ ޚަރަދުގެ ގޮތުގައި އެބަ ބެލޭ. އެއީ 10 އަހަރު ދުވަހުގެ ތެރޭގައި ނުވަތަ 11 އަހަރު ދުވަހުގެ ތެރޭގައި، 49 މިލިއަން ރުފިޔާއިން 797 މިލިއަން ރުފިޔާއަށް އޮތީ ބަދަލުވެފައި. އެހެންކަމާއެކު، ރައްޔިތުންނަށް ދޭންޖެހޭ ޚިދުމަތްތައް ދޭންޖެހޭތީއާއި އަދި ރައްޔިތުންގެ ފަސޭހައަށް އިތުރު މަސައްކަތް ކުރަންޖެހޭތީ، މި ބޮޑުވަމުންދާ ބަޖެޓަށް މާލިއްޔަތު ލިބޭނެ ގޮތްތަކެއްވެސް ހޯދަންޖެހޭ.

އަޅުގަނޑު ދެންމެ މިހުށަހެޅި 1990 ވަނަ އަހަރުގެ ބަޖެޓުގައި، ޚަރަދުކުރުމަށްޓަކައި އިތުރަށް ހޯދަންޖެހެނީ، އޭރު ދެންނެވި ގޮތުން 58.5 މިލިއަން ރުފިޔާ. މިދެންނެވީ ކާޑުގެ ބާވަތްތަކުގެ އިމްޕޯޓް ޑިއުޓީއަށް ކަނޑާލަންޖެހޭ ބައި ނުލައި. ބަޖެޓް ޑެފިސިޓް ވެއްޖިއްޔާ، އިތުރަށް ޚަރަދުކުރަން ހޯދަންޖެހޭ ފައިސާ ހޯދަންޖެހެނީ، އެމް.އެމް.އޭ. އިން ނަގާ ލޯނަކުން. ކުރިންވެސް ދެންނެވި ފަދައިން، އެހެން އަހަރުތަކުގެ ތަޖުރިބާއަށް ބަލާއިރު، މިފައިސާއަކީ އެކިގޮތްގޮތުން އިތުރަށް ލިބޭ އާމްދަނީގެ ތެރެއިން، ނުވަތަ ބޭރުގެ އެހީން ހަމަޖެހިގެންދާނެ އެއްޗެއް ކަމުގައި މިއަންނަ އަހަރުވެސް ފެންނަ ވާހަކަ ދަންނަވަން.

ބަޖެޓާ ބެހޭގޮތުން ޢިއްޒަތްތެރި މެންބަރުން ބޭނުންފުޅުވާ އިތުރު މަޢުލޫމާތު ދެއްވާނީ، މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފިނޭންސް އޮނަރަބްލް އަލްފާޟިލް އިސްމާޢީލް ފަތުޙީ.

އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލުމުގެ ކުރިން، އަޅުގަނޑު ޝުކުރު އަދާކުރަންޖެހޭ ފަރާތްތަކެއްވާކަން އަޅުގަނޑު ފާހަގަކޮށްލަން. އާދެ، ކޮންމެ އަހަރަކުވެސް ދައުލަތުގެ ބަޖެޓް ތައްޔާރުކުރައްވަމުން ގެންދަވަނީ، މިނިސްޓްރީ އޮފް ފިނޭންސްގެ ފަރާތުން ވަރަށްގިނަ މަސައްކަތްތަކެއް ކުރައްވައި، އެތައް ހިސާބުތަކެއް ހޯއްދަވައިގެން. އެހެންކަމާއެކު، މި މަސައްކަތް އެހެން އަހަރުތަކެކޭވެސް އެއްފަދައިން، ވަރަށް އިޚްލާޞްތެރިކަމާއެކު ކުރެއްވި މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފިނޭންސް އަލްފާޟިލް އިސްމާޢީލް ފަތުޙީއަށް އަޅުގަނޑު ހިތުގެއަޑިން ޝުކުރު ދަންނަވަން. އަދި އޭނާގެ ބެއްލެވުމުގެ ދަށުން، އެމިނިސްޓްރީގައި ބަޖެޓް ތައްޔާރުކުރުމުގެ މަސައްކަތް ކުރެއްވި އެހެން ވެރިންނަށާއި މުވައްޒަފުންނަށްވެސް އަޅުގަނޑު ޝުކުރު އަދާކުރަން. ހަމައެއާއެކު، ބަޖެޓް ކޮމިޓީގެ މެންބަރުންނަށްވެސް އަޅުގަނޑު ޝުކުރު ދަންނަވަނީ، އެބޭފުޅުން ކޮށްދެއްވި މަސައްކަތުގެ އަގު ވަޒަންކުރަމުން. އަޅުގަނޑުގެ މި ޝުކުރު ނިންމާލާނީ، ރައީސް އޮފީހުގެ ފައިސާއާއި ބަޖެޓާބެހޭ ބައިގެ މުވައްޒަފުންގެ ފަރާތުން، ބަޖެޓާބެހޭ މަޢުލޫމާތުތައް ހޯދުމުގައި، އަޅުގަނޑަށް ލިބިފައިވާ ގިނަގުނަ އެހީތަކަށްޓަކައި، އެފަރާތްތަކަށްވެސް ޝުކުރު ދަންނަވަމުން.

އަޅުގަނޑުމެން ޤައުމީ ތަރައްޤީއާ ދޭތެރޭގައި ވާހަކަ ދައްކާއިރު، ވޭތުވެދިޔަ 11 އަހަރު ދުވަހު ކުރެވިފައި ހުރި ކަންތައްތަކުގެ މައްޗަށް ބަލައި، އަންނަ އަހަރުތަކުގެ ތަރައްޤީ ރާވަންޖެހޭ. އަޅުގަނޑުމެންނާ ކުރިމަތިލަނީ 1990ގެ އަހަރުތައް. އާދެ، 1980ގެ އަހަރުތަކުގެ ތަޖުރިބާގެ އަލީގައި، 1990ގެ އަހަރުތަކުގެ މަންޒިލް މަޤްޞޫދަކަށް ދެވޭތޯ އަޅުގަނޑުމެން މަސައްކަތް ކުރަންޖެހޭ.

އާދެ، ވޭތުވެދިޔަ އަހަރުތަކުގައި އަޅުގަނޑުމެން މަސައްކަތްކުރީ، ޤައުމީ އިޤްތިޞާދުގެ ހަރުދަނާ ބިންގަލެއް އެޅޭތޯ. 1990ގެ އަހަރުތަކުގައި މަސައްކަތް ކުރަންޖެހޭނީ، މިބިންގަލުގެ މައްޗަށް އެކަށީގެންވާ އިޤްތިޞާދީ ޢިމާރާތެއް ބިނާކުރެވޭތޯ ކަމުގައި އަޅުގަނޑު ދެކެން. މިމަސައްކަތް ކުރާއިރު، އަޅުގަނޑުމެންގެ ޤައުމީ އެއްބައިވަންތަކަން އިތުރަށް ބަދަހިކޮށް، ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މައްޗަށް ގެންދިޔުމަށް ޢަޒުމް ކަނޑައަޅާފައިވާ މުޖުތަމަޢެއް އުފެދޭކަމުގެ ހިތްހަމަޖެހުން އަޅުގަނޑަށް ލިބޭ. ތަރައްޤީގެ ޙަރަކާތްތައް މެދުކެނޑުމެއްނެތި ކުރިއަށް ގެންދިޔުމަށްޓަކައި، މުސްތަޤްބަލަށް އެޅޭ ހުރަސްތައް، ކެރޭ، ހީވާގި ދިވެހި ދަރިންތަކެއްގެ އިޚްލާޞްތެރި ހިންމަތުން ކަޑައްތުކޮށް، ކާމިޔާބާއި ހިތްހަމަޖެހުމާއެކު ތަރައްޤީގެ ފޮނި މޭވާ ޙާޞިލްކުރާނެކަމުގެ ޔަޤީންކަންވެސް އަޅުގަނޑަށް ލިބޭ.

މަޖިލީހުގެ ޢިއްޒަތްތެރި ރައީސް، ޢިއްޒަތްތެރި މެންބަރުން؛

އަޅުގަނޑު ތިޔަ މަޖިލީހަށް މިހުށަހެޅި 1990 ވަނަ އަހަރުގެ ދައުލަތުގެ ބަޖެޓާމެދު ދެއްކި ވާހަކަތައް، ކެތްތެރިކަމާއި ޝައުޤުވެރިކަމާއެކު އެއްސެވިކަމަށްޓަކައި، ތިޔަ ހުރިހާ ޢިއްޒަތްތެރިންނަށް އަޅުގަނޑު ޝުކުރުވެރިވަނީ އިޚްލާޞްތެރިކަމާއެކު. ތިޔަބޭފުޅުންގެ އެއްބާރުލެއްވުމާއި މަގުދެއްކެވުން، އިތުބާރާއި ހިތްވަރު އަޅުގަނޑަށް ލިބެމުން އައިސްފައިވަނީ، ނުހަނު ހިތްހަމަޖެހޭފަދަ ދަރަޖައަކަށްކަން، މި ފުރުޞަތުގައި އަޅުގަނޑު ޝުކުރުވެރިކަމާއެކު ފާހަގަކޮށްލަން.

ދިވެހިރާއްޖޭގެ އިޤްތިޞާދީ އަދި އިޖުތިމާޢީ ކުރިއެރުން އަވަސް ބާރުމިނެއްގައި ގެންދެވޭނޭ މަގު ތަނަވަސްކޮށްދެއްވައި، އެކަމުގައި މަސައްކަތްކުރާ ދިވެހި ދަރީންނަށް އެމަސައްކަތުގައި ތެދުވެރިކަމާއި އިޚްލާޞްތެރިކަމާއެކު ކުރިއަށް ދިޔުމުގެ ހެޔޮ ތައުފީޤު މާތް ދެއްވާށި! އާމީން.

والسّلام عليــكم ورحـمــة اللّـه وبـركاتـه.