بســم اللّـه الرّحمـن الرّحيــم

اَلحَمْـدُ لِلّـهِ رَبّ العَـالَمِـين، وَالصّـلاة وَالسّلام علـى أشرف المرسلين، سيدنا محـمَّدٍ وَعلـى آلـه وَصَحْبِـهِ أجمـعـين.

އާދެ، މިއަދަކީ، އަޅުގަނޑުމެންގެ ޖުމްހޫރީ ދުވަސް، ރާއްޖޭގެ ލޮބުވެތި އެންމެހާ ރައްޔިތުންނަށް އަޅުގަނޑު އެދެނީ، އުފާވެރި ބާއްޖަވެރި ޖުމްހޫރީ ދުވަހެއް. ޤައުމީ ރޫޙު އާލާވެގެންދާނެ ޖުމްހޫރީ ދުވަހެއް. އަޅުގަނޑުމެންގެ ޤައުމުގެ ކަންތައްތަކާ ދޭތެރޭގައި ވިސްނައި ޚިޔާލުކޮށް، ޤައުމުގެ ތަރައްޤީއަށްޓަކައި ކުރެވެން އޮންނާނެ މަސައްކަތްތަކާ ދޭތެރޭގައި ޚިޔާލުކުރާ ޖުމްހޫރީ ދުވަހެއް. ޝައްކެއްނެތް، މިފަދަ މުނާސަބަތަކީ، އެމުނާސަބަތެއްގައި ޤައުމުގެ ކަންތައްތަކާއި ސަރުކާރު ހިންގުމުގެ ކަންތައްތަކާއި، ރައްޔިތުންގެ މަޞްލަޙަތާއި، އަމަންއަމާންކަމާއި ކުރިއެރުމާ، މިހުރިހާ ކަމަކާ ދޭތެރޭގައި ޤައުމުގެ ރައްޔިތުންގެ ތެރޭގައި ހިމެނޭ ހަމަ ކޮންމެ ފަރުދެއްވެސް ޚިޔާލުކުރަންޖެހޭނެ ދުވަހެއް. އަދި މުނާސަބަތެއް.

އާދެ، އެގޮތުން ދެންމެ، މިނިސްޓަރ އޮފް ޕްލޭނިންގ އެންޑް އެންވަޔަރަންމަންޓްގެ ނައިބު އަލްފާޟިލް އިސްމާޢީލް ޝަފީޢު، ވަރަށް އަގުހުރި ވާހަކަކޮޅެއް ދައްކަވައި ދެއްވައިފި. އޭނާގެ ވާހަކަފުޅުގައި ހިމެނޭ ނުކުތާތަކަށް އަޅުގަނޑު ފުރިހަމައަށް ތާއީދުކުރަން. އަޅުގަނޑު ދެކޭގޮތުގައި އޭނާ އެވިދާޅުވިފަދައިން، ޤައުމުގެ މިނިވަންކަމާއި ރައްޔިތުންގެ މިނިވަންކަމާއި، ޤައުމުގެ މަޞްލަޙަތާއި، ރައްޔިތުންގެ ހަމަޖެހުމާއި، މިނިވަންކަމުގެ ބޭނުންކުރަންވީ ކިހާ މިންވަރަކަށްތޯއާ، މިހުރިހާ ކަންތައްތަކާ ދޭތެރޭގައި އަޅުގަނޑުމެން ވިސްނައި، އަޅަންޖެހޭ ފިޔަވަޅުތަކެއް އަޅަންޖެހޭނެ. އަދި އަޅުގަނޑުމެންގެ ރައްޔިތުންގެތެރޭގައި ހިމެނޭ ކޮންމެ މީހަކުވެސް އެމީހެއްގެ ވާޖިބު ފުރިހަމައަށް އަދާކުރަންޖެހޭނެ.

އާދެ، އަޅުގަނޑުމެން އެންމެ ފުރަތަމަ ކޮށްލަންވީ ސުވާލަކީ، އަޅުގަނޑު ދެކޭގޮތުގައި، ޖުމްހޫރީ ދުވަހެއް އަޅުގަނޑުމެން މިފާހަގަކުރަނީ ކީއްވެގެންތޯ؟ ޝައްކެއްނެތް، ޖުމްހޫރީ ވެރިކަމަކީ، ޝާހީވެރިކަމާ ވަރަށް ތަފާތު ވެރިކަމެއް. އަޅުގަނޑުމެންގެ ރާއްޖޭގައި ޒަމާނުއްސުރެ ކުރަމުން އައިސްފައިވަނީ ޝާހީ ވެރިކަމެއް. ރަސްކަލަކު ހުންނަވައިގެން ދައުލަތް ހިންގުމުގެ ނިޒާމް އޭރު ރާއްޖޭގައި ޤާއިމްވެފައި އޮތީ. އެތައް ޤަރުނެއް ވަންދެން އެ ނިޒާމް އެގޮތުގެ މަތިން ދެމިއޮތުމަށްފަހު، 1968 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހު އަޅުގަނޑުމެންގެ ވެރިކަމުގެ ނިޒާމް، އެހެން ގޮތަކަށް ބަދަލުވެގެންދިޔައީ.

އާދެ، ޖުމްހޫރީ ވެރިކަމާ ދޭތެރޭގައި މާގިނަ ވާހަކަތަކެއް އަޅުގަނޑު ނުދެއްކިއަސް އަދި ދުސްތޫރީ ޤާނޫނުގެ ޢިލްމުވެރިން ޖުމްހޫރީ ވެރިކަމަކީ ކޮބައިތޯ، އެ ވެރިކަން ތަޢާރުފްކޮށްދެއްވުމުގެ ގޮތުން ވިދާޅުވެފައިވާ ބަސްފުޅުތަކާ ދޭތެރޭގައި، އިތުރު އެއްޗެއް ނުދެންނެވި ކަމުގައިވިޔަސް، ވަރަށް ކުޑަކުޑަ ގޮތަކުން އަޅުގަނޑު ހިތުން ޖުމްހޫރީ ވެރިކަމަކީ، ކޮން އެއްޗެއްކަން އަޅުގަނޑުމެންނަށް އޮޅުންފިލާފާނެ. އާދެ، ޖުމްހޫރީ ވެރިކަމަކީ، ވަރަށްކުރު ޢިބާރާތަކުން ދަންނަވަންޏާ ރައްޔިތުންގެ ވެރިކަން.

ޝާހީވެރިކަމުގައި މިއޮންނަނީ ވަކި ޢާއިލާއެއްގެ ވެރިކަން. ވަކިބައެއްގެ ވެރިކަން. އެމީހަކު، ރަސްކަލަކު ރަސްކަމަށް އިސްކުރުމުގައި ރައްޔިތުންގެ މާބޮޑު ބާރެއް ނޯވޭ. ޖުމްހޫރީ ވެރިކަމަކީ އެއާޚިލާފަށް ވަކި މީހެއްގެ ވެރިކަމެއްނޫން. ވަކި ބައެއްގެ ވެރިކަމެއްނޫން. އެއީ މުޅި ރައްޔިތުންގެ ވެރިކަން. ރައްޔިތުން ބޭނުން ބަޔަކު ވެރިން ކަމުގައި ހަމަޖައްސަނީ. ރައްޔިތުން، އެ ވެރިން ކުރާ ކަންތައްތައް ބަލަމުން ގެންދަނީ. އެ ވެރިކަން ކުރާ މީހުން ރައްޔިތުންގެ މަޞްލަޙަތާ އިދިކޮޅަށް، ރައްޔިތުންނަށް ނުރައްކާވާފަދަ ނުވަތަ ގެއްލުންވާފަދަ ގޮތަކަށް، ކަންތައްތައް ކުރަމުންދަނީ ކަމުގައިވަންޏާ، އެބަޔަކު ވެރިކަމުން ވަކިކުރުމުގެ އިޚްތިޔާރުވެސް ރައްޔިތުންނަށް ޖުމްހޫރީ ވެރިކަމުގައި އޮވޭ. ޖުމްހޫރީ ވެރިކަމަކީ، ރައްޔިތުން ބޭނުންވާ ގޮތަކަށް ޤައުމުގެ ވެރިކަން ހިންގުން. އެއީ ވަރަށް ކުރުކޮށް ދަންނަވަންޏާ، ޖުމްހޫރީ ވެރިކަމަކީ. އެހެންވީމާ، ޝައްކެއްނެތް، އަޅުގަނޑުމެން އެދުވަސް ފާހަގަކުރަންޖެހޭނެ. އެއީ ރައްޔިތުންގެ ދުވަހެއް. އެދުވަހަކީ ރައްޔިތުން އުފާފާޅުކުރަންޖެހޭނެ ދުވަހެއް. އެދުވަހަކީ ރައްޔިތުންގެ އަތްމައްޗަށް ވެރިކަން އައި ދުވަސް.

އާދެ، މިދެންނެވި ކަންތައްތައް މިހެން ހުރުމާއެކު، މިފަދަ ދުވަހެއްގައި އަޅުގަނޑުމެން ޚިޔާލު ފާޅުކުރަން އެންމެ އެކަށީގެންވާ މައުޟޫޢަކީ، ޤައުމާބެހޭ ކަންތައްތަކުގެ މައުޟޫޢު. ސަރުކާރު ހިންގުމާބެހޭ ކަންތައްތަކުގެ މައުޟޫޢު. ޤައުމާއި ރައްޔިތުންގެ ފައިދާއަށްޓަކައި ކުރެވެން ހުންނާނެ މަސައްކަތްތަކުގެ މައުޟޫޢު.

މި މުނާސަބަތުގައި އަޅުގަނޑު ދަންނަވާލަން ބޭނުންވާ ވާހަކައަކީ، ދޭތެރެ ދޭތެރެއިން ޤައުމުގެ ކަންތައްތަކާއި ސަރުކާރު ހިންގުމުގެ ކަންތައްތައް ހުރިނެތްގޮތް ބަލައި، އެކަންތައްތައް މުރާޖަޢާ ކުރުމަކީ ވަރަށް ބޭނުންތެރި ކަމެކޭ. އެހެން ނަހަދައިފިނަމަ ވާގޮތަކީ، އަޅުގަނޑުމެންނަށް ތިބެވެނީ ވަކި ތައްގަނޑަކަށް ފެތިފައި. ހުރިހާ ކަމެއްވެސް ގެންދެވެނީ ވަކިގޮތަކަށް. އާ ޚިޔާލަކަށް ތަނެއް ނުދެވޭ. ޤައުމުގެ މަޞްލަޙަތު ނިޔާކުރާގޮތުގެ މަތިން އިޞްލާޙުތަކެއް ގެނައުމަކަށް ޚިޔާލެއް ނުކުރެވޭ.

އާދެ، ތިޔަ ހުރިހާ ބޭފުޅުންވެސް ހަނދުމަފުޅު ހުންނާނޭ ފަދައިން، 1978 ވަނަ އަހަރުގެ ފަހުކޮޅު، އަޅުގަނޑު ރައީސްކަމާ ޙަވާލުވިއިރު، ރާއްޖޭގެ ކަންތައްތައް ގެންދާނެގޮތާ ދޭތެރޭގައި މާބޮޑު ރޭވުމެއް ރޭވިފައެއް ނެތް. މާބޮޑު ޕްލޭނެއް އެކުލަވައިލެވިފައެއް ނެތް. ސިޔާސީ ގޮތުންވެސް، އަދި އިޤްތިޞާދީ ގޮތުންވެސް، މާބޮޑެތި ކަންތައްތަކެއް ކަނޑައެޅި، އެކަންތައްތައް ގެންދާނެ އުޞޫލުތަކެއް އަޅުގަނޑުމެންނަކަށް އޭރު އެކަށައެޅިފައެއް ނެތް. އެކަން އޮތީ އެހެންކަމަށްވީތީ، އަޅުގަނޑު ވެރިކަމާ ޙަވާލުވީމާ، އަޅުގަނޑު ޤަޞްދުކުރީ، އަޅުގަނޑުމެންގެ ޤައުމުގެ ކަންތައްތައް، ޚާއްޞަކޮށް ޤައުމުގެ ތަރައްޤީއަށްޓަކައި ކުރަންޖެހޭނެ މުހިއްމު ކަންތައްތައް އެއީ ކޮން ކަންތައްތަކެއްތޯ ދެނެގަތުމުގެ މަސައްކަތްތަކެއް ކުރަންޖެހޭނެ ކަމުގައި. އެގޮތުގެ މަތިން، އޭރުގެ ނޭޝަނަލް ޕްލޭނިންގ އޭޖެންސީ އުފެއްދުނީ. އަދި އޭގެ އިތުރުން، މުހިންމު ކަންތައްތަކާ ބެހޭގޮތުން މަޝްވަރާ ކުރުމަށްޓަކައި، އެކިއެކި ޖަލްސާތައް ބޭއްވި، ރައްޔިތުންގެ ތަރައްޤީއަށް، ޤައުމުގެ ތަރައްޤީއަށް ކުރަންޖެހޭނީ ކޮންކޮން މަސައްކަތްތަކެއްތޯ، އިސްކަންދޭންޖެހޭނީ ކޮންކޮން ކަންތައްތަކަކަށްތޯ؟ މިކަންތައްތަކާމެދު ޚިޔާލުފާޅުކޮށް ގޮތްތަކެއް ކަނޑައެޅުނީ. އޭރު އެ ކަނޑައެޅުނު ގޮތްތަކުގެ މަތިން އޭރުއްސުރެން ފެށިގެން ކަންތައްތައް ހިނގަމުން މިދަނީ. އޭރު އަޅުގަނޑުމެން ނިންމި ވަރަށް މުހިންމު މަޝްރޫޢުތަކެއް އެބަހުރި. އޭގެތެރެއިން ބައެއް މަޝްރޫޢުތަކަކީ ނިމިފައިވާ މަޝްރޫޢުތަކެއް. އަނެއްބައި މަޝްރޫޢުތަކަކީ، އެމަޝްރޫޢުތަކުގެ ބާވަތުން މިހާރުވެސް ހިނގަމުންދާ ކަންތައްތަކެއް.

އާދެ، ރާއްޖެތެރެ ތަރައްޤީކުރުމުގެ މަޝްރޫޢު، މާލޭފަޅުން ބިން ހިއްކުމުގެ މަޝްރޫޢު، މަސްވެރިކަމާއި ޓޫރިޒަމް ތަރައްޤީ ކުރުމުގެ މަޝްރޫޢުތައް، ޤައުމީ ހޭލުންތެރިކަން އުފެއްދުން، ބަހާއި ތާރީޚަށް ޚިދުމަތްކޮށް، އެކަންތައްތައް ދިރުވުން، ސަރުކާރުގެ އޮނިގަނޑަށް ގެނެވުނު އިޞްލާޙުތައް، އޭގެ ތެރޭގައި އެންމެ މުހިއްމު ކަމަކީ، ކުރިންވެސް އިޝާރާތްކުރިފަދައިން، އެކިއެކި މުހިއްމު ކަންތައްތައް ނިންމުމުގައި ވީހާ ގިނަ، ކަމާބެހޭ ފަރާތްތަކެއްގެ މަޝްވަރާއާއި ލަފާ ހޯދުން. އެކިއެކި ބޯޑުތަކާއި މަޝްވަރާ މަޖިލިސްތަކާއި ކޮމިޓީތައް އުފައްދައިގެން، ކޮންމެ ކަމެއްވެސް ވަރަށް ރަނގަޅަށް ދިރާސާކޮށްފައި، އެކަމުގައި އޮތް އެންމެ މޮޅު ގޮތެއް ފެނޭތޯ ބަލައިގެން، އެގޮތުގެމަތިން މަސައްކަތް ކުރަމުން ގެންދިޔުން.

އާދެ، އޭރުން ފެށިގެން އެގޮތަށް މިސަރުކާރުން ކަންތައްތައް ކުރަމުން އައިސްފައިވަނީ. އަޅުގަނޑު މިދެންނެވި ގޮތުގެ މަތިން ކަންތައްތައް ހިނގަމުންދިޔަ ކަމުގައިވިޔަސް، ތިޔަ އެންމެހާ ބޭފުޅުންވެސް ޤަބޫލުކުރައްވާނެ، ދޭތެރެ ދޭތެރެއިން އަޅުގަނޑުމެންނަށް ޖެހޭނެ، މިހާރު ކަންތައްތައް ދަނީ ރަނގަޅަށްތޯ ވިސްނާލަން. މިހާރު ކަންތައްތައް މިދާގޮތާދޭތެރޭގައި އަޅުގަނޑުމެން ރަނގަޅަށް ވިސްނައި ދިރާސާކޮށް، ޚިޔާލުކޮށް، މުރާޖަޢާ ކުރަންޖެހޭނެ.

އެމަސައްކަތް އެގޮތުގެ މަތިން ކޮށްފައި، ގެންނަން ފެންނަ އިޞްލާޙެއް ނުވަތަ ބަދަލެއް އޮވެއްޖެ ކަމަށްވާނަމަ، އެބަދަލެއް ނުވަތަ އެއިޞްލާޙެއް ގެންނަންޖެހޭނެ. އެހެންނޫނީ ވާގޮތަކީ ކުރިންވެސް ދެންނެވިފަދައިން، އަޅުގަނޑުމެންނަށް ވަކިގޮތަކަށް ޢަމަލުކުރަން ދަސްވެފައި އޮންނަނީ. އާ ޚިޔާލުތަކަކަށް އަޅުގަނޑުމެންނަކަށް ތަނެއްނުދެވޭ.

އާދެ، ކޮންމެއަކަސް މިދެންނެވި އުޞޫލުން މިހާތަނަށްވެސް މިސަރުކާރުން އައީ ކަންތައްތައް ކުރަމުން. ސަރުކާރުން ފެށި ބައެއް ކަންތައްތައް، އެހެން ގޮތްތަކަކަށް ބަދަލުކޮށްލަންވެސް ޖެހިފައިވޭ. އާދެ، މިސާލެއް ދަންނަވަންޏާ، އަޅުގަނޑުމެންގެ އިޤްތިޞާދީ ކަންތައްތަކާއި، ބޭރު ފައިސާގެ ކަންތައްތައް އިޞްލާޙުކޮށް، ރާއްޖޭގެ އިޤްތިޞާދަށާއި ވިޔަފާރިއަށާއި، ރައްޔިތުންނަށް ފައިދާހުރި ގޮތުގައި ގެންދިޔުމަށްޓަކައި، އެކި ދުވަސްވަރު އެކިކަހަލަ ފިޔަވަޅު އެޅިފައިވޭ.

އެންމެ ފުރަތަމަ، 1978 ގައި ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ، ދިވެހި ފައިސާއާއި ބޭރު ފައިސާއާ ދޭތެރޭގައި އޮތް ގުޅުން. އޭރު އޮންނަނީ ޑޮލަރެއްގެ އަގަކީ 3/93 ރުފިޔާ ކަމުގައި ހަމަޖެހިފައި. ބާޒާރުގައި ކޮންމެގޮތަކަށް އޭގެ އަގު ހުރިކަމުގައިވިޔަސް އަދި ޑޮލަރުގެ ޙަޤީޤީ އަގަކީ ކޮންމެ އެއްޗެއް ކަމުގައިވިޔަސް، ސަރުކާރުން ޤަބޫލުކުރާ އަގެއް އޮތީ މާކުރިއްސުރެ ކަނޑައެޅި ނިމިފައި. އެހެން އޮތުމުން ވަރަށް ގިނަ ގެއްލުންތައް ދިވެހި އިޤްތިޞާދަށް، ދިވެހި ވިޔަފާރިއަށް ވަމުން އައިސްފައި އޮތީ. އެ ނިޒާމް ބަދަލުކޮށް، ދިވެހި ފައިސާ، ދިވެހިރާއްޖެއާއި އެ ޤައުމުތަކާ ދޭތެރޭގައި އެންމެ ބޮޑެތި ވިޔަފާރީގެ މުޢާމަލާތު ހިނގާ ޤައުމުތަކުގެ ފައިސާގެ ޓުކުރިޔަކާ ނިސްބަތްކޮށް، ދިވެހި ރުފިޔާގެ އަގު ހަމަޖެއްސުނު. އޭގެ ފަހުން މިހާރު މިއޮންނަނީ މުޅިން ދޫކޮށްލެވިފައި. ބާޒާރުގައި ބޭރުފައިސާގެ އަގު ހުންނަ ގޮތެއްގެ މައްޗަށް ދިވެހިރުފިޔާގެ އަގު މިހާރުވަނީ ދޫކޮށްލެވިފައި.

މިއިޞްލާޙުތައް ގެނައުމުގެ ސަބަބުން، ޝައްކެއްނެތްގޮތުގައި ރާއްޖޭގެ އިޤްތިޞާދަށް ވަރަށް ބޮޑެތި ފައިދާތަކެއް ކޮށްފި. ރާއްޖޭގެ ވިޔަފާރިއަށް ވަރަށް ބޮޑެތި ފައިދާތަކެއް ކޮށްފި. އޭގެ ނަތީޖާއަކަށްވީ އަޅުގަނޑުމެންގެ ޤައުމީ އުފެއްދުންތެރިކަން އެތައް ގުނައަކަށް އިތުރުވެގެންދިޔުން. އަޅުގަނޑުމެންގެ ބެލެންސް އޮފް ޕޭމެންޓް، އާދެ އަޅުގަނޑުމެންގެ ރާއްޖެއާއި ބޭރުގެ ޤައުމުތަކާ ދޭތެރޭގައި އޮންނަ މުޢާމަލާތު އަޅުގަނޑުމެންނަށް ފަހިވާގޮތަށް މިހާރު އޮތުން. މިކަންތައްތައް މިހެން މިދިމާވީ، އަބަދުވެސް ކަންތައްތައް ހިނގަމުންދާ ގޮތާ ދޭތެރޭގައި ވިސްނައި މުރާޖަޢާކޮށް، ގެންނަންޖެހޭ ކަހަލަ ބަދަލެއް އޮވެއްޖެ ކަމަށްވަންޏާ، އެބަދަލެއް ގެނައުމުގެ ސަބަބުން.

މަސްވެރިކަމާ ބެހޭގޮތުންވެސް ތަފާތު ތަޖުރިބާތައް އަޅުގަނޑުމެންނަށް ކުރެވިއްޖެ. މިދެންނެވީ، ރާއްޖޭގައި ބާނާމަސް ގަނެ، އެކްސްޕޯޓް ކުރުމުގެ ގޮތުން. އެންމެ ޚާއްޞަކޮށް، ރޯމަހުގެ ކަންތައް މިދެންނެވީ. ކުރިން އޮތީ، ޖަޕާނުގެ ކުންފުންޏަކުން އެކަންތައް ކުރާގޮތަށް. އެމީހުންގެ ބޯޓުފަހަރު ރާއްޖެތެރޭގައި އޭރު ގެންގުޅޭ، މަސްވެރިންގެ އަތުން އެމީހުން ރޯމަސް ގަނެގެން، އެކްސްޕޯޓް ކުރަމުން ގެންދިޔައީ. ނުވަތަ ބޭރުކުރަމުން ގެންދިޔައީ.

އެކަން އެގޮތަށް އޮއްވާ އެހެން ބޭއްވުން އެއީ، ޤައުމުގެ އިޤްތިޞާދަށް ފައިދާހުރި ގޮތެއް ކަމުގައި ނުވާތީ، ދިވެހި ސަރުކާރުން އެކަން ކުރަން ފެށީ. ފުރަތަމަ "މޯލްޑިވްސް ފިޝަރީޒް ކޯޕަރޭޝަން"ގެ ނަމުގައި ތަނެއް އުފައްދައިގެން، އެތަނުން އެމަސައްކަތް ކުރަމުން ގެންދިޔައީ. އެކަންތައްތައް ކުރުމުގައިވެސް، ތަފާތު ގިނަ ދަތިތަކާއި ހުރަސްތައް މެދުވެރިވެ، ރަނގަޅަށް އެކަންތައްތައް ނުގެންދެވޭތީ، އެންމެފަހުންގޮސް މިހާރު މަސްވެރިކަމާބެހޭ މިދެންނެވި މަސައްކަތްތައް އެއީ، ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަންގެ ފަރާތުން ކުރައްވާ މަސައްކަތްތަކެއްގެ ގޮތުގައި ފަހުން ހަމަޖެހުނީ.

އެގޮތަށް ހަމަޖެހުމުގެ ސަބަބުން، އެކަމަށް ވަރަށް ބޮޑު ކުރިއެރުމެއް އައި. ތިޔަ ހުރިހާ ބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ، ފެލިވަރުގެ މަސްބަންދުކުރާ ކާރުޚާނާ މިހާރުވަނީ އެތައްތަނެއް ބޮޑުކުރެވިފައި. އެތާނގެ މަސައްކަތްތައް ކުރިއަށްވުރެ މާ ހަލުވިކޮށް، މާ ހަރުދަނާކޮށް މިހާރު ހިނގަމުންދޭ. އަޅުގަނޑުމެން އެތަނުން އެ އުފައްދާ މަސް އެއީ، ދުނިޔޭގެ އެތަންމިތާނގައި ވަރަށް މަޤްބޫލު މަހަކަށް މިހާރު އޮތީ ވެފައި. އެގޮތުންވެސް އަޅުގަނޑުމެންގެ އިޤްތިޞާދަށް ވަރަށްގިނަ ފައިދާތަކެއް ކޮށްފި.

މި ދަންނަވަން އުޅޭ އެއްޗަކީ، އަޅުގަނޑުމެން އަބަދުވެސް ޚިޔާލުކުރަންޖެހޭނީ އޭރަކަށް އެކަމެއް ގެންދެވެން އޮންނަ އެންމެ މޮޅު ގޮތަކަށޭ. އެއްގޮތަކަށް އަބަދުވެސް ހުރިހާ ކަމެއް ގެންގޮސްގެން އޭގެ ނަތީޖާއެއް ނުފެންނާނެއޭ. އެހެންވީމާ، މިއައި ބަދަލުތަކުގެ ވާހަކަ އަޅުގަނޑު ދަންނަވާލަން މިއުޅެނީ. ސަރުކާރު ހިންގުމުގައިވެސް، އަދި ޤައުމާއި ރައްޔިތުންގެ ކަންތައްތަކުގައިވެސް، އެހިނދަކަށް އެންމެ ރަނގަޅުވާނެ ކަމަށް ފެންނަ ގޮތަކަށް ސަރުކާރުން ޢަމަލުކުރަންޖެހޭނެއޭ. އަދި މިހާރުވެސް މިގެންދަނީ އެގޮތަށް ޢަމަލުކުރަމުންނޭ.

އާދެ، 1988 ވަނަ އަހަރު، 3 ވަނަ ރިޔާސީ ދައުރަކަށް އަޅުގަނޑު އިންތިޚާބުވުމާ ގުޅިގެން، އަޅުގަނޑު ޤަޞްދުކޮށްގެން ހުރީ، ތިންވަނަ ދައުރު ފެށުމާއެކު، އެކަށީގެންވާ ބޮޑެތި އިޞްލާޙުތަކެއް ގެނައުމަށް. ސަރުކާރު ހިންގުމުގެ ދާއިރާއަށްވެސް އެކަށީގެންވާ ރަނގަޅު ބަދަލުތަކެއް ގެނައުމަށް.

އެހެންނަމަވެސް، ވީގޮތް ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ. އެ އަހަރުގެ ނޮވެމްބަރު މަހުގެ 11ގެ ކުރިން އައީ "ނޮވެމްބަރު 3." "ނޮވެމްބަރު 3" އައުމުން، އަޅުގަނޑުމެން މުޅި ޤައުމުގެ ހުރިހާ ކަމެއް ހުއްޓާލަންޖެހުނީ ވަކިދިމާއަކަށް. އެދުވަހު އަޅުގަނޑުމެންނަށް އެކުރިމަތިވި ބިރުވެރި ޙާދިޘާ، އެއާ ދޭތެރޭގައި އަޅަންޖެހުނު ފިޔަވަޅުތައް އެޅުމަށް އަޅުގަނޑުމެންގެ ވިސްނުމާއި ޚިޔާލާއި ޢަމަލުތައް، އެދުވަހުން ފެށިގެން ކުރަމުން އަންނަންޖެހުނީ. އެކަމުގައި ބައިވެރިވި މީހުން ހިފައި ހައްޔަރުކޮށް، އެމީހުންނާބެހޭ ތަޙްޤީޤުތައް ކޮށް، އެމީހުން ޝަރީޢަތަށް ހުށަހަޅައި، ޝަރީޢަތުގެ ނިޔާ އިއްވައި، އެމީހުންނާ ދޭތެރޭގައި ޝަރީޢަތުން ނިންމެވި ގޮތަށް ޢަމަލުކުރުން. އަދި "ނޮވެމްބަރު 3" އައުމުގެ ސަބަބުން ޤައުމަށް ލިބުނު ބޮޑެތި ގެއްލުންތައް ފޫބެއްދޭނެ ގޮތްތަކެއް ރާވައި، އެގޮތުގެ މަތިން ޢަމަލުކުރަމުން ގެންދިޔުން. މީގެ ފަހުން "ނޮވެމްބަރު 3" ނާންނާނެ ގޮތަކާ ދޭތެރޭގައި ސަރުކާރުން ވިސްނައި ނުވަތަ އަދިވެސް "ނޮވެމްބަރު 3'' އަތުވެއްޖިއްޔާ، ދެން ޤައުމާއި ރައްޔިތުން ޢަމަލުކުރަންޖެހޭނީ ކޮންގޮތަކަށްކަމާ، މިކަންތައްތަކާ ދޭތެރޭގައި ވިސްނައި، އެކަމަށް ތައްޔާރުވާންޖެހޭ ތައްޔާރުތައް ކުރުމަށް އަޅުގަނޑުމެން ގާތްގަނޑަކަށް މިދިޔަ އެއް އަހަރުދުވަސް ހޭދަކޮށްގެން މިދިޔައީ.

އެހެންވީމާ، އަޅުގަނޑު ކުރިން ދެންނެވި އިޞްލާޙުތައް ގެނައުމަކަށް ނުވަތަ އެއާދޭތެރޭގައި ވިސްނައި، ރައްޔިތުންގެ ޚިޔާލު ހޯދާކަށްވެސް މާބޮޑު ފުރުޞަތެއް، މީގެ ކުރިޔަކުން ލިބިފައެއް ނެތް. އެހެންނަމަވެސް، މިހާރު ވަރަށް ހިތްހަމަޖެހުމާއެކީ އަޅުގަނޑަށް ދަންނަވާލަން ޖެހެނީ، "ނޮވެމްބަރު 3" ގެ ކަންތައްތައް މިހާރު މިއޮތީ ވަކިގޮތަކަށް ހަމަޖެހިފައޭ. އެއީ ދެން އަޅުގަނޑުމެންނަށް ލިބުނު ބޮޑު ޢިބްރަތެއް ކަމުގައި ޤަބޫލުކޮށްގެން، ބަލައިގެން އެފަދަ ނުރައްކާތަކުން ޤައުމާއި ރައްޔިތުން ސަލާމަތްވާނެ ގޮތްތައް، އަދި ޤައުމާއި ރައްޔިތުން އެފަދަ ނުރައްކާތަކުން ސަލާމަތްކުރުމަށް އަޅަންޖެހޭނޭ ފިޔަވަޅުތައް، އަޅުގަނޑުމެން އަޅަމުން ގެންދަންޖެހޭނެ. އެހެންނަމަވެސް، މިހާރު އަޅުގަނޑުމެން މިތިބީ އެކަންތައްތައް އެހެން ކުރަމުންދިޔަ ކަމުގައިވިއަސް، އެނޫން ކަންތައްތަކާ ދޭތެރޭގައި ވިސްނޭފަދަ ގޮތަކަށް، މިވަގުތު އެހެން ކަންތައްތަކާ ދޭތެރޭގައި ވިސްނައި ޚިޔާލުކުރުމުގެ ފުރުޞަތު މިއޮތީ އަޅުގަނޑުމެންނަށް ލިބިފައި.

އެހެންވީމާ، އަޅުގަނޑު ދަންނަވަން މިއުޅެނީ، މީގެ އެއް އަހަރު ކުރިން އަޅުގަނޑު ޚިޔާލުކުރި ކަންތައްތައް، އެއަށް ޢަމަލީ ސިފަ ގެނައުމުގެ ފުރުޞަތު އިރާދަކުރެއްވިއްޔާ މިއަދު އަޅުގަނޑުމެންނަށް ވަނީ ލިބިފައޭ. އެހެންވީމާ، އަޅުގަނޑު ޤަޞްދުކުރަނީ އިރާދަކުރެއްވިއްޔާ މިހާރުން ފެށިގެން، ކުރިންވެސް ދެންނެވިފަދައިން، ސަރުކާރުގެ ހިންގުމުގެ ދާއިރާއަށާއި އަދި އެނޫންވެސް ކަންތައްތަކަށް ގެންނަންޖެހޭ އެކަށީގެންވާ ބަދަލުތަކާއި އިޞްލާޙުތައް ގެނައުމުގެ ގޮތުން ކުރަންޖެހޭ މަސައްކަތްތަކެއް ކުރުމަށް.

އާދެ، ކުރިންވެސް ދެންނެވިފަދައިން، މިފަދަ ފިޔަވަޅެއް ނާޅައިފިނަމަ، ދޭތެރެ ދޭތެރެއިން ކަންތައްތައް މުރާޖަޢާކޮށް، އިޞްލާޙުކުރުމަށް އާ ފިޔަވަޅުތަކައް ނާޅައިފިނަމަ ވާގޮތަކީ، އަޅުގަނޑުމެންނަށް ތިބެވެނީ، އަޅުގަނޑުމެން އަމިއްލައަށް ހަދައިގެން އުޅޭ ތޮށްޓެއްގެ ތެރޭގައި. އެތޮށީގެ ތެރޭގައި އަޅުގަނޑުމެންނަށް ބަންދުވެވެނީ. އެހެންވީމާ، އަޅުގަނޑު މިއަދު ބޭނުންވަނީ، އަޅުގަނޑުމެން އަމިއްލައަށް ހަދައިގެން މިއުޅޭ ތޮށި އަޅުގަނޑުމެން ފަޅާލާފައި، ހަމަ ވައިގެ ތެރެއަށް ނުކުތުމަށް. ސަރުކާރު ހިންގުމުގެ ދާއިރާއަށްވެސް އާ ދިރުމެއް ގެނައުމަށް. އަޅުގަނޑުމެންގެ ސިޔާސީ، އިޖުތިމާޢީ އަދި އިޤްތިޞާދީ މަޤްޞަދުތައް ހަލުވިކަމާއެކު ޙާޞިލުކުރުމަށްޓަކައި އާ މަގުތަކެއް ކޮށުމަށް. މިހާރަށްވުރެ މޮޅު އާ ގޮތްތަކެއް ޚިޔާރުކުރުމަށް. އަޅުގަނޑުމެން ދިރިއުޅޭ ތަނާއި، އަޅުގަނޑުމެން މި ދިރިއުޅޭ ޒަމާނާ އެކަށީގެންވާ ގޮތަކަށް އަޅުގަނޑުމެންގެ ވިސްނުމާއި ޚިޔާލުތައް ބަދަލުކޮށްލުމަށް.

އާދެ، ފަހަރެއްގައިވެސް އަޅުގަނޑު މިދަންނަވަނީ، މާތްވެގެންވާ އިސްލާމްދީނުގެ އުޞޫލުތަކާ ޚިލާފަށް އަޅުގަނޑުމެންގެ ކަންތައްތައް ކުރަންޖެހޭނެއެކޭ ނޫން. އެހެނެއް އަޅުގަނޑުމެންނަކަށް ނުކުރެވޭނެ. ކޮށްގެންވެސް ނުވާނެ. ހުރިހާ ތަރައްޤީއެއްގެވެސް އަޞްލަކީ ފުރިހަމަ ޢަޤީދާއެއް އޮތުން. މާތްވެގެންވާ އިސްލާމްދީނުގެ ހިދާޔަތުގެ އަލީގައި، ރާއްޖޭގެ ރައްޔިތުން މިހާތަނަށްވެސް ކުރިއަރަމުން އައިސްފައިވަނީ އަދި މުސްތަޤްބަލްގައިވެސް އެކަން އޮންނަން ޖެހޭނީ އެހެން. ދީނުގެ ޢަޤީދާއަށް، ދީނުގެ އުޞޫލުތަކަށް އަޅުގަނޑުމެން އަބަދުވެސް ފުރިހަމައަށް އިޙްތިރާމް ކުރަންޖެހޭނެ. އެ އުޞޫލުތަކާ ޚިލާފުވާގޮތަށް، އަޅުގަނޑުމެން އެއްވެސް ކަމެއް ކޮށްގެނެއްނުވާނެ.

އަދި އަޅުގަނޑު މިދަންނަވަނީ އަޅުގަނޑުމެންގެ ތާރީޚާއި ޘަޤާފަތަށް ފުރަގަސްދޭން ވެއްޖެއެކޭވެސް ނޫން. އެއީވެސް އަޅުގަނޑުމެންނަށް ވެވޭނެ ކަމެއްނޫން. ޤައުމެއްގެ މުސްތަޤްބަލަކީ، އެޤައުމެއްގެ މާޟީއާއި ތާރީޚާ ގުޅިފައިވާ އެއްޗެއް. އެހެންވީމާ، މުސްތަޤްބަލްގައި އަޅުގަނޑުމެން ކުރިއަރަން ބޭނުންވާ ކަމުގައިވަންޏާ، އަޅުގަނޑުމެންގެ ތާރީޚުގެ މަތިން ހަނދާންނައްތާލައިގެން ވާކަށް ނޯންނާނެ. މާޟީއާއި މުސްތަޤްބަލާ ދޭތެރޭގައި އޮތް ގުޅުން ކަނޑާލައިގެން ވާކަށް ނޯންނާނެ.

އެހެންވީމާ، އަޅުގަނޑު މިދަންނަވަނީ، އަޅުގަނޑުމެންގެ މާތް ޢަޤީދާގައި ވާގޮތާއި އަދި އަޅުގަނޑުމެންގެ ތާރީޚާއި، ޘަޤާފަތާއި، ބަހާ، މިހުރިހާ ކަމަކަށް އަޅުގަނޑުމެން ކުރަންޖެހޭ އިޙްތިރާމެއް ކުރުމާއެކު، އަޅުގަނޑުމެންގެ ޤައުމީ ކަންތައްތައް ކުރިއަށް ގެންދިޔުމުގައި، ޤައުމާއި ރައްޔިތުންގެ ފައިދާއަށްޓަކައި ކަންތައްތައް ކުރުމުގައި އާ ގޮތްތަކާ ދޭތެރޭގައި ޚިޔާލުކުރަން ވެއްޖެއޭ.

އާދެ، މިގޮތަށް ޚިޔާލުކުރާއިރު، އިޞްލާޙް ކުރަންވީ ކޮން ކަމެއްތޯ؟ ނުވަތަ އިޞްލާޙް ކުރަންވީ ކޮންކޮން ކަންތައްތަކެއްތޯ؟ ކުރުކޮށް ދަންނަވަންޏާ، އަޅުގަނޑަށް ދެންނެވެން އޮތީ އަޅުގަނޑުމެން އިޞްލާޙް ކުރަންވީ ހަމަ ހުރިހާ ކަމެކޭ. އަޅުގަނޑުމެންގެ ޤާނޫނުތައްވެސް އިޞްލާޙް ކުރަންވީ، އާދެ، މިހެން ދަންނަވާއިރު، ތިޔަ ހުރިހާ ބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ، ރާއްޖޭގެ ޤާނޫނުއަސާސީ އިޞްލާޙް ކުރުމުގެ މަސައްކަތްތަކެއް، ވަރަށް ކުރިއްސުރެ ފެށިގެން ހިނގަމުން އެބަދޭ. ދެންމެ އަލްފާޟިލް އިސްމާޢީލް ޝަފީޢު އެ ވިދާޅުވިފަދައިން، ޤާނޫނުއަސާސީއަކީ ޖުމްހޫރީ ވެރިކަމެއް ކުރާ ތަނެއްގައި އެންމެ މުހިންމުކަން ދޭންޖެހޭ ވަސީލަތް. ޤާނޫނުއަސާސީއެއް ނެތި ޖުމްހޫރީ ވެރިކަމެއް ފުރިހަމަގޮތެއްގައި ނުހިންގޭނެ. ރައްޔިތުންގެ ޙައްޤުތަކާއި ވެރިކަމުގެ ޙައްޤުތަކާ ރަނގަޅަށް އޮންނަންޖެހޭނީ ބަޔާންވެފައި. އެހެންވީމާ، ޤާނޫނުއަސާސީ އެއީ ހުރިހާ ޤާނޫނުތަކުގެ ތެރެއިންވެސް އެންމެ މުހިއްމު ޤާނޫނު. މައިގަނޑު ޤާނޫނު. އެޤާނޫނު އިޞްލާޙުވާން އެބަޖެހޭ. އެޤާނޫނު އިޞްލާޙުވުމުގެ މަސައްކަތްތައް މިހާރުދަނީ ހިނގަމުން. އަޅުގަނޑު އުންމީދުކުރާގޮތުގައި، ރައްޔިތުންގެ ޚާއްޞަ މަޖިލީހުން ކުރިއަށް އޮތް ތާނގައި ޤާނޫނުއަސާސީ އިޞްލާޙް ކުރެއްވުމުގައި ހަލުވި ފިޔަވަޅުތަކެއް އަޅުއްވާނެ. އަދި އިރާދަކުރެއްވިއްޔާ މާލަހެއްނުވެ، އާ ޤާނޫނުއަސާސީއެއްގެ ހިޔާވަހިކަން އަޅުގަނޑުމެންނަށް ލިބޭނެ.

އާދެ، އަޅުގަނޑުމެން އިޞްލާޙް ކުރަންވީ، ހަމައެކަނި ޤާނޫނުއަސާސީއެއް ނޫން. އަޅުގަނޑުމެންގެ އެހެން ޤާނޫނުތައްވެސް އިޞްލާޙް ކުރަންވެއްޖެ. އަޅުގަނޑު، އަޅުގަނޑުމެންގެ ޤާނޫނުތަކާ ދޭތެރޭގައި ވިސްނާލާއިރު، މިހާރުވެސް ބަދަލުކުރަންޖެހޭނެ ކަމަށް ފެންނަ ޤާނޫނުތަކެއް އެބަހުރި. ބައެއް މިސާލުތައް އަޅުގަނޑު ދަންނަވާލާނަން. އަޅުގަނޑުމެންގެ ރާއްޖޭގައި އޮވޭ، މާލޭގެ އުތުރުފަރާތު ފަޅުތެރެއަށް ކުނިއެޅުން މަނާކުރުމާބެހޭ ޤާނޫނެއް. ފުރަތަމަ އެޤާނޫނުގެ ސުރުޚީ ދަންނަވާލީމާވެސް، ބައެއް ބޭފުޅުން ހިނިފުޅުއައިތަން އަޅުގަނޑަށް ފެނިއްޖެ. އެނގޭ، މި ޤާނޫނު މިގޮތަށް އޮތުން އެއީ އެހާ ބޭނުންތެރިކަމެއް ނޫންކަން. ކުނިއެޅުން މަނާވާންވީ ހަމައެކަނި މާލޭގެ އުތުރުފަރާތުގެ ފަޅުތެރެއަކަށް ނޫން. އަޅުގަނޑުމެންގެ ވަށައިގެންވާ މޫދުތަކަށް، ހުރިހާ ފަރާތަކަށް. އަދި މިކަން އޮންނަންވީ ހަމައެކަނި މާލެއަކަށްވެސް ނޫން، މުޅި ރާއްޖެއަށް.

މިހާރު އަޅުގަނޑުމެންނަށް އެނގިފައިވާ ގޮތުގައި، ތިމާވެށި ރައްކާތެރިކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް ވަރަށް ރަނގަޅު ގޮތަކަށް، ފުރިހަމަ ގޮތަކަށް، އަޅުގަނޑުމެން އަޅަންޖެހޭނެ. އޭގެތެރެއިން ވަރަށް މުހިއްމު ކަމެއް، އަޅުގަނޑުމެންގެ ވަށައިގެން މިވާ ރީތި މޫދުތަކާއި ކަނޑުތައް ރައްކާތެރިކޮށް ސާފުކޮށް ބެހެއްޓުމަކީ. އެހެންވީމާ، މިޤާނޫނަށްވެސް އިޞްލާޙް ގެންނަންޖެހޭ. އަދި މާލޭގެ ގޯތިގޯއްޗާއި ބިންބިމާއި، ޢިމާރާތް ރަޖިސްޓްރީ ކުރުމުގެ ޤާނޫނެއްވެސް އޮވޭ. މިދެންނެވީ މާލޭގެ ގޯތިގޯއްޗާއި ބިންބިމާ ބެހޭގޮތުން އޮތް އެއް ޤާނޫނުގެ ވާހަކަ. މާލޭގެ ބިންބިމާއި ގޯތިގޯއްޗާބެހޭ ތަފާތު ޤާނޫނުތަކެއް އެބަހުރި. ކޮންމެ ޤާނޫނެއްވެސް އެކުލެވިފައި އޮންނަނީ އެންމެ ޖުމްލައެއް ނުވަތަ ދެ ޖުމްލައެއްގެ މައްޗަށް. މިކަމާ ދޭތެރޭގައި ވިސްނާއިރުވެސް ރަނގަޅު ގޮތަކަށްވާނީ، މާލޭގެ ގޯތިގޯއްޗާއި އަދި ޢިމާރާތްތަކާއި، ބިންބިމާބެހޭ ޤާނޫނެއް އޮތުމެއް ނޫންކަން އަޅުގަނޑު ހިތުން ތިޔަ ހުރިހާ ބޭފުޅުންނަށްވެސް އެނގިވަޑައިގަންނަވާނެ. މުޅި ރާއްޖޭގެ ބިންބިމާއި، ގޯތިގޯއްޗާއި، ޢިމާރާތްތަކާބެހޭ ޤާނޫނެއްކަން އޮންނަންޖެހޭނީ. އަދި ހުރިހާ ކަމެއް، އެއް ޤާނޫނެއްގެ ދަށުން އޮވެގެންކަން މީހުންނަށް ފަސޭހަވާނީ އެއަށް ޢަމަލުކުރަން. ޤާނޫނެއް އޮތުމުގެ ބޭނުމަކީ އެއަށް ޢަމަލުކުރުން. އެހެންވީމާ، ތަފާތު ކުދިކުދި ޤާނޫނުތަކެއް، އެއްކަމަކާ ބެހޭގޮތުން އޮތުމަށްވުރެ، ރައްޔިތުންނަށް، ޢާންމުންނަށް ފަސޭހަވާނީ، އެއް ޤާނޫނެއްގެ ދަށަށް އެ ހުރިހާ ކަމެއް އައިއްޔާ. އަދި ސަރުކާރަށް ފަސޭހަވާނީވެސް އެގޮތް.

އަދިވެސް އެހެން ޤާނޫނެއްގެ ނަން ދަންނަވާލާނަން. "މާލޭގައި އުފަންވުން ރަޖިސްޓްރީ ކުރުމާއި، މަރު ސާބިތުކުރުމާބެހޭ ޤާނޫނު." މިވެސް މިއޮންނަނީ ހަމައެކަނި މާލެއަށް. އެއީ މިހާރު އޮތްގޮތް. އެހެންވީމާ، އެއީކީ އެކަން އޮންނަންވާނެ ގޮތެއްނޫން. ރާއްޖެތެރޭގައިވެސް ވިހާ މަރުވާ ބަލަހައްޓާ. އެހެންނަމަވެސް، ޤާނޫނީގޮތުން މިއޮންނަ ޤާނޫނު މިއޮންނަނީ ހަމައެކަނި މާލޭގައި އުފަންވާ އުފަންވުން ރަޖިސްޓްރީ ކުރުމާ ބެހޭގޮތުން. އަދި މާލޭގައި މީހުން މަރުވާ ކަންތައް، އެ މަރު ސާބިތުކުރުމާ ބެހޭގޮތުން. މިޤާނޫނުވެސް އޮންނަންޖެހޭނީ މުޅި ރާއްޖެއަށް. އޭގައި ވަރަށް ސާފުކޮށް ކޮންމެ މީހަކުވެސް ކަންތައް ކުރަންވީގޮތް އޮންނަންޖެހޭނެ. އެއީ އެ ހަމަޖެހޭގޮތަކީ.

މިދެންނެވީ ހަމައެކަނި މިސާލުތަކެއް. މިނޫނަސް ވަރަށްގިނަ ޤާނޫނުތައް އެބަހުރި. އަޅުގަނޑުމެން އެއާ ދޭތެރޭގައި އަލުން ވިސްނައި، ބަދަލުކުރަންޖެހޭނެ ޤާނޫނުތައް. މިޒަމާނާ އެކަށީގެންވާ ގޮތަށް. މިހާރު ރާއްޖޭގެ އިޤްތިޞާދުވެސް ވަރަށްބޮޑަށް ތަރައްޤީވެގެން ހިނގައްޖެ. ރާއްޖޭގެ އެހެން ކަންތައްތައްވެސް ވަރަށް ބޮޑަށް ތަރައްޤީވެގެން ހިނގައްޖެ. އެހެންވީމާ، އަޅުގަނޑުމެންގެ މި ކުރިއެރި ކުރިއެރުން ދައްކައިދޭގޮތަކަށް، އެ ކުރިއެރުމާ ގުޅޭގޮތަކަށް ޤާނޫނުތައް ބަދަލުވާންޖެހޭނެ ކަމަށް އަޅުގަނޑު ދެކެން. އާދެ، ހަމައެކަނި ޤާނޫނީގޮތުން ގެންނަންވީ އިޞްލާޙަކީ، މިދެންނެވި ޤާނޫނުތަކާއި އަދި އެގޮތަށް ހުރި އެހެން ޤާނޫނުތައް ބަދަލުކުރުން އެކަންޏެއް ނޫން. އިތުރު ޤާނޫނުތައްވެސް ހެދުން.

އާދެ، މިސަރުކާރުން މިހާރުވެސް މުހިންމު އިތުރު ޤާނޫނުތަކެއްވަނީ ހަދާފައި. އެޤާނޫނުތައް ތައްޔާރުކޮށް، ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި، ރައްޔިތުންގެ މަޖިލީހުންވަނީ އެ ޤާނޫނުތައް ފާސްކުރައްވާފައި. އޭގެތެރޭގައި ހިމެނޭ ބައެއް މުހިއްމު ޤާނޫނުތައް އަޅުގަނޑު ދަންނަވާލާނަން. ރާއްޖޭގެ މަސްވެރިކަމާބެހޭ ޤާނޫނު. މަސްވެރިކަމަކީ ޒަމާނުއްސުރެ އަޅުގަނޑުމެންގެ އިޤްތިޞާދުގެ އެންމެ މުހިންމު ބިންގާ. އެހެން ނަމަވެސް، މަސްވެރިކަމަކީ ކޮބައިކަމާއި، މަސްވެރިކަން ކުރަންޖެހެނީ ކިހިނެއްކަމާ، މިކަންކަން ބަޔާންކުރާ އެއްވެސް ޤާނޫނެއް، ކުރިއަކުން ރާއްޖެއަކު ހެދިފައެއް ނެތް. އެހެންވީމާ، މިހާރު މަސްވެރިކަމާބެހޭ ޤާނޫނެއްވަނީ ހެދިފައި.

ރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނު. އާދެ، ކުރިން ޓޫރިޒަމްގެ މަސައްކަތް އެއީ، ރާއްޖޭގައި ކުރެވެމުން އައި މަސައްކަތެއް ނޫން. އެހެންވީމާ، މާކުރިން އެފަދަ ޤާނޫނެއް އޮންނާކަށްނުޖެހޭ. އެހެން ނަމަވެސް، ރާއްޖެއަށް ޓޫރިޒަމް ތަޢާރުފްވެ، އެއީ މުހިންމު އިޤްތިޞާދީ މަސައްކަތަކަށްވުމުން، މިފަދަ ޤާނޫނެއް ހަދަންޖެހުނީ.

ރާއްޖޭގެ ފޮރިން އިންވެސްޓްމަންޓާ ބެހޭ ޤާނޫނު. ޝައްކެއްނެތް، މިހާރު ވަރަށް މުހިންމު ޤާނޫނެއް. ބޭރުގެ އެކި ފަރާތްތަކުން ރާއްޖޭގައި އިންވެސްޓް ކުރަން ބޭނުންވޭ. އެހެންވީމާ، އެމީހުން އިންވެސްޓް ކުރާއިރު، އެ އިންވެސްޓްމަންޓް އެމީހުންނަށް ޙިމާޔަތްކޮށްދޭނެ އަދި އޭގެ ފައިދާ ރާއްޖެއަށް ލިބިދެވޭނެ ގޮތެއްގެ މަތިން އޮންނަ ޤާނޫނެއް އޮންނަންޖެހޭނެ. ރާއްޖޭގެ އިމްޕޯޓް އެކްސްޕޯޓާބެހޭ ޤާނޫނު. އެ ޤާނޫނުވެސް އެބައޮތް. މިގޮތުން ހެދިފައި ހުރި މިނޫންވެސް ޤާނޫނުތަކެއް އެބަހުރި. އެއީ، އަޅުގަނޑުމެންގެ ޤާނޫނީ އޮނިގަނޑު ފުރިހަމަކުރުމަށްޓަކައި ކޮންމެހެން ބޭނުންވާ ޤާނޫނުތަކެއް.

މިދެންނެވި ޤާނޫނުތަކުގެ އިތުރަށް، މިހާރު އެ ޤާނޫނުތަކެއް ތައްޔާރުކުރުމަށްޓަކައި ތަފާތު މަސައްކަތްތަކެއް ކުރެވިފައި ހުރި، އެހެންނަމަވެސް އަދި ރައްޔިތުންގެ މަޖިލީހަށް ހުށަނޭޅި، ފާސްނުވެހުރި ޤާނޫނުތައްވެސް އެބަހުރި. އޭގެތެރޭގައި، ކޮންޓްރެކްޓާ ބެހޭ ޤާނޫނެއްވޭ. މުދާ ވިއްކުމާބެހޭ ޤާނޫނެއްވޭ. އާދެ، އިނގިރޭސި ބަހުން މިކިޔަނީ ސޭލްސް އޮފް ގުޑްސް ލޯ. އަދި ނިގޯޝިއޭބްލް އިންސްޓްރޫމަންޓްސްއާ ބެހޭ ޤާނޫނެއް. އެއީ، ފައިސާގެ ގޮތުގައި ބޭނުންކުރެވޭ ލިޔުންތަކާބެހޭ ޤާނޫނެއް. ކުންފުންޏާ ބެހޭ ޤާނޫނެއް. ދެން ޕާޓްނަރޝިޕް ލޯ ކިޔާ ޤާނޫނެއް. މުދާ ރަހުނު ކުރުމާބެހޭ ޤާނޫނެއް. މިހުރިހާ ޤާނޫނުތަކެއްވަނީ ވަކިވަރަކަށް މިހާރު ތައްޔާރުކުރެވިފައި.

މި ދެންނެވި ކަންތައްތައް ސަރުކާރުން ކުރީ، ކަމާބެހޭ ބޭރުގެ މާހިރުން ހޯދައިގެން. ލޯޔަރުން، ޤާނޫނީ ވަކީލުން މާލެ ގެނެސްގެން، އިސްލާމީ ޤައުމުތަކުގައި މިފަދަ ޤާނޫނުތައް ހުންނަ ގޮތުގެ މައްޗަށް ރިޢާޔަތްކޮށްގެން، އިނގިރޭސިބަހުން ފުރަތަމަ ޤާނޫނު އެކުލަވާލަނީ. މިދެންނެވި ހުރިހާ ޤާނޫނެއްވެސް ވަނީ އެގޮތުގެ މަތިން އިނގިރޭސިބަހުން އެކުލަވާލެވިފައި. ޚާއްޞަކޮށް، މިހިސާބުގަނޑުގެ ޕާކިސްތާން، މެލޭޝިއާ، ކުވޭތު، ޔޫ.އޭ.އީ. ފަދަ ތަންތާނގައި މިޤާނޫނުތައް ހުންނަގޮތުގެ މައްޗަށް ރިޢާޔަތްކޮށް، އަދި މުސްލިމް ލޯޔަރަކު ބޭނުންކޮށްގެން އަޅުގަނޑުމެން އެކަންތައްތައް ކުރީ. އެ ޤާނޫނު އެގޮތަށް ހެދުމަށްފަހުގައި، އެޓަރނީ ޖެނެރަލްގެ އޮފީހުން ވަރަށްބުރަ މަސައްކަތްތަކެއް ކުރައްވައިގެން، މިޤާނޫނުތައްވަނީ ދިވެހިބަހަށް ގެންނަވައި ދެއްވާފައި. މިހާރު މިޤާނޫނުތައް އުޅޭ މަރުޙަލާއަކީ، ސަރުކާރުގައި އޮންނަ ޤާނޫނާބެހޭ ކޮމިޓީއެއް، ޤާނޫނުތައް ބައްލަވާ ކޮމިޓީން މިޤާނޫނުތައް ގެންދަވަނީ ބައްލަވަމުން. ރާއްޖޭގައި މިހާރު ކަންތައްތައް ހުރިގޮތާއި، މި ޤާނޫނުތައް ފާސްވުމުން، ދެން ކަންތައްތައް ވާނެގޮތާއި އަދި އަޅުގަނޑުމެންގެ ރާއްޖޭގައި ތަޢާރުފްވެފައިވާ އިސްލާމީ އުޞޫލުތަކާ ޚިލާފުވާގޮތަކަށް، އެޤާނޫނުތަކުގެ ކަންތައްތައް ހުރިތޯއާ، މިކަންކަން އެ ކޮމިޓީން ބައްލަވަނީ. ބައްލަވައި ނިމުމުން އިރާދަކުރެއްވިއްޔާ، އެ ޤާނޫނުތައް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅޭނެ. ހުށަހެޅިގެން މަޖިލީހުން ނިންމަވާ ގޮތެއްގެ މަތިން، އެޤާނޫނުތައް ނިމިގެންދާނެ. އަދި މީގެ އިތުރަށް، ތިމާވެށްޓާބެހޭ ޤާނޫނެއް ހެދުމުގެ މަސައްކަތްވެސް މިހާރުދަނީ ކުރެވެމުން. ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ ފަދައިން، ތިމާވެށްޓަކީ މިއަދު އަޅުގަނޑުމެން އެންމެބޮޑަށް ވިސްނަން ޖެހިފައިވާ ކަންތައް. އަޅުގަނޑުމެންގެ ތިމާވެށި ރައްކާތެރި ކުރަންޖެހޭ. ޙިމާޔަތް ކުރަންޖެހޭ. އެއީ ހަމައެކަނި އަޅުގަނޑުމެން މިހެން ތަންތާނގައި ތިބެގެން ދައްކާ ވާހަކައަކުން ވާނެ ކަމެއްނޫން. އަޅުގަނޑުމެން ޢަމަލުކުރާ ޢަމަލުކުރުމަކުން ތިމާވެށި ރައްކާތެރިކުރެވޭނީ.

ކޮންމެ ފަރުދަކުވެސް ވަކިގޮތަކަށް ޢަމަލުކުރަން އެބަޖެހޭ. އެހެންވީމާ، އެކަންތައްތައް ރައްޔިތުންނަށް އޮންނަންޖެހޭނީ ފިލާފައި. ކޮން ކަމެއްތޯ ކުރެވޭނީ، ކޮންކަމެއްތޯ ނުކުރެވޭނީ. ޤާނޫނެއް އޮންނަންޖެހޭނެ. އޭރުން އެކަން ފުރިހަމަގޮތުގައި ބެލެހެއްޓޭނީ. އެހެންވީމާ، އެމަސައްކަތްވެސް މިހާރުދަނީ ހިނގަމުން.

އާދެ، މިދަނޑިވަޅުގައި އަޅުގަނޑު ދަންނަވާލަން ބޭނުންވާ ނުކުތާއަކީ، ޤާނޫނުތައް އަވަހަށް ހަދައި ފާސްކުރުމުގެ މުހިންމުކަން ވަރަށް ބޮޑޭ. އެހެން ދަންނަވަން މިޖެހެނީ މިހާރު އަޅުގަނޑުމެންނަށް މިކަންތައްތައް ގެންދެވޭ ހަލުވިކަން ކުޑަކަމުން. މަސައްކަތްތައްވެސް ވަރަށް ބޮޑު. އާދެ، ފުރަތަމަ، އަޅުގަނޑުމެންގައި އަދި އެފެންވަރު ނެތީމާ، ދުނިޔޭގެ އެހެން ތަންތާނގައި މިކަންތައްތައް އޮންނަނީ ކިހިނެއްތޯ ބަލަން އެބަޖެހޭ. ފުރަތަމަ ޤާނޫނު އެކުލަވައިލަން މިޖެހެނީ ދިވެހިބަސް ނޫން ބަހަކުން. ދެން ދިވެހިބަހަށް އެ ޤާނޫނު ތަރުޖަމާ ކުރަންޖެހޭ. އޭގެ ފަހުންވެސް އެތައް ބެލުންތަކެއް ބަލަންޖެހޭ.

އެހެންވީމާ، މި މަސައްކަތް މިއީ ވަރަށް ދިގުލައިގެންދާ މަސައްކަތަކަށް އޮންނަނީ ވެފައި. އެހެންވާންވެސް ޖެހޭނެ. އެހެންނަމަވެސް، އަޅުގަނޑުގެ ވާހަކައަކީ މިހާރު މިދާ ހަލުވިކަމުގައި ނުވަތަ ލަސްމިނުގައި އެމަސައްކަތް ގޮސްގެން އެއްގޮތަކަށްވެސް އަޅުގަނޑުމެންނަށް ދެކޮޅުޖެއްސޭކަށެއް ނޯންނާނެއޭ. ތަންކޮޅެއް އަވަހަށް ހަލުވިކޮށް ކަންތައްތައް ގެންދެވޭތޯ ބަލަންވީ.

އާދެ، އެހެން އަޅުގަނޑު މިދަންނަވަނީ، ތަފާތު ދާއިރާތަކުގައި މަޝްވަރާކުރާއިރު، ޚާއްޞަކޮށް ޤާނޫނަކާ ބެހޭގޮތުން ނުވަތަ ޤަވާޢިދަކާ ބެހޭގޮތުން މަޝްވަރާ ކުރާއިރު، ވާގޮތަކީ އޭގައި ހުރި މުހިންމު ބައިތަކާ ދޭތެރޭގައި ޚިޔާލުފާޅުކޮށް ނިންމުމުގެފަހުގައިވެސް، އޭގައި ހުންނަ ކުދިކުދި ކަންތައްތަކާ ދޭތެރޭގައި ޚިޔާލުތަފާތުވެގެން، މާގިނަ ވަގުތު އެކަމުގައި ހޭދަކުރަންޖެހެނީ.

އެހެންވީމާ، އެހެނެއް ނޫން އަޅުގަނޑު ދެކޭގޮތުގައި އެކަންތައްވާންވީ. ކޮންމެ ޤާނޫނެއްގައިވެސް ނުވަތަ ޤަވާޢިދެއްގައިވެސް ހުންނަ މުހިންމު ކަންތައްތަކާ ދޭތެރޭގައި އެއްބަސްވެވިއްޖިއްޔާ އެ ނިމުނީ. ދެން ހުންނަ ކުދިކުދި ކަންތައްތައް އަދި އެގޮތުގެ މަތިން ހުއްޓަސް އެއީކީ މާބޮޑު އުނި ކަމެއް ނޫން. ކާކަށްތޯ ފުރިހަމަ ޤާނޫނެއް ހެދޭނީ ފުރަތަމަ ހަދާއިރު؟ އެއްވެސް އިންސާނަކަށް، އެއްވެސް ޤައުމަކަށް ސަތޭކައިންސަތޭކަ ފުރިހަމަ، ފުލް ޕްރޫފް ޤާނޫނު ނެހެދޭނެ.

އެހެންވީމާ، އެއީ އަޅުގަނޑުމެން އުއްމީދު ކުރަންވީ ކަމެއްވެސް ނޫން. އެ ހިނދަކަށް ފުދޭވަރަށް އެ ޤާނޫނުގެ މައިގަނޑު ބައިތައް ހަމަޔަށް ބޭނުންވާގޮތަށް ހުންނަގޮތަށް ޤާނޫނެއް ހެދުމުން އަޅުގަނޑު ހިތުން ފުދޭނެ. ދެން ފަހުން އެއަށް އިޞްލާޙްތައް ގެނެވިދާނެ. ދޭތެރެ ދޭތެރެއިން އިޞްލާޙް ގެންނަންވެސް ޖެހޭނެ. މިހާރުވެސް ޢަމަލުކުރެވެމުން ދަނީ އެހެން.

އެހެންވީމާ، އަޅުގަނޑު ދަންނަވަން މިއުޅެނީ، ސަރުކާރުގެ ދާއިރާގައި މިމަސައްކަތް ކުރައްވާ ބޭފުޅުންވެސް އެގޮތުގެ މަތިން ވިސްނާވަޑައިގަތުން އަޅުގަނޑު އެދެމޭ. މުހިންމު ކަންތައްތައް ނިންމަވާފައި، ދެންހުރި އެހެން ކަންތައްތައް ދޫކޮށްލައްވައިގެން، ތަންކޮޅެއް އަވަހަށް ގެންދެވޭނެ ގޮތެއް ހައްދަވައިދެއްވާށޭ. އެއީ އަޅުގަނޑު ދެކޭގޮތުގައި، މުހިންމު ކަންތައްތަކާ ބެހޭގޮތުން އެއްވެސް ޤާނޫނެއް ނެތުމަށްވުރެ، އުނި ޤާނޫނެއް އޮތުންވެސް މާރަނގަޅު. އޭރުން އެހިނދަކަށް އަޅުގަނޑުމެންނަށް ކަންތައްތައް ކުރިއަށް ގެންދެވިދާނެ. ހުއްޓިފައި ތިބޭކަށް ނުޖެހޭނެ.

އާދެ، ކުރިން އަޅުގަނޑު ދަންނަވާލީ، އަޅުގަނޑުމެން އިޞްލާޙް ކުރަންވީ ގާތްގަނޑަކަށް ހަމަ ހުރިހާ ކަމެކޭ. އާދެ، ޤާނޫނާ ބެހޭގޮތުން އަޅުގަނޑަށް ކޮންމެވެސްވަރަކަށް އެއްޗެއް ދަންނަވާލެވިއްޖެ.

ދެން ސަރުކާރު ހިންގުމުގެ ދާއިރާއަށްވެސް ބަދަލުތަކެއް އަންނަން ޖެހޭނެކަމަށް އަޅުގަނޑު ދެކެން. އެއީ މިހާރަށްވުރެ ހަލުވިކޮށް، މިހާރަށްވުރެ ފައިދާހުރި ގޮތެއްގައި ކަންތައްތައް ކުރެވޭނެ އިންތިޒާމެއް ރޭވުން. މިކަމުގައިވެސް މިހާރު ހުރި ބައެއް ޤާނޫނުވެސް އިޞްލާޙް ކުރަންޖެހޭނެ ކަމަށް އަޅުގަނޑު ދެކެން. އެއީ އަޅުގަނޑުމެންނަށް ކަންތައްތައް ކުރެވެން މިއޮންނަނީ، އެ ޤާނޫނުތައް ހަމަޖެހިފައި އޮންނަ ގޮތެއްގެ މަތިން. ސަރުކާރުގެ ދާއިރާގައިވެސް، ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ ފަދައިން، "އޮފިޝަލް ކަންތައް" ކިޔާ ޤާނޫނެއް އޮވޭ. އޭގައި އެބަހުރި، ވަކި ކަންތައްތަކެއް، ވަކި ގޮތަކަށް ކުރަން ހަމަޖެހިފައި. އަދި އެނޫން ޤާނޫނުތަކުގައިވެސް، ސަރުކާރުގެ އެކި ފަރާތްތަކުން ކަންތައް ކުރަންވީގޮތް އެބައޮވޭ.

އެހެންވީމާ، އަޅުގަނޑުމެން މިހާރަށް ފެތޭގޮތަށް، ހަލުވިކޮށް، ޤައުމަށާއި މުޖުތަމަޢަށް ފައިދާހުރިގޮތުގައި، އަވަހަށް ކަންތައް ކުރެވޭނެ ގޮތެއް ރޭވުމަށްޓަކައި، އަޅުގަނޑު ދެކޭގޮތުގައި، މިކަހަލަ ބައެއް ޤާނޫނުތައްވެސް އިޞްލާޙް ކުރަން އެބަޖެހޭ. އަދި ސަރުކާރު ހިންގުމުގެ މަސްއޫލިއްޔަތާއި، އިޚްތިޔާރާއި ބާރުވެސް މިހާރު އޮންނަވަރަށްވުރެ ބޮޑަށް، އޭގެ ދާއިރާ ފުޅާކުރަންޖެހޭނެ ކަމަށް އަޅުގަނޑު ދެކެން. އަދި މިހާރުވެސް ހުރިހާ ކަމެއް ކުރަން އޮންނަނީ ވަކި ފަރާތަކުންނެއް ނޫން. ހުރިހާ ކަމެއްގެ ބާރާއި މަސްއޫލިއްޔަތު މިހާރުވެސް އޮންނަނީ ރައީސުލްޖުމްހޫރިއްޔާއަކަށް ނޫން. މިނިސްޓަރުންނަށްވެސް އޮވޭ. އަދި ސަރުކާރުގެ އެނޫން އޮފީސްތަކަށްވެސް އޮވޭ. އެހެންނަމަވެސް، އެކަންތައްތައް ހިންގުމުގައިވެސް، އަޅުގަނޑުމެންނަށް ވާގޮތަކީ ވަރަށް ފަސޭހައިން، އެ މަސްއޫލިއްޔަތު އުފުލުމުގެ ތަންކޮޅުގައި ކުޑަކޮށް ކުންޏެއް ޖެހެނީ. އެހެންވީމާ، ގިނަ ކަންތައް ވަކިފަރާތަކަށް ރައްދުކުރެވޭގޮތް ވަނީ. އެހެންވީމާ، އެހެން އެކަން ހިނގަމުންދިޔުމަކީ، ރަނގަޅު ގޮތެއް ނޫން. ފައިދާހުރި ގޮތެއްވެސް ނޫން. އަދި އެކަން ހަލުވިކޮށް ގެންދިޔުމަށްޓަކައި އަޅުގަނޑު ހިތުން ޤާނޫނަށް ގެންނަންޖެހޭ ބަދަލުތަކެއް ގެނެސްގެން، މަސްއޫލިއްޔަތު އުފުލުމުގެ ދާއިރާވެސް ތަންކޮޅެއް ބޮޑަށް ފުޅާކޮށްލަންޖެހޭނެ.

އާދެ، މަސްއޫލިއްޔަތު، އަދި އިޚްތިޔާރު، އަދި ބާރު، ސަރުކާރުގެ އެކި ފަރާތްތަކަށް ބަހާލުމުގައި ވަރަށް ބޮޑު އަހަންމިއްޔަތެއް ދޭންޖެހޭނެ ކަމެއް އެބައޮތް. އެއީ، ޒިންމާދާރީވުން. ކޮންމެ ބާރެއްގެ މުޤާބިލުގައި އޮންނަންޖެހޭނެ، އެ ބާރެއް ބޭނުންކުރާގޮތާ ދޭތެރޭގައި، އެ ބާރު ބޭނުންކުރާ ފަރާތަކުން ޒިންމާދާރީވުމުގެ އުޞޫލު. އެ އުޞޫލު އަޅުގަނޑުމެން ވެއްޖެ ވަރަށް ބޮޑަށް ހަރުދަނާކުރަން. އަދި އަޅުގަނޑުމެންގެ ކަންތައްތައް ހިންގަން ތިބޭ މީހުންގައި، އެ އުޞޫލު ކޮންމެވެސްގޮތަކަށް، އެކަށީގެންވާ ގޮތަކަށް އަށަގަންނާނެ ގޮތްތަކެއްވެސް އަޅުގަނޑުމެން ހަދަންވެއްޖެ.

އާދެ، މިހާރު ވާގޮތަކީ އަޅުގަނޑު މިހެން ދަންނަވާއިރުވެސް، އަޅުގަނޑު ޤަބޫލުކުރަން، ސަރުކާރުގެ އެކި ދާއިރާތަކުގައި، ވަރަށް ރަނގަޅަށް އެބޭފުޅުންގެ މަސްއޫލިއްޔަތު އުފުއްލަވާ، އަދި އެބޭފުޅުންގެ ޒިންމާދާރީވުން ވަރަށް ފުރިހަމައަށް އަދާކުރައްވަމުން ގެންދަވާ ފަރާތްތަކެއް އެބަ ތިއްބެވި. އެހެންވީމާ، އެފަރާތްތަކަށް އަޅުގަނޑު އެއްގޮތަކަށްވެސް ކުޑައިމީސްބަހެއް ރައްދުކުރާކަށް ބޭނުމެއްނުވޭ.

އެހެން ނަމަވެސް، އަޅުގަނޑު ދަންނަވަން މިއުޅެނީ، މިހާރު ސަރުކާރުގެ ދާއިރާތަކުގައި ބައެއް ހިސާބުތަކުގައި، އެ މަސްއޫލިއްޔަތު އުފުލުން އެއީ، މާބޮޑު ކަމަކަށް ވެގެން، މަސްއޫލިއްޔަތުން އެއްކިބާވެވޭ ގޮތަކަށް އެމީހުންގެ ކަންތައްތައް ހުރެއޭ. އަދި އެކުރާ ކަމެއްގެވެސް ޒިންމާ އުފުލުން އެއީ ދަތިކަމަކަށްވާތީ، އެމީހުން އެކަންކަމުގައި ޒިންމާވެސް ނުއުފުލާގޮތަކަށް އެބަ ދިމާވޭ. އެކަންތައްތައް އެއްގޮތަކަށްވެސް އެހެން ހުރެގެނެއް ނުވާނެ. އަދި ޚާއްޞަކޮށް، ހިންގުމުގެ އިޚްތިޔާރާއި ބާރު، އޭގެ ދާއިރާ ފުޅާވެގެންދާ ކަމުގައިވަންޏާ، އެހެން ފަރާތްތަކަށް އެ އިޚްތިޔާރު އޮންނަ ކަމަށްވަންޏާ، އެ އިޚްތިޔާރު އޮންނަ ކޮންމެ ފަރާތެއްވެސް އެއީ، އެ އިޚްތިޔާރު ބޭނުންކުރާގޮތާ ދޭތެރޭގައި ޒިންމާދާރީ ވާންޖެހޭނެ ފަރާތަކަށް ވާންޖެހޭނެ. އެހެން ނޫނީވިއްޔާ ވާގޮތަކީ، ތަފާތު ގޮތްގޮތަށް އެއްކަމެއްގައިވެސް ކަންތައް ކުރެވެނީ.

ތިޔަބޭފުޅުންނަށްވެސް އެނގިވަޑައިގަންނަވާނެ، އަޅުގަނޑުމެންގެ މުޖުތަމަޢަކީ، ވަރަށް ކުޑަކުޑަ މުޖުތަމަޢެއް. އަޅުގަނޑުމެންގެ ތެރޭގައި ގިނައީ، ރަށްޓެހިންނާއި ތިމާގެ މީހުންނާއި، އެނޫންވެސް ކޮންމެވެސް ގުޅުމެއް އޮންނަ މީހުން. އެހެންވީމާ، ވާގޮތަކީ އެކަހަލަ ގުޅުމެއް އޮންނަ މީހަކު، ކަމަކަށް އެދިއްޖެނަމަ، އެމީހަކަށް އެކަން ޤަވާޢިދުގައި އޮންނަ ގޮތަށްވުރެ ތަންކޮޅެއް ފަސޭހަގޮތަކަށް ކޮށްދެވޭގޮތެއް ވަނީ. އާދައިގެ ޢާންމު ރައްޔިތަކު ހަމަ އެބޭނުމުގައި އަތުވެއްޖިއްޔާ، އެކަން ޤަވާޢިދުން ގެންދެވޭގޮތް ވަނީ. އެހެންވީމާ، މިއީކީ އެކަން އޮންނަންވީ ގޮތެއްނޫން. އެންމެންނަށްވެސް އޮންނަންޖެހޭނީ ހަމަހަމަގޮތެއް. ޤަވާޢިދުގައި އޮންނަގޮތް. އެއްވެސް މީހަކަށް ޤަވާޢިދުން އިސްތިސްނާއެއް ލިބިގެނެއް ނުވާނެ. އެހެންވީމާ، ވަކިން އެކި މީހުންނާ ދޭތެރޭގައި، އެކިގޮތަށް ސަރުކާރުގެ ބައެއް ފަރާތްތަކުން ކަންތައް ކުރެވޭގޮތް ދިމާވާތީ، ޢާންމުންގެ މެދުގައި ވަރަށް ބޮޑަށް ޝަކުވާ އުފެދޭ. އުފެދެންވެސް ޖެހޭނެ.

އެހެންވީމާ، އަޅުގަނޑު މިދަންނަވަނީ އެ ބާރާއި އިޚްތިޔާރު ލިބުނީމާ، އެ ބާރާއި އިޚްތިޔާރުގެ ބޭނުންކުރަންޖެހޭނީ ރަނގަޅަށޭ. ޤާނޫނުގައިވާ ގޮތަށޭ، ޤަވާޢިދުގައިވާ ގޮތަށޭ، އެހެން އެއްވެސް ބޭނުމެއްގައި އެކަމަކަށް ބަދަލެއް ގެނެސްގެނެއް ނުވާނެއޭ. ބަދަލެއް ގެނެސްފި ކަމަށްވަންޏާ، އެކަމާ ދޭތެރޭގައި ސުވާލު ކުރެވެންވާނެއޭ. އަދި ފިޔަވަޅުވެސް އެޅެންވާނެއޭ. އެގޮތް އަޅުގަނޑުމެން ޤަބޫލުކުރާ ކަމަށްވަންޏާ، އަޅުގަނޑުހިތުން ވަރަށް އޮމާންކޮށް މިކަންތައްތައް ދާނެ.

އަދި ފައިސާ ޚަރަދު ކުރުމުގައިވެސް ހަމަ މިކަހަލަ ގޮތެއް ދިމާވޭ. އަޅުގަނޑުމެން މިހާރު ރާއްޖޭގައި ބޮޑެތި މަސައްކަތްތައް މިގެންދަނީ ކުރަމުން. އެ މަސައްކަތްތައް ކުރަމުން ގެންދާއިރު، ސަރުކާރުން ކުރާ މަސައްކަތްތަކަށް ޚަރަދު މިކުރަނީ، ސަރުކާރުގެ ބަޖެޓުން. ބަޖެޓުން ޚަރަދުކުރުމުގައި ޒަމާނުއްސުރެ އޮންނަ އުޞޫލުތަކެއް އޮވޭ. އަދި އެ އުޞޫލުތަކަށް އިޞްލާޙް އައި ކަމުގައިވިޔަސް، މިހާރުވެސް ފައިސާއާއި، ފައިސާ ޚަރަދުކުރުމުގައި، ސަރުކާރުގެ މުދަލާއި ތަކެތި ބެލެހެއްޓުމުގައި، ޙުރްމަތްތެރިކޮށްހިތަންޖެހޭ ޤަވާޢިދުތަކެއް އެބަހުރި. އެހެންވީމާ، އެ ޤަވާޢިދުތަކާ އެއްގޮތަށް އަޅުގަނޑުމެން ކަންތައް ކުރަންވާނީ. އެއާ ޚިލާފުވާގޮތަކަށް ސަރުކާރުގެ އެންމެ ލާރިއެއްވެސް ޚަރަދުވެގެންނުވާނެ. އެއީ، ސަރުކާރުގެ ލާރިއަކީ، ސަރުކާރުގެ ލާރިއެއް ނޫން. އެއީ، ރައްޔިތުންގެ ލާރި. އެހެންވީމާ، ކިތަންމެ ކުޑަ ޚަރަދެއްވެސް، އެޤާނޫނާއި ޤަވާޢިދާ ޚިލާފު ގޮތަކަށް ކުރެވިއްޖެނަމަ، އެ ވާނީ ޚިޔާނާތަކަށް. އެ ޤާނޫނާއި ޤަވާޢިދު، ޚާއްޞަކޮށް ފައިސާއާއި ސަރުކާރުގެ މުދަލާބެހޭ ކަންކަމުގައި ހެދިފައި މިހުންނަނީ، އެއެއްޗެތި ރައްކާތެރިކޮށްދިނުމުގެ ގޮތުން. އެއީ، ރައްޔިތުންގެ މުދަލާއި ފައިސާ ކަމަށްވާތީ. އެހެންވީމާ، އެމަސައްކަތް ލިބިގަންނަން އުޅޭ ފަރާތަކީ، ތިމާގެ، ތިމާގެ މީހަކު ކަމުގައިވިޔަސް، ރަޙްމަތްތެރިއަކު ކަމުގައިވިޔަސް، ނުވަތަ އެހެން ގުޅުމެއް އޮންނަ މީހަކު ކަމުގައިވިޔަސް، އެއްކަލަ އުޞޫލާ ޚިލާފުވާގޮތަކަށް، އެމަސައްކަތެއް އެމީހަކާ ހަވާލުކުރެވިގެނެއް ނުވާނެ. ސަރުކާރުގައި އެ ހަމަޖެހިފައި އޮންނަ އުޞޫލަށްވުރެ ގިނަ ޢަދަދަކަށް އެފަރާތަކަށް ފައިސާ ލިބޭގޮތަކަށްވެސް ހަމަޖެހިގެނެއް ނުވާނެ. އެކަމަކު އެހުރިހާ ކަމެއް ހުރީކީ އެހެނެއް ނޫން. ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ. އެހެންވީމާ، މިއީވެސް ވަރަށް ނުރައްކާތެރި ކަމެއް. މަސްއޫލިއްޔަތު އުފުލުމުގައި އަދި ޒިންމާދާރީވުމުގައި އަޅުގަނޑުމެންނަށް އެކަން ކުރަންވީގޮތަށް ނުކުރެވުމުގެ ސަބަބުން ދިމާވާ ކަމެއް.

އާދެ، ދެން އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، އަޅުގަނޑުމެން އިޞްލާޙް ކުރަންވީ، ހަމައެކަނި ޤާނޫނުތަކެއް ނޫނޭ. ހަމައެކަނި ސަރުކާރުގެ ހިންގުމުގެ ދާއިރާގައި އިޞްލާޙް ކުރަންވީ ކަންތައްތައް އެކަންޏެއް ނޫނޭ. އަޅުގަނޑުމެންގެ ވިސްނުމާއި ޚިޔާލަށްވެސް ބޮޑެތި ބަދަލުތަކެއް ގެންނަންވެއްޖެއޭ. އާދެ، އެއީ، ޤައުމުގައި އޮންނަ ޤާނޫނީ ނިޒާމަށް އެންމެން ބޯލެނބުން. ތަނުގެ ޤާނޫނުތަކަށާއި ޤަވާޢިދުތަކަށް އެންމެން ޙުރްމަތްތެރިކޮށްހިތުން. އެކަކަށްވެސް އެކަމުގައި އިސްތިސްނާއެއް ނެތުން.

އާދެ، ކުރިން އަޅުގަނޑު ދެއްކި ވާހަކައިގައި، ކޮންމެވެސްވަރަކަށް އެ އިސްތިސްނާ ކުރެވޭގޮތުގެ ވާހަކަ ދެންނެވިއްޖެ. އެއީ، އެކިއެކި ގުޅުންތައް އޮންނަގޮތުން އެހެންވަނީ. އެކަމަކު އެހެންވެގެނެއް ނުވާނެ. ޤާނޫނުގެ ކުރިމަތީގައި އެންމެން ވާންޖެހޭނީ ހަމަހަމަ ބަޔަކަށް. އެއީ، އަޅުގަނޑުމެންގެ ޤާނޫނުއަސާސީ ބުނާވެސްގޮތް. އަދި ޢަމަލުކުރެވެންވާނީވެސް ހަމަ އެގޮތުގެ މަތިން. އޭގެ އިތުރުން، އަޅުގަނޑުމެންގެ ތެރެއިން ކޮންމެ ފަރުދަކުވެސް ޤަބޫލުކުރަންޖެހޭނެ، އޭނާވެސް، ހަމަ ކޮންމެ މީހަކުވެސް ޤާނޫނަށް ޙުރްމަތްތެރިކޮށްހިތަންޖެހޭނެކަން، ޤަވާޢިދުތަކަށް ބޯލަނބަން ޖެހޭނެކަން.

އާދެ، އަޅުގަނޑުމެންނަށް ވާގޮތަކީ އަޅުގަނޑުމެންނަށް ޤަބޫލުކުރެވޭ، އެންމެންވެސް ޤާނޫނަށް ބޯލަނބަން ޖެހޭނެކަން. ޤަވާޢިދުތަކަށް ޙުރްމަތްތެރިކޮށްހިތަންޖެހޭނެކަން. އެހެންނަމަވެސް ވަރަށްގިނަފަހަރަށް ވާގޮތަކީ، ތިމާގެ އަމިއްލަ ކަމެއް ޖެހިއްޖިއްޔާ، ކޮންމެވެސް އިސްތިސްނާއަކަށް އެދެވެނީ. ސަރުކާރުގެ ދާއިރާގައިވެސް. މިދެންނެވީ މުވައްޒަފުންނަށް ކުރިއެރުން ދިނުމުގައިވެސް ވަކި އުޞޫލުތަކެއް ކަނޑައެޅިފައި އޮވޭ. މިސާލަކަށް، އެއް މަގާމުން އަނެއް މަގާމަށް ބަދަލުވުމުގައި، މައްޗަށް ދިޔުމުގައި. އެހެންނަމަވެސް، އެ އޮންނަ އުޞޫލާ ޚިލާފަށް، ހަމަ އަބަދުވެސް ކުރިއެރުމަށް އެދެވޭގޮތެއްވޭ. އަނެއްކާ ބައެއް އޮފީސްތަކުން އެގޮތަށް މައްސަލަވެސް އާދޭ. އެހެންވީމާ، އެއީ އެއްގޮތަކަށްވެސް ވެގެންވާނެ ގޮތެއް ނޫނޭ މިދަންނަވަނީ. އެއީ، އެއްވެސް ސަބަބެއް އޮވެގެން، އެހެންވެގެން ނުވާނެ. އެ އޮންނަ އުޞޫލަކަށް އެންމެންވެސް، އެ އުޞޫލަށް ޙުރްމަތްތެރިކޮށްހިތަންޖެހޭނެ. އެ އުޞޫލުން އިސްތިސްނާވާ ގޮތެއް އޮވެގެނެއް ނުވާނެ. މިކަހަލަ ކަންތައްތައް ވަރަށް ގިނައިން ދިމާވޭ. މިދެންނެވި ފަދައިން، ކުރިއެރުމުގައި، މުސާރައިގެ ކަންތައްތައް ހަމަޖެއްސުމުގައި، އެކިއެކި އިތުރު އުޖޫރަ ލިބުމުގައި، އަދި ޗުއްޓީ ލިބުމުގައިވެސް.

ފަހަކަށްއައިސް، ޗުއްޓީއާބެހޭ ޤަވާޢިދެއް ވަނީ ހެދިފައި. އެހެންނަމަވެސް، އެ ޗުއްޓީގެ ޤަވާޢިދާ އެއްގޮތަށް ޢަމަލުކުރާ މީހުން ތިބި ކަމުގައިވިޔަސް، އެ ޗުއްޓީގެ ޤަވާޢިދާ ޚިލާފަށް، ޗުއްޓީއަށް އެދޭ މީހުންވެސް އެބަތިބި. އެހެންވީމާ، ކީއްކުރަންތޯ ފުރަތަމަ ޤަވާޢިދެއް ހެދީ.

އަޅުގަނޑުގެ ވާހަކައަކީ، ޤަވާޢިދެއް ހެދިއްޖިއްޔާ، އެއަށް ވާނެއޭ އެންމެން ޙުރްމަތްތެރިކޮށްހިތަން. އަދި އެމީހަކު އެދޭއިރުވެސް އެގޮތް ވިސްނަންޖެހޭނެއޭ. އެދިގެނެއް ނުވާނެ، ޤަވާޢިދާ ޚިލާފު ކަމެއް، އެމީހަކަށް އަމިއްލައަށް ސަރުކާރުން ކޮށްދޭކަށް. އެކަމުގައި ޚާއްޞަ ޢިނާޔަތެއް އެމީހަކަށް ދޭކަށް. އެއީ އަޅުގަނޑު މިދަންނަވަނީ، އަޅުގަނޑުމެންގެ ވިސްނުމާއި ޚިޔާލަށް މިބަދަލު ގެންނަންވެއްޖޭ.

ކުށް ކުރީމާވެސް ހަމަ އެހެން ދިމާވަނީ. ބައެއް މީހުން ޤާނޫނީ ކުށް ކޮށްފައި، އާދޭހުގެ ސިޓީތައް ލިޔާނެ. ތިމަންނާއަށް މިކުށް ކުރެވިއްޖެއޭ، ކުށް ކުރެވޭނީ އިންސާނުންނަށޭ. އެހެންވީމާ، ތިމަންނާގެ މައްސަލަ ޝަރީޢަތަށް ނުފޮނުވައި ނިންމަވައިދެއްވާށޭ. ކިހިނެއްވާނެ ކަމެއްތޯ އެއީ؟ އެއްވެސް ތަނެއްގައި ހަމަޖެހުމެއް ނޯންނާނެ، އެގޮތަކަށް ކަންތައް އޮވެގެން، ކުށް ކުރުމުގައިވެސް. ކޮންމެ މީހަކުވެސް ކުށެއް ކޮށްފިއްޔާ، ޤާނޫނީ ކުށެއް ކޮށްފިއްޔާ، އެމީހަކާ ދޭތެރޭގައި ޤާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތަކެއް އަޅަންވާނެ. އަދި ޝަރީޢަތަށް މައްސަލަ ދިޔުމުގެ ފަހުގައިވެސް، ވާގޮތަކީ އަދަބު ލިބުނީމާ ޚާއްޞަ ސަބަބުތަކެއް މެދުވެރިކޮށްފައި، އެ އަދަބުން ލުއި ލިބޭނެ ގޮތަކަށް މީހުންނަށް އެދެވެނީ. އެދެވޭނެކަންވެސް އަޅުގަނޑަށް އެނގޭ. އެހެންނަމަވެސް، އަޅުގަނޑުމެން ވިސްނަންޖެހޭނެ. އެ ކުށްކުރި މީހާ، އެ ކުށްކުރީ އޭނާ އަމިއްލައަށްކަން. ވަކި މީހަކު މަޖުބޫރުކުރުވައިގެން ނޫންކަން. އެ ކުށް ކުރުމުގެ ކުރިން އޭނާއަށް އެނގެންޖެހޭނެ، ތިމަންނާއަށް މިކުރެވެނީ ކުށެއްކަން. މިކުށް ފަޅާއަރައިފިއްޔާ ތިމަންނާއަށް އަދަބު ލިބޭނެކަން. އެކަން އެނގިހުރެ އެ ކުށް ކުރަނީ. އެ ކުށް ކުރުމަށްފަހުގައި، ދެން ވަކި މީހަކަށް ވަކިގޮތެއް، ސަރުކާރުން ހަދައިދެވޭކަށް ނޯންނާނެ. އަދި އެމީހަކު އެދިގެންވެސް ނުވާނެ ޤަވާޢިދުން. އެބަދަލު ވެއްޖެއޭ، އެކަން އަޅުގަނޑުމެންގެ ވިސްނުމަށާއި ޚިޔާލަށް ގެންނަން، އަޅުގަނޑު މިދަންނަވަނީ.

ބައެއް އެހެން ޤައުމުތަކުގައި މިކަންތައްތައް އޮންނަގޮތާ ދޭތެރޭގައި ވިސްނާލާއިރު، ކުރިއަރަމުން އަންނަ ޤައުމުތަކުގައި އޮންނަނީ ވަރަށް ތަފާތުގޮތަކަށް. ކުރިއަރަމުން އަންނައޭ މިދަންނަވަނީ، ފާހަގަކޮށްލެވޭފަދަ ކުރިއެރުމެއް ޙާޞިލް ކުރަމުން އަންނަ ޤައުމުތަކުގެ ވާހަކަ. މިސާލަކަށް، ސިންގަޕޫރު ނަންގަވާ، އަޅުގަނޑުމެންގެ ކައިރީގައި އޮތް ތަނެއް. އަޅުގަނޑުމެންގެ ވަރަށް ގިނަ ބަޔަކު ދާ ތަނެއް. އެތާނގެ އެންމެންވެސް ހުރިހާ ޤާނޫނުތަކަކަށް ބޯލަނބާ. ވަކި މީހަކު ވަކި ގޮތަކަށް ޢަމަލުކުރާކަށް އެމީހުން ބޭނުމެއްވެސްނުވޭ. ޢަމަލެއް ނުވެސްކުރޭ. ވަރަށް ކުޑަކުޑަ މިސާލެއް ދަންނަވާލަފާނަން. އެތާނގައި އޮންނާނެ، މަގުމައްޗަށް ކުނިއެޅުމާބެހޭ ޤާނޫނެއް. ޢާންމު ތަންތަނަށް. ކަރުދާސްކޮޅެއް އެއްލައިލިޔަސް އެއީ ކުށެއް. އެމީހާއާ ދޭތެރޭގައި ފިޔަވަޅު އެޅޭނެ. އެހެންވީމާ، އެމީހުން ހަދާގޮތަކީ މީހަކު ބަލަންނެތިއްޔާ ނުވަތަ ސިފައިންގެ މީހަކު ނެތިއްޔާ ކަރުދާސްކޮޅު ނުވަތަ ކުނި އަޅަނީކީ ނޫން. އަމިއްލައަށްވެސް ނާޅަނީ. ފެނިވަޑައެއްނުގަންނަވާނެ، އެއްވެސް މީހަކު އެއްޗެއް އެއްލާލަނިކޮށް މަގުމައްޗަކަށްވެސް އަދި ޢާންމު ތަނަކަށްވެސް.

ހަމަ އެފަދައިން، ބައެއް ތަންތާނގައި ހުންނާނެ، "މިތަނުގައި ދުންފަތުގެ އިސްތިޢުމާލު ކުރުމަކީ މަނާ ތަނެކޭ. ދުންފަތުގެ އިސްތިޢުމާލު މިތަނުގައި ކޮށްފީވިއްޔާ، 500 ޑޮލަރުން ފެށިގެން އޭގެ ދަށުގެ ޢަދަދަކުން ޖޫރިމަނާ ކުރެވޭނެއޭ." މިހެން ޖަހާފައި ހުންނަ ތަންތަން. އެކަހަލަ އެއްވެސް ތަނެއްގައި" އެއްވެސް މީހަކު ސިނގިރެޓެއް ނުބޯނެ. ދުންފަތުގެ އެއްވެސް އިސްތިޢުމާލެއް ނުކުރާނެ. ވަކި އެއީ މީހަކު ބަލަން ހުރީމަކާ ނޫން. އޭނާ އަމިއްލަޔަށް އޭނާ ޤާނޫނަށް ޙުރްމަތްތެރިކޮށްހިތަނީ. އޭނާއަށް އެނގޭ، މިޤާނޫނު ހެދިފައި މިއޮތީ ރައްޔިތުންގެ ސަލާމަތަށްކަން.

ކޮންމެ ތަނެއްގައިވެސް ޤާނޫނު ހެދެނީ ރައްޔިތުންގެ ސަލާމަތަށް. ރައްޔިތުންގެ ރައްކަލަށް. ޤައުމުގެ މަސްލަޙަތު ރައްކާތެރިކޮށްދޭން. އެހެންވީމާ، އެކަމަށްޓަކައި ތިމާ ކުރަންޖެހޭ ޢަމަލު ތިމާ ކުރަންޖެހޭނެކަން އެތަންތާނގެ ރައްޔިތުންނަށް ޤަބޫލުކުރެވޭ.

އަޅުގަނޑުމެންގެ ރާއްޖޭގައި އަޅުގަނޑުމެންގެ ވިސްނުން އަދި އެހިސާބަކަށް ނުދޭ. މީހުންނަށް ހީވެފައި އޮންނަނީ ޤާނޫނު މިހަދަނީ އެހެން ބޭނުމަކުއޭ. މީހުންނަށް ކަންތައްތައް ދަތިކުރާށޭ. އެކަހަލަ ޚިޔާލެއްވެސް އުޅޭ. އެހެންވީމާ، މިވާގޮތަކީ މީހަކު ބަލަންނެތިއްޔާ، އެ ޤާނޫނު މަނާކުރާ ކަމެއްވެސް ކޮށްލަނީ. އެހެންވީމާ، ކޮންމެ ދިމާއެއްގައި، އެނގިވަޑައިގަންނަވާނެ، އެ ޤާނޫނަށް މީހުން ޙުރްމަތްތެރިކޮށްހިތާތޯ ބެލުމަށް ބަޔަކު ނުބައިތިއްބޭނެ. އަމިއްލައަށް އެކަންތައް ކޮންމެ މީހަކުވެސް ދެނެގަންނަންޖެހޭނީ.

ސަރުކާރުގެ ދާއިރާގައި ގަޑިޖެހުން މިސާލަކަށް. ބައެއް ތަންތާނގައި އޮންނަނީ، އެންމެ މަތީވެރިޔާއިން ފެށިގެން އެންމެ އާދައިގެ މުވައްޒަފާ ދޭތެރޭގައި، ގަޑިޖެހޭ މުވައްޒަފުންގެ ގޮތުގައި. ހަމަ އެމަސައްކަތް ފެށޭ ގަޑިއަށް ދާންޖެހޭނެ. ސޮއިވެސް ކުރަންޖެހޭނެ.

އަޅުގަނޑުމެންގެ ރާއްޖޭގައި އެކަން އޮންނަނީ ވަރަށް ތަފާތުގޮތަކަށް. ބައެއް މީހުން ދެކެނީ ގަޑިއަށް ޙާޟިރުވުމަކީ ދެރަ ކަމެއް ކަމުގައި. ނިކަމެތި ކަމެއް ކަމުގައި. ސަރުކާރުގެ މުވައްޒަފުން، ބައެއް މީހުން އެހެން ދެކެނީ. ކުރިއެރުމުގެ ނިޝާނަކީ، ތިމާ ތަންކޮޅެއް މަތީ ފެންވަރަކަށް ޖެހިލައިފި ކަމުގެ ޢަލާމާތަކީ، ތިމާ ގަޑިއަށް ފަރުވާ ނުބެހެއްޓުން ކަމުގައި ދެކެނީ. ހަތްގަޑި ބައިގައި ދިޔުމުގެ ބަދަލުގައި، ނުވައެއް ޖަހާއިރު ދަނީ، ދިހައެއް ޖަހާއިރު ދަނީ. އަދި އެގޮތަށް ދެވޭގޮތަށް އޮތުން އެއީ، މޮޅުކަމެއް ކަމުގައި އަޅުގަނޑުމެން ދެކެނީ.
އެއީ، އަޅުގަނޑު މިދަންނަވަނީ އެހެންވާންވީ ކަމެއްނޫނޭ. އެހެން ތަންތާނގައި އެހެނެއް ނޫން ކަންތައް އޮންނަނީ. އަޅުގަނޑު ދަންނަން، ހަމަގައިމުވެސް މެލޭޝިޔާގައި. ވަރަށްފަހުން އަޅުގަނޑު އެތަނަށް ދިޔައީމާ އެނގުނީ. ހަމަ އެތާނގައި އޮންނަ ގަޑިއަށް އެންމެމަތީ ވެރިޔާވެސް ވަޑައިގަންނަވަންޖެހޭ.

އެކަހަލަ ބަދަލުތަކެއް އަޅުގަނޑުމެންގެ ވިސްނުމަށް ގެންނަންވީ. ސަރުކާރުގެ ވަޒީފާ އަދާކުރުމުގައި، މޮޅުމީހަކީ ފަހުން އަންނަ މީހާއެއް ނޫން. މޮޅުމީހަކީ، އެންމެ ކުރިން ގޮސް ހުންނަ މީހާ. އެންމެ ކުރިން އޮފީހަށް ގޮސް، މަސައްކަތް ފަށާ މީހާ އެއީ، އެންމެ މޮޅު މީހާ. އެކަން އަޅުގަނޑުމެން ގަބޫލުކުރަންވީ.

އަޅުގަނޑުމެންގެ ސަރުކާރުގެ ޤަވާޢިދުތަކުގައި އެބައޮވޭ، ގަޑިނުޖެހޭ މަގާމުތަކެކޭ ކިޔާފައި ހުންނަ މަގާމުތަކެއް. އަބަދުވެސް މީހުން އެތަނަށް އެގޮޅިއަށް ވަންނަން ބޭނުންވަނީ. އެއީ، އޭނާގެ ކުރިއެރުމުގެ ނިޝާނަކަށްވާތީ. އެޚިޔާލުވެސް އަޅުގަނޑު މިދަންނަވަނީ ޖެހޭނީ ބަދަލުކޮށްލާށޭ. އަޅުގަނޑުމެން ސަރުކާރުގައި އުޅޭކަމަށްވަންޏާ، އެއޮންނަ ޤަވާޢިދަކަށް ފެތެންވާނެ. ގަޑިއަށް ދާންޖެހޭނެ.

އަނެއްކާ ސަރުކާރުގެ ވަޒީފާގައި އުޅޭއިރު ކުރަންޖެހޭނީ ސަރުކާރުގެ މަސައްކަތް. އެއްގޮތަކަށްވެސް އެހެން މަސައްކަތެއް ކޮށްގެން ނުވާނެ. އެ އޮންނަނީ ވަރަށް ކުޑައިރުކޮޅެކޭ އަޅުގަނޑުމެންގެ ރާއްޖޭގައި. ދުނިޔޭގެ އެހެން ތަންތާނގައި، ދުވާލުގެ ރަސްމީގަޑި، މަސައްކަތުގަޑި އެބައޮވޭ ނުވަގަޑިއިރު، ދިހަގަޑިއިރު. ހެނދުނު ނުވަޔަކުން ފެށިގެން ގޮސް، މެންދުރުފަހު ހަވީރު ފަހެއް ޖަހަންދެން. ގާތްގަނޑަކަށް ގަޑިއެއްހާއިރު، މެންދުރު، މެންދުރު ކެއުމަށް ދޫކޮށްލާފައި. އަޅުގަނޑުމެންގެ ރާއްޖޭގައި މިއޮންނަނީ ހަތްގަޑިބައިން އެއްގަޑިބަޔަށް. އެންމެ ހަ ގަޑިއިރު. އެކަމަކު އެ ހަ ގަޑިއިރުގެ ތެރޭގައިވެސް އަޅުގަނޑުމެންނަކަށް ނުތިބެވޭ އޮފީހުގެ ތެރެއަކު. އަދި އޮފީހުގައި ތިބި ކަމުގައިވިޔަސް، އޮފީހުގެ މަސައްކަތުގައި، އޮފީހުގެ މަސައްކަތަކީ ކޮބައިތޯ؟ އެއީ ރައްޔިތުންގެ މަސައްކަތް. ރައްޔިތުންގެ މަސައްކަތުގައި، އެ ހަ ގަޑިއިރުވެސް އަޅުގަނޑުމެންނަކަށް ހޭދައެއްނުކުރެވޭ.

މި ދެންނެވީ އެހެންނުވާނެ ގޮތަކަށް އަޅުގަނޑުމެން ވިސްނައިގެން އެބަދަލު އަޅުގަނޑުމެންގެ ވިސްނުމަށް އަޅުގަނޑުމެންގެ ޚިޔާލަށް ގެންނަންވެއްޖެ. އެ އިޞްލާޙް ގެންނަންވެއްޖެ. އެ އިޞްލާޙް ނުގެނެސް، އަޅުގަނޑުމެންނަށް ކުރިއަށް ދެވޭކަށް ނެތް.

ދެން ކުރިންވެސް ދެންނެވިފަދައިން، އަޅުގަނޑުމެންނަށް މިއޮންނަނީ، އެއްކަލަ ޤާނޫނަކީ، އެންމެން ބޯލަނބަންޖެހޭ އެއްޗެއް ކަމުގައިވިޔަސް، ތިމާއަށް ޚާއްޞަ ގޮތެއް ސަރުކާރުން ހަދައިދޭންޖެހޭނެ ކަމުގެ ޝުޢޫރެއް ހިތުގައި އޮންނަނީ ގިނަ މީހުންގެ. އެހެންވީމާ ވާގޮތަކީ، އެގޮތަށް ސަރުކާރުން ޤަވާޢިދުގައި ހިފަހައްޓައި، ޤާނޫނުގައި ހިފަހައްޓައި، ޤާނޫނާ ޚިލާފުވާ މީހުން، ޤަވާޢިދާ ޚިލާފުވާ މީހުންނާ ދޭތެރޭގައި ފިޔަވަޅުއެޅީމާ، އެއްކަލަ ޚާއްޞަގޮތް ނުބެހެއްޓުނީމާ، ސަރުކާރާ ދޭތެރޭގައި ދެކޮޅުވަނީ. ދެކޮޅުވެރިކަމުގެ ޝުޢޫރުތަކެއް އުފެދެނީ.

"ނޮވެމްބަރު 3" ގައިވެސް، އެކަން ދިމާވުމުގެވެސް އެއް ސަބަބަށްވަނީ، ވަކިވަރަކަށްވުރެ ކުދި ކަހަނބު އެކްސްޕޯޓް ކުރަން މީހަކު ބޭނުންވީމާ، އެކަމަށް ސަރުކާރުން ހުރަސްއެޅީ. އެއީ، މިއޮއްބޮޑު ކަންތައް ހިނގުމުގެ ސަބަބު. ވިސްނަވާ! އެތައް ބައިވަރު މީހުންނެއް އައިސް، މީސްމީހުންގެ ގަޔަށް ބަޑިޖަހައި، ތަންތަން ހަލާކުކޮށް، މީހުންމަރާ މިހެދީ.

މިއީ އޮންނަ ޤާނޫނެއް، އަޅުގަނޑުމެންގެ ރާއްޖޭގައި. ވެލާ ކަހަނބު ރައްކާތެރި ކުރުމުގެ ގޮތުން އޮންނަ ޤާނޫނެއް. ވަކިވަރަކަށްވުރެ ކުދި ސައިޒްގެ ވެލާ، ކަހަނބު ހިފުމަކީ މަނާކަމެއް. އެކްސްޕޯޓެއްވެސް ނުކުރެވޭނެ. އެއީ، އޭގެ ރައްކަލަކަށް އޮންނަ ކަމެއް. އެ އެއްޗެތިވެސް ރައްކާތެރިކޮށްދޭންޖެހޭ. ތިމާވެށި ރައްކާތެރިކޮށްދޭންޖެހޭ. އެހެންވީމާ، އޮންނަ ޤާނޫނެއް. އެއާ ޚިލާފަށް މީހަކު ޢަމަލުކުރީމާ، އޭނާއާ ދޭތެރޭގައި ސަރުކާރުން ފިޔަވަޅުއެޅީ، ބަންދުކުރީ. ދެން ވިސްނީ "ޕްލޮޓް" މީހުން ގެންނަން. އެއީ، އަޅުގަނޑުމެންގެ ހުރި ފެންވަރަކީ. އެންމެންގެއެއް ނޫން އިނގޭތޯ. އަޅުގަނޑުމެންގެ ތެރެއިން ބައެއް މީހުން.

އެހެންވީމާ، އެގޮތަށް އަޅުގަނޑުމެންގެ ޚިޔާލު ހުރިހާ ދުވަހަކު، އަޅުގަނޑުމެންނަށް ސަލާމަތްކަމެއް ނެތް. އެ ޤާނޫނަށްޖެހޭނެ ހަމަ ކޮންމެ މީހަކުވެސް އިޙްތިރާމް ކުރަން، ޤާނޫނު އެގޮތަށް އޮތްހާ ދުވަހަކު. އެ ޤަވާޢިދު އެގޮތަށް އޮތްހާ ދުވަހަކު. އެ ޤާނޫނަކީ ތަނަށް ނުފެތޭ ޤާނޫނަކަށްވަންޏާ، ނުވަތަ އެޤަވާޢިދަކީ މިހާރު ބޭނުމެއް ނެތް ޤަވާޢިދަކަށްވަންޏާ، އެޖެހޭނީ އުވާލަން. އެ އުވާލުމުގެ މަސައްކަތްވެސް، އެންމެ ތިރިން ފެށިގެންވެސް މައްޗަށް އަތުވެދާނެ. އެހެންނަމަވެސް، އެއީ ޤާނޫނެއް ކަމުގައި އޮތްހާ ހިނދަކު ނުވަތަ ޤަވާޢިދެއް ކަމުގައި އޮތްހާ ހިނދަކު، އެއާ ޚިލާފަކަށް އެއްވެސް މީހަކު ޢަމަލުކޮށްގެން ނުވާނެ. އަދި، އެގޮތަށް ޢަމަލުކުރާ މީހުންނާ ދޭތެރޭގައި، ސަރުކާރުން ފިޔަވަޅުއެޅިޔަސް، އެމީހާ ޤަބޫލުކުރަންޖެހޭނެ، މިއީ އަޅަންޖެހޭނެ ފިޔަވަޅެއްކަން. އެގޮތް ގަބޫލުކުރަންޖެހޭނެ.

އާދެ، އަޅުގަނޑު މިދެންނެވި ކަންތައްތައް އިޞްލާޙް ކުރުމަކީ، ވަރަށް ބޮޑު މަސައްކަތެއް. އެހެންވީމާ، އެކަންތައްތައް އިޞްލާޙް ކުރުމުގައި، ވަރަށް ގިނަ ފަރާތްތަކެއްގެ ފުރިހަމަ ތާއީދާއި އެއްބާރުލެއްވުން އަޅުގަނޑު ބޭނުންވޭ. ވަޒީރުންގެ މަޖިލިސް، ރައްޔިތުންގެ މަޖިލިސް، ސަރުކާރުގެ އެކި އޮފީސް އޮފީހުގެ ވެރިން، ސަރުކާރުގެ ހުރިހާ މުވައްޒަފުން، ވިޔަފާރިވެރިން، އެކިއެކި ބޮޑެތި އިޤްތިޞާދީ މަސައްކަތްތައް ކުރާ އެހެން ފަރާތްތައް، އިޖުތިމާއީ ޚިދުމަތްތައް ކޮށްދޭ ފަރާތްތައް، ޢާންމު ރައްޔިތުން، މި އެންމެންގެ އެއްބާރުލުމާއި ތާއީދު ލިބިގެން ނޫނީ އަޅުގަނޑު މިދެންނެވި އިޞްލާޙްތަކަށް ޢަމަލީ ސިފައެއް ނުގެނެވޭނެ.

މިދެންނެވި ގޮތުގެ މަތިން ސަރުކާރު ހިންގުމުގެ ދާއިރާއަށާއި، އަދި ޤައުމުގެ މުހިންމު ކަންތައްތައް ގެންދިޔުމަށް އެދެވޭ އިޞްލާޙްތަކެއް ގެނައުމުގައި، ވަރަށް ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރަންޖެހޭނެ ކަމަށް އަޅުގަނޑު ދެކެން. އެހެންވީމާ، އަޅުގަނޑު ޤަޞްދުކުރަނީ، މިހާރު އޮތް ރައީސުލްޖުމްހޫރިއްޔާގެ މަޝްވަރާ މަޖިލިސް، އެއަށްވުރެ ފުޅާކޮށް، އެ މަޖިލީހުގެ މެންބަރުންގެ ގޮތުގައި ވަރަށްގިނަ ޢަދަދެއްގެ ބަޔަކު ހިމެނުމަށް. އާދެ، އޭގެ ތެރޭގައި ވަރަށް ގިނަ ޢަދަދެއްގެ ޒުވާނުން، ސަރުކާރުގެ އެކި އޮފީސްތަކުގައި ތިއްބެވި އެކި ވެރިން، ޢާންމުންގެ މީހުން، އަންހެނުން ހިމަނަން ބޭނުންވާނެ ކަމަށް އަޅުގަނޑު ދެކެން. މިހާރުވެސް ސަރުކާރުގެ ދާއިރާގައި، ޒުވާނުންނަށް ވަރަށްބޮޑު ފުރުޞަތެއް ލިބިފައި އޮވޭ.

އަޅުގަނޑުމެންގެ ވަޒީރުންގެ މަޖިލީހުގައިވެސް ޒުވާން މިނިސްޓަރުންވެސް އެބަ ތިއްބެވި. މިނިސްޓަރުންގެ ނައިބުންގެ ގޮތުގައިވެސް ޒުވާން ބޭފުޅުން އެބަ ތިއްބެވި. ޑިރެކްޓަރ ޖެނެރަލުންގެ ފެންވަރުގައިވެސް ޒުވާން ބޭފުޅުން އެބަ ތިއްބެވި. އަދި އޭގެ ދަށުގައިވެސް. އަޅުގަނޑު ދަންނަވާނީ ދިވެހި ސަރުކާރަކީ އެގޮތުން ބަލާއިރު ވަރަށް ޒުވާން ސަރުކާރެކޭ. މުވައްޒަފުންގެ އެވްރެޖް ޢުމުރަށް ބަލާއިރު، ވަރަށް ޒުވާން ސަރުކާރެކޭ ހަމަ ދަންނަވަންޖެހޭ. މިހާރުވެސް އެކަންތައް އެހެން އޮންނައިރު، އަޅުގަނޑު ދެކޭގޮތުގައި މުސްތަޤްބަލުގައި އަދި އެއަށްވުރެ ބޮޑު ފުރުޞަތު ޒުވާނުންނަށް ލިބެންޖެހޭނެ. ޚާއްޞަކޮށް، ސަރުކާރު ހިންގުމާއި އަދި މުހިންމު ކަންތައްތަކާ ދޭތެރޭގައި މަޝްވަރާ ކުރުމުގެ ދާއިރާގައި، މިހާރަށްވުރެ ބޮޑަށް ޤާބިލިއްޔަތު ހުރި ޒުވާނުންގެ ބޭނުން އަޅުގަނޑު ކުރަން ބޭނުން.

އަޅުގަނޑަށް އެނގޭ މިހާރުވެސް އަޅުގަނޑުމެންގެތެރޭގައި ތިއްބެވި ޒުވާނުން، ޤައުމުގެ ކަންތައްތަކާ ބެހޭގޮތުން ޚިޔާލުކުރައްވާކަން. އަދި އެބޭފުޅުން ބައެއް ކަންތައްތަކަށް އިޞްލާޙް ގެންނަވަންވެސް ބޭނުންފުޅުވާކަން. އެހެންވީމާ، އެފުރްޞަތު އެ ބޭފުޅުންނަށް އެރުވުމަށްޓަކައި، އަޅުގަނޑު ޤަޞްދުކުރަނީ ޒުވާނުންގެތެރެއިންވެސް ވަރަށް ގިނަ ޢަދަދެއްގެ ބޭފުޅުން މަޝްވަރާ މަޖީލީހުގައި ހިމެނުމަށް. ދެން އެ މަޖިލީހުގައި އަޅުގަނޑުވެސް އިންނަގޮތަށް. އެހެންވީމާ، ސީދާ އަޅުގަނޑާ ބައްދަލުކުރައްވައި، އެބޭފުޅުންވެސް ޚިޔާލުފުޅުތައް ހުށަހަޅުއްވައި، އެއާ ދޭތެރޭގައި އަޅުގަނޑުމެން ވިސްނާފައި، އަޅުގަނޑުމެން ނިންމާ ގޮތްތައް، އެ އޮންނަ އުޞޫލެއްގެ ދަށުން އެއާ ދޭތެރޭގައި ފިޔަވަޅު އެޅޭނެ އިންތިޒާމުވެސް ހަމަޖެއްސުން އެއީ ބޭނުންކަމެއް.

އެހެން މިދެންނެވީ ބައެއްކަހަލަ ކަންތައްތަކަކީ، ރައްޔިތުންގެ މަޖިލީހުން ނިންމަންޖެހޭނެ ކަންތައްތައް ކަމަށްވާތީ. ޤާނޫނެއް ހެދުމަކީ، ޤާނޫނަށް ބަދަލެއް ގެނައުމަކީ، ރައްޔިތުންގެ މަޖިލީހުގެ އިޚްތިޔާރުގައި އޮންނަ ކަމެއް. އެހެންވީމާ، އެކަން ދާންޖެހޭނީ އެމަގުން. އަދި އެނޫންވެސް އެހެން އުޞޫލެއްގެ ދަށުން، އެހެން ފަރާތެއްގެ ފިޔަވަޅު އެޅުއްވުމެއް، އޭގައި ހިމެނޭކަހަލަ ކަމެއް ވެއްޖިއްޔާ، އެފަރާތަކަށް ދާންޖެހޭނެ. އެކަހަލަ ކޮންމެވެސް ހަރުދަނާ ރަނގަޅު އުޞޫލެއްގެ ދަށުން މަޝްވަރާ މަޖިލީހަށް އަންނަ ޚިޔާލުތަކަށް ޢަމަލީސިފަ ގެނައުމުގެ އިންތިޒާމުވެސް ހަމަޖައްސަންޖެހޭނެ.

އާދެ، އަޅުގަނޑުމެން ޤައުމީ މައްސަލަތަކާ ދޭތެރޭ ވިސްނާއިރު، އަދި އެކަންތައްތަކަށް ޙައްލު ހޯދަން މަސައްކަތްކުރާއިރު، ބައެއްކަހަލަ މައްސަލަތަކަކީ، މާ އަވަސް ޙައްލެއް ފެންނަންހުރި ކަންތައްތަކެއް ނޫންކަން އަޅުގަނޑުމެން ޤަބޫލުކުރަންޖެހޭނެ. މާ ސާދާގޮތެއްގައި، މާ އަވަސް ޙައްލެއް ކޮށްލައިގެން، މިވެނި ކަމެއް ރަނގަޅުވެދާނެއޭ، އެހެން ޤަބޫލުކުރެވޭ ކުރެވުން އަޅުގަނޑުމެން ވާނެ، އެއިން އެއްކިބާވާން.

ވަރަށްގިނަ ކަންތައްތަކަކީ އެ މައްސަލަތައް އެހެން ދިމާވުމުގައި، ތަފާތު ކަންތައްތައް އޭގައި އެކުލެވިފައިވާ ކަންތައްތައް. އެހެންވީމާ، ހަމައެކަނި ވަކިކަހަލަ ފިޔަވަޅެއް އަޅައިގެން، މުޅި މައްސަލަ ޙައްލުވުމަކީ ކައިރީގައި އޮންނާނެ ކަމެއްނޫން. މިސާލެއް ދަންނަވަންޏާ، ސަރުކާރަށް މީހުން ނުލިބުމުގެ ކަންތައް. މިހާރު ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ، ސަރުކާރުގެ ދާއިރާއަށް މީހުން ލިބުން ވަރަށް މަދުކަން. އެހެންވީމާ، ބައެއް އޮފީސްތަކުގެ މަސައްކަތަށް ވަރަށްބޮޑު ހުއްޓުމެއް އަންނަންޖެހޭކަން.

ބައެއްމީހުން ބުނަނީ މުސާރަ ބޮޑުކޮށްލީމާ އެކަން ހަމަޖެހޭނެއޭ. އެއީ މިދަންނަވާ ކަހަލަ ސާދާ އަވަސް ޙައްލަކަށް އެދެވޭއިރު ޚިޔާލުކުރެވޭގޮތަކީ. އެކަމަކު އެނގިވަޑައިގަންނަވާނެ. ހަމައެކަނި މުސާރަ ބޮޑުކޮށްލިޔަކަސް، މިހާރަކު އެހެންވާކަށް ނޯންނާނެ. އެހެން މިދަންނަވަނީ ކުރިން އެހެން ޤަބޫލުކުރެވުނު ކަމުގައިވިޔަސް، މިހާރު ބައެއް އަމިއްލަ ފަރާތްތަކުން ދޭ މުސާރަ، ސަރުކާރުން ދޭ މުސާރައަށްވުރެ، އެތައް ގުނައެއް އިތުރު. އެހެންނަމަވެސް، އެފަރާތްތަކަށްވެސް މިހާރު އުޅެނީ މުވައްޒަފުން ނުލިބިގެން. އެހެންވީމާ، އެއީ ހަމައެކަނި މުސާރައިގެ މައްސަލައެއް ނޫންކަން އަޅުގަނޑުމެން ގަބޫލުކުރަންޖެހޭ.

އަނެއް މިސާލަކީ، މާލޭގެ މައްސަލަތައް. މިސާލަކަށް، މާލޭގައި މިހާރު 56000 މީހުން ދިރިއުޅެމުން އެބަގެންދޭ. ނުވަތަ އެއަށްވުރެ ގިނަވެސް ވެދާނެ. އޭގެ ސަބަބުން މާލެއަށް ކުރިމަތިވެފައިވާ ޞިއްޙީ މައްސަލަތަކާއި، އިޖުތިމާޢީ މައްސަލަތަކާއި، ތިމާވެށްޓާބެހޭ މައްސަލަތަކާ، މިކަހަލަ ވަރަށްގިނަ މައްސަލަތަކެއް އެބަހުރި.

ބައެއް މީހުން ބުނެފާނެ، ރާއްޖެތެރޭގައި ސްކޫލްތައް ހެދީމާ، މަދަރުސާތައް ހެދީމާ، ހޮސްޕިޓަލް ހެދީމާ އެކަން ޙައްލުވާނެއޭ. އެކަމަކު އެހެނެއްނުވާނެ. އެއީވެސް މަގެއް. އެއީވެސް ޙައްލުކުރުމަށް އަޅަންޖެހޭނެ ފިޔަވަޅެއް، އެ ފިޔަވަޅު ސަރުކާރުން ގެންދަނީ އަޅަމުން. ތިޔަބޭފުޅުންނަށްވެސް އެނގިވަޑައިގަންނަވާނެ، ކޮންމެ އަތޮޅެއްގައިވެސް މިހާރު ސަރުކާރު ސްކޫލެއް ހުންނާނެ. ނެތް އަތޮޅެއް ނެތް. ސަރަޙައްދީ ހަސްފަތާލުތައްވެސް ހަތަރު ތަނެއްގައި އެބަހުރި.

އަޅުގަނޑުވެސް އެއްބަސް. މާލޭގައި އެ ޚިދުމަތްތައް ދެވެންހުރި ފެންވަރަކަށް އަދި އެ ޚިދުމަތްތައް ރާއްޖެތެރޭގައި ދެވޭކަށެއް ނެތް. އެއީވެސް ސަބަބުތަކެއް ހުރެގެން. އެ ޚިދުމަތްތަކުގެ ފެންވަރު މަތިކުރެވޭތޯ ސަރުކާރުން ގެންދަނީ މަސައްކަތް ކުރަމުން. އެހެންނަމަވެސް، މިދެންނެވި ފިޔަވަޅުތައް އެހެން އެޅުމަކުންވެސް މާލެއަކަށް މާބޮޑު އެނގުމެއްނުވޭ. އެހެންވީމާ، އަޅުގަނޑުމެން ވިސްނަންޖެހޭ، ހަމައެކަނި އެއީއެއް ނޫންކަން ޙައްލަކީ. އޭގެ އިތުރުން ކިތަންމެ ކަމެއް ކުރަން އެބަޖެހޭކަން.

ތިމާވެށީގެ މައްސަލަތައްވެސް، ކުރިން ދެންނެވި ފަދައިން، އެއީވެސް ހަމައެކަނި ޤާނޫނެއް ހަދައިގެން، މަގުމައްޗަށް ނުވަތަ މޫދަށް ކުނިއަޅާ މީހާ، އެކި މަނާ ވައްތަރުގެ ތަކެތި، ކުނި، އުކާލާ މީހާ ގެނެސްފައި އަދި ބަންދުކުރިޔަކަސް، އެކަމެއް ޙައްލެއް ނުވާނެ. އެހެންވީމާ، އެކަހަލަ ސިމްޕްލިސްޓިކް ނުވަތަ ސާދާގޮތަކުން މިކަން ހަމަޖެހިގެން ހިނގައިދާނެއޭ، ހިތަށްއަރާ ހިތަށްއެރުންވެސް އަޅުގަނޑުމެން ޖެހޭނެ ބަދަލުކޮށްލަން. އެއަށްވުރެ މާބޮޑެތި މައްސަލަތައް އެހުންނަނީ، މާގިނަ ކަންތައްތައް އޭގައި އެކުލެވިފައި. އެހެންވީމާ، އެ ހުރިހާ ދިމާއަކަށް ވިސްނާފައި، އެކަށީގެންވާ ރަނގަޅު ޙައްލެއް ހޯދަންޖެހޭނީ. އެހުރިހާ ކަމެއް ޙައްލުވާފަދަ، ހުރިހާ ދިމާޔަކަށް ނަޒަރު ހިންގާފައި އޮންނަ ޙައްލެއް.

އެކަމެއް އެހެންވާން އެ މެދުވެރިވަނީ ކޮން ސަބަބުތަކެއްތޯ ބަލާފައި، އެހުރިހާ ސަބަބަކަށް އެޙައްލު ރައްދުވާންޖެހޭނެ. އެހެންވީމާ، އަޅުގަނޑު މިދަންނަވަނީ، އެއީ، ކިތަންމެ ފުޅާ ދާއިރާއެއްގައި މަޝްވަރާކުރިޔަސް، ބައެއްކަހަލަ މައްސަލަތަކަކީ، އެއަށް މާ އަވަސް ޙައްލެއް، އަޅުގަނޑުމެންނަށް ފެންނަން ނެތް މައްސަލަތަކެކޭ. އަޅުގަނޑުމެން އެކަންޏެއްނޫން، ދުނިޔޭގެ އެހެން ޤައުމުތަކުގައިވެސް އެހެންވަނީ. އެއްވެސް ޤައުމެއްގައި ދިމާވެފައި ހުންނަ ހުރިހާ މައްސަލަތަކަކީ، އެމީހުންނަށް ޙައްލުކުރެވޭ މައްސަލަތަކެއް ނޫން. އެންމެކުޑަވެގެން އެމެރިކާގައިވެސް. ދުނިޔޭގައި އޮތް އެންމެބޮޑު ޤައުމު. އެންމެ ބާރުގަދަ ޤައުމު. އެންމެ މުއްސަނދި ޤައުމު. އެކަމަކު އެމީހުންނަށްވެސް ޙައްލު ނުކުރެވިގެން އުޅޭ ބައިވަރު މައްސަލަތައް އެހެރީ. ޔޫރަޕްގެ ކުރިއަރާފައިވާ ޤައުމުތަކުގައިވެސް.

އެހެންވީމާ އަޅުގަނޑުމެން، އަޅުގަނޑުމެންނަށް ކުރިމަތިވާ މައްސަލަތައް ވަގުތުން ވަގުތަށް ޙައްލު ނުކުރެވިގެން، އެކަމާ މާބޮޑަށް ކަންބޮޑުވާކަށް ނުޖެހޭ. ކެތްތެރިކަން ހުންނަންޖެހޭނެ. އެހެން ނަމަވެސް، އެކަންތައްތައް ޙައްލު ކުރުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް ކެރިގެން އަޅަންޖެހޭނެ.

އާދެ، ދެން އަޅުގަނޑުގެ ވާހަކަ ނިންމާލަމުން، މިހާރު ގަޑިއެއްގެއިރަށްވުރެވެސް ގިނައިރުވެއްޖެ. ވަރަށް ބޮޑަށް މަޢާފް ކުރެއްވުން އެދެން. އެހެންނަމަވެސް، ކުރިންވެސް ދެންނެވިފަދައިން، މި ޖުމްހޫރީ ދުވަހަކީ، ސަރުކާރު ހިންގުމާއި، ރައްޔިތުންގެ ކަންތައްތަކާ ދޭތެރޭގައި ޚިޔާލުކުރަންޖެހޭ މުނާސަބަތަކަށްވާތީ، އަދި އަޅުގަނޑު ހިތުގައި ހުރި ޝުޢޫރުތައް ތިޔަބޭފުޅުންނާ ޙިއްޞާކުރަން ބޭނުންވާތީ، ތަންކޮޅެއް ދިގުވެގެންދިޔައީ. އަޅުގަނޑު ދެކޭގޮތުގައި މިހުރިހާ ކަމެއް، މިދެންނެވި ގޮތުގެ މަތިން ގެންދިޔުމަށް އެންމެބޮޑަށް އެހީވެދޭނެ ކަމަކީ، ކޮންމެ މީހަކުވެސް އެމީހެއްގެ މަސްއޫލިއްޔަތު ފުރިހަމައަށް އަދާކުރުމަށް ޤަބޫލުކުރުން، ރުހުން. އެމީހެއްގެ މަސްއޫލިއްޔަތު، އެމީހެއްގެ ކޮނޑުގައި އެޅުމަށް ރުހުން. އަދި މަސްއޫލިއްޔަތު ކޮނޑުގައި އަޅައިގެން، އެ ކުރެވޭ ކަމަކާމެދު ޒިންމާދާރީވާން ޖެހޭނެކަންވެސް ޤަބޫލުކޮށްގެން.

އަޅުގަނޑުމެންގެ ތެރެއަށް މަސައްކަތުގެ އަޚްލާޤެއް ގެންނަންވެއްޖެއޭ، ތަންކޮޅެއް ކުރިންވެސް އަޅުގަނޑު ދެންނެވި ހަނދާންވޭ. މަސައްކަތުގެ އަޚްލާޤަކީ، މަސައްކަތަށް ފަރުވާތެރިކަން ބެހެއްޓުން. މަސައްކަތުގައި އަދާކުރަންޖެހޭ ވަގުތު، އެމަސައްކަތުގައި ހޭދަކުރުން. އެ މަސައްކަތަކަށްޓަކައި ތިމާގެ ވިސްނުމާއި، ޚިޔާލާއި އަދި ކުރަންޖެހޭ ކަންތައްތައް، އެ ކުރަންޖެހޭ ގޮތެއްގެ މަތިން ކުރުން. ބޭކާރު ގޮތެއްގައި ވަގުތުނަގާނުލުން. ތިމާޔަށް މުސާރަ ލިބޭ މަސައްކަތެއްގެ ވަގުތު ބޭކާރު ނުކުރުން. މިކަހަލަ އަޚްލާޤުތަކެއް އަޅުގަނޑުމެން ލިބިގަންނަންވެއްޖެ. ހަމަ އެއާއެކުގައި، ޒިންމާ އުފުލަންވެސް ކެރެންވެއްޖެ. އެމީހަކަށް ކުރެވޭ ކުށުގެ ޒިންމާ، އެމީހަކު އުފުލަންޖެހޭނެ. އެކަމާ ދޭތެރޭގައި ސަރުކާރުން ސުވާލުކުރިޔަސް، އެކަމާ އިޢްތިރާޟު ކުރާކަށް ނުޖެހޭނެ. ކުރަން ހިތަށްވެސް އަރައިގެނެއް ނުވާނެއޭ އަޅުގަނޑަށް ދަންނަވަންޖެހެނީ.

ދެން އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، ރާއްޖެ މިހާތަނަށް ދުނިޔެއަށް ދައްކައިދީފައިވަނީ ވަރަށް ރަނގަޅު ނަމޫނާއެކޭ. އެހެން މިދަންނަވަނީ، ދޭތެރެ ދޭތެރެއިން އެކި ކަންކަމުގައި ރާއްޖެއިން ބޭރަށް އަޅުގަނޑަށް ކުރަންޖެހޭ ދަތުރުތަކުގައިވެސް، އަޅުގަނޑު އެންމެ އަޅައިގަންނަ ކަމަކީ، އެހެން ތަންތަނާ އަޅައިބަލާއިރު، ރާއްޖޭގެ ނިކަމެތިކަމާއި ފަޤީރުކަން. މިހެން ދެންނެވިޔަސް، އެއްޗެކޭ ހީނުކުރައްވާތި. ރާއްޖެއަކީ ވަރަށް ކުޑަކުޑަ ޤައުމެއް. ވަރަށް މީސްކޮޅު މަދު ތަނެއް. ޤުދުރަތީ މުއްސަނދިކަމުގެ މާގިނަ ވަސީލަތްތަކެއް ނެތް ތަނެއް. ދުނިޔޭގެ ކިތަންމެ ކުޑަ އެހެން ތަނަކަށް ބަލައިލިޔަސް، މުޅިން އެގޮތަށް ހުރި ތަންތަނެއް ނުފެނޭ.

އަޅުގަނޑުމެންނަށްވުރެ މީސްކޮޅު މަދު ތަންތާނގައިވެސް މާބޮޑު ބިންއޮވޭ. ބިމަކީވެސް ވަރަށް މުހިއްމު އެއްޗެއް، ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ، ބިން ނެތިގެން އަޅުގަނޑުމެންނަށް ނުކުރެވިފައި ހުރި ކިތަންމެ ކަމެއް އެބަހުރި، ކުރަން ބޭނުންވާ. ކޮންމެހެން ކުރަންޖެހޭ ކަންތައްތަކެއް. ރާއްޖޭގެ ބިންކޮޅު ކުޑަކަމުން، ޖަޒީރާތައް ކުދިކަމުން، އަޅުގަނޑުމެންނަށް މި ތިބެންޖެހެނީ ނުކުރެވިފައި. މިސާލަކަށް، ސޭޝެލްސް އެއީ، އަޅުގަނޑުމެންނަށްވުރެ މާ މީސްކޮޅު މަދު ޤައުމެއް. ފަސްދޮޅަސް ހާސް، ހަތްދިހަ ހާސް މީހުން ތިބެނީ. ރާއްޖޭގައި ދެލައްކައަށްވުރެ ގިނައިން މީހުން އެބަތިބި. އެކަމަކުވެސް އެތާނގެ ބިން މާބޮޑު. އެބިމުގައި އެބަހުރި މުއްސަނދިކަން. އެހެންވީމާ، އެއީވެސް އެމީހުންނަށް ލިބިފައި އޮންނަ ވަރަށް ބޮޑު މުއްސަނދި ކަމެއް. އަދި ޖަޒީރާތަކުގެ ގޮތުގައި ހުންނަ ތަންތަންވެސް އެބަހުރޭ. އަޅުގަނޑުމެންނަށްވުރެ މާ ބޮޑެތި ޖަޒީރާތައް، ގިނައިން ހުންނަނީ އެހެން ޤައުމުތަކުގައި. އަދި އަޅުގަނޑުމެންހާ ފަސްގަނޑު ތިރި ތަންތަންވެސް ވަރަށް މަދު އިނގޭތޯ. ހަމައެކަނި ރަށްތައް ކުދީކީނޫން. ފަސްގަނޑުވެސް ތިރީ. އެހެންވީމާ، ކަނޑުގެ ލޮނުގަނޑު އުސްވީމާވެސް، އަޅުގަނޑުމެން މާބޮޑަށް ހާސްވާންޖެހޭ. އެހެން ތަންތަނުން އެހާބޮޑަކަށް ހާސްވާކަށް ނުޖެހޭ. އެމީހުންނަށް އެބަހުރި، އެހެން ތަންތަނަށް ދެވެން ރައްކާތެރިކަން ހޯދަން. އަޅުގަނޑުމެންގެ އެންމެ ކައިރީގައިވާ އަވަށްޓެރި ޤައުމު، ޝްރީލަންކާ، އެއީވެސް ކުޑަ ޤައުމެއް، ދުނިޔޭގެ ނިސްބަތުގައި. އެހެންނަމަވެސް، އެތަނުގެވެސް ބިން ވަރަށް މޮޅު. އުސް ތަންތަން އެބަހުރި. ބިމުގައި އެކި ވައްތަރުތަކުގެ ޖަވާހިރުވެސް އެބަހުރި. ފަސްގަނޑު މޮޅުކަމުން ނުހެދޭ އެއްވެސް ކަހަލަ ގަސްގަހާގެއްސެއްވެސް ނެތް. އެމީހުންނަށް ކުރިއެރުން ލިބޭ ހުރިހާ ކަމެއް ހަމަޖެހިފައި އޮތީ. އަޅުގަނޑުމެންގެ ރާއްޖޭގައި އެހެނެއް ނެތް.

އަޅުގަނޑު ދަންނަވަން މިއުޅެނީ، އަޅުގަނޑުމެންގެ ރާއްޖެއަކީ މިހާ ނިކަމެތި، ޤުދުރަތީ މުއްސަނދިކަމުގެ ގޮތުން މިހާ ފަޤީރު ތަނެއް ކަމުގައިވިޔަސް، އަޅުގަނޑުމެން ދުނިޔެއަށް ވަރަށް މޮޅު ނަމޫނާއެއް ދައްކައިދީފީމުއޭ. އެއީ، އަޅުގަނޑުމެން ފަޚްރުވެރިވާންޖެހޭނެ ކަމެއް. އެއީ، އަޅުގަނޑުމެންގެ ތަރައްޤީ، އެހެން ތަންތަނާ އަޅައިބަލާއިރު، ކުރިއަރަމުން ގޮސްފައިވާލެއް ބޮޑުކަމުން، އަވަސްކަމުން. އެންމެ މިސާލެއް ދަންނަވާލިޔަދެއްވާ. އެއީ ޤައުމީ އުފެއްދުންތެރިކަމުގެ ތެރެއިން ބޮލަކަށްޖެހޭ މިންވަރު، ޖީ.ޑީ.ޕީ.ގެ ޕަރ ކެޕިޓާ، އަޅުގަނޑުމެންގެ ރާއްޖޭގައި ސާރކްގެ އެހެން ހުރިހާ ޤައުމަކަށްވުރެ މާމަތި. އިންޑިޔާއަކީ އަޅުގަނޑުމެންނަށްވުރެ ބޮޑު ތަނެއް. 800 މިލިޔަނަށްވުރެ ގިނަ މީހުން ދިރިއުޅޭ، އެހާބޮޑު ބިޔަ ޤައުމެއް އިންޑިޔާއަކީ. އެހާ މުއްސަނދި ތަނެއްވެސްމެ. ދެންހުރީވެސް އަދި އިންޑިޔާވަރު ނުވިޔަސް، އަޅުގަނޑުމެންނަށްވުރެ މާ ބޮޑެތި ތަންތަން. ތަނުގެ ގޮތުންވެސް، ފަސްގަނޑުގެ ގޮތުންވެސް މޮޅު. ރައްޔިތުންގެ ޢަދަދު ގިނަ. ޤުދުރަތީ މުއްސަނދިކަމުގެ އެހެން ވަސީލަތްތައް ބައިވަރު. އެކަމަކުވެސް، އެހުރިހާ ތަނަކަށްވުރެ އަޅުގަނޑުމެން މި ނިކަމެތި، މި ފަޤީރު، މި މީސްކޮޅު މަދު ދިވެހިރާއްޖޭގެ ބޮލަކަށްޖެހޭވަރު، ޤައުމީ އާމްދަނީގެ، މިހާރު މަތި.

އެހެންވީމާ، އެއީ އަޅުގަނޑުމެން ފަޚްރުވެރިވުން ހަމަ ޙައްޤުކަމެއް. އޭގެ ސަބަބަކީ ކޮބައިތޯ؟ ސަބަބަކީ، އަޅުގަނޑުމެންގެ މަސައްކަތްތެރިކަން ހުރިވަރު. އަޅުގަނޑުމެންގެ ތެރޭގައި، އަޅުގަނޑުމެން ވަރަށް ގިނައިން ކިޔަމު، މަސައްކަތް ނުކުރާ، ވަރަށް ގިނަ މީހުން އެބަތިއްބޭ. އެއީ، ކޮންމެވެސްވަރެއްގެ ޙަޤީޤަތެއްވެސް އެކުލެވިގެންވާ ކަމެއް. އެހެންނަމަވެސް، މަސައްކަތްކުރާ ބަޔަކު، ވަރަށް މުރާލިކަމާއި ވަރަށް ހީވާގިކަމާއެކު މަސައްކަތް ކުރަނީ. އެމީހުން އެކުރާ މަސައްކަތުގެ ނަތީޖާ ފެންނަމުން މިދަނީ ޢަޖައިބުވާހާ މޮޅުކޮށް ރަނގަޅަށް.
އެހެންވީމާ، އަޅުގަނޑުމެން ދުނިޔެއަށް މިހާރު ދައްކަމުން މިގެންދާ މިސާލު، މަސައްކަތްތެރި، ކުރިއަރާ ޤައުމެއްގެ މިސާލު، އެގޮތުގައި ދެމެހެއްޓުމަށްޓަކައި ވަރަށް ބޮޑެތި މަސައްކަތްތަކެއް އަޅުގަނޑުމެން ކުރަން އެބަޖެހޭ. އެއީ، އަޅުގަނޑު ކުރިން މިދެންނެވި އިޞްލާޙުތައް، އަޅުގަނޑުމެންގެ ވިސްނުމަށްވެސް ގެނައުން. އަޅުގަނޑުމެންގެ ޢަމަލުތަކަށް ގެނައުން. އަޅުގަނޑުމެންގެ ހިންގުމުގެ ދާއިރާއަށް ގެނައުން. އަޅުގަނޑުމެންގެ ޤާނޫނުތަކަށް ގެނައުން. އަދި މިހުރިހާ ކަމެއް މިގޮތުގެ މަތިން ކުރުމުގައި އެންމެން އެއްބާރުލައިގެން ކުރިޔަށްދިޔުން.

އާދެ، އެހެންވީމާ އަޅުގަނޑު މި ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި، ރާއްޖޭގެ ރައްޔިތުންނަށް މި ގޮވާލަނީ، ޑިމޮކްރަސީގެ އާ ތަޖުރިބާއެއް ކުރުމަށް. ޤައުމީ އެއްބާރުލުމުގެ އާ ތަޖުރިބާއެއް ކުރުމަށް. މިނިވަންކަމުގެ އާ ތަޖުރިބާއެއް ކުރުމަށް.

އަޅުގަނޑުގެ ދުޢާއަކީ اللهُ سُبْحَانَهُ وَتَعَالَى އަޅުގަނޑުމެން ކުރާ ހުރިހާ މަސައްކަތެއްގައި ހެޔޮ ތައުފީޤު ލެއްވުން. ރާއްޖެ ކުރިއަށް ގެންދިޔުމުގައި، ތަރައްޤީގެ މަގުގައި ހަލުއި ފިޔަވަޅުތަކެއް އެޅުމުގައި، ރައްޔިތުންގެ އެންމެން އެއްބާރުލައިގެން، އެކަތިގަނޑަކަށްވެގެން ކުރިއަރަމުން ދެވޭނެ މަގުތައް އެކަލާނގެ ފަހިކޮށްދެއްވުން. އަޅުގަނޑުމެންގެ ވިސްނުމަށް އިތުރު ތާޒާކަމެއް ގެނެސްދެއްވުން. އަޅުގަނޑުމެންގެ ހިތްތަކަށް އިތުރު ރޫޙެއް، އިތުރު ޢަޒުމްތަކެއް ގެނެސްދެއްވުން. މާތްވެގެންވާ އިސްލާމްދީނުގެ އަލީގައި، ޤައުމީ ޚިދުމަތުގައި އަޅުގަނޑުމެން ކުރަމުންގެންދާ ހުރިހާ ކަމެއްގައި، اللهُ سُبْحَانَهُ وَتَعَالَى ހެޔޮ ތައުފީޤު ލެއްވުން.

والسّــلام عليــكم ورحـمــة اللّـه وبـركاتـه.