بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

ގަދަކީރިތިވަންތަ اللَّـهُ سُبْحَانَهُ وَتَعَالَىٰގެ ކިބަފުޅަށް ޙަމްދާއި ޝުކުރުކުރަން. ކައުއިތުރު ނަބިއްޔާ مُحَمَّـد رســول اللّـه صـلّى الله علـيـه وسـلّمގެ ކިބަޔަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން. އަދި މި ޞަލަވާތާއި ސަލާމުގައި އެކަލޭގެފާނުގެ އާލު އަޞްޙާބުން ޝާމިލުކުރަން.

މިނިސްޓަރ އޮފް ހޯމް އެފެއާޒް ޝައިޚް ޢިމްރާން ޢަބްދުﷲ، ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދު، ޕޮލިސް ބޯޑުގެ ޗެއަރ، ކޮމިޝަނަރ އޮފް ޕޮލިސް (ރިޓަޔަރޑް) އަޙްމަދު ފަޞީޙް، ޕޮލިސް ބޯޑުގެ މެންބަރުން، ޕޮލިސް ސަރވިސަސްގެ އެގްޒެކެޓިވް އޮފިސަރުން، އަދި މި ކޮންފަރެންސްގައި ބައިވެރިވެވަޑައިގެންނެވި އެންމެހައި ބޭފުޅުން، ޙަފްލާއަށް ވަޑައިގެން ތިއްބެވި އެންމެހައި ބޭފުޅުން؛

السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.

އާދެ، މިއީ އަޅުގަނޑަށް އެނގިފައި އޮތް ގޮތުގައި މިފަދަ ގޮތަކަށް ބޭއްވިގެންދިޔަ އެންމެ ފުރަތަމަ ކޮންފަރެންސް. އެނގިވަޑައިގަންނަވާނެ، އާ ހޯދުންތައް ހޯދައި، ކުރާ މަސައްކަތެއް ތަރައްޤީ ކުރުމަށްޓަކައި، އަންނަ ބަދަލުތައް ދެނެގަނެ، އެންމެ ރަނގަޅު އުކުޅުތައް ހޯދައިގަތުމަށްޓަކައި، ކަންކަން މޮޅަށް ކުރުމަށްޓަކައި އަބަދުވެސް ރިސަރޗްކޮށް، ހޯދުންތައް ހޯދުމަކީ އެއީ، މިހާރު މި ޒަމާނުގައި އަޅުގަނޑުމެން އެންމެ އިސްކަންދީގެން ކުރަންޖެހޭނެ ކަންތައްތައް.

އެނގިވަޑައިގަންނަވާނެ، ފުލުހުންގެ ޚިދުމަތަކީ އެންމެ މުހިންމު ޚިދުމަތޭ ދެންނެވިޔަސް ދޮގަކަށްނުވާނެ. މި ޚިދުމަތަކީ މިއީ، އަޅުގަނޑުމެންގެ ތެރެއިން ކޮންމެ މީހަކަށް، ކޮންމެ ރައްޔިތަކަށް އެންމެ މުހިންމު ކަންތައް. އެނގިވަޑައިގަންނަވާނެ، އަޅުގަނޑުމެންނަށް ލިބޭ އެންމެ ބޮޑު ހިތްހަމަޖެހުމަކަށް، ޢާއިލާތަކަށް ލިބޭ، ޤައުމަކަށް އޮންނާނެ އެންމެ ބޮޑު ހިތްހަމަޖެހުމަކަށް ވެގެން މިދަނީ ރައްކާތެރި، އަމާން އޮމާން މާޙައުލެއް ޤާއިމުވެފައި އޮތުން. ސީދާ ހުރިހާ ބޭފުޅުންގެ މަސައްކަތްތައް އަޅުގަނޑުމެންނަށް ނުފެނުނު ނަމަވެސް، އަޅުގަނޑުމެންނަށް އެނގޭ، ޤައުމެއްގައި އެތައްހާސް، އެތައްލައްކަ ބައެއްގެ، މި ދެންނެވި ކަންތައްތައް ޔަޤީންކުރުމަށްޓަކައި ރެޔާއިދުވާލު ބުރަ މަސައްކަތްތަކެއް ކުރާ ބަޔަކު އެބަ ތިބިކަން. އާދެ، މިގޮތަށް މި ކުރެވޭ މަސައްކަތްތައް ތަރައްޤީކޮށް، ރަނގަޅު މި ކުރެވެނީ ވަރަށް ގިނަ ހޯދުންތަކެއް ހޯދައިގެން. ޒަމާނަށް އަންނަ ބަދަލުތަކާއި، ދުނިޔޭގެ އެހެނިހެން ޤައުމުތަކުގައި ގެންގުޅޭ ވައްޓަފާޅިއާ، މި ހުރިހާ ކަމަކާ އަޅުގަނޑުމެންވެސް އަރާހަމަކޮށްގެން.

އެނގިވަޑައިގަންނަވާނެ، ޤައުމެއްގައި ހުންނަ މިފަދަ ކޮންމެ ކަމެއް އެއީ، ފުލުހުންގެ ޚިދުމަތުގެ ކަމަކަށްވީނަމަވެސް، އަދި އެހެނިހެން މުއައްސަސާއެއްގެ ދަށުން ކުރެވޭ މަސައްކަތަކަށްވީ ނަމަވެސް، މައްސަލަތަކަށް އަޅުގަނޑުމެންނަށް ޙައްލު މި ހޯދެނީ، ސޮލިއުޝަންތައް އަޅުގަނޑުމެންނަށް މޭޒާ ހަމައަށް މި ގެނެވެނީ، ވަރަށް ގިނަ ބައެއްގެ މަސައްކަތުން. ޙަޤީޤަތުގައި އަޅުގަނޑުމެންނަށް ގިނަފަހަރު ހީވެފައި އޮންނަނީ، ފުލުހުންގެ ޚިދުމަތް އެއީ، ދެން ފުލުހުންނަށް އޮތް ކަމެކޭ. އެމީހުން އެކަމެއް ކުރާނޭ. އެމީހުން ކުރަންޖެހޭ ކަމެކޭ. ތިމަންނާމެންގެ ހަމަ އެއްވެސް ރޯލެއް، ތިމަންނާމެން ބަލަންޖެހޭނެ ކަމެއް ނޫނޭ އެއީ. ޕޮލިސް ކޮމިޝަނަރެއް ހުންނަވައޭ. އެބޭފުޅާގެ ދަށުން ވަރަށް ބޮޑު ޓީމެއް އޮންނާނެއޭ. އެހެނެއް ނޫން އޮންނަނީކީ. ޤައުމެއްގެ ކަންތައް އޮންނަނީކީ އެގޮތަކަށް ނޫން. އެ ޤައުމެއްގައި ހިނގާ ހަމަ ކޮންމެ ކަމަކީ، އެ ޤައުމެއްގައި ދިރިއުޅޭ، އެ ޤައުމެއްގައި ވަޒަންވެރި، އެ ބައެއްގެވެސް މަސްއޫލިއްޔަތެއް. އެ ބައެއްގެވެސް ޒިންމާއެއް. އަދި ޚާއްޞަކޮށް، އަޅުގަނޑުމެންގެ ތެރޭގައި ތިބި ތަޢުލީމީ، ޤާބިލް، ވިސްނުންތެރި، ޚިދުމަތްތެރި، ކަންކަން ދަންނަ މީހުންގެ އަދި މާބޮޑު ޒިންމާއެއް އޮންނާނެ.

އަޅުގަނޑު ވަރަށް އުފާވެއްޖެ. އެއީ، ވޭތުވެދިޔަ އަހަރުތަކުގައި ޚާއްޞަކޮށް، ވަރަށް ގިނައިން އަޅުގަނޑުމެންނަށް އެކިއެކި ޢިލްމުވެރިންނާ ބައްދަލުވި. ދީނީ ޢިލްމުވެރިންނާއި އަދި އެކެޑަމިކް، ރާއްޖޭގެ ޔުނިވަރސިޓީތަކުގައި މަސައްކަތް ކުރައްވާ ޢިލްމުވެރި ބޭފުޅުންނާއި އަދި އެހެނިހެން ދާއިރާތަކުގެވެސް ޢިލްމުވެރިންނާ އަޅުގަނޑުމެންނާ ބައްދަލުވި. ވަރަށް ގިނައިން އަޅުގަނޑުމެންނަށް މި ވާހަކަތައް ދެކެވޭ. އެ އެންގޭޖްމަންޓް، އެ ބައިވެރިވުން، އިންވޯލްވްމަންޓް ގެންނަންޖެހޭ ވާހަކަ. މިއަދު އަޅުގަނޑަށް އަޑުއިވިގެން މިދިޔައީ، ދެންމެ ކޮމިޝަނަރ އޮފް ޕޮލިސް (ރިޓަޔަރޑް) އަޙްމަދު ފަޞީޙުވެސް އެ ވިދާޅުވި ގޮތުން، ވަރަށް ޝައުޤުވެރިކަމާއެކު، ވަރަށް ބޮޑަށް ބައިވެރިވުން ދެއްވައިފި، މި ދެންނެވި ބޭފުޅުން. އެހެންވީމާ، އެކަމަށްޓަކައި މިކަމުގައި ބައިވެރިވެދެއްވި ހުރިހާ ޢިލްމުވެރި ބޭފުޅުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު އަޅުގަނޑު ޝުކުރު ދަންނަވަން.

އާދެ، އަޅުގަނޑު މިއަދު ހަމަ ފުލުހުންނަށް ދަންނަވާލަން އޮތީ، ފުލުހުންގެ މަސައްކަތް އަޅުގަނޑުމެންގެ ޤައުމުން ފެންނަމުންދާތާ އެތައް އަހަރުތަކެއް ވެއްޖެއޭ. ދިވެހިރާއްޖޭގެ ގާތްގަނޑަކަށް ސަތޭކަ ނަވާރަ ވަރަކަށް ރަށުގައި އަޅުގަނޑަށް މަޢުލޫމާތު ލިބިފައި އޮތް ގޮތުގައި ސީދާ ޕޮލިސް ޕްރެޒެންސް އެބައޮތް. އަދި އެހެނިހެން ރަށްރަށުގައި ނެތް ނަމަވެސް، އެ ރަށެއްގައި ހަމަ ދިމާވާ ކޮންމެ ކަމަކަށް ޕޮލިސްގެ ޕްރެޒެންސް އެ ރަށަކަށް ލިބިގެންދޭ. ތިޔަބޭފުޅުން ކުރައްވާ މަސައްކަތްތައް އަޅުގަނޑުމެންނަށް އެނގޭ. ޤާނޫނުތަކާއި ގަވާއިދުތައް ހެދިފައި މި ހުންނަނީ، ޙަޤީޤަތުގައި އެންމެންނަށް ރަނގަޅަކަށް. ޤާނޫނަށް ބޯލަނބައި ގަވާއިދުތަކަށް ޙުރްމަތްތެރިކޮށްހިތާ ކޮމިއުނިޓީއެއް އޮތުމަކީ އެންމެންގެ މަންފާއަށް އޮތް ކަމެއް. އެންމެ މަތީ މަޞްލަޙަތާ ގުޅިފައި މި އޮންނަނީ. 

އަޅުގަނޑުމެންނަށް ބައެއް ފަހަރު ފެނޭ، މި ދެންނެވި ގޮތަށް އާންމުންނަށް އެންމެ ފަސޭހަވާނޭ ގޮތަށް ކަންތައްތައް ކުރުމުގެ ތެރެއިންވެސް، ކޮންމެވެސްވަރަކަށް އެ ނުރުހުން އަންނަތަން. މިސާލަކަށް، އަޅުގަނޑުމެން އެންމެންނަށް ފެންނަ ކަމެއް، މަގުމަތީގައި، މާލެ ޚާއްޞަކޮށް، ތޮއްޖެހުން މި އޮންނައިރު ހަމަ ފަސޭހަކުރުމަށްޓަކައި، ކަންކަން އިންތިޒާމު ކުރުމަށްޓަކައި ވެހިކަލްތަކާ، މި ކަންތައްތައް ބެލެހެއްޓިގެން މިދަނީ. އެހެންނަމަވެސް، ބައެއްފަހަރު އެކަން ކުރާ ފަރާތްތައް އަޅުގަނޑުމެންނަށް ކުށްވެރިކުރެވޭގޮތްވޭ. އަޅުގަނޑު ދަންނަވާނީ އެއީ، ވަރަށްދެރަ ކަމެކޭ. ހަވާލުކުރެވިފައި ހުންނަ ޒިންމާ އެންމެ ފުރިހަމައަށް އަދާކުރެވޭތޯ މަސައްކަތް ކުރަނީ. މިއިން ކޮންމެ ކަމެއްވެސް ރަނގަޅު މި ކުރެވެނީ، ކުރީގައިވެސް އަޅުގަނޑު މި ދެންނެވި ގޮތަށް، ވަރަށް ގިނަ ބައެއްގެ ބައިވެރިވުން އޮވެގެން.

މިއަދު އަޅުގަނޑަށް ހީވަނީ އަޅުގަނޑުމެން މިފަދަ ކޮންފަރެންސަކުންވެސް ވިސްނަންވީ، އަޅުގަނޑަކަށް ދެން ކޮންފަރެންސްގައި ބައިވެރިއެއްނުވެވޭ މާބޮޑަކަށް. އެ ހުރިހާ އެއްޗެހިތަކެއް އެ ހުށައެޅުއްވީ ކޯއްޗެއްކަން އަޅުގަނޑަކަށް ނޭނގެ. އެހެންނަމަވެސް، މި ޞިއްޙީ ކަންތައްތަކުގައިވެސް އަޅުގަނޑު އަބަދުވެސް މި ދަންނަވަނީ ".Prevention is better than cure" އެއީ އަޅުގަނޑުމެން ގަބޫލުކުރާ ގޮތަކީ. އެހެންވީމާ، އަބަދުވެސް ޕްރިވެންޝަނަށް އަޅުގަނޑުމެން މަސައްކަތް ކުރަންވީ. ކުށެއް ކުރުމުގެ ކުރިން، އަޅުގަނޑުމެންގެ ތެރެއަށް ކަމެއް އާންމުވުމުގެ ކުރިން، އެކަމަކުން ސަލާމަތްނުވެވޭ ހިސާބަށް ދިޔުމުގެ ކުރިން، މީހާ އެކަމުގެ ތެރެއަށް ނުވަންނާނޭ ހުރިހާ ގޮތްތަކެއް އަޅުގަނޑުމެން ހަދަންވީ. އެއީ ކުށަކަށްވިޔަސް އަދި މީހާގެ އުޅުމުގައި ހުންނަ އެހެނިހެން ސިފަތަކަށް ވީނަމަވެސް، އަޅުގަނޑަށް ހީވަނީ އެ މަސައްކަތްހެން ކުރަންވީ. އެކަމަކު މިކަންވެސް ކުރެވޭނީ، އަޅުގަނޑުމެން ގިނަ ބަޔަކު އެކަމުގައި ބައިވެރިވެގެން.

އަޅުގަނޑު ހަމަ ދަންނަވާލަން ބޭނުންވަނީ، ޚާއްޞަކޮށް، އަޅުގަނޑުމެންގެ މައިންބަފައިން، އަޅުގަނޑުމެންގެ ފުރާވަރުގެ ކުދިންނަށް ސަމާލުވާންޖެހެއޭ. އެނގިވަޑައިގަންނަވާނެ، އަޅުގަނޑު މި ދެންނެވި ކުށްތަކަށާއި، އެހެނިހެން ކަންތައްތަކަށް ކުދިން ޝައުޤުވެރިކުރުވާ އެތައް ކަންތައްތަކެއް، އެތައް ވަސީލަތްތަކެއް މިއަދު އަޅުގަނޑުމެންގެ ކައިރިއަށް، އަޅުގަނޑުމެންނާ ހަމައަށް އަތުވެއްޖެ. ގޭތެރެއިން ނުވަތަ ސީދާ ވަށައިގެންވާ އެންމެ ކައިރި ހިސާބުން އަދި އަޅުގަނޑުމެންނަށް ގޯސްކަމެއް ނުފެނުނު ނަމަވެސް، މާދުރު ޤައުމެއްގައި، މާދުރު ހިސާބެއްގައި ހިނގާ ކަންތައްތަކެއް، ނޫނީ ހުންނަ މީހަކު ކުރާ ކަމެއްގެ ސަބަބުންވެސް އަޅުގަނޑުމެންގެ ތެރޭގައި ތިބި ހަމަ ނުލާހިކު ރަނގަޅަށް، ވަރަށް ރީތިކޮށް، ވަރަށް ލޯބިން، ބޮޑުކުރަމުން އަންނަ ކުއްޖާއަށް އޭގެ އަސަރުކޮށް، އަޅުގަނޑު ކުރީގައި މި ދެންނެވި، އަޅުގަނޑުމެންނަށް ދެން ސަލާމަތް ނުކުރެވޭ ހިސާބަށް އެބަދޭ.

އެހެންވީމާ، މިކަމަށް އަޅުގަނޑުމެން ޚާއްޞަކޮށް، މައިންބަފައިން، މިއަދު ސަމާލުވާން ޖެހިއްޖެ. ދަރިއެއް ރަނގަޅު ގޮތުގައި ބޮޑުކުރުމަށްވުރެ، ރަނގަޅު ދަރިއަކު ތިމަންނާއަށް ލިބުމަށްވުރެ ބޮޑު އުފަލެއް، ހިތްހަމަޖެހުމެއް ނެތް. އަޅުގަނޑު ކައިރީގައި ޝައިޚް އަބަދުވެސް ވިދާޅުވަނީ، ދީނީގޮތުންވެސް އެއީ މައެއްގެ މައްޗަށް، ބަފައެއްގެ މައްޗަށް އޮންނަ އެންމެ ބޮޑު ވާޖިބު ކަމަށް. އަދި އެ އަމާނާތް އެންމެ ހެޔޮގޮތުގައި، މުޖުތަމަޢަށް ފައިދާހުރި ގޮތުގައި، އުމުރުން ދުވަސްވާ ދުވަހު އަޅައިލާ، ދަރިން ލިބޭ ދުވަހު ދަރިންނަށް ހެޔޮކޮށްހިތާކަހަލަ ދަރިންގެ ގޮތުގައި، ބައެއްގެ ގޮތުގައި ބޮޑުކުރުމޭ. މިކަންވެސް މި ކުރެވެނީ ސްކޫލް، މަދަރުސާގެ ދައުރުން ފެށިގެން މި ދެންނެވި ކަންތައްތަކުގެ މައްޗަށް އަޅުގަނޑުމެން ވަރަށް ބޮޑަށް ސަމާލުވެ ތިބެގެން.

އެހެންވީމާ، އަޅުގަނޑު ހަމަ ތަކުރާރުކޮށް ދަންނަވަން ބޭނުން. ތަންކޮޅެއް ކުރުކޮށް އަޅުގަނޑު ގެންދެވޭތޯ މި ބަލަނީ. ފެށުމުގައި ވިދާޅުވި އެއްޗަކުން އަޅުގަނޑަށްވެސް ހީވެފައި އޮތީ ތަންކޮޅެއް ކުރުކުރަންޖެހޭހެން. އެހެންނަމަވެސް، އަޅުގަނޑުމެން ހަމަ ވިސްނާލަން ޖެހޭނެ. މިސާލަކަށް، އަޅުގަނޑުމެންގެ ތެރޭގައި އެކްސިޑެންޓްތައް މި ހިނގަނީ. ލައިސަންސް ނެތް އުމުރުގެ ކުދިން ނުވަތަ ލައިސަންސް ނެތި ދުއްވައިގެން ހިނގާ އެކްސިޑެންޓްތައް ހަމަ ވަރަށް ގިނަ، ވަރަށް ގިނަ. އަދި އެފަދަ ކުދިންނަށް ހިތާމަވެރި ކަންތައްތައް ދިމާވެފައި އެބަހުރި. ވަރަށް ހިތާމަވެރި ހާދިސާތައް ހިނގާފައި ހުރީ. ލައިސަންސް ނެތި ދުއްވައިގެން ހަމަ އެކްސިޑެންޓްވެ، މަރުވެގެން ގޮސްފައި އެބަހުރި، އެންމެ ކުއްޖެއް ދެ ކުއްޖެއް ނޫން. ސޯޅަ ސަތާރަ އަހަރުގައި. އަދި ލައިސަންސް އޮތަސް، ސަމާލުކަން ނުދޭ ކަމަށްވަންޏާ، ހިތާމަވެރި ކަންތައްތައް ހިނގާނެ ކަމަށް އަޅުގަނޑުމެން އެންމެންވެސް ގަބޫލުކުރަން. އެހެންނަމަވެސް، އަޅުގަނޑު ދަންނަވަން މި އުޅެނީ، ތަޢުލީމާއި ތަރުބިއްޔަތަކީ އެއީ ހުރިހާ ކަމެކޭ. މުޅި މުޖުތަމަޢަކަށް ފިޓް ކުއްޖަކަށް، މީހަކަށް މީހާ މިވަނީ ކުށްވެސް ނުކުރާ، މި ދެންނެވި ކަހަލަ ކަންތައްތައްވެސް ނުކޮށް، އެންމެންނާ އެކީގައި އުޅެ، ކަންކަމަށް އެޕްރިޝިއޭޓް ކޮށްގެން. ރައްކާތެރި މާޙައުލެއް ޔަޤީންކޮށް ކަށަވަރު ކޮށްދިނުމަށްޓަކައި އަޅުގަނޑުމެންގެ ތެރޭގައި ތިއްބެވި އަޅުގަނޑުމެންގެ ލޯ އެންފޯރސްމަންޓްގެ މަސައްކަތް ކުރައްވާ ބޭފުޅުންވެސް ކުރައްވާ މަސައްކަތްތަކަށް އެޕްރިޝިއޭޓްކޮށް، އެ ކަންތައްތަކަށް އަޅުގަނޑުމެންގެ ބައިވެރިވުން ދިނުން އެއީހެން އަޅުގަނޑަށް ހީވަނީ ކުރަންޖެހޭ ކަމަކީ.

އެނގިވަޑައިގަންނަވާނެ، 21 މާރިޗު 2021 ގައި ޢަމަލުކުރަން ފެށި ދިވެހި ފުލުހުންގެ ޚިދުމަތުގެ ޤާނޫނުގައިވެސް ވަރަށް ގިނަ ކަންތައްތަކެއް އެބަހުރި. އޭގެ ތެރޭގައި، ކޮމިއުނިޓީ ޕޮލިސިންގއާއި އަދި ކޮމިއުނީޓީގެ ބައިވެރިވުން، ޖަމުޢިއްޔާ ޖަމާޢަތްތަކުގެ ބައިވެރިވުން އިތުރުކޮށް، ގާތުން މަސައްކަތް ކުރުމަށް ވަރަށް ބޮޑަށް ބާރުއަޅައިފައިވޭ. އަޅުގަނޑު ގަބޫލުކުރަނީ، ގިނަ ކަންތައްތަކެއް ކުރެވެމުން އެބަދާކަމަށް. ވަރަށް ގިނަ އިޞްލާޙީ ހެޔޮ ބަދަލުތައް އެބަ އާދޭ. މި މަސައްކަތްވެސް އަޅުގަނޑު ގަބޫލުކުރަނީ، ކުރެވޭނީ މިފަދަ ކޮންފަރެންސްތަކުން، މިފަދަ މަސައްކަތްތަކުން، ރިސަރޗްތަކުން އެ ހޯދޭ ހޯދުންތަކާއެކީ، އަޅުގަނޑުމެން އެންމެންގެވެސް ބައިވެރިވުން އެކަމަށް ދީގެން.

އާދެ، އެއްވެސް މީހަކީ އަޅުގަނޑު ގަބޫލެއް ނުކުރަން، މުޖުތަމަޢުން ބާކީވެގެން، އެކަހެރިވެގެން އުޅެންޖެހޭ މީހެއް ކަމަކަށް. އެއީކީ ނޫން އަޅުގަނޑުމެން ބޭނުންވާ ކަމަކީ. ހަމަގައިމުވެސް އަޅުގަނޑުމެން ވަރަށް ދެރަވޭ، ކޮންމެ ފަދަ ކަމެއްވިޔަސް، އެއްވެސް މީހަކު ކުށެއް ކުރުން އެއީ، އަޅުގަނޑުމެން ހަމަގައިމުވެސް ބޭނުންވާ ކަމެއް ނޫން. އެމީހެއްގެ ދަރިންނާއި ޢާއިލާއާ ދުރުގައި އެތައް އަހަރުތަކެއް ވަންދެން ޖަލެއްގައި، ނޫނީ ތަނެއްގައި ބަންދުވެފައި ހުރުމަކީ.

އެހެންވީމާ، އަޅުގަނޑުމެން ވިސްނަން އެބަޖެހޭ. ދުނިޔެއަށް އަންނަނީ މައިންބަފައިންނާއި، ދަރިންނާއި، ލޯބިވާ އެންމެންނާއި، ގާތް ރަށްޓެހިންނާއެކު އުފާވެރިކަމާއެކު ދިރިއުޅެން. ޖަލުގައި އުޅޭކަށް ނޫން. އެހެންވީމާ، މިހިރަ ކަންތައްތަކަށް އަޅުގަނޑުމެން ވިސްނަން އެބަޖެހޭ. މިފަދަ ކުޑަ މުޖުތަމަޢެއްގައި އަޅުގަނޑުމެންނަށް ނުވާނީ ކޮންކަމެއްތޯ، އެންމެން އެކުގައި މަސައްކަތްކޮށްފި ކަމަށްވަންޏާ. މުސްލިމް ރައްޔިތެއް، އެކުވެރި ބައެއް، ވަރަށް ގާތްކޮށް އަވަށްޓެރިންނާއެކު އުޅުނު ބައެއް. ޖެހިގެން ހުންނަ ގޭ ކުއްޖާ ފަންސަވީސް އަހަރަށް ކޮންމެވެސް ކަމެއް ކޮށްގެން ޖަލުގައި އޮތީމަ، ހަމަ އަނެއް ގޭ މީހާގެ ހިތަށްވެސް އަސަރުވެސް ކުރޭ. އެހެންވީމާ، މި ކަންތައްތައް ބަދަލުކުރަންވީ. އެއީ ކުރެވޭނެ ކަމެއް. އަޅުގަނޑުމެންގެ މައްޗަށް މި އޮންނަނީ މަސައްކަތް ކުރުން. އަޅުގަނޑުމެންނަށް މާތްﷲ އަންގަވާފައި މި އޮންނަނީ، ހެޔޮ މަސައްކަތްތައް ކުރުމަށް. އެއީ އަޅުގަނޑުމެން ހެޔޮހިތުން ހެޔޮ ނިޔަތެއްގައި ކުރާ ކަމަށްވަންޏާ ކުރެވޭނެ ކަމެއް.

އެހެންވީމާ، އަޅުގަނޑު ހަމަ ނިންމާލަމުން، އެ ވާހަކަ ދަންނަވާލީ. އަޅުގަނޑުގެ އުންމީދަކީ، އަޅުގަނޑު ގަބޫލުކުރަނީ އިރާދަކުރެއްވިއްޔާ، ކުރިޔަށް އޮތް ތަނުގައިވެސް ޤައުމަށް ހެޔޮ ބަދަލުގެނައުމަށްޓަކައި ޚާއްޞަކޮށް، މި ދެންނެވިފަދަ ޢިލްމުވެރި ބޭފުޅުން، ޤައުމަށްޓަކައި ވިސްނަވާ ބޭފުޅުން، ޤައުމުގެ މަޞްލަޙަތު ޙިމާޔަތްކޮށް، އެންމެންގެ ރައްކަލަށްޓަކައި، އެންމެންގެ މަޞްލަޙަތަށް ވިސްނަވާ ބޭފުޅުންގެ ބައިވެރިވުން އިތުރަށް ލިބިގެންދާނެ ކަމަށް.

އެނގިވަޑައިގަންނަވާނެ، މާދަމާ ނޫން އަނެއް ދުވަހު، އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ރަމަޟާން މަހަށް ކުރިމަތިމިލަނީ. އެހެންވީމާ، މި ފުރުޞަތުގައި ތިޔަ އެންމެހައި ބޭފުޅުންނަށާއި އަދި ރާއްޖޭގެ ލޮބުވެތި ހުރިހާ ރައްޔިތުންނަށް ރަމަޟާން މަހުގެ ތަހުނިޔާ އަޅުގަނޑު ދަންނަވަން.

އަޅުގަނޑުގެ ދުޢާއަކީ، މި ބަރަކާތްތެރި ރަމަޟާން މަހުގެ ދަރުމައާއި ޘަވާބު އަޅުގަނޑުމެންނަށް މިންވަރު ކުރައްވައި، އަޅުގަނޑުމެންނަކީ ހެޔޮކޮށް ރަނގަޅަށް އުޅޭ ބައެއްގެ ގޮތުގައި އުޅުމުގެ ހެޔޮ ތައުފީޤު އަޅުގަނޑުމެންނަށް اللَّـهُ سُبْحَانَهُ وَتَعَالَىٰ މިންވަރު ކުރެއްވުން. އަދި ޚާއްޞަކޮށް، ދިވެހި ފުލުހުންގެ ޚިދުމަތުގެ ފަރާތުން ރާއްޖޭގެ އަމާންކަން ޤާއިމުކުރުމަށްޓަކައި އެ ކުރައްވާ ހެޔޮ މަސައްކަތުގައި اللَّـهُ سُبْحَانَهُ وَتَعَالَىٰ ބަރަކާތްލެއްވުން. އަޅުގަނޑުމެން އެންމެންނަށް އަދަށްވުރެ ފެހި ކާމިޔާބު މާދަމާއެއް މިންވަރު ކުރައްވާށި. އާމީން.

وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.