ރިޕަބްލިކް އޮފް ކޮރެއާގެ ރައީސްގެ ޚާއްޞަ މަންދޫބެއްގެ ހައިސިއްޔަތުން، ސީނިއަރ ސެކްރެޓަރީ ޓު ދަ ޕްރެސިޑެންޓް ފޮރ ޕޮލިޓިކަލް އެފެއާޒް، ހިޒް އެކްސަލަންސީ ލީ ޖިން ބޮކް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަޞީމްގެ އަރިހަށް އިޚުތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން އޮތީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބާ ކޮރެއާގެ ރައީސްގެ ޚާއްޞަ މަންދޫބު ވަނީ ދެޤައުމުގެ ދެމެދުގައި ސީދާ ވައިގެ ދަތުރުފަތުރުގެ ގުޅުން އަލުން ޤާއިމުކުރުމަށާއި، ދެ ޤައުމުގެ މަސްލަޙަތާއި ގުޅޭ ދާއިރާތަކުން ދިމާވާ މައްސަލަތަކަށް ޙައްލު ހޯދުމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ. މީގެ އިތުރުން ތަޢުލީމާއި ފަތުރުވެރިކަމާއި ވިޔަފާރީގެ ދާއިރާއާއި އިންވެސްޓްމަންޓްގެ ދާއިރާއިން ގުޅުން ބަދަހިކުރުމާއި މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ގޮތުން ގުޅުން ބަދަހިކުރުމާއި ދެމެހެއްޓެނިވި ލަނޑުދަނޑިތައް ޙާޞިލްކުރުމާ ގުޅޭ ގޮތުން ދެ ބޭފުޅުން މަޝްވަރާ ކުރެއްވެވިއެވެ.

މި ބައްދަލުކުރެއްވުމުގައި، ރައީސުލްޖުމްހޫރިއްޔާގެ ނައިބާ ކޮރެއާގެ ރައީސްގެ ޚާއްޞަ މަންދޫބު ވަނީ ރާއްޖޭގެ ޞިއްޙީ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުގެ އިންސާނީ ވަޞީލަތް ތަރައްޤީކުރުމުގައި ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ. ޞިއްޙީ ޚިދުމަތުގެ ދާއިރާއިން އިތުރަށް ގުޅުން ބަދަހިކުރުމާ ބެހޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ، ކޯވިޑް-19ގެ ބަލިމަޑުކަމުގެ ތެރޭގައި ކޮރެއާ ސަރުކާރުން ރާއްޖެއަށް ދެއްވި ދީލަތި އެހީތެރިކަމަށް ޝުކުރު އަދާކުރައްވާފައެވެ.

ދިވެހިރާއްޖެއިން ދެކުނު ކޮރެއާއާއެކު ސިޔާސީ ގުޅުން ޤާއިމްކުރީ 1966 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 30 ވަނަ ދުވަހުއެވެ.