بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

ގަދަކީރިތިވަންތަ اللَّـهُ سُبْحَانَهُ وَتَعَالَىٰގެ ކިބަފުޅަށް ޙަމްދާއި ޝުކުރުކުރަން. ކައުއިތުރު ނަބިއްޔާ مُحَمَّـد رســول اللّـه صـلّى الله علـيـه وسـلّمގެ ކިބަޔަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން. އަދި މި ޞަލަވާތާއި ސަލާމުގައި އެކަލޭގެފާނުގެ އާލު އަޞްޙާބުން ޝާމިލުކުރަން.

މިނިސްޓަރ އޮފް އެޑިޔުކޭޝަން ޑޮކްޓަރ ޢާއިޝަތު ޢަލީ، އެޑިޔުކޭޝަން މިނިސްޓްރީގެ އިސްވެރިން، މި ޙަފްލާގައި ބައިވެރިވަޑައިގަންނަވާ ޕްރިންސިޕަލުން އަދި ވަކިން ޚާއްޞަކޮށް، ޕްރިންސިޕަލުންގެ މި ސްކޮލަރޝިޕް ފުރިހަމަކުރެއްވި އެންމެހައި ބައިވެރިން؛

السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.

އާދެ، އެންމެ ފުރަތަމަވެސް، އަޅުގަނޑު މި ސްކޮލަރޝިޕް ފުރިހަމަކުރެއްވި ހުރިހާ ފަރާތްތަކަށް ވަރަށް ބޮޑަށް މަރުޙަބާ ދަންނަވައި އަދި ތަހުނިޔާ އަރިސްކުރަން. އެނގިވަޑައިގަންނަވާނެ، ތަޢުލީމީ ދާއިރާއަކީ މި ސަރުކާރުން އެންމެ ބޮޑު ސަމާލުކަން ދޭ ދާއިރާ. އަޅުގަނޑު ޤަބޫލުކުރަނީ ކޮންމެ ބަޔަކު ތިބިނަމަވެސް ޒަމާނުއްސުރެ ފެށިގެންވެސް، ހުރިހާ ސަރުކާރުތަކުންވެސް އެންމެ ބޮޑު ސަމާލުކަމެއް ދެވޭ ދާއިރާއަކަށް ވާންޖެހޭ ދާއިރާއަކީވެސް ޙަޤީޤަތުގައި ތަޢުލީމީ ދާއިރާކަމަށް. އެއީ، އޭގައި ސަބަބުތަކެއްވެސް ހުރެގެން. ޤައުމެއް ކުރިއަރައިދާ، ޤައުމަކަށް ހަމަޖެހުން ގެނެސް، އެ ތަރައްޤީއަށް ވާސިލުވެވޭނީ ރަނގަޅު ޖީލެއް ބިނާކޮށްގެންކަން އެއީ، އަޅުގަނޑުމެން އެންމެންނަށް އެނގޭ ކަމެއް. މިގޮތުން، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، މި ދާއިރާ ވަށައިގެން ހުރި ހުރިހާ ކަންތައްތަކަށް، އެއްވެސް ކަމެއް ދޫކޮށްނުލައްވައި، އެ ހުރިހާ ކަންތައްތަކަކަށް ޙައްލު ހޯއްދަވައިދެއްވުމަށްޓަކައި ވަރަށް ގިނަގުނަ މަސައްކަތްތަކެއް ކުރައްވާ.

އާދެ، ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ، ވޭތުވެދިޔަ ހަތަރު އަހަރަށް ބަލައިފި ކަމަށްވަންޏާ، މާޒީގައި އެތަކެއް އަހަރުތަކާ އަޅާކިޔައިލާއިރުވެސް، ބައްދަލުނުކުރެވޭހާ މިންވަރަށް ކަންތައްތައް ކުރެވިއްޖެ. އާދެ، މީހުން ބިނާކުރުމުގެ، ޚާއްޞަކޮށް، ޕްރިންސިޕަލުން ބިނާކުރުމުގެ، މި ކަންތައްތަކަށް އެކަނި ބަލައިލިނަމަވެސް، އަޅުގަނޑުމެންނަށް އެބަ ފާހަގަކުރެވޭ.

އެނގިވަޑައިގަންނަވާނެ، ޕްރިންސިޕަލުން ތަމްރީނު ކުރުމުގެ ކަންތައްތަކަކީ، އަޅުގަނޑުމެންގެ މި ފަހުގެ ތާރީޚެއްގައި މިގޮތަށް ކުރިޔަށް ގެންދެވިފައި އޮތް ކަމެއް ނޫން. މި ސަރުކާރުން އަޅުގަނޑު މި ދެންނެވި ކަންތައްތަކުގެ ތެރެއިން މަސައްކަތްތަކެއް އަޅުގަނޑުމެންނަށް ކުރެވިއްޖެ، ސްކޫލްތަކުގެ ވަސީލަތްތައް ޤާއިމުކުރުމަށާއި އަދި ޖާގައިގެ ދަތިކަން ފިލުވުމަށާއި އަދި އެނޫނަސް ވަރަށް ގިނަގުނަ މަސައްކަތްތައް ކުރެވިއްޖެ.

ދެން އެހެންނަމަވެސް، އަޅުގަނޑުމެންނަށް އެނގޭ، މި ސަރުކާރުގައި އަޅުގަނޑުމެންނަށް ވިސްނޭ، ހަމައެކަނި އެ ކަންތައްތަކަކުން އަޅުގަނޑުމެން ބޭނުންވާ ނަތީޖާ ނުނިކުންނާނެކަން. އެންމެ މުހިންމު އެއްބަޔަކަށް، އެއް ދާއިރާއަކަށް މިވަނީ ޕްރިންސިޕަލުން. ފެންވަރު ރަނގަޅު ޕްރިންސިޕަލުންތަކެއް ތިބުމަކީ އެއީ، އަޅުގަނޑުމެން ޤަބޫލުކުރަނީ ސްކޫލެއްގައި ތަޢުލީމީ ނިޒާމަށް ކިޔަވައިދިނުމުގައިވެސް އެންމެ މުހިންމު އެއް ކަންތައް ކަމަށް.

އާދެ، ދެންމެ އަޅުގަނޑަށް މި އެނގުނީ، ތިޔަބޭފުޅުންގެ މި ކޯސް ފުރިހަމަކުރެއްވުމަށްފަހު އަދި މާލޭގެ ސްކޫލްތަކުގައިވެސް ތިޔަބޭފުޅުން އިންޑަކްޝަން ޕްރޮގްރާމެއް ވަރަށް ރަނގަޅަށް ކުރިޔަށް ގެންދަވައިފިކަން. އަޅުގަނޑު މިއަދު ހަމަ ތިޔަބޭފުޅުންނަށް ދަންނަވާލަން އޮތީ، ތިޔަބޭފުޅުން އެ ޕްރޮގްރާމަށް ފުރާވަޑައިގަތުމުގެ ކުރިންވެސް އަޅުގަނޑާ ބައްދަލުވި. ދެން މިއަދު އަޅުގަނޑު މާ ބޮޑަކަށް ހަނދާނެއް ނެތް، އެދުވަހު އަޅުގަނޑަށް ދެކެވުނު ވާހަކަތަކެއް. އެހެންނަމަވެސް، އަޅުގަނޑު މި ޤަބޫލުކުރަނީ ތިޔަބޭފުޅުން ތިޔަ ފުރިހަމަކުރެއްވި ކޯހާއި އަދި ތިޔަ އިންޑަކްޝަން ޕްރޮގްރާމްގެ ތެރެއިންވެސް ތިޔަބޭފުޅުންނަށް ސްކޫލް ހިންގުމުގެ މުހިންމުކަމާއި، އެކަމުން ތިޔަބޭފުޅުންނަށް އިތުރު ފަސޭހަތަކެއް، އިތުރު ކަންތައްތަކެއް ދަސްވެގެންދާނެ ކަމަށް.

އެނގިވަޑައިގަންނަވާނެ، އަޅުގަނޑުމެންނަށް އެންމެ މުހިންމުވަނީ ރަނގަޅު ލީޑަރޝިޕެއް. ސްކޫލަށް ބަލައިފި ކަމަށްވަންޏާވެސް، އެތައް ބަޔަކު ގޮވައިގެން އުޅެން މި ޖެހެނީ. އަޅުގަނޑުމެންގެ ތެރޭގައި ޓީޗަރުންގެ ގޮތުގައިވެސް މުޅިން ތިބޭނީކީ ދިވެހިންނެއްވެސް ނޫން. ބިދޭސީންވެސް ތިބޭނެ. އަދި ހަމައެކަނި ދިވެހިންނަށްވީނަމަވެސް، އެކި މީހުންގެ ވިސްނުން ތަފާތުވާނެ. އެއް ކޯހެއް ފުރިހަމަކުރި ނަމަވެސް، އެއްތަނަކުން ކިޔެވިނަމަވެސް، ހަމަ ވިސްނުމުގައި، މުޢާމަލާތް ކުރުމުގައި، ކޮމިއުނިކޭޝަން، ނޫނީ ކަންތައްތައް ކުރުމުގައިވެސް ހަމަ ތަފާތުތަކެއް ހުންނާނެ. އެއްގޮތްކުރަން އަޅުގަނޑުމެން ކިތަންމެވަރަކަށް މަސައްކަތްކުރިނަމަވެސް، ތަފާތު ގޮތްގޮތުގެ ތަފާތު ވިސްނުންތަކުންވެސް ނުކުންނާނީ އަސްލު ރަނގަޅު ނަތީޖާ. އެހެންވީމާ، އަޅުގަނޑު މިއަދު ޤަބޫލުކުރަނީ ތިޔަބޭފުޅުން މި ކަންތައްތަކަށް ޚާއްޞަކޮށް، ޓީމެއް ގޮވައިގެން، އެއް މިޞްރާބަކަށް ދިޔުމަށްޓަކައި ވަރަށް ބޮޑަށް މަސައްކަތް ކުރައްވާނެ ކަމަށް.

މީގައި އަޅުގަނޑުމެންނަށް އަބަދުވެސް އަޑުއިވޭ، ރައްޔިތުން އެންމެ ބޮޑަށް، އަދި ބެލެނިވެރިންވެސް އެންމެ ބޮޑަށް ބޭނުންވާނެ އެއްކަމަކަށް އޮންނާނީ ކަންތައްތައް ސާފުކޮށް އޮޅުންފިލުވުން. ބައްދަލުކުރެވި، ވާހަކަދެކެވި، އެ ބޭފުޅުން ބޭނުންވާ ކަންތައްތަކަށް، ކޮންމެވެސްވަރަކަށް ތިޔަބޭފުޅުންނަށް އެ ޖަވާބު ލިބި، އެ ގުޅުން ވަރުގަދަވެގެން ދިޔުން. މިފަދަ ކޯހަކުންވެސް އަޅުގަނޑު ޤަބޫލުކުރަނީ އެންމެ ބޮޑަށް ދަސްވާނެ އެއްކަމަކަށް އޮންނާނީ، މި ދެންނެވި ގޮތަށް އެކުގައި މަސައްކަތް ކުރުން. ގުޅިގެން މަސައްކަތް ކުރުން. އެއް އަމާޒަކަށް ވާސިލުވުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރުން.

އަޅުގަނޑަށް އެނގޭ، މި 17 ބޭފުޅުންވެސް ވެގެން މިދަނީ ހަމަ ތަޢުލީމީ ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރައްވާފައި ތިއްބެވި ބޭފުޅުންނަށް. އަޅުގަނޑަކީ ތަޢުލީމީ ދާއިރާގައި މަސައްކަތް ކުރި މީހެއް ނޫން. އެހެންނަމަވެސް، އަބަދުވެސް، މީގެ ތިރީހަކަށް އަހަރު ކުރިންވެސް ތަޢުލީމީ ދާއިރާގައި މަސައްކަތް ކުރައްވާ ޓީޗަރުންނާއި ޕްރިންސިޕަލުން އަދި އެނޫން ބޭފުޅުންނާވެސް އަޅުގަނޑާ ވަރަށް ގާތް ގުޅުންއޮވޭ. ވަރަށް ކައިރިން އަޅުގަނޑަށް އެ މަންޒަރުތައް ފެނޭ.

އެނގިވަޑައިގަންނަވާނެ، ބަދަލުތައް އެބަ އާދޭ މިހާރު. އެހެންވީމާ، އަބަދުވެސް އެ އަންނަ ބަދަލުތަކަށް އަޅުގަނޑުމެން އެޖަސްޓް ވާންޖެހޭނެ. މިދިޔަ އަހަރުތަކުގައި، އަޅުގަނޑުމެންނަށް މިއައި ޚާއްޞަކޮށް، ޕެންޑެމިކްގައި އަޅުގަނޑުމެންނަށް ދިމާވެގެންދިޔަ ކަންތައްތަކާ ގުޅިގެން މުޅިން އެހެން ގޮތަކަށް ކިޔަވައިދިނުމުގެ ކަންތައްތައްވެސް އަޅުގަނޑުމެން ކުރިޔަށް ގެންދިޔައީ، އެ ވަސީލަތްތައް ބޭނުންކޮށްގެން. އެކަން ކުރުމުގައިވެސް ސްކޫލްތަކުން ދައްކައިދިނީ މުޅިން ތަފާތު މަންޒަރެއް. އެއް ދޮރު ބަންދުވެއްޖެ ކަމަށްވަންޏާ، އަނެއް ދޮރު ހުޅުވައިލައިގެންވެސް ތިމަންނާމެން އިރާދަކުރެއްވިއްޔާ ނަތީޖާ ނެރެދޭނަމޭ. ސައުތު އޭޝިއަން ރީޖަނަށް ބަލާއިރުވެސް އަޅުގަނޑުމެންނަށް ފެނުނީ ދިވެހިރާއްޖޭގައި ކިޔަވައިދިނުމުގެ ކަންތައްތަކުގެ ކޮންޓިނުއިޓީ ބަރާބަރަށް ހިފަހައްޓައި، އަދި ހަމަ ރަނގަޅު ނަތީޖާވެސް އިރާދަކުރެއްވީތީ ބެލެނިވެރިންނާއި މުދައްރިސުން، ޕްރިންސިޕަލުންނާއި އަދި މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ކުރެވުނު މަސައްކަތްތަކުން އެއް ހަމައެއްގައި، އެއްވަރެއްގައި ހަމަ ނަތީޖާތައްވެސް ހިފެހެއްޓިގެން ދިޔަތަން.

އެހެންވީމާ، މިއަދުގެ މި ދުނިޔެއަށް އަންނަ ބަދަލުތަކާއެކީ ޚާއްޞަކޮށް، ޓެކްނޮލޯޖީއަށް އަހުލުވެރިވެ، ފަސޭހަކޮށް ކަންތައްތައް ކުރުމަށް އަބަދުވެސް މަސައްކަތްތައް ކުރަންވާނެ. އަދި ހަމަ އެއާއެކު، އަޅުގަނޑުމެން ކޯހެއް ފުރިހަމަކޮށްގެން، މާސްޓަރޒް ކޯހެއް ފުރިހަމަވިޔަސް އަދި އަޅުގަނޑު ޤަބޫލުކުރަނީ ޕީ.އެޗް.ޑީ.އާ ހިސާބަށް ދިޔަނަމަވެސް، ކިޔެވުމަކީ، ދަސްކުރުމަކީވެސް މުޅިން އަދި ނިމޭ ކަމެއް ނޫންކަމަށް. އަބަދުވެސް ބަދަލުވަމުންދާނީ. އަޅުގަނޑުމެން މިއަދު މަސައްކަތްކުރާއިރު، ދަސްކޮށްފައި ހުރި އެއްޗެއް، އަނެއްކާ އަހަރެއް ފަހުން، ދެ އަހަރެއް ފަހުން، އަހަރުތަކެއް ފަހުން އެހެން ކަންތައްތައް ދަސްކުރަން އެބަޖެހޭ. އެހެންވީމާ، ތިޔަބޭފުޅުންނަށް އަޅުގަނޑު މިއަދު ހަމަ ދަންނަވާލަން އޮތީ ޚާއްޞަކޮށް، ކޮންމެ ދުވަހަކީވެސް ހަމަ ތިޔަބޭފުޅުންވެސް ކަންތައްތައް ހޯދައި، ބަލައި، ދަސްކޮށް، ވީހާވެސް ރަނގަޅަކަށް މެނޭޖް ކުރުމަށްޓަކައި އެގޮތަށްވެސް މަސައްކަތް ކުރައްވާ ދުވަހަކަށް ހައްދަވާށޭ.

އަޅުގަނޑު މި ވާހަކަ ދައްކަމުންދާއިރު، ހަމަ ފާހަގަކޮށްލަން ބޭނުންވާ އެއްކަމެއް. އެނގިވަޑައިގަންނަވާނެ، އިއްޔެ އަޅުގަނޑުމެން ރާއްޖޭގައިވެސް ފާހަގަކުރި، ދުނިޔޭގެ އިންޓަރނޭޝަނަލް ވިމެންސް ޑޭ، އަންހެނުންގެ ދުވަސް ފާހަގަކުރި. އަޅުގަނޑު ޚާއްޞަކޮށް، ހަމަ މި ވާހަކަ ދަންނަވާލަން ބޭނުންވަނީ، އެޑިޔުކޭޝަން ދާއިރާގެ ޚިދުމަތް، އަންހެން ބޭފުޅުންގެ ފަރާތުން އޮތް މިންވަރުގެ ބޮޑުކަމުން.

އެނގިވަޑައިގަންނަވާނެ، މިނިސްޓަރަކަށް އިންނެވީ އަންހެން ބޭފުޅެއް. ދެން ސްޓޭޓް މިނިސްޓަރުންގެ ތެރޭގައިވެސް ގިނައީ އަންހެން ބޭފުޅުން. ދެން ހުންނެވީ ފިރިހެން ބޭފުޅެއް، ޑޮކްޓަރ ޢަބްދުﷲ ރަޝީދު. ޑޮކްޓަރ ޢަބްދުﷲ ރަޝީދަކީވެސް ވަރަށް ޓީމް ވާރކް ރަނގަޅު ބޭފުޅެއް. ހަމަ ދެ ޖިންސުގެ ބޭފުޅުންނާ އެކީ ވަރަށް ރަނގަޅަށް މަސައްކަތް ކުރައްވާ ބޭފުޅެއްކަން އަޅުގަނޑު ވަރަށް ކުރިއްސުރެ ދަންނަން. ހަމަ އެއާއެކު، އަޅުގަނޑުމެން ޓީޗަރުންނަށް ބަލައިފި ކަމަށްވަންޏާ، އަޅުގަނޑަށް ލަފާކުރެވޭ ގޮތުން ގާތްގަނޑަކަށް 80 ޕަސެންޓަށްވުރެވެސް މަތީގައި އަންހެން ޓީޗަރުންގެ ނިސްބަތް އޮތީ. މިއީ ހަމައެކަނި ތަޢުލީމީ ދާއިރާގެ ވާހަކަ އަޅުގަނޑު މި ދެންނެވީ. އަދި ޕްރިންސިޕަލުންނަށް ބަލައިފިނަމަވެސް، މަދު އަދަދެއް ނޫން މިއަދު ތިބީކީ. ހަމަ އެކަށީގެންވާ ރަނގަޅު އަދަދަކަށް ޕްރިންސިޕަލުންވެސް އެބަ ތިއްބެވި.

އެހެންވީމާ، އަޅުގަނޑުމެންނަށް އެބަ އެނގޭ، ޤައުމުގެ ޙަޔާތުގައި ޚާއްޞަކޮށް ތަޢުލީމުގެ މުހިންމުކަން. އަޅުގަނޑުމެން އެކަމާ ވަރަށް ފަޚުރުވެރިވަން. އަޅުގަނޑު ހަމަގައިމުވެސް ފަޚުރުވެރިވަން. އެއީ، އަޅުގަނޑުމެންގެ ދަރިންނަށް މި ލިބޭ ތަޢުލީމު، ތަރުބިއްޔަތު، އަޚްލާޤު އަދި ހުނަރު، ނޫނީ ދިރިއުޅުމަށްޓަކައި ބޭނުންވާ ކަންތައްތައް މި ދަސްވަނީ، ދަސްކޮށްދެއްވަނީ، އޭގެ އެންމެ ބޮޑު ބައެއް އަސްލު ހަމަ ހިއްސާ ކުރަނީ އެއީ، ޓީޗަރުންނޭ ބުނުމަކީ ހަމަ ޔަޤީނުންވެސް ދޮގަކަށް ނުވާނެ. އެހެންވީމާ، އެކަމަށްޓަކައި މިހާ ގިނަ ޢަދަދެއްގެ އަންހެން ބޭފުޅުންގެ ޚިދުމަތް ވަރަށް މުހިންމު. އިންސާނަކަށް ކިޔެވުމަށްވުރެ މުހިންމު ހަމަ އެއްވެސް ކަމެއް، އުނގެނުމަށްވުރެ، ތަޢުލީމު ލިބިގަތުމަށްވުރެ، އެނޫން އެއަށްވުރެ މުހިންމު އެއްވެސް ކަމެއް ނޯންނާނެ.

އެހެންވީމާ، ޙަޔާތުގައި އެންމެ މުހިންމު ކަންތައްތައް ކޮށްދެއްވުމުގައި، އަންހެން ބޭފުޅުން އެ ކޮށްދެއްވާ މަސައްކަތްތައް އަޅުގަނޑު ފާހަގަކުރަން. އަދި ހަމަ އެހެންމެ، ގޭގައިވެސް ބުރަކޮށް އުޅުއްވަމުން، އެ ބޭފުޅުންގެ ޒިންމާވެސް އަދާކުރައްވާތީ، އެ ކަންތައްތައް ފާހަގަކޮށް، ދިވެހިރާއްޖޭގެ ހަމަ ހުރިހާ އަންހެން ބޭފުޅުންނަށް އަދި ވަކިން ޚާއްޞަކޮށް، ތަޢުލީމީ ދާއިރާގައި މަސައްކަތް ކުރައްވާ ހީވާގި ހުރިހާ އަންހެން މުވައްޒަފުންނަށް ޚާއްޞަ ޝުކުރެއް އަޅުގަނޑު ދަންނަވަން.

އާދެ، އަޅުގަނޑުމެންވެސް ސަރުކާރުން މީހުން ބިނާކުރުމުގެ ކަންތައްތައް ކުރުމުގައި ބެލީ، ރައީސުލްޖުމްހޫރިއްޔާ ބެއްލެވީ، ޤައުމަށް އެންމެ ބޭނުންވާ ދާއިރާތަކަކީ ކޮބައިތޯ؟ ޓްރެއިނިންގ ނީޑްސް، އެ ރިކްއަރމަންޓް އޮތް އިސް ދާއިރާތައްވެސް އަޅުގަނޑުމެން ބެލިން. ދެން މިގޮތުން ގިނަ ދާއިރާތަކެއްގައި ޓާގެޓް ކޮށްގެން ޕްރޮގްރާމްތަކެއް ފެށިފައި ވަނީ. އެނގިވަޑައިގަންނަވާނެ، ޕްރިންސިޕަލުން، މިއީ ހަމަ މުހިންމު އެއް ދާއިރާއެއްގެ ގޮތުން އަޅުގަނޑުމެން ބެލި. އެއާއެކީ ތެރަޕިއުޓިކް ދާއިރާއިންވެސް މީހުން ބިނާކުރުމުގެ މަސައްކަތްތަކެއް ފެށިން. ކޮންމެވެސްވަރަކަށް އެ ޕްރޮގްރާމްވެސް ހަމަ ކުރިޔަށް އެބަދޭ. އަދި ހަމަ އެއާއެކު، އެނގިވަޑައިގަންނަވާނެ ޞިއްޙީ ދާއިރާގައިވެސް ރާއްޖޭގެ އަތޮޅުތަކަށް، ހޮސްޕިޓަލްތަކަށް، ވަކި ސަރަޙައްދުތަކަށް ޓާގެޓް ކޮށްގެންވެސް ސްޕެޝަލައިޒް ވުމަށްޓަކައި ދާއިރާތަކަކަށް ބެހިގެންވެސް ފުރުޞަތު ދެވިގެން، އެ ކަންތައްތައްވެސް ކުރިޔަށް އެބަދޭ.

ހަމަ އެއާއެކު އެނގިވަޑައިގަންނަވާނެ، ހަމަގައިމުވެސް އަޅުގަނޑު ދާ ކޮންމެ ތަނެއްގައި، އަދި މި ޚާއްޞަކޮށް، ކޯވިޑުގެ ފަހުން ކޮންމެ ޤައުމަކަށް، ކޮންމެ ތަނަކަށް އަޅުގަނޑު ދިޔަސް، ކޮންމެ މޭޒުދޮށެއްގައި އިށީނދެލާއިރު، އެންމެ ބޮޑަށް ދައްކާ ވާހަކައަކީ މެންޓަލް ހެލްތުގެ ވާހަކަ. ހަމަ ކޮންމެ ބަޔަކުވެސް ދައްކާ މެންޓަލް ހެލްތުގެ ވާހަކަ. ޚާއްޞަކޮށް، މި ކޯވިޑުގެ ބަލިމަޑުކަމާއެކުވެސް އެ ސްޓްރެސް ލެވެލް، ނޫނީ އެކި ގޮތްގޮތުން އަޅުގަނޑުމެންގެ ދިރިއުޅުމަށް، ނޫނީ ދުނިޔެއަށް މި އަންނަ ބަދަލުތަކާއެކުވެސް، އެކިއެކި ވޮރީސްތަކާ، މިހުރިހާ ކަމެއްގެ ތެރެއިންވެސް މެންޓަލް ހެލްތުގެ ވާހަކަ ދައްކާ.

އެނގިވަޑައިގަންނަވާނެ، ސަރުކާރުން ރައީސުލްޖުމްހޫރިއްޔާ ޚާއްޞަ، ސަމާލުކަމެއް މި ދާއިރާއަށް ދެއްވާ. މި ދާއިރާއިންވެސް މީހުން ބިނާކުރުމުގެ ޚާއްޞަ މަސައްކަތްތަކެއް މިވަނީ ފެށިފައި. މި ހުރިހާ ކަމެއް މި ކުރެވެނީ މި ދެންނެވިގޮތަށް، ތަންތަން ބިނާކުރުމާއި، އިންފްރާސްޓްރަކްޗަރ ޤާއިމުކުރުމާއެކީ، ބޭނުންވާ އިންސާނީ ވަސީލަތް ތަރައްޤީ ކުރުމަށް. ހިއުމަން ކެޕިޓަލަށްވުރެ މުހިންމު އެއްވެސް ކަމެއް ނެތް. އެހެންވީމާ، އެއީ އަސްލު މި ކުރެވޭ މަސައްކަތަކީ. އަޅުގަނޑުމެން އުންމީދު ކުރަނީ، ޔަޤީން ކުރަނީ، މީގެ ނަތީޖާ ފޮނިވާނެ ކަމަށް.

އެނގިވަޑައިގަންނަވާނެ، ތަޢުލީމީ ދާއިރާވިޔަސް އަދި އިޖުތިމާޢީ ދާއިރާގައި މިގޮތަށް ކުރެވޭ މަސައްކަތްތަކަކީ އެއީ ތަނެއް ރާނާފައި، ބިލްޑިންގއެއް ނަގައި ކޮޅަށް މިހެން ޖަހާލާގޮތަށް، ފެންނާނެ އެއްޗެއް ނޫން. އެއް އަހަރު ތެރޭގައި، ދިހަބުރީގެ އިމާރާތެއް ނިންމާލެވިދާނެ. ވަރަށް ރީތިކޮށް ބޭރުގައި ކްލެޑިންގ ޖަހާފައި، ބޭނުންގޮތަކަށް ނިންމާލެވިދާނެ. އެކަމަކު އިޖުތިމާޢީ ދާއިރާގައި މިކަހަލަ ކަންތައްތަކުގެ ހެޔޮ ބަދަލުތައް ފެންނަން ދުވަސްކޮޅެއް ނަގާ އެކަމަށް. އަދި ދުވަސްކޮޅެއްގެ ތެރޭގައި އެކަން ފެންނަނީވެސް ވަރަށް ޒިންމާދާރު ކަމާއެކު ހުރިހާ ދާއިރާއެއްގައި ހިމެނޭ އެންމެންގެ މަސައްކަތް އޭގައި ހިމެނިގެން.

އަޅުގަނޑު ހަމަ އަބަދުވެސް ދަންނަވަން ބޭނުންވޭ، ހަނދާންކޮށްދޭންވެސް ބޭނުންވޭ. ސްކޫލްގައި ހިމެނޭ ނުވަދިހަ ހަތަރުހާސް ވަރަކަށް ދަރިވަރުންނަށް ހެޔޮ ބަދަލު ގެނައުމުގެ ޒިންމާ ހަމައެކަނި ޓީޗަރުންނާއި، ބެލެނިވެރިންނާއި، ޕްރިންސިޕަލުންނަކަށް ނުއުފުއްލޭނެކަން. ނުވާނެ އެކަމެއް. ނުވަތަ އެބޭފުޅުން އެ ކުރައްވާ މަސައްކަތަކުން އަޅުގަނޑުމެން ބޭނުންވާ އެ ނަތީޖާއެއްވެސް ނުނިކުންނާނެ. ޤައުމެއްގައި، އެއްވެސް ތަނެއްގައި، ރަށެއްގައިވިޔަސް ޒިންމާއަކީ އެންމެންގެ ޒިންމާއެއް. އެންމެންގެ ޒިންމާއެއް އޮވޭ. އެހެންވީމާ، މިގޮތުން އިޖުތިމާޢީ ދާއިރާގައި އަޅުގަނޑުމެން ދެކެން ބޭނުންވާ މި ނަތީޖާވެސް، އަޅުގަނޑުމެންނަށް އަދި މި ފެންނަނީވެސް މި އެންމެންގެ މަސައްކަތްތައް މިކަމުގައި ހިމެނިގެން.

އެހެންވީމާ، މުދައްރިސެކޭ އެއްފަދައިން، އަދި ބެލެނިވެރިއެކޭ އެއްފަދައިން، އަޅުގަނޑުމެން އެންމެން އެދެނީ، މުޖުތަމަޢުގައި ހިމެނޭ ހުރިހާ ފަރާތްތަކުންވެސް، އެހެނިހެން ދާއިރާތަކުންވެސް، ކިރިޔާވެސް ގުޅުމެއް، ކިރިޔާވެސް ކޮންޓެކްޓެއް އޮތް ދާއިރާއެއް ކަމަށްވަންޏާ އަދި ވަކިން ބޮޑަށް މިކަމުގައި އެހީތެރިވެދީ، އަޅުގަނޑުމެންގެ ހުރިހާ ދަރިންނަކީވެސް ހަމަ އެންމެ ރަނގަޅު، ޞާލިޙް، ހެޔޮލަފާ، ޤައުމަށް އެންމެ ބޭނުންތެރި، އާއިލާއިން އެންމެ އެދޭފަދަ، މައިންބަފައިންނަށް އެންމެ އަޅައިލާ ރަނގަޅު ދަރިންތަކެއް ބިނާކުރުމުގެ މަސައްކަތް އެންމެންވެސް ކުރުން. އަޅުގަނޑަށް ހީވަނީ އަޅުގަނޑުމެންގެ ތެރެއިން ހުރިހާ މައިންބަފައިންވެސް، ހަމަ ގައިމު އަޅުގަނޑުވެސް އެންމެ ބޭނުންވާ ކަމަކީ ރަނގަޅު ދަރިންތަކެއް ބިނާކުރުން. އެއަށްވުރެ ބޮޑަށް ދުނިޔެމަތިން ބޭނުންވާކަމެއް ނެތް. ދަރީންނަކީ ރަނގަޅު ދަރިންތަކެއްގެ ގޮތުގައިވުން އެއީ އެންމެ ބޮޑަށް އެދޭ އެދުން. އަޅުގަނޑަށް ހަމަ ޔަޤީން ކަށަވަރު، ކޮންމެ ބެލެނިވެރިއެއްވެސް، މައެއްވެސް، ބަފައެއްވެސް އެދޭނެ އެދުމަކީ އެއީކަން.

އެހެންވީމާ، މި ކަންތައް ކާމިޔާބުކުރެވޭނީ، އަޅުގަނޑުމެންގެ މައްޗަށް އެކި ގޮތްގޮތުން ކުރިމަތިވާ ނުފޫޒުތަކާއި، އަޅުގަނޑުމެން ކިތަންމެ ބޭނުންނުވިޔަސް އެ އަންނަ އޮއިވަރުގެ މައްޗަށްވެސް ސަމާލުކަން ދީގެން. ޓެކްނޯލޮޖީގެ ދާއިރާއިން، އަޅުގަނޑުމެން މިއަދު ގުޅިފައި ލާމެހިފައި މިއޮތީ. އަޅުގަނޑުމެންނަކަށް މި ނޫން ގޮތަކަށް ނުވެސް އުޅެވޭނެ ދެނެއް. ހުރިހާ ޤައުމަކަށްވެސް، އަޅުގަނޑުމެން ހުރިހާ އެންމެންނަށްވެސް އުޅެވޭނީ، އެ ގުޅުން އޮވެގެން. އެހެންވީމާ، އަޅުގަނޑުމެން ބޭނުންނުވާ ކަންތައްތަކާއި، ކުދިންނަށް ގެއްލުންވާނެ ކަންތައްތަކުން ވީހާވެސް ބޮޑަށް ކުދިން ރައްކާތެރިކޮށްގެން އަޅުގަނޑުމެން ޖެހޭނީ އެ ކުދިންނަށް ކޮށްދޭންޖެހޭ ކަންތައްތައް ކުރަން.

އެހެންވީމާ، އަޅުގަނޑު ހަމަ އެ ވާހަކަ މި ދަންނަވާލީ. އަޅުގަނޑުމެންނަށް އެންމެ ގިނައިން އަޑުއިވޭ އެއްކަންތައް ހަމަ ސޯޝަލް މައްސަލަތައް، ނޫނީ އިޖުތިމާޢީ ކަންތައްތަކުގެ ވާހަކަ. އެކަމުގެ ކަންބޮޑުވުން. އެންމެންވެސް އެ ވާހަކަ ދައްކާ އަޑު އެހާ ގިނައިން އިވޭތީ އަޅުގަނޑު ހިތަށްއެރީ، ދެންމެ ސޯޝަލް ކައުންސިލްގެ ވާހަކަވެސް ވިދާޅުވުމާއެކީ، މި ވާހަކަވެސް އަޅުގަނޑު ޖެހޭނޭ ދަންނަވާލަން. މިފަހަރު އަޅުގަނޑުމެން ހުޅުވައިލީ 18 ފުރުޞަތު. އާދެ، އިރާދަކުރެއްވިއްޔާ ވަރަށް އަވަސް ފުރުޞަތެއްގައި އަނެއްކާވެސް ހަމަ މީގެ ދިހަ ފުރުޞަތަށް އަޅުގަނޑުމެން ހުޅުވައިލައިގެން، އެ މަސައްކަތްވެސް ހަމަ ކުރިޔަށްދާނެ. ހުއްޓުމެއްނެތި ދެމެހެއްޓެނިވި ގޮތަކަށް މި ޕްރޮގްރާމް ކުރިއަށް ދާނެ.

އެހެންވީމާ، މި ސަރުކާރުން ރައީސުލްޖުމްހޫރިއްޔާ ޤައުމު ބިނާކުރެއްވުމަށްޓަކައި، ޤައުމު އާރާސްތު ކުރައްވައި، ހަމަޖެހުން ގެންނަވައި، ރަނގަޅު ޖީލެއް ބިނާކުރެއްވުމަށް ކުރައްވާ މަސައްކަތަކީ ދެން ހުއްޓޭނެ މަސައްކަތެއް ނޫން އިރާދަކުރެއްވިއްޔާ. ﷲގެ ވާގިފުޅާއެކު، އަޅުގަނޑުމެން ދުވަހެއް ދުވަހަކަށް ދާނީ މި މަސައްކަތައިގެން ކުރިޔަށް. މިކަމުގައި ރައީސުލްޖުމްހޫރިއްޔާއަށް ބޭނުންފުޅުވަނީ މި މަސައްކަތް ކުރުމުގެ ފުރުޞަތު. އެ ފުރުޞަތު އޮވެގެން އެކަން ކުރިއަށްދާ ކަމަށްވަންޏާ އަޅުގަނޑުމެންނަށް ފެންނާނީ އަދި މާ ހިތްހަމަޖެހޭ، އަޅުގަނޑުމެން ހިތް އެދޭފަދަ މާ ރަނގަޅު ދުވަސްތަކެއް.

އާދެ، މި މަސައްކަތުގައިވެސް އަޅުގަނޑުމެންނަށް އެހީތެރިވެދެއްވި ފަރާތްތަކެއްވޭ. އެ ހުރިހާ ފަރާތްތަކަށް އަޅުގަނޑުވެސް ހަމަ ޝުކުރު އަދާކުރަން. އަދި ވަކިން ޚާއްޞަކޮށް، މިއަދު އެޑިޔުކޭޝަން މިނިސްޓްރީން، މިނިސްޓަރ ޑޮކްޓަރ ޢާއިޝަތު ޢަލީ އަދި މުޅި ޓީމުން ތަޢުލީމީ ނިޒާމު ވަރުގަދަކުރުމަށްޓަކައި އެ ކުރާ މަސައްކަތް އަޅުގަނޑު ހަމަ ފާހަގަކޮށް، މުޅި މިނިސްޓްރީގެ ޓީމަށް ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން. އަދި ހަމަ އެއާއެކު، ތަޢުލީމީ ދާއިރާގައި މަސައްކަތް ކުރައްވާ ހީވާގި މުދައްރިސުން އަދި ޕްރިންސިޕަލުން ރެޔާދުވާލު އެ ބޭފުޅުން ކުރައްވާ މަސައްކަތް، އަދި ހަފްތާ ބަންދުގައިވެސް ހަމަ ވަރަށް ބުރަކޮށް މަސައްކަތް ކުރައްވާ. ތިޔަބޭފުޅުން އެ މަސައްކަތް ކުރައްވަނީ، އަޅުގަނޑަށް އެނގޭ ޕެޝަންކަން އެއީ. ތިޔަބޭފުޅުން ވަރަށް ޕެޝަނޭޓް. ވަރަށް ކުރައްވާހިތުން ކުރައްވާ މަސައްކަތެއްގެ ގޮތުގައި، ކަމެއްގެ ގޮތުގައި ކުރައްވާ ތަން އަޅުގަނޑަށް ފެނޭ. އެހެންވީމާ، އެ ހުރިހާ ފަރާތްތަކަށްވެސް އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު އަދާކުރަން.

އަޅުގަނޑަށް ލިބުނު ވަރަށް ބޮޑު ހިތްހަމަޖެހުމެއް. ކޮންމެހެން އަޅުގަނޑު މިތަނަށް އައީމާ އެއީ ބޮޑު ޝަރަފެއްގެ ގޮތުގައި ތިޔަބޭފުޅުން އެ ވާހަކަ ދެއްކެވީމާ އަޅުގަނޑަށް ތަންކޮޅެއް އުނދަގޫވޭ. އަޅުގަނޑަށް ލިބޭ ވަރަށް ބޮޑު ހިތްހަމަޖެހުމެއް. އަޅުގަނޑަށް އަސްލު ލިބޭ ވަރަށް ބޮޑު ޝަރަފަކަށްވަނީ. އަޅުގަނޑަށް ލިބޭ އެއްޗެއް އެއީ. ތިޔަބޭފުޅުންގެ މިފަދަ މާތް މަތިވެރި ކަމެއްގެ ފެށުމުގައްޔާއި އަދި މިއަދު މި ކަންތައް ސެލެބްރޭޓް ކުރުމުގައި ބައިވެރިވުމަކީ، އަޅުގަނޑަށް ލިބޭ އުފަލެއް. އެ އަޅުގަނޑު އައީމާ ޝަރަފަކަށްވަނީކީ ނޫން. އެހެންވީމާ، އެކަންވެސް ފާހަގަކުރަމުން، އަޅުގަނޑު ހަމަ ހުރިހާ ބޭފުޅުންނަށްވެސް ޝުކުރު އަދާކުރަމުން އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލާނީ.

އިރާދަކުރެއްވިއްޔާ، އަޅުގަނޑު ޔަޤީންކުރަނީ ބަދަލުތަކެއް ފެންނާނެކަމަށް. މިފަހަރު ޗޭންޖްސް ފެންނާނެ ކަމަށް. މިފަހަރު ތިޔަބޭފުޅުން، ތިޔަ 17 ޕްރިންސިޕަލުން ވަޑައިގަންނަވާ ތަންތަނުގައި އިރާދަކުރެއްވިއްޔާ މާ ރަނގަޅު މަސައްކަތްތަކެއް ތިޔަބޭފުޅުން ކުރައްވާނެކަން އެއީ އަޅުގަނޑު ހަމަ މިއަދު ޔަޤީންކުރާ ކަމެއް.

އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެން ތަޢުލީމީ ދާއިރާ ކުރިއަރުވައި، އަޅުގަނޑުމެން ހެޔޮލަފާ ދަރިންތަކެއް ބިނާކުރުމަށްޓަކައި ކުރާ މަސައްކަތުގައި اللَّـهُ سُبْحَانَهُ وَتَعَالَىٰ ބަރަކާތްލެއްވުން. އަދި ޤައުމުގައި އަބަދުވެސް ހަމަޖެހުން ޤާއިމުކޮށް، ޤައުމު ކުރިއެރުވުމަށްޓަކައި ގުޅިގެން އަޅުގަނޑުމެން ކުރާ މަސައްކަތުގައި، އަޅުގަނޑުމެން އެކަމުގައި ކުރިޔަށްދިއުމުގެ ހެޔޮ ތައުފީޤު މިންވަރު ކުރެއްވުން. އާމީން.

وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.