ރާއްޖޭގެ އަމިއްލަ ރޭޑިއޯ ޗެނަލެއް ކަމަށްވާ ދި.އެފް.އެމް.ގެ "ވަން ޓު ވަން" ޕްރޮގްރާމްގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ބައިވެރިވެވަޑައިގެންފިއެވެ.
މިއީ، ރާއްޖޭގެ ތާރީޚުގައިވެސް ރައީސުލްޖުމްހޫރިއްޔާގެ މަޤާމުގައި ހުންނެވި ބޭފުޅަކު، ޢާންމުކޮށް ހުޅުވާލެވިފައިވާ މިފަދަ ލައިވް ޕްރޮގްރާމެއްގައި، ރައްޔިތުންގެ ސުވާލުތަކަށް ޖަވާބުދެއްވި ފުރަތަމަފަހަރެވެ. އާ އަހަރުގެ ފުރަތަމަ "ވަން ޓު ވަން" ޕްރޮގްރާމަށް 300 އަށްވުރެ ގިނަ އެސް.އެމް.އެސް. އަދި އީމެއިލް މެދުވެރިކޮށް ސުވާލުތައް ހުށަހަޅާފައިވާ ކަމަށް، އެ ޕްރޮގްރާމް ހުށަހަޅުއްވައިދެއްވި މަސްޢޫދު ޙިލްމީ ފާހަގަކުރެއްވިއެވެ.
މިޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން، ސަރުކާރުން މަސައްކަތް ކުރައްވަމުން ގެންދަވަނީ ސަރުކާރާ އެއްކޮޅު ފަރާތްތައް ކުރިއެރުވޭތޯއެއް ނޫން ކަމަށާއި، ސަރުކާރުގެ ބޭނުންފުޅަކީ، މިނިވަން މީޑިއާއެއް ރާއްޖޭގައި ޤާއިމުކުރައްވައި، އަމިއްލަ މީޑިއާއަށް ރާއްޖޭގައި ޙަރަކާތްތެރިވެވޭނޭ އުޞޫލުތަކަކާއި ގޮތްތަކެއް ހަމަޖައްސަވައިދެއްވޭތޯ މަސައްކަތް ކުރެއްވުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
"ކުރިއަށް އޮތް އަހަރު އެކަންޏެއްނޫން، ކުރިއަށް އޮތް ދިހަ އަހަރުވެސް، އަޅުގަނޑުމެން އުންމީދުކުރަން، ރާއްޖޭގެ ޕްރައިވެޓް މީޑިއާއަށް ކުރިއެރުންތަކެއް ލިބިގެންދާނެ އަހަރުތަކަކަށްވާނެ ކަމަށް." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
މިޕްރޮގްރާމުގައި ބައިވެރިވެވަޑައިގެން، ރައްޔިތުންގެ ފަރާތުން ފޮނުވާފައިވާ ބައެއް ސުވާލުތަކަށާއި، ރާއްޖޭގެ އެކިކަންކޮޅުތަކުން ފޯނުގެ ޒަރީޢާއިން ރައްޔިތުން ކުރި ސުވާލުތަކަށް ރައީސުލްޖުމްހޫރިއްޔާ ޖަވާބު ދެއްވިއެވެ. މައިގަނޑު ގޮތުގައި ސުވާލުތައް އަމާޒުކޮށްފައި ހުރީ ސަރުކާރުގެ ސިޔާސަތުތަކާއި، ސަރުކާރުގެ އިންތިޚާބީ ވަޢުދުތައް ފުއްދަވައިދެއްވުމުގައި މަސައްކަތް މިހާރު ގޮސްފައިވާ ހިސާބާ ބެހޭގޮތުންނެވެ.
އެމަނިކުފާނު މިއަހަރަށް ކަނޑައެޅުއްވީ ކޮން ޢަޒުމެއްތޯ ސުވާލު ދެންނެވުމުން، ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، "އަޅުގަނޑުގެ ޢަޒުމަކީ، އަޅުގަނޑުގެ އަމާޒަކީ، ]ސަރުކާރުން ވެފައިވާ މައިގަނޑު ފަސް ވަޢުދު[ ފުރިހަމައަށް އަޅުގަނޑުމެންނަށް ފުއްދޭނެ ގޮތްތަކެއް ހޯދައި، އެކަންކަން ކުރަމުން ގެންދެވޭނެ މަގެއް އަލިކުރެވޭނެ ގޮތެއް ބެލުން" ކަމުގައެވެ.
މިގޮތުން، ފާއިތުވި އަހަރުވެސް މިވަޢުދުތައް ފުއްދުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރައްވައި، ކާމިޔާބުތަކެއް ލިބިވަޑައިގެންފައިވާކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.
"ވަން ޓު ވަން" ޕްރޮގްރާމަކީ، ކޮންމެ ހުކުރު ދުވަހެއްގައި ދި.އެފް.އެމް.އިން ގެނެސްދޭ ކޯލް-އިން ޝޯއެކެވެ.