ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، މިއަދު މިފެށުނު 2010 ވަނަ އަހަރު ދެއްވި ފުރަތަމަ ރޭޑިއޯ ޚިޠާބުގައި، 2009 ވަނަ އަހަރު ނިމުނުއިރު ކަންކަން ކުރެވިފައި ހުރި މިންވަރުގެ މައްޗަށް އަލިއަޅުއްވާލައްވައިފިއެވެ. އެގޮތުން ރައީސުލްޖުމްހޫރިއްޔާ ބޮޑަށް ބައްލަވާލައްވާފައިވަނީ، ސަރުކާރުގެ މައިގަނޑު ފަސް ވަޢުދު ފުއްދެވުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްތައް ގޮސްފައިވާ ހިސާބުގެ މައްޗަށެވެ.

ރާއްޖޭގެ ރަށްތައް ދަތުރުފަތުރުން ގުޅުވުން

ރާއްޖޭގެ ރަށްތައް ދަތުރުފަތުރުން ގުޅުވުމުގެ ވަޢުދުގެ މައްޗަށް ބައްލަވާލައްވަމުން،މިމަސައްކަތް މިހާރު ބައެއް ސަރަޙައްދުތަކުގައި ފެށިފައިވާ ކަމަށާއި، ދެންހުރި ސަރަޙައްދުތަކުގައިވެސް ދަތުރުފަތުރު ކުރުމުގެ ނިޒާމު ޤާއިމުކުރެއްވުމަށް ސަރުކާރުން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި، މިހާރު ޚިދުމަތް ފެށިފައިވާ ސަރަޙައްދުތަކުގައި، ރައްޔިތުންނަށް ޚިދްމަތް ފޯރުކޮށްދެވޭ މިންވަރާއި، ފެންވަރާމެދު ސަރުކާރުން ހިތްހަމަޖެހިވަޑައިގަންނަވާ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

އަތްފޯރާ އަގުގައި ބޯހިޔާވަހިކަން ހޯއްދަވައިދެއްވުން

ގެދޮރުގެ ދަތިކަމުން ރައްޔިތުން މިންޖުކޮށްދިނުމަށްޓަކައި ހިންގޭ މަސައްކަތުގެ ޢަމަލީ މަސައްކަތް އަދި ފެށިފައިނެތް ކަމުގައިވިޔަސް، މިމަސައްކަތުގައި ބައިވެރިވުމަށް 4 ކުންފުންޏަކުން މިހާރު އޮތީ ސަރުކާރާއެކު އެއްބަސްވުމަކާ ހިސާބަށް އާދެވިފައިކަން ރައީސުލްޖުމްހޫރިއްޔާ ހާމަކުރެއްވިއެވެ.

"އެހެންވީމާ މިއަހަރުގެ ތެރޭގައި، 2010 ވަނަ އަހަރުގެ ތެރޭގައި މަދުވެގެން ހާހެއްހާ ގެ، ރާއްޖޭގެ އެކި ތަންތަނުގައި އެޅޭނެ ކަމުގެ ފުރިހަމަ އިތުބާރު ސަރުކާރަށް އެބައޮތް" ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މަސްތުވާތަކެއްޗަށް ހުޅުވި ދޮރުތައް ބަންދުކުރުން

މި ވަޢުދާ ގުޅިގެން ސަރުކާރުން އެންމެ ބޮޑަށް މަސައްކަތް ކުރައްވަމުން ގެންދެވީ، ރާއްޖެއަށް މަސްތުވާތަކެތި އެތެރެވާ މިންވަރު މަދުކުރެއްވުން ކަމުގައި ވިދާޅުވަމުން، ރާއްޖެއަށް ބާރުގަދަ ޑްރަގްސް އެތެރެވާ މިންވަރު ކުރިއާ އަޅާބަލާއިރު މިހާރު ވަނީ ވަރަށް ބޮޑަށް މަދުވެފައިކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

ސަރުކާރުން މިހާރުވަނީ ރާއްޖޭގެ ދެސަރަޙައްދެއްގައި ޑީޓޮކްސިފިކޭޝަން ސެންތަރުތަކެއް ޤާއިމުކުރައްވާފައި ކަމަށާއި، ސަރުކާރުގެ އަމާޒަކީ ވީހާވެސް ގިނަ ކުދިންނަކަށް ފަރުވާދެވި، އެކުދިން އެއީ މުޖްތަމަޢަށް ބޭނުން ހިފޭ، ޢާއިލާއާ އެކީގައި އުޅެވޭ ބަޔަކަށް ހެއްދެވުން ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ބޭސްފަރުވާއަށް ސަލާންޖެހުން ނައްތާލުން

ބޭސްފަރުވާއަށް ސަލާންޖެހުން ނައްތާލެއްވުމަށް ސަރުކާރުން ވެވަޑައިގެންފައިވާ ވައުދުގެ މައްޗަށް ރައީސުލްޖުމްހޫރިއްޔާ ބައްލަވާލައްވަމުން، "މަދަނަ" އިންޝުއަރެންސް ސްކީމްގެ ފުޅާވަމުންދިޔަ މިންވަރަކުން މިވަޢުދު ފުރިހަމަވެގެންދާނޭ ކަމުގައި ވިދާޅުވިއެވެ. އަދި، ޞިއްޙީ ޚިދުމަތްދެވޭ ތަންތަނުގެ ފެންވަރު ރަނގަޅު ކުރެއްވުމަށް ސަރުކާރުން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިގޮތުގައި، އެ ސަރަޙައްދެއްގައި ހުރި ޞިއްޙީ ޚިދްމަތްދޭ ތަންތަން ހިންގުމުގެ ބާރާއި ބަޖެޓް ސަރަޙައްދުތަކަށް ދޫކުރެވި، ލާމަރުކަޒީ އުސޫލުން ޕްރޮވިންސްގެ ތެރޭގައި މިކަން ހިންގީމާ، މިހާރަށްވުރެ ފުރިހަމައަށް އަދި ރައްޔިތުންނާ ގާތުން ޞިއްޙީ ޚިދުމަތް ފޯރުއްވައިދެއްވޭނެއެވެ.

ދިރިއުޅުމުގެ އަގު ތިރިކުރުން

ތަކެތީގެ އަގު ހެޔޮކުރުމަށްޓަކައި ބަޖެޓް ޑެފިސިޓް ކުޑަކުރާންޖެހޭނެ ކަމަށާއި، ބަޖެޓް ޑެފިސިޓް ކުޑަނުކުރަނީހެއް ތަކެތީގެ އަގު މައްޗަށްދާ މިންވަރަށް އަސަރެއް ނުކުރާނެކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

މިމޭރުމުން ވާހަކަފުޅު ދައްކަވަމުން، "ސަރުކާރު މުވައްޒަފުންގެ މުސާރައާވެސް އަދި ސަރުކާރުން ކުރާ އެހެން ޚަރަދުތައްވެސް ގުޅިފައި ވަނީ މިދެންނެވި އަޞްލާ. ބަޖެޓް ޑެފިސިޓް ބޮޑުކުރި މިންވަރަކުން އިންފްލޭޝަން، ތަކެތީގެ އަގު ބޮޑުވެގެންދާނެ" ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މިވަޢުދު ޙާޞިލު ކުރެވިފައިވާ މިންވަރަށް ބައްލަވާލައްވަމުން، 2008 ވަނަ އަހަރާ އަޅާބަލާއިރު، 2009 ވަނަ އަހަރު ތަކެތީގެ އަގު ބޮޑުވަމުން އައި މިންވަރު ކުޑަކުރެވިފައިވާ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ފެނާއި، ނަރުދަމާއާއި، ބަނދަރު

2009ވަނަ އަހަރުގެ ތެރޭގައި ތިރީހަކަށް ރަށުގެ ފެނާއި ނަރުދަމައާއި، ބަނދަރާއި ގިރާ ސަރަޙައްދު ރަނގަޅު ކުރުންފަދަ ކަންކަން ކޮށްދެއްވޭނެ ކަމަށް ސަރުކާރުން ފާހަގަކުރައްވާފައިވީ ނަމަވެސް އެކިއެކި ސަބަބުތަކާހުރެ، އެމަސައްކަތްތައް ފެށޭނެކަމަށް މިހާރު ބެއްލެވެނީ، މިޖަނަވަރީ މަސް ނުވަތަ އަންނަ ފެބްރުއަރީ މަހުގެ ތެރޭގައި ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ރޭޑިއޯ ޚިޠާބުގައި، ވޭތުވެދިޔަ އަހަރު ސަރުކާރަށް ޙާޞިލުކުރެވިފައިވާ މިންވަރަށް ބައްލަވާލައްވަމުން، "އަޅުގަނޑަށް ޔަޤީން، ސަރުކާރަށްވެސް އަދި އަޅުގަނޑަށްވެސް ހުރިހާ ކަމެއް ކުރެވިފައިނުވާ ކަމަށް. އެހެން ނަމަވެސް، އަޅުގަނޑު ދަންނަވާނީ އަޅުގަނޑުމެންގެ މައިގަނޑު މިޞްރާބު، އަމާޒު، މީޒާން ނުގެއްލޭނެ" އެމަނިކުފާނު ވިދާޅުވިއެވެ. އަދި، ހެޔޮވެރިކަމުގެ ނިޒާމެއް ރާއްޖޭގައި ޤާއިމުކުރެއްވުމުގެ މަސައްކަތް ސަރުކާރުން ކުރިއަށް ގެންދަވާނެ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.