ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަޞީމް، ހުޅުމާލެއަށް ޒިޔާރަތްކުރައްވައި، ބަރަކާތްތެރި ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުންނާއި، ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް އިތުރު ލުއިފަސޭހަ ގޮތްތައް ހަމަޖައްސައިދިނުމަށް ސަރުކާރުގެ އިދާރާތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުން ކުރަމުންދާ މަސައްކަތްތަކާއި ތައްޔާރީތައް ބައްލަވާލައްވައިފިއެވެ.

މި ޒިޔާރަތް ކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ހުޅުމާލޭގެ މިސްކިތަށާއި، ގަރާޖަށާއި، ވޮލީ ކޯޓަށާއި، ޕާކަށާއި، އެމް.ޑަބަލިއު.އެސް.ސީ ފްލެޓަށާއި، ޕެޓްރޯލް ޝެޑަށާއި، ހުޅުމާލޭގައި ހުރި ބައެއް ފިހާރަތަކުގެ އިތުރުން މީހުން އާންމުކޮށް ގޮސް އުޅޭ ސަރަޙައްދުތަކަށް ޒިޔާރަތްކުރައްވައި އެތަންތަނުން ރަމަޟާން މަހަށް ވެފައިވާ ތައްޔާރީތައް ބައްލަވާލައްވައި އިތުރަށް ބޭނުންވާ ކަންކަން އޮޅުން ފިލުއްވާފައެވެ.

އަދި މި ޒިޔާރަތް ކުރެއްވުމުގައި ހުޅުމާލޭގައި ދިރިއުޅެމުންދާ ރައްޔިތުންގެ ފަރާތުން ވަނީ ހުޅުމާލޭގައި ދިމާވާ ބައެއް ގޮންޖެހުންތައް ރައީސުލްޖުމްހޫރިއްޔާގެ ނައިބާއި ޙިއްޞާކުރައްވާފައެވެ.