މީލާދީ އައު އަހަރުގެ ތަހުނިޔާއާއި ހެޔޮއެދުންތައް، ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، ދިވެހި ލޮބުވެތި ރައްޔިތުންނަށް ފޮނުއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ރާއްޖޭގެ ރައްޔިތުންނަށް، މިފެށުނު 2010 ވަނަ އަހަރުގެ ތަހުނިޔާއާއި ހެޔޮއެދުންތައް ފޮނުއްވީ، މިއަދު ހެނދުނު 10 ޖެހިއިރު، ދިވެހިރާއްޖޭގެ އަޑު މެދުވެރިކުރައްވައި ދެއްވި ހަފްތާގެ ރޭޑިއޯ ޚިޠާބުގައެވެ.

މި ފެށުނު އައު އަހަރުގެ މުނާސަބަތުގައި، ރާއްޖެއާ ރަޙްމަތްތެރި ޤައުމުތަކާއި ބައިނަލްއަޤްވާމީ ޖަމާޢަތްތަކުގެ ވެރިންނަށްވެސް ރައީސުލްޖުމްހޫރިއްޔާ ތަހުނިޔާ ފޮނުއްވައިފިއެވެ. އަދި ރާއްޖެއާ ރަޙްމަތްތެރި ޤައުމުތަކުގެ އިސްވެރިންނާއި، ބައިނަލްއަޤްވާމީ ޖަމާޢަތްތަކުގެ އިސްވެރިންވެސް މި ފެށުނު އައު އަހަރުގެ މުނާސަބަތުގައި، ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް ތަހުނިޔާ ފޮނުއްވަމުން އެބަގެންދަވައެވެ.