ރައީސުލްޖުމްހޫރިއްޔާ، އ.ދ.ގެ އެންމެ ކުޑަކޮށް ތަރައްޤީވެފައިވާ ޤައުމުތަކުގެ ގުރޫޕުގެ ޗެއަރ އަދި މަލާވީގެ ރައީސް ޑރ. ލަޒާރަސް ޗަކްވޭރާއާ، ބައްދަލުކުރައްވައިފިއެވެ. މިބައްދަލު ކުރެއްވުން ކުރިޔަށް ދީޔައީ، ދޯހާގައި މިހާރު ކުރިޔަށްދާ، އދ. ގެ އެންމެ ކުޑަކޮށް ތަރައްޤީވެފައިވާ ޤައުމުތަކުގެ 5 ވަނަ ކޮންފަރެންސްގެ ހަވާސާގައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ވަނީ އެންމެ ކުޑަކޮށް ތަރައްޤީވެފައިވާ ޤައުމުތަކުގެ ގުރޫޕުގެ ޗެއާރގެ ހައިސިއްޔަތުން މަލާވީގެ ރައީސް އެޤައުމުތަކުގެ މަސްލަޙަތު ހިމެނޭ ކަންކަމަށް އެކިއެކި ޕްލެޓްފޯމްތަކުގައި ދެއްވާ އިސްކަމާއި ސަމާލުކަން ފާހަގަކުރައްވައި ތަޢުރީފު ކުރައްވާފައެވެ. އަދި މަލާވީގެ ރައީސް ވެސް ވަނީ މި ކޮންފަރެންސްގައި ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިގެން އެމަނިކުފާނާއި ބައްދަލުކުރެއްވުމަކީ ލިބިވަޑައިގެންނެވި އުފަލެއްކަން ފާހަގަކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި އެންމެ ކުޑަކޮށް ތަރައްޤީވެފައިވާ ޤައުމުތަކުގެ ލިސްޓުން ރާއްޖެ ގްރެޖުއޭޓްވުމަށް ކުރި ދަތުރުގައި ރާއްޖެއަށް ކުރިމަތިވި ގޮންޖެހުންތަކާ ޚާއްޞަކޮށް ކޯވިޑްގެ ބަލިމަޑުކަމުގެ ނުރައްކާތެރިކަން އެންމެ ބޮޑުވި ދުވަސްވަރު ކުރިމަތިލާންޖެހުނު ގޮންޖެހުންތައް ފާހަގަކުރެއްވިއެވެ. އަދި ރާއްޖޭގެ މި ތަޖުރިބާތައް ފާހަގަކުރައްވައި އެންމެ ކުޑަކޮށް ތަރައްޤީވެފައިވާ ޤައުމުތަކުގެ ލިސްޓުން ގްރެޖުއޭޓުވުމަށް ޤައުމުތަކަށް އޮންނަ ގޮތްތަކާއި އެސެސްމަންޓްތައް، އަދި އެ މަރުޙަލާ އޮމާންކަމާއެކު ކުރިޔަށްދާނެގޮތަށް ބައްޓަންވެފައި އޮތުމުގެ މުހިންމުކަން ފާހަގަކުރައްވައި އެމަނިކުފާނު ވާހަކަފުޅު ދެއްކެވިއެވެ.

މި ބައްދަލުކުރެއްވުމުގައި ދެބޭފުޅުން ވަނީ ދެޤައުމުގެ ދެމެދުގައި ގުޅުން އިތުރަށް ބަދަހިކުރުމާ ބެހޭގޮތުން މަޝްވަރާކުރައްވާފައެވެ. އެގޮތުން ދެޤައުމުގެ ދެމެދު ވިޔަފާރީގެ މުއާމަލާތްތައް އިތުރުކޮށް އިޤްތިޞާދީ ހަރަކާތްތައް ފުޅާކޮށް ދެ ޤައުމުގެ ރައްޔިތުންގެ މެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން ދެބޭފުޅުން ވާހަކަފުޅު ދެއްކެވިއެވެ. އަދި ފަތުރުވެރިކަމުގެ ދާއިރާއިން އިތުރަށް ގުޅުން ބަދަހިކުރެވިދާނެ ގޮތްތަކާ ގުޅޭގޮތުން ވެސް ދެ ބޭފުޅުން މަޝްވަރާކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ބައިނަލްއަޤްވާމީ މައިދާނުގައި ކަންބޮޑުވާ މައްސަލަތަކުގެ ގޮތުގައި ދެ ޤައުމުންވެސް ޙިއްޞާކުރަނީ ވަރަށް އެއްގޮތް ކަންބޮޑުވުންތަކެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި އެމަނިކުފާނު ވަނީ ދެމެހެއްޓެނިވި ތަރައްޤީއާއި ފަޤީރުކަން ނައްތާލުމާއި މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭގޮތުން ބައިނަލްއަގްވާމީ ފޯރަމްތަކުގައި ވަކާލާތު ކުރުމުގައި ރާއްޖެއިން މަލާވީއާއެކު ގުޅިގެން މަސައްކަތްކުރާނެކަމުގެ ޔަގީންކަން ދެއްވާފައެވެ.

ދިވެހި ރާއްޖެއާ މަލާވީއާ ދެ ޤައުމުގެ ދެމެދު ސިޔާސީ ގުޅުން ޤާއިމުކޮށްފައި ވަނީ 24 ސެޕްޓެންބަރު 2022ގައެވެ.