ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ޓިމޯރ-ލެސްޓޭގެ ރައީސް ޑޮކްޓަރ ހޯސޭ ރާމޯސް-ހޯރޓާއާ ބައްދަލުކުރައްވައިފިއެވެ. މިބައްދަލުކުރެއްވުން އޮތީ މިހާރު ކުރިޔަށްދާ އދ. ގެ އެންމެ ކުޑަކޮށް ތަރައްޤީވެފައިވާ ޤައުމުތަކުގެ 5 ވަނަ ކޮންފަރެންސްގެ ހަވާސާގައެވެ. މި ކޮންފަރެންސްގައި ބައިވެރިވެވަޑައިގެންނެވުމަށް ރައީސުލްޖުމްހޫރިއްޔާ ޤަޠަރުގެ ވެރިރަށް ދޯހާއަށް ވަޑައިގެންނެވީ ހޮނިހިރު ދުވަހުގައެވެ.

މިއަދުގެ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ އާއި ޓިމޯރ-ލެސްޓޭގެ ރައީސް ވަނީ ސަރަހައްދީ އަދި ބައިނަލްއަގްވާމީ މަސްލަހަތު ހިމެނޭ ކަންކަމާ ބެހޭ ގޮތުން މަޝްވަރާ ކުރައްވައި، އެއް އަމާޒެއް ޙާޞިލްކުރުމަށް ގުޅިގެން މަސައްކަތް ކުރުމަށް އެއްބަސްވެވަޑައިގެންފައެވެ. އަދި ދެ ޤައުމުގެ ލީޑަރުން ވަނީ ދެ ޤައުމުގެ ދެމެދުގައި އޮތް ގާތް ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވާ ވާހަކަފުޅު ދައްކަވާފައެވެ.

މި ބައްދަލުކުރެއްވުން ނިންމަވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ އާއި ޓިމޯރ-ލެސްޓޭގެ ރައީސް ވަނީ ދެޤައުމުގެ މަސްލަހަތު ހިމެނޭ ކަންކަމުގައި އެކުގައި މަސައްކަތްކުރައްވާނެކަމުގެ ޔަޤީންކަން އަރުވައި، ދެޤައުމުގެ ދެމެދުގައި އޮތް ސިޔާސީ ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް ދެބޭފުޅުންވެސް މަސައްކަތްޕުޅު ކުރައްވާނެކަމުގެ ޔަޤީންކަން ވެސް އަރުވާފައެވެ.