ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ފަލަސްޠީނުގެ ރައީސް، ޑރ. މަޙްމޫދު ޢައްބާސްއާ ބައްދަލުކުރައްވައިފިއެވެ. މިބައްދަލުކުރެއްވުން އޮތީ މިހާރު ކުރިޔަށްދާ އދ. ގެ އެންމެ ކުޑަކޮށް ތަރައްޤީވެފައިވާ ޤައުމުތަކުގެ 5 ވަނަ ކޮންފަރެންސްގެ ހަވާސާގައެވެ. މި ކޮންފަރެންސްގައި ބައިވެރިވެވަޑައިގެންނެވުމަށް ރައީސުލްޖުމްހޫރިއްޔާ ޤަޠަރުގެ ވެރިރަށް ދޯހާއަށް ވަޑައިގެންނެވީ ހޮނިހިރު ދުވަހުގައެވެ.

މިބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ވަނީ، ފަލަސްޠީނުގެ ރައްޔިތުންގެ މިނިވަން ދައުލެތެއް ޤާއިމް ކުރުމަށާއި ފަލަސްޠީނުގެ ރައްޔިތުންގެ ޙައްޤުތައް ހޯދުމަށް ކުރަމުންދާ މަސައްކަތުގައި، ދިވެހިސަރުކާރާއި ރައްޔިތުން، އެއްބާރުލުންދީ އެހީތެރިވެދެއްވަމުން ގެންދަވާނެ ކަމުގެ ޔަޤީންކަން ދެއްވާފައިވެއެވެ.

މީގެ އިތުރުން މިބައްދަލު ކުރެއްވުމުގައި ދެބޭފުޅުން ވަނީ، ދެޤައުމުގެ މެދުގައި ޘަޤާފީ ގުޅުންތައް ބަދަހިކުރެއްވުމާއި ގުޅޭ ގޮތުންވެސް މަޝްވަރާކުރައްވާފައެވެ. އަދި ފަލަސްޠީނުގެ ރައީސް ޑރ މަޙްމޫދު ޢައްބާސް ވަނީ، ފަލަސްޠީނަށާއި ފަލަސްޠީނުގެ ރައްޔިތުންނަށް، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި ދިވެހި ސަރުކާރުން އަދި ދިވެހިރައްޔިތުން ދެއްވަމުން ގެންދަވާ އެއްބާރުލެއްވުމަށް ޝުކުރުއަދާކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅު ނިންމަވާލެއްވީ، ފަލަސްޠީނުގެ ރައްޔިތުންގެ ހައްޤުތައް ހޯއްދަވައި ދެއްވުމަށް ވަކާލާތު ކުރުމުގައި ދިވެހިރާއްޖެއިން ދެމި އޮންނާނެކަމުގެ ޔަޤީންކަން ދެއްވަމުންނެވެ.