އެއްބަސްވެވޭ މަގެއް ހޯއްދެވުމަށްޓަކައި، މިވަގުތު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅިފައިވާ "ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމާބެހޭ ބިލު" އަނބުރާ ގެންނެވުމަށް ސަރުކާރުން ނިންމަވައިފި ކަމުގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ހާމަކުރައްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ މިކަން ހާމަކުރެއްވީ، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ މާލޭ އޭރިޔާ ރަސްމީކޮށް އިފްތިތާޙުކޮށްދެއްވުމަށް ދަރުބާރުގޭގައި މިއަދު ބޭއްވެވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
"ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމާބެހޭ ބިލު" އަނބުރާ ފޮނުއްވައިދެއްވުމަށް އެދި ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ރައީސުލްޖުމްހޫރިއްޔާވަނީ މިއަދު ސިޓީފުޅެއް ފޮނުއްވާފައެވެ. ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމާބެހޭ ބިލާމެދު ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މެދުގައި ޚިޔާލުތަފާތުވުން އުފެދި މަޖިލީހުގެ ޖަލްސާ ކުރިއަށް ގެންދިއުން ދަތިވެފައިވުމާއެކު، އެބިލް އަނބުރާ ގެނައުމަށް ސިޔާސީ ޕާޓީތަކުންނާއި އަމިއްލަ ފަރާތްތަކުން އެދިވަޑައިގަންނަވަމުންދާތީ، ސިޔާސީ ޕާޓީތަކާއި އެހެނިހެން ފަރާތްތަކުގެ މަޝްވަރާއާއެކު އެބިލަށް އިޞްލާޙުގެނެސް، ބިލު އިތުރަށް ފުރިހަމަކުރެއްވުމަށްފަހު، ރައްޔިތުންގެ މަޖިލީހުގެ 2010 ވަނަ އަހަރުގެ ފުރަތަމަ ދައުރަށް އަލުން ހުށަހެޅުއްވުމަށްޓަކައި، އެބިލު އަނބުރާ ފޮނުއްވައިދެއްވުމަށް މިސިޓީފުޅުގައި ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންފައިވެއެވެ.
މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ މާލޭ އޭރިޔާ ރަސްމީކޮށް އިފްތިތާޙުކޮށްދެއްވުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ މިއަދު ވާހަކަފުޅު ދައްކަވަމުން، ހުރިހާ ފަރާތަކަށް އެއްބަސްވެވޭ ހަމައަކުން ސަރަޙައްދުތަކަކަށް ބަހާލައިގެން، ލާމަރްކަޒީ އުޞޫލުން ރާއްޖެ ހިންގުމަކީ، ސަރުކާރުގެ މައްޗަށް އޮތް ވަރަށްބޮޑު ޒިންމާއެއް ކަމުގައި ވިދާޅުވިއެވެ.
"ސަރުކާރުންވެސް ޑީ.އާރު.ޕީ.ގެ މައިގަނޑު ހުށަހެޅުމަށް އިޙްތިރާމް ކުރަން. 20 އަތޮޅުގައި އުފެދޭ އިންތިޚާބީ މަޖިލިސްތައް އެކުވިގޮތުގައި 20 ކަމުގައި ބަލައިގަތުމަށް ސަރުކާރުންވެސް ތާއީދު ކުރަން. ހަމަ އެގޮތަށް ސަރުކާރުގެ ހުށަހެޅުމަކީ މިސާލަކަށް ހަމައެކަނި ހއ.ގެ އިންތިޚާބީ މަޖިލިސްތައް އެއީ 1 ކަމުގައި ބެލުމަށްފަހު، އޭގެތެރެއަށް ހދ. އަދި ށ. އެއްވެ، މިހުރިހާ މަޖިލިސްތަކަކީ ސަރަޙައްދީ ހިންގުމުގައި ވަކި މިނިވަން އެއްދާއިރާ ކަމުގައި ދެކެންޖެހޭ ކަމަށް" ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ އިތުރަށް ދެއްކެވި ވާހަކަފުޅުގައި، އެމަނިކުފާނު ދެކިވަޑައިގަންނަވާ ގޮތުގައި ސަރަޙައްދުތަކަކަށް ބަހާލައިގެން ލާމަރްކަޒީ އުޞޫލުން ރާއްޖެ ހިންގުމަކީ، ވަކި ސިޔާސީ ޕާޓީއަކަށް ލިބޭ ކާމިޔާބެއް ނޫނެވެ. ޙަޤީޤަތުގައި މި ކާމިޔާބަކީ ދިވެހިރާއްޖެ ހޯދާ ކާމިޔާބެކެވެ. އަދި ވެރިކަމުގެ އެންމެހާ ބާރުތައް އެއްދިމާއެއްގައި ބަނދެވި، ރާއްޖޭގެ އިދާރީ ހިންގުމާއި، އިޤްތިޞާދީ ނާރެސް، މާލޭގައި މުގޫ ކުރެވިފައިވުމުން ލިބުނު ނަތީޖާއެއްގެ ގޮތުން މާލެ ތޮއްޖެހި، މާލޭގެ ދިރިއުޅުމަކީ ބޮޑު ބުރައެއް ކަމުގައި ވެފައިވާއިރު، އަތޮޅެއްގައި ނުވަތަ ރަށެއްގައި ދިރިއުޅުމަކީ އަދި އެއަށްވުރެ ބޮޑު ވޭނަކަށް ވެފައިވާކަން އެމަނިކުފާނު ބަޔާން ކުރެއްވިއެވެ.
"ރާއްޖޭގެ ވެރިކަމުގެ ބާރުތަކާއި އިދާރީ ހިންގުމާއި އިޤްތިޞާދީ ސަރަކަ، ވީ އެންމެ ފުޅާ ގޮތަކަށް މުޅި ރާއްޖޭގައި އެނބުރުމަށް ދޫކޮށްގެން މެނުވީ، މާލެއަށް ކުރިމަތިވެފައިމިވާ ބުރައާއި، އަތޮޅުތަކުގެ ބިކަ ހާލުން މިންޖެއް ނުވެވޭނެ" ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ދިވެހިރާއްޖޭގެ ޤައުމީ ޙަޔާތަށް އައި ބަދަލުގެ ދަނޑިވަޅުތަކާއި ހިނދުކޮޅުތަކުން މިއަދު އަޅުގަނޑުމެންނަށް ބޭނުން ހިފާން ލިބިފައި އޮތް އެންމެ އަގުބޮޑު އެއް ފުރްޞަތަކީ، ސަރަޙައްދުތަކަކަށް ބަހާލައިގެން ލާމަރްކަޒީ އުޞޫލުން އެ ސަރަޙައްދުތައް ހިންގުން ކަމުގައި ވިދާޅުވިއެވެ. އަދި ޤައުމުގެ ތަނަވަސްކަމާއި، ޤުދްރަތީ ވަސީލަތްތަކާއި، އިދާރީ ހިންގުމާއި، އިޤްތިޞާދީ ދުވެލި ރާއްޖޭގެ ހުރިހާ އަތޮޅެއްގެ އެއްގަމާއި، ކަނޑާއި، ފަޅުގައި ހިމެނި ދިއުން ނޫން ގޮތެއް އަދުގެ ދިވެހިން ބޭނުމެއްނުވާކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅު ނިންމަވާލެއްވީ، ދިވެހިންގެ ތަރައްޤީއާއި ކުރިއެރުމާއި ފާގަތިކަމަށްޓަކައި މިބަދަލު ގެނައުމުގެ ޔަޤީންކަން ލިބިވަޑައިގެންވާ ކަމުގައި ވިދާޅުވަމުންނެވެ.