ރަނގަޅު ވެރިންނަކީ މުވައްޒަފުންނަށް އެމީހުންގެ ވަޒީފާގެ ޒިންމާތަކާ ޢާއިލީ ޒިންމާތައް ހަމަހަމަ ގޮތެއްގައި އަދާކުރުމަށް މަގުފަހިވާ ގޮތަށް ފްލެކްސީ ޓައިމްއާ ގޭގައި ހުރެ މަސައްކަތްކުރުން ފަދަ ލުއިފަސޭހަތައް ހޯދައިދިނުމަށް ބާރުއަޅައި މަސައްކަތްކުރާ ބައެއްކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ވިދާޅުވެއްޖެއެވެ. އެކަމަނާ މިހެން ވިދާޅުވީ، މޯލްޑިވްސް އެސޯސިއޭޝަން އޮފް ހިއުމަން ރިސޯސް ޕްރޮފެޝަނަލްސް (އެމްއޭއެޗްއާރްޕީ) އިން އިންތިޒާމްކޮށްގެން ބާއްވާ ނެޝަނަލް އެޗްއާރު ކޮންވެންޝަން އެންޑް އެކްސްޕޯ 2023 ފެށުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ދެއްކެވި ވާހަކަފުޅުގައި، ވަޒީފާ އާއި ދިރިއުޅުމުގެ ކަންކަން އެއްހަމައެއްގައި ހިފެހެއްޓުމަކީ، ނަފްސާނީ ދުޅަހެޔޮކަމަށްޓަކައި ވަރަށް މުހިއްމުކަމެއްކަން ފާހަގަކުރެއްވިއެވެ. އަދި ހާސްކަން ކުޑަ މަސައްކަތު މާހައުލެއް ކަށަވަރުކޮށްދިނުމުގެ މުހިންމުކަން އެކަމަނާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. އަދި ވެރިން މުވައްޒަފުންގެ ސިއްޙަތަށާ ނަފްސާނީ ދުޅަހެޔޮކަމަށް ޙާއްޞަގޮތެއްގައި ސަމާލުކަންދީގެ ކަންކަން ކުރިޔަށް ގެންދިޔުމަށް އެކަމަނާ އެދިވަޑައިގެންނެވިއެވެ.

ޤައުމީ ތަރައްޤީގައި އަންހެނުން އަދާކުރާ މުހިއްމު ދައުރު ފާހަގަކުރައްވައި، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވިދާޅުވީ، މިސަރުކާރުން، ވިހެއުމުގެ ޗުއްޓީ އާއި ދަރިއަކު ލިބުމުން ލިބޭ ޗުއްޓީއާއެކު މުސާރަލިބޭ ގޮތަށް ހަމަޖައްސައިދީފައިވާ ކަމަށާ، ވަޒީފާދޭ ބައެއް ފަރާތްތަކުން މުވައްޒަފުންނަށް އެޗުއްޓީތައް ދިނުމަށް ބޭނުން ނުވާކަން އަދި ވެސް ފާހަގަ ކުރެވޭ ކަމަށެވެ. އާއިލީ ޒިންމާތައް އަދާކުރުމާއި، ވިހެއުމުގެ ޗުއްޓީއަކީ، މުވައްޒަފުންނަށް ވަޒީފާގައި ކުރިއަށް ދިޔުމަށް އޮތް ހުރަހެއްކަމުގައި ނުހެއްދެވުމަށް ވަޒީފާ ދޭ ފަރާތްތަކަށް އެކަމަނާ އިލްތިމާސް ކުރެއްވިއެވެ.

މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންގެ ވާހަކަފުޅުގައި ވަނީ، އޮފީސްތަކުގެ ވެރިންނާއި ހިއުމަންރިސޯސް ޑިޕާޓްމަންޓްތަކުގެ ވެރިންނާއި ސިޔާސަތުތައް ކަނޑައަޅުއްވާ ފަރާތްތަކުން، މުވައްޒަފުންނަށް ހިތްހަމަޖެހުމާއެކު މަސައްކަތް ކުރެވޭނެ ގޮތްތައް ބަލައި އެހީތެރިކަން ފޯރުކޮށްދެއްވުމަށް ގޮވާލައްވާފައެވެ. އެކަމަނާގެ ވާހަކަފުޅު ނިންމަވާލެއްވީ، މަސައްކަތުގެ މާހަލުގައި ދިމާވާ ގޮންޖެހުންތަކަށް ހައްލެއް ހޯދުމަށާއި، ހަމަހަމަކަން ކަށަވަރު ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަންޖެހޭ ކަން ފާހަގަކުރައްވަމުންނެވެ.

މީގެ އިތުރުން ވެސް އެކަމަނާ ވަނީ، މަސައްކަތްކުރުމުގައި އެކަށޭނަ ފަސޭހަގޮތްތަކާ މުވައްޒަފުންގެ އަޑުއަހާނެ ގޮތްތައް ބެއްލެވުމަށް، މިކޮންފަރެންސްގެ ބައިވެރިންގެ ކިބައިން އެދިވަޑައިގެންފައެވެ. އަދި މިފަދަ ކޮންފަރެންސްތައް ބޭއްވުމުގެ މުހިއްމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވައި މިކަން އިންތިޒާމްކުރެއްވި ފަރާތްތަކަށް އެކަމަނާ ޝުކުރުއަދާކުރެއްވިއެވެ.