ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެމަތީ ވެރިޔާ މުޙަންމަދު ނަޝީދު، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ މާލޭ އޭރިއާ އިފްތިތާޙް ކޮށްދެއްވައިފިއެވެ. ދަރުބާރުގޭގައި މިއަދު ހަވީރު ބޭއްވެވި މިރަސްމިއްޔާތުގައި، އެމް.އެން.ޑީ.އެފް. މާލޭ އޭރިއާ އިފްތިތާޙް ކޮށްދެއްވަމުން، ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، އެމް.އެން.ޑީ.އެފް.ގެ ހިންގުން ލާމަރްކަޒު ކުރެވިގެން ހިނގަން ފެށުމުން ނުކުތް އެންމެ ހެޔޮ އެއް ނަތީޖާއަކީ، މީގެކުރިން ހަމައެކަނި މާލެއަށް ނިސްބަތްވެ ތިބި އެތައް އޮފިސަރުންނާއި ފަހުލަވާނުން، އެމީހުންގެ ޢާއިލާއާ ގާތުގައި ވަޒީފާ އަދާކުރުމުގެ ފުރްޞަތު ލިބިގެން ދިއުން ކަމުގައި ވިދާޅުވިއެވެ. މިގޮތުން، ރާއްޖޭގެ ކަންކޮޅުތަކުގައި އަލަށް ޤާއިމު ކުރެވުނު އެމް.އެން.ޑީ.އެފް.ގެ މުވައްޒަފުންގެ ކޮންމެ ސަތޭކައަކުން ގާތްގަނޑަކަށް ނުވަދިހަ ފަސް މީހުންނަކީ، ސީދާ އެސަރަޙައްދަށް ނިސްބަތްވާ މީހުންކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

އަދި އެސަރަޙައްދުތަކުގައި މަސައްކަތްކުރާ ސިފައިންގެ މުސާރައަށާއި، ބޭސްފަރުވާއަށާއި، ކެއިންބުއިމަށް ގާތްގަނޑަކަށް އަހަރަކު ހޭދަވާ ފަސްދޮޅަސް ދެމިލިއަން ރުފިޔާ މިހާރު ދައުރުވަމުން ދަނީ ސީދާ އެސަރަޙައްދެއްގައިކަން އެމަނިކުފާނު ބަޔާންކުރެއްވިއެވެ. މިކަމުގެ ނަތީޖާއެއްގެ ގޮތުން ސަރަޙައްދުގެ އިޤްތިޞާދުގައި އެފައިސާ އެނބުރެން ފެށުމަކީ، މީގެ ކުރިން ނުލިބޭ އެތައް މަންފާއެއް އެސަރަޙައްދުގެ ރައްޔިތުންނަށާއި، މަސައްކަތްތެރިންނަށާއި، ވިޔަފާރިވެރިންނަށް ލިބިގެންދާނެ ކަމެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މިރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، އެމް.އެން.ޑީ.އެފް.ގެ ހިންގުން ސަރަޙައްދުތަކަށް ބަހާލައިގެން ހިންގަން ފެށުމުން ރާއްޖޭގެ އިޤްތިޞާދީ ސަރަޙައްދާއި، މަސްކަނޑުތައް ބެލެހެއްޓުމާއި، ކުއްލި ޙާލަތުތަކުގަޔާއި، ނުރައްކާތެރި ޙާދިސާތަކުގައި ޙަރަކާތްތެރިވުމުގެ ޤާބިލްކަން އިތުރުވެ، އެކަމުގެ ފައިދާ ފެންނަމުންދާ ކަމުގައި ވިދާޅުވިއެވެ. އަދި ރާއްޖޭގެ ރައްޔިތުން އުންމީދުކުރާ ތަރައްޤީ ހޯދައިދިނުމުގައި، ސިފައިންގެ އެއްބާރުލުމާއި ޚިދުމަތް ރާއްޖެއަށް ބޭނުންވެފައިވާ ކަމަށާއި، ތަރައްޤީގެ މަޝްރޫޢުތަކުގައި ސިފައިންގެ ދައުރު ފުޅާކުރުމުގެ މަސައްކަތް ކުރެވެމުންދާ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

އެމް.އެން.ޑީ.އެފް. މާލޭ އޭރިއާ އިފްތިތާޙުކޮށްދެއްވުމުގެ ރަސްމިއްޔާތުގައި، ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެމަތީވެރިޔާ މުޙަންމަދު ނަޝީދު، ސިފައިންގެ ދިދަ، މާލޭ އޭރިޔާގެ ކޮމާންޑަރު ބްރިގޭޑިއަރ ޖެނެރަލް އަހްމަދު ޝިޔާމް މުޙަންމަދާ މިއަދު ޙަވާލުކޮށްދެއްވިއެވެ.

މިއަދު އިފްތިތާޙް ކުރެވުނު އެމް.އެން.ޑީ.އެފް.ގެ މާލޭ އޭރިޔާގެ އިތުރުން، ރާއްޖޭގެ ތިން ސަރަޙައްދެއްގައި އެމް.އެން.ޑީ.އެފް.ގެ އޭރިއާ ކޮމާންޑްތައް މިހާރުވެސް ވަނީ ޤާއިމު ކުރެވިފައެވެ. އެއީ އެމް.އެން.ޑީ.އެފް. ސަދަރން އޭރިއާއާއި، އެމް.އެން.ޑީ.އެފް. ސެންޓްރަލް އޭރިއާއާއި އަދި އެމް.އެން.ޑީ.އެފް. ނޮދަން އޭރިއާއެވެ.