بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

اللَّـهُ سُبْحَانَهُ وَتَعَالَىٰ ގެ ޙަޟްރަތަށް ޙަމްދާއި ޝުކުރު ކުރަން. މި އުންމަތުގެ މާތް ނަބިއްޔާ مُحَمَّدُ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ އަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން. މި ޞަލަވާތާއި ސަލާމުގައި އެކަލޭގެފާނުގެ އާލު އަޞްޙާބުން ޝާމިލްކުރަން.

ދައުލަތުގެ ވަޒީރުން، ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުން، ޚާއްޞަކޮށް، މި ދާއިރާ ތަމްސީލު ކުރައްވާ ކިނބިދޫ ދާއިރާގެ ޢިއްޒަތްތެރި މެންބަރު ނާޝިޒް، ކައުންސިލްގެ ރައީސް، ކައުންސިލަރުން، ޑަބްލިޔޫ.ޑީ.ސީ.ގެ މެންބަރުން، ހިރިލަންދޫގެ ލޮބުވެތި ރައްޔިތުން، އަދި ފެނަކައިގެ އެމް.ޑީ.އާއި، ހީވާގި މުވައްޒަފުން؛

السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.

އެންމެ ފުރަތަމަވެސް އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، ދެންމެ މި ރަށަށް އަޅުގަނޑުމެން އައުމުން، މުޅި ހިރިލަންދޫ އެކީގައި، ކުދި ބޮޑު، އަންހެން، ފިރިހެން ހުރިހާ ބޭފުޅުން ނުކުމެވަޑައިގެން ތިޔަ ވިދާޅުވި މަރުޙަބާއަށް އަޅުގަނޑާއި އަޅުގަނޑުގެ ޓީމުގެ ފަރާތުން ވަރަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރާ ވާހަކަ.

އަޅުގަނޑަށް މިއަދު މި ރަށުން ފެނިގެން މިދިޔައީ ހިރިލަންދޫގެ ތަރައްޤީއަށްޓަކައި، ރައްޔިތުންގެ ކުރިއެރުމަށްޓަކައި މި ރަށުގެ ރައްޔިތުން އެތައް ޒަމާނެއް ވަންދެން ދެކެމުން އައި އެތައް ހުވަފެނެއް ޙަޤީޤަތަކަށް ވެގެންދާ މަންޒަރު ތިޔަބޭފުޅުންނަށް ފެނިވަޑައިގެން، އެކަމަށްޓަކައި ވިދާޅުވި މަރުޙަބާއެއް.

އާދެ، މިއަދު މީގެކުރިން އެ ބޭއްވުނު ކުޑަ ޙަފްލާގައި، މިޔުޒިކާއި ލަވައިގެ ތެރެއިން އޭގެ ކޮންމެވެސްވަރެއްގެ އިޙްސާސްތައް ތިޔަބޭފުޅުން ފާޅުކުރައްވައިފި. ޙަޤީޤަތުގައިވެސް އެއިން އަޅުގަނޑަށް ދޭހަވީ، މި ރަށުގެ ތަރައްޤީއަށްޓަކައި ރައްޔިތުން ބޭނުންވެފައި ހުރި އެތައް ކަމެއް ޒަމާންތަކެއް ވަންދެން ނުކުރެވި، މާޔޫސްކަމެއްގެ މަތީގައި މި ރަށުގެ ރައްޔިތުން ތިބިކަން. އެހެން ނަމަވެސް، މިއަދު ހިރިލަންދޫގެ ރައްޔިތުންނަށް ޔަޤީންކަމެއް ލިބިއްޖެ، ތަރައްޤީގެ މަޝްރޫޢުތައް ކުރިއަށްދާ ކަމާއި، ކުރިއަށް ގެންދާނެކަން. މިއަދު ފެނިގެން އެދިޔައީ، އަޅުގަނޑު ދަންނަވާނީ، ތިޔަބޭފުޅުން އެކަމަށްޓަކައި އޮތް ޔަޤީންކަން ދައްކައިދިނުމުގެ ގޮތުން ކުރެއްވި ކަމެއްގެ ގޮތުގައި. އަދިވެސް އެއްފަހަރު، މުޅި ރަށުގެ ހުރިހާ ރައްޔިތުންނަށް އަޅުގަނޑާއި ސަރުކާރުގެ ނަމުގައި ޝުކުރު އަދާކުރަން.

އާދެ، ރަށް ރަށުގައި ހުރި އަސާސީ ޚިދުމަތްތައް އެއީ، ޟަރޫރީ ބޭނުންތަކަށް ރައްޔިތުން ބޭނުންވެފައި ހުރި އެތައް ކަމެއް ދާދިފަހަކާ ޖެހެންދެން ހުރީ ނުކުރެވި ފުނިޖެހިފައި. އެއީ، ފެނާއި ނަރުދަމާ ކަމަށްވިޔަސް، ކަރަންޓް ކަމަށްވިޔަސް، ލަފާފުރުން ކަމަށްވިޔަސް، ޞިއްޙީ ޚިދުމަތް ކަމަށްވިޔަސް އަދި ދަރިންނަށް ތަޢުލީމު ފޯރުކޮށްދިނުން ކަމުގައިވިޔަސް، މިއީ ރާއްޖޭގެ އަތޮޅުތަކުގެ ރަށްރަށުގައި، ގިނަ ރަށްރަށުގައި ނުކުރެވި ފުނިޖެހިފައި ހުރި މަސައްކަތްތައް. އަޅުގަނޑުމެން 2018 ވަނަ އަހަރު މި ރަށަށާއި އަދި ރާއްޖޭގެ އެކި ރަށްރަށަށް ކުރި ޒިޔާރަތްތަކުގައި، އެތަން ލޮލުން ދެކި، ރަށް ރަށަށް ބޭނުންވެފައި ހުރި ތަރައްޤީ ގެނައުމަކީ، ކޮންމެހެން ކުރަން ޖެހިފައި ހުރި ކަންތައްތަކެއް ކަމުގައި އަޅުގަނޑުމެންނަށް ގަބޫލުކުރެވުނު.

އަޅުގަނޑުމެންގެ ވިސްނުމުގައި ހުރީ، އެއްވެސް ރަށެއް ބާކީނުކޮށް، އެއްވެސް ރައްޔިތެއް، އަސާސީ ޚިދުމަތްތަކުން ދުރުނުކޮށް، އަޅުގަނޑުމެންގެ ސަރުކާރުގައި އެ ޚިދުމަތްތައް ފޯރުކޮށްދޭނެ ކަމުގައި. އަޅުގަނޑު ހިތުން މި ޤައުމު ތަރައްޤީ ވާނީ ރައްޔިތުން ތަރައްޤީވެގެން. ރައްޔިތުން ތަރައްޤީވާނީ ރައްޔިތުންނަށް ބޭނުންވާ އަސާސީ ޚިދުމަތްތައް ފުރަތަމަ ފޯރުކޮށްދެވިގެން. ރަށްރަށުގައި ޢާއިލާއާ އެކީގައި ހަމަޖެހިގެން އުޅެވޭނެ ގޮތްތަކެއް ހަދައިދީގެން. މީގެކުރިން ސަރުކާރުތަކުން ކަންތައްތައް ކުރަމުން އައިސްފައި އޮތް ގޮތުގެ ތަފްޞީލަށް ނުދިޔަ ނަމަވެސް، ކުރަން ފަށާފައި ހުރި މަސައްކަތްތަކުން ފެންނަނީ، ކޮންމެ ފަސް އަހަރަކުން އެ އަންނަ އިންތިޚާބަށް ތައްޔާރުވާތަން. ކުރިއަށް އޮތް އިންތިޚާބު، އެއީ ރިޔާސީ އިންތިޚާބު ކަމަށްވިޔަސް، އެ އިންތިޚާބު ކާމިޔާބު ކުރުމަށްޓަކައި ބޭނުންވާ ދިމަދިމާއަށް ކުރަންޖެހޭ ކަންތައްތައް ކުރުން. އެއީ، މިވޭތުވެދިޔަ ތަނުގައި ސަރުކާރުތަކުން، ކަން ކުރަމުން އައިސްފައި އޮތްގޮތް. ނަތީޖާއަކީ ރާއްޖެއަށް މި ލިބޭ އާމްދަނީއާ އަޅައިބަލާއިރުގައި، ރާއްޖެ ތަރައްޤީވާންވީވަރަށް ނުވެ އޮތުން.

އަޅުގަނޑުމެން ވިސްނުން ތަފާތުކުރިން. އަޅުގަނޑުމެން މަސައްކަތް ރާވައި ކުރިއަށް މިގެންދަނީ ކޮންމެހެން ކުރިއަށް އޮތް ރިޔާސީ އިންތިޚާބު، ނޫނީވިއްޔާ މަޖިލީހުގެ އިންތިޚާބު އެއީ، އެންމެ މުހިންމު ކަމެއްގެ ގޮތުގައި ދެކިގެނެއް ނޫން. ރާއްޖެ ތަރައްޤީ ކުރުން. ތިޔަބޭފުޅުންނަށް ބޭނުންވާ ޚިދުމަތްތައް ފޯރުކޮށްދިނުން. އެއީ، އަޅުގަނޑުމެންގެ ވިސްނުން. އަޅުގަނޑުމެންގެ ޕްލޭނަކީ އެއީ. ތިޔަބޭފުޅުން ނިންމަވާނީ، ކުރިއަށް އޮތް ތަނުގައި ދެން ކަން ކުރަންވީ ގޮތް. ތަރައްޤީއަށްޓަކައި ކުރަން ފެށިފައި މިހުރި މަސައްކަތްތަކާއިގެން ކުރިއަށްދާނީތޯ، ނޫނީވިއްޔާ މަޑުޖެހި ތިބޭނީތޯ. ވަރަށް ސާފު. ތިޔަބޭފުޅުން އެކަން ނިންމަވާނީ، ވިސްނުންތެރިކަމާ އެކީގައި.

އާދެ، އެގޮތުން، ރަށް ރަށުގައި ހުރި އަސާސީ ޚިދުމަތްތަކުގެ ތެރޭގައި، ކަރަންޓުގެ ޚިދުމަތަކީ މިހާރު އަސާސީ ޚިދުމަތެއްގެ ގޮތުގައި ލިބެންޖެހޭ އެއްޗެއް. ވަކިވަކި ފަރުދުންގެ ދިރިއުޅުމާއި، އިޤްތިޞާދީ މަސައްކަތްތަކަށްޓަކައި ކަރަންޓަކީ ކޮންމެހެން ބޭނުންތެރި އެއްޗެއް. ރައްޔިތުން ބޭނުންކުރާ އެކިއެކި މެޝިނަރީއާއި، އިކްއިޕްމަންޓްތަކަކީ، ކަރަންޓް އޭގެ ރަނގަޅު ގޮތުގައި ލިބެންޖެހޭ އެއްޗެތި. މިހާތަނަށް އައިއިރުގައި، ކަރަންޓް ލިބުނު ނަމަވެސް، ގިނަ ރަށް ރަށުގައި، ލިބެންހުރި ބައެއް ރަށް ރަށުގައިވެސް އެކަން އޮތީ ބޮޑު، ކީކޭތޯ ދަންނަވާނީ، ރައްޔިތުންނަށް ބޮޑު ވޭނަކަށްވެފައި. މާދަމާ ކަމެއްނޭނގެ، ފްރިޖް ހަލާކުވާނީ. މާދަމާ ކަމެއްނޭނގެ، ދޮންނަ މެޝިން ބަދަލުކުރަންޖެހޭނީ. އެންމެ މުހިންމު ޕްރޮގްރާމް ބަލަން ބޭނުންވާ ގަޑީގައި ޓީ.ވީ. ގޮވައިގެން، އާ ޓީ.ވީ.އެއް ހޯދަން ޖެހިފައި އޮންނަނީ. އެހެން ނަމަވެސް، ފެނަކައިން މިއަދު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރަމުން އެ ގެންނަ މަސައްކަތްތަކަކީ، އަޅުގަނޑު މި ދެންނެވިހެން ދުރު ރާސްތާއަށް ވިސްނައިގެން، ކުރިއަށް މިއޮތް 40، 50 އަހަރުގެ ތެރޭގައި މާބޮޑު ބަދަލުތަކެއް ނުގެނެސް، އެ ޚިދުމަތްތައް ރައްޔިތުންނަށް ފޯރުކޮށްދިނުމަށްޓަކައި ޕްލޭން ކުރެވިގެން ކުރެވޭ ކަންތައްތައް.

މި ބުރަ މަސައްކަތް ކުރުމުގައި، ފެނަކައިގެ އެމް.ޑީ.އާއި، ހީވާގި މުވައްޒަފުން މެދުނުކެނޑި ރެޔާއިދުވާލު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރަމުން އެގެންދާ މަސައްކަތްތައް ފާހަގަކޮށް، އަޅުގަނޑާއި އަޅުގަނޑުމެންގެ ސަރުކާރުގެ ފަރާތުން ފެނަކަ ކޯޕަރޭޝަނަށް ވަރަށް ބޮޑަށް އަޅުގަނޑު ޝުކުރު އަދާކުރަން.

ރައްޔިތުންނަށް މި ބޭނުންވާ ޚިދުމަތްތައް، ބޭނުންވާ ބޭނުންތައް ފުއްދުމުގައި މިކަން އަޅުގަނޑުމެންނަށް މި ކުރެވެނީ، މިނިސްޓްރީތައް ހިންގަވަން ތިއްބެވި ބޭފުޅުންނާއި އަދި އެހެން ކުންފުނިތަކުގެ އެމް.ޑީ.ންގެ ބުރަ މަސައްކަތުން. އެހެން ނޫންނަމަކަ އަޅުގަނޑުމެން ހިފައިގެން މިއައި މެނިފެސްޓޯ، އޭގެ ރަނގަޅު ގޮތުގައި ތަންފީޛު ކުރެވެމަކުންނެއް ނުދިޔައީސް. އެ ބޭފުޅުން މަސައްކަތް ކުރައްވަމުން އެ ގެންދަވަނީ، ކަމެއް ހަމަ ކުރުމުގެ މަޤްޞަދަކު ނޫން. ރައްޔިތުންނަށް އެ ބޭނުންވާ ގޮތަށް، ރައްޔިތުން އެ ބޭނުންވާ މިންވަރަށް އެކަން ފޯރުކޮށްދިނުމަށް. އެމް.ޓީ.ސީ.ސީ ކަމަށްވިޔަސް. އެމް.އީ.ޑީ.ގެ މިނިސްޓަރު އެބަ އިންނެވި. އިކޮނޮމިކް މިނިސްޓަރު، އެޑިޔުކޭޝަން މިނިސްޓަރު، ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރު، ޕްލޭނިންގ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އެބަ އިންނެވި. އަދި މިކަމުގައި ރައްޔިތުންގެ މަޖިލީހުގެ ތެރެއިން މި ޕްރޮގްރާމްތައް ހިންގުމުގައި، މި ޕްރޮޖެކްޓްތައް ހިންގުމުގައި ސަރުކާރުގެ ސިޔާސަތުތައް ކުރިއެރުވުމަށްޓަކައި، ކުރިއަށް ގެންދިޔުމަށްޓަކައި އެހީތެރިވެދެއްވާ މެންބަރުންވެސް އަޅުގަނޑު މިއަދު ފާހަގަކުރަން. އެ ބޭފުޅުންގެ އެ ތާއީދުނެތި، އަޅުގަނޑުމެންނަކަށެއް މިކަން މިގޮތަކަށް ކުރިއަށް ނުގެންދެވޭނެ. އެކަމަށްޓަކައި މި ދާއިރާގެ މެންބަރާއި، ޕާލަމެންޓަރީ ގްރޫޕް ލީޑަރާއި އަދި މި ތިއްބެވި ހުރިހާ މެންބަރުންނަށް އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާ އެކުގައި ޝުކުރު އަދާކުރަން.

ހިރިލަންދުއަކީ މަސައްކަތްތެރި ރައްޔިތުންތަކެއް އުޅޭ ރަށެއް. މަސްވެރިކަމުގެ ރަށެއް. އޮޑިދޯނިފަހަރު ބަނުމުގައި ޚާއްޞަކޮށް، ފައިބަރުގެ މަސައްކަތް ފުޅާ ދާއިރާއެއްގައި ކުރަމުން އަންނަ ރަށެއް. މިއިން ކޮންމެ ކަމަކަށް އެބަ ބޭނުންވޭ، ކަރަންޓާއި މި ދެންނެވި އަސާސީ ޚިދުމަތްތައް. އަޅުގަނޑު 2018 ވަނަ އަހަރު ކެމްޕެއިން ތެރޭގައި މި ރަށަށް އައިން. އަޅުގަނޑު ބަލާލަން ދިޔައިން، މި ރަށުގެ ފައިބަރު މަސައްކަތްކުރާ ތަނާއި މަސް ކައްކާ ތަން. ފައިބަރު މަސައްކަތްކުރާ ސަރަޙައްދާއި މަސް ކައްކާ ތަނާ އެއީ އެއްތަނެއް. އެއް ސަރަޙައްދެއްގައި ހުންނަނީ. މިއީ މި ހުރިހާ ޒަމާންތަކެއް ވެގެންދިޔައިރުގައިވެސް އެއްވެސް ސަރުކާރަކަށް ފެނިފައި އޮތް ތަނެއް ނޫން. ކިހިނެއްތޯ މަސް ބާނައިގެން އައިސް މަސް ކައްކާއިރުގައި، ޖެހިގެން ހުރި، ހަމަ ޖެހިގެން އެހުރި ތަނުގައި ފައިބަރު މަސައްކަތް ކުރަމުންދާނީ. ކޮބައިތޯ އޭގެ އަޅުގަނޑުމެން ދޭނެ ޖަވާބަކީ. ނުފެނުނޭ އެ ތަނެއް.

އޭރުގެ ރިޔާސީ ކެންޑިޑޭޓް މި ރަށަށް ވަޑައިގެންނެވި. އަޅުގަނޑަށް އާދެވުނީ އެ މަނިކުފާނު މި ތަނުން ފުރާވަޑައިގެންނެވިތާ އެއް ދުވަސް، ދެ ދުވަސް ތެރޭގައި. ދެއްކެވި ވާހަކަ ތިޔަބޭފުޅުން ހަނދަމުފުޅު ހުންނާނެ. އެއަކަށް އަޅުގަނޑު ދާކަށްނެތިން. އެ ދުވަހު އަޅުގަނޑުމެން ވީމު ވަޢުދުތަކެއް. މި ރަށުގެ ބިން ހިއްކައިދޭނެ ކަމާއި، މި ރަށުގެ ސްކޫލް ތަރައްޤީކޮށްދޭނެ ވާހަކަ. އަދި ޒުވާނުން ބޭނުންވެފައި ހުރި ކުޅިވަރު ކުޅޭނެ ތަންތަން ޤާއިމުކޮށްދިނުން. އިރާދަކުރެއްވިއްޔާ މި ވޭތުވެގެންދިޔަ ހަތަރު އަހަރު ނިމި، ފަސްވަނަ އަހަރަށް އެޅިގެންދިޔައިރުގައި، މީގެތެރެއިން ގިނަ މަސައްކަތްތަކެއް މިހާރު މިހުރީ ނިމިފައި. އަޅުގަނޑު ހިތުން ރައްޔިތުން މިއަދު ތިޔަ ހާމަކުރަނީ، ތިޔަ ޔަޤީންކަން ލިބި، ތިޔަ ހިތްހަމަޖެހުން ތިޔަބޭފުޅުންނަށް ތިޔަ ލިބިވަޑައިގަންނަވަނީ، މި ދެންނެވި ކަންތައްތައް ފުރިހަމަވެގެންދާތަން ފެންނާތީ.

އާދެ، މި ރަށުގެ އިންޖީނުގެ ބަދަލުކުރުމުގެ މަސައްކަތް ފެނަކައިން އެދަނީ ކުރަމުން. މި ރަށަށް ތިން އިންޖީނު ޖަނަރޭޓަރު ގެނެސް، ކަރަންޓުގެ ޚިދުމަތް މިހާރު އެވަނީ ފުޅާކުރެވިފައި. އަދި އެއާއެކުގައި، އިންޖީނުގޭގައި މަސައްކަތްކުރާ މުވައްޒަފުން ތިބޭ އިމާރާތް ޒަމާނީ ފެންވަރަށް ހަދައި ހުޅުވުމުގެ ރަސްމިއްޔާތު މިއަދު ކުރިއަށް މިދަނީ. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި، ތަނެއްގައި މަސައްކަތްކުރާއިރުގައި، އެ ތަނެއްގެ މުވައްޒަފުން ހަމަޖެހިލައިގެން މަސައްކަތް ކުރެވޭނެ ގޮތްތަކެއް ހޯދައިދޭންޖެހޭނެ. އެހެން ނޫނިއްޔަކާ ޕްރޮޑަކްޝަނެއް، އެބޭފުޅުން އެ ކުރައްވާ މަސައްކަތުގެ އެންމެ އެދެވޭ ނަތީޖާއެއް ނުނުކުންނާނެ. އެގޮތުން، މި ރަށުގައި މި އަލަށް ހުޅުވޭ އިންޖީނުގޭގެ އާ އޮފީސް އިމާރާތުގެ ސަބަބުން މި ރަށުގެ ފެނަކައިގެ އިންޖީނުގޭގައި މަސައްކަތްކުރާ މުވައްޒަފުންނަށް ހިތްހަމަޖެހުން ލިބިގެންދާނެކަމާމެދު އަޅުގަނޑު އުންމީދު ކުރަން.

އަޅުގަނޑުގެ ވާތްފަރާތުން މި ފެންނަނީ ކުރީގައި މި ރަށުގައި ހުރި އޮފީސް އިމާރާތް. 9 ފޫޓް 15 ފޫޓުގެ އިމާރާތެއް. 9 ފޫޓް 15 ފޫޓުގެ އިމާރާތެއް. ތިޔަބޭފުޅުން ވިސްނަވާ، އެތަނުގެ ތެރޭގައި މަސައްކަތް ކުރަން ބަޔަކު ތިބޭނެގޮތް. މިއަދު އަލަށް ހުޅުވިގެން މިދާ އިމާރާތަކީ، 50 ފޫޓް 35 ފޫޓްގެ ހިތްގައިމު އިމާރާތެއް. އެކަމަށްޓަކައި އަދިވެސް އެއްފަހަރު، މި މަސައްކަތް ކޮށްދެއްވި ފެނަކައިގެ މުވައްޒަފުންނަށް، ޚާއްޞަކޮށް، އެމް.ޑީ. އަށް އަޅުގަނޑު ވަރަށް ބޮޑަށް ޝުކުރު އަދާކުރަން.

އަޅުގަނޑަށް އެނގިފައި އޮތް ގޮތުގައި ވެއްޖިއްޔާ، މި މަސައްކަތް ކޮށް ނިންމައި، މިހާ ފުރިހަމައަށް ކޮށް ނިންމާފައި މިހިރީ މި ރަށުގެ ހީވާގި ރައްޔިތުން. ބޭރުން، މި ރަށުން ބޭރުގެ އެއްވެސް މީހެއްގެ އެއްވެސް މަސައްކަތެއް މިކަމުގައި ނެތް. އެކަމަށްޓަކައި ހިރިލަންދޫގެ މަސައްކަތްތެރި ހީވާގި ހުރިހާ ރައްޔިތުންނަށް އަޅުގަނޑު އަދިވެސް އެއްފަހަރު އިޚްލާޞްތެރިކަމާއެކު ޝުކުރު އަދާކުރަން.

އިރާދަކުރެއްވިއްޔާ، މި ރަށުގެ ތަރައްޤީއަށްޓަކައި ރައްޔިތުން ތިޔަ ބޭނުންވާ އިތުރު ކަންތައްތައް އަޅުގަނޑުމެން ކޮށްދޭނަން. މިއަދުގެ ވަގުތެއްގައި އަޅުގަނޑު މި ރަށުގެ ކައުންސިލާއި، ޑަބްލިޔޫ.ޑީ.ސީ.އާ އެކީގައި އެބަ ބައްދަލުކުރަން. އެ ބައްދަލުކުރުމުގައި ރައްޔިތުންގެ ފަރާތުން ދެން އިތުރަށް މި ރަށުގައި ކުރަންހުރި ކަންތައްތަކުގެ ވާހަކަ ހުށަހެޅިގެންދާނެ ކަމަށް އަޅުގަނޑު އުންމީދު ކުރަން. އެއާއެކީގައި ދެންހުރި ކަންތައްތައް އިރާދަކުރެއްވިއްޔާ ޕްލޭން ކުރެވިގެން މިހާރުވެސް މި ކަންތައްތައް ކުރިއަށްގެންދާ ގޮތަށް، ދުރަށް ޕްލޭން ކުރެވިގެން ކުރިއަށް ގެންދާނެ ކަމުގެ ޔަޤީންކަން އަރުވަމުން، އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލާނަން.

އަޅުގަނޑު އެދެނީ، ހިރިލަންދުއަށާއި، މި އަތޮޅަށާއި، މި ރާއްޖެއަށް މިއަށްވުރެ އުފާވެރި، ފަހި މާދަމާއެއް ﷲ މިންވަރު ކުރެއްވުން.

وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.