بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

الْحَمْدُ لِلَّـهِ رَبِّ الْعَالَمِين، وَالصَّلَاة وَالسَّلَامُ عَلَىٰ أَشْرَفِ الْأَنْبِيَاءِ وَالْمُرْسَلِين، وَعَلَىٰ آلـه وَصَحْبِـهِ أَجْمَعِين.

ލޯކަލް ގަވަރންމަންޓް އޮތޯރިޓީގެ ރައީސް، ހޯމް މިނިސްޓަރ އައްޝައިޚް ޢިމްރާން ޢަބްދުﷲ، އެލް.ޖީ.އޭ.ގެ ސީ.އީ.އޯ. ފާޠިމަތު އަފްޝަން ލަޠީފް، ބޯޑު މެންބަރުން، ދައުލަތުގެ އެކި މުއައްސަސާތަކުގެ ވެރިން، މި ޙަފްލާއަށް ވަޑައިގެން ތިއްބެވި އެންމެހައި ބޭފުޅުން؛

السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.

އާދެ، އެންމެ ފުރަތަމަވެސް މިފަދަ މުހިންމު މަސައްކަތެއް އިފްތިތާޙް ކުރެވިގެންމިދާ މި ޙަފްލާގައި ބައިވެރިވުމުގެ ފުރުޞަތު ލިބުނީތީ، އަޅުގަނޑު އެކަމަށް އުފާކޮށް އެލް.ޖީ.އޭ.ގެ ރައީސަށް، އަދި ބޯޑު މެންބަރުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.

އާދެ، އެނގިވަޑައިގަންނަވާނެ، ޤާނޫނުއަސާސީގެ 8 ވަނަ ބާބުގައި ލާމަރުކަޒީ ގޮތުން ރާއްޖެ ހިންގުމާ ގުޅޭގޮތުން މާއްދާތަކެއް އެކުލެވިގެންވޭ. އަޅުގަނޑު ހަނދާން އެބަހުރި، ޚާއްޞަ މަޖިލީހުގައި މި ބާބުގެ މާއްދާތަކާ ގުޅޭގޮތުން ބަހުސް ކުރެވިގެންދިޔައިރު، ވަރަށް ފުޅާ ދާއިރާއެއްގައި ގިނަ ކަންތައްތަކާ ގުޅޭގޮތުން ބަހުސް ކުރެވުނު. އަދި އޭގެ ދަށުން ޤާނޫނު ނަންބަރު 7/2010 ޤާނޫނު ހެދި، އަދި އެކިފަހަރު މަތިން އެކި އިޞްލާޙުތައް ވަނީ ގެނެވިފައި.

އަޅުގަނޑުމެން ވިސްނާލަންޖެހޭ، މީގައި ވަރަށް މުހިންމު މަޤްޞަދުތަކެއްވޭ. ޤާނޫނުއަސާސީން މި ކަންތައްތައް ކަނޑައެޅުމާއި އަދި ޤާނޫނުތަކުން މިކަމަށް ޖާގަ ދިނުމުގެ ވަރަށް މުހިންމު ކަންތައްތަކެއް އެބަވޭ. އަޅުގަނޑު ދަންނަވާނީ، ރާއްޖެ އުފެދިފައި އޮތްގޮތުންވެސް، ޖަޒީރާ ރަށްތަކެއްގެ މައްޗަށް އެކުލެވިފައި އޮތްއިރު، ރަށްރަށުގެ ހިންގުން، އަތޮޅުތަކުގެ ހިންގުން، ޚާއްޞަކޮށް، ފަސޭހަކަމާއެކު ޚިދުމަތް ލިބުމުގެ ކަންތައްތައް ހަމަޖެއްސުމަކީ އެއީ، މިއަދު އަޅުގަނޑުމެން ހޯދަން މި ބޭނުންވާ ތަރައްޤީއާއި ކުރިއެރުމަށް އެންމެ ބޭނުން އެއް ކަންތައް.

އެނގިވަޑައިގަންނަވާނެ، އަޅުގަނޑުމެންނަށް ޤާނޫނުތަކެއް ހެދިފައި ހުރި ނަމަވެސް، އަދި މިކަމާ ގުޅޭ އެކިއެކި ވަސީލަތްތައް ޤާއިމުކުރެވުނަސް، އެންމެ މުހިންމު ކަމެއްގެ ގޮތުގައި މި އޮތީ، ކަމަށް ބޭނުންވާ އެކަށޭނަ ޤާބިލް މީހުން ތައްޔާރުކުރުން. މި ކަންތައްތަކަކީ މިއީ، ޅަފަތުގައިވާ ކަންތައްތަކެއް. ހޯމް މިނިސްޓަރުވެސް ވިދާޅުވިގޮތަށް އެހާގިނަ ދުވަސްތަކެއްނުވޭ، މި ނިޒާމުގެ ދަށުން، ދިވެހިރާއްޖެ ލާމަރުކަޒީ އުސޫލުގެ ދަށުން ހިންގުމުގެ ކަންތައްތައް ކުރިއަށް ގެންދާތާ.

އެހެންވީމާ، އަޅުގަނޑުވެސް ގަބޫލުކުރަނީ ޚާއްޞަކޮށް، މި އިންސްޓިޓިއުޓްގެ ސަބަބުން ގިނަގުނަ ފަސޭހަތަކެއް، މި ދެންނެވި ކަންތައްތަކަށް ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށް. އެނގިވަޑައިގަންނަވާނެ، ޚާއްޞަކޮށް މި ސަރުކާރަކީ، ވަރަށް ބޮޑަށް އެއްތަނަކަށް ޖަމާވެފައި ހުރި ބާރުތައް ދުރަށް، އެކި ހިސާބުތަކަށް އާދެ، ރަށްތަކަށް، އަތޮޅުތަކަށް ދޫކޮށްލައި، ކައުންސިލްތަކުގެ މައްޗަށް ދޫކޮށްލައި، ރައްޔިތުންނަށް ކުރީގައިވެސް މި ދެންނެވި ގޮތަށް ފަސޭހަކޮށް އެ ޚިދުމަތްތައް ލިބޭނޭގޮތަށް، އެކަމަށް ވަރަށް ބޮޑަށް ސަމާލުކަމެއްދީ، ވަރަށް ބޮޑު އަހަންމިއްޔަތު ކަމެއް ދޭ ސަރުކާރެއް.

އާދެ، މިކަމަށްޓަކައި ގިނަގުނަ ކަންތައްތަކެއްވެސް މި ސަރުކާރުން ކޮށްފައިވޭ. އެނގިވަޑައިގަންނަވާނެ، ޤާބިލް ބޭފުޅުން ހޯދުމަށްޓަކައި ދިމާވެފައި އޮތް އެއް ގޮންޖެހުމަކަށް ވެގެންދިޔައީ މުއްދަތު. ކުރީގައި ކައުންސިލްތަކުގެ އުމުރު މި އޮންނަނީ ތިން އަހަރު. އޭގެ ސަބަބުންވެސް، ޤާބިލް ބޭފުޅުން އެ މަގާމުތަކަށް ކުރިމަތިލުމަށްޓަކައި ވަނީ ކޮންމެވެސްވަރެއްގެ ހުރަހަކަށް. އެހެންނަމަވެސް، މި ސަރުކާރު އައުމާއެކު، މި ސަރުކާރުން ފެށި ދަތުރެއް، ވަރަށް ބޮޑު ދަތުރެއް މިއީ ލާމަރުކަޒީ ރާއްޖެއެއް، ނޫނީ ލާމަރުކަޒުކޮށް، ޙަޤީޤީ މާނައިގައި އެ ކަންތައްތައް ކުރުން. އެގޮތުން ފަސް އަހަރުގެ މުއްދަތަށް، މި ދެންނެވި ގޮތަށް ކައުންސިލްތަކުގެ އުމުރު ދިގުކުރުމާއި، އަދި ހަމައެއާއެކު އެނގިވަޑައިގަންނަވާނެ، އަޅުގަނޑުމެންނަށް ތަރައްޤީ މި ހޯދެނީ، އެކުއެކީގައި ކުރެވޭ މަސައްކަތްތަކުން. އަންހެން ބޭފުޅުންގެ ބައިވެރިވުން އިތުރުކުރުވުމަށްޓަކައި ގިނަގުނަ މަސައްކަތްތަކެއް ކުރެވިއްޖެ. އެނގިވަޑައިގަންނަވާނެ، މި ސަރުކާރުގެ ކެބިނެޓުގައި ވިޔަސް، އަދި މި ސަރުކާރުގެ އެކިއެކި ވުޒާރާތަކާއި މުއައްސަސާތަކުގައި ވިޔަސް، އަދި ކައުންސިލްތަކަށް ބަލައިލިޔަސް، މި އަދަދު އިތުރުކުރެވި، ޚާއްޞަކޮށް އަންހެން ބޭފުޅުންގެ ބައިވެރިވުން އިތުރުކުރުމަށްޓަކައި ގިނަގުނަ މަސައްކަތްތަކެއް ކުރެވިފައިވޭ.

މި ހުރިހާ މަސައްކަތެއްގެ ތެރެއިންވެސް އަޅުގަނޑުމެން ބޭނުންވެގެން މިއުޅޭ ކަމަކީ، ރަށްރަށުގެ ރައްޔިތުންނަށް ކުރީގައި ދަތިއުނދަގުލުން ޚިދުމަތްތައް ހޯދި ފަރާތްތަކަށް ފަސޭހަކޮށްދިނުން. ސަރުކާރުގެ ކޮންމެ ކަމެއްގެވެސް އަމާޒުހުރީ ރަށުގައި ތިބެގެން ކަންތައްތައް ފަސޭހަވެގެން ދިޔުމަށް. ޞިއްޙީ ކަންތައްތަކަށް ވިޔަސް، އަދި ތަޢުލީމީ ކަންތައްތަކަށް ވިޔަސް، ވަޒީފާގެ ފުރުޞަތުތަކަށް ވިޔަސް، އަދި ރަށުން ލިބެންޖެހޭ ޚިދުމަތްތަކުގެ ތެރެއިން އެހެނިހެން ކަންތައްތަކަށްވެސް ވަރަށް ބޮޑު ސަމާލުކަމެއް މި ސަރުކާރުން ދޭ ކަންތައްތައް މިހުރީ.

އެނގިވަޑައިގަންނަވާނެ، އަޅުގަނޑުމެންނަކަށް ރާއްޖޭގެ ވަކި ކުޑަރަށަކަށްވީތީވެ، އިހުމާލެއް ނުވެވޭނެ. ކުޑަ ރަށަކަށް ވިޔަސް، ބޮޑު ރަށަކަށް ވިޔަސް، އަދި ސިޓީއަކަށް ވިޔަސް، އެ ތަނެއްގައި ދިރިއުޅޭ މީހުންނަށް ބޭނުންވާ ކަންތައްތައް އަޅުގަނޑުމެން ފުރިހަމަކޮށްދޭން އެބަޖެހޭ. އަޅުގަނޑު ގަބޫލުކުރަނީ މި ހުރިހާ ކަމެއްގައިވެސް، އެންމެ މުހިންމު ރޯލެއް އަދާކުރާ ބަޔަކަށް ވެގެންދާނީ ކައުންސިލްތައް ކަމަށް. ކައުންސިލްތައް ބާރުވެރިވި ވަރަކަށް ކައުންސިލްތަކުގެ ޤާބިލްކަން އިތުރުވި ވަރަކަށް، ކެޕޭސިޓީ ހައިވި ވަރަކަށް ފަސޭހަވެގެންދާނެ. މިފަދަ ޕްރޮގްރާމްތަކުން، މިފަދަ އިންސްޓިޓިއުޓެއްގެ ސަބަބުން އަޅުގަނޑު ގަބޫލުކުރަނީ، ކުރިއަށް އޮތް ތާނގައި އަޅުގަނޑުމެންގެ ޒުވާން ޖީލު ބިނާވެގެން އަންނައިރު، މީގެތެރެއަށް ވަނުމަށްޓަކައި ނުވަތަ ފުރިހަމަގޮތުގައި މި ކަންތައް ކުރުމަށްޓަކައި ގިނަގުނަ ޒުވާނުންތަކަކަށް މަގުފަހިވެގެންދާނެ ކަމަށް.

މި ސަރުކާރުން ވަރަށް ބޮޑު ސަމާލުކަމެއް ދޭ ކަމެއް، ޚާއްޞަކޮށް ތަމްރީނާއި ސްކިލް، އަޅުގަނޑުމެންގެ ޒުވާން ޖީލެއް، ސްކިލްޑް ޖީލެއް ބިނާކުރުން. ހަޔަރ އެޑިޔުކޭޝަން ދާއިރާއަށް އަޅުގަނޑުމެން ބަލައިފި ކަމަށްވަންޏާ، އަހަރެއްގެ މައްޗަށް އެތައް ކުދިންނަކަށް އެކިއެކި ދާއިރާތަކުން ކުރިއަށްދާން، އެ ފުރުޞަތު ލިބިގެންދާ މަންޒަރު އަޅުގަނޑުމެންނަށް އެބަ ފެނޭ.

އެހެންނަމަވެސް، އަޅުގަނޑު މިއަދު ހަމަ ދަންނަވާލަން ބޭނުންވާ އެއް ކަމެއް. އަޅުގަނޑުމެންނަށް މިގޮތަށް އިންސްޓިޓިއުޓެއްވެސް ފެށްޓިދާނެ. ވަރަށް ފުރިހަމަ ޙަފްލާތަކެއް ބާއްވައިފައިވެސް އަޅުގަނޑުމެންނަށް އެ ކަންތައް ކުރެވިދާނެ. އެކަމަށް ދޭންޖެހޭ ސަމާލުކަން، އަޅުގަނޑުމެން އަބަދުމެ ދޭންޖެހޭ ސަމާލުކަން އަޅުގަނޑުމެންނަށް ނުދެވޭ ކަމަށްވަންޏާ، އަނެއްކާވެސް މިކަހަލަ ކަމެއް ކުރުމުގެ މާބޮޑު ނަތީޖާތަކެއް ނުނިކުންނާނެ.

ބަދަލުވަމުންދާ ދުނިޔޭގައި، އަޅުގަނޑުމެންނަށް މި ފެންނަނީ ޤައުމުތަކުގެ ޚާއްޞަކޮށް، ހިންގުން ހަރުދަނާވެގެންދާތަން. ޒަމާނީ ޓެކްނޯލޮޖީއާއެކު، ފަސޭހަކަމާއެކު އެ މީހަކު ހުރި ތަނެއްގައި، މިހާރު ކާރުތެރޭގައި އިނދެގެންވެސް އޮފީސް ހިންގާލެވޭ. ސައިކަލް މަތީގައިވެސް ބައެއް މީހުންނަށް ހަމަ މަޑުކޮށްލައިގެން އިނދެ އޮފީސް ހިންގައިލެވޭ. މަސްވެރި ދޯންޏެއްގައި ހުރެގެންވެސް އޮފީސް ހިންގައިލެވޭ. މަސައްކަތްތައް ކޮށްލެވޭ. ފައިސާވެސް ހޯދޭ. ވިޔަފާރިވެސް ކުރެވޭ. މިހާރު ވަކި ތަނެއްގައި ހުންނާކަށް ނުޖެހޭ.

އެހެންވީމާ، އަޅުގަނޑުމެން ބަލަންވީ މިފަދަ ވަސީލަތްތަކުގެ އެންމެ ފުރިހަމަ ބޭނުންހިފާ ބައެއްގެ ގޮތުގައި އަޅުގަނޑުމެން ވާން. އެނގިވަޑައިގަންނަވާނެ، ދިވެހިންނަކީ ވަރަށް ތޫނުފިލި ބައެއް. ޙަޤީޤަތުގައިވެސް އަޅުގަނޑުމެންނަށް ވަރަށް ފަސޭހަ، ކަންތައްތައް ދަސްކޮށްލަން. އެއީ، ޔުނިވަރސިޓީއަކަށް ވިޔަސް، ކޮލެޖަކަށް ވިޔަސް. މިހާރުވެސް އަޅުގަނޑުގެ ކުރިމަތިން އަޅުގަނޑަށް އެބަ ފެނޭ، ވަރަށް ޢިލްމީ ޤާބިލް ބޭފުޅުން. ވަރަށް ގިނަ އަޅުގަނޑުމެންގެ ތެރޭގައި.

އެހެންވީމާ، މިފަދަ ފުރުޞަތުތަކުގެ ބޭނުން ހިފައިގެން، މިއީވެސް އޮތް ދާއިރާއެއްކަން އަޅުގަނޑުމެން ބަލައިގަންނަން އެބަޖެހޭ. މި ދާއިރާއަކީ މުހިންމު ދާއިރާއެއްގެ ގޮތުގައި އަޅުގަނޑުމެންނަށް މީހުން ތައްޔާރުކުރެވިގެން އެ މަސައްކަތުގައި މަސްއޫލު ކުރެވިއްޖެ ކަމަށްވަންޏާ، ކުރީގައި އަޅުގަނޑު މި ދެންނެވި ޙަޤީޤީ މަޤްޞަދު، ޤާނޫނުއަސާސީގައި ކަނޑައަޅާފައިވާ މަޤްޞަދު ހާސިލުވާނީ. ޤާނޫނުތަކަށް އެތައް އިޞްލާޙެއް ގެނެވިއްޖެ ރަނގަޅު ކުރުމަށްޓަކައި. ދުވަހެއް ދުވަހަކަށް އެ ކަންތައްތައް އަޅުގަނޑުމެންނަށް ފުރިހަމަކުރެވޭނެ.

އަޅުގަނޑު ހަމަ މި ފުރުޞަތުގައި ފާހަގަކޮށްލަން، އެލް.ޖީ.އޭ.ގެ ފަރާތުންވެސް ވޭތުވެދިޔަ އަހަރުތަކުގައި، 2010 ވަނަ އަހަރުން ފެށިގެން މިއަދާ ހަމައަށްވެސް ވަރަށް ގިނަ މަސައްކަތްތައް ކުރެވިއްޖެ. ވަރަށް ގިނަ ޓްރޭނިންގ ޕްރޮގްރާމްތައް ހިންގިއްޖެ. މީހުން ތައްޔާރުކުރުމަށްޓަކައި މަސައްކަތްތަކެއް ކުރެވިއްޖެ. ރަށު ފެންވަރުގައްޔާއި، އަތޮޅު ފެންވަރުގައި، އަދި ޤައުމީ ފެންވަރުގައިވެސް މަސައްކަތްތަކެއް ކުރެވިއްޖެ.

ލޯކަލް ކައުންސިލްތަކުން ކުރާ މަސައްކަތްތައްވެސް އަޅުގަނޑު ހަމަ މިއަދު ފާހަގަކޮށްލަން ބޭނުން. ހުރިހާ ކައުންސިލްތަކުގައި ކައުންސިލަރުންނާއި އަދި ކައުންސިލްތަކުގައި ވަޒީފާ އަދާކުރާ ފަރާތްތަކަށްވެސް އަޅުގަނޑު ދަންނަވާލަން އޮތީ ތިޔަބޭފުޅުންގެ ރޯލު ވަރަށް ފުޅަލޭ. ވަރަށް މުހިންމޭ. ޙަޤީޤަތުގައި އަޅުގަނޑުމެންގެ ކާމިޔާބީއަކަށް ވާނީ، މި ކަންތައް ދުވަހެއް ދުވަހަކަށް، ސެންޓްރަލީ، ޖަމާވެފައި ހުރި ކަންތައްތައް، ރަށްރަށަށް ޖަމާވަމުން ވަމުން ގޮސް، ވަރަށް ލުއިވެގެން ދިޔުން. މައި ސަރުކާރުގެ، މާލޭގައި މި ހިނގާ މަސައްކަތްތައް މަދުވެގެން ދިޔުން. އޭގެ ސަބަބުން ފަސޭހަތަކެއް ވެގެންދާނެ.

އެހެންވީމާ، އަޅުގަނޑު ހަމަ ނިންމާލުމުގެ ކުރިން އަދިވެސް އެއްފަހަރު ދަންނަވާލަން. ޚާއްޞަކޮށް، މި ޓްރޭނިންގ ދާއިރާގައި ވަރަށް ގިނަގުނަ މަސައްކަތްތަކެއް އަޅުގަނޑުމެންނަށް ކުރެވިއްޖެ. ކޮލެޖް ޔުނިވަރސިޓީތަކުގެ އެ ބައިވެރިވުން ވަރަށް ބޮޑަށް މި ކަންތައްތަކަށް ލިބިގެން ހިނގައްޖެ. އެކަމަށްޓަކައި އަޅުގަނޑު ތިޔަ ހުރިހާ ބޭފުޅުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު އަދާކުރަން.

އެލް.ޖީ.އޭ.ގެ ފަރާތުން ކޮށްފައިވާ މަސައްކަތްތައް ފާހަގަކޮށް، އަޅުގަނޑު އެކަމަށްޓަކައި ޝުކުރު އަދާކުރަން. އަދި ކައުންސިލްތަކުން ރައްޔިތުންނަށް މިހާރު ދެމުންދާ ޚިދުމަތްތައްވެސް ފާހަގަކުރަން. އަދި އަޅުގަނޑުގެ އުންމީދަކީ، ކުރިއަށް އޮތް ތާނގައި އިރާދަކުރެއްވިއްޔާ، ވީހާވެސް ބޮޑަށް ރައްޔިތުންގެ ބައިވެރިވުމާއެކީ ކަންކަން ނިންމުމާއި، ރަށުގެ މަސައްކަތްތައް، ޚިދުމަތްތައް ފަސޭހަކޮށް ރައްޔިތުންނަށް ލިބިގެންދާނެ ގޮތަކަށް ހުރިހާ ކަމެއްވެސް ވެގެންދިޔުން.

އަޅުގަނޑުގެ ދުޢާއަކީ އަޅުގަނޑުމެންގެ ޤައުމު ތަރައްޤީކޮށް، ޤައުމުގެ ކަންކަން ހިންގުން ހަރުދަނާ ކުރުމަށްޓަކައި އަޅުގަނޑުމެން އެންމެން ކުރާ މަސައްކަތުގައި اللهُ سُبْحَانَهُ وَتَعَالَى ބަރަކާތް ލެއްވުން. އެކުގައި ކުރެވޭ މަސައްކަތުން އަޅުގަނޑުމެންނަށް ކާމިޔާބު ލިބިގެންދިޔުން.

وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.