ސޫދާން ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު، ޢަބްދުﷲ އުމަރު ބަޝީރު އަލްހުސައިން، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް އަރުވައިފިއެވެ. ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތު ބާއްވަވާފައި ވަނީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

ފަތްކޮޅު އެރުވުމަށްފަހު، ސޫދާންގެ އާ ސަފީރާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައި، އެމަނިކުފާނަށް ތަހުނިޔާ ވިދާޅުވެ، ކުރިޔަށް އޮތްތަނުގައި ދެޤައުމުގެ ގުޅުން އިތުރަށް ބަދަހި ކުރެއްވުމާއި ގުޅޭ ގޮތުން މަޝްވަރާކުރެއްވިއެވެ. އެގޮތުން މި ބައްދަލުކުރެއްވުމުގައި، ވިޔަފާރިއާއި އިންވެސްޓްމަންޓްތައް އިތުރުކުރުމާއި، މަސްވެރިކަމާއި، ދަނޑުވެރިކަމާއި، ފަތުރުވެރިކަމާއި، މޫސުމަށް އަންނަ ބަދަލުތައްކުޑަކުރުމަށް މަސައްކަތްކުރުމާ ބެހޭގޮތުން ރައީސުލްޖުމްހޫރިއްޔާ އާއި ސޫދާންގެ ސަފީރު މަޝްވަރާކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާވަނީ ވަކި ޤައުމަކަށް ބެލުމެއްނެތި ރާއްޖެއިން އޮން އެރައިވަލް ވިސާ ދެމުންދާކަން ފާހަގަކުރައްވާ ދިވެހިންނަށް ސޫދާނަށް ދަަތުރުކުރުމަށް ލުއި ފަސޭހަކަން ލިބިގެންދިއުމަށް އުންމީދުކުރައްވާކަން ފާހަގަކުރައްވާފައެވެ. އަދި އެމަނިކުފާނުވަނީ މިކަމުގެ ސަބަބުން ދެޤައުމުގެ ރައްޔިތުންގެ މެދުގައި މުޢާމަލާތްތައް އިތުރުވެ ގުޅުންބަދަހިވެގެންދާނެކަން ފާހަގަކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާއާއި ސަފީރު ދެއްކެވި ވާހަކަފުޅުގައި، ދެޤައުމުގެ ބައެއް ކަންކަމުގައި އެއްބާރުލުން ދެއްވުމާ ބެހޭގޮތުންނާއި، ބައިނަލްއަޤްވާމީ ގޮތުން ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމާ ބެހޭގޮތުން މަޝްވަރާކުރެއްވިއެވެ. އަދި ދެ ބޭފުޅުންގެ ވާހަކަ ނިންމަވާލައްވަމުން ރައީސުލްޖުމްހޫރިއްޔާއާއި ސަފީރު ވަނީ ބައިނަލްއަޤްވާމީ މައިދާނުގައި ދެޤައުމުގެ މަޞްލަހަތު ހިމެނޭ ދާއިރާތަކުން އެކުގައި މަސައްކަތްކޮށް ދެޤައުމުގެ ގުޅުން ބަދަހިކުރެއްވުމަށް ދެބޭފުޅުންވެސް މަސައްކަތްކުރައްވާނެކަމުގެ ޔަޤީންކަން އަރުވާފައެވެ.

ރާއްޖެއާއި ސޫދާނާ ދެމެދު ސިޔާސީ ގުޅުން ޤާއިމްކޮށްފައިވަނީ 10 ޖޫން 1981 ގައެވެ.