بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ
ގަދަކީރިތިވަންތަ اللَّـهُ سُبْحَانَهُ وَتَعَالَىٰގެ ކިބަފުޅަށް ޙަމްދާއި ޝުކުރުކުރަން. ކައު އިތުރު ނަބިއްޔާ مُحَمَّدُ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَގެ ކިބަޔަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން. އަދި މި ޞަލަވާތާއި ސަލާމުގައި އެކަލޭގެފާނުގެ އާލު އަޞްޙާބުން ޝާމިލުކުރަން.
އައިލެންޑް އޭވިއޭޝަން ސަރވިސަސްގެ މެނޭޖިންގ ޑައިރެކްޓަރ މުޙައްމަދު މިހާދު، ބޯޑު ޗެއަރ ޑޮކްޓަރ އަޙްމަދު ޝަމްހީދު، ޑެޕިއުޓީ މެނޭޖިންގ ޑައިރެކްޓަރ، ބޯޑު މެންބަރުން، މެނޭޖްމަންޓުގެ އިސްވެރިން، އަދި ކުންފުނީގެ ހީވާގި އެންމެހައި މުވައްޒަފުން؛
السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.
އާދެ، އެންމެ ފުރަތަމަވެސް ދިގު މުއްދަތަކަށް އިޚްލާޞްތެރި ޚިދުމަތްތަކެއް ކުރައްވައިގެން، އެކަމުގެ އަގު ވަޒަންކުރެވި، އިނާމު ލިބިވަޑައިގަތް އެންމެހައި ފަރާތްތަކަށް އަޅުގަނޑު މިރޭ ވަރަށް އިޚްލާޞްތެރިކަމާއެކު މަރުހަބާ ދަންނަވައި ތަހުނިޔާ ކިޔަން.
އާދެ، އަޅުގަނޑުމެންނަށް މީގެ ދެ ދުވަހެއް ކުރިން، ދިވެހި ދައުލަތަށް ދިގު މުއްދަތަކަށް ޚިދުމަތް ކުރައްވައިގެންވެސް އިނާމު ހާސިލުކުރެއްވި ބޭފުޅުން ފެނިގެންދިޔަ. އޭގެތެރޭގައިވެސް އަޅުގަނޑު ހަމަ ފާހަގަކޮށްލަން، ވަރަށް ދިގު މުއްދަތަކަށް، ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވައިގެން އައިލެންޑް އޭވިއޭޝަން ސަރވިސަސްގެ މުވައްޒަފުން ވަނީ އިނާމު ހޯއްދަވާފައި. އާދެ، އަޅުގަނޑު ހަމަ މިރޭ ފާހަގަކޮށްލަން، ކުންފުންޏަށް 40 އަހަރަށްވުރެ ދިގު މުއްދަތަކަށް ޚިދުމަތް ކުރެއްވި ދެ ބޭފުޅަކު އެބަވޭ. އާދެ، އަޅުގަނޑުމެން އާންމުކޮށް ކިޔާ ނަމުންނަމަ، ކިޔަވާ އަޙްމަދު ސަލީމް، އަދި ހަމަ އެގޮތަށް އާންމު ނަމުން ސުޕަރ އިބްރާހީމް ޝަފީޤް. މި ދެ ބޭފުޅުންނަށް އަޅުގަނޑު ވަރަށް ޚާއްޞަ ޝުކުރެއް ދަންނަވަން.
އާދެ، އަޅުގަނޑަށް ފާހަގަކުރެވުނު، އެއް ކަމެއް. ދެން ދަންނަވާލާނަން. މިރޭ އަޅުގަނޑު އަޑު ކުޑަކޮށް ގޯސްވެއްޖެ. ދެން ޖަލްސާގެ ފަހަތުކޮޅަށް އަންނައިރު، ފަހަރެއްގައި އަޑު ސަކަރާތްވެފައި ހުރީކަމަށްވެސް ވެދާނެ. ތަންކޮޅެއް އުނދަގޫކޮށް މިއުޅެނީ. އެހެންވީމާ، ދެން އަޅުގަނޑު ތަންކޮޅެއް ކުރުކޮށް ނިންމާލެވޭތޯވެސް ބަލާނަން.
އަޅުގަނޑަށް ފާހަގަކުރެވުނު ކަމަކީ، މި އިނާމުތައް ހާސިލުކުރެއްވި ބޭފުޅުން ސްޓޭޖަށް އަރައިވަޑައިގެންނެވިއިރު، ތިޔަބޭފުޅުންގެ ވަރަށް ހޫނު އަތްތިލަބަޑިއެއްގެ ތަރުޙީބު އެބޭފުޅުންނަށް ވަރަށްބޮޑަށް ލިބިގެންދިޔަކަން. ވަރަށް ރަނގަޅު ޓީމްވަރކްއެއް އޮތްކަން. އަދި އައިލެންޑް އޭވިއޭޝަން ސަރވިސަސްގައި މަސައްކަތް ކުރައްވާ ކޮންމެ ބޭފުޅަކުވެސް އަނެއް ބޭފުޅަކަށް ހެޔޮއެދިވަޑައިގަންނަވާވަރާއި، ކުރިއެރުން އެދިވަޑައިގަންނަވާވަރާއި، މިކަންކަން އޮތް މިންވަރު އަޅުގަނޑަށް ވަރަށްބޮޑަށް ފެނިގެން ހިނގައްޖެ. އެހެންވީމާ، ޙަޤީޤަތުގައި އަޅުގަނޑު ދައްކަން އައި ވާހަކަ، ކޮންމެހެން އެހާދިގުކޮށް ދެއްކުމުގެ މާބޮޑު ބޭނުމެއްވެސް ނެތް. އަޅުގަނޑަށް ގަބޫލުކުރެވެނީ، ކުންފުނީގެ ހުރިހާ މުވައްޒަފުން، 1300 ވަރަކަށް މުވައްޒަފުން ތިބިއިރު، އެކަކު އަނެކަކާ ގުޅިގެން، އެއް ސެކްޝަން، އަދި އެއް ޑިޕާޓްމަންޓް އަނެއް ޑިޕާޓްމަންޓާ ގުޅިގެން، އެ ކުރަންޖެހޭ މަސައްކަތްތައް ވަރަށް ރަނގަޅަށް ކުރައްވާ ކަމަށް.
އާދެ، އެނގިވަޑައިގަންނަވާނެ، ދަތުރުފަތުރުގެ އަދި އޭވިއޭޝަން އިންޑަސްޓްރީ ވަރަށް ކޯޑިނޭޓަޑް ގޮތަކަށް މި މަސައްކަތް ކުރަނީ. ގްރައުންޑް އޮޕަރޭޝަނަށް ބެއްޔަސް، އަދި ފްލައިޓް އޮޕަރޭޝަނަށް ބެލިކަމުގައިވީނަމަވެސް، ވަރަށް ރަނގަޅަށް ކޯޑިނޭޓް ކުރެވިގެން ނޫންގޮތަކަށް، މި ޚިދުމަތެއް ނުދެވޭނެ.
އެހެންވީމާ، އަޅުގަނޑަށް މި ފެނުނީ، ތިޔަބޭފުޅުން މި ދެންނެވި ގޮތަށް، އެކަކު އަނެކަކުގެ މައްޗަށް އާދެ، 10 ބޭފުޅެއްގެ ވާހަކަ، ނަސޭހަތުގެ ބަސްކޮޅެއް، އަޅުގަނޑަށް އެ ބޭފުޅުންގެ ތަޖުރިބާގެ ވާހަކަ އަޑުއިވިގެންދިޔަ. އޭގައިވެސް ހުރިހާ ބޭފުޅުންވެސް ފާހަގަކުރެއްވި އެއްކަމަކީ، އެކަކު އަނެކަކަށް އެހީތެރިވުމަށާއި، އަދި ދިމާވާ ކަންތައްތަކުގައި ކެތްތެރިވުމަށާއި، ގޮންޖެހުންތަކުން އަރައިގަނެވޭނެ ހަމައެކަނި ގޮތަކީވެސް އެއީކަން.
އެހެންވީމާ، ތިޔަބޭފުޅުންނަށް އަޅުގަނޑުވެސް ދަންނަވާލަން އޮތް ވާހަކައަކީ، އަޅުގަނޑުމެން މަސައްކަތުގައި އުޅޭއިރު، އެއީ ކޮންމެކަހަލަ މަގާމަކަށްވިޔަސް، އެކިކަހަލަ ކަންތައްތައް ދިމާވާނެއޭ. ބައެއްފަހަރު ކޮންމެވެސްވަރަކަށް އެކަމަކާ ދޭތެރޭ އަޅުގަނޑުމެން ހިތްހަމަނުޖެހޭ ނުވަތަ ދެރަވާކަހަލަ ކަންތައްތައްވެސް އަޅުގަނޑުމެންނަށް ދިމާވޭ. އެހެންނަމަވެސް، ކުރިއަރައިގެންދާން، 40 އަހަރު ރަނގަޅުގޮތުގައި މަސައްކަތް މި ކޮށްލެވެނީ، އެކަހަލަ ކަންތައްތަކަށްވެސް ކޮންމެވެސްވަރަކަށް އަޅުގަނޑުމެންގެ ޕޭޝަންސް ބަހައްޓައިގެން. ކަންތައްތައް ދިމާވާނީ އެންމެ މީހަކަށް، ދެ މީހަކަށް ނޫންކަން. ކިޔަވާ (ކިޔަވާ ސަލީމް) އަދި ސުޕަރ، ކުންފުންޏަށް ވަންއިރު އެ ތިއްބެވި އަދަދަކަށް ނޫންކަން މިހާރު މުވައްޒަފުންވެސް ތިބީ. އޮޕަރޭޝަންސް އޮތީ އެގޮތަކަށް ނޫންކަން. ހުރިހާ މުވައްޒަފުން އެނގިގެން، މި ދެންނެވި ގޮތަށް މަސައްކަތްތަކެއް ކުރުން. އަޅުގަނޑުގެ އެދުމަކީވެސް އެއީ. ވީހާވެސް ރަނގަޅަކަށް ތިޔަބޭފުޅުން ކަންތައްތައް ގެންދެވުން.
އާދެ، އެނގިވަޑައިގަންނަވާނެ، އައިލެންޑް އޭވިއޭޝަން ސަރވިސަސް، މޯލްޑިވިއަން އިން މިދޭ، ޚިދުމަތަކީ ޤައުމުގެ ތަރައްޤީއާ ގުޅިފައިވާ ޚިދުމަތެއް. ޤައުމުގެ ތަރައްޤީއަކަށް މިވަނީ، އެކަކު އަނެކަކާ ބައްދަލުވެ، އެއްތަނުން އަނެއްތަނަށް ދެވި، އެ ފުރުޞަތު ލިބިގެން. ތިޔަބޭފުޅުންނަކީ ދިވެހިރާއްޖޭގެ ހުރިހާ ރައްޔިތުންނަށް، މުޅި ޤައުމުގެ ހުރިހާ ރައްޔިތުންނަށް ކޮންމެ ދުވަހަކުވެސް އެތައް ސަތޭކަ ބަޔަކަށް، އަހަރެއްގެ ތެރޭގައި އެތައް ހާސް ބަޔަކަށް ޚިދުމަތް ދެއްވާ ބައެއް. ދުވާލެއްގެ މައްޗަށް އެތައް ފްލައިޓެއް، ފަންސާހަކަށް، ފަސްދޮޅަހަކަށް ފްލައިޓް، އެކި ދިމަދިމާއަށް އުދުހެމުން އެބަދޭ. މި ކަންތައްތައް ކުރުމުގައި ވަރަށް ބުރަ މަސައްކަތްތަކެއް އެ ކުރެވެނީ. އެނގިވަޑައިގަންނަވާނެ، ރާއްޖޭގައި ދުވަހެއް ދުވަހަކަށް މިދަނީ އެއަރޕޯޓުތައް އިތުރުވެ، އަދި އިތުރަށް ތިޔަބޭފުޅުން ކުރައްވަންޖެހޭ މަސައްކަތްތައްވެސް ގިނަވަމުން. އެހެންވެ އަޅުގަނޑު ހަމަ ދަންނަވާލަން އޮތީ، ކުރިއަށް އޮތް ތަނުގައިވެސް ތިޔަބޭފުޅުން ތިޔަ ދެއްވަމުން ގެންދަވާ ޚިދުމަތްތައް، ދުވަހެއް ދުވަހަކަށް ރަނގަޅުކުރައްވައި، ޚިދުމަތް ބޭނުންކުރާ މީހުން ހިތްހަމަޖެހޭގޮތަށް ވީހާވެސް ރަނގަޅަށް އެ ޚިދުމަތެއް ދެއްވާށޭ.
އަޅުގަނޑުމެން ވިސްނާލައިފި ކަމަށްވަންޏާ އެނގޭނެ، ކަސްޓަމަރ ކެއަރ، ނޫނީ ސަރވިސްގެ ވާހަކަ އަޅުގަނޑުމެން ދައްކައިފި ކަމަށްވަންޏާ، ހަމަ ފުރަތަމަވެސް އަޅުގަނޑުމެންގެ ސިކުނޑިއަށް އަންނާނީ ކޮންމެވެސް އެއަރލައިނެއްގެ ވާހަކަ. އަޅުގަނޑުމެން ނަމޫނާއެއްގެ ގޮތުގައިވެސް ބަލަނީ އެއަރލައިން. އާންމުކޮށް ދުނިޔޭގެ މި އިންޑަސްޓްރީތަކުގައި، ހޮސްޕިޓަލިޓީގައި މަސައްކަތްކުރާއިރުވެސް، "ސަރވިސް"އޭ ކިޔައިގެން ވާހަކަ ދައްކާ ކަމަށްވަންޏާ، އަޅުގަނޑުމެން ބުނާނަން، މިވެނި އެއަރލައިނަކުން ދޭކަހަލަ ސަރވިސްއެކޭ ދޭންވާނީ. އެހެންވީމާ، އެއިންވެސް އެބަ އެނގޭ، އޭވިއޭޝަން އިންޑަސްޓްރީގައި މިދޭ ސަރވިސްގެ މުހިންމުކަމާއި، އެ ކަންތައްތަކަށް ދޭންޖެހޭ ސަމާލުކަން ބޮޑުކަން.
އާދެ، އަޅުގަނޑުގެ ހަމަ އެދުމަކީ، ގްރައުންޑުން ފެށިގެން، ފްލައިޓުގައި އަދި އެ ދަތުރު ނިމެންދެންވެސް، އެއީ، ކޮންމެ މީހަކަށް ވީނަމަވެސް، ވީހާވެސް އޯގާތެރިކަމާއެކު، ހިތްހަމަޖެހޭގޮތަށް، ރަނގަޅަށް، ތިޔަބޭފުޅުން އެ ކަންތައްތައް ކޮށްދެއްވުން. އެނގިވަޑައިގަންނަވާނެ، ކުރީގައިވެސް މި ދެންނެވި ގޮތަށް، މިހާރު ޒަމާން ބަދަލުވެއްޖެ. ގާތްގަނޑަކަށް އުތުރުން ދެކުނުގެ ހަމަ ހުރިހާ އަތޮޅަކަށްވެސް މިހާރު ދަތުރު މިކުރަނީ، ގިނައިން ދަތުރު މިކުރަނީ، ހަމަ ވައިގެ މަގުން. އެހެންވީމާ، މިތަނުގައި ތިއްބެވި ބޭފުޅުންގެ ތެރެއިން ކޮންމެވެސް އެއް ބޭފުޅެއްގެ ޚިދުމަތް ލިބިގެން، ދިވެހި ކޮންމެ ރައްޔިތަކުވެސް، އެ ބޭފުޅެއްގެ ރަށަކަށް އެ ބޭފުޅަކަށް ވަޑައިގެންނެވޭނީ. އެހެންވީމާ، އަޅުގަނޑު ހަމަ އެކަންތައްތައް ފާހަގަކޮށް، ތިޔަބޭފުޅުންނަށް ޝުކުރު ދަންނަވާލަން.
އާދެ، އެނގިވަޑައިގަންނަވާނެ، މި އަގު ވަޒަންކުރުމުގެ، އަހަރީ ދުވަސް ފާހަގަކުރުން، ނުވަތަ ސްޓާފް ނައިޓެއް ފާހަގަކުރުން މިއީ ވަރަށް މުހިންމު ކަމެއް. ސަރުކާރުންވެސް އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވަރަށް އިސްކަމެއް ދެއްވާ ކަމެއް، ސަރުކާރުގެ، އަދި ދައުލަތުގެ އެކިއެކި މަސައްކަތްތައް، އެކިއެކި ޚިދުމަތްތައް ކޮށްދެއްވާ ބޭފުޅުންގެ އެ ކަންތައްތަކުގެ އަގު ވަޒަންކުރުން. އަޅުގަނޑުމެންނަށް ރަނގަޅު މަސައްކަތެއް، ރަނގަޅު ކަމެއް ކޮށްފި ކަމަށްވަންޏާ، އެކަން ކުރީ ކާކުތޯ، ކޮން ރަށަކުން އައި މީހެއްތޯ، ކޮންކަހަލަ މީހެއްތޯ، އަޅުގަނޑުމެން ބަލާކަށްނުޖެހޭ. މީހަކު ރަނގަޅަށް މަސައްކަތެއް ކޮށްފި ކަމަށްވަންޏާ، އަޅުގަނޑުމެން އެކަމެއް ބަލައިގަންނަންވާނެ. އެކަމަކަށް އެމީހަކަށް ޝުކުރުވެރިވެސް ވާންވާނެ. ޚާއްޞަކޮށް، ދިގު މުއްދަތެއްގައި. އަޅުގަނޑަށް ހަމަ ޔަޤީން، މިތަނުގައި، އައިލެންޑް އޭވިއޭޝަންގައިވެސް އެހާ ދިގު މުއްދަތަކަށް، 30 އަހަރަށްވުރެ، 20 އަހަރަށްވުރެ، ދިގު މުއްދަތެއްގައި މަސައްކަތް ކުރެއްވި ބޭފުޅުން ކުރެއްވީކީ، ކޮންމެހެން އެ ބޭފުޅުންނަށް އެހެން ދިމާއަކުން ވަކި ފުރުޞަތުތަކެއް ނުލިބިގެނެއްވެސް ނޫން. އެހެންނަމަވެސް، ތަން ދެކެވާ ލޯތްބާއި، ގިނަ ދުވަސްވީތީވެ، ތަނުގައި މަސައްކަތް ކުރައްވަން ބޭނުންވެސްވާތީވެ.
އެހެންވީމާ، އަޅުގަނޑުމެން އަބަދުވެސް މުވައްޒަފުންގެ ކަންތައްތައް ބަލަންޖެހޭނެ. އެ ކަންތައްތައް ބަލައިގަންނަންޖެހޭނެ. މުވައްޒަފުންނޭ ދެންނެވީމާ، އަޅުގަނޑުމެން އެއްގޮތަކަށްވެސް ހީކޮށްގެން ނުވާނެ، އެއީކީ ހަމައެކަނި ފްރޮންޓް ލައިނުން، ނުވަތަ އަޅުގަނޑުމެން ތަނަކަށް ވަދެލުމުން، ޗެކިންގ ކައުންޓަރަށް ދިޔުމުން، ނުވަތަ ޓިކެޓިންގ ކައުންޓަރަކަށް އަޅުގަނޑުމެން ދިޔުމުން، ފްލައިޓަށް އެރުމުން އަޅުގަނޑުމެންނަށް ފެންނަ މީހުންކަން ހަމައެކަނި މުވައްޒަފުންނަކީ. ފަހަތުގައި އަޅުގަނޑުމެންނަށް ނުފެންނަ މުވައްޒަފުން އަދި މާގިނަ. އެ މުވައްޒަފުން ކުރާ މަސައްކަތްވެސް މާ ބުރަ.
އެހެންވީމާ، ކުންފުންޏެއް ކަމަށްވަންޏާ، މެނޭޖްމަންޓުން އެ ވަގުތު ދެވެންޖެހޭނެ. މެނޭޖިންގ ޑައިރެކްޓަރަކަށް އެ ހުންނަވާ ބޭފުޅަކާ، އަދި އިސްކޮށް ތިއްބަވާ މެނޭޖްމަންޓުގެ އެކި ޑިޕާޓްމަންޓްތަކުގެ ވެރިންނާއި، ތަނުގެ ހުރިހާ މުވައްޒަފުންގެ ކަންތައްތައް ގާތުން ބެލެންވާނެ. މައްސަލަތަކެއް ހުންނާނެ. އަޑުއަހަންޖެހޭނެ ކަންތައްތަކެއް ހުންނާނެ. އަޅުގަނޑުމެންގެ ތެރެއިން ކޮންމެ މީހެއްގެވެސް އާއިލާއެއް އޮންނާނެ. ކޮންމެވެސް ރަށަކުން އަޅުގަނޑުމެން އައިސް ތިބޭނީ. ކޮންމެވެސް ތަނަކުން އަޅުގަނޑުމެން އައިސް ތިބޭނީ.
އެހެންވީމާ، ހަމައެކަނި އިސްކޮށް ތިބޭ މީހުންގެ ވާޖިބަކީ، "މަސައްކަތް ނިންމައިފިންހެއްޔޭ"، "ރަނގަޅަށް ކުރިންހެއްޔޭ". އެހެން އެހުމެއް ނޫން. އެ މުވައްޒަފުންނަށް ދިމާވާ ދަތި އުނދަގޫ ކަންތައްތަކުގެ ވާހަކަ އެހެންޖެހޭނެ. ބެލެންޖެހޭނެ. މުވައްޒަފުންގެ ކަންތައްތައް ރަނގަޅުކުރެވެން ޖެހޭނެ. ދިގު މުއްދަތަކަށް ޚިދުމަތް ކުރައްވާ ބޭފުޅުންގެ އަގު ރައީސުލްޖުމްހޫރިއްޔާ އަދި ސަރުކާރުންވެސް ވަޒަންކުރެއްވުމުގެވެސް އެންމެ ބޮޑު އެއް ބޭނުމަކީ މިފަދަ ކަންތައްތަކަށް ސަމާލުކަންދީގެން، ކުންފުނިތަކުގެ ހިންގުން ރަނގަޅު ކުރުން. ހިންގުން ރަނގަޅު މި ކުރެވެނީވެސް، ޚިދުމަތް ރަނގަޅަށް މި ދެވެނީވެސް، މި ދެންނެވި ގޮތަށް ކަންތައްތައް ކޮށްގެން.
ދެން ވަރަށް ގިނަ އަހަރީ ދުވަސްތަކާއި، އަދި މިގޮތަށް އެކި ކުންފުނިތަކުގެ ފާހަގަކުރާ ކަންތައްތަކަށް އަޅުގަނޑަށް ދެވިއްޖެ. ޙަޤީޤަތުގައި މިރޭ އަޅުގަނޑު ވަރަށް ހިތްހަމަޖެހުނު. ޚާއްޞަކޮށް، މެނޭޖިންގ ޑައިރެކްޓަރގެ ވާހަކަފުޅުގައި ވަރަށް ގިނަ ކަންތައްތަކެއްގެ ވާހަކަ ވިދާޅުވެއްޖެ. އަޅުގަނޑު މި ދެންނެވި ގޮތަށް މުވައްޒަފުންނަށް ވަރަށްބޮޑަށް އަޅައިލެވި، މުވައްޒަފުންގެ ކަންތައްތައް ވަރަށް ރަނގަޅަށް ބަލާކަން ފާހަގަވާ ކަހަލަ ކަންތައްތަކެއްގެ ވާހަކަ ވިދާޅުވި. އެހެންވީމާ، އަޅުގަނޑުގެ އެދުމަކީ، 1300 މުވައްޒަފުންގެ ކަންތައްތައްވެސް ވަރަށް ރަނގަޅަށް ބެލި، ހުރި ކަންތައްތަކުގެ އަޑުއެހި، އެއްހަމައަކުން، އެއް އުޞޫލަކުން ކަންތައްތައް ކުރުން. އެއްވެސް މުވައްޒަފަކު ބާކީކުރެވި، އެއްވެސް މުވައްޒަފަކާ ދޭތެރޭގައި އިހާނެތިކޮށް ކަންތައްތައް ކުރެވި، އެކަހަލަ ކަމެއް ވެގެނެއް ނުވާނެ.
އަޅުގަނޑުމެންގެ މި ސަރުކާރުން ރައީސުލްޖުމްހޫރިއްޔާ ބޭނުންފުޅެއްނުވޭ، ދިވެހި ދައުލަތުގައި ވަޒީފާ އަދާކުރާ ސަރުކާރު ކުންފުންޏެއްވިޔަސް، ވަޒީފާ އަދާކުރާ އެއްވެސް ފަރާތެއް ބާކީވެގެންދާކަށް. އާދެ، ވޭތުވެދިޔަ ދުވަސްތަކުގައި، އަޅުގަނޑުމެންނަށް އެކީގައިވެސް މަސައްކަތްތަކެއް ކުރެވިއްޖެ. އަޅުގަނޑު ހަމަ މީގައި ފާހަގަކޮށްލަން ބޭނުން، ޚާއްޞަކޮށް ޕެންޑަމިކްގައި ދެ އަހަރެއްހާ ދުވަސް ވެގެންދިޔައިރު، އައިލެންޑް އޭވިއޭޝަން ސަރވިސަސްގެ މުވައްޒަފުންނަކީ ވަރަށް ބުރަކޮށް މަސައްކަތް ކުރެއްވި ބޭފުޅުންކަން.
އަޅުގަނޑަށް މަޢުލޫމާތު ލިބިފައި އޮތް ގޮތުން، މި ޖަލްސާ، މި ސްޓާފް ނައިޓް އެންމެފަހުން ބޭއްވިފައިވަނީ 2019 ގައި. އޭގެފަހުން އަޅުގަނޑުމެންނަށް ކޯވިޑް ކުރިމަތިވީ. ކޯވިޑުގެ ދުވަސްތަކުގައި، ކުރެވުނު މަސައްކަތްތައް އަޅުގަނޑަށް ވަރަށް ގާތުން ފެނުނު. ކޮންމެ ދުވަހަކުމެ އަޅުގަނޑުމެންގެ ޖަލްސާގައި، އައިލެންޑް އޭވިއޭޝަންގެ އެއްބޭފުޅަކު އިންނަވާ. އެ ކުރެވުނު މަސައްކަތްތަކާއި، އެ ހުރިހާ ކަމެއް ވަރަށް ގާތުން އަޅުގަނޑަށް ފެނުނު.
އެހެންވީމާ، އަޅުގަނޑު ހަމަ ކުރުގޮތަކަށް މިއަދު ދަންނަވާލަން ބޭނުންވަނީ، ހުރިހާ މަސައްކަތްތަކެއްގައި، އެކި ޑިޕާޓްމަންޓްތަކުން އެ ދުވަސްވަރު ކޯވިޑް މެނޭޖް ކުރުމަށްޓަކައި އެ ކުރެވުނު މަސައްކަތުގައި ބައިވެރިވެވަޑައިގެންނެވި ހުރިހާ ބޭފުޅުން އެ ކުރެއްވި މަސައްކަތްތައް ވަރަށް ރަނގަޅަށް ވަރަށް އިޚްލާޞްތެރިކަމާއެކު ބަލައިގަނެ، އެކަމުގެ އަގު ވަޒަންކުރާ ވާހަކަ.
ހަމައެއާއެކު، އިޤްތިޞާދު އިޢާދަކޮށް، އިޤްތިޞާދު ނަގާ ކޮޅަށްޖަހާ، އެކަން ކާމިޔާބު ކުރުމަށްޓަކައިވެސް އަޅުގަނޑުމެންނަށް ކުރެވުނު އެންމެ ރަނގަޅު ކަމަކަށް، އަދި ރައީސުލްޖުމްހޫރިއްޔާގެ އެންމެ ރަނގަޅު ނިންމެވުމަކަށް ވެގެންދިޔައީ ބޯޑަރު ހުޅުވައިލުން. ބޯޑަރު ހުޅުވައިލުމާއެކުވެސް، އަނެއްކާވެސް ތިޔަބޭފުޅުންނަށް އިތުރު މަސައްކަތްތަކެއް، އިތުރު ކަންތައްތަކެއް އުނދަގޫގޮތަކަށް ކުރަންޖެހުނީ. ވަރަށްބޮޑެތި ރެސްޓްރިކްޝަންތަކާއި، ވަރަށް ގިނަ ފިޔަވަޅުތަކެއް އަޅައިގެން، އުނދަގޫ ގޮތަކަށް ކަންތައްތައް ކުރަންޖެހުނީ. އެހެންވީމާ، އެ ހުރިހާ މަރުޙަލާތަކެއްގައިވެސް ތިޔަބޭފުޅުން އެ ކުރެއްވި މަސައްކަތްތައް ވަރަށްބޮޑަށް ފާހަގަކޮށް، މިދިޔަ ތިން އަހަރު ދުވަހު، 2019 އިން ފެށިގެން މިއަދާ ހަމައަށާއި، އޭގެ ކުރީގައި އަދި މަސައްކަތް ކުރެއްވި، އައިލެންޑް އޭވިއޭޝަން ސަރވިސަސްއަށް ޚިދުމަތް ކުރެއްވި ހުރިހާ ފަރާތްތަކަށް ވަރަށް އިޚްލާޞްތެރިކަމާއެކު އަޅުގަނޑު ޝުކުރު ދަންނަވަން.
އާދެ، މިއަދު އައިލެންޑް އޭވިއޭޝަން ސަރވިސަސްއިން އިތުރު މަސައްކަތްތަކެއްވެސް އެބަ ކުރެވޭ. ފްލައިންގ ސްކޫލެއް ޤާއިމްކުރެވިއްޖެ. އެނގިވަޑައިގަންނަވާނެ، ރައީސުލްޖުމްހޫރިއްޔާ ވަރަށްބޮޑު އިސްކަމެއް ދެއްވި ކަމެއް، ޚާއްޞަކޮށް، އަޅުގަނޑުމެންގެ އެތައް ދަރިވަރުންތަކަކަށް ދިމާވި މައްސަލަތަކާ ގުޅިގެން ފްލައިންގ ސްކޫލެއް ޤާއިމުކުރަން. އެ މަސައްކަތް އެސްޓެބްލިޝް ކުރަން. އެކަމުގައި އައިލެންޑް އޭވިއޭޝަން، މޯލްޑިވިއަންގެ ފަރާތުން، ކުރީގެ މެނޭޖިންގ ޑައިރެކްޓަރވެސް އަޅުގަނޑުމެންނާއެކު މަސައްކަތްތަކެއް ކުރެއްވި. ހަމައެއާއެކު، މިހާރުގެ މެނޭޖިންގ ޑައިރެކްޓަރާއި، އަދި މުޅި ޓީމުން އެކަމުގައި ކުރެއްވި މަސައްކަތްތައް އަޅުގަނޑު ފާހަގަކޮށް، އެކަމުގައި ވަރަށް ގާތުން އެކުގައި މަސައްކަތް ކުރެވުނު މީހެއްގެ ހައިސިއްޔަތުން އަޅުގަނޑު އެކަން ވަރަށްބޮޑަށް ބަލައިގަންނަން.
އެނގިވަޑައިގަންނަވާނެ، އަޅުގަނޑުމެންނަށް އަޅުގަނޑުމެންގެ ޤައުމުގައި މުޅި ކޮންމެ އަތޮޅަކަށް ބަލައިލި ނަމަވެސް މި ފެންނަނީ، އެއަރޕޯޓުތަކެއް. މިހާރުވެސް ހުޅުވަން ތައްޔާރުވެ މަސައްކަތް ހިނގަމުންދާ އެއަރޕޯޓުތަކެއް އެބަހުރި. ވަގުތު ނެތުމުން އަޅުގަނޑު ތަންކޮޅެއް ކުރުކޮށްލެވޭތޯ މިއުޅެނީ. މި ހުރިހާ ތަނަކަށް އަދި ފްލީޓުވެސް އިތުރުވެގެން އެބަދޭ. މިދިޔަ ދުވަސްތަކުގައިވެސް ފްލީޓްތައް އާވެގެން ހިނގައްޖެ. އަދި ކުރިއަށް އޮތީ މޯލްޑިވިއަންގެ ޕްލޭނާ އެކީގައި ފްލީޓްތައް ބަދަލުވެގެން ދިޔުން. މިކަމަށްޓަކައި އަޅުގަނޑުމެންނަށް އެބަ ބޭނުންވޭ، ހިއުމަން ރިސޯސަސް.
އެހެންވީމާ، މި ފްލައިންގ ސްކޫލް އިރާދަކުރެއްވިއްޔާ ވެގެންދާނީވެސް ދުރު މުސްތަޤްބަލެއްގައި ވަރަށް ބޭނުންތެރި، ދިވެހިރާއްޖެއަށް ބޭރުފައިސާވެސް ވައްދާ އިތުރު ދޮރެއްގެ ގޮތުގައި. ޕައިލެޓް ޓްރޭނިންގ ހެދުމަށްޓަކައި ކުރީގައި ދެވިފައި އޮތް ޖާގައަށްވުރެ އެތައް ގުނައެއް ރައީސުލްޖުމްހޫރިއްޔާ ވަނީ އިތުރުކޮށްދެއްވާފައި. އެއީ ޖުމްލަ ދެވޭ ލޯނުގެ އެހީ 60. އެއީ އަލަށް
30 ކުދިންނާއި، މިހާރު އޮންގޮއިންގ 30 ކުދިންނަށް ދެވޭގޮތަށް އެވެސް ހުޅުވާލާފައި މިވަނީ.
އެނގިވަޑައިގަންނަވާނެ، ޤައުމަކަށް އެންމެ މުހިންމުވަނީ، ހިއުމަން ރިސޯސް. ރަނގަޅު، ވަރުގަދަ ސްކިލްޑް، ހުނަރުވެރި ރަނގަޅު ޖީލެއް ބިނާކުރުން. އެހެންވީމާ، އަޅުގަނޑުމެން އެ މަސައްކަތްތައް ކުރަން އެބަޖެހޭ. އަޅުގަނޑުމެންގެ ތެރެއިން ކޮންމެ މީހަކީވެސް، އާ ކަންތައްތަކެއް އަބަދުވެސް ދަސްކުރާ މީހަކަށް ވާން އެބަޖެހޭ. ކުރާ ކަމެއް އެއްގޮތަކަށް ކުރުމެއް ނޫން. މުޅި ދުނިޔޭގެ ކަންތައްތައް މިހާރު މުޅި ނިޒާމު އެކީ ބަދަލުވެއްޖެ. ޚާއްޞަކޮށް، މިދިޔަ ދެ އަހަރު އަޅުގަނޑުމެންނަށް މި ދަސްކޮށްދިނީ، ދައްކުވައިދިނީ، އާންމުކޮށް ލައިފްސްޓައިލް ހުރިގޮތް މިހާރު ބަދަލުކުރަން ޖެހިއްޖެ ކަމަށް. އެހެންވީމާ، މަސައްކަތްތެރި، ޚަރަދު ކުޑަކޮށް ކަންތައްކުރާ، އިސްރާފުނުކުރާ، އިފެކްޓިވް، އެފިޝަންޓް ބަޔަކަށް އަޅުގަނޑުމެން ވާން އެބަޖެހޭ. ޤައުމު ކުރިއަރާނީ، ހަމަ އަޅުގަނޑު ކުރީގައިވެސް ދެންނެވިހެން، އައިލެންޑް އޭވިއޭޝަން ސަރވިސަސްގައިވެސް ހިމެނޭ 1300 މުވައްޒަފުންގެވެސް މަސައްކަތުން. ހަމަ އެއް ފެންވަރަކަށް، އެއްވަރަކަށް ވަގުތު ދެވިގެން، އެގޮތަށް އެކަންތައް ކުރެވިގެން.
އާދެ، އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލުމުގެ ކުރިން، އަޅުގަނޑު ހަމަ ދަންނަވާލަން ބޭނުންވަނީ، އަޅުގަނޑުމެން ގަޑިއަށް ފަރުވާތެރިކަން ބެހެއްޓުމަށާއި، އެހެން މީހުންނަށް އިޙްތިރާމް ކުރުމަށާއި، ޚާއްޞަކޮށް އަލަށް ވަޒީފާއަށް ޖޮއިންކުރާ ކުދިންނަށް އެހީތެރިވެދިނުމަށާއި، އެކުދިންނަށް ކަންތައްތައް ދަސްކޮށްދިނުމަށާއި، މި ދެންނެވި ކަންތައްތަކަށް އިތުރު ސަމާލުކަމެއް ދެއްވާށޭ. އެނގެންޖެހޭނެ އަޅުގަނޑުމެންނަށް އެކަކު ކުރާ މަސައްކަތަކުން ކާމިޔާބު ނުލިބޭނެކަން. ވަރަށް ގިނަ ބަޔެއްގެ މަސައްކަތުން ކާމިޔާބު ލިބޭނީ.
އަދި ހަމައެއާއެކު، އަޅުގަނޑުމެންގެ ތެރޭގައި އޮންނަ ވަރަށް ކަންބޮޑުވާ ކަމެއްގެ ވާހަކަ އަޅުގަނޑު ދަންނަވާލާނަން. އެނގިވަޑައިގަންނަވާނެ، މާލޭގެ ތޮއްޖެހުން ވަރަށް ބޮޑު. އަދި މިހާރު ރާއްޖޭގެ ވަރަށް ގިނަ ރަށްތަކުގައި ތާރުއެޅި، މަގުތައް ހެދިއްޖެ. އެކްސިޑެންޓްގެ ކަންތައްތައް، މިއީ އަޅުގަނޑުމެން ހަމަ ކަންބޮޑުވާ ދަރަޖައަކަށް، ދިވެހިރާއްޖޭގައި، މާލޭގައި އަދި އެހެނިހެން ރަށްތަކުގައިވެސް އޮތް ކަމެއް. ކޮންމެވެސް މީހެއްގެ އިހުމާލުން، ކޮންމެވެސް މީހެއްގެ ފަރުވާކުޑަކަމުން، ބަލަންޖެހޭ މިންވަރަށް ނުބެލުމުގެ ސަބަބުން އެކްސިޑެންޓް ވަނީ. އަޅުގަނޑު މިހެން މި ދަންނަވަނީ، މިފަދަ ކަމެއް ކޮންމެ މީހަކަށްވެސް ދިމާވީމާ، އެ މީހެއްގެ ހިތުގައި އަޅާ ވޭން، އެ މީހަކަށް ދިމާވީމާ އަޞްލު މި އެނގެނީ. އެކަމަކު އަޅުގަނޑުމެން މިހާރު ދެނެގަންނަންވީ، އަޅުގަނޑުމެންނަށް ކުރިމަތިނުވިޔަސް، އެހެން މީހަކަށް، މަޔަކަށްވިޔަސް، އެހެން މީހެއްގެ ބައްޕައަކަށްވިޔަސް، އަދި ތިމާގެ މީހުންނަށްވިޔަސް، ހާދަ ވޭނެއް، ހާދަ އަސަރެއް ކުރާނެއޭ، އެފަދަ ކަމެއް ދިމާވެއްޖިއްޔާ. އަޅުގަނޑު ނުދެންނެވިޔަސް، މިދިޔަ ހަފްތާއެއްހާ ދުވަސްތެރޭގައި ވަރަށް ވަރަށް ހިތާމަވެރި ހާދިސާ ހިނގައިދިޔައީ. އެނގިވަޑައިގަންނަވާނެ، ތިޔަބޭފުޅުންވެސް ނިސްބަތްވާ ހިސާބު، އެއަރޕޯޓް ސަރަޙައްދުގައި.
އެހެންވީމާ، އަޅުގަނޑު ހަމަ މިއަދު ޚާއްޞަކޮށް، އައިލެންޑް އޭވިއޭޝަން ސަރވިސަސްގެ ހުރިހާ މުވައްޒަފުންނަށާއި އަދި އާންމުކޮށް ހުރިހާ އެންމެންނަށް ދަންނަވާލަން އޮތީ، މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ޚާއްޞަ ސަމާލުކަމެއް ދެއްވާށޭ. 2019 އިން ފެށިގެން ވަރަށް ގިނަ މަސައްކަތްތަކެއް އަޅުގަނޑުމެން ކޮށްފިން. ވަރަށްގިނަ އިވެންޓްތަކެއް ބޭއްވިއްޖެ. ހޭލުންތެރިކުރުމުގެ ވަރަށް ގިނަ ޕްރޮގްރާމް، ސޯޝަލް ސެންޓަރުން ފެށްޓީ އެންމެ ފުރަތަމަވެސް. މިތާ މަގުމަތިން އަޅުގަނޑުމެން ފެށްޓީ އެ ޕްރޮގްރާމް. ވަރަށް ގިނަ ރަށްރަށުގައި، ރާއްޖޭގައި އެ ކަންތައްތައް ކުރެވިއްޖެ. އެހެންނަމަވެސް، ކިތަންމެ ގިނަ ޕްރޮގްރާމެއް ހިންގިޔަސް، ކިތަންމެ ގިނަ އެވެއަރނަސް ޕްރޮގްރާމްތަކެއް ހިންގިޔަސް، ކިތަންމެ ގިނަ އެޑްތަކެއް، ޓީ.ވީ.އިން ކްލިޕްތަކެއް ދެއްކިޔަސް، އަޅުގަނޑުމެން އެކަމަށް ސަމާލުކަން ނުދޭ ކަމަށްވަންޏާ، ކިތަންމެ ދެރަ، ހިތާމަވެރި ކަމެއްވެސް ހަމަ ހިނގާފާނެ.
އަޅުގަނޑަށް އެނގޭ، ތިޔަބޭފުޅުންނަކީ ހަމަ ވިސްނުން ރަނގަޅު ބޭފުޅުންކަން. އެހެންނަމަވެސް، ދެން މިއަދު މި މަގާމުގައި އަޅުގަނޑުމެން ތިބެ، އަޅުގަނޑުމެން ކުރަންޖެހޭނެ މި ކަންތައްތައް. މި ވާހަކަ އަޅުގަނޑުމެން ދައްކަންޖެހޭނެ. އެހެންވީމާ، އަޅުގަނޑު އެދެން، ތިޔަބޭފުޅުން ހަމަ ކޮންމެ ބޭފުޅަކުވެސް ހަމަ ހިތަށްއަރުވާލަން، ތިމަންނާ ވަރަށް ސަމާލުވާނަމޭ. ތިމަންނާގެ އިހުމާލުން، ފަރުވާކުޑަކުރުމަކުން އިރާދަކުރެއްވިއްޔާ، މިފަދަ އެއްވެސް ކަމެއް ނުހިނގާނެއޭ. އަޅުގަނޑުމެން އެންމެންނަށް ލިބޭނެ ވަރަށްބޮޑު ހިތްހަމަޖެހުމަކަށް، އުފާވެރިކަމަކަށް އެކަން ވެގެންދާނެ.
އާދެ، އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލުމުގެ ކުރިން، މުޅި މެނޭޖްމަންޓަށް، މެނޭޖިންގ ޑައިރެކްޓަރ އަދި ބޯޑުގެ ހުރިހާ ބޭފުޅުންނަށް، ބޯޑުގެ ޗެއަރއަށް ވަރަށް އިޚްލާޞްތެރިކަމާއެކު އަޅުގަނޑު ޝުކުރު ދަންނަވަން. އަދި އައިލެންޑް އޭވިއޭޝަން ސަރވިސަސްގައި ޚިދުމަތްކޮށްދެއްވާ ހުރިހާ ބޭފުޅުން، ހުރިހާ މުވައްޒަފުން، ތިޔަކުރައްވާ މަސައްކަތް، ޤައުމީ ޚިދުމަތެއްގެ ގޮތުގައި އަޅުގަނޑު ދެކެނީ. ކޮންމެ ދުވަހަކު ދިވެހި ރައްޔިތުންނަށް ކޮންމެވެސް އެއް ރަށަކުން، ކޮންމެވެސް އެއް ތަނަކުން އެންމެ މުހިންމު އެއް ޚިދުމަތް ދެވެނީ. މީގެ ތެރޭގައި އެނގިވަޑައިގަންނަވާނެ، އާސަންދަ މެދުވެރިކޮށް އިވެކްއޭޝަންތައް ހިނގާ. އަޅުގަނޑު އެ ވާހަކަ ނުދައްކާ މި ހުންނަނީ ދިގުވެދާނެތީ. އެއީ، އަޅުގަނޑު ވަރަށް ގިނައިން އެމް.ޑީ.އަށް، ނުވަތަ ޑީ.އެމް.ޑީ.އަށް، މި ބޭފުޅުންނަށް ރޭގަނޑު ދަންވަރުވެސް ގުޅައިގެން ކޯޑިނޭޓް ކުރާ ކަމަކަށްވީތީ. އަދި ކްރޫން އެއްވެސް ވަރުބަލިކަމެއްނެތި، ކިރިޔާވެސް ޓައިމް ލިބޭ ކަމަށްވަންޏާ، ކުރޫންވެސް އެ ކަންތައް ކޮށްދެއްވަމުން ގެންދަވާކަން ހަމަ ފާހަގަކޮށް، އެކަމަށް ތިޔަބޭފުޅުން ދެއްވާ ސަމާލުކަމަށްޓަކައިވެސް އަޅުގަނޑު ޝުކުރު އަދާކުރަމުން، ޖުމްލަކޮށް ހުރިހާ ބޭފުޅުންނަށް ވަރަށް ބޮޑަށް އަޅުގަނޑު ޝުކުރު ދަންނަވަން.
އަޅުގަނޑުގެ ދުޢާއަކީ، ﷲ އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން އެންމެން އެކީގައި ކުރާ މަސައްކަތުން ދުވަހެއް ދުވަހަކަށް އަޅުގަނޑުމެންގެ މުޅި ޤައުމަށް، އައިލެންޑް އޭވިއޭޝަން ސަރވިސަސްއަށް އިތުރު ކާމިޔާބީ ލިބި، އެކުވެރިކަމާއި، އެއްބައިވަންތަ ކަމާއި، ޞުލްޙަވެރިކަމާއެކު، ހިނިތުންވުމާއެކު، އެކުގައި އުޅެވި، ކާމިޔާބީއާ ހަމައަށް ވާސިލުވުމުގެ ހެޔޮ ތައުފީޤު اللهُ سُبْحَانَهُ وَتَعَالَى އަޅުގަނޑުމެން އެންމެންނަށް މިންވަރު ކުރެއްވުން. އާމީން.
وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.