ކޯޕަންހޭގަން އެކޯޑަށް ޗައިނާއިން ފުރިހަމައަށް ތާއީދު ކުރުމަށް ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު އެދިވަޑައިގެންފިއެވެ. އެމަނިކުފާނު މިކަމަށް އެދިވަޑައިގަތީ، ޗައިނާ ސަރުކާރުގެ ޚާއްޞަ މަންދޫބެއްގެ ގޮތުން މިހާރު ރާއްޖެ ވަޑައިގެން އުޅުއްވާ ޗައިނާގެ އެސިސްޓެންޓް މިނިސްޓަރ އޮފް ފޮރިން އެފެއާޒް މިސްޓަރ ހޫ ޒެންގުއޭއާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައެވެ.

މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މިބައްދަލުކުރެއްވުމުގައި، ކޯޕަންހޭގަން ސަމިޓުގައި ޤައުމުތަކުގެ މެދުގައި އެއްބަސްވުމަކަށް އައުމުގައި، ޗައިނާގެ ޕްރީމިއަރ ވެން ޖިއަބައޯ ވަރަށް މުހިންމު ރޯލެއް އަދާކުރެއްވިކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. އަދި މި އެއްބަސްވުމަށް ތާއީދު ކުރުމުގައި ޗައިނާ އިސްރޯލެއް ނަގައިފިނަމަ، މިކަން ވެގެންދާނީ މޫސުމަށް އަންނަ ބަދަލުތައް ޙައްލު ކުރުމަށް ޗައިނާއިން ބަހައްޓާ އަހަންމިއްޔަތު ދައްކުވައިދޭ ކަމެއް ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މިބައްދަލުކުރެއްވުމުގައި، ދިވެހިރާއްޖެއާއި ޗައިނާއާ ދެޤައުމުގެ ދެމެދުގައި އޮންނަ ގާތް ގުޅުމާ ބެހޭގޮތުންވެސް ރައީސުލްޖުމްހޫރިއްޔާއާއި މިސްޓަރ ހޫ ޒެންގުއޭއާ ދެބޭފުޅުން މަޝްވަރާ ކުރެއްވިއެވެ.

މިސްޓަރ ހޫ ޒެންގުއޭ ދެއްކެވި ވާހަކަފުޅުގައި، ދިވެހިރާއްޖެއާއި އަދި މިފަދަ އެހެނިހެން ކުދި ޤައުމުތަކުގެ ރައްކާތެރިކަމަށް ޗައިނާއިން ސަމާލުކަން ދެއްވާ ކަމަށާއި، މޫސުމަށް އަންނަމުންދާ ނޭދެވޭ ބަދަލުތަކަކީ ޗައިނާއިންވެސް އެކަމުގައި ވަރަށް ކަންބޮޑުވެވަޑައިގަންނަވާ ކަމެއްކަން ހާމަކުރެއްވިއެވެ. އަދި ރާއްޖެއާއި ޗައިނާއާއި ދެމެދު އުފެދިފައި އޮންނަނީ ވަރަށް ޒަމާންވީ ރަޙްމަތްތެރިކަމުގެ ގުޅުމެއްކަން ފާހަގަކުރައްވަމުން، އެކިއެކި ދާއިރާތަކުގައި ކުރިއަށް އޮތް ތާނގައިވެސް ޗައިނާއިން ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދެއްވަމުން ގެންދަވާނެ ކަމަށް ވިދާޅުވިއެވެ.