އިސް ރަށްވެހިންނަށް އެއްތަނަކުން ބައްދަލުވެ އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލައި އުޅެވޭ މާހައުލެއް ޤާއިމުކޮށްދިނުމުގެ ގޮތުން އިސް ރަށްވެހިންގެ އިޖްތިމާޢީ މަރުކަޒުތަކެއް މާލެއާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޤާއިމުކޮށްދެއްވުމަށް ޤަޞްދުކުރައްވާކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ދިވެހި ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމަށް 2022 ވަނަ އަހަރު ނަން ހުށަހެޅުއްވި ބޭފުޅުންގެ ތެރެއިން އިނާމު ދެއްވުމަށް ކަނޑައެޅުއްވި ބޭފުޅުންނަށް އިނާމު ދެއްވުމަށް މިރޭ ދަރުބާރުގޭގައި ބޭއްވެވި ރަސްމީ ޖަލްސާ ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު އަދި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ބައިވެރިވެވަޑައިގެންނެވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި މިރޭ އިނާމު ލިބިވަޑައިގެންނެވި ބޭފުޅުންނަކީ ދިވެހި ދައުލަތަށާއި ރައްޔިތުންނަށް ވަރަށް އިޚްލާޞްތެރި އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވި ބޭފުޅުންކަން ފާހަގަކުރައްވައި އެބޭފުޅުންނަށް ތަހުނިޔާ ވިދާޅުވިއެވެ. މީގެ އިތުރުން އެމަނިކުފާނު ވަނީ އިނާމު ލިބިވަޑައިގެންނެވި ބޭފުޅުންގެ ތެރޭއިން ބައި ޤަރުނަށްވުރެ ދިގު މުއްދަތެއްގައި ދައުލަތަށް ޚިދުމަތް ކުރެއްވުމަށްފަހު ރިޓަޔަރކުރެއްވި ބޭފުޅެއްކަމުގައިވާ މައްޗަންގޮޅި ބޮޑުގަލުމާފަތްގޭ ޞާބިރާ ވަޙީދުގެ ޚިދުމަތާއި ބައިގަރުނަކާ ގާތަށް ޚިދުމަތްކުރައްވާފައިވާ ހެންވޭރު އިރުވައި އިސްމާޢީލް ރަޝީދުގެ ޚިދުމަތްތައް ޚާއްޞަގޮތެއްގައި ފާހަގަކުރައްވައި އެ ދެބޭފުޅުންނަށް ތަހުނިޔާ ވިދާޅުވެފައެވެ.
އިސް ރަށްވެހިންގެ އިޖްތިމާޢީ މަރުކަޒުތަކެއް މާލެއާ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޤާއިމުކޮށްދެއްވުމަށް ގެންގުޅުއްވާ ވިސްނުންފުޅު ހާމަކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މިގޮތުން މާލޭގައި ޤާއިމުކުރާ އެފަދަ މަރުކަޒު ޤާއިމުކުރައްވާނީ ނާދީ ހުރި ބިމުގައިކަމުގައެވެ. އެއީ ރައްޔިތުންގެ މަޖިލީހުގެ އިދާރާވެސް ހިނގި އިމާރާތެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މާލޭގައި އެމަރުކަޒު ޤާއިމުކުރެއްވުމަށްފަހު ރާއްޖޭގެ އެކިކަންކޮޅުތަކުގައި އެފަދަ މަރުކަޒުތައް ހުޅުވަން ޤަޞްދުކުރައްވާކަމުގައެވެ.
މިފަދަ މަރުކަޒުތަކެއް ޤާއިމުކުރުމުގެ މަޤްޞަދުތަކަށް އަލިއަޅުވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މީގެ ތެރެއިން އެއް މަޤްޞަދަކީ އިސް ރަށްވެހިންނަށް ދޭންޖެހޭ ޙައްޤު ޤަދަރާއި އިޙުތިރާމު ހޯދައިދިނުމަށް މަގުފަހިކުރުމާއި، އެކަންކަމަށް ބާރުއެޅުންކަމުގައެވެ. މީގެ އިތުރުން އިސް ރަށްވެހިންނަށް ބޭނުންވާ އިޖުތިމާޢީ އެހީތެރިކަން ފޯރުކޮށްދިނުމާއި މުޖުތަމަޢުގައި އިސްރަށްވެހިންގެ ޙިއްޞާ އިތުރުކޮށްދިނުމާއި އަދި ދުޅަހެޔޮ ދޮށީ ޢުމުރަކަށް ތައްޔާރުވުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ރާވައި ހިންގުންވެސް މި މަރުކަޒުތައް ޤާއިމުކުރުމުގެ މަޤްޞަދުތަކުގެ ހިމެނޭކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅު ނިންމަވަމުން ވަނީ މި މަރުކަޒުތަކުގައި އިސްރަށްވެހިންނަށް އުފާވެރި ވަގުތުތަކެއް ހޭދަކުރުމުގެ ފުރުޞަތު ލިބިގެންދިއުމަށް އުންމީދުކުރައްވާކަމުގައި ވިދާޅުވެފައެވެ.