بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

اللهُ سُبْحَانَهُ وَتَعَالَىގެ ޙަޟްރަތަށް ޙަމްދާއި ޝުކުރު ކުރަން. މި އުންމަތުގެ މާތް ނަބިއްޔާ مُحَمَّدُ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ އަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން. މި ޞަލަވާތާއި ސަލާމުގައި އެކަލޭގެފާނުގެ އާލު އަޞްޙާބުން ޝާމިލްކުރަން.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް، ދައުލަތުގެ ވަޒީރުން، ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުން، ހާޒިރުވެވަޑައިގެން ތިއްބެވި އެންމެހައި ބޭފުޅުން؛

السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.

މިރޭގެ މި ޖަލްސާއަކީ، ދިވެހި ދައުލަތަށް ދިގު މުއްދަތަކަށް ޚިދުމަތް ކުރައްވާފައިވާ ބޭފުޅުން ކޮށްދެއްވި ޚިދުމަތްތަކުގެ އަގު ވަޒަންކުރުމުގެ ގޮތުން ބާއްވާ ޖަލްސާ. ދައުލަތަށް ދިގު މުއްދަތަކަށް ޚިދުމަތް ކުރައްވާ ބޭފުޅުންނަށް އިނާމު ދޭން ސަރުކާރުން ފެށީ 2021 ވަނަ އަހަރު.

ދިމާވި އެކި ސަބަބުތަކާހުރެ މިދިޔަ އަހަރު އެ އިނާމުތައް ދެވޭގޮތް ނުވުމުން، މި އަހަރަށް ފަސްކޮށްލަން ޖެހުނީ. 2021 ވަނަ އަހަރު، ބޭއްވި ދެ ޖަލްސާއެއްގައި ޖުމްލަ 223 ބޭފުޅަކަށްވަނީ މި އިނާމު އަރުވާފައި. މިރޭގެ މި ޖަލްސާގައި ޖުމްލަ 86 ބޭފުޅަކަށް އިނާމު އެރުވޭނެ. އޭގެ ތެރެއިން ބައެއް ބޭފުޅުންނަށް ދެންމެ އިނާމު ހަވާލުކުރެވިއްޖެ. އެހެންކަމުން،އެ ހުރިހާ ބޭފުޅުންނަށް އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު، ތަހުނިޔާ ދަންނަވައި ހެޔޮއެދުންތައް އަރިސްކުރަން.

އެ ބޭފުޅުން، ދިވެހި ދައުލަތަށާއި ދިވެހި ރައްޔިތުންނަށް އެ ކޮށްދެއްވީ، ވަރަށް އިޚްލާޞްތެރި ޚިދުމަތްތަކެއް. ކޮންމެ މަޤާމެއްގައި ހުންނެވި ނަމަވެސް، މަޤާމުގެ ވާޖިބުތައް އަދާކުރެއްވުމުގައި ފަސްޖެހުމެއް ނެތި، ވަފާތެރިކަމާއެކު ކޮށްދެއްވި ޚިދުމަތްތަކަކަށްވާތީ، ޤައުމީ ޚިދުމަތުގެ ތަރާދުގައި އެއީ، ވަރަށް ބުރަދަން ހުރި ޚިދުމަތްތަކެއް.

ދެންމެ އިނާމު ލިބިވަޑައިގެންނެވި ބޭފުޅުންގެ ތެރޭގައި ބައި ޤަރުނަށްވުރެ ދިގު މުއްދަތެއްގައި ދައުލަތަށް ޚިދުމަތް ކުރެއްވި ބޭފުޅަކާއި، ބައި ޤަރުނާ ކައިރިވާ މުއްދަތަށް ޚިދުމަތް ކުރެއްވުމަށްފަހު ރިޓަޔަރ ކުރެއްވި ބޭފުޅަކު އެބަ ހިމެނިވަޑައިގަންނަވާ. އާދެ، 50 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރެއްވި ބޭފުޅަކީ މައްޗަންގޮޅި ބޮޑުގަލުމާފަތްގޭ ޞާބިރާ ވަޙީދު.

މިހާ ދިގު މުއްދަތެއްގައި އަންހެން ބޭފުޅަކު ދައުލަތުގެ ޚިދުމަތުގައި ދެމިހުންނެވިކަން އެއީ، އަޅުގަނޑު ވަރަށް ޚާއްޞަ ގޮތެއްގައި ފާހަގަކުރާ ކަމެއް. އަދި އެއީ މިއަދު ޚިދުމަތުގައި ދެމިތިއްބެވި އަންހެން ބޭފުޅުންނަށް އޭނާ ދެއްކެވި ވަރަށް ރީތި މިސާލެއް. އާދެ، ޞާބިރާ ވަޙީދު 2016 ވަނަ އަހަރު ދައުލަތުގެ ޚިދުމަތް ނިންމަވާލެއްވީ، 50 އަހަރާއި 8 މަސް ދުވަސް ވަންދެން ތަފާތު އެތައް ދާއިރާއެއްގައި ޚިދުމަތް ކުރެއްވުމަށްފަހު.

އަނެއް ބޭފުޅަކީ، ދައުލަތުގެ ވަރަށް އިސް މަޤާމުތަކެއް ފުރުއްވި، ހެންވޭރު އިރުވައި އިސްމާޢީލް ރަޝީދު. އޭނާ އެންމެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރެއްވީ އަތޮޅުތަކާބެހޭ ވުޒާރާގައި. އިސްމާޢީލް ރަޝީދަކީ، 6 އަތޮޅެއްގެ އަތޮޅުވެރިކަން ކުރެއްވި، އަދި ހިންގުމުގެ ދާއިރާގައި ތަޖުރިބާކާރު ބޭފުޅެއް. އޭނާއަކީވެސް ތެދުވެރިކަމާއި އިޚްލާޞްތެރިކަމާއެކު، ޤައުމަށް ޚިދުމަތް ކުރެއްވި ހަރުދަނާ ޝަޚްޞިއްޔަތެއް. ކުރެއްވި ކޮންމެ ކަމެއްވެސް ތެދުވެރިކަމާއި، އަމާނާތްތެރިކަމާއެކު ކުރެއްވި ބޭފުޅެއް.

އެހެންކަމުން، ޞާބިރާ ވަޙީދަށާއި، އިސްމާޢީލް ރަޝީދަށް އަދި އެކި މުއްދަތުތަކުގައި ދައުލަތަށް ޚިދުމަތް ކުރައްވައިގެން މިރޭ އިނާމު ޙާޞިލް ކުރައްވާ ހުރިހާ ބޭފުޅުން، އެ ކޮށްދެއްވި ޚިދުމަތްތަކުގެ އަގު ވަޒަންކުރަމުން އެހުރިހާ ބޭފުޅުންނަށް އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވައި ތަހުނިޔާ އަރިސްކުރަން.

ދިވެހި ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމުގެ ނަމުގައި ޤައުމީ ފެންވަރުގެ ޝަރަފުވެރި އިނާމެއް ދޭން އަޅުގަނޑުމެން ނިންމީ، ވަރަށް މުހިންމު ސަބަބުތަކަށްޓަކައި. އެއީ އެބޭފުޅުން އެކޮށްދެއްވި ޚިދުމަތްތަކަކީ، އޭގެ އަގު ވަޒަންނުކޮށް ދޫކޮށްލެވިގެން ވާނެ ޚިދުމަތްތަކަކަށް ނުވާތީ. އެބޭފުޅުން އެ ކުރެއްވި ޚިދުމަތްތަކަކީ، ޙަޔާތުގެ ވަރަށް ބޮޑު ބައެއް ޤައުމީ ޚިދުމަތަށް ހުސްކުރައްވައި، ދިވެހި ޤައުމަށާއި، ދިވެހި ރައްޔިތުންނަށްޓަކައި ރެޔާއި ދުވާލު ކުރެއްވި ބުރަ މަސައްކަތުން ވެވަޑައިގެންނެވި ޤުރްބާނީއެއް. އަދި އެއީ، ދިވެހި ދައުލަތަށާއި ދިވެހި ސަރުކާރަށް ފަރުދީ ގޮތުން ޚިދުމަތް ކުރެއްވުމަށް އެ ބޭފުޅުންގެ ހިތްޕުޅުގައި އޮތް މަތިވެރި ޤަދަރާއި ލޯބި ހާމަކޮށްދޭ ކަމެއް.

މިރޭގެ މި ޖަލްސާއާ އެކީގައި މިހާތަނަށް 309 ބޭފުޅަކަށް މި ޝަރަފު އެރުވިއްޖެ. އެހެން ނަމަވެސް، ދައުލަތަށް ވަރަށް ދިގު މުއްދަތެއްގައި ޚިދުމަތް ކުރެއްވި ބޭފުޅުން އަދިވެސް އެބަ ތިއްބެވި. 45 އަހަރަށްވުރެ ދިގު މުއްދަތެއްގައި ދައުލަތަށް ޚިދުމަތް ކުރެއްވި ބޭފުޅުންގެ ތެރެއިން، މި ޝަރަފު ނޭރުވޭ ކިތައް ބޭފުޅުން އެބަ ތިއްބެވިތޯ ވަރަށް ފަހުން އަޅުގަނޑު ބަލައިލިން. އަޅުގަނޑަށް އެނގުނު ގޮތުގައި، އެ ޢަދަދު 70 އާ ގާތްކުރޭ.

އެބޭފުޅުންގެ ނަން، އިނާމަށް ހުށަހެޅުއްވުމުގައި ދިމާވާ އެންމެ ބޮޑު ދައްޗަކީ، ބައެއް ބޭފުޅުންގެ އަތްޕުޅުގައި ޚިދުމަތާބެހޭ ރެކޯޑުތައް ނެތުން. އަދި އޭގެ ތެރެއިން ގިނަ ބޭފުޅުން ޚިދުމަތް ކުރައްވަން ފެށްޓެވީ މީގެ އެތައް އަހަރެއް ކުރިން.

މިދިޔަ އަހަރުތަކުގައި ސަރުކާރުގެ ވަރަށް ގިނަ އޮފީސްތަކެއް އުވައިވެސްލެވިއްޖެ. އެފަދަ ބައެއް އޮފީސްތައް އުވައިލެވިގެން ދިޔައިރު، އެ ބޭފުޅުން ކުރެއްވި މަސައްކަތްތަކުގެ މަޢުލޫމާތު ފަސޭހައިން ލިބޭނެ ގޮތެއްވެސް ނެތް.

އެ ބޭފުޅުންގެ ނަން، އިނާމަށް ހުށަހެޅުއްވުމުގައި، ދައުލަތުގެ މުއައްސަސާތަކަށްވެސް ވަރަށް ގިނަ ދަތިތައް އެބަ ކުރިމަތިވޭ. އަދި ބައެއް ބޭފުޅުން އަމިއްލަފުޅަށް އިނާމަށް ނަން ހުށަހެޅުއްވުމަށް ބޭނުންފުޅުނުވުމަކީވެސް، އަޅުގަނޑާ ހަމައަށް އަދި ޤައުމީ އިނާމު ކޮމިޓީއާ ހިސާބަށްވެސް ހުށަހެޅޭ މައްސަލައެއް.

އެހެންވިޔަސް، އެފަދަ ބޭފުޅުންނަށްވެސް އަދި ދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވައި ވަކިވެވަޑައިގެންފައިވާ އެހެން ބޭފުޅުންނަށްވެސް، މި ޝަރަފު އަރުވަންޖެހޭ ކަމަށް އަޅުގަނޑު ދެކެން. އެކަން ފެށުމުގެ ގޮތުން، އަޅުގަނޑު މިހާރު ޤަޞްދުކުރަނީ، 45 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވައި ވަކިވެވަޑައިގެންފައިވާ ބޭފުޅުންގެ ރެކޯޑުތައް، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހޯދުމަށްފަހު، ޤައުމީ އިނާމާ ބެހޭ ކޮމިޓީއަށް ހުށަހަޅައިގެން، އެކަން ކުރިއަށް ގެންދަން. މިގޮތަށް ހުށަހެޅޭ ބޭފުޅުންނާވެސް ކޮމިޓީން ބައްދަލުކުރައްވައި، އިތުރު މަޢުލޫމާތު ހޯއްދަވާނެ.

ޤައުމީ ޚިދުމަތުގައި މަތީ އަރުތަ ޙާޞިލްކުރައްވާ ބޭފުޅުންގެ އަގު ވަޒަންކުރުމާ ހަމައިން އެކަން ނިމުނީ ކަމަށް އަޅުގަނޑުމެން ދެކިގެން ނުވާނެ. އެފަދަ ބޭފުޅުންނަކީ، ރާއްޖޭގެ ޤައުމީ ތަރައްޤީގެ ވަރަށް މުހިންމު ޙިއްޞާދާރުންތަކެއް. ދިވެހި ދައުލަތް މިހާ ހިސާބަށް އައުމުގައި، އެ ބޭފުޅުންގެ ބައިވެރިވުމާއި، އެ ބޭފުޅުންގެ މިންނެތް މަސައްކަތް ވަރަށް މުހިންމު ދައުރެއް އަދާކޮށްފައިވޭ.

މިއަދު އެ ބޭފުޅުން އެ ތިއްބެވީ ދޮށީ ޢުމުރުގެ މަރުޙަލާގައި. ނަމަވެސް، ދިވެހި ޤައުމު ހޯދާފައިވާ ތަރައްޤީއާއި ކުރިއެރުމުގެ އަޞްލަކީ، އެ ބޭފުޅުންގެ ޒުވާންކަމުގެ ހަކަތައާއި ބުންވަރު. އެހެންވީމާ، އަޅުގަނޑުމެން އަބަދުވެސް އެ ބޭފުޅުންގެ ޤައުމީ ޚިދުމަތުގެ އަގު ވަޒަންކުރަންޖެހޭނެ. އެ ބޭފުޅުންނަށް ރަނގަޅު ގޮތްތައް ހަމަޖައްސައިދީ، އުފާވެރިކަމާއި ހިތްހަމަޖެހުން ހޯދައިދޭން މަސައްކަތް ކުރަންޖެހޭނެ.

އެހެންކަމުން، އެފަދަ ބޭފުޅުން އެއް ތަނަކުން ބައްދަލުވެ، އުފާވެރިކަމާއެކު ވަގުތު ހޭދަކޮށްލައި އުޅެވޭފަދަ މާޙައުލެއް ޤާއިމުކޮށްދިނުމަކީ ވަރަށް މުހިންމު ކަމެއް. އަޅުގަނޑުމެން ޤަޞްދުކުރަނީ، އިސް ރަށްވެހިންގެ އިޖުތިމާޢީ މަރުކަޒުތަކެއް، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޤާއިމުކޮށްދޭން.

މީގެ ތެރެއިން ބައެއް ބޭފުޅުން ހަނދުމަފުޅު ހުންނާނެ، ނާދީތަމައްދުންގެ ވާހަކަ. އެ ނާދީ ހުރި ބިމުގައި، އަދި ފަހުން ރައްޔިތުންގެ މަޖިލީހުގެ އިދާރާ ވެސް ހިންގި އިމާރާތުގައި، އެފަދަ މަރުކަޒެއް ޤާއިމުކުރުމުގެ މަސައްކަތް، އަޅުގަނޑުމެން މިހާރު މި އަންނަނީ ކުރަމުން. އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް އެތަނުގެ ޚިދުމަތް ލިބެން ފަށާނެ. މާލެއަށް ފަހު ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި އިސް ރަށްވެހިންގެ މަރުކަޒުތައް ހުޅުވުމަށް އަޅުގަނޑުމެން ޤަޞްދުކުރަން.

އެފަދަ މަރުކަޒުތަކެއް ޤާއިމުކުރުމުން ޙާޞިލްކުރެވޭނެ ވަރަށް މުހިންމު މަޤްޞަދުތަކެއް އެބަހުރި ކަމަށް އަޅުގަނޑު ދެކެން. އެއްކަމަކީ، އިސް ރަށްވެހިންނަށް ދޭންޖެހޭ ޙައްޤު ޤަދަރާއި އިޙްތިރާމު ހޯދައިދިނުމަށް މަގުފަހިކުރުމާއި، އެކަންކަމަށް ބާރުއެޅުން. އަނެއްކަމަކީ، އިސް ރަށްވެހިންނަށް ބޭނުންވާ އިޖުތިމާޢީ އެހީތެރިކަން ފޯރުކޮށްދިނުން. އަނެއްކަމަކީ، މުޖުތަމަޢުގައި
އިސް ރަށްވެހިންގެ ޙިއްސާ މިހާރަށްވުރެ ވީހާވެސް ބޮޑަކަށް އިތުރުކޮށްދިނުން. އަދި ދުޅަހެޔޮ ދޮށީ ޢުމުރަކަށް ތައްޔާރުވުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ރާވައި ހިންގުން.

މިއަދު ޚިދުމަތުން ވަކިވެވަޑައިގެންފައި ތިއްބެވިޔަސް، އެ ބޭފުޅުންނަކީ ދައުލަތުގެ އިދާރީ ހިންގުންތެރިކަމުގެ ތަޖުރިބާތަކުން ފުރިފައިވާ ކަންޒުތަކެއް. އެފަދަ ބޭފުޅުންގެ ތަޖުރިބާއިން ޙާޞިލްކުރެވޭނެ ކިތަންމެ މަންފާއެއް މިހާރުވެސް ހުންނާނެ. މި ދެންނެވި އިޖުތިމާޢީ މަރުކަޒުތައް ޤާއިމުކުރުމުން، އެފަދަ ބޭފުޅުންގެ ތަޖުރިބާތައް ޙިއްޞާކުރެވޭނެ ގޮތްތަކެއް ހަމަޖެހިގެންދާނެ.

އަޅުގަނޑުގެ އުންމީދަކީ، ދިވެހި ދައުލަތަށް ގިނަ ދުވަހު ޚިދުމަތް ކުރައްވާފައިވާ ތަޖުރިބާކާރު ބޭފުޅުން، އެ ބޭފުޅުންގެ މަސައްކަތުގެ ދާއިރާގެ ތަޖުރިބާތައް، މިހާރު ވަޒީފާގައި ތިއްބެވި ޚިދުމަތްތެރިންނާ ޙިއްޞާ ކުރައްވަމުން ގެންދެވުން. އަދި އަޅުގަނޑުމެން ހުޅުވަން މި ޤަޞްދުކުރާ އިސް ރަށްވެހިންގެ އިޖުތިމާޢީ މަރުކަޒުތަކުގައި، ތިޔަ ބޭފުޅުންނަށް އުފާވެރި ވަގުތުތަކެއް ހޭދަކުރުމުގެ ފުރުޞަތު ލިބިގެންދާނެ ކަމަށް ވެސް އަޅުގަނޑު އުންމީދު ކުރަން.

އަޅުގަނޑުގެ ދުޢާއަކީ، ދިވެހި ޤައުމުގެ ހަމަޖެހުމާއި ލާބަޔަށް އަޅުގަނޑުމެން މިކުރާ މަސައްކަތުގައި اللهُ سُبْحَانَهُ وَتَعَالَى ބަރަކާތް ލައްވައި، ހުރިހާ ގޮތަކުން ވެސް ދިވެހިންނަށް ކާމިޔާބާއި ކުރިއެރުން ދެއްވުން. ޤައުމީ ޚިދުމަތުގައި އަޅުގަނޑުމެން މިކުރާ މަސައްކަތުގައި ތެދުވެރިކަމާއި އިޚްލާޞްތެރިކަމާ އެކުގައި ސާބިތުވެ ތިބުމުގެ ހެޔޮ ތައުފީޤު އެކަލާނގެ އަޅުގަނޑުމެން އެންމެންނަށް މިންވަރު ކުރައްވާށި. އާމީން.

وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.