އަންނަ އަހަރުގެ ބަޖެޓަކީ އެއްވެސް ހާލެއްގައި ސިޔާސީ ފުރްޞަތަށްޓަކައި ހަމައެކަނި ބަސްތަކެއް ބުނެލުމަށް ސަރުކާރުން ހުށަހެޅުއްވި ބަޖެޓެއް ނޫން ކަމުގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، ދިވެހިރާއްޖޭގެ އަޑު މެދުވެރިކުރައްވައި އެމަނިކުފާނު މިއަދު ހެނދުނު ދެއްވި ރޭޑިއޯ ޚިޠާބުގައެވެ.

މިހަފްތާގެ ރޭޑިއޯ ޚިޠާބުގައި، ރައީސުލްޖުމްހޫރިއްޔާ ވާހަކަފުޅު ދައްކަވަމުން، މި ބަޖެޓަކީ ކަނޑައެޅިގެން ވަކި ކަންތައްތަކެއް ކުރެއްވުމަށްޓަކައި، ވަކި ނަތީޖާތަކެއް ނެރުއްވުމަށްޓަކައި ސަރުކާރުން އެކުލަވާލެއްވި ބަޖެޓެއް ކަމުގައި ވިދާޅުވިއެވެ.

"އިރާދަކުރެއްވިއްޔާ، މި ބަޖެޓުގައިމިވާ ގޮތަށް ސަރުކާރަށް ކަންކަން ހިންގޭނެ. އަދި އޭގެ ސަބަބުން މިއަހަރުގެ ތެރޭގައި ފާގަތިކަން އިތުރުވެގެންދާނެކަމީ، އަޅުގަނޑުމެން އެއްވެސް ހާލެއްގައި ޝައްކުކުރާ ކަމެއް ނޫން" ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ރަށްވެހި ތަރައްޤީގެ މަޝްރޫޢު ހިންގަވަން ރާއްވަވާފައިވަނީ، ހަމައެކަނި ސީދާ ސަރުކާރުގެ ބަޖެޓުން ނޫންކަން ބަޔާން ކުރައްވަމުން، ބަޖެޓުގައި ހިމެނިފައިނެތް ނަމަވެސް، ރަށްވެހި ތަރައްޤީގެ މަޝްރޫޢުތަކަށް ކުޑަވެސް ހުއްޓުމެއް ނުގެންނަވައި، ކުރިއަށް ގެންދަވާނެ ކަމުގެ ޔަޤީންކަންވެސް ދެއްވިއެވެ. މިގޮތުން، ސަރުކާރު ޙިއްޞާވާ އަމިއްލަ ވިޔަފާރިތަކާ ގުޅިގެން ހިންގާ މަސައްކަތާއި އަދި ދިގު މުއްދަތުގައި ފައިސާ ދައްކާ އުޞޫލުން ސަޕްލަޔަރ ކްރެޑިޓްގެ ހަމަތަކުގައި ހިންގާ މަސައްކަތްތައްވެސް ހިމެނޭ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ރޭޑިއޯ ޚިޠާބުގައި، ރައްޔިތުންގެ މަޖިލީހުން ރޭ ފާސްކުރެއްވި އަންނަ އަހަރުގެ ބަޖެޓާ ބެހޭގޮތުން ވާހަކަފުޅު ދައްކަވަމުން، މަޖިލީހުގެ މެންބަރުން ބަޖެޓާ ގުޅޭގޮތުން ދެއްކެވި ވާހަކަފުޅުތަކުގެ މައްޗަށް ބިނާވެ މެނުވީ، ބަޖެޓް ތަންފީޒު ކުރައްވަމުން ނުގެންދަވާނެ ކަމުގެ ޔަޤީންކަން އެމަނިކުފާނު ދެއްވިއެވެ. ރާއްޖޭގެ މާލީ އަދި އިޤްތިޞާދީ ސިޔާސަތާ ގުޅޭ ހަމައެކަނި ވަސީލަތަކީ ދައުލަތުގެ ބަޖެޓް ނޫން ކަމަށާއި، އެއާއެކީގައި ސަރުކާރު ޙިއްޞާވާ ކުންފުނިތަކާއި އަދި އަމިއްލަ ކުންފުނިތަކުގެ އިންވެސްޓްމަންޓްތަކާއި އުފެއްދުންތެރިކަންފަދަ ކަންކަމަކީވެސް ދައުލަތުގެ މާލީ ސިޔާސަތު އަދި އިޤްތިޞާދީ ސިޔާސަތުގެ މުހިންމު ބައިތަކެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިގޮތުގައި، ސަރުކާރުން މަސައްކަތް ކުރައްވާފައިވާނީ މިދެންނެވި ހުރިހާ ދާއިރާތަކެއްވެސް ވިސްނައި ބަލައި، ހުރިހާ ކަމެއް ހަމައިގައި ބަހައްޓައިގެން އަޅުގަނޑުމެންނަށް ތަރައްޤީގެ މަގުގައި ކުރިއަށް ދެވޭނޭ މަގުތަކެއް ފަހިކުރާ ބަޖެޓަކަށް އަންނަ އަހަރުގެ ބަޖެޓު ހެއްދެވުމަށް ކަމުގައެވެ.

ރައީސުލްޖުމްހޫރިއްޔާ މިއަދު ދެއްވި ރޭޑިއޯ ޚިޠާބުގައި، މާދަމާއަކީ ސުނާމީ ކާރިސާ ކުރިމަތިވިތާ ފަސް އަހަރު ފުރޭ ދުވަސްކަމަށްވުމާއެކު، އެދުވަހުގެ މައްޗަށްވެސް ބައްލަވާލެއްވިއެވެ. ސުނާމީ ކާރިސާގައި ގެދޮރު ގެއްލުނު ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯއްދަވައިދެއްވުމަށް ސަރުކާރުން ގިނަގުނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ކަމުގައި ވިދާޅުވަމުން، ސަރުކާރުގެ އަމާޒަކީ، ސުނާމީގައި ގެދޮރު ގެއްލުނު ފަރާތްތަކަށް ގެދޮރު ހިލޭ ހޯއްދަވައިދެއްވުން ކަމަށާއި، އެހާދިސާގައި ގެދޮރު ހަލާކުނުވާ ރައްޔިތެއްގެ ގެ މިއަދު ސަރުކާރުން ހައްދަވައިދެއްވުމަކީ، އިންޞާފުވެރި ގޮތެއް ކަމަކަށް ދެކިވަޑައިނުގަންނަވާކަން އެމަނިކުފާނު ހާމަކުރެއްވިއެވެ.

އެއްހަފްތާގެ މެދުކެނޑުމަކަށްފަހު ރައީސުލްޖުމްހޫރިއްޔާ ދެއްވި ރޭޑިއޯ ޙިޠާބަކީ، އެމަނިކުފާނު ދެއްވާ 28 ވަނަ ރޭޑިއޯ ޙިޠާބެވެ. އަދި މިއީ މިއަހަރު އެމަނިކުފާނު ދެއްވާ އެންމެފަހު ރޭޑިއޯ ޚިޠާބެވެ. މިދިޔަ ހަފްތާ ރައީސުލްޖުމްހޫރިއްޔާ ހުންނެވީ އ.ދ.ގެ މޫސުމާބެހޭ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ޑެންމާކުގެ ކޯޕަންހޭގަންގައެވެ.