ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް، ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫ.އޭ.އީ)ގެ ދުބާއީގައި މަދީނާތު ޖުމެއިރާގައި މިހާރު ކުރިއަށްދާ 9 ވަނަ ވޯލްޑް ގަވަރމަންޓް ސަމިޓްގައި ބައިވެރިވެވަޑައިގެންފިއެވެ. ދެ ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި ސަމިޓް ހޯސްޓް ކޮށްދެއްވާފައިވަނީ ޔޫ.އޭ.އީ.ގެ ނައިބު ރައީސް، ޕްެރައިމް މިނިސްޓަރ އަދި މިނިސްޓަރ އޮފް ޑިފެންސް އަދި ދުބާއިގެ ރޫލާރ ހިޒް ހައިނެސް ޝެއިޚް މުޙައްމަދު ބިން ރާޝިދު އަލް މަކްތޫމްއެވެ.
"ޝޭޕިންގ ފިއުޗަރ ގަވަރމެންޓްސް" މި ޝިއާރުގެ ދަށުން ބާއްވާ ވޯލްޑް ގަވަރމަންޓް ސަމިޓް 2023 ގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގެ އެކި ފިކުރުގެ ލީޑަރުންނާއި، ބައިނަލްއަޤްވާމީ މާހިރުންނާއި، ނިންމުންތައް ނިންމާ ފަރާތްތައް އެއްތަނަކަށްއެއްވެ، ޚިޔާލުބަދަލުކުރައްވައި، މުސްތަޤްބަލުގެ ސަރުކާރުތައް ބައްޓަންކުރުމަށް ބޭނުންވާ ވަޞީލަތްތަކާއި ސިޔާސަތުތަކާއި، ޒަރޫރީ މޮޑެލްތައް އެކުލަވާލުމުގައި އެހީތެރިކަން ފޯރުކޮށްދެއްވާނެއެވެ.
މިއަހަރުގެ ސަމިޓުގެ އެޖެންޑާގައި އިންސާނިއްޔަތަށް ރަނގަޅު މުސްތަޤްބަލެއް ބިނާކުރުމުގެ މައްޗަށް އަމާޒުކޮށް، މައިގަނޑު ހަ މައުޟޫއަކަށް އަލިއަޅުވާލާފައިވެއެވެ. އޭގެ ތެރޭގައި ތަރައްޤީއާއި ހިންގުން ހަލުވިކުރުމާއި، މުޖުތަމަޢުތަކާއި ޞިއްޙީ ޚިދުމަތުގެ މުސްތަޤްބަލް ދެނެގަތުމާއި، އިޤްތިޞާދީ ރެޒިލިއަންސް އެންޑް ކަނެކްޓިވިޓީ ހިންގުމާއި، ގްލޯބަލް ސިޓީ ޑިޒައިން އެންޑް ސަސްޓެއިނަބިލިޓީ ހިންގުމާއި، އުނގެނުމާއި މަސައްކަތަށް އިސްކަންދިނުން ހިމެނެއެވެ.
މި ސަމިޓަކީ، ޤައުމުތަކަށް ދިމާވާ ގޮންޖެހުންތަކުން އަރައިގަތުމަށް ކުރެވިދާނެ އެންމެ ރަނގަޅު ކަންތައްތަކާއި އެފަދަ ކަންކަމަށް އެންމެ އެކަށޭނަ އެންމެ ރަނގަޅު ޙައްލުތައް ދައްކާލައި ޚިޔާލުބަދަލުކުރުމަށް ޙާއްޞަ ޕްލެޓްފޯމެއް ލިބިގެންދާ ސަމިޓެކެވެ. އަދި މި ސަމިޓުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ޕްރަވެޓް އަދި ޕަބްލިކް ސެކްޓަރގެ ލީޑަރުން ދުނިޔޭގައި ތަރައްޤީއާއި ތަނަވަސްކަން ކުރިއެރުވުމުގެ މަޤްޞަދުގައި، ސަރުކާރާއި އާ އީޖާދުތަކުގެ މެދުގައި އުފެދިފައިވާ ހަލަބޮލި ކަންކަމާ މެދު އެންމެން ގުޅިގެން އަދި އުފެއްދުންތެރިކަމާއެކު ވިސްނުމަށް ބާރުއަޅުއްވާނެއެވެ.