"މަސްތުވާތަކެއްޗާބެހޭ ބިލް 2009" ރައީސުލްޖުމްހޫރިއްޔާ، ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިފިއެވެ. މިއީ، ދިވެހިރާއްޖޭގައި މަސްތުވާތަކެތި ބޭނުންކުރުން ހުއްޓުވުމަށާއި، މަސްތުވާތަކެތީގެ ވިޔަފާރި ހުއްޓުވުމަށާއި، މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ފަރުވާދިނުމުގެ ނިޒާމުތައް އެކަށައެޅުމަށާއި، މިކަންކަން ކުރުމަށް ބޭނުންވާ މުއައްސަސާތައް އުފައްދައި އެމުއައްސަސާތަކުގެ އިޚްތިޞާޞް ކަނޑައެޅުމަށާއި، މަސްތުވާތަކެއްޗާ ގުޅޭ ކުށްކުށާއި އެކުށްކުށަށް ދޭނެ އަދަބު ކަނޑައެޅުމަށާއި، މަސްތުވާތަކެތީގެ ވިޔަފާރި ހުއްޓުވުމުގެ ގޮތުން އެކަށައަޅަންޖެހޭ މިނޫންވެސް ސިޔާސަތުތަކާއި އުސޫލުތައް ކަނޑައަޅައި ބަޔާންކުރާ ބިލެކެވެ.

ސަރުކާރުން މި ބިލު މިހުށަހެޅުއްވީ، ސަރުކާރުގެ ސިޔާސަތުތަކުގެ ތެރޭގައި ހިމެނޭ މައިގަނޑު އަމާޒެއް ކަމުގައިވާ މަސްތުވާތަކެއްޗަށް ހުޅުވިފައިވާ ދޮރުތައް ބަންދުކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް އެންމެ ފުރިހަމަގޮތުގައި ކުރުމަށް ކޮންމެހެން ބޭނުންވާ ޤާނޫނީ އޮނިގަނޑެއް އެކަށައެޅުމަށާއި، މިހާރު ޢަމަލުކުރަމުންދާ މަސްތުވާތަކެއްޗާބެހޭ ޤާނޫނަށް ޢަމަލުކުރަން ފެށި ފަހުން ރާއްޖޭގައި އޮތް މަސްތުވާތަކެތީގެ ވިޔަފާރި ފުޅާވެ، ރާއްޖޭގައި މަސްތުވާތަކެތި ބޭނުންކުރާ ނިސްބަތް އިތުރުވެފައިވާތީ، މިހާރުގެ ޙާލަތަށް އެޤާނޫނު ނުފުދޭތީއާއި، މަސްތުވާތަކެތީގެ ވިޔަފާރި ހުއްޓުވުމަށްޓަކައި ޤާނޫނު ތަންފީޛުކުރާ ފަރާތްތަކަށް މިހާރަށްވުރެ އިތުރު ބާރުތަކެއް ދޭންޖެހިފައިވާތީއެވެ. އަދި މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހުންނަށް މިހާރަށްވުރެ ހަރުކަށި އަދަބުދީ، މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ފަރުވާދީގެން އެމީހުން އަނބުރާ މުޖުތަމަޢަށް ގެނައުމަށް ބާރުއެޅޭނެ ނިޒާމެއް ޤާއިމު ކުރުމަށާއި، މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ މީހުންނަށް ފަރުވާދިނުމުގެ އުސޫލުތައް ހަރުދަނާ ކުރުމުގެ ބޭނުންފުޅުގައެވެ.