بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

اللهُ سُبْحَانَهُ وَتَعَالَى ގެ ޙަޟްރަތަށް ޙަމްދާއި ޝުކުރު ކުރަން. މި އުންމަތުގެ މާތް ނަބިއްޔާ مُحَمَّدُ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ އަށް، ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން. މި ޞަލަވާތާއި ސަލާމުގައި އެކަލޭގެފާނުގެ އާލު އަޞްޙާބުން ޝާމިލުކުރަން.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް، ދައުލަތުގެ ވަޒީރުން، ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުން، ކުންފުނިތަކުގެ ހިންގުންތެރި ވެރިން، ހާޒިރުވެ ވަޑައިގެން ތިއްބެވި އެންމެހައި ބޭފުޅުން؛

السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.
އާދެ، އަޅުގަނޑުމެންނަކީ ޖަޒީރާވަންތަ ޤައުމެއްގެ އަހުލުވެރިން. ދިރިއުޅުމާ ގުޅި ލާމެހިފައިވާ އެއްކަމަކީ، މި ޖަޒީރާތަކުގެ ހަމަހިމޭންކަމާއި، ހިތްހަމަޖެހުމާއި، އުފާވެރިކަން. މި ޖަޒީރާތަކުގެ ގޮނޑުދޮށްތަކާއި ނޫވިލާ. މޫދަކީ އަޅުގަނޑުމެން ދުރަށް ދާން ބޭނުންވާ ތަނެއް ނޫން. ދޫކޮށްލަން ބޭނުންވާ ތަނެއް ނޫން. އެއީ، ރާއްޖެތެރޭގެ ރަށްފުށުގެ ރަށެއްގައި ދިރިއުޅުނު ކަމަށްވިޔަސް، މި މާލޭގައި ދިރިއުޅުނު ކަމަށްވިޔަސް، އަޅުގަނޑުމެންގެ އުފެދުމުގައި ހުރިކަމެއް. ރާއްޖޭގެ ގިނަ ރަށްރަށުން އަދިވެސް މި އުފާވެރިކަން ލިބެމުންދޭ. އެހެން ނަމަވެސް، މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް މި އުފާވެރިކަމުން މަޙްރޫމްވެ ގެއްލިފައިވާތާ އެތައް ދުވަހެއް ވެއްޖެ. މާލެއަށް މީހުން ހިޖުރަކޮށް، ފުރި ބަންޑުންވެއްޖެ. މާލޭގެ ރައްޔިތުންނަށް މި ގޮނޑުދޮށްތަކުގެ ހިތްހަމަޖެހުމާއި، އުފާވެރިކަން ނުލިބޭތާ އެތައް ޒަމާނެއް ވެއްޖެ.

އަޅުގަނޑު މާލޭގައި ދިރިއުޅެން ފެށިތާ ގާތްގަނޑަކަށް ފަންސާހަކަށް އަހަރު މިވަނީ. އޭރުވެސް މާލެއަކުން މި ގޮނޑުދޮށްތަކުގެ ހިތްހަމަޖެހުމެއް ނުލިބޭ. މި އުފާވެރިކަމެއް އިޙްސާސެއް ނުކުރެވޭ. މާލޭގެ ރައްޔިތުން އޭރު ހިތްހަމަޖައްސާލުމަށްޓަކައި ދާން ބޭނުންކުރީ، ކައިރީގައި މި އޮތް ކުޑަބަނޑޮސް. އަޅުގަނޑުމެން މި ގޮނޑުދޮށްތަކާ ގުޅި ލާމެހިފައި، މި ރީތި މޫދާ ގުޅި ލާމެހިފައި މިވަނީ އަޅުގަނޑުމެންގެ ހިތްހަމަޖެހުމަށްޓަކައި. ޢާއިލާއާ އެކުގައި ވަގުތުތައް ހޭދަކުރުމަށް. އަދި ރަޙްމަތްތެރިންނާ އެކުގައި ގުޅުން ބަދަހިކުރުމާއި އަދި މާލޭގެ މި ކާރޫބާރޫ ބޮޑުކަމުން ދުރަށްޖެހިލައި ހިތްހަމަޖައްސާލުމަށް. އެހެން ނަމަވެސް، މި އުފާވެރިކަން ހޯދުމަށްޓަކައި، މި ހަމަޖެހުން ހޯދުމަށްޓަކައި މާލޭގެ ރައްޔިތުން ބޭނުންކުރަމުން އައި ކުޑަބަނޑޮސް މިވަނީ އޭރު އޮތް ސަރުކާރުން މީގެ ދިހަވަރަކަށް އަހަރު ކުރިން މާލޭގައި ދިރިއުޅޭ ރައްޔިތުންގެ އަތުން އަތުލައިގެންފައި. ދިވެހިންނަށް އެ ރަށަށް ނުދެވޭގޮތް ހަދާފައި. މިއީ، ބޮޑު ކަންބޮޑުވުމަކަށް މާލޭގައި ދިރިއުޅޭ މީހުންނަށް އޮތީ މިވޭތުވެދިޔަ ދިހަވަރަކަށް އަހަރު ދުވަހުގެ ތެރޭގައި ވެފައި.

މިއަދު އަޅުގަނޑުމެން މަސައްކަތް ކުރަމުން މިގެންދަނީ، މާލޭގައި ދިރިއުޅޭ މީހުންނަށް، ރައްޔިތުންނަށް މި އުފާވެރިކަން ހޯދައިދިނުމަށް. މި ހަމަޖެހުން ހޯދައިދިނުމަށް. ކުޑަގިރި ހިއްކާ، ދެން މިއީ މިހާރު އެހާ ފަސޭހަ ބަހެއް ނޫން އަޅުގަނޑަކަށްވެސް ބޭނުންކުރާކަށް. އެހެންނަމަވެސް، މި ރަށް ހިއްކައި ތަރައްޤީކޮށް މިހާހިސާބަށް މިގެނައީ މި ބޭނުމުގައި. އަދިވެސް މި ކުޑަގިރީގައި ރައްޔިތުން ބޭނުންވާ ވަރަށްގިނަ ވަސީލަތްތައް އިތުރުކުރަންޖެހޭނެ. އެހެންނަމަވެސް، އަޅުގަނޑުގެ އުންމީދަކީ، މިހާތަނަށް މި ކުރެވިފައި ހުރި މަސައްކަތުން، މި ރަށަށް ދަތުރު އަންނަ ރައްޔިތުންނަށް ކޮންމެވެސްވަރެއްގެ ހިތްހަމަޖެހުމެއް ލިބިގެންދާނެ ކަމަށް.

މި ރަށް މިހިސާބަށް ގެނެވިފައި މިއޮތީ، ވަރަށްގިނަ ބައެއްގެ ބުރަ މަސައްކަތުން. އޭގެތެރޭގައި، ޕްލޭނިންގ މިނިސްޓްރީއާއި، އެޗް.ޑީ.ސީ.އާއި، އެމް.ޓީ.ސީ.ސީ. އާއި، ސްޓެލްކޯއާއި، ފެނަކައާއި، ވެމްކޯއާއި، އެމް.ޑަބްލިޔު.އެސް.ސީ.ގެ އިތުރުން މަސީއާއި، އަދިވެސް ބައެއް އަމިއްލަ ފަރާތްތަކުގެ ވަރަށް ދީލަތި އެހީތެރިކަމާއެކު. އެކަމަށްޓަކައި އެ ހުރިހާ ފަރާތްތަކަށް، އެ ކުރެއްވި ބުރަ މަސައްކަތަށް އަޅުގަނޑު މިއަދު މާލޭގައި ދިރިއުޅޭ ރައްޔިތުންގެ ނަމުގަޔާއި، އަޅުގަނޑުގެ އަމިއްލަ ނަމުގައި ވަރަށް އިޚްލާޞްތެރިކަމާ އެކުގައި ޝުކުރު އަދާކުރަން. އަދި މި މަސައްކަތް ކުރިއަށް ގެންދިޔުމުގައި، ވަރުބަލިކަމެއް ނެތި، ކޮންމެ ދުވަހަކު ވަރަށް ގާތުން މިކަން ބައްލަވަމުން ގެންދެވި އެއް ބޭފުޅަކީ، އަޅުގަނޑުގެ ނައިބެއްގެ ގޮތުގައި، ރައީސުލްޖުމްހޫރިއްޔާގެ ނައިބެއްގެ ގޮތުގައި މަސައްކަތް ކުރައްވަމުން ގެންދަވާ ހީވާގި ފައިޞަލް ނަސީމް. އެ ކަމަށްޓަކައި ވީ.ޕީ. އަށް އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާ އެކުގައި ޝުކުރު އަދާކުރަން. މި ރަށް ހިއްކައި، މިހިސާބަށް ގެނައުމުގައި ކޮންމެ ދުވަހަކު ކަހަލަހެން އަޅުގަނޑަށް އެ އަޕްޑޭޓްތައް، ފައޞަލް ގެންދެވީ ދެއްވަމުން. ގެންނަންޖެހޭ ބަދަލުތައް، ދުވަހުން ދުވަހަށް ގެނެސް، އެންމެފަހު ދުވަހާ ހިސާބަށް ގެނައުމުގައި، އެ މަނިކުފާނު ވަރަށްބުރަ މަސައްކަތްތަކެއް ކުރެއްވި. އެ ކަމަށްޓަކައި އަޅުގަނޑާއި ސަރުކާރުގެ ނަމުގައި ވަރަށް އިޚްލާޞްތެރިކަމާ އެކުގައި އަދިވެސް އެއްފަހަރު ވީ.ޕީ. އަށް ޝުކުރު އަދާކުރަން.

މި މަސައްކަތް މިހިސާބަށް ގެނައުމުގައި، މިއީ ދެން އަޅުގަނޑު މެންޝަން ކުރަން އެހާ ބޭނުންވާ ނަމެއް ނޫން. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މުވައްޒަފުން، ސްޓާފުން ކުރެއްވި ބުރަ މަސައްކަތްވެސް އަޅުގަނޑު މިއަދު ހަމަ ފާހަގަކޮށްލަން. އެ ކަމަށްޓަކައި އެ ހުރިހާ ބޭފުޅުންނަށްވެސް އަޅުގަނޑު ޝުކުރު އަދާކުރަން.

އާދެ، ކުޑަގިރިއަކީ ތިޔަބޭފުޅުންގެ ރަށެއް. މާލޭގައި ދިރިއުޅުއްވާ ރައްޔިތުންގެ ރަށެއް. މި ރަށަށް ކުޑަކުދިންނާއި، ދުވަސްވީ މީހުންނާއި، ނުކުޅެދޭ މީހުންނާއި، ޢާއިލާތައް އަންނާނެ. މަންމައާއި ބައްޕައާއި، ކާފައާއި މާމައާއި، ބޮޑުބޭބެއާ، މިހެންގޮސް މި ރަށަށް، ޢާއިލާއެއްގައި ހިމެނޭ ހުރިހާ އެންމެން، ކޮންމެ ދުވަހަކު ކަހަލަހެން ޗުއްޓީ ހޭދަކޮށްލަން އަންނާނެ.

އަޅުގަނޑުގެ އިލްތިމާސަކީ، މި ރަށަށް ދަތުރު އަންނަ ފަރާތްތަކުން އެކަކު އަނެކަކަށް އިޙްތިރާމްކޮށް، މި ރަށަކީ އެންމެންނަށް ހިތްފަސޭހަކަމާ އެކީގައި، ހަމަޖެހިގެން ޗުއްޓީ ހޭދަކޮށްލެވޭ ރަށެއްގެ ގޮތުގައި ބެލެހެއްޓުން. މި ރަށުގެ ސެކިއުރިޓީއާއި، ޚިދުމަތް ދިނުމަށާއި، ސާފުތާހިރުކަން ބެލެހެއްޓުމަށް ގިނަ ސްޓާފުންތަކެއް، އެޗް.ޑީ.ސީ. އިން ޢައްޔަންކޮށްފައި ތިބި ކަމަށްވިޔަސް، މި ރަށް ސާފުތާހިރުކޮށް، މި ދެންނެވިހެން އަމާންކަމާއެކީގައި ދެމިއޮންނާނީ، މި ރަށަށް ޒިޔާރަތްކުރާ ފަރާތްތަކުންވެސް، އަމިއްލަ ހައިސިއްޔަތުން، ފަރުދެއްގެ ހައިސިއްޔަތުން، މި ދެންނެވި ކަންތައްތަކަށް ސަމާލުކަންދީގެން، އެ މަސައްކަތް ކޮށްގެން.

ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެޗް.ޑީ.ސީ. އަށް އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، މި ރަށަށް މީހުން ޒިޔާރަތް ކުރަން ފެށުމުން، ޕިކްނިކް އަންނަން ފެށުމުން، ލިބޭ ފީޑްބެކްއާ އެކީގައި، ކުރެވޭ ތަޖުރިބާތަކާ އެކީގައި، ގެންނަންޖެހޭ ބަދަލުތައް ގެންނަމުން ދިޔުން. އަޅުގަނޑަށް ހަމަ ޔަޤީން، މި ރަށަށް އައިސް އުޅެން ފެށުމުން، އަދިވެސް މިއަށްވުރެ ރަނގަޅަށް މި ޚިދުމަތްތައް ހޯދަން ބޭނުންވާ ފަރާތްތަކާއި، ގެންނަންޖެހޭ ބަދަލުތައް އެކްސްޕީރިއަންސް ކުރެވިގެންދާނެ. އަޅުގަނޑަށް ޔަޤީން، އެޗް.ޑީ.ސީ.ގެ ހީވާގި މުވައްޒަފުން، އެއިރަކަށް ގެންނަންޖެހޭ ބަދަލުތައް ގެނެސް، މިއީ އަޅުގަނޑު މި ދެންނެވިހެން ހުރިހާ ރައްޔިތުންނަށް އުފާވެރިކަމާ އެކީގައި ޗުއްޓީ ހޭދަކޮށްލެވޭ ތަނެއްގެ ގޮތުގައި ވެގެންދާނެ.

ކުޑަބަނޑޮހަކީ އަޅުގަނޑު ހިތުން މިތާ މި ތިއްބެވި ވަރަށްގިނަ ބޭފުޅުންގެ މާޒީއާއި، އެތައް އިޙްސާސްތަކަކާ ގުޅިފައިވާނެ ތަނެއް. އަޅުގަނޑުވެސް މި ދެންނެވި ފަދައިން، ހަނދާނަށް އަންނަ ވަރަށް ގިނަ އިޙްސާސްތައް ހުރޭ. ކުޑަބަނޑޮހަށް އޭރު ދަތުރުދާން ވެއްޖިއްޔާ، ފުރަތަމަ އަޅުގަނޑުމެން ޖެހޭނީ އެރޭ ހޭލައި ތިބެން. ހޭލައި ތިބެ، އެއް ގެޔަކުން ރޮށި، އަނެއް ގެޔަކުން ރިހަ، އަނެއް ގެޔަކުން މަސްބަތް ނަމަވެސް ހަދައި ތައްޔާރުވެގެން، ހެނދުނު ދޯންޏެއްގައި ފުރައިގެން ކުޑަބަނޑޮހަށް ދާނީ. އެހެންނަމަވެސް، މެންދުރާ ހިސާބަށް އަންނައިރުގައި، އަޅުގަނޑުމެން ތިބޭނީ ހޭޅީގައި އޮންނަ ކޮންމެވެސް މަގޫ ގަހެއްގެ ދޮށަށް ބޯލައިގެން ނިދާފައި. އެއީ، ވަރަށް އުފާވެރި، ހިތްހަމަޖެހޭ ތަޖުރިބާއެއް. ރޭގަނޑު ހޭލައި ތިބެފައި އައިސް، ރަށުގައި މަޖާކޮށްލާފައި، އެ ގަޑީގައި އެހެން އުޅެލާފައި ރަށަށް ދިޔުން އެއީ ލިބޭ ވަރަށްބޮޑު އުފަލަކަށް ވެގެންދޭ. އެއީ، އޭރުގެ ތަޖުރިބާތައް. އަޅުގަނޑު ހިތުން މިތާ ތިއްބަވާނެ، އެ ތަޖުރިބާ، އެ އުފާވެރި މާޙައުލުގައި އުޅެފައި ތިބި ވަރަށްގިނަ ބޭފުޅުން. ކުރިމަތިން މިފެންނަ މޭޒުން، ހަމަގައިމުވެސް، މި ތިން މޭޒުން އަޅުގަނޑަށް އެބަ ފެނޭ، އޭގެ ބޭފުޅުން.

މިއަދު ކުޑަގިރި ހުޅުވައިގެން އަޅުގަނޑުމެން މިދަނީ ޒަމާނީ މުޅިން އެހެން ފެސިލިޓީތަކަކާއެކު. އެހެން ނަމަވެސް، އަޅުގަނޑު މި ދެންނެވި ތަޖުރިބާކޮށްލަން ބޭނުން ފަރާތްތަކަށްވެސް، އެ ޚިދުމަތް އެގޮތަށް ލިބޭގޮތަށް އިންތިޒާމުވެފައި އޮތުމަކީ، އަޅުގަނޑު ހިތުން އަޅުގަނޑުމެން ކަހަލަ ދެން މެދުއުމުރަށް މި އަންނަ މީހުން ތަޖުރިބާކޮށްލަން ބޭނުންވާނެ ކަމެއް. އެހެންވީމާ، ކުޑަގިރީގެ ޚިދުމަތްތައް، ވަސީލަތްތައް ފުރިހަމަވެގެންދާއިރުގައި، މިފަދަ ޒަމާންވެފައި ހުރި މިކަހަލަ ކަންތައްތައް އިޢާދަ ކުރުމަށްޓަކައިވެސް ވިސްނުން ގެންގުޅުމަކީ އަޅުގަނޑުގެ ވަރަށް ބޮޑު އެދުމެއް.
އާދެ، ޤައުމެއް ކުރިއަރާނީ، އެ ޤައުމެއް ނިސްބަތްވާ ރައްޔިތަކީ، ޖިސްމާނީ އަދި ނަފްސާނީ ގޮތުންވެސް ދުޅަހެޔޮ ބަޔަކަށްވެގެން. ކުޑަގިރި ޕިކްނިކް އައިލެންޑްގެ އެންމެބޮޑު ބޭނުމަކީ، ދުޅަހެޔޮ، ބަދަހި މުޖުތަމަޢަކަށް މަގުފަހިކޮށްދިނުން. އިޖުތިމާޢީ ގުޅުމާއި، މުޖުތަމަޢުގެ ހަމަޖެހުން ދެމެހެއްޓުމަކީ، އަޅުގަނޑުމެން އެންމެންގެ މުހިންމު އެއް އަމާޒު.

ކުޑަގިރި ހުޅުވަން އަޅުގަނޑުމެން ތައްޔާރުވަމުން އައިއިރުގައި، ތަފާތު އެތައް މެސެޖްތަކެއް އަޅުގަނޑަށްވެސް ލިބެމުންދިޔަ. އެނގިވަޑައިގަންނަވާނެ، މިހާރަކީ އެ ބަޔަކު ދެކޭގޮތް ހާމަކުރަން ފުރުޞަތު ލިބިފައި އޮތް ޒަމާނެއް. އަޅުގަނޑަށް އައި އެއް ސުވާލަކީ، ކީއްވެގެންހޭ މުޅި މި ރަށް، "ނޯ ސްމޯކިންގ" ރަށަކަށް ނުހެދީ. ތެދުފުޅެއް. އެއީވެސް ހަމަ ވިސްނާލަންޖެހޭ ކަމެއް.
މި ރަށް މިހާރު ހުޅުވިގެންދާއިރުގައި، އަޅުގަނޑު ހިތުން މުޅިން ދެ ސްޕޮޓެއް މިވަނީ ހަމައެކަނި އެއީ ސިނގިރެޓް، ދުންފަތުގެ އިސްތިޢުމާލު ކުރުމަށް އެކަނި ޚާއްޞަ ކުރެވިފައި ހުރި ތަނަކަށް ހަދާފައި. އެހެން ނޫނީވިއްޔާ، މުޅި ރަށަކީ ދުންފަތުގެ އިސްތިޢުލާމު ކުރުން މުޅިން މަނާ ރަށެއް. އެހެންނަމަވެސް، އަޅުގަނޑު މި ދެންނެވި ފަދައިން، މި ރަށް ބޭނުންކުރަން ފެށުމުން ލިބޭ ތަޖުރިބާގެ އަލީގައި، ގެންނަންޖެހޭ ބަދަލެއް ގެންނާނެކަމީ އަޅުގަނޑު ހިތުން އެޗް.ޑީ.ސީ. އިން ކުރާނެ ކަމެއް.

އަދި މި ރަށް އަޅުގަނޑުމެން ޑިވެލޮޕް ކުރަމުން އައިއިރުގައި، މި ރަށާ ޖެހިގެން އަދި ކުޑަރަށެއް ޑިވެލޮޕް ކުރާނެ ވާހަކަ އަޅުގަނޑު ވާނީ އިޢުލާނު ކޮށްފައި. އެއީ އެޑިޔުކޭޝަން ދާއިރާގައި، ތަޢުލީމު އުނގެނެމުންދާ ކުދިން ދަތުރުއައިސް، ކޭމްޕްކޮށް، ސްކައުޓުންނާއި ގާރލްގައިޑުންނަށް، އެ ޚިދުމަތް އެ ފަރާތްތަކަށް ލިބޭގޮތަށް ތައްޔާރުކުރެވޭ ރަށެއް. އެޗް.ޑީ.ސީ.އާ އަޅުގަނޑުމެން ކުޑަގިރި ހަވާލުކުރި ދުވަހު، އެ ބައްދަލުވުމުގައި އަޅުގަނޑު ވާނެ އެކަން ޝަރުޠުކޮށްފައި. އެޗް.ޑީ.ސީ. އިން މިތަން ހުޅުވައިގެން، ޚިދުމަތް ދޭއިރުގައި، އެ ރަށް ޖެހޭނެއޭ މިތަނުގައި އޮންނަން.

އެހެންވީމާ، އަޅުގަނޑުގެ އުންމީދަކީ، އަޅުގަނޑުގެ އިލްތިމާސަކީ، މިކަން އެޗް.ޑީ.ސީ.އިން ލަސްނުކޮށް އެޑިޔުކޭޝަން މިނިސްޓްރީއަށް ސްޓޫޑަންޓުންނަށް، ދަރިވަރުންނަށް އެ ޚިދުމަތް ފޯރުކޮށްދެވޭނެ ގޮތެއް ހޯދައިދިނުން.

އާދެ، އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެން ރައްޔިތުންގެ ހެވާއި ލާބަޔަށް މިކުރާ މަސައްކަތުގައި، ކުރިއެރުމަށް މިކުރާ މަސައްކަތުގައި ﷲ ބަރަކާތް ލައްވައި، ކާމިޔާބު މިންވަރު ކުރެއްވުން. އަޅުގަނޑުގެ ދުޢާއަކީ، ދިވެހިންނަށް މިއަށްވުރެ އުފާވެރި މާދަމާއެއް ﷲ މިންވަރު ކުރެއްވުން.

وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.