بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

اللَّـهُ سُبْحَانَهُ وَتَعَالَىٰ އަށް ޙަމްދާއި ޝުކުރު ކުރަން. މި އުންމަތުގެ މާތް ނަބިއްޔާ مُحَمَّدُ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ އަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން. މި ޞަލަވާތާއި ސަލާމުގައި އެކަލޭގެފާނުގެ އާލު އަޞްޙާބުން ޝާމިލުކުރަން.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް، ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އަލްއުސްތާޛު އަޙްމަދު މުޢްތަޞިމް ޢަދުނާން، ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ރައީސް އަލްއުސްތާޛާ ޙިސާން ޙުސައިން، ދައުލަތުގެ ވަޒީރުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުން، ކޯޓުތަކުގެ ފަނޑިޔާރުންނާއި ޤާޟީން އަދި މެޖިސްޓްރޭޓުން، ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުން، ހާޒިރުވެވަޑައިގެން ތިއްބެވި އެންމެހައި ބޭފުޅުން؛

السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.

ދިވެހިރާއްޖޭގެ ފަނޑިޔާރުގޭގެ މަސައްކަތްތައް އައު އަހަރަކަށް ފެށުމުގެ މި އުފާވެރި މުނާސަބަތުގައި، ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އަލްއުސްތާޛު އަޙްމަދު މުޢްތަޞިމް ޢަދުނާނަށާއި، ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް މަރުޙަބާއާއި ތަހުނިޔާ ދަންނަވަން. އަދި ރާއްޖޭގެ ހުރިހާ ކޯޓުތަކުގެ ފަނޑިޔާރުންނަށާއި މެޖިސްޓްރޭޓުންނަށް، އަދި ރާއްޖޭގައި މަސައްކަތް ކުރައްވާ އެންމެހައި ޤާނޫނީ ވަކީލުންނަށާއި، ޢަދުލު އިންޞާފު ޤާއިމުކުރުމުގެ ދާއިރާގައި މަސައްކަތް ކުރައްވާ ހުރިހާ ބޭފުޅުންނަށް ވެސް ހެޔޮއެދުންތައް ފޮނުވަން.

އަދި މިރޭ ތަކްރީމް ކުރެވުނު ފަނޑިޔާރުން، ރާއްޖޭގެ ޝަރުޢީ ދާއިރާއަށް ކޮށްދެއްވި އަގުހުރި ޚިދުމަތްތަކުގެ އަގުވަޒަންކޮށް، ވަރަށް އިޚްލާޞްތެރިކަމާއެކު އެ ބޭފުޅުންނަށް ޝުކުރު ދަންނަވަން. އަދި ދިގު މުއްދަތަކަށް ޚިދުމަތް ކުރައްވައިގެން، މިރޭ އަގުވަޒަން ކުރެވުނު ހުރިހާ ބޭފުޅުންނަށްވެސް އަޅުގަނޑު ޝުކުރު ދަންނަވަން. އަދި މި ދާއިރާގައި އެބޭފުޅުން ހޯއްދެވި ޢަމަލީ އަދި ޢިލްމީ ތަޖުރިބާތައް، ކޮންމެވެސް ގޮތަކުން މި ދާއިރާއާ ޙިއްޞާ ކުރައްވަމުން ގެންދަވާނެ ކަމަށް އަޅުގަނޑު އުންމީދުކުރަން.

ފަނޑިޔާރުގޭގެ ޒިންމާއަކީ އެންމެހައި ފަރުދުންގެ މެދުގައި ޢަދުލު އިންޞާފު ޤާއިމުކޮށްދިނުން. އަނިޔާއިން އެއްކިބާވެ ޢަދުލަށް ނިޔާ ކަނޑައަޅައި، ރައްޔިތުންގެ ޙައްޤުތައް ހޯދައިދިނުން. އެ ޒިންމާ އަދާކުރެވޭނީ ޤާނޫނުގެ ވެރިކަން ދެމެހެއްޓުމަކީ، ފަނޑިޔާރުންގެ އެންމެ އިސް އަމާޒު ކަމުގައި ހަދައިގެން. އެ އަމާޒު ޙާޞިލުކުރެވޭނީ، ފަނޑިޔާރުންގެ ޙުކުމްތައް ބިނާކުރާ މަޞްދަރަކީ، އިސްލާމީ ޝަރީޢަތާއި، ދިވެހިރާއްޖޭގެ ޤާނޫނުއަސާސީއާއި ޤާނޫނުތައް ކަމަށް ހަދައިގެން.

އެ މިނިވަންކަމާއި ބާރު، ރާއްޖޭގެ ޤާނޫނުއަސާސީން އޮތީ ފަނޑިޔާރުގެއަށް ދީފައި. ޝަރުޢީ ދާއިރާ މިއަދު މަސައްކަތް ކުރަމުން އަންނަނީ ފުރިހަމަ މިނިވަންކަމާ އެކު، މުސްތަޤިއްލު ބާރެއްގެ ގޮތުގައި. ފަނޑިޔާރުގެއިން ކަން ކުރަންވީ ގޮތާއި ނުކުރަންވީ ގޮތް ބުނެދޭންޖެހޭ އެހެން ބަޔަކު ނުތިބޭނެ.

ދިވެހިރާއްޖޭގެ ފަނޑިޔާރުގެއާ މެދު ރައްޔިތުންގެ ހިތްތަކުގައި ކުރިން އޮތް ނުރަނގަޅު ތަޞައްވުރު، މަޑުމަޑުން ރަނގަޅުވަމުން އަންނަކަމަށް މިހާރު އަޅުގަނޑަށް ދެންނެވިދާނެ. ފަނޑިޔާރުގޭގެ ނިންމުންތަކާ މެދު ރައްޔިތުންގެ ހިތްތަކުގައި އަންނަނީ އިތުބާރު އުފެދެމުން. އެ އިތުބާރު އުފެއްދުމަކީ، ސަރުކާރުގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭންގެ ވަރަށް މުހިންމު އަމާޒެއް.

ފަނޑިޔާރުގެއާ މެދު ރައްޔިތުންގެ ހިތްތަކުގައި އިތުބާރު އުފެދެނީ، ޢަދުލަށް ޙުކުމް ކުރުމުން. އަދި އެ ޙުކުމަކީ، ކަމުގެ މުއާލާތް ނުކެނޑެނީސް، ނުވަތަ ވަގުތު ފާއިތުވުމުގެ ކުރިން އިއްވާ ޙުކުމަކަށްވެސް ވާންޖެހޭނެ. މިއަދުވެސް ބައެއް ރައްޔިތުންގެ އެންމެ ބޮޑު ޝަކުވާއަކީ ކޯޓުތަކުން މައްސަލަތައް ލަސްވުން.

އެ ޝަކުވާއަށް ހޯދައިދެވުނު އެއް ޙައްލަކީ، އޮންލައިންކޮށް ޝަރީޢަތްތައް ހިންގޭނެ ނިޒާމުތައް، ރާއްޖޭގެ ހުރިހާ ކޯޓުތަކެއްގައިވެސް ޤާއިމްކޮށް ނިންމުން. މި ބަދަލުގެ ސަބަބުން، ދަތުރު ހަދައިގެން ކޯޓަށް ހާޒިރުވުމަށް ރައްޔިތުން އުފުލަމުން އައި ތަކުލީފުތަކާއި، ކުރަންޖެހޭ އެތައް ޚަރަދަކުން ސަލާމަތްވެސް ވެއްޖެ. މިހާރު ކުރިއަށްދާ އަނެއް މުހިންމު ކަމަކީ، ޝަރުޢީ ދާއިރާގެ މަސައްކަތްތައް ޑިޖިޓަލައިޒް ކުރުމަށް 2020 ވަނަ އަހަރު ފެށި މަސައްކަތް. މިދިޔަ ދެ އަހަރުގެ ތެރޭގައި، އެ މަސައްކަތަށް ޖުމްލަ 22.6 މިލިއަން ރުފިޔާ ޚަރަދު ކުރެވިއްޖެ.

އަޅުގަނޑުމެން ވެރިކަމާ ޙަވާލުވި އަހަރު ޝަރުޢީ ދާއިރާއަށް އޮތީ 440 މިލިއަން ރުފިޔާ ބަޖެޓް ކޮށްފައި. މި އަހަރު އަޅުގަނޑުމެން ވާނީ ޝަރުޢީ ދާއިރާއަށް 605 މިލިއަން ރުފިޔާގެ ބަޖެޓެއް ހަމަޖައްސައިދީފައި. މިއީ 2018 ވަނަ އަހަރާ އަޅައި ބަލާއިރު، 35 އިންސައްތައިގެ އިތުރުވުމެއް.

މީގެ އިތުރުން، ޤާނޫނީ އޮނިގަނޑުގެ ތެރެއިން ކުރަންޖެހޭ ކަންކަން ވެސް އަޅުގަނޑުމެން މި އަންނަނީ ކުރަމުން. ކޯޓުތަކުގެ ޤާނޫނަށް މިހާރު ހުށަހަޅާފައިވާ އެއް އިޞްލާޙަކީ، ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ޑިސްޓްރިކްޓް ކޯޓުތަކެއް އުފެއްދުން. އެއީ މާލޭގައި ހުރި ސުޕީރިއަރ ކޯޓުތަކުގެ އިޚްތިޞާޞްގައި ހިމެނޭ މައްސަލަތައް ބެލުމަށް އުފައްދާ ކޯޓުތަކެއް. އެ ކޯޓުތައް އުފެދުމުން، ރަށްރަށުގައި ދިރިއުޅޭ މީހުން ޢަދުލު އިންޞާފަށް ވާޞިލްވުމަށް މިހާރު އުފުލަންޖެހޭ ބުރަ، ވަރަށް ބޮޑަށް ކުޑަވެގެންދާނެ.

ދެން އަޅުގަނޑުމެން ގެންނަން ހުށަހަޅާފައިވާ އަނެއް ބަދަލަކީ، ރާއްޖޭގެ ޝަރުޢީ ދާއިރާއަށް މުޅިން އަލަށް ސަރކިޓް ކޯޓުގެ ނިޒާމު ތަޢާރަފްކުރުން. އެ ނިޒާމުގެ ސަބަބުން، މެޖިސްޓްރޭޓް ކޯޓުތަކަށް ހުށަހަޅާ މައްސަލަތައް، އަވަހަށް ނިންމުމަށް މަގު ފަހިވެގެންދާނެ. އޭގެ އިތުރުން، އިންޓަރގްރޭޓެޑް ކޭސް މެނޭޖްމަންޓް ސިސްޓަމެއް އެކުލަވައިލުމުގެ މަސައްކަތްވެސް މިހާރު އެބަ ކުރިއަށްދޭ. އިރާދަކުރެއްވިއްޔާ މި އަހަރުގެ ފަހުކޮޅު ކޯޓުތަކުގައި މި ސިސްޓަމް ބޭނުންކުރަން ފެށޭނެ.

ރާއްޖޭގެ ޢަދުލު އިންޞާފުގެ ދާއިރާއަށް މިދިޔަ އަހަރު މުހިންމު ބަދަލުތަކެއް އަތުވެއްޖެ. އުއްތަމަ ފަނޑިޔާރުވެސް އެކަން މިރޭ ފާހަގަކުރައްވައިފި. އޭގެ މަންފާވެސް ރައްޔިތުންނަށް އަންނަނީ ލިބެމުން. އެއް ކަމަކީ، މަދަނީ އިޖުރާއާތުގެ ޤާނޫނަށް މިދިޔަ އަހަރު ޢަމަލުކުރަން ފެށުން. 47 އަހަރަށްވުރެ ދިގު މުއްދަތަކަށް ފަހު، ހެއްކާބެހޭ މުޅިން އައު ޤާނޫނެއް އެކުލަވާލައި މިދިޔަ އަހަރު ތަޞްދީޤުކޮށް، މިދިޔަ މަހުން ފެށިގެން އަންނަނީ ޢަމަލުކުރަމުން.

ޝަރުޢީ ދާއިރާ އަށް ބޭނުންވަނީ މި ބަދަލުތައް އެކަންޏެއް ނޫން. ކޯޓުތަކުގެ ޢުމްރާނީ ތަރައްޤީއަކީ ވެސް، ޢަދަލު އިންޞާފު ޤާއިމުކުރުމަށްޓަކައި ވަރަށް މުހިންމު ކަމެއް. މި ސަރުކާރު ފެށުނުއިރު ވެސް، ކޯޓުތަކުގެ ޖާގައިގެ ދަތިކަން ވަރަށް ބޮޑު. ކޯވިޑުގެ ދަތިކަމުގެ ތެރޭގައިވެސް، އައު ކޯޓުތައް ޢިމާރާތް ކުރުމާއި، ކޯޓުތަކުގެ ޖާގަ އިތުރުކުރުމުގެ މަޝްރޫޢުތައް ވަނީ ފެށިފައި.

އެކި އަތޮޅުތަކުގެ ބައެއް ރަށްރަށުގައި ކޯޓު ޢިމާރާތް ކުރުމުގެ މަސައްކަތް، މި އަހަރުގެ ބަޖެޓުގައި އަލަށް ހިމަނާފައިވާނެ. ހައިކޯޓާއި، މާލޭގައި ހުރި ސުޕީރިއަރ ކޯޓުތަކަށް ދިމާވެފައިވާ ޖާގައިގެ މައްސަލަ ޙައްލުކުރުމަށް، ހުޅުމާލޭގައި ހަދާ ކޯޓު ކޮމްޕްލެކްސްގެ ޑީޓެއިލް ޑިޒައިންގެ މަސައްކަތް ނިންމައި، ޢިމާރާތް ކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ބަޔަކާ ޙަވާލުކުރެވޭނެ. އައްޑޫގައި ހަދާ ކޯޓު ކޮމްޕްލެކްސްގެ މަސައްކަތްވެސް މިހާރު އޮތީ ބީލަން މަރުޙަލާ ނިމި، ބަޔަކާ ޙަވާލުކުރުމުގެ މަރުޙަލާގައި.

ކްރިމިނަލް ކޯޓަށް ކުރިމަތިވެފައިވާ އިމާރާތުގެ މައްސަލައަށް ވެސް އަޅުގަނޑުމެން އެބަ ޙައްލެއް ހޯދަން. އެ މަސައްކަތް މިހާރު ވާނީ އެޗް.ޑީ.ސީ.އާ ޙަވާލުކޮށްފައި. އިރާދަކުރެއްވިއްޔާ މާލަސްތަކެއްނުވެ އެކަމަށް ވެސް ޙައްލެއް ލިބިގެން ދާނެ.

ޝަރުޢީ ދާއިރާ ތަރައްޤީކޮށް ކުރިއެރުވުމަކީ، ސަރުކާރުގެ އިޖުތިމާޢީ ޢަދާލަތުގެ އެންމެ މުހިންމު އެއް ވަޢުދު. އެ ވަޢުދު ފުއްދުމުގެ މަގު ފަހިކުރުމަށް، މިދިޔަ 4 އަހަރުގެ ތެރޭގައި، 9 ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅިން. އޭގެ ތެރެއިން 6 ބިލެއް ވަނީ ޤާނޫނަށްވެ، ޢަމަލުކުރަން ފަށާފައި. އަނެއް 3 ބިލު އަދި އޮތީ ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީ މަރުޙަލާގައި. އިރާދަކުރެއްވިއްޔާ މި ބޭފުޅުން އެ މަސައްކަތް ވަރަށް އަވަހަށް ކުރައްވާނެ.

ޝަރުޢީ ދާއިރާގެ އިތުބާރު އެ މައްޗަށް ބިނާވާ މައިގަނޑު އަސާސަކީ ފަނޑިޔާރުންގެ ނަޒާހަތްތެރިކަން. އެކަމަށްޓަކައި ފަނޑިޔާރުންގެ ޒަރޫރީ ބޭނުންތައް ހަމަޖެހިފައި ހުރުން ކޮންމެހެން މުހިންމު. މާލީ ޢިނާޔަތްތަކާއި ބޯހިޔާވަހިކަމުގެ މައްސަލައަކީ ކޮންމެހެން ޙައްލުކޮށްދޭންޖެހޭ ކަންކަން. ފަނޑިޔާރުންގެ ޤާނޫނަށް ސަރުކާރުން ހުށަހަޅާފައިވާ އިޞްލާޙްތަކަކީ މިކަމަށް ލިބޭނެ ޙައްލެއް.

އެ ބިލު ޤާނޫނަކަށްވުމުން، ރާއްޖޭގައި ހިންގާ ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކުން ފަނޑިޔާރުންނަށް ވަކި ޢަދަދަކަށް ފްލެޓް ކަނޑައެޅިގެންދާނެ. އެފަދަ މަޝްރޫޢުތައް ނެތް ރަށްރަށުގައި ތިއްބަވާ ފަނޑިޔާރުންގެ ލިވިންގ އެލަވަންސްގެ މިންވަރުވެސް، ފަނޑިޔާރުންގެ އަސާސީ މުސާރައިގެ 35 އިންސައްތައަށްވުރެ ކުޑަނުވާނެ ގޮތަކަށް ހަމަޖެހިގެންދާނެ.

މެޖިސްޓްރޭޓުންގެ މުސާރަ މިދިޔަ އަހަރު އަޅުގަނޑުމެން ވާނީ ބޮޑުކޮށްފައި. މި އަހަރުގެ ރިޔާސީ ބަޔާނުގައިވެސް އަޅުގަނޑު ދެންނެވި ފަދައިން، ސަރުކާރުން މިހާރު ފަށާފައިވާ ޕޭ ހާމަނައިޒޭޝަންގެ މަސައްކަތް ނިމިގެންދާއިރު، ޝަރުޢީ ދާއިރާގެ މުސާރަތަކަށް ހެޔޮ ބަދަލުތަކެއް އަންނާނެ.

މިހާރު ޢަމަލުކުރަމުން އަންނަ ފެހި ޤާނޫނުއަސާސީއާއެކު، ޖުޑީޝަލް ސަރވިސް ކޮމިޝަން އުފައްދައި، އެ ކޮމިޝަން ހިންގަމުން އަންނަނީ ޤާނޫނުއަސާސީން ޖޭ.އެސް.ސީ އެކުލަވައިލާފައިވާ ގޮތަށް. އޭގެ ފަހުން މިވީ 14 އަހަރުގެ ތެރޭގައި ކުރެވުނު ތަޖުރިބާއަށް ބަލާއިރު، އެ ކޮމިޝަން އެކުލެވިގެންވާ ގޮތަށް ބަދަލުތަކެއް ގެންނަންޖެހޭ ކަމަށް އަޅުގަނޑުމެންނަށް ޤަބޫލުކުރެވުނު. އެކަން ކުރެވެން އޮތީ ޤާނޫނުއަސާސީއާއި ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ޤާނޫނު އިޞްލާޙްކޮށްގެން. އެކަމަށް ބޭނުންވާ ބިލްތައް އެކުލަވާލައި ނިމި، މިހާރު އޮތީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ތައްޔާރުވެފައި. އިރާދަކުރެއްވިއްޔާ ލަސްތަކެއްނުވެ، އެ ބިލުތައް އަޅުގަނޑު މަޖިލީހަށް ފޮނުވައިދޭނަން.

މިދެންނެވި ބިލުތައް މަޖިލީހަށް ހުށަހެޅުމުން، ޝަރުޢީ ދާއިރާ އިތުރަށް ހަރުދަނާކުރުމަށްޓަކައި ޤާނޫނީ އޮނިގަނޑަށް ގެންނަންޖެހޭ މައިގަނޑު ބަދަލުތަކުގެ މަސައްކަތް ނިމިގެންދާނެ. އެހެން ނަމަވެސް، ޝަރުޢީ ދާއިރާ ތަރައްޤީ ކުރުމުގެ މަސައްކަތް އެހިސާބުން ނިމުނީކީ ނޫން. ރައްޔިތުންގެ ޙައްޤުތައް ހޯދައިދީ ޢަދުލު އިންޞާފު ޤާއިމުކުރުމަށްޓަކައި ޝަރުޢީ ދާއިރާ ތަރައްޤީކޮށް ހަރުދަނާ ކުރުމުގެ މަސައްކަތް ހުއްޓުމެއްނެތި ކުރިއަށްދާންޖެހޭނެ.

ޢަދުލު އިންޞާފު ޤާއިމުކުރުމަކީ ހަމައެކަނި ކޯޓު މަރުޙަލާތަކުން ޙާޞިލުވާ ކަމެއްވެސް ނޫން. ޢަދުލު އިންޞާފުގެ ދާއިރާ އެއަށްވުރެ މާ ފުޅާ. އެއީ މުޅި ދައުލަތުގެ ޒިންމާއެއް. އެއީ ދައުލަތުގެ ތިން ބާރުން ކުރެވޭ މަސައްކަތުން ޤާއިމުކުރެވޭ އެއްޗެއް.

ތަޙުޤީޤީ މަރުޙަލާއިން ފެށިގެން، ދަޢުވާ ކުރުމާއި ނިޔާ ކަނޑައެޅުމާ ދެމެދު ކަޑައްތުކުރާ ހުރިހާ މަރުޙަލާތަކަކީވެސް ޢަދުލު އިންޞާފު ޤާއިމުކުރުމުގެ ވަރަށް މުހިންމު މަރުޙަލާތަކެއް. ރައްޔިތުންގެ ހިތްތަކުގައި އިތުބާރާއި ޔަޤީންކަން އުފެއްދުމަށްޓަކައި، ތަޙުޤީޤީ މަރުޙަލާތަކުގައި ހިމެނޭ މުއައްސަސާތަކުގެ މެދުގައި މިހާރަށްވުރެ ބަދަހި ގުޅުމެއް އުފެއްދުމަށް އަޅުގަނޑު އިލްތިމާސް ކުރަން.

އަދި މިކަމުގައި ޤާނޫނީ ވަކީލުންގެ ދައުރު ވެސް ހަމަ އެހާ މުހިންމު. ރައްޔިތުންގެ ޙައްޤުތައް ހޯދައިދިނުމަށް ފަނޑިޔާރުގެއިން ކުރާ މަސައްކަތުގެ ވަރަށް ބޮޑު ޙިއްޞާއަކީ، ތަޙުޤީޤުގެ މަރުޙަލާއާއި ޝަރީޢަތުގެ މަރުޙަލާގައި ޤާނޫނީ ވަކީލުން އަދާކުރާ މުހިންމު ދައުރު. އެހެންކަމުން، ޤާނޫނީ ވަކީލުންގެވެސް އެންމެ މަތީ ޒިންމާއަކަށް ވާންޖެހޭނީ، ޢަދުލު އިންޞާފު ޤާއިމުކުރުމަށް މަސައްކަތް ކުރުން.

ޢަދުލު އިންޞާފު ލިބުމަކީ، ދައުލަތުގެ ދުސްތޫރުން ޙިމާޔަތާއި ރައްކާތެރިކަން ލިބިގެން، އެ ޤައުމެއްގެ ދިދައިގެ ހިޔަލުގައި ވެގެންއުޅޭ ހަމަ ކޮންމެ މީހަކަށްމެ، އެ މީހެއްގެ ޙައްޤުތައް ފުރިހަމައަށް ލިބިދިނުން. ޢަދުލު އިންޞާފު ލިބުމަކީ، ބޯހިޔާވަހިކަމުން ވެސް، ޞިއްޙަތު ސަލާމަތް ކުރުމުގައިވެސް، އަދި ތަޢުލީމު ހޯދުމުގައިވެސް އެ މީހަކަށް ޙައްޤު މިންވަރު ލިބުން. މާތް ﷲގެ ވާގިފުޅާއެކު، މިދިޔަ ހަތަރު އަހަރުގެ ތެރޭގައި އަޅުގަނޑުމެން ކުރަމުން މިއައީ އެ މަސައްކަތް.

އަޅުގަނޑުގެ އުންމީދަކީ، ޝަރުޢީ ދާއިރާ އިޞްލާޙްކޮށް ހަރުދަނާ ކުރުމަށް، ސަރުކާރާއި ޝަރުޢީ ދާއިރާއިން ކުރަމުން މި އަންނަ މަސައްކަތުގެ ސަބަބުން، ރައްޔިތުންގެ ހިތްތަކުގައި ރާއްޖޭގެ ފަނޑިޔާރުގެއާ މެދު އިތުބާރާއި ޔަޤީންކަން އުފެދިގެން ދިއުން. އަދި ޢަދުލު އިންޞާފާ ގުޅޭ އެންމެހައި މައްސަލަތައް، ހުރިހާ މަރުޙަލާތަކަކުން ވީހާވެސް އަވަހަކަށް ނިމި، ރައްޔިތުންގެ މެދުގައި ޢަދުލު އިންޞާފު ޤާއިމުވެގެން ދިއުން.

އަޅުގަނޑުގެ ދުޢާއަކީ، ރައްޔިތުންގެ ޙައްޤުތައް ހޯދައިދީ، ރައްޔިތުންގެ މެދުގައި ހަމަހަމަކަމާއި ޢަދުލުވެރިކަން ޤާއިމުކުރުމަށް އަޅުގަނޑުމެން މިކުރާ މަސައްކަތުގައި اللهُ سُبْحَانَهُ وَتَعَالَى ބަރަކާތް ލައްވައި، ދިވެހިންގެ މެދުގައި އުފާފާގަތިކަމާއި ތަނަވަސްކަން މިންވަރު ކުރެއްވުން. އަޅުގަނޑުމެން ކޮންމެ މީހަކީ ވެސް އަދި ކޮންމެ ފަނޑިޔާރަކީ ވެސް އަނެކުންގެ ޙައްޤުތަކަށް ޙުރުމަތްތެރިކޮށް ހިތައި، ޢަދުލުވެރިކަމަށް އިސްކަންދޭ މީހެއް ކަމުގައި ލައްވާށި. އާމީން.

وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.