މިއަދު ފަށައިގެން، ހިންގަމުން، ނިންމަމުން މިދާ މަޝްރޫޢުތަކަކީ، ރާއްޖޭގެ އިޤްތިޞާދު ދެގުނަ ވެގެންދާނެ ބޮޑު ބަދަލެއް: ރައީސުލްޖުމްހޫރިއްޔާ
- ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ ޢަދަދު 2028 ވަނަ އަހަރާ ހަމައަށްދާއިރު، މަދުވެގެން އަހަރަކަށް 3.5 މިލިޔަނަށް އިތުރުވާނެ.
- ރާއްޖޭގެ އުފެއްދުންތެރިކަން 2028 ވަނަ އަހަރު 177 ބިލިޔަން ރުފިޔާއަށް ގެންދެވޭނެ.
- ދައުލަތަށްލިބޭ އާމްދަނީ، 2028 ވަނަ އަހަރު 45 ބިލިޔަން ރުފިޔާއަށް އަރާނެ.
ރައްޔިތުންގެ މަޖިލީހުގެ 2023 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ރިޔާސީ ބަޔާން މިއަދު އިއްވަވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ބަޔާނުގައި ވަނީ، މި ސަރުކާރުން މިހާރު ހިންގަމުން އަންނަ މަޝްރޫޢުތަކާއި އެކު 2028 ވަނަ އަހަރުގެ ނިޔަލަށް ރާއްޖޭގެ އިޤްތިޞާދަށާއި، ދައުލަތުގެ އާމްދަނީއަށް އަންނާނޭ ބަދަލުތައް ހާމަކުރައްވާފައެވެ.
ރިޔާސީ ބަޔާނުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ފާއިތުވެދިޔަ ތިން އަހަރަކީ ރާއްޖޭގެ މުޅި ތާރީޚުގައި ކުރިމަތިވި އެންމެބޮޑު އިޤްތިސާދީ ގޮންޖެހުންތައް ތަޙައްމަލް ކުރަންޖެހުނު ތިން އަހަރުކަމަށެވެ. އަދި، ކޯވިޑް-19 ގެ ޢާލަމީ ބަލިމަޑުކަމާއެކު ދިވެހި ރާއްޖޭގެ އިޤްތިޞާދު ހުއްޓިގެން ދިޔަ ނަމަވެސް ސަރުކާން އެޅުއްވި ދުރުވިސްނޭ ހަރުދަނާ ފިޔަވަޅުތަކާއި އަދި، ކުރަން ހުރި ކަންކަމުގެ މައްޗަށް ހިސާބު އަކުރުން ނަތީޖާ ނެރެދޭ ހަޤީޤަތްތަކެއް ފެންނަ ކަމަށާއި، ފެންނަނީ ދިވެހިރާއްޖޭގެ ޙާލަތު ރަނގަޅު އިޤްތިޞާދެއްގެ މައްޗަށް ބިނާވާ މަންޒަރު ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރިޔާސީ ބަޔާނުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ ޢަދަދު 2028 ވަނަ އަހަރާއި ހަމައަށްދާއިރު، މަދުވެގެން އަހަރަކަށް 3.5 މިލިއަނަށް އިތުރުވާނެ ކަމަށާއި، އެގޮތަށް އެކަން އެވަނީ، މިއަދު ފަށައިގެން، ހިންގަމުން، ނިންމަމުން މިދާ މަޝްރޫޢުތަކުގެ ސަބަބު ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި، އެއީ 2028 ވަނަ އަހަރު ނިމޭއިރު، ރާއްޖޭގެ އިޤްތިޞާދު ދެގުނަ ވެގެންދާނެ ބޮޑު ބަދަލެއް ކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ބަޔާނުގައި، އިތުރަށް ވިދާޅުވީ، 2018 ވަނަ އަހަރު ރާއްޖޭގެ ޖުމްލަ އުފެއްދުންތެރިކަމަކީ 81 ބިލިޔަން ރުފިޔާ ނަމަވެސް އޭގެ 10 އަހަރު ފަހުން، ރާއްޖޭގެ އިޤްތިޞާދު ދެގުނަކޮށް، 2028 ވަނަ އަހަރު ރާއްޖޭގެ އުފެއްދުންތެރިކަން 177 ބިލިޔަން ރުފިޔާއަށް ގެންދެވޭނެ ކަމުގައެވެ. އަދި، އިޤްތިސާދަށް މިއަންނަ ކުރިއެރުންތަކާއެކު ދައުލަތަށް ލިބޭ އާމްދަނީވެސް 2018 ވަނަ އަހަރާ އަޅާބަލާއިރު ދެގުނަ ކުރެވި، 2028 ވަނަ އަހަރު 45 ބިލިޔަން ރުފިޔާ ދައުލަތަށް ލިބޭނެކަން ވެސް ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ސަރުކާރުން މިހާރު ތަންފީޒު ކުރަމުން މިދާ މާލީ، އިޤްތިޞާދީ އަދި އިޖްތިމާޢީ ހުރިހާ ސިޔާސަތެއް ގޮސް ނިމެނީ އެ ނަތީޖާ ޙާޞިލްކުރުމަށް ކަމަށެވެ. އަދި، އިޤްތިޞާދަށް ގެނެވޭ މި ކުރިއެރުމާއި އެކުގައި ލިބޭ ނަތީޖާއަކީ، ރައްޔިތުންގެ ޖީބަށް ވަންނަ އާމްދަނީ އިތުރުވެ، ވަޒީފާތައް ގިނަވެ، އިތުރު ވިޔަފާރިތަކާއި، އާ ސިނާޢަތްތައް އުފެދި، މުޖުތަމަޢުގެ ހަމަޖެހުމާއި އަމާންކަން ހެދި ފޯދި، ތަފާތުތައް ނެތިގެން ދިޔުން ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ބަޔާނުގައި ވަނީ ވިދާޅުވެފައެވެ.