بســم اللّـه الرّحمـن الرّحيــم

اَلحَمْـدُ لِلّـهِ رَبِّ العَـالَمِـين، وَالصّـلاة وَالسّلام عَلٰـى خاتم الأنبياء والمرسلين، سَيّدنا محـمَّدٍ وعلى آلـه وصحبـه أجمعـين.

ޖިހާދު ކުރުމަކީ، ތަރައްޤީއާއި ތަހުޛީބުގެ ވަސީލަތެއް ކަމުގައި ލެއްވި اللّـه تبــارك وتعـالى އަށް ޙަމްދާއި ޝުކުރު ކުރަން. ޖިހާދު ކުރުމުގެ އެންމެ މަތިވެރި ނަމޫނާ އަޅުގަނޑުމެންނަށް ދެއްކެވި މި އުންމަތުގެ ނަބިއްޔާ مُحَمَّدُ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ، އެ މާތް ނަބިއްޔާއަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން.

އާދެ، މިއަދަކީ އަޅުގަނޑުމެންގެ ތެރެއިން ވަރަށްގިނަ ބަޔަކު އުންމީދު ކުރަމުން އައި ކަމެއް ފުރިހަމަވީ ދުވަސް. އުތީމުގައި އުފެދުނު ދިވެހި ތާރީޚުގައި އެފަދަ ދެވަނަ ބަޠަލެއް ނެތް، އައްސުލްޠާނުލް ޣާޒީ މުޙައްމަދު ތަކުރުފާނުލް އަޢުޡަމްގެ ހަނދާނުގައި، އެ ރަސްގެފާނުގެ ހަނދާން އާކުރުމުގެ ގޮތުން ބިނާކުރެވުނު މިމަރްކަޒު ހުޅުވުނު ދުވަސް. އާދެ، އެކަން މިއަދު މި ފުރިހަމަވީ. އެކަމުގެ ހުރިހާވެސް ޝުކުރެއް ރައްދުކުރަން އޮތީ އަޅުގަނޑުމެންނަށް ހުރިހާވެސް ނިޢުމަތެއް ދެއްވި އަދި ދެއްވާ ފަރާތަށް، اللهُ سُبْحَانَهُ وَتَعَالَى ގެ ޙަޟްރަތަށް. އާދެ، އެކަލާނގެ ޙަޟްރަތުން ވާގި ލިބިގެން، އެކަލާނގެ މިންވަރު ކުރެއްވި ގޮތެއްގެ މަތިން މަސައްކަތް ކުރެވެމުން އައިސް، މިއަދު އަޅުގަނޑުމެންގެ މި ހުވަފެން ޙަޤީޤަތަކަށް މިއޮތީ ވެފައި.

ބޮޑުތަކުރުފާނުގެ ހަނދާނީ މަރްކަޒު މިއަދު މިހުޅުވުނީ. އަޅުގަނޑުގެ ސުވާލަކީ، އެހިސާބުން އަޅުގަނޑުމެންގެ ވާޖިބު އަދާކޮށް އެނިމުނީތޯއޭ؟ އާދެ، އަޅުގަނޑުގެ ކުރިން ވާހަކަފުޅު ދެއްކެވި ބޭފުޅުންގެ ވާހަކަފުޅުތަކުން، ބޮޑުތަކުރުފާނުގެ ހަނދާނީ މަރްކަޒު ހުޅުވުނަސް، އެހިސާބުން އަޅުގަނޑުމެންގެ ވާޖިބުތައް އަދާކޮށް ނިމުނީ ކަމަށް ބެލޭކަށް ނެތް. އާދެ، އަޅުގަނޑަށް ހީވަނީ އެބޭފުޅުން އެވިދާޅުވީ ވަރަށްބޮޑު ތެދެއްހެން. މިކަހަލަ ތަންތަން ބިނާކުރުމުގެ ބޭނުމަކީ ކޮބައިތޯ؟ އޭގެ ބޭނުމަކީ ރީތި ޢިމާރާތްތަކެއް ހެދުންތޯ؟ ބޮޑެތި ޚަރަދުތަކެއް ކޮށްގެން، އަޅުގަނޑުމެން ފަޚްރުވެރިވާފަދަ ނުވަތަ އަޅުގަނޑުމެން ފަޚްރުވެރިވުން ޙައްޤުވާފަދަ ތަންތަން އާރާސްތުކޮށްފައި ބެހެއްޓުންތޯ؟ އާދެ، ޢިމާރާތަކީ ކޮން އެއްޗެއްތޯ؟ އޭގެ ޒާތަށް ބަލައިފިއްޔާ، ކޮންމެ ޢިމާރާތަކީވެސް އަދި އެ ޢިމާރާތަކީ ކިތަންމެ އުސް ޢިމާރާތެއް ކަމުގައިވިޔަސް، ކިތަންމެ ރީތިކޮށް ހެދިފައިވާ ޢިމާރާތެއް ކަމުގައިވިޔަސް، އެ ޢިމާރާތް ކުރުމުގައި ކިތަންމެ އަގުބޮޑު ތަކެތި ހޭދަކުރެވިފައިވީ ކަމުގައިވިޔަސް، ކޮންމެ ޢިމާރާތަކީވެސް ގަލާއި ވެއްޔާއި ސިމެންތިޔާއި ދަގަނޑާއި ޓިނު. އެހެންވީމާ، މިފަދަ ޢިމާރާތެއް ހަދާފައި މިހިރީވެސް މިދެންނެވި ބާވަތުގެ ތަކެތިން ކަމަށްވާއިރު، މި ޢިމާރާތުގެ ބޭނުމަކީ ކޮބައިތޯ؟ އާދެ، ޝައްކެއްނެތް، އެއްވެސް އިންސާނަކު، ބުއްދިހުރި އެއްވެސް އިންސާނަކު ނުވަތަ ބުއްދިހުރި އެއްވެސް ބަޔަކު، ތަނެއް ޢިމާރާތް ކުރާނީ ހަމައެކަނި ތަނެއް ހަދާފައި، އެހެން މީހުންނަށް އެމީހާގެ މޮޅުކަން ނުވަތަ އެބައެއްގެ މޮޅުކަން ދެއްކުމުގެ ގޮތަކުންނެއް ނޫން. އޭގެ ފަހަތުގައި ކޮންމެވެސް މުހިންމު މަޤްޞަދެއް އޮވެގެން.

އާދެ، މިއަދު އަޅުގަނޑުގެ ކުރިން މިތާނގައި ވާހަކަފުޅު ދެއްކެވި ޢިއްޒަތްތެރިން، އެކިއެކި ބޭބޭފުޅުން އިޝާރާތް ކުރެއްވި ފަދައިން، މިފަދަ ތަނެއް ހެދުމުގެ މަޤްޞަދަކީ، ވަރަށް މުހިންމު އެއްޗެއް. އާދެ، އެންމެ ފުރަތަމަ އަޅުގަނޑު ދަންނަވާނީ، މިތަން ހެދުމުގެ މަޤްޞަދު އެއޮތީ މިތާނގެ ނަމުގައި އެކުލެވިފައޭ. "ބޮޑު ތަކުރުފާނުގެ ހަނދާނީ މަރްކަޒު". ޝައްކެއްނެތް، ނަން އޮތީ އެހެން ކަމަށްވަންޏާ، މި މަރްކަޒުގެ އެންމެ ބޮޑު މަޤްޞަދަކަށް ވާންޖެހޭނީ ބޮޑުތަކުރުފާނުގެ ހަނދާން އާލާކުރުން. އެ ޛިކްރާ އަޅުގަނޑުމެންގެ ހިތްތަކުގައި އަބަދަށް ދެމިއޮންނާނެ ގޮތެއްގެ މަތިން ދިރުވުން. އާދެ، އެއީ މާތްވެގެންވާ އިސްލާމްދީނުގައި ކަނޑައަޅުއްވާފައިވާ އުޞޫލެއް. "وَذَكِّرْ فَإِنَّ ٱلذِّكْرَىٰ تَنفَعُ ٱلْمُؤْمِنِينَ." ﷲ އެކަލާނގެ ރަސޫލާއާ މުޚާޠަބު ކުރައްވައި އަންގަވަނީ، "ކަލޭގެފާނު ހަނދާންކޮށްދެއްވާށޭ. ހަމަކަށަވަރުން ހަނދާންކޮށްދެއްވުމަކީ މުއުމިނުންނަށް މަންފާހުރި ކަމެކޭ."

އާދެ، އެހެންވީމާ، އަޅުގަނޑުމެން މިޢިމާރާތް ބިނާކުރުމުގެ ބޭނުމަކީ، އަޅުގަނޑުމެން ވަކިބާވަތެއްގެ ކަންތައްތަކެއް ހަނދާންކޮށްދިނުން. އެންމެ ފުރަތަމަ ދިވެހި ރައްޔިތުންނަށް ހަނދާންކޮށްދޭންޖެހޭ ކަންތައްތަކެއް ހަނދާންކޮށްދިނުން. އާދެ، އެއީ ކޮންކަމެއްތޯ ބަލާއިރު، ތާރީޚުގެ ޞަފްޙާތަކުން އެއީ ކޮން ކަންތައްތަކެއްކަން ވަރަށް ސާފުކޮށް ފެންނަން އެބަހުރި. އުތީމު މަހާރަދުން ނުވަތަ އައްސުލްޠާނުލް ޣާޒީ މުޙައްމަދު ތަކުރުފާނުލް އަޢްޡަމްގެ ތާރީޚާ ދޭތެރޭގައި އަޅުގަނޑު މިޖަލްސާގައި ކޮންމެހެން އެއްޗެއް ނުދެންނެވި ކަމުގައިވިޔަސް، އޭނާ ކުރައްވާފައިވާ ޖިހާދާއި، އޭނާ ރާއްޖެއަށް ހޯއްދަވައިދެއްވި ނަޞްރާއި ކާމިޔާބީއާއި ރީތިނަން އެއީ އަޅުގަނޑު ހިތުން އަޅުގަނޑުމެންގެ ތެރެއިން އެކަކަށްވެސް ވަންހަނާވެގެންވާ އެއްޗެއް ނޫން. އެހެންވީމާ، މިފަދަ މަރްކަޒެއް ބިނާކުރުމުގެ އެންމެ މުހިންމު ބޭނުމެއް ކަމަށް އަޅުގަނޑަށް ފެންނަނީ ބޮޑުތަކުރުފާނު އެކުރެއްވި ޖިހާދު އަޅުގަނޑުމެން ހަނދާންކުރުން. އަޅުގަނޑުމެން އެކަންޏެއް ނޫން. އެޖިހާދު އަޅުގަނޑުމެންގެ އަންނަން އޮތް ޖީލުތަކަށްވެސް ފޯރުވައިދިނުން. އަންނަން އޮތް ޖީލުތަކުގެ ދަރިން، އެ ޖިހާދުގެ މަތިން އަބަދުވެސް ހަނދާންކުރާނެ ގޮތެއްގެ މަތިން މިއަދު އަޅުގަނޑުމެން މަރްކަޒެއް ޤާއިމުކުރަން.

އާދެ، ބޮޑުތަކުރުފާނުގެ ޖިހާދު ހަނދާންކުރަންޖެހެނީ ކީއްވެގެންތޯ؟ ޝައްކެއްނެތް، އެޖިހާދު ހަނދާންކުރަންޖެހެނީ އެއީ، އެ ތަކުރުފާނަކީ ނުވަތަ އުތީމު މަހާރަދުންނަކީ ދިވެހި ޤައުމަށް އަދި މާތްވެގެންވާ އިސްލާމްދީނަށް ވަރަށް މަތިވެރި ޚިދްމަތްތަކެއް އަދާކުރައްވާފައިވާ ބޭފުޅަކަށްވާތީ. މިމަޤާމުގައި އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، އަޅުގަނޑުމެންގެ ތެރެއިން ވަރަށްގިނަ ބަޔަކު ދެކޭގޮތުގައި ނުވަތަ ވަރަށްގިނަ ބަޔަކަށް ހީވެފައި އޮންނަ ގޮތުގައި، ބޮޑުތަކުރުފާނު ޖިހާދު ކުރެއްވީ ދިވެހިރާއްޖޭގެ އިސްތިޤްލާލާއި މިނިވަންކަން ހޯއްދަވައިދެއްވުމަށްޓަކައި. ރާއްޖެ، ބޭރު ބައެއްގެ އަތްދަށުގައިވެ، ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ގެއްލިފައި ވަނިކޮށް، އެމިނިވަންކަމާއި ސިޔާދަތު ރާއްޖޭގެ ރައްޔިތުންނަށް، ދިވެހި ޤައުމަށް، ދިވެހި އުންމަތަށް އަނބުރާ ގެނެސްދެއްވުމަށް. ޝައްކެއްނެތް، އެއީ ދޮގެއް ނޫން. އެއީ ތެދެއް. އެހެން ނަމަވެސް، އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، ބޮޑުތަކުރުފާނު ޖިހާދު ކުރެއްވީ ހަމައެކަނި ދިވެހިރާއްޖޭގެ ސިޔާދަތާއި އިސްތިޤްލާލް، ދިވެހިރާއްޖޭގެ މިނިވަންކަން ސަލާމަތްކޮށްދެއްވާކަށެއް ނޫނޭ. އޭގެއިތުރުން، އޭނާގެ ޖިހާދުގައި ހިމެނިފައިވާ އެންމެބޮޑު މަޤްޞަދެއް ކަމުގައި އަޅުގަނޑަށް އިޙްސާސް ކުރެވެނީ މާތްވެގެންވާ އިސްލާމްދީން ދިފާޢު ކުރެއްވުން ކަމަށް.

އާދެ، ތާރީޚުގެ ލިޔުންތަކަށް ބަލައިލާއިރު، ރާއްޖޭގެ ރައްޔިތުން ވޭތުވެދިޔަ ތާނގައި ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ދިފާޢު ކުރުމަށްޓަކައި ނުވަތަ މިނިވަންކަމާއި ސިޔާދަތު ގެއްލިފައި ވަނިކޮށް، އެ މިނިވަންކަމާއި ސިޔާދަތު އަނބުރާ ހޯދުމަށްޓަކައި ކޮށްފައިވާ ޖިހާދަކީ، އެމީހުން ދުށްގޮތުގައި ހަމަގައިމުވެސް ހަމައެކަނި ޤައުމު މިނިވަންކުރުމުގެ ޖިހާދެއް ނޫން. ޤައުމުގެ މިނިވަންކަން ރައްކާތެރިކުރުމުގެ ޖިހާދެއް ނޫން. އެހެން މިދެންނެވީ، ތާރީޚުގެ ލިޔުންތަކުން ފެންނަން އޮންނަ ގޮތުގައި، އަބަދުވެސް މިފަދަ ޙާދިޘާތައް ހިނގައިދިޔުމުން، އެޙާދިޘާތައް އަޅުގަނޑުމެންނަށް ތަޞައްވުރުކޮށްދިނުމުގެ ގޮތުން، ތާރީޚު ލިޔުއްވި އެކިއެކި ބޭބޭކަލުން ލިޔުއްވާފައިވަނީ، އެ ހަނގުރާމަތައް އެއީ ބޭރުގެ ޢިބާރާތުން ދަންނަވަންޏާ، އިސްލާމުންނާއި ކާފަރުންނާ ދޭތެރޭގައި ހިނގާފައިވާ ހަނގުރާމަތަކެއް ކަމުގައި. އާދެ، މުސްލިމުންނާއި ޣައިރު މުސްލިމުންނާ ދޭތެރޭގައި ހިނގާފައިވާ ހަނގުރާމަތަކެއް ކަމުގައި. މިއިން އެނގޭ އެއްޗަކީ ދިވެހިން ޕޯޗްގީޒް މީހުންނާ ހަނގުރާމަ ކުރުމަށް ކުރިމަތިލީހިނދު ނުވަތަ މަލާބާރީންގެ މީހުންނާ ހަނގުރާމަ ކުރުމަށް ކުރިމަތިލީހިނދު، އެމީހުން އެއިން އެއްވެސްފަހަރަކު، އެ ހަނގުރާމަ ކުރަނީ ހަމައެކަނި ދިވެހިރާއްޖެ ނުވަތަ ދިވެހިރާއްޖޭގެ މިނިވަންކަން ސަލާމަތް ކުރުމުގެ މަޤްޞަދުގައި ނޫންކަން. އެމީހުން އެ ހަނގުރާމަ ކުރީ އެންމެ ފުރަތަމަ، އެމީހުންގެ ހިތުގައި އޮތް މަތިވެރި އިސްލާމީ ޢަޤީދާ ރައްކާތެރިކުރުމަށްޓަކައިކަން. އާދެ، އެންމެ ފުރަތަމަ ބޭނުމަކީ ދީނުގެ ޢަޤީދާ ރައްކާތެރިކުރުން. މާތްވެގެންވާ އިސްލާމްދީން މި ބިމުން ފޮހެވިގެން ހިނގައިދާނެތީ، އެކަން އެހެންވިޔަ ނުދިނުމަށްޓަކައި އަޅުގަނޑުމެންގެ ކާބަފައިން އަދި ކާބަފައިންގެ ތެރެއިން އެ ޖިހާދު ކުރެއްވި އެކިއެކި މަތިވެރި އަބްޠާލުން، އެ ޖިހާދު ކުރެއްވީ މި ދެންނެވި މާތް މަޤްޞަދަށްޓަކައި.

އެހެންވީމާ، މިއަދު އަޅުގަނޑުމެން ބޮޑުތަކުރުފާނުގެ ހަނދާނީ މަރްކަޒު ހުޅުވާއިރު، ހަނދާންކުރަންވީ ބޮޑުތަކުރުފާނު ޖިހާދު ކުރެއްވީ ހަމައެކަނި ރާއްޖޭގެ އިސްތިޤްލާލާއި މިނިވަންކަން ހޯއްދަވައިދެއްވުމަށްޓަކައެއް ނޫންކަން. ހަމަ އެހިނދު ނުވަތަ އޭގެކުރިން އޭނާ އެ ޖިހާދު ކުރެއްވީ އިސްލާމީ ޢަޤީދާ ރައްކާތެރިކުރައްވައި، އިސްލާމީ ޢަޤީދާ ދިފާޢު ކުރެއްވުމަށްޓަކައި ކަން. އާދެ، މި ނުކުތާއާ ބެހޭގޮތުން އަދި މިއަދުގެ ވާހަކައިގެ ތެރޭގައި ފަހުން އަޅުގަނޑު ކޮންމެވެސް އެއްޗެއް ދަންނަވާލަން ޤަޞްދުކުރަން. އެހެން ނަމަވެސް، އެހިސާބަށް ދިޔުމުގެ ކުރިން، އަޅުގަނޑުވެސް ޝުކުރުގެ ދެތިން ބަހެއް ދަންނަވަންޖެހޭނެ ކަމަށް ދެކެން.

އާދެ، މި ތަން ހެދުމުގެ ޚިޔާލު އައީ، 1979 ވަނަ އަހަރުގެ ތެރޭގައި އަޅުގަނޑު ތިލަދުންމައްޗަށް ކުރި ދަތުރެއްގައި. އެ ދަތުރުގައި އުތީމަށް އައި ދުވަހެއް. އޭގެފަހުން، 1980 ވަނަ އަހަރުގެ ޤައުމީ ދުވަހު، އާދެ، ދެންމެ ރައްޔިތުންގެ މަޖިލީހުގެ ރައީސް އެ ވިދާޅުވިފަދައިން، އެދުވަހަކީ އަޅުގަނޑުވެސް ހަނދާންވާގޮތުގައި، 1980 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ 19 ވަނަ ދުވަސް. އެދުވަހު މި މަރްކަޒުގެ ބިންގާއެޅުނީ. އެހެން ނަމަވެސް، މި މަރްކަޒު މިހާ ފުރިހަމަގޮތެއްގައި ޢިމާރާތް ކުރައްވައި، ހުރިހާ މަސައްކަތްތަކެއް ހިންގެވި ފަރާތްތަކަށް އަޅުގަނޑު ހިތުން އަޅުގަނޑުމެންގެ ތެރެއިން ހަމަ ކޮންމެ މީހަކުވެސް ޝުކުރު އަދާކުރުން ވާޖިބު. އޭގެތެރެއިން ދެތިން ފަރާތެއް އަޅުގަނޑު ދަންނަވާލާނަން.

އާދެ، މި ދެތިން ފަރާތުގެ ތެރޭގައި، ފަހަރެއްގައި މީގެކުރިން އެ ބޭފުޅެއްގެ ނަންފުޅު، މި ހަނދާނީ މަރްކަޒާ ގުޅުވައިގެން، މީގެކުރިން ބޭފުޅަކު ވިދާޅުވެފައި ނުވުންވެސް އެކަށީގެންވޭ. އާދެ، އެންމެ ފުރަތަމަ އަޅުގަނޑު ދަންނަވާލާހިތް އޮތް ނަމަކީ، އަޅުގަނޑުމެންގެ ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ރައީސްގެ ނަންފުޅު. އާދެ، އޮނަރަބްލް އަލްއުސްތާޛު އިބްރާހީމް ޝިހާބުގެ ނަންފުޅު. އާދެ، އެ ނަންފުޅު އަޅުގަނޑު މިތާނގައި މި ދެންނެވީ، މި ޖަލްސާގައި އެ މަނިކުފާނު ވަޑައިގެން އިންނެވީމަކާ ނޫން. އެހެން މި ދެންނެވީ، މިމަރްކަޒު ހެދުމުގެ ޚިޔާލު އައި ދުވަސްވަރު އަދި އެކަމުގެ ތެރޭގައި ވަރަށް ޢަމަލީގޮތުން އުޅުއްވި ބޭފުޅަކީ އެމަނިކުފާނު ކަމުގައިވީތީ. އޭރު އެމަނިކުފާނު ހުންނެވީ، ދިވެހި ތާރީޚާއި ޘަޤާފަތަށް ޚިދްމަތްކުރާ ޤައުމީ މަޖިލީހުގެ ރައީސްގެ މަޤާމުގައި. އެ މަޤާމުގައި ހުންނަވައިގެން، މިފަދަ ކަންތައްތައް ކުރުމަށް އަޅުގަނޑަށްވެސް ބޭނުންވާ ލަފަޔާއި އިރުޝާދާއި މަޝްވަރާ އެމަނިކުފާނު ދެއްވައި ހެއްދެވި. އަދި މަޖިލީހުގެ ހުރިހާ މެމްބަރުންވެސް، މިދެންނެވި މޭރުމުން އަޅުގަނޑަށް ލަފަޔާއި މަޝްވަރާ ދެއްވި. އެހެންވީމާ، އޭރު މި ދެންނެވި މަޖިލީހުގެ ރައީސްގެ މަޤާމުގައި ހުންނެވީ އަލްއުސްތާޛު އިބްރާހީމް ޝިހާބް ކަމަށްވާތީ، އެ މަނިކުފާނަށާއި އަދި އޭރު އެ މަޖިލީހުގެ މެމްބަރުންގެ ގޮތުގައި ތިއްބެވި ހުރިހާ ބޭފުޅުންނަށް މިއަދު ޝުކުރު އަދާކުރުމަކީ، އަޅުގަނޑު ހިތުން އަޅުގަނޑު ކޮންމެހެން ކުރަންޖެހޭނެ ކަމެއް.

އާދެ، ދެން މިނިސްޓަރ އޮފް އެޑިޔުކޭޝަން އަލްއުސްތާޛު މުޙަންމަދު ޒާހިރު ޙުސައިން. މާދިގު ވާހަކައެއް އަޅުގަނޑު ނުދެންނެވި ކަމުގައިވިޔަސް، މި ހަނދާނީ މަރްކަޒުގެ ކަންތައްތައް، އެއްދުވަހުން އަނެއް ދުވަހަށް ކުރިއަށް ގެންދަވައި، މިހާ ފުރިހަމަގޮތެއްގައި ނިމޭ ހިސާބަށް ގެންދެވުމުގައި އޭނާ ކުރެއްވި މަސައްކަތްޕުޅު، ތިޔަ ހުރިހާ ބޭފުޅުންނަށް އޮންނާނީ ފެނިވަޑައިގެންފައި. އެހެންވީމާ، އެކަމާ ދޭތެރޭގައި މާ އިތުރު ވާހަކަތަކެއް ނުދައްކައި، އެމަނިކުފާނަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.

އާދެ، ޢަމަލީގޮތުން މިކަންތައްތައް ހިންގަވައި، މި މަރްކަޒުގެ މަޝްރޫޢު ކުރިއަށް ގެންދެވުމުގައި ވަރަށް މުހިންމު ބައެއް އަދާކުރެއްވި އަނެއް ބޭފުޅެއް ކަމަށް އަޅުގަނޑު ދެކެނީ، މިހާރު އުފެދިފައިވާ ޤައުމީ މަރްކަޒުގެ ޑިރެކްޓަރުގެ މަޤާމުގައި ހުންނެވި އަލްއުސްތާޛު މުޙައްމަދު އިބްރާހީމް ލުޠުފީ. ޝައްކެއްނެތް، މުޙައްމަދު ލުޠުފީ މިކަމުގައި ވަރަށްބޮޑު ބައެއް އަދާކުރެއްވި. ވަރަށްގިނަފަހަރު މަތިން އުތީމަށް ވަޑައިގެން، މަރްކަޒު ޢިމާރާތް ކުރުމުގެ ކަންތައްތައް ހިނގާނުހިނގާ ގޮތް ބައްލަވައި، ލަފާދެއްވައި ހެއްދެވި. އެހެންވީމާ، އޭނާ މިމަރްކަޒު ބިނާކުރުމުގައި އަޅުގަނޑަށް އަދި ދިވެހި ސަރުކާރަށް ވެދެއްވާފައިވާ އެހީއަށްޓަކައި އޭނާއަށްވެސް ހިތުގެ އެންމެ ފުންމިނުން ޝުކުރު ދަންނަވަން.

އާދެ، ދެންވެސް އަޅުގަނޑު ދަންނަވާލާހިތްއޮތީ، މިޖަލްސާގައި ހަމަގައިމުވެސް އަދި އަޅުގަނޑު ނާހާ ނަންފުޅެއް. އެއީ، އަޅުގަނޑުމެން މިހާރު އެތަނެއް ހުޅުވުމުގެ އުފާ މި ޙާޞިލްކުރާ ބޮޑުތަކުރުފާނުގެ ހަނދާނީ މަރްކަޒުގެ ޚިޔާލު އެބޭފުޅަކާ ހަމަޔަށް ދިޔުމުން، ސަރުކާރުން ޤަޞްދުކުރާގޮތް އެބޭފުޅަކަށް ދެންނެވުމުން، މިތަނުގެ ނަމޫނާ ކުރައްސަވައި، ހުރިހާ ތަފްޞީލީ ކުރެހުންތަކެއް ތައްޔާރުކުރެއްވި ބޭފުޅެއްގެ ނަންފުޅު. އާދެ، އެބޭފުޅަކީ އޮފީސް ފޮރ ފިޒިކަލް ޕްލޭނިންގ އެންޑް ޑިޒައިންގެ އޭރުގެ ވެރިޔަކަށް ހުންނެވި އަލްފާޟިލް ރިފްޢަތު ޢަފީފް. އާދެ، މިއަދުގެ މިޖަލްސާގައި އޭނާ ބައިވެރިވެވަޑައިނުގެން ކަމުގައިވިޔަސް، މި މުނާސަބަތުގައި އޭނާއަށް ޙައްޤުވެގެންވާ ޝުކުރު އަދާކުރުމަކީ، އަޅުގަނޑުގެ ވާޖިބެއް ކަމުގައި ދެކެން.

އާދެ، މީގެއިތުރުން، މިމަރްކަޒު ބިނާކުރުމުގައި، އޭގެ އެކިއެކި ބައިބައިގައި އެކި ފެންވަރަށް އެކި ބޭފުޅުން އުޅުއްވި. އެންމެ ޚާއްޞަ ގޮތެއްގައި، މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ބޭފުޅުން. ހަމައެޔާއެކު، މިއަތޮޅުގެ އަތޮޅުވެރިން އަލްފާޟިލް އާދަމް ޢަބްދުއްރަޙްމާން، އުތީމުގެ ވެރިން، އުތީމުގެ ރައްޔިތުން. އެހެންވީމާ، މިހުރިހާ ފަރާތްތަކަށްވެސް އަޅުގަނޑުގެ އަމިއްލަ ނަމުގަޔާއި އަދި ސަރުކާރުގެ ނަމުގައި މިއަދު ޝުކުރު އަދާކުރަންޖެހޭ.

އާދެ، މިއަދު ދެން އަޅުގަނޑު ދަންނަވާލަން ބޭނުންވާ ވާހަކައަކީ، ބޮޑުތަކުރުފާނު އެކުރެއްވި މަތިވެރި ޖިހާދު. އެ ޖިހާދުގެ ހަނދާން އާލާކުރުމުގެ ގޮތުން އަޅުގަނޑުމެން މިފަދަ ތަނެއް ބިނާކުރާއިރު، "ޖިހާދު" އެ ލަފްޒާ ދޭތެރޭގައި ކުޑަކޮށް ވިސްނާލުމަކީ ބޭނުންކަމެއް ކަމުގައި އަޅުގަނޑަށް ފެންނާތީ އެވާހަކަ ދަންނަވާލަން. ޝައްކެއްނެތް، ޖިހާދަކީ މާތްވެގެންވާ އިސްލާމްދީނުގައި ކަނޑައެޅިފައިވާ މަތިވެރި އުޞޫލެއް. ޖިހާދޭ ބުނުމުން، ގިނަ މީހުންގެ ހިތަށް ވަދެގެންދާނީ ހަނގުރާމައިގެ މައިދާނުގައި ޖިހާދުކުރުން. ޤުރްބާންވުން. ތިމާމެންގެ ނަފްސުތަކާއި މުދަލުން ހަނގުރާމައިގެ މައިދާނުގައި ޤުރްބާންވުން. އެއްވެސް ޝައްކެއްނެތް، ހަނގުރާމައިގެ މައިދާނުގައި ޖިހާދުކުރުމަކީ ވަރަށް މަތިވެރި އަޅުކަމެއް. އެކަން އޮތީ اللهُ سُبْحَانَهُ وَتَعَالَى އަޅުގަނޑުމެންނަށް އަންގަވައި އަމުރުކުރައްވާފައި. ﷲ ވަޙީކުރައްވަނީ، "إِنَّ ٱللَّهَ ٱشْتَرَىٰ مِنَ ٱلْمُؤْمِنِينَ أَنفُسَهُمْ وَأَمْوَٰلَهُم بِأَنَّ لَهُمُ ٱلْجَنَّةَ ۚ يُقَـٰتِلُونَ فِى سَبِيلِ ٱللَّهِ فَيَقْتُلُونَ وَيُقْتَلُونَ ۖ وَعْدًا عَلَيْهِ حَقًّۭا فِى ٱلتَّوْرَىٰةِ وَٱلْإِنجِيلِ وَٱلْقُرْءَانِ ۚ وَمَنْ أَوْفَىٰ بِعَهْدِهِۦ مِنَ ٱللَّهِ ۚ فَٱسْتَبْشِرُوا۟ بِبَيْعِكُمُ ٱلَّذِى بَايَعْتُم بِهِۦ ۚ وَذَٰلِكَ هُوَ ٱلْفَوْزُ ٱلْعَظِيمُ." ﷲ ވަޙީކުރައްވަނީ، "ހަމަކަށަވަރުން اللهُ سُبْحَانَهُ وَتَعَالَى މުއުމިނުންގެ އަތުން އެބައިމީހުންގެ ނަފްސުތަކާއި މުދާތައް ބައްލަވައިގެންފިއޭ. މުއުމިނުންގެ އަތުން އެމީހުންގެ ނަފްސުތަކާއި މުދާތައް ﷲ ބައްލަވައިގެންފައި ދެއްވި އަގަކީ ހަމަކަށަވަރުން އެބައިމީހުންނަށް ސުވަރުގެވާކަން މިންވަރުކުރެއްވުމޭ." ދެން ޖިހާދުކުރާ މީހުން އެކުރާ މަސައްކަތާ ބެހޭގޮތުން ﷲ ވަޙީކުރައްވަނީ، "އެބައިމީހުން ﷲގެ މަގުގައި ހަނގުރާމަކޮށް އުޅެތޭ. އޭގެތެރެއިން ބައެއް މީހުން މުޝްރިކުންގެ މީހުން މަރާ ހަދައޭ. އަނެއްބައި މީހުން މުޝްރިކުންގެ މީހުންގެ އަތުން މަރުވެދެއޭ." މިދެންނެވި ގޮތުގެ މަތިން، ދީނުގެ މަގުގައި ޖިހާދުކުރާ މީހުން، އެމީހުންގެ ތެރެއިން މަރުވެގެންދާ މީހުންނާއި، މަރުނުވެ ދުނިޔޭގައި ތިބޭ މީހުންނަށް އޮތް ހެޔޮކަމާއި ދަރުމަޔާއި ޘަވާބު، އެކަންތައްތައް ވަނީ ތައުރާތާއި އިންޖީލާއި ޤުރްއާނުގައި ﷲގެ ޙައްޤު ވަޢުދުގެ ބަސްފުޅެއްގެ ގޮތުގައި ބަޔާންކުރައްވާފައޭ. މިފަދަ ބަސްފުޅެއް ބާވައިލައްވާފައިވާހިނދު، ﷲ އަށްވުރެ އެމީހެއްގެ ބަހަށް، އެފަރާތެއްގެ ބަހަށް ވަފާތެރިކަން ބޮޑު ފަރާތަކީ ކޮބައިހޭ؟ ޝައްކެއްނެތް، އެފަދަ އެހެން ފަރާތެއް ނޯންނާނެ. އެހެންވީމާ، ތިޔަބައިމީހުން އުފާކުރާށޭ. ތިޔަބައިމީހުންނޭ އެ ވަޙީކުރައްވަނީ، ﷲގެ މަގުގައި ހަނގުރާމަކުރާ މީހުންނަށް. ﷲގެ މަގުގައި ހަނގުރާމަކުރާ މީހުން އުފާކުރާށޭ އެއީ ތިޔަބައިމީހުން ތިޔަކުރި ވިޔަފާރިއަކީ ވަރަށް ފައިދާ ބޮޑު ވިޔަފާރިއެކޭ.

އާދެ، މުޖާހިދުން ކުރާ ވިޔަފާރިއަކީ، އެމީހުންގެ ނަފްސުތައް ﷲ އަށް ވިއްކާލަނީ. އެމީހުންގެ މުދާތައް ﷲ އަށް ވިއްކާލަނީ. އެ ވިއްކާލުމުގެ ނަތީޖާއެއްގެ ގޮތުން، އެމީހުންނަށް ލިބޭ މުޤާބިލަކީ ސުވަރުގޭގެ މަތިވެރި ނިޢުމަތް. ﷲގެ ރުއްސުންލެއްވުން. ﷲގެ ރަޙްމަތް. އެހެންވީމާ، ތިޔަބައިމީހުން ތިޔަކުރި ވިޔަފާރިއަށްޓަކައި ތިޔަބައިމީހުން އުފާކުރާށޭ. ހަމަކަށަވަރުން އެއީއޭ އެންމެބޮޑުވެގެންވާ ކާމިޔާބީއަކީ. އާދެ، ވަރަށް ފުރިހަމަ ބަލާޣަތްތެރި ބަސްފުޅުތަކަކުން اللهُ سُبْحَانَهُ وَتَعَالَى ދީނުގެ މަގުގައި ޖިހާދު ކުރުމުގެ އުޞޫލު އޮތްގޮތް، އަޅުގަނޑުމެންނަށް މި ދެންނެވި އާޔަތުގައި އަންގަވައިދެއްވާފައިވޭ.

އާދެ، ޖިހާދު ކުރުމަކީ މި ދެންނެވި ގޮތުގެ މަތިން އެންމެ ފުރަތަމަ އަޅުގަނޑުމެންގެ ހިތަށް ވަންނަ ގޮތުގައި ދީނުގެ މަގުގައި ހަނގުރާމައިގެ ހަތިޔާރުތައް ހިފައިގެން ދުޝްމަނުންގެ ބަޔަކާ ދިމާކޮށް، އެބައިމީހުންނާ ހަނގުރާމަ ކުރުން ކަމުގައިވިނަމަވެސް، ޖިހާދަކީ ހަމައެކަނި އެއީ ނޫންކަން އަޅުގަނޑުމެންނަށް ދީނުގެ ދަލީލުތަކުން، ހެކިތަކުން އެނގޭ. އާދެ، ކޮންމެވެސް ޣަޒުވާއަކަށްފަހު، މާތް رَسُوْلاَ عَلَيْهِ ٱلصَّلَاةُ وَٱلسَّلَامُ އެނބުރި މަދީނާއަށް ވަޑައިގަތުމަށްފަހު ޙަދީޘް ކުރެއްވި "ތިމަންކަލޭގެފާނާ ތިމަންކަލޭގެފާނާ އެކުގައިވާ މީހުން، ތިމަންމެން އެންމެން ކުޑަ ޖިހާދުކޮށް ނިމުމަށްފަހު، ބޮޑު ޖިހާދަށްޓަކައި އެނބުރި މިއައީއޭ." އެހެން އެކަލޭގެފާނު ޙަދީޘް ކުރެއްވުމުން، އަޞްޙާބު ބޭކަލުން ދެންނެވީ ކޮބައިތޯއޭ؟ ތިޔަ ވިދާޅުވާ ބޮޑު ޖިހާދަކީ. އެއީ، އެބޭފުޅުންވެސް ހިސާބަކަށް ވިސްނާވަޑައިގަންނަވަން ޖެހިވަޑައިގެންނެވި. މާތްﷲގެ މަގުގައި ހަނގުރާމަ ކުރައްވައި، އަދި މާތްﷲގެ މަގުގައި ހަނގުރާމަ ކުރެއްވުމުގެ ނަތީޖާއެއްގެ ގޮތުން ބައެއް ބޭބޭކަލުން ޝަހީދުވެވަޑައިގެން، މިކަންކަން މިހެން ހިނގާފައި ވުމަށްވުރެ ވަކިބޮޑު ޖިހާދެއް އޮންނާނެ ކަމަކަށް، ކުއްލިއަކަށް އެބޭފުޅުންގެ ހިތްޕުޅަކަށްވެސް ނުވަން. އެހެންވީމާ، ސުވާލު ކުރެއްވީ، މިއަށްވުރެ ބޮޑު ޖިހާދަކީ ފަހެ ކޮބައިތޯއޭ. އެކަލޭގެފާނު ޙަދީޘް ކުރެއްވީ، "އެއީ ޖިހާދުއްނަފްސޭ." ނަފްސުގެ ޖިހާދޭ. އާދެ، ނަފްސުގެ ޖިހާދަކީ ތިމާގެ ނަފްސުގައި ހުންނަ އެކިއެކި ނޭދެވޭ އެދުންތައް މަތަކޮށް، އޭގެ މައްޗަށް އީމާންކަމާއި ތަޤްވާވެރިކަމުގެ ބާރު ގަދަކުރުން. ކޮންމެ އިންސާނަކީވެސް، އެމީހެއްގެ ނަފްސުގައި، އެމީހެއްގެ މިޒާޖުގައި، ހެޔޮކަމުގެ ފަރާތަށް ލެނބޭގޮތާއި، ނުބައިކަމުގެ ފަރާތަށް ލެނބޭގޮތް ހުންނާނެ މީހެއް. އެއީ اللهُ سُبْحَانَهُ وَتَعَالَى އިންސާނުން އުފައްދަވާފައިވާ ޠަބީޢަތު، ފިޠްރަތު. އެއަކަށް ބަދަލެއް ނުގެނެވޭނެ. އެހެންވީމާ، ކޮންމެ އިންސާނަކުވެސް ތިމާގެ ނަފްސުގައިވާ ނުބައިކަމުގެ ފަރާތަށް ގޮވާލާ ގޮވާލުންތައް ނުވަތަ ނުބައި ކަންތައް ކުރުމަށް ތިމާގެ ވިސްނުމާއި ހިތުގައި ބާރުއަޅައިދޭ ގޮތްތައް ނެތިކޮށް، ހެޔޮކަމުގެ ފަރާތަށް ތިމާގެ ނަފްސު ލެންބުމަށްޓަކައި ކުރާ މަސައްކަތް އެއީވެސް ޖިހާދެއް. ހަމައެކަނި ޖިހާދެއް ނޫން. އެއީ އެންމެބޮޑު ޖިހާދަކީ.

އެހެންވީމާ، މިފަދަ ދުވަހެއްގައި ޖިހާދުގެ ހަނދާން އަޅުގަނޑުމެން އާކުރާއިރު، ޝައްކެއްނެތްގޮތުގައި، އެންމެބޮޑަށް އަޅުގަނޑުމެން މިވަގުތު ވިސްނަންޖެހޭނީ ނަފްސުގެ ޖިހާދާ ދޭތެރޭގައި. އެހެން މިދެންނެވީ މިވަގުތު اللهُ سُبْحَانَهُ وَتَعَالَىގެ ހެޔޮ ރަޙްމަތްފުޅުން އަޅުގަނޑުމެންގެ ރާއްޖެ، ބޭރުގެ ދުޝްމަނަކާ ކުރިމަތިލާކަށް ޖެހިފައެއް ނެތް. އަޅުގަނޑުމެން ހަނގުރާމައިގެ ހަތިޔާރު އަޅައިގެން މިއަދު އެހެން ބަޔަކާ ހަނގުރާމަ ކުރަން، ހަނގުރާމައިގެ މައިދާނަށް ނުކުންނަން ޖެހިފައެއް ނެތް. އެކަން އޮތީ އެހެން ކަމުގައިވިޔަސް، އަޅުގަނޑުމެން ކުރަންޖެހޭ ޖިހާދެއް އެބައޮތް. އެއީ، އަޅުގަނޑުމެންގެ ނަފްސުގެ ޖިހާދު. ކޮންމެ އިންސާނަކުވެސް އެމީހެއްގެ ނަފްސުގެ ތެރޭގައިވާ އެކިއެކި ޝުޢޫރުތަކަށް ވިސްނާފައި، އެޝުޢޫރުތައް އެއީ ނުބައިކަމުގެ ފަރާތަށް ތިމާ ގެންދަން މަސައްކަތްކުރާ ޝުޢޫރުތަކެއް ކަމުގައިވަނީނަމަ، އެ ޝުޢޫރުތައް މަތަކޮށް ހުއްޓުވައި ހެދުން އެއީ ނަފްސުގެ ޖިހާދަކީ. އާދެ، އެ ޖިހާދު އަޅުގަނޑުމެން ދުވަހެއްގައިވެސް ހަނދާންނެތިކޮށްލައިގެން ނުވާނެ.

އާދެ، ތަންކޮޅެއް ފުޅާ ދާއިރާއަކަށް ވިސްނައިފިއްޔާ، ޖިހާދަކީ މިދެންނެވި އުޞޫލުގެ މަތިން ހަނގުރާމައިގެ މައިދާނުގައި ކުރާ މަސައްކަތާއި އަދި ތިމާގެ ނަފްސުގެ ތެރޭގައި ހިމެނޭ ނުބައިކަމުގެ ފަރާތަށް ތިމާ ގެންދަން މަސައްކަތްކުރާ ޝުޢޫރުތައް ނެތިކުރަން ކުރާ މަސައްކަތާއި، މިދެކަންތަކުގެ އިތުރަށް، އެހެން ކަންތައްތައްވެސް އޭގެތެރޭގައި ހިމެނޭ ކަމެއްކަން އަޅުގަނޑުމެންނަށް އެނގޭ.

އާދެ، ޖިހާދު ނެގިފައިވަނީ ޢަރަބިބަހުގެ ލަފްޒަކުން. އޭގެ މާނައަކީ ގަދައަޅައި މަސައްކަތް ކުރުން. ޖިހާދު ކުރުމަކީ، ގަދައަޅައި މަސައްކަތް ކުރުން. ގަދައަޅައި މަސައްކަތް ކުރަނީ، ކޮންމެ ކަމެއް ޙާޞިލްކުރަން ކަމުގައިވިޔަސް، އެއީ ލަފްޒީ ގޮތުން ބަލަންޏާ، އޭގެ ބަހުގެ މާނައަށް ވިސްނާ ކަމަށްވަންޏާ، އެއީ ޖިހާދު ކުރުމެއް. މާތްވެގެންވާ އިސްލާމްދީނުގައި، އަޅުގަނޑުމެން ގަދައަޅައި މަސައްކަތް ކުރަންވީ ތަފާތު ދާއިރާތަކެއް ކަނޑައަޅުއްވާފައި އެބައޮތް. އޭގެތެރެއިން އެއް ދާއިރާއެއް، ދީނުގެ މަގުގައި ޖިހާދުކުރުން. ހަނގުރާމަ ކުރުން. އަނެއް ދާއިރާއެއް، ނަފްސުގެ ޖިހާދު. އަދި ތިންވަނަ ދާއިރާއެއް، ތިމާގެ ނަފްސަށާއި ޢާއިލާއަށާއި މުޖްތަމަޢަށް ފައިދާހުރި ގޮތެއްގެ މަތިން ޚިދްމަތް ކުރަމުންދިޔުން.

އެހެންވީމާ، ތިމާ އަދާކުރާ ކޮންމެ ޚިދުމަތަކީ އެއީ، ޤައުމަށް ނުވަތަ ޖަމާޢަތަށް ނުވަތަ ތިމާގެ ޢާއިލާއަށް ނަމަވެސް، އޭގެ މަންފާ ލިބެނިވި ޚިދްމަތެއް ކަމުގައިވަންޏާ، އެޚިދްމަތް އަދާކުރުމަށްޓަކައި ތިމާ އެކުރާ ހޭދައާއި، ތިމާ އެކަމުގައި ކުރާ މަސައްކަތް އެއީވެސް ޝައްކެއްނެތްގޮތުގައި، އިސްލާމީ އުޞޫލުން ބަލާއިރު ޖިހާދެއް. އެހެންވީމާ، ޙަޔާތުގެ މައިދާނުގައި އަޅުގަނޑުމެން ކުރަން ޖެހިފައިވާ ޖިހާދު އެއީވެސް އޭގެ ސަބަބުން އަޅުގަނޑުމެންގެ ޤައުމަށާއި މުޖްތަމަޢަށް އަދި އަޅުގަނޑުމެންގެ އަމިއްލަ ނަފްސުތަކަށް މަތިވެރި ފައިދާތަކެއް ލިބޭނެ ކަމެއް ކަމުގައިވާތީ، އެޖިހާދަށް ކުރިމަތިލުން އެއީވެސް އަޅުގަނޑުމެން މިއަދު ހަނދާންކުރަންޖެހޭނެ ކަމެއް.

ތިމާ ކުރާ ކޮންމެ މަސައްކަތެއްގައި އިޚްލާޞްތެރިކަމާއެކު ގަދައަޅައި މަސައްކަތް ކުރުން އެއީ ޖިހާދެއް. އެމަސައްކަތަކީ ވިޔަފާރި ކަމުގައިވިޔަސް. އާދެ، ވިޔަފާރި ޖިހާދަކަށްވާނީ، ވިޔަފާރި ކުރަން އޮންނަ އުޞޫލުން ކުރީމާ. އޭގައި މަކަރާއި ޙީލަތް އެކުލެވިގެންނުވާ ގޮތެއްގެ މަތިން، މީސްތަކުންގެ ނިކަމެތި ކަމުގެ ބޭނުންކޮށްގެން، ތިމާ މުއްސަނދިވުމުގެ ބޭނުމުގައި ނޫން ގޮތެއްގައި ކުރާ ވިޔަފާރިއަކަށްވާނަމަ، އެކަށީގެންނުވާ ބޮޑު ފައިދާ ޙާޞިލްކުރަން ކުރާ ވިޔަފާރިއަކަށް ނުވާނަމަ، ރައްޔިތުންގެ ޢާންމު ބޭނުންތަކަށް ވިސްނައިގެން، މީހުންނަށް ލުއިފަސޭހަވާ ގޮތުގެ މަތިން ކުރާ ވިޔަފާރިއަކަށްވާނަމަ، އެ ވިޔަފާރި އެއީވެސް ޖިހާދެއް. ކިޔަވާކުދިން ތަޢުލީމު ޙާޞިލް ކުރުމަށް ކުރާ މަސައްކަތް އެއީވެސް ޖިހާދެއް. ދަނޑުވެރިން، އެމީހުންގެ ދަނޑުތަކުގައި ގޮވާން އިންދާ، ނުވަތަ ގަސް އިންދާ، އެއިން ތިމާއަށް ނުވަތަ ތިމާގެ ޢާއިލާއަށް، ތިމާގެ މުޖްތަމަޢަށް ރިޒްޤެއް ހޯދައިދިނުމުގެ ގޮތުން ކުރާ މަސައްކަތް އެއީވެސް ޖިހާދެއް. މިހެންގޮސް ދިރިއުޅުމުގެ މައިދާނުގައި ތިމާ ކުރާ ކޮންމެ މަސައްކަތަކީ، އެއީ ޝަރްޢުގައި ހުއްދަ ކަމެއް ކަމުގައިވަނީނަމަ، ޝައްކެއްނެތްގޮތުގައި، އެ ވާނީ ޖިހާދަކަށް. އެހެންވީމާ، މިފަދަ ދުވަހެއްގައި ޖިހާދުގެ މައްޗަށް ވިސްނާއިރު، އަޅުގަނޑު ހިތުން މާތްވެގެންވާ އިސްލާމްދީނުގައި ޖިހާދު ކަނޑައަޅުއްވާފައިވާ އުޞޫލުތައް، އޭގެ ދާއިރާތައް، މިހާ ފުޅާ އަދި ތަނަވަސްކޮށް އޮތް ހިނދު، އެ ހުރިހާ ކަމަކާ ދޭތެރޭގައި ވިސްނާ، އެގޮތަށް އަޅުގަނޑުމެން ޢަމަލުކުރަންޖެހޭނެކަން ކަށަވަރު.

އާދެ، މިއަދު އަޅުގަނޑުގެ ވާހަކަ ނިންމާލާހިތްއޮތީ އަދިވެސް އެއް ނުކުތާއަކާ ބެހޭގޮތުން އެއްޗެއް ދަންނަވާލާފައި. އެ ނުކުތާއަކީ ޤައުމިއްޔަތާ ބެހޭގޮތުން އަޅުގަނޑު ދަންނަވާލަން ބޭނުންވާ ވާހަކައެއް ނުވަތަ ނުކުތާއެއް. އާދެ، އަޅުގަނޑުމެންގެ މިއަދަކީ ދިވެހިވަންތަކަމުގެ ޝުޢޫރުތަކެއް އަޅުގަނޑުމެންގެ ހިތުގައި އާލާވެގެންދާ ދުވަހެއް. ދިވެހި ޤައުމިއްޔަތުގެ ޝުޢޫރުތަކެއް ހިތުގައި އާލާވެގެންދާ ދުވަހެއް. އެހެންވީމާ، އަޅުގަނޑު ތިޔަބޭފުޅުންގެ ކުރިފުޅުމައްޗަށް ހުށަހަޅަން ބޭނުންވާ ސުވާލަކީ، ދިވެހި ޤައުމިއްޔަތު އެއީ ކޮން އެއްޗެއްތޯއޭ؟ އެއީ ޙަޤީޤަތުގައިވެސް އޮތް އެއްޗެއްތޯއޭ؟ ބޭނުންތެރި އެއްޗެއްތޯއޭ؟ ނުވަތަ އެއީ އެއްވެސް މާނައެއް ނެތް ލަފްޡެއްތޯއޭ؟ އާދެ، އަޅުގަނޑު ހިތުން ހުރިހާ ބޭފުޅުންވެސް އެއްބަސްވެވަޑައިގަންނަވާނެ، ޤައުމިއްޔަތޭ ބުނެވޭ ލަފްޡު އެއީ، މާނައެއް ނެތް އެއްޗެއް ނޫން. އޭގައި ވަރަށްފުން މާނަތަކެއް އެކުލެވިގެންވާ ލަފްޡެއް އެއީ. ޤައުމިއްޔަތު ތަޢާރުފްކޮށްދިނުމުގައި، ދުނިޔޭގެ ވަރަށްގިނަ ޢިލްމުވެރިން، ފޮތް ލިޔުއްވާ ބޭކަލުން ޚިޔާލުފާޅުކުރައްވާފައިވާ މައުޟޫޢެއް އެއީ. ހަމައެކަނި މިޒަމާނުގައެއް ނޫން. މީގެކުރިންވެސް އެކިއެކި ބަސްބަހުން ލިޔެފައި ހުރި ފޮތްތަކުގައި އެބަހުރި، ޤައުމިއްޔަތަކީ ކޮން އެއްޗެއްކަން ބަޔާންކޮށްދީފައި. ކޮންމެ މައްސަލައަކާ ދޭތެރޭގައިވެސް އެންމެން އެއްބަހެއްނުވާނެ. ތަފާތު ޚިޔާލު ހުންނާނެ. އެގޮތުގެ މަތިން، ޤައުމިއްޔަތާ ދޭތެރޭގައި ލިޔުއްވާފައިވާ ލިޔުންތަކަށް ބަލައިލާއިރުވެސް، އެތަފާތު އޭގައި ފެންނަން އެބަހުރި.

އާދެ، މިދެންނެވި ތަފާތުތަކެއް ހުރި ކަމުގައިވިޔަސް، ހުރިހާ އެންމެންވެސް އެއްބަސްވާ މައިގަނޑު އުޞޫލުތަކެއް އެބަހުރި. އެހެންވީމާ، އަޅުގަނޑުމެން ވިސްނާލަމާ ހިންގަވާ، އެ މައިގަނޑު އުޞޫލުތަކަކީ ކޮބައިތޯ؟ އާދެ، އެންމެ ފުރަތަމަ އަޞްލަކީ އެބައެއްގެ ޢަޤީދާ. ކޮންމެ ބައެއްގެވެސް، އެބައެއްގެ ޤައުމިއްޔަތުގެ އެންމެ މުހިންމު ރުކުނެއް ކަމުގައި ދެކެނީ އެބައެއްގެ ޢަޤީދާ. އެބައިމީހުންގެ ހިތްތަކުގައިވާ އުޞޫލުތައް. އެއީ، ތިމާ ޢަމަލުކުރާނީ، ތިމާގެ ހިތުގައި ކަނޑައެޅިފައި ނުވަތަ އަށަގެންފައިވާ އުޞޫލެއްގެ މަތިން ކަމުގައިވަންޏާ، އެ އުޞޫލު އެއީ، ޝައްކެއްނެތްގޮތުގައި ވަރަށް މުހިންމު އެއްޗެއް. ބަޔަކުމީހުން އެކަތިގަނޑަކަށް ހަދަނީ ބަޔަކު މީހުންގެ މެދުގައި، އެބަޔަކީ އެއް ޖަމާޢަތެއްގެ އަހުލުވެރިންކަން އެމީހުންނަށް އަންގައިދޭ ނުވަތަ އެމީހުންނަށް އެކަން ވިސްނައިދޭ އެންމެބޮޑު އަޞްލަކީ މިދެންނެވި އެބައެއްގެ ޢަޤީދާ. ދިވެހިރާއްޖޭގެ ނިސްބަތުގައި އެއީ މާތްވެގެންވާ އިސްލާމްދީން. ޝައްކެއްނެތްގޮތުގައި، އިސްލާމްދީން އެއީ ދިވެހި ޤައުމިއްޔަތުގެ އެންމެ މުހިންމު ރުކުން ކަމުގައި ނުބަލައި، ދިވެހި ޤައުމިއްޔަތު އެއީ އޮތް އެއްޗެއް ނޫން. ބޭނުން އެއްޗެއްވެސް ނޫން. މީގެކުރިން އަޅުގަނޑުމެންގެ ތާރީޚަށް، ކުރިން ވޭތުވެދިޔަ ތާރީޚަށް ވިސްނާލައިފިނަމަ، އަޅުގަނޑު މިދެންނެވި ނުކުތާ ވަރަށް ސާފުކޮށް ފިލަން އެބައޮތް. ކުރިން އަޅުގަނޑު ދެންނެވި ފަދައިން، އަޅުގަނޑުމެންގެ މުއައްރިޚުން ލިޔުއްވާފައިވާ ގޮތުގައި، ވޭތުވެދިޔަ ތާނގައި ޕޯޗްގީޒުންނާ އަޅުގަނޑުމެން ހަނގުރާމަކުރީ ދިވެހިންގެ ނަމުގައެއް ނޫން. އިސްލާމުންގެ ނަމުގައި. މަލާބާރީންގެ މީހުންނާ ހަނގުރާމަކުރީވެސް ދިވެހިންގެ ނަމުގައެއް ނޫން. އިސްލާމުންގެ ނަމުގައި.

އެހެންވީމާ، އެމީހުންގެ ޒަމާނުއްސުރެ ދިވެހިންގެ ހިތްތަކުގައި ޤައުމިއްޔަތުގެ އެންމެ މުހިންމު އެއްބަޔަކީ މާތްވެގެންވާ އިސްލާމްދީންކަން ޝައްކެއްނެތްގޮތުގައި، އަޅުގަނޑުމެންނަށް ސާފުކޮށް އެނގޭ. އާދެ، ދީން އެއީ ޤައުމިއްޔަތުގެ އެންމެ ފުރަތަމަ ބައި. ޤައުމިއްޔަތުގެ ދެވަނަ ރުކުނަކީ ނުވަތަ ދެވަނަ މުހިންމު ބަޔަކީ އެބައެއްގެ މާދަރީ ބަސް. އެބަޔަކު ވާހަކަ ދައްކަން ގެންގުޅޭ ބަސް. އަޅުގަނޑުމެންގެ ދިވެހިންގެ ނިސްބަތުގައި އެބަހަކީ ދިވެހިބަސް. އަޅުގަނޑުމެން ދިވެހި ޤައުމިއްޔަތު ކުރިއަރުވަން ނުވަތަ ދިރުވަން ނުވަތަ ރައްކާތެރިކުރަން މަސައްކަތްކުރާއިރު، ދިވެހިބަސް ކުރިއަރުވަން، ދިވެހިބަސް ރައްކާތެރިކުރަން މަސައްކަތް ނުކުރެވޭ ކަމުގައިވަންޏާ، އެކުރެވެނީ ބޭކާރު މަސައްކަތެއް. ދިވެހިބަސް ނެތިއެއް ދިވެހި ޤައުމިއްޔަތެއް ނޯންނާނެ. އެހެންވީމާ، އަޅުގަނޑުމެން ދިވެހި ޤައުމިއްޔަތާ ދޭތެރޭގައި ޚިޔާލުކުރާއިރު، ނުވަތަ އަޅުގަނޑުމެންގެ ޒުވާނުންނާއި މަދަރުސާ ކުދިންނަށް ޤައުމިއްޔަތަކީ ކޮން އެއްޗެއްކަން އުނގަންނައިދޭއިރު، އެމީހުންނަށް އެ ދަސްކޮށްދޭއިރު، މި ނުކުތާއަށް އަޅުގަނޑުމެން ސަމާލުވާންޖެހޭނެ، ޤައުމިއްޔަތުގެ ވަރަށްބޮޑު ބައެއްކަން އަޅުގަނޑުމެންގެ މާދަރީ ބަހަކީ. އަޅުގަނޑުމެންގެ ދިވެހިބަހަކީ.

އާދެ، ބައެއް ބޭފުޅުން ޚިޔާލުފުޅުކުރައްވާ، ދިވެހިބަހަކީ މުއްސަނދިކަމުގެ ގޮތުން މާކުރިއަރާފައިވާ ބަހެއް ނޫނޭ. ބައެއް ބޭފުޅުން ވިދާޅުވޭ، މިޒަމާނަށް ބޭނުންވާ ވާހަކަތައް ދިވެހިބަހަކުން ނުބުނެވެއޭ. ދިވެހިބަހުން އެއްޗެއް ބުނަން ބޭނުންވެއްޖިއްޔާ، ކޮންމެވެސް ބޭރުބަހެއް ބޭނުންކުރަންޖެހެއޭ. އެހެންވީމާ، އެމީހުން ދެކޭގޮތުގައި، ދިވެހިބަހަކީ މި ޒަމާނާ ގުޅޭ ނުވަތަ މިޒަމާނަށް އެކަށީގެންވާ ނުވަތަ ރާއްޖެ މިހާރު ތަރައްޤީވަމުންދާ ދިޔުމުގައި، އޭގެ ބޭނުންހިފޭނެ ބަހެއް ނޫން. ޝައްކެއްނެތް، އެއީ ވަރަށްބޮޑު ވަހުމެއް. އެއްވެސް ޙަޤީޤަތެއް އޮތް ވާހަކައެއް ނޫން. އެއީ، ދުނިޔޭގައިވާ ކޮންމެ ބަހަކާ ދޭތެރޭގައި އަޅުގަނޑުމެން ވިސްނިކަމުގައިވިޔަސް، އަޅުގަނޑުމެންނަށް އެނގޭނެ، ދުނިޔޭގައިވާ އެއްވެސް ބަހަކީ އެބަހެއްގެ އަމިއްލަ ޒާތުގައި އިންސާނުންގެ ހުރިހާ ބޭނުންތަކަށް ފުދޭ ބަހެއް ނޫންކަން. އަޅުގަނޑުމެންގެ ކުރިމަތީގައި އެންމެ އަޑުއަރާފައި އޮންނަ ބަހަކީ އިނގިރޭސިބަސް. އެހެންވާނެ އެއީ، އަޅުގަނޑުމެންގެ ތެރޭގައި ގިނަ މީހުން ދިވެހިބަސް ފިޔަވައި، ދެން ދަންނަ ބަހަކީ އިނގިރޭސިބަސް.

އެހެންވީމާ، އިނގިރޭސިބަސް އެއީ ވަރަށްމޮޅު ބަހެއް ކަމަށް އަޅުގަނޑުމެންނަށް ގަބޫލުކުރެވޭނެ. އެހެން ނަމަވެސް، އިނގިރޭސި ބަހުގައިވެސް މިހާރު ބޭނުންކުރާ ލަފްޡުތަކުގެ ތެރެއިން ވަރަށްގިނަ ބައެއް އެއީ ބޭރު ބަސްބަހުން އިނގިރޭސިބަހަށް ގެނެސްފައިވާ ލަފްޡުތަކެއް. ޢަރަބިބަހުން އިނގިރޭސިބަހަށް އައިސްފައިވާ ބަސްތައް ވަރަށްގިނަ. ޖަރުމަނު ބަހުން އައިސްފައިވާ ބަސްތައްވެސް ގިނަ. ފަރަންސޭސި ބަހުން އައިސްފައިވާ ބަސްތައްވެސް ގިނަ. އަޅުގަނޑު ދަންނަވާނީ އެހެންގޮސް ދުނިޔޭގައިވާ ހަމަ ކޮންމެ ބަހަކުންވެސް އިނގިރޭސި ބަހުގައި ބަސްތަކެއް ނުހިމެނޭ ބަހެއް ހަމަ ނެތޭ. އޭގެ ހެތްކެއް ކަމުގައި އަޅުގަނޑު ދަންނަވަންޖެހެނީ މިއަދު ދިވެހިބަހުގެ މިސާލު. އެއީ، އިނގިރޭސި ބަހުގައި އޮންނަ އެއްބަހެއް. އަޅުގަނޑުމެންގެ ތެރެއިން ހަމަ ރާއްޖޭގެ އެންމެ އާދައިގެ ރައްޔިތުންވެސް ދެކޭނެ ބަހެއް އެއީ. ވަރަށްގިނަ ތަންތާނގައި ލިޔެވިފައި ހުއްޓާ ފެންނާނެ "އެޓޮލްސް" "ATOLL" އިނގިރޭސިބަހުން އެކިޔާ "އެޓޮލް" އެއީ އަޅުގަނޑުމެން ދިވެހިބަހުން މިކިޔާ "އަތޮޅު". އަތޮޅު އިނގިރޭސިކޮށްފައި، އެމީހުންގެ އަޑަށް ފައްތާފައި "އެޓޮލް" އެކިޔަނީ. އިނގިރޭސި ބަސް ފޮތްތަކުގައިވެސް ހަމަ އެކަން އޮންނަނީ އެގޮތަށް ފާހަގަކޮށްފައި.

އެހެންވީމާ، އަޅުގަނޑުމެންގެ މި ނިކަމެތި ފަޤީރު، ދިވެހިބަހުން އެހާ މުއްސަނދި، ތަރައްޤީވެފައިވާ ބަހަކަށް ލަފްޡެއް ގެންދަންޖެހުނުކަން އަޅުގަނޑު ހިތުން އެއީ، އަޅުގަނޑު މިދަންނަވާ ބަހުގެ ފުރިހަމަ ހެތްކެއް. އިނގިރޭސިބަސް އެކަންޏެއްނޫން. ޢަރަބި ބަހުގައިވެސް އެބަހުރި، ބޭރު ބަސްބަހުން ވަރަށްގިނަ ބަސްތައް ގެނެސްގެން މިހާރު ބޭނުންކުރަމުންގެންދާ ބަސްބަސް. އިނގިރޭސިބަހުގެ ބަސްތައްވެސް އެބަހުރި. ފަރަންސޭސިބަހުގެ ބަސްތައްވެސް އެބަހުރި. ދިވެހިބަހުގެ ބަހެއް އޮތް ކަމެއް އަޅުގަނޑަށް އަދި އެނގިފައެއް ނެތް. ފަހަރެއްގައި ތަންކޮޅެއް ބޮޑަށް ހޯދާ ބަލާ މީހަކަށް ނުފެންނާނެ ކަމެއް ނޭނގެ.

އާދެ، ކޮންމެއަކަސް އަޅުގަނޑު ދަންނަވަން މިއުޅޭ ވާހަކައަކީ، އެއްވެސް އެއްބަހަކީ ފުރިހަމަ ބަހެކޭ ބުނެވޭކަށް ނެތޭ. ކޮންމެ ބަހެއްވެސް، އެހެން ބަސްބަހުން ދަރަންޏަށް ބަސް ނަގާފައި އެބަހުއްޓޭ. އިނގިރޭސިބަހުން ކިޔާގޮތް މި ދެންނެވީ "ލޯން ވާރޑްސް" ނުވަތަ ދަރަންޏަށް ގެންގޮސްފައި ހުންނަ ބަސްތައް. އަޅުގަނޑުމެންގެ ބަހުގައި ނެތް އެއްޗެއް، އެހެން ބަހަކުން ބުނެވޭގޮތަށް ބުނަން ބޭނުންވެއްޖިއްޔާ، އެ ގެންނަ ބަސް އެއީ އަޅުގަނޑުމެން އޭގެ ބޭނުންހިފާލަން ގެންނަ ބަހެއް. ކޮންމެއަކަސް، އެ ބަހެއް އަޅުގަނޑުމެންގެ ބަހަށް އައުމަށްފަހުގައި، އެ އޮންނަނީ ދިވެހިބަހަކަށް ވެފައި. އަޅުގަނޑުމެން ދިވެހިބަހުގެ ޖުމްލައެއްގެ ތެރެއަށް ޢަރަބި ބަހެއް ލީކަމުގައިވިޔަސް، ނުވަތަ އިނގިރޭސި ބަހެއް ލީކަމުގައިވިޔަސް، ފަރަންސޭސި ބަހެއް ލީކަމުގައިވިޔަސް، ދިވެހި ޖުމްލައެއްގައި ބޭނުންކޮށްފި ހިނދެއްގައި، އެ ވާނީ ދިވެހި ބަހަކަށް. ޚާއްޞަކޮށް، އަޅުގަނޑުމެންގެ އަޑުތަކަށް އެ ބަސް ފެތިއްޖެ ކަމަށްވަންޏާ،
އެ ނުވާނެ ބޭރުބަހަކަށް. އާދެ، އޭގެ މިސާލުތައް ބައިވަރު. އަޅުގަނޑު ކޮންމެހެން ދަންނަވާކަށެއް ނުޖެހޭނެ. ބޭރު ބަސްބަހުން އަޅުގަނޑުމެންގެ ބަހަށް ގެނެސްފައި ހުންނަ ބަސްތައް އަޅުގަނޑުމެންގެ ދިވެހިން، ދިވެހިން ވާހަކަ ދައްކާ މަޚްރަޖަށް ބަދަލުކޮށްލާފައި، ދިވެހިން ގެންގުޅޭ އަޑުތަކަށް ފެތޭގޮތަށް، އެ ބަސް ބަދަލުކޮށްލާފައި، އަޅުގަނޑުމެން ބޭނުންކުރަން ފެށުމުން، ޝައްކެއްނެތްގޮތުގައި އެއީ، ހަމަ އެކަކަށްވެސް އޭގެފަހަކުން ނުބުނެވޭނެ، ދިވެހިބަހެއް ނޫނެކޭ. އެއީ ކަނޑައެޅިގެން ދިވެހިބަހެއް. އަދި އޭގެއިތުރުން، މިއަދު އަޅުގަނޑު މިދަންނަވަނީ، އެބަހެއްގެ އަޑުތަކަށް ބަދަލުނުގެނެސް ނަމަވެސް، ހަމަ އެ އެއޮތްގޮތަށް ބޭރު ބަހެއްގައި އެ ބޭނުންކުރާގޮތަކަށް އަޅުގަނޑުމެން ބޭނުންކުރާ ބަސްވެސް، ދިވެހި ޖުމްލައެއްގެ ތެރެއަށްލައިފިއްޔާ، އެ ވާނީ ދިވެހިބަހަކަށޭ.

އެހެންވީމާ، ދިވެހިބަހަކީ މުއްސަނދި ނޫން ބަހެކޭ ބުނެވޭކަށެއް ނެތް. ކުރިއެރުމަށް ހުރަސްއަޅާ ނުވަތަ ކުރިއެރުވޭނެ ގޮތެއް ނެތް ބަހެކޭ ބުނެވޭކަށެއް ނެތް. އަޅުގަނޑުގެ ވާހަކައަކީ، އަޅުގަނޑުމެން މިއީ ދިވެހިން ކަމަށްވަންޏާ، ރަސްމީ ލިޔުންތަކުގައިވެސް އަދި އަމިއްލައަށް ދައްކާ ވާހަކަތަކުގައިވެސް އަދި އެނޫން ބޭނުންތަކުގައިވެސް ވާހަކަދައްކަންވާނީ ދިވެހިބަހުންނޭ.

އާދެ، އަޅުގަނޑުމެން ބޭރުގެ ފަރާތްތަކާ ގުޅިގެން ކުރާ ކަންތައްތަކުގައި ބޭރުގެ ބަސްބަސް ބޭނުންކުރަން މަޖުބޫރުވެފައިވޭ. އެއީ ހަމަ ކުރަންޖެހޭނެވެސް ކަމެއް. އަދި ތަޢުލީމް ޙާޞިލްކުރުމުގެ ދާއިރާގައި، ޚާއްޞަ ގޮތެއްގައި، އަޅުގަނޑުމެންގެ ދިވެހިބަހުގައި އެކިއެކި ސައިންސްތަކާބެހޭ ފޮތްތައް ލިޔެވިފައި ނެތުމާއެކު، ބޭރު ބަސްބަހުން އަޅުގަނޑުމެންގެ ކުދިންނަށް އެބައި ޙާޞިލްކޮށްދިނުން އެއީ، އަޅުގަނޑުމެން ކުރަން ޖެހިފައިވާ ކަމެއް. އެކަން އެގޮތަށް ކުރަންވެސްޖެހޭނެ. އެހެން ނަމަވެސް، އަޅުގަނޑުމެންގެ އަޞްލު ބަހަކަށް އަބަދުވެސް ބަލަންޖެހޭނީ ދިވެހިބަސް. އާދެ، އެއްވެސް ހާލެއްގައި ދިވެހިބަހުގައި ކަންތައް ހުންނަ ގޮތަކުން، ދިވެހިބަހުގެ ޤަވާޢިދު އޮންނަ ގޮތަކުން، އޭގައި އަޅުގަނޑުމެން ހިތްހަމަނުޖެހޭ ކަމެއް އޮވެގެން ނަމަވެސް، ދިވެހިބަސް ދޫކޮށްލައިގެންވާކަށް ނޯންނާނެ. ކޮންމެ ސަބަބަކާ ހުރެ ނަމަވެސް، ދިވެހިބަސް ދޫކޮށްލައިފީވިއްޔާ ޝައްކެއްނެތްގޮތުގައި، އަޅުގަނޑުމެންގެ ޤައުމިއްޔަތުގެ ވަރަށްބޮޑު ބައެއް އަޅުގަނޑުމެންގެ އަމިއްލަ އަތުން އެ މުގުރާލެވެނީ. އަޅުގަނޑުގެ ވާހަކައަކީ އެހެންވީމާ، މާތްވެގެންވާ އިސްލާމްދީން އެއީ ދިވެހި ޤައުމިއްޔަތުގެ އެންމެ ފުރަތަމަ ރުކުން ކަމުގައިވާހިނދު، ދިވެހި ޤައުމިއްޔަތުގެ ދެވަނަ ރުކުނަކީ، ދިވެހިބަސް ކަމުގައި އަޅުގަނޑުމެން ޤަބޫލުކުރަންޖެހޭނެއޭ.

އާދެ، މިއަދުގެ ވާހަކަ ތަންކޮޅެއް ދިގުވެސްވެއްޖެކަންނޭނގެ. އެހެންވީމާ، އަޅުގަނޑު މިހިސާބުން ދެން ކުރުކޮށްލަން ޤަޞްދުކުރަނީ. މުޅިން ނިންމާލުމުގެ ކުރިން، އަޅުގަނޑުމެންގެ ޚިޔާލަށް، އަޅުގަނޑުމެންގެ ޢިއްޒަތްތެރި ރައްޔިތުންގެ މަޖިލީހުގެ ރައީސް ދެންމެ ދޫކޮށްލެއްވި ސުވާލަކާ ދޭތެރޭގައި އެއްޗެއް ދަންނަވާލާހިތްވެސްވޭ. އާދެ، އެ މަނިކުފާނު އެ ވިދާޅުވީ، ތާރީޚަށް ބައްލަވާއިރު، ދިވެހި ތާރީޚުގައި އެކި ދުވަސްވަރު ރާއްޖެއަށް ރީތިނަން ނުވަތަ ނަޞްރާއި ކާމިޔާބީ ހޯއްދަވައިދެއްވާފައިވާ ކަމަށް ފެނިވަޑައިގަންނަވަނީ، މެދުމިން ދިވެހިންގެ ފަރާތުންނޭ. ރާއްޖެތެރެއިން އަންނަ މީހުންގެ ފަރާތުންނޭ. އަދި އެނޫން ގޮތްގޮތުންވެސް މެދުމިން ޢާއިލާތަކުގެ މީހުންނޭ. ދިވެހިރާއްޖެއަށް ހުތުރު ނަމެއް ނުވަތަ ބަދުނަޞީބެއް ކުރިމަތިވެއްޖެ ކޮންމެ ހިނދެއްގައި، އޭގެ ސިއްރު ބައްލަވާއިރު ފެނިވަޑައިގަންނަވަނީ އެއީ، ޝާހީ ޢާއިލާތަކުގެ ފަރާތުން ކަމަށޭ. ނުވަތަ ވަރަށްމަތީ މަޤާމްތަކުގައި ތިއްބަވާ ބޭފުޅުންގެ ފަރާތުން ކަމަށޭ، އެފަދަ ހުތުރު ނަމާއި ބަދުނަޞީބު ރާއްޖެއާ އަބަދުވެސް ކުރިމަތިވެފައިވަނީ.

އާދެ، ޝައްކެއްނެތް، އެމަނިކުފާނު އަޅުގަނޑުމެންގެ ތެރެއަށް އެ ސުވާލު ދޫކޮށްލެއްވިއިރު، އޭގެ ފުރިހަމަ ޖަވާބު އެމަނިކުފާނަށް އެނގިވަޑައިގަންނަވާނެ. އެހެން ނަމަވެސް، އަޅުގަނޑުމެންގެ ވިސްނުންތައް ކުޑަކޮށް ޙަރަކާތްތެރިކޮށްލުމަށްޓަކައި އެސުވާލު ދޫކޮށްލެއްވީ. އެހެން ވިދާޅުވުމުން، އަޅުގަނޑު އެތާނގައި އިނދެފައި، އަޅުގަނޑު ހިތަށް ކުއްލިއަކަށް ވަން ޚިޔާލެއް ދަންނަވާލަން މިކުރިމަތިލަނީ. އެއީ ކުއްލިއަކަށް ހިތަށްވަނީ، ޤުރްއާނުގައި ﷲ ވަޙީކުރައްވާފައިވެއޭ، "إِنَّ ٱلْمُلُوكَ إِذَا دَخَلُوا۟ قَرْيَةً......" (النّمل ٣٤) އެއާޔަތް ނިމެންދެން ނުދެންނެވި ކަމުގައިވިޔަސް، ޢިއްޒަތްތެރި ރައްޔިތުންގެ މަޖިލީހުގެ ރައީސަށް އެނގިވަޑައިގަންނަވާނެ. އަދި އަޅުގަނޑު ހިތުން ޢަރަބި ތަޢުލީމުގެ ބޭފުޅުންނަށާއި، ދީނީ ތަޢުލީމު ޙާޞިލް ކުރައްވައިގެން ތިއްބެވި ހުރިހާ ބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ. އެ އާޔަތުގައި ﷲ އެ ވަޙީކުރައްވަނީ "ހަމަކަށަވަރުން ރަސްރަސްކަލުން ރަށަކަށް ވަދެއްޖެނަމަ، އެބަހީ އެމީހުންގެ ބާރު އެކިއެކި ރަށްތަކަށް ފޯރުވައިފިނަމަ، އެބައިމީހުން އެތަންތަން ފަސާދަކޮށް ހަލާކުކޮށް ހަދައޭ. އަދި އެތަންތާނގެ ޢިއްޒަތްތެރިން އެއީ ނިކަމެތިން ކަމުގައި ހަދައޭ." އާދެ، ވަރަށްބޮޑު މާނައެއް އެކުލެވިގެންވާ އާޔަތެއް. ޝައްކެއްނެތް، ޤުރްއާނުގެ ކޮންމެ އާޔަތަކީވެސް އޭގައި ވަރަށްބޮޑު މާނައެއް އެކުލެވިގެންވާނެ އާޔަތެއް. އަޅުގަނޑު މިދެންނެވީ، އަޅުގަނޑު މިދަންނަވާ ނުކުތާއާ ބެހޭގޮތުން މީގައި ވަރަށްފުން މާނައެއް އެކުލެވިގެންވެއޭ. އެއީ، ޝާހީ ރަސްކަން ބިނާވެފައި އޮންނަގޮތުން، ޝައްކެއްނެތްގޮތުގައި ފެނޭ، ޒަމާނުއްސުރެ އިންސާނުންގެ މެދުގައި އެކިއެކި ޤައުމުތަކުގައި ޝާހީ ރަސްކަން އައިސްފައިވާ ގޮތަށް ބަލާއިރު، އެކަން އައިސްފައިވަނީ ވިރާސީ ކަމެއްގެ ގޮތުގައި، ވާރުތަވާ ކަމެއްގެ ގޮތުގައި، ޝާހީ ރަސްކަން އައިސްފައި އޮންނަނީ.

އެހެންވީމާ، ޤައުމުގެ އެންމެމަތީ ވެރިޔަކަށް ހުންނާނީ އެކަމަށް އެންމެ އެކަށީގެންވާ ކަމަށް ރައްޔިތުން ދެކޭ މީހެއް ނޫން. އެކަމުގެ ޤާބިލިއްޔަތާއި ކުޅަދާނަކަން ލިބިފައިވާ ކަމަށް ރައްޔިތުން ޤަބޫލުކުރާ މީހެއް ނޫން. އެމަޤާމުގައި ހުންނާނީ، ކުރިންހުރި ރަސްގެފާނުގެ ދަރިކަލުން. ނުވަތަ ވާރުތައިގެ އުޞޫލުން އެމަޤާމު ލިބެންވެފައިވާ މީހަކު. އެހެންވީމާ، އެމީހެއްގެ ހިތުގައި ރައްޔިތުންނާ ދޭތެރޭގައި މާބޮޑު އަޅާލުމެއް، ކުލުނެއް އޮންނާނެ ކަމަކަށްނުވޭ. ނުވެސް އޮންނާނެ. ޝާހީގޮތަށް ވާރުތަވެގެން އަންނަ ރަސްކަމުގައި ރަސްކަން ކުރައްވާ ބޭފުޅުންނަކީ، އެއްވެސް ޙާލެއްގައި ޤައުމުގެ މަޞްލަޙަތަށް ލޯބިކުރައްވާ ނުވަތަ ޤައުމުގެ ރައްޔިތުންގެ ފައިދާއަށް ކަންތައް ކުރައްވާ ބޭފުޅުން ކަމުގައި ވެފައެއް ނުހުރޭ، ވަރަށް މަދުން ނޫނީ. ޢާންމު އުޞޫލު، ކީރިތި ޤުރްއާނުގައި އަންގަވާފައި އެވަނީ. އެފަދަ މީހުން ދެކެނީ ރަސްކަން އެއީވެސް އިލާހީގޮތުން އެމީހުންނަށް ލިބިފައި އޮތް ކަމެއް ކަމަށް. އިލާހީ ޙައްޤެއް ކަމުގައި އެމީހުން ދެކެނީ. ރަސްކަމާ އިދިކޮޅު ހަދާ މީހަކީ ﷲ އިރާދަކުރެއްވި ގޮތާ އިދިކޮޅުހަދާ މީހެއް ކަމަށް ބަލައި، ދުނިޔޭގެ ބައެއް ޤައުމުތަކުގައި އެފަދަ މީހުންނަށް ވަރަށް މަތިވެރި އަދަބު، މަތިވެރިއޭ މި ދެންނެވީ، އަދަބު ނިހާޔަތަށް ގޮސްފައިވާ އަދަބު ދީފައިވޭ. ތާރީޚު ދައްކާގޮތުން މީހުން މަރައި ޖަލަށްލައި، އަތްފައި ބުރިކޮށް ނުވަތަ އެނޫންވެސް ވަރަށް ނުބައި އަދަބުތައް، އެފަދަ މީހުންނަށް ދީފައި އެބަހުރި، އެއީ، އެމީހުން ދެކޭގޮތުގައި، އެ ރަސްރަސްކަލުން ދެކޭގޮތުގައި، އެމީހުންގެ އިލާހީ ޙައްޤަކަށްވާތީ. އެހެނެއްނޫން، އިސްލާމީ ވެރިކަން. އިސްލާމީ ވެރިކަމަކީ، ރައްޔިތުން ރުހޭ މީހަކު އިންތިޚާބުކުރާ ގޮތަށް އޮންނަ ވެރިކަމެއް. ރައްޔިތުންގެ ޚިޔާލުގައި، އެމީހަކީ ކަމަށް އެކަށީގެންވާ ޤާބިލް މީހެއް ކަމުގައި ދެކޭ މީހަކު، އިސްލާމީ އުޞޫލުން ރައްޔިތުންގެ ވެރިޔަކަށް ހުންނާނީ. ހުންނަންވާނީވެސް. މިއާ ޚިލާފަށް ޝާހީ ވެރިކަމުގެ ކަންތައް އޮންނަނީ.

އާދެ، މިއަދުގެ ވާހަކަކޮޅު ނިންމާލާނީ، ބޮޑުތަކުރުފާނުގެ ހަނދާނީ މަރްކަޒު ޢިމާރާތްކޮށް، އެތަން ހުޅުވުމުގެ ތައުފީޤު ދެއްވި ކަމަށްޓަކައި اللهُ سُبْحَانَهُ وَتَعَالَى އަށް ޙަމްދާއި ޝުކުރު ދަންނަވަމުން. އަދި މިއަދު މި ހެދުނު މަރްކަޒުގެ ސަބަބުން، މިއަތޮޅުގެ ރައްޔިތުންނަށާއި، އުތީމުގެ ރައްޔިތުންނަށާއި، ދިވެހިރާއްޖޭގެ ރައްޔިތުންނަށް ފައިދާތަކެއް ޙާޞިލްވާނެ ކަމަށް އުންމީދު ކުރަމުން.

ދެންމެ މިނިސްޓަރ އޮފް އެޑިޔުކޭޝަންގެ ވާހަކަފުޅުގައި އެ ބަޔާންކުރެއްވި ފަދައިން، މިޢިމާރާތުގައި ކުރެވެންޖެހޭނެ ނުވަތަ ކުރުން އެކަށީގެންވާ ވަރަށްގިނަ ކަންތައްތަކެއް އެބަހުރި. އެކަންތައްތައް ފުރިހަމަގޮތުގައި ކުރެވިއްޖެ ކަމުގައިވަނީނަމަ، ޝައްކެއްނެތްގޮތުގައި، އުތީމުގެ ރައްޔިތުންނަށް އަދި މިއަތޮޅުގެ ރައްޔިތުންނަށް އަދި ރާއްޖޭގެ ރައްޔިތުންނަށް ޢާންމުކޮށް ވަރަށްގިނަ ފައިދާތަކެއް ޙާޞިލްވާނެ. އެހުރިހާ ކަމެއް އެގޮތުގެ މަތިން ރާވައި އިންތިޒާމުކޮށް ކުރުމުގެ ހެޔޮ ތައުފީޤު اللهُ سُبْحَانَهُ وَتَعَالَى އަޅުގަނޑުމެންނަށް ދެއްވުން އެދެން.

އަދިވެސް ނިންމާލެވެން އަންނަނީ، އެއް ވާހަކައެއް ދަންނާވާލާފައި. އެއީ، މިމަރްކަޒު މިހާ ފުރިހަމަގޮތެއްގައި ބިނާކުރެވިފައިވާއިރު، މީގެތެރޭގައި ވަރަށް މުހިންމު ބައިތަކެއް އެބަ ހިމެނޭ. އާދެ، އެއީ އަޅުގަނޑުމެން މިޖަލްސާކުރާ ހޯލާއި އަދި ކުތުބުޚާނާއަކާއި ކްލާސްބަރިއެއްވެސް އެބަހުރި. މަދުވަނީ ހަމައެކަނި އެންމެ ތަނެއް ކަމަށް އަޅުގަނޑު ވިސްނާލާއިރު ހިތަށް ފެނުނީ.

އެހެންވީމާ، އަޅުގަނޑު ހިތަށް ވަންނަނީ، މިމަރްކަޒު ފުރިހަމަވާނީ، މިމަރްކަޒުގައި އެކަށީގެންވާ މިސްކިތެއްވެސް ހުރެގެންނޭ. އާދެ، ދުނިޔޭގެ އެހެން ތަންތާނގައި ކުރާ ޖަލްސާތަކުގައި ހަދާ ގޮތުގެ މަތިން، ރިޔާސަތުން ކަމެއް ހުށަހެޅީމާ، އަޑުއައްސަވަން ތިއްބަވާ ބޭފުޅުން އަތްތިލަބަޑި ޖައްސަވައިފިއްޔާ، އެއީ ޤަރާރަކަށް ވެގެންދާ ފަދައިން، އަޅުގަނޑު ދެކެނީ، މި ހަނދާނީ މަރްކަޒުގައި މިސްކިތެއް ހުރުން އެއީ، މިއަދު މިތަނަށް ޙާޟިރުވެވަޑައިގެން ތިއްބެވި ހުރިހާ ބޭފުޅުން ނިންމެވި ޤަރާރެއް ކަމަށް. އެހެންވީމާ، އިރާދަކުރެއްވިއްޔާ އެގޮތުގެ މަތިން ސަރުކާރުން ޢަމަލުކުރާނެ ވާހަކަ ދަންނަވަން.

والسّــلام عليكم ورحمـة اللّـه.